ކިޔާން ނިދުމާއިއެކު ޔޫހާ ޒައުލް އާއިއެކު އެރީ ގޭގެ ޓެރެސްއަށެވެ. ރޭގަނޑުގެ ކެއުމާއި ދެމެދު ވަގުތުކޮޅެއް އޮތުމާއިއެކުއެވެ. އުޑުގައި ވިދަމުންދިޔަ ތަރިތައް އެއްދިމާލަކަށް މާގިނަވެފައިވާހެން މަތި ބަލާލި ޔޫހާއަށް ހީވިއެވެ. އެހެންނަމަވެސް އެއީ ޓެރެސްގައި ދިއްލާފައި ހުރި ބޮކީގެ އަލީގެ ސަބަބުން އޭނައަށް ފެންނަ ގޮތްކަން އޭނަގެ ސިކުނޑި ވިސްނާދިނެވެ. ހިތްފަސޭހަ މާހައުލެކެވެ. ދެމީހުން އެކަނިވެލުމަށްޓަކައި އެތަން ވަރަށް ކަމުދެއެވެ. ޔޫހާ މަޑުމަޑުން ޓެރެސްގައި ހުރި އަރާމު ސޯފާގޮނޑިތަކުން ގޮނޑިއެއްގައި އިށީނެވެ.
"އަހަރުމެން ދެން މިހެންތަ އުޅެން ޖެހޭނީ؟" ޔޫހާ އޭނަ އިށީނދެގެން އިން ސޯފާގެ މަޑުކަމާއިއެކު މަހުމާ ކަވަރުގައި އަތް ހާކާލަމުން ދުރުގައި ޓެރެސްގެ ރެއިލިންގައި އަތްއަޅުވާލައިގެން ހުރި ޒައުލްއަށް ބުނެލިއެވެ.
"ކީއްވެ ތިހެން ތިބުނީ؟" ޒައުލްއަށް ޔޫހާ ބުނި އެއްޗެއްގެ މާނަ ނޭނގުމާއިއެކު އޭނަ އާއި ދިމާލަށް އެނބުރިލަމުން ބުނެލި އެވެ.
"މާމަ އަހަރެން ފެނުނަސް މޫނު އަނބުރާލަނީ، އެވަރުން ވާހަކަ ދައްކާނީ ކިހިނެއް، ޒައުލްގެ ކޮއްކޮވެސް ހުންނަނީ ފާޑަކަށް، ދެން ބައްޕަ، ބަސް މަދު ކަމުން އަހަންނަށް ގިނަ ފަހަރަށް ބުނާނެ އެއްޗެއް ނޭނގޭ، ޒައުލް ފިޔަވާ މިގޭގަ އަހަންނާ ކިޔާންއަށް ހަތަރުކަޅި ހަމަކޮއްލި މީހަކީ ޒައުލްގެ ދޮންތަގެ ދެމަފިރިން، މިހުރިހާ ކަމަކާހެދި ކިޔާންވެސް އެހުންނަނީ ފާޑަކަށް، މިރޭ ފެންވަރުވަން އުޅުނުއިރުވެސް އަހަނީ މަންމި ކީއްވެހޯ ޑެޑީ ގޮވައިގެން ކޮއްކޮމެންގެ ގެއަށް ނުދިޔައީ، ޑެޑީގެ ގެ ވަރަށް ބޮޑޯ އެކަމަކު ކޮއްކޮ އުޅޭ ހިތްވަނީ ކޮއްކޮގެ ގޭގަޔޯ... މިގޭގަ އެއްވެސް ކުއްޖަކު ކޮއްކޮއާ ވާހަކައެއް ނުދައްކަޔޯ، ޒައުލް، ކިޔާންއަކީ ވަރަށް ފަސޭހައިން މީހުންނާ ރައްޓެހިވާ ކުއްޖެއް، އޭނައަށް މިގޭގަ މިހިނގާ ހުރިހާ ކަމެއް ނުވިސްނޭނެ ދޯ، އަހަރެން ވަރަށް ކަންބޮޑުވޭ ކިޔާން އާއިމެދު، މިހާރު ޒައުލްއަށްވެސް ފެނިފަ ހުންނާނީ އޭނަ އުޅޭގޮތް، އެއްތާކު މަޑުން ހުރުމަކީ އޭނައަށް އުނދަގޫ ކަމެއް، ގިނައިރު އޭނަކީ ޓީވީ ބަލާ ކުއްޖެއް، ކުރިންވެސް އޭނަ ގޭގަ އުޅެންޏާ އޭނަގެ އަތުގައި ރިމޯޓް ނޯންނަ އިރެއް ނުދާނެ، މުޅި ގޭތެރޭގައި އޭނަ އުޅެން ބޭނުންވާނެ، ރަށުގަވެސް އޭނަ އެއައީ މިނިވަން މާހައުލެއްގައި އުޅެފަ..." ޔޫހާ ދެ ބުމަ ކައިރި ކޮއްލައިގެން އިނދެ ޒައުލްއަށް ބަލާލީ އޭނަގެ ހިޔާލު ހުރި ގޮތެއް އޮޅުން ފިލުވާލަން ބޭނުން ވެގެންނެވެ.
"ޔޫހާ ކަންތައްތަކާ މާބޮޑަށް ތިވިސްނަނީ، އަހަރެންވެސް މިގޮތަށް އަބަދަކު ނޫޅޭނެއެއްނު، އެކަމަކު އަހަންނަށް ކުޑަ ދުވަސްކޮޅެއްދީ، އެމީހުންގެ ހިޔާލު ބަދަލުވޭތޯ މަސައްކަތް ކުރީމޭ އޭރުން އަހަންނަށް ބުނެވޭނެއެއްނު، ބައްޕަ ދޮންތަގެ ވާހަކަ ގަބޫލު ކުރާނެހެން ހީވަނީ، އަހަންނާ އެއްކޮޅަށް ވަކާލާތު ކުރާނެ މީހަކުވެސް ހުންނަންވާނެއެންނު، މާމަވެސް ފަހަރެއްގަ ދޮންތަ ވާހަކަ ދެއްކީމަ ރުޅިމަޑުވެ އަޑު އަހާފާނެހެން ހީވަނީ..." ޒައުލްގެ ވާހަކަ މެދުކަނޑާލީ ޔޫހާ އެވެ.
"ޒައުލް ތިބުނާ ކުޑަދުވަސްކޮޅަކީ ކިހާ މުއްދަތެއްތަ... އަނެއްކޮޅުން ޒައުލްގެ ދޮންތަގެ ވާހަކަ އެކަކުވެސް ގަބޫލު ނުކޮއްފިއްޔާ ދެނޯ..." ޔޫހާ ބުނެލިއެވެ. އޭނަގެ މޫނުމަތިން އެއްވެސް ވަރެއްގެ ހަމަޖެހުމެއް ނުފެނެއެވެ. އޭނައަށް ލާއިގާގެ މޫނުމަތިން ފެންނަ ކުލަވަރުތަކުން ވަރަށް ގިނަކަންތައްތަކެއް އަންގައިދެއެވެ. އެހެންވެ އެގޭގައި އެ ދެމަފިރިންނަށް ހަމަޖެހުމެއް ދުވަހަކުވެސް ލިބޭނެކަމުގެ ޔަގީންކަމެއް ނެތެވެ. އެއީ ޔޫހާ ބޭނުންވާ ގޮތެއް ނޫނެވެ. ނަމަވެސް ޒައުލްއަށްޓަކައި އޭނަ އެކަމެއް ކުރާނެކަން ގައިމެވެ. އަދިއަމުދުން މިހާރު އޭނަގެ އަންބެއްގެ ގޮތުގައި އިނދެއެވެ. ޒައުލް އައިސް ޔޫހާގެ ގާތުގައި އިށީނުމާއިއެކު އޭނަގެ އަތުގައި ހިފާބާރުކޮއްލި އެވެ. އަދި ޔޫހާގެ ދަތްދޮޅީގައި ހިފާ ކުޑަކޮށް އޭނަގެ މޫނާ ދިމާލަށް އުފުލާލުމާއިއެކު ޔޫހާގެ ނިތްކުރީގައި ބޮސްދިނެވެ. ޒައުލްގެ އެހާ ކުޑަކުޑަ ހަރަކާތަކުން ވެސް ޔޫހާގެ ތުންފަތަށް ހިނިތުންވުމެއްވެރިކުރުވި އެވެ. ޔޫހާއަށް ޒައުލްގެ އެހަރަކާތުން އެހެންކަމެއްވެސް އެނގިގެންދިޔައެވެ. އޭނަ ޒައުލްއަށް ކުރި ސުވާލަށް ޖަވާބެއް ދޭން ބޭނުން ނުވާކަމެވެ. ދެވަނަ ފަހަރަށް އެ ސުވާލުކުރަން ޔޫހާ ބޭނުންނުވީ ވެސް އެހެންވެއެވެ.

ރޭގަނޑުގެ ކެއުންވެސް ނިމިގެންދިޔައީ މެންދުރެކޭ އެއްގޮތަށެވެ. ތަފާތަކަށްވީ މޭޒުދޮށުން ލޫލުއާގެ ދެމަފިރިން ނުފެނުމެވެ. ގޭގައި އެމީހުން ނެތްކަންވެސް ޒައުލްއަށް އެނގުނީދެނެވެ. އޭނަގެ ނިތަށް އަރައިގެންދިޔަ ރޫތަކާއިއެކު ކަމެއް ގޯސްވެއްޖެ ކަމުގައި ވިސްނުނެވެ. އެކަމާހުރެ އޭނައަށް ރަނގަޅަށް ނުވެސް ކެވުނެވެ. އޭނަ މޭޒުގެ ދޮށުން ތެދުވުމާއިއެކު އޭނަގެ ފަހަތުން ޔޫހާވެސް ތެދުވެއްޖެ އެވެ. މަންސޫރު ބަލާލާފަވެސް އެއްޗެއް ނުބުންޏެވެ. ލާއިގާ އެދިމާލަށް ބަލާވެސް ނުލިއެވެ. ދެންއިން އީލާކް އެންމެންގެ މޫނުތަކަށް ބަލަންއިނެވެ. ކުރިން އެއްޗެއް ބުނަނީ ކާކުތޯ ބަލާލަން ބޭނުންވީކަން ނޭނގެވެ.

ކޮޓަރިއަށް ވަދެގެންދިޔަ ޒައުލް އާއި އެއްވެސް ސުވާލެއް ޔޫހާ ނުކުރެއެވެ. ޒައުލް އަވަސްވެގަތީ އެނދުގެ ސައިޑް ޓޭބަލްމަތީގައި ބާއްވާފައި އޮތް އޭނަގެ ފޯނު ނެގުމަށެވެ. ޒައުލްއަށް ބަލަން އެނދުގެ އަނެއް ފަރާތުގައި ދެފައިދަމާލައިގެން އިށީނދެއިން ޔޫހާއަށް ޒައުލް ފޯނުން ވާހަކަ ދައްކަން ފެށި އަޑުއިވުނެވެ. "ދޮންތާއޭ" ބުނުމާއިއެކު ޒައުލް އެއުޅެނީ ލޫލުއާއަށް ގުޅައިގެން ކަން ޔޫހާއަށް އެނގުނެވެ. ޔޫހާއަށް އަޑު އިވެމުންދިޔައީ ޒައުލް ދައްކާ ވާހަކައެވެ. މާގިނައިރު އެނދުގައި އިށީނދެގެން ފޯނުން ވާހަކަ ދައްކާކަށް ނީނެވެ. ޒައުލް ތެދުވެގެން ޔޫހާ އާއި ދުރަށް ހިނގައިގަތެވެ. މަޑުމަޑުން އެނދުގެ ތަންމަންޗަށް ހަށިގަނޑު ދޫކޮއްލަމުންދިޔަ ޔޫހާގެ ދެލޯ މެރުނީ ކޮންވަގުތަކުކަމެއް އޭނައަކަށް ނޭނގެއެވެ.
ފުރޮޅިލަމުން ނިދީގެ ތެރޭގައި ކުޑަކޮށް ލޯހުޅުވާލެވުނު ޔޫހާ ލޯމަރާލާފަވެސް ކުއްލިއަކަށް ލޯ ހުޅުވާލިއެވެ. އެންމެ ފުރަތަމަވެސް ފެނުނީ އެނދުގައި އަޅާފައިވާ ބޮޑުރަޖާގެ ދަށުގައި ޔޫހާ އާއި ޖެހިގެން ނިދާފައި އޮތް ޒައުލްއެވެ. އަވަސް އަވަހަށް އޭނަ ކުރުއަތްމައްޗަށް ތެދުވެލަމުން އަނެއް ފަރާތަށް އެނބުރި ސައިޑް ޓޭބަލްމަތީގައި އޮތް ފޯނަށް ބަލާލީ ގަޑިން ވީއިރެއް ބަލާލަން ބޭނުންވެގެންނެވެ. އޭރު ގަޑިން ތިނެއްޖަހާ ބޮޑުވެއްޖެ އެވެ. ފޯނުގެ ސްކްރީނުގެ ެރެއިން އޭނައަށް މިސްވެފަ ހުރި ކޯލްތައްވެސް ފެނުނީ ދެނެވެ. ވިއްސަކަށް މިސްކޯލު ދީފައިވަނީ ކާކުތޯ އަވަހަށް ބަލާލެވުނެވެ.
"އައްޔަދު..." ނިދުމުގެ ސަބަބުން ކުރެހިވެފައިވާ އަޑުން ޔޫހާއަށް ބުނެލެވުނެވެ. ފޯނާ ދިމާލަށް ބަލަހައްޓައިގެން އިން ޔޫހާގެ ސިކުނޑި މަސައްކަތް ކުރަން ކުޑަވަގުތުކޮޅެއް ނެގިއެވެ. ކަމެއް ހަނދާންވުމާއިއެކު ޔޫހާގެ މުޅިހަށިގަނޑުވެސް ނިދިން ހޭލިކަހަލައެވެ. ތެދުކޮއްލި ހަށިގަނޑާއިއެކު ފުންނޭވާއެއް ބޭރުކޮއްލިއެވެ. ސިކުނޑީގައި ކުއްލިއަކަށް ޒަރާނާގެ ނަން ގުގުމައިގެން ދިޔައެވެ. އޭނަގެ ލޮލުން ނިދިފިލާ ހިނގައްޖެ އެވެ. ފަތިސް ނަމާދުގެ ބަންގިއާއި ހަމަޔަށް އޭނަގެ ސިކުނޑީގައި އެތަށް ރޭވުންތަކެއް ރޭވުނެވެ. އަމިއްލަ ޒަމީރާ އެތައް ވާހަކައެއް ދެކެވުނެވެ.

ދުވާލުގެ ވަގުތެވެ. ޒައުލް ހެނދުނުގެ ސައިބޮއެ ނިންމާލުމަށްފަހު އޮފީހަށް ދިޔައީ ދިހައެއްޖަހަން އުޅެނިކޮށެވެ. ޔޫހާގެ ފަރާތުން އެއްވެސް ތަފާތުކަމެއް ނުފެނުނުއިރު ޒައުލްގެ ފަރާތުންވެސް ތަފާތު ކަމެއް ނުފެނުނެވެ. ލޫލުއާގެ ފަރާތުން ލިބުނު ޚަބަރަކީ ކޮބާތޯ އޮޅުން ފިލުވާލަން ޔޫހާ ބޭނުންވި އެވެ. އެހެންނަމަވެސް ޒައުލް އެވާހަކަ ނުދައްކާތީ ޔޫހާ އަޅާނުލީއެވެ. އަނެއްކޮޅުން އޭނަގެ ތުންފަތަށް ވެރިވެފައިވާ ހިނިތުންވުން އެސިކުނޑީގައިވާ ހުރިހާ ހާސްކަމެއްގެ ފަރުދާއެއްކަމުގައި ފުއްދާލީ އެވެ.
ޔޫހާ ކިޔާން ގޮވައިގެން އެރީ ޓެރެސްއަށެވެ. އެތަނުގައި ހުރި އެންމެ ބޮޑު ސޯފާގައި ޔޫހާ ބޭނުންކުރާ ލެޕްޓޮޕް ބަހައްޓާލާފައި ކިޔާންއަށްއަށް ކާޓޫން އަޅުވާދިނެވެ. އެކަމާ ހިތްހަމަޖެހުނު ކިޔާން ޔޫހާގެ ބަސްއަހައިގެން ސޯފާގައި ބަންޑުން އޮށޯވެލައިގެން އޮވެ ކާޓޫނު ބަލަމުންދިޔަ އެވެ.ކިޔާން އާއި ދުރަށް ޓެރެސްގެ ރެއިލިންގްތައް ކައިރިއަށް ޖެހިލި ޔޫހާ ވަށައިގެން ހޯދާލިއެވެ. އަދި އަތުގައި އޮތް ފޯނުން އަވަސް އަވަހަށް އައްޔަދުގެ ނަންބަރަށް ގުޅާލި އެވެ.
"ޔޫހާ، ޔޫހާތަ ތީ..." އައްޔަދުއަށް ޔަގީންނުވެގެން އަހާލާފަދަ ގޮތަކަށް ދެފަހަރަކު އަހާލި އެވެ.
"ހޫމް މީ މަށޭ، އަހަރެން ވާހަކައެއް ދައްކާލަން ބޭނުން،" ޔޫހާއަށް އައްޔަދުގެ އަޑުއިވުމާއިއެކު އޭނަގެ ބޭނުން އައްޔަދު އެއްޗެކޭ ބުނުމުގެ ކުރިން ހާމަކުރިއެވެ.
"އަސްލުވެސްތަ، އަހަރެން ހީކުރީ ޔޫހާ ކައިވެންޏަށްފަހު އަހަންނާ ވާހަކަވެސް ނުދައްކާނެ ކަމަށް، އެކަމަކު ގުޅާލާފަ ތިއެދުނީ އެންމެ ފުރަތަމަވެސް އަހަންނާ ބައްދަލު ކުރަން، އަނެއްކާ... ޒައުލް އާއި ދެމީހުން ރަނގަޅުތަ، ނޫނީ ކަމެއް ގޯސްވީތަ" އައްޔަދުއަށްވެސް އެއްޗެއް ވިސްނުނު ކަހަލަ އެވެ.
"ކަމެއް ގޯހެއްނުވޭ، ޒައުލް ވަރަށް ރަނގަޅު، ކުރިން ރުޅިއަންނަ ގޮތަށް މިހާރު ރުޅިއެއްވެސް ނާދޭ... ދެން އެ ވާހަކައެއް ނޫނޭ، އަހަރެން މިބުނާ އެއްޗެއް އަޑުއަހާބަލަ، އައްޔަދުއާ ބައްދަލުވާނީ ކޮންއިރަކުންތަ" ޔޫހާ އަނެއްކާވެސް ފޯނުކޯލުގެ މަގުސަދު ހާމަކުރިއެވެ.
"ޔޫހާ ބުނެއްފިއްޔާ މިހާރުވެސް ތިގެއަށް ގޮސްދާނަން؟" އައްޔަދު ސަމާސާ ރާގެއްގައި ބުނެލި އެވެ.
"ނޫން، ނޫން، އެހެން ނުހަދާތި، އަހަރެން ބޭނުމެއް ނޫން އައްޔަދު މިގެއަށް އަންނާކަށް، އަހަރެން ހަވީރުން މިއުޅެނީ އަފޫ އާއި ބައްދަލުކުރަން އެގެއަށް ދާންވެގެން، ގޮސްފަ ވާހަކ ަދައްކާނީ" ޔޫހާ އަވަސް އަވަހަށް ބުނެލިއެވެ.
"އޯކޭ، ހަމަ ޔޫހާ ބޭނުން ގޮތެއް، ދެން އަހާބަލަ އަަހަރެންގެ ހާލަކީ ކޮބާތޯ، އެނގޭތަ، ސޯމެނީ ތިންގްސް ހެޕެން... ހީވެސް ނުކުރާ ކަހަލަ ކަމެއްވެގެން މިއުޅެނީ، އަހަރެންވެސް ޔޫހާއަށް ކިޔާދޭން ބޭނުންވާ ވާހަކަތަކެއް އެބަހުރި، ޔޫހާވެސް ވަރަށް ބަދަލުވާނެހެން ހީވަނީ، މެރީކުރީމަ ގާލްސް ވަރަށް ޗޭންޖުވާ ވާހަކަ ރައްޓެހިން ދައްކާވިއްޔަ" އައްޔަދު ބުނެލިއެވެ. ސޯފާގައި އޮތް ކިޔާން ޔޫހާއަށް ގޮވާލީ އެވަގުތުއެވެ. 
"ސާބަސް އަޔާ..." ލުއި ގޮތަކަށް ފޯނުން އައްޔަދުއަށް ހީނލަމުން ޔޫހާ ކިޔާން އާއި ދިމާލަށް އެނބުރުނު ވަގުތު ހީވީ އޭނަގެ ވަށައިގެންވި ހުރިހާ ކަމެއް ހުއްޓުމަކަށް އައިހެންނެވެ. މީހާގެ މޫނުމަތިން ފެނުނު ބިރުވެރިކަމާއިއެކު ކަންފަތުގައި ޖައްސާލައިގެން ހުރި ފޯނުވެސް ތިރިކޮއްލެވުމާއިއެކު ނިތްވާލެވިއްޖެ އެވެ.
"މަންމީ...ޕްލީޒް ދެން އާދެބަލަ...ބަލާބަލަ ކޮޕިއުޓަރު ޕްލޭ ނުވޭ..." ކިޔާން ހުއްޓުން އަރާފައި ހުރި ޔޫހާއަށް ދެވަނަ ފަހަރަށް ގޮވާލިއެވެ. ޔޫހާ އަވަސް އަވަހަށް އިސްޖަހާލުމާއިއެކު ހިންދިރުވާލެވުނެވެ. ކަންތައްތައް ރަނގަޅުވުމުގެ ބަދަލުގައި އިތުރަށް ގޯސްވެދާނެކަމުގެ އިޙްސާސް ޔޫހާއަށް ކުރެވިގެންދިޔައީ ކުރިމަތީ ޓެރެސްގައި ހުރި ސޯފާތަށްކައިރީ މަޑުކޮއްލައިގެން ހުރި މަންސޫރު ފެނުމުންނެވެ. ކޮފީ ޖޯޑެއް ހިފަހައްޓާލައިގެން ހުރި މަންސޫރުގެ މޫނުމަތިން ހިތްހަމަ ނުޖެހުމުގެ އަސަރު ފާޅުވަމުންދިޔަ އެވެ. ޔޫހާއަށް އިތުރަށް އެތަނުގައި ހުންނާކަށް ނުކެރުނެވެ. އަދި ދައްކާނެ ވާހަކައެއް ވެސް ނޭނގުނެވެ. މަންސޫރު އެތަނުގައި ޔޫހާގެ ވާހަކަތައް އަޑުއަހަން ހުރީ ކިހާއިރަކުން ފެށިގެންކަންވެސް އޭނައަށް ނޭނގެއެވެ. އަވަސް އަވަހަށް ކިޔާންގެ އަތުގައި ހިފާ ސޯފާއިން ނަގަމުން ލެޕްޓޮޕް ލައްޕާލިއެވެ. ކިޔާން ޝަކުވާކޮށްކޮށް ހުއްޓަ ޔޫހާ ދަރިފުޅު ގޮވައިގެން ޓެރެސްއިން ފައިބަން ހިނގައިގަތެވެ.
މަންސޫރު އެނބުރި ޔޫހާ ދިޔަ ދިމާލަށް ބަލަހައްޓައިގެން ހުއްޓެވެ.
"މިގެއަށް އައިތާ ދެވަނަ ދުވަސް، ޒައުލް ލޯ ކުރިމަތިން ގެއްލުމާއިއެކު އެހެން ފިރިހެނުންނަށް ގުޅައިގެން، އަހަރެން ފެނުނީމަ ހީވީ ބިރެއް ފެނުނުހެން... މަންމަ ހަމަ އަސްލުވެސް އެބުނަނީ ތެދެއްބާ، އަހަންނަށްވެސް މިހާރު ޝައްކު، ޔޫހާއަކީ އެބުނާ ކަހަލަ ވިޔާނުދާ އަންހެން ކުއްޖަކަށްވެއްޖެނަމަ، ޒައުލްއަށްވެސް ޖެހޭނީ އަހަންނަށް ޖެހިފައިމިވާ ހާލު، އުމުރުގެ ދުވަސްތައް އެކަނިވެރިކަމުގައި ހޭދަކުރުން ނޫން ގޮތެއް ނޯންނާނެ، ޅައުމުރުގައި ވެވޭ ލޯތްބަކީ ދުވަހަކުވެސް ހަނދާނުން ފޮހެވިގެންދާނޭ ލޯތްބެއް ނޫން، އެހެން ނޫންނަމަ ހުދު އަހަރެންވެސް އެންމެ އަންހެނަކަށްޓަކައި އުމުރު ހުސްކޮށްނުލީސް... މަންމަ އަހަރެންގެ ދެވަނަ ކައިވެންޏަކަށްވެސް އެދުނު، ކުދިންނަށް ދެވަނަ މަންމައެއް ހޯދާ ނުދިނީ އަހަރެންގެ އަމިއްލަ އެދުން އިސްކުރެވިގެން، އެއީ ދެން އިނދެގެން ގެންނަ އަންހެނަކު ދެކެ ލޯބި ނުވެވޭނެތީ، ކުދިންގެ މަންމަގެ މަތިން ހަނދާން ނުނެތޭނެތީ... ދެރައީ ދެލޯ މަރާލައިގެން ހުރެ ލޯބިވެވުނީތީ، އެހެން ނޫންނަމަ ލޯބިވާ އަނބިމީހާ ބޭވަފާތެރިވުމުން އެކަން އެންމެ ފުރަތަމަވެސް ފެންނާނެ މީހަކީ އަހަރެން ކަމުގައި ވާނެކަން ޔަގީން..." ޔޫހާ ފައިބައިގެން ދިޔަ ސިޑިއާއި ދިމާލަށް ބަލަހައްޓައިގެން މަންސޫރު ހުރުއިރު އޭނަގެ ހިތަށް އަރަމުންދިޔަ އެވެ. އަމިއްލަ ދިރިއުޅުމުގައި މާޒީވެ ގޮސްފައިވާ، ނުފިލާ އެހަނދާންތަކުގައި ހިނގި އެ ހާދިސާ އޭނަގެ ދަރިފުޅުގެ ދިރިއުޅުމަށް އެއްވެސް ސިފައެއްގައި އެޅިދާނެކަމަށް ދުވަހަކުވެސް ހީނުކުރެއެވެ. ނަމަވެސް އޭނައަށް މިފެންނަނީ އޭނަގެ ދިރިއުޅުން ހަލާކުވެގެން ދިޔަފަދައިން އަމިއްލަ ދަރިފުޅުގެ ދިރިއުޅުންވެސް ހަލާކުވެގެން ހިނގައިދާނެކަމުގެ މަލަމަތިބާއޭ މަންސޫރުގެ ހިތަށްއެރިއެވެ.

އެހަނދާންތަކެއްގެ ތަސްވީރު ލޯކުރިމަތީ އާވާންފެށުމުން ހިތްހަމަ ނުޖެހުމާއިއެކު އަތުގައި ހުރި ކޮފީޖޯޑު ސޯފާގެ ކުރިމަތީ ހުރި ބިއްލޫރި މޭޒުގެ މަތީ ބެހެއްޓުމާއިއެކު ކޮއްޕާލަމުން ޗޮކޮއް ކަނޑާލިއެވެ. ބޯހޫރުވާލި ގޮތުން ހީވީ އެ ހިޔާލުތައް ސިކުނޑިން ނެރިލަން ބޭނުންވީ ހެންނެވެ. ވެއްޓެން އުޅޭފަދަ ގޮތަކަށް ކޮފީ ޖޯޑު ވަތުތަށީތެރޭ ތެޅިލާފަވެސް ނުވެއްޓުނެވެ. އެހެންނަމަވެސް ވަތުތަށީގެ ތެރެއަށް ކޮފީ ބަންޑުންވި އެވެ. އެ ހާސްކަމުގެ ތެރެއިން މަންސޫރު އަވަސްވެގަތީ ލާއިގާގެ ކޮޓަރިއަށް ދިއުމަށެވެ. ޒައުލްގެ އަންހެނުންނާއި ބެހޭގޮތުން ލާއިގާއަށް ޔަގީންވާ ކަންތައްތަކަކީ ކޮބައިތޯ އޮޅުން ފިލުވުމަށެވެ.
"ދަރިފުޅު ކީކޭތަ ތިކިޔަނީ، އޭނަ ހަމައެހެންތަ ކަންތައްކުރީ..." ލާއިގާގެ ތުންތަށްވެރިވެގެންދިޔަ ވިހަ ހިނިތުންވުން ފޮރުވާލާ، ކަންބޮޑުވުންދައްކަމުން މަންސޫރަށް ކުރިމަތިލި އެވެ. އަދި މަންސޫރުގެ ކުރިމަތީ ޔޫހާ ކަންތައް ކުރިގޮތް ފެނި އޭނަގެ ހިތުގައި އެފެދުނު ޝައްކު ބޮޑުކޮއްލުން ލާއިގާއަށް އުނދަގޫ ކަމަކަށް ނުވިއެވެ. ލާއިގާއަށް މަންސޫރުގެ ބަލިފަޔަކީ ކޮބާކަން އެނގެއެވެ. މީހާ ފިނިވެގެންދާ ނަމަކީ ކޮބާކަން ވެސް އެނގެއެވެ. ލާއިގާ ހުރިހާ ކަމެއްވެސް ގުޅުވާލީ ޒަރާނާ އާއިއެވެ.
"މަންމާ، ޒަރާނާ ފަދަ އަންހެނަކަށް ޒައުލްގެ އަންހެނުން ވާކަށް އަޅުގަނޑެއް ނޭދެން، ޒައުލް އޭނަގެ އަންހެނުންނައިގެން އުޅޭވަރު އަޅުގަނޑުވެސް ދެކެފިން، އޭނަ މޮޔައަކު ފަދައިން މުޅި އުމުރު އެފަދަ އަންހެނަކަށް ބޭކާރުކޮއްލުމަކީ އަޅުގަނޑަށް ކެތްވާނެ ކަމެއްނޫން... ހުރި އެންމެ ފިރިހެން ދަރިފުޅަށް ރަނގަޅު ހަޔާތެއް ލިބުން އަހަރެންގެ ދުޢާއަކީ، ރަނގަޅު ހަޔާތަކީވެސް، ނަސީބަކީވެސް... އަޙްލާގު ރަނގަޅު އަބުރުވެރި އަންބަކު ލިބުން، އެފަދަ އަންބެއް އަޅުގަނޑު ޒައުލްއަށް ހޯދަދޭން ބޭނުންވަނީ" ކަންބޮޑުވެ ޝައްކުގެ ތެރެއަށް ހިތާ ސިކުނޑި ދޫކޮއްލެވިފައިވާ މަންސޫރު ބުނެލިއެވެ. ލާއިގާ އައިސް މަންސޫރުގެ ގާތުގައި ހުއްޓި އޭނަގެ ކޮނޑާ ދިމާލުން ބުރަކަށީގައި ފިރުމާލި އެވެ. އަދި ހުރިހާކަމެއްވެސް ލާއިގާގެ އަތްމައްޗަށް ދޫކޮއްލުމަށް ބުންޏެވެ. ޔޫހާ ޒައުލްއަށް ބޭވަފާތެރިވާނަމަ އޭނަ އެކަން ބަލާ ހޯދާނެކަމަށް ބުންޏެވެ. މަންސޫރު އެކޮޓަރިން ނުކުމެގެން ދިއުމާއިއެކު ލާއިގާގެ މޫނުމަތި އުޖާލާވެގެންދިޔަ އެވެ. އެނދުގައި ގޮސް އިށީންއިރު އޭނަގެ ތުންފަތަށް ވެރިވެފައިވާ ހިނިތުންވުމުގެ ސަބަބުން ތުންފަތުގެ ހިމަކޮޅު ދެމިގެންގޮސް ކަންފަތު ފޫޅުގަނޑާއިހަމައަށް ގޮސްދާނެހެންވެސް ހީވެއެވެ. އޭނައިނީ އެހާވެސް ހިތްހަމަޖެހިލާފައެވެ. މިހާ އަވަހަށް އޭނަގެ ކޮޅު މޮޅުވެދާނެ ކަމަކަށް ހީވެސް ނުކުރެއެވެ. ނަސީބުވެސް ގަދައީ އޭ އޭނަގެ ހިތަށް އެރިއެވެ. ހިތްޖެހުމުގެ ތެރެއިން ލާއިގާ ވަގުތުން ނުބައި ރޭވުންތައް ރާވަންފެށި އެވެ. މިފުރުޞަތަކީ އޭނައަށް ލިބޭނެ ރަނުގެ ފުރުޞަތަކަށްވާނެތީ ވަގުތުގެ ނާޒުކުކަމާއިއެކު މަންސޫރަށް ދައްކާލަން ޖެހޭނީ ހަމަ އެންމެ މަންޒަރެއްކަން ލާއިގާއަށް އެނގެއެވެ. އޭރުން މީގެ އެތައް އަހަރުތަކެއް ކުރިން އޭނައަށް އޭނަގެ ދަރިފުޅުގެ މައްޗަށް ކުރިއެރުން ލިބުނުފަދައިން މާމަ ދަރިފުޅުގެ މައްޗަށްވެސް ކުރިލިބިގެންދާނެކަން އޭނައަށް ޔަގީންވި އެވެ.
ހަވީރު ރީތިވެލައިގެން ޔޫހާ ކިޔާން ގޮވައިގެން ނުކުތީ ޒައުލްގެ ފޯނުކޯލުގައި ހުރެގެންނެވެ. އޭނަ ޝާއިން މެންގެއަށް ކިޔާން ގޮވައިގެން ދާކަން ޒައުލްއަށް އަންގާލީ އެވެ. އެމަންޒަރު ސިޓިން ރޫމުގައި އެގަޑީގައި އިން ލާއިގާއަށް ފެނުނެވެ. އޭނަ ޓީވީއަށް ބަލަހައްޓައިގެން އިނެއްކަމަކު ޔޫހާގެ ފޯނު ކޯލަށްވެސް ކަންފަތް ހުޅުވާލިއެވެ. ކަމެއް ހިނގަން އުޅޭކަމުގެ ހިލަމެއްވެސް ނުވެ ހުރި ޔޫހާ ކިޔާން އާއިއެކު ގޭޓުގެ ކައިރިއަށް ނުކުތްއިރު ޖަމާލު ކާރުގައި އައިސް މަޑުކޮއްލައިގެން އިނެވެ. އެމީހުންގެ ފަސްފަހަތުން ޝައްކު ނުވާނޭފަދަ ގޮތަކަށް ގޭޓުގެ ކައިރަށް ދިޔަ ލާއިގާއަށް ޒައުލްއަށް ވަފާތެރި ނޯކަރު އޭނަގެ ކާރުގައި ޔޫހާމެން ގޮވައިގެން ނައްޓާލިތަން ފެނުނެވެ.
"ޔޫހާ...އޯ ޔޫހާ...ކިޔާން ދޫނި ގަނޑާ..." އަފްލީނަށް އެގެޔަށް ވަތް ޔޫހާ އާއި ކިޔާން ފެނުމުން ސިޓިން ރޫމު ސޯފާގައި އިނދެ ފުންމައިގަތެވެ. އަދި އެއައި ގޮތަށް އައިސް ކުދިކުދި ދަތްތައް ފެންނަވަރަށް ހިނިއައިސްފައި ހުރި ކިޔާން ނަގާ އުރާލިއެވެ.

ކޮމެންޓް 0