މަސްދުވަސްވަންދެން ރާއްޖޭން ބޭރުގައި އުޅެފައި ޒައުލް މާލެ އައެވެ. ގެއަށް ދިއުމުގެ ބަދަލުގައި އޭނަ ދިޔައީ ޕާކްވިއު ހޮޓެލްއަށެވެ. އެންމެ ފުރަތަމަވެސް ޒައުލް ބަލާލީ ފައުޒީ ކޮބައިތޯއެވެ. އޭނަ މާލޭން ބޭރުގައިވީ ދުވަސްތަކުގައި ހޮޓެލްގެ ކަންތައްތައް ދިޔަ ގޮތުގެ ތަފުސީލު ހޯދުމަށެވެ. ފައުޒީގެ ކެބިންއަށް ގުޅާލިއިރު ފޯނެއް ނުނަގައެވެ. މާބޮޑު ކަމަކަށް ނުހަދާ އޭނަ މަންސޫރަށް ގުޅާލީ އޭނަގެ އަމިއްލަ މޯބައިލް ފޯނުންނެވެ.
"ބައްޕާ، އަޅުގަނޑު މާލެއަތުވެއްޖައިން، މިވަގުތު މިހުރީ ޕާކްވިއުގަ، ގަސްދުކޮއްގެން މިހުރީ ހޮޓެލްތަކުގެ ކަންތައްތައް މިކޮޅުގަ މަޑުކޮއްލައިގެން ބަލާލަންކަމަށް، އެންމެ ރަނގަޅުތޯ" ޒައުލް މަންސޫރުގެ ހުއްދައަކަށް އެދޭފަދަ ގޮތަކަށް ބުނެލިއެވެ.
"ދަރިފުޅު އަރާމުކޮއްލަންވީނު، މިއަދު އެއްނު ތި އާދެވުނީ ވެސް، ބައްޕަ މެންދުރު ތިކޮޅަށް ހިނގައިދާނަން، ގޮސް ކަންތައްތައް ބަލާލަފާނަން" މަންސޫރު އޭނަގެ ހިޔާލުފާޅުކުރިއެވެ.
"ނޫނޭ ބައްޕާ، އަޅުގަނޑު ތިހީކުރައްވާހާ ވަރުބައްޔެއް ނޫނޭ، އެހެންނޫނަސް މަސައްކަތްތަކާއި ދުރުގައި އުޅެންޖެހުނީމައި މިހުރީ ވަރަށް ފޫހިވެފަ، ބޭނުންވަނީ ވީހާވެސް އަވަހަކަށް އަޅުގަނޑުގެ ޒިންމާތައް އުފުލުމުގައި މަސްއޫލުވުމަށް، ބައްޕަ ރިޓަޔާޑްގައި ހުންނަވަނިކޮށް އަލުން ކޮމްޕެނީގެ ކަންތައްތައް ޖައްސަވާކަށް އަޅުގަނޑަށް ނުކެރޭނެ، މިވަގުތުން ފެށިގެން އަޅުގަނޑު ހުރިހާ ކަމަކާ އަނެއްކާވެސް ހަވާލުވެއްޖައީމު، ބައްޕަ އެއްވެސް ކަމަކާ ކަންބޮޑުވެލައްވާނެކަމެއްނެއް" ޒައުލް ބުނެލިއެވެ. އަދި ފޯނުގައި ހުރެ އޭނަ ހިނގަމުން ދިޔައީ ފައުޒީގެ ކެބިންނާއި ދިމާލަށެވެ.
"އެންމެ ރަނގަޅު، ދަރިފުޅު ބޭނުންވާގޮތަކަށް ބައްޕަ ފާޑުކިޔާކަށް ނެތިން، އެކަމަކު ހަވީރުން ގެއަށް އަންނަންވާނެ، ދޮންތަ ވެސް އުޅެނީ ވަރަށް އެކަނިވެގެން، ކޮއްކޮ ދިޔަފަހުން ގޭތެރެ މުޅިންހެން ފަޅުވެއްޖެ" މަންސޫރުގެ އަޑުގައިވެސްވަނީ އެކަނިވެރިކަމެއް ހަރުލާފައެވެ. ޒައުލް ހަވީރުން ގެއަށްދާނަން ކަމުގައި މަންސޫރުއަށް ވަޢުދުވަމުން ފޯނު ކަނޑާލިއެވެ. އޭރު އޭނަހުރީ ފައުޒީގެ ކެބިން ކުރިމަތީގައި ކަމަށްވާތީ ފޯނު ޖީބަށްލަމުން އެކެބިންގެ ދޮރު ޓަކިޖަހާލާފައި ހުޅުވާލައިފިއެވެ. އެތަނަކު ފައުޒީއެއް ނެތެވެ. ފައުޒީ ތެދުވެގެން ދިޔަގޮތަށް ގޮނޑިވެސް ހުރީ މެޒާއިދުރުގަ އެއްފަރާތަކަށް އެނބުރިފައެވެ. ޒައުލް އެކެބިންއިން ނުކުންނަން އެނބުރިލިވަގުތު ފައުޒީގެ ޓްރޭގައި އޮތް ރަތްކުލައިގެ ފައިލު ފެނި އެނެގުމަށް އެތެރެއަށް ހިނގައިގަތެވެ. ރަތްކުލައިގެ ފައިލްގައި އަބަދުވެސް ފައުޒީ ޒައުލްއަށް ގެނެސްދޭނީ މަސައްކަތަށް ފަރުވާކުޑަކުރާ މުވައްޒަފުންގެ ލިސްޓުތަކެވެ. އެހެންވެ އެފައިލް ބަލާލުމަށް ޒައުލް ޝައުގުވެރިވީ އެވެ. ފައިލް ނެގިވަގުތު އޭގައި ހުރި ގަނޑުތައްވަނީ ހަރުނުކޮއްކަމަށްވާތީ ބައެއްގަނޑުތައް ފައިލްގެ ތެރެއިން ފައިބައިގެން ދިޔައެވެ. އެހިނދު އެތަނުން ގަނޑަކުން ފައުޒީގެ ކޮމްޕިއުޓަރ މައުސްގައި ޖެހި ނިވިފައިހުރި މޮނީޓަރ ހުޅުވިގެންދިޔައެވެ. ޒައުލް ގަނޑުތައް އެއްކޮއްލުމަށްފަހު ފައިލްގެ ތެރެއަށް ލަމުން ކޮމްޕިއުޓަރުގެ މޮނީޓަރަށް ބަލާލިއެވެ. އޭނައަށް ފެނިގެންދިޔައީ ހޮޓެލްގެ ސީސީޓީވީ ކެމެރާތަކަށް ލެވިފައިވާތަނެވެ. ޒައުލް ކުޑަކޮށް ހީލުމަށްފަހު ފައިލް ހިފައިގެން ކެބިންއިން ނުކުންނަން ދިޔައީ ފައުޒީ އޭނަގެ މަސައްކަތަށް ބަހައްޓާ ފަރުވާތެރިކަމާއިމެދު ހިތްހަމަޖެހިފައި ހުރެއެވެ. ޒައުލް އެނބުރި އޭނަގެ އަމިއްލަ ކެބިންއަށް ވަދެ ކޮމްޕިއުޓަރ އިން ދުވަހުގެ ޑިއުޓީ ރޮސްޓަރ ބަލާލިއެވެ. ވަރަށް ދެރައެވެ. އޭނަގެ ހަގީގީ ހިތްހަމަޖެހުން ގުޅިފައިވާ ފަރާތާ ބައްދަލުވާގޮތެއް ނުވިއެވެ. ޔޫހާ އެވަގުތު ޑިއުޓީގައި ނޫޅެއެވެ. ޔޫހާގެ ޑިއުޓީ އިނީ ދަންވަރުއެވެ. އެހެންވިޔަސް ތުންފަތަށް ލާނެއް ހިނިތުންވުމެއް ވެރިވުމާއިއެކު އޭނަގެ ސިކުނޑީގައި މިރެއަށް ރަނގަޅު ޕްލޭނެއް ރާވާލިއެވެ.

ޝާއިން ޔޫހާއަށް ގުޅާ ގޮތްނޭގޭ މީހަކީ ކާކުތޯ ބެލުމަށްޓަކައި އެ ނަންބަރަށް ވަރަށް ގުޅައެވެ. އެހެންނަމަވެސް މިވީހާތަނަށް ފޯނެއް ނުނަގައެވެ. ގުޅި ފުރަތަމަ ދުވަހު ފޯނުނެގި އެވެ. އެހެންނަމަވެސް ވާހަކައެއް ނުދެއްކިއެވެ. އެހެންވެ ޝާއިންވެސް ވާހަކަ ނުދައްކާ ފޯނު ކަނޑާލީ އެވެ. އޭނަ ދިރާގުގެ އާ ނަންބަރެއް ނެގިއެވެ. އެވެސް އެމީހަކު ހޯދުމުގެ ބޭނުމުގަ ކުރިކަމެކެވެ. ނަންބަރުނެގީ ދިރާގުގައި އުޅޭ ކުއްޖެއްގެ އެހީތެރިކަމާއިއެކު އޭނަގެ ނަމުގައެވެ. އަދި ދެމީހުން އެކުގައި ރޭގަނޑުގެ ކޮފީއެއްގައި ތިބެ ޔޫހާއަށް ގުޅާ ނަންބަރަށް ގުޅިއެވެ. އެމީހަކު ދެވަނަ ރިންގުން ފޯނު ނެގިއެވެ. ޝާއިންގެ ރަޙުމަތްތެރި އަންހެން ކުއްޖާ އޭނަގެ އިރުޝާދާއިއެކު ހެލޯއޭ ބުނެ ވާހަކަ ދައްކަން ފެށިއެވެ. އެވަގުތު ފޯނު ހުރީ ސްޕީކަރަށް ލާފައެވެ. ފޯނުގެ އަނެއް ކޮޅުގައި ހުރި މީހާވެސް ވާހަކަ ދައްކަންފެށި އެވެ. ފުރަތަމަ ޖުމްލައިން ވެސް ޝާއިންއަށް އެއީ ކާކުގެ އަޑެއްކަން ނަގައިގަނެވުނެވެ. ވަގުތުން ރުޅިވެސް އާދެވުނެވެ. އެހެންނަމަވެސް ރަޙުމަތްތެރިޔާގެ އެހީގައި އެމީހެއްގެ ވަނަވަރު ބޭނުންވާ ވަރަށް ހޯދުމަށްފަހު އޭނަ ބައްދަލު ކުރަން އެދުމުން އާއެކޭ ބުނެފައި ފޯނު ބޭއްވިއެވެ. ޝާއިންގެ ދުލުން ވަގުތުން ރުޅިވެރިކަމުގެ ބަސްތައް ނުކުތެވެ. އޭނަގެ ކައިރީގައި އިން ރަޙުމަތްތެރިޔާ ހިނިއައިސްފައި އިނދެ ވާހަކަ ދެއްކިއެވެ. އަދި އެމީހަކު އެހާވަރަކުން ހޯދަން ތިއުޅެނީ ކީއްވެތޯ ސުވާލު ކުރިއެވެ. ޝާއިން ކުރުގޮތަކަށް އެވާހަކަ ކިޔާދީފައި ޝުކުރު އަދާކުރި އެވެ. ދެން ކުރަންވީ ކީއްކަންވެސް އޭނަގެ ސިކުނޑީގައި ރާވާލިއެވެ.

ވިސްނަންހުރެފަ ވެސް އިތުރުގޮތެއްނެއް މީހަކު ފަދައިން ޔޫހާ ޑިއުޓީއަށް އައީ ވަރަށްވެސް ފޫހިވެފަ ހުރެއެވެ. ކުރިއަށްވުރެ ބޮޑަށް ޔޫހާއަށް ފައުޒީގެ މައްޗަށް ޝައްކުކުރެވެންވަނީ ފެށިފައެވެ. އެހެނީ އޭނަ ދަންވަރު ޑިއުޓީ ނެގިކަމުގައި ވިޔަސް ބައެއް ރޭރޭ ހޮޓެލްގައި ފައުޒީ އުޅުމެވެ. ޔޫހާގެ ގާތުގައި ކޮފީއެއް ބޯލުމަށް ބްރޭކް ގަޑިތަކުގައި ދިއުމަށް އޭނަ އެދެން ފެށުމުންނެވެ. އެއިން ކޮންމެ ފަހަރަކު އުޒުރަކާއިއެކު ޔޫހާ ދުރުވެގަނެއެވެ. އެކުގައި އުޅޭ ބައެއް މުވައްޒަފުން އެވާހަކަތަށް ދައްކަންވެސް ފަށައިފިއެވެ.
"ފައުޒީގެ ލިސްޓަށް ކުއްޖަކު އިތުރުވެއްޖެ، ޔޫހާ، އަހަރުމެންނަށް ހީވަނީ ފައުޒީ އެއުޅެނީ ޔޫހާއަށް ހިތްކިޔައިގެންހެން" ބައެއް ސްޓާފުން ޔޫހާ އާއި ދިމާލަށް މިހެން ބުނަންވެސް ފަށައިފިއެވެ. އެފަދަ ވާހަކަތަކަށް ޔޫހާ މަސައްކަތް ކުރަމުން ދިޔައީ ބީރުކަންފަތެއްދެވޭތޯ އެވެ. އަނގައިން ބަހެއްވެސް ނުބުނެވޭތޯ އެވެ. ދަންވަރު ޑިއުޓީގައި ޔޫހާ އާއިއެކު ކައުންޓަރު ދޮށުގައި ދެން އިން ކުއްޖާ ރިޝްފާ ބްރޭކަށް ފޮނުވާފައި އޭނަ އެކަނިއިން ވަގުތެކެވެ. ފޯނު ރިންގުވުމާއިއެކު ރަސްމީ ސިފައެއްގައި ޔޫހާ އަވަސްވެގަތުމާއިއެކު ޖަވާބުދިނެވެ.
"ޔޫހާ..." ޒައުލްގެ އަޑުއިވިގެންދިޔައެވެ. އެހިނދު ޔޫހާގެ ޔޫނީފޯމްގެ ތެރެއިންވެސް ހަށިގަނޑުގައިވާ ލޯލިތައް ކޮޅަށްޖެހި ކަރަންޓުގެ އޮއެވަރެއް ދުވެލިހެން ޔޫހާއަށް ހީވެގެންދިޔައެވެ. އެއަޑު ކިތަންމެ ފަހަރަކު އިވުނުކަމުގައިވިޔަސް ޔޫހާއަށް އެކުރެވޭ އިޙްސާސް ހަމަ ކޮންމެފަހަރަކުހެން އޭނަގެ ހިތާވިންދު އަވަސްކުރުވައެވެ. އަމިއްލަ ނަފްސުގެ މައްޗަށް އޮންނަ އިތުރުބާރާއިމެދު ސުވާލުކުރުވައެވެ. މީހާ ގަނޑުކޮއްލާފަދަ ބާރެކެވެ.
"ޔޫހާ، މީ ޒައުލް... ކީއްވެ އަނގައިން ނުބުނީ؟" ޒައުލް މަޑުމައިތިރިކަމާއިއެކު ވާހަކަ ދެއްކިއެވެ.
"އަހަރެން ބުނަންވީ ކީކޭތަ؟" ފޫހިގޮތަކަށް ޔޫހާ ބުނެލިއެވެ. އަދި އަވަސްވެފައިވާ ހިތް ހަމައަކަށް އަޅުވަމުން ޒައުލް ކަންތައްކުރި ގޮތުގެމަތިން ހަނދާންކުރިއެވެ. ކިޔާން ޒައުލް އާއި ބެހޭގޮތުން ކުރި ސުވާލުތަކުގެ މަތިންނެވެ. ފޫހިކަމެއް ވެރިވެގެން ދިޔައީ އެހެންވެއެވެ.
"ވާހަކަ ދައްކާހިތުން މިގުޅާލީ، ކޮންމެވެސް އެއްޗެއް ބުނެބަލަ" ޒައުލް ބުނެލިއެވެ.
"ހޮޓެލްގެ ގަވައިދުގައި އޮންނަ ގޮތުންވެއްޖެއްޔާ ފޯނުގައި އެއްވެސް ބޭނުމެއްނެތި މާގިނައިރު ހުރުމަކީ މަނާކަމެއް، ކިހިނެއް އެނގެނީ މި ފޯންކޯލް އަޑު ނާހާނެ ކަމެއްވެސް" ޔޫހާ ޝައުގުވެރިކަން ކުޑަގޮތަކަށް ބުނެލި އެވެ.
"ހެ ހެ ހެ... މިކޯލް އަޑުއަހާނެވަރުގެ މީހަކު ނުހުންނާނެ، އެހެންނޫނަސް ވެރިޔާ އާއި ތި ވާހަކަ ދައްކަނީ، އެހެންވީރު މައްސަލައަކީ ކޮބާ؟ ތިނޫން ވާހަކައެއް ދައްކަބަލަ" ޒައުލް ލުއިގޮތަކަށް ހީލާފައި ބުނެލިއެވެ. އެއަޑުގައި ލޯބީގެ އަސަރު އެކުލެވިފައިވެއެވެ. އެ ތަފާތުކަން ޔޫހާއަށް ވެސް ފާހަގަކުރެވުނެވެ.
"ކޮންވާހަކައެއްތަ އަހަރެން ދައްކަންވީ، ހުރިހާ ވާހަކައެއް ދައްކަނީ ޒައުލްއެއްނު... ދެން ނޭގެ މަށަކަށް، މިހާރު ރިޝްފާ އަންނާނެ، ފޯނު ބާއްވަނީ" ޔޫހާ ވާހަކަ ދައްކާކަށް ބޭނުމެއްނުވިއެވެ. ޔޫހާއަށް ފާރަލާ މީހަކު އޭނައަށް ޒައުލް ފޯނުކުރިކަން ވެސް ބަލާފާނެކަމާއިމެދު އޭނަ ކަންބޮޑުވަނީ އެވެ.
"އެހަށް މަޑުކޮއްބަލަ، ފަތިހު އަހަރެންނާ ބައްދަލުކޮށްލަން އަންނަންވީނު، އަހަރެން މިރޭ އެއްކޮށް އުޅޭނީ މިކޮޅުގަ، ކިޔާންއަށް ގެނައި އެއްޗެއްވެސް އޮންނާނެ، ޕްލީޒް" ޒައުލް މަސައްކަތް ކުރީ ރީތިކޮށް ވާހަކަދެއްކޭތޯ އެވެ. އެހެންނަމަވެސް ޔޫހާ މިހާރަކު ނޫނޭ ކިޔާ ފޯނު ބޭއްވިއެވެ. ގިނަ އިރެއްނުވެ ޔޫހާ ސިހިގެން ދިޔައީ ކައުންޓަރު ކައިރިއަށް އައިސް ހުއްޓުނު ޒައުލް ފެނުމުންނެވެ. ހޮޓެލްގެ ނަންޖަހާފައިވާ ޓީޝާޓަކާއި ކުކުޅު ބިސް ކުލައަށްދާ ސޯޓެއްގައި ޒައުލް ހުރީ ވަރަށްވެސް އާދައިގެ ކޮށެވެ. އަބަދު ބޫޓުގައި ފެންނަ ޒައުލް އަރާލާފައިހުރީ ވެސް ހޮޓެލްގައި މަޑުކުރާ މެހެމާނުންނަށް ހޮޓެލްގެ ފަރާތުން ދޭ ފައިވާނަކަށެވެ. މާޒީ ހަނދާންކުރަން ބޭނުން ނުވިނަމަވެސް ޔޫހާއަށް އޭނަގެ ހިތާ ސިކުނޑީގައި ބިންވަޅުނެގިފައިވާ މަންޒަރުތަކާއި އެހަނދާންތައް ނުހިފެއްޓުނެވެ. އޭނަގެ މޫނުމަތިން ފެނިގެން ދިޔައީ ކަންބޮޑުވުމެވެ.
"ހާއި...އަހަރެން މިއައީ ކީއްވެގެންތޯ ނާހާނަންތަ؟" ތެދުވެހުރި ޔޫހާގެ މޫނާ މޫނު ގާތްކޮށްލަމުން މަޑުމަޑުން އަހާލިއެވެ. އަދި ލޯބިވެތި ސަމާސާއެއްގެ ގޮތުގައި އެ ކޯތާފަތަށް ފުމެލިއެވެ. ދެ ލޯބޮޑުވެ ސިހިގެންދިޔަ ޔޫހާއަށް ފަހަތަށް ފިޔަވަޅެއް އަޅާލެވުނެވެ. އެހިނދު ލިފްޓު ހުޅުވިގެން ދިޔައަޑުއިވުމާއިއެކު ރިޝްފާ ލިފްޓުން ނުކުތްތަން ޒައުލްއަށް ފެނުނެވެ. އޭނަ ކައުންޓަރުމަތީ އަޅުވާލެވިފައިވާ އަތް ނަގަމުން ހުޅުވުނު ލިފްޓާއި ދިމާލަށް ހިނގައިގަތެވެ. އަދި ކައިރިން ލާފައި ދިޔަ ރިޝްފާއަށް އަވަސް ހިނިތުންވުމެއް ދިނެވެ.

މުޅިން އާދުވަހަކަށް އިރުއަރައިފިއެވެ. ޝާއިން ހެނދުނު ސައިބޯން އިނދެގެންވެސް ވިސްނަމުންދިޔައީ ޔޫހާއަށް ގުޅާ މީހާ ރަނގަޅު ގޮތުގަ ބޭޒާރުކޮއްލާނެ ގޮތަކާއިމެދުއެވެ. އޭރު އަދި ޔޫހާއަށް ޑިއުޓީ ނިންމާފައި ނާދެވޭތީވެ ޝާއިންއަށް ސައި ހަދައިދިނުމުގެ ކަންތައްތައް ކުރީ އަފްލީންއެވެ. އަނެއްކޮޅުން ޔޫހާ ޑިއުޓީ ނިމުމާއިއެކު އަވަސް ފިޔަވަޅުގައި ހޮޓެލުން ނުކުމެގެން ގެއަށް ދިއުމަށް ހިނގައިގަނެއްޖެއެވެ. ޒައުލް އެދިފައިވިޔަސް އޭނައާއި ބައްދަލުކުރުމެއްނެތި ޔޫހާ ކިޔާންގެ ގާތަށް ދިއުމަށް އަވަސްވެގަތީއެވެ. ގަދަނިދީގައި ޒައުލް އޭނަގެ އަރާމުބޮޑު ކޮޓަރީގައި އެކަމުގެ އެއްވެސް ހިލަމެއްވެސް ނުވެއޮއްވައެވެ.

"މަންމާ، މަންސޫރު ކޮމްޕެނީއަކީ ކޮބާތަ؟ ދަށަށްގޮސްގެން ބައްޕަގެ ކޮމްޕެނީއިން ބިޑަށްލާ ކޮންމެ ހޮޓެލްއެއް ގަނެފައިވަނީ އެމީހުން، އަނެއްކާ ވިޔަފާރީގަވެސް ޒާތީކަމެއް އޮންނަނީތަ" ހެނދުނު ނާސްތާ ކުރަމުން ދިޔަ އައްޔަދު ސުވާލުކުރީ ޒަރާނާ އާއިއެވެ.
"މިހާރު ރާއްޖޭގެ ފެންވަރުގަ ހޮޓެލް ދާއިރާގަ އެންމެ މަތީ ހަރުފަތުގަ އޮތް ކުންފުންޏަކީ މަންސޫރު ކުންފިނީގެ ހޮޓެލްތައް، އެހެންވީމަ ދަށަށްދާ ހޮޓެލްތައް ގަންނާނީ ވެސް އެމީހުންނެއްނު" ޒަރާނާ ކުޑަހިނދުކޮޅަކަށް ހުއްޓުން އެރިނަމަވެސް އެކަން ފޫއްބައްދާލިއެވެ. އައްޔަދުއަށް ހަގީގަތް އަންގަން ޒަރާނާ ޖެހިލުންވަނީ އެވެ. ދަރިފުޅު އޭނަދެކެ ވާލޯތްބަށް ބަދަލެއް އައިސްދާނެތީ އެވެ.
"ހޫމް، މޭބީ ޔޫ އަރ ރައިޓް މަމް، ބައްޕަ ކޮންއިރަކުންތޯ ދުރުވާނީގެއަށް... އަސްލު ވަރަށް ބޯރިން ކަމެއް ބައްޕަ އެކުރައްވަނީ، ޑިފަރެންޓް ވިޔަފާރިއެއް ފެއްޓުމަށް ބައްޕައަށް އައިޑާ ދޭންވީކަންނޭގެ" އައްޔަދު ޓޯސްޓް ނަގާ އަނގަޔަށް ލަމުން ބުނެލިއެވެ.

ޒައުލްއަށް އޭނަގެ ކެބިންނާއި ހަމައަށް އާދެވުނު އިރު ދިހައެއްޖަހާ ބޮޑުވެއްޖެއެވެ. އަވަހަށް ފައުޒީއަށް ގުޅާ ހުރިހާ ކަމެއް އޮޅުންފިލުވިއެވެ. އޭނަގެ ޑްރައިވަރު ޖަމާލުގެ އަތަށް ފާރުސަލެއްދީފައި މާވިއްކާ ފިހާރައަކުން ރަތް ފިނިފެންމަލުގެ ބޮޑު ގުލްދަސްތާއެއް ގަނެފައި ޔޫހާއަށް ގެންގޮސްދިނުމަށް ބުންޏެވެ. ގާޑަންވިއުއަށް މުވައްޒަފުން ކަނޑައެޅުމުގައި މުޅި ދުވަހުހެން ޒައުލް އުޅުނީ ވަރަށް ބުރަކޮށެވެ. އަދި ނުވިތާކަށް އޭނަ މާލެއައުމުން ބޭއްވުމަށް ލަސްކުރެވިފައިވާ ދެ މީޓިންއެއްވެސް ކުރިއަށް ގެންދިޔައެވެ.

ކޮމެންޓް 0