ޔޫހާއަށް ބުނާނެއެއްޗެއް ނޭގިފައި އިރުކޮޅަކު ހުރެވުނެވެ. ދެންވެސް ވާހަކަދެއްކީ ޒައުލްއެވެ. އޭނަގެ އަންބަކަށް ވާއިރު އޭނަގެ ގަދަރާ އޭނަގެ އާއިލާގެ ގަދަރު ހިފެހެއްޓުމަކީވެސް މުހިއްމު ކަމެއްގެ ގޮތުގައި އޭނަ ފާހަގަ ކުރިއެވެ. ޔޫހާގެ ވަޒީފާ ދޫކޮއްލަން ޖެހެނީ އެހެންވެ ކަމުގައި އޭނަ ވިސްނާދެމުންދިޔ ައެވެ.
"ޔޫހާ ބޭނުންވަނީ މަސައްކަތެއް ކުރަންކަމަށް ވަނީނަމަ އަހަރެން ޔޫހާ ކުރާހިތްވާ ކަހަލަ މަސައްކަތެއް ފަށަން އެހީވެދީފާނަން، އެކަމަކު މިވަގުތުން ފެށިގެން އަހަންނަށް މިކަން ކޮށްދީ، އަހަރެންގެ އާއިލާ އާއި ޔޫހާ ބައްދަލުވާއިރު އަހަރެން ބޭނުމެއްނޫން ޔޫހާއަކީ އަހަރެންގެ މުވައްޒަފެއްގެ ގޮތުގައި ހުންނާކަށް...ކައިވެންޏަށްފަހު އަހަރެން ޔޫހާގެ އަމިއްލަ ވިޔަފާރިއެއް ފަށައިދޭނަން، އެގޮތް އެންމެ ރަނގަޅެއްނު، ޔޫހާ... ޕްލީޒް ސޭ ޔެސް" ދެކޮޅަށް ހިނގަމުން ޒައުލް ފޯނުން ޔޫހާއަށް ބުނެލިއެވެ.
"އަހަރެން ވިސްނާލަން ބޭނުން، އަހަރެންގެ މިވަޒީފާ ގެއްލި، ޒައުލް ބޭނުންވާގޮތަށް ކަންތައްތައް ނުވެއްޖެނަމަ ނިކަމެތިވާނީ ހަމ ައަހަންނާ އަހަރެންގެ ދަރިފުޅު" ޔޫހާ ޒައުލްއަށް އިތުބާރުކުރަން ޖެހިލުންވެ ހުރެ ބުނަމުންދިޔަ އެވެ.
"އޯ ކަމޯން ޔޫހާ...އަހަރެން ލަނޑެއް ދޭންތަ މިއުޅެނީ، ދެން މައްސަލައެއްނެތް، ޔޫހާ އަހަރެންގެ މި އެދުމާމެދު ވިސްނާލާ، އަހަރެން ޔަގީންކަން މިދެނީ އަހަރެން ޔޫހާ ނޫން އެހެންމީހަކާ ނީންނާނަންކަން، ބޭނުންވަނީ ވަރަށް އަވަހަށް ކައިވެނި ކުރަން އެކަމަކު...އެނީވޭސް، އަހަރެން ފަހުން ގުޅާނަން، އާން އަދި އެއްކަންތަ، ކިޔާން އަހަރެންގެ ކައިރިން އެދުނު އޭނަ ނިދާގަޑީގަ ގުޅުމަށް އެކަމަކު އެވަގުތު އަހަންނަށް ގުޅޭ ގޮތެއްނުވި އެކަން އޭނައަށް ބުނެދިނިއްޔާ ވަރަށް ރަނގަޅު..." ޒައުލް ބުނެލިއެވެ. އެއާއިއެކު ޔޫހާވެސް އިތުރު ވާހަކައެއް ނުދައްކާ ހޫން ލައްވާލި އެވެ. ދެންވެސް އެދެމެދަށް ވެރިވެގެންދިޔައީ ހިމޭންކަމުގެ ވަގުތުކޮޅެކެވެ. ދެމީހުންގެ ނޭވާގެ އަޑު ފޯނުން އިވެމުންދިޔަ އެވެ. އެންމެފަހުން ޔޫހާ ފޯނު ބާއްވާލިޔަސް އެންމެ ރަނގަޅުތޯ އަހާލި އެވެ. ދެމީހުންވެސް ހީކުރީ އެކަކު އަނެކަކުއަނެކަކުދެކެ ހިތްހަމަނުޖެހުނީކަމުގަ އެވެ.
ޔޫހާގެ ފޯނުކޯލު މެދުކެނޑުމަށްފަހު ޒައުލް ފޯނަށް ބަލަހައްޓައިގެން ހުރެ އޭނަގެ ބޮލުގެ އިސްތަށިގަނޑުގައި އަތްހާކާލި އެވެ. ފުން ނޭވާއެއް ލަމުން ޓެރެސްގައި ހުރި ބޮޑު ސޯފާގައި ގޮސް އުއްޑުން އޮށޯވެލަމުން ނިތުގައި އަތްބާއްވާލީ ފުން ހިޔާލުތަކެއްގެ ތެރެއަށް ގެބިގެންދާން ބޭނުންވެފައިވާ ފަދައަކުންނެވެ.

ޖެހިގެން އައިދުވަހެވެ. ހެނދުނުގެ ނާސްތާއަށްފަހު ޒައުލް ޝާއިންއަށް ގުޅިއެވެ. ގާޑަންވިއުގެ ކަންތައްތައް ކުރިއަށް ގެންދިއުމުގެ ހުރިހާ އިރުޝާދެއް ޒައުލް ޝާއިންއަށް ފޯނުން ބުނެދެމުންދިޔަ އެވެ. އަދި އޭނަގެ އޮފީހަށް ނުކުންނާނީ ހަފްތާއެއްވަރު ފަހުންކަމުގައި ބުނެ އެދުވަސްތަކުގެ ޒިންމާ ޝާއިން އާއި ހަވާލުކުރީ އެވެ. އޭގެ އިތުރުން ހުޅުމާލޭގައި އަޅާނިމި އާމުންނަށް ހުޅުވާލުމަށް ހަމަޖެހިފައިވާ ލަގްޒަރީ ހޮޓެލް އާއިމެދު ޒައުލް އޭނަގެ ބައްޕަ އާއި މަޝްވަރާ ކުރިއެވެ. ލާއިގާއަށް މަންސޫރު މިޚަބަރު ދިނުމާއިއެކު އޭނަ ލޫލުއާގެ ކައިވެންޏާ ދިމާކޮށް އެތަން ހުޅުވަން އެއްބަސްވި އެވެ. އެއްމަހެއްގެ ތެރޭ ދެ އީދު އަންނަން އުޅޭފަދަ އެވެ. ހެނދުނުގެ ގިނަވަގުތު ހޭދަވެގެން ދިޔައީ ޒައުލް ފޯނުގ ައެވެ. ކަންތައްތައް ރޭވުމުގަ އާއި މުހިއްމު އެތަށް ކަމެއް ނިންމުމުގަ އެވެ.

ރޭގެ ނިދި ރަނގަޅަށް ނުލިބިހުރި ޔޫހާގެ ސިކުނޑީގައި އަދިވެސް ވަނީ ޒައުލްއެވެ. އޭނަ ޔޫހާގެ ކައިރީ ދެއްކި ވާހަކަތަކެވެ. ލޯބި ހުރިހާ ކަމެއްގެ މައްޗަށް ގަދަވެދާނެއޭ ޔޫހާ ހީނުކުރި ކަމުގައިވިޔަސް ކަންވަމުންދިޔައީ އެހެންނެވެ. މެންދުރު ކެއްކުމަށްފަހު ފެންވަރަން ވަތް ޔޫހާގެ ހިތް މަޑުމަޑުން ޒައުލްގެ އެދުން ގަބޫލު ކުރުމަށް އޭނަގެ ޒަމީރަށް ގޮވާލަމުންދިޔަ އެވެ. އަދި ސިކުނޑީގައި ޒައުލްގެ ލޯބީގެ ކުލަތައް ޖައްސާ ތުންފަތަށް ހިނިތުންވުން ވެރިކުރުވާފަދަ އިޙްސާސްތައް އެހިތް އިޙްސާސްކޮއްދެމުންދިޔަ އެވެ. ޒައުލްގެ ލޯބި ލިބުމާއިއެކު ކިޔާންއަކީ އޭނަގެ ދަރިއެއްކަން ގަބޫލުކުރުމަކީ ޔޫހާއަށް ލިބޭނެ އެންމެ ބޮޑު އުފަލެވެ. އޭނައަށްވެސް ޒައުލް ވިސްނާދޭން އުޅުނީ ކޮންކަމެއްކަން މިހާރު އެނގިއްޖެ އެވެ. ޒައުލްއަށްޓަކައި އޭނަ މީގެކުރިންވެސް އެތަށްކަމެއް ކޮއްފައިވާނެއެވެ. ނުކުރަންވީ ކަންތައްތައްވެސް އެލޯބީގެ ޖަޒުބާތުގައި ޖެހިވަނީ ކުރެވިފައެވެ.
ފާހާނާގެ ދޮރުފަތުގައި ތަޅަމުން ކިޔާން ޔޫހާއަށް ގޮވާލި އަޑާއިއެކު ފެންމާގަޑު ދަށުގައި ބޮލުގެ އިސްތަށިގަނޑުގައި ފިރުމަމުން ހިޔާލުތަކަށް ގެއްލިފައިހުރި ޔޫހާ ސިހުނެވެ. އަދި އަވަސްވެގަތީ ދޫކޮއްފައި ހުރި ފެންމާގަނޑު ބާރުކޮއްލުމަށްފަހު ކިޔާންއަށް ޖަވާބެއް ދޭށެވެ.
"ކިހިނެއްވީ... މަންމި މިނުކުންނަނީ ފެންވަރާލައިގެން، ރީތިކޮށް އިނދެބަލަ ފޮތުގަ ކުލަޖައްސަން" ޔޫހާ ބޯ އަރިކޮއްލަމުން ތަންކޮޅެއް ބާރަށް ބުނެލި އެވެ. އެހެންނަމަވެސް ކިޔާންގެ ފަރާތުން އެއްވެސް ޖަވާބެއް ނައިތަނުގަ އޭނަ ކޮޓަރިތެރެއިން މީހަކާ ވާހަކަ ދައްކާ އަޑުއިވުނެވެ. ދެންވެސް ޔޫހާ ތަންކޮޅެއް ބާރަށް ކާކުތޯ އެ ކޮޓަރީގައި ހުރީ ސުވާލުކުރި އެވެ. ކޮޓަރިތެރެ ހިމޭންވުމުން ޔޫހާ ކަންބޮޑުވާގޮތްވި އެވެ. އަފްލީންވެސް ގެއަކުނެތެވެ. ހަނދާންނެތި ސިޓިން ރޫމު ދޮރުވެސް ހުރީ ތަޅުނުލައެވެ. އަވަސްކޮއްލައިގެން ޔޫހާ ފާހާނާއިން ނުކުތެވެ. ކޮޓަރިތެރޭގައި ކިޔާންނެތުމުން ދުވެފައި ސިޓިން ރޫމަށް ނުކުމެވުނު ތަނާހެން ޔޫހާއަށް ހީވީ ކުއްލިއަކަށް އޭނަގެ ދެފައި ހުރިތަނަށް ގަނޑުވިހެންނެވެ.
"ޔޫހާ..." ޒައުލް ކޮޓަރިން ނުކުތް ޔޫހާއަށް ބަލާލަމުން މަޑުމައިތިރި އަޑަކުން ގޮވާލިއެވެ. އޭރު އޭނަގެ އުނގަށްވަދެ ކިޔާންހުއްޓެވެ.
"މަންމީ ޑެޑީ ފޯނުގަ ބައިވަރު ގޭމްސް ހުރޭ، ކޮއްކޮވެސް މިކަހަލަ ފޯނެއް ބޭނުން" ޒައުލްގެ ފޯނާ ކުޅެންހުރި ކިޔާން ޔޫހާއަށް ބުނެލި އެވެ.
ކިޔާން ބުނިއެއްޗެއް އެދެމީހުންކުރެ އެކަކަށްވެސް އިވުނުހެނެއް ހިއެއްނުވެއެވެ. ދެމީހުންގެ ސަމާލުކަންވަނީ އެކަކު އަނެކަކަށް ހުއްޓިފައެވެ. ޔޫހާގެ ތެމިފައިވާ ބުޅި އިސްތަށިގަނޑާއި އުނުގައި އޮޅާލެވިފައި އޮތް ތުވާލީގެ ސަބަބުން ފައިގެ ކަކުލުން ތިރި ހާމަވެފައިވާތީ އާއިއެކު މި މަންޒަރުތަކުން ޒައުލްގެ ހިތުގެ ހިނގުން އަވަސް ކުރުވިއެވެ. މަޑުމަޑުން އިސްޖެހެމުން ގޮސް ޔޫހާގެ މޫނު އެއްކޮށް އިސްޖަހާލުމާއިއެކު ކޮޓަރިތެރެއަށް ދެމިގަތެވެ. އެހިނދު ސޯފާގައި އިން ޒައުލްއަށް އޭނަގެ އުނގަށްވަދެހުރި ކިޔާން ދުރުކޮށްލުމާއިއެކު ތެދުވެވިއްޖެ އެވެ. އަދި ޔޫހާގެ ކޮޓަރިތެރެއަށް ވަނުމަށް އޭނަގެ ދެފައި ކުރިއަށް ފިޔަވަޅަކަށްފަހު ފިޔަވަޅެއް އަޅަމުންދިޔައީ އެކަމުގައި އޭނަގެ އެއްވެސް ބާރެއް ނެއްފަދަ ގޮތަކަށެވެ. ކޮޓަރީގެ ދޮރުގައި ޒައުލްގެ އަތްތިލަ ޖެހުމާއިއެކު ދޮރުފަތް ފަހަތަށް ދިޔައީ އެއްކޮށް ނުލައްޕާ ހުރުމުންނެވެ. އެވަގުތު ރީތިވާ މޭޒުކައިރީ ދޮރަށް ފުރަގަސް ދީގެން ހުރި ޔޫހާ ފެނުނެވެ. ޒައުލް މަޑުމަޑުން އައިސް ޔޫހާގެ ތެމިފައިވާ އިސްތަށިގަނޑުގައި އަތްތިލިއެވެ. ޔޫހާއަށް ކުއްލި ސިހުމަކާއިއެކު ދުރަށް ޖެހެންއުޅުނު ވަގުތު ޒައުލް ޔޫހާގެ ދެކޮނޑުގައި ހިފާގެނެސް އޭނަގެ މޭގައި ތަތްކޮއްލިއެވެ. އަދި އޭނަގެ މޫނު ތިރިކޮއްލުމާއިކު ޔޫހާގެ ކޯތާފަތުގައި ޖައްސާލަމުން ދެލޯ މަރާލި އެވެ. ޔޫހާގެ ހިތްވެސް ބާރަށް ތެޅެމުންދިޔައީ ޒައުލްގެ ހަރަކާތްތައް ހުރ ިގޮތުންނެވެ. އެބާރުގަދަ ދެއަތުގެ ތެރޭ އޭނަ ހައްޔަރުވެފައިވާ ކަހަލައެވެ. ޒައުލް މަޑުމަޑުން ޔޫހާގެ ކަނދުރާގައި ބޮސްދިނެވެ.
"ޒައުލް..." ޔޫހާއަށް ބުނެލެވުނެވެ.
"އަހަރެން ޔޫހާ ބޭނުން..." ޒައުލް އެވަގުތު އެހެން ބުނެލީ ކޮންމާނައެއްގައި ކަމެއް ޔޫހާއަކަށް ނޭގުނެވެ. އެއްވެސް އެއްޗެއް ނުބުނެ ޔޫހާ ހުރީ އެހެންވެއެވެ.
"ޔޫހާ އަހަންނަށް ބޭނުމެއްނުވޭތަ...އަހަރެންގެ މީހަކަށްވާކަށް ބޭނުމެއްނޫންތަ..." ޒައުލް އަނެއްކާވެސް ވާހަކަ ދެއްކިއެވެ. އެ އަޑުގައިވާ މަސްތުކަމީ ޔޫހާގެ ހަމަވިސްނުން މޮޔަކޮށްލާފަދަ ބާރެކެވެ. ޔޫހާ ދުރަށް ޖެހިލަން މަސައްކަތް ކުރާވަރަކަށް ޒައުލް ދިޔައީ އޭނަ އާއި ޔޫހާ ގާތް ކުރަމުންނެވެ.
"ޕްލީޒް..." ޔޫހާއަށް ވައިއަޑަކުން ބުނެލެވުނެވެ. އޭނަގެ އަޑުވެސް ރަނގަޅަށް ނުނިކުތީ އެވެ. ހިލަމެއްނުވެ ޒައުލް ހުރުމަށްފަހު ޔޫހާ އާއި ދުރަށް ޖެހިލާފައި އޭނަގެ ކުރިމައްޗަށް ހުއްޓި ޔޫހާގެ އުނަގަނޑުގައި ހިފާލިއެވެ. ޔޫހާއަށް ޒައުލްއަށް ބަލާލެވުނެއްކަމަކު އެފުންދެލޮލާއި ނަޒަރުވަކިކޮއްލީ ވަރަށްވެސް އަވަހަށެވެ. ދެވަނަ ފަހަރަށް އެއަތުގެތެރެއަށް ލުއިލުއި ސިލްކުފަދައިން ސޮހިގެންދާން ޔޫހާ ބޭނުންނުވަނީއެވެ. ހިތްނޭދެނީކީ ނޫނެވެ. ޒައުލްގެ ދެލޮލުންވެސް ޔޫހާގެ ހަށިގަނޑުގައި ބޮސްދޭފަދައެވެ. އެހާމެ އަސަރުގަދަ ޖާޒުބީ ބެލުމެކެވެ. އެޒުވާން ރީތި ސޫރައާއި އެބާރުގަދަ ދެއަތުގެތެރެއަށް ގެއްލިދާން ކޮންމެ އަންހެނަކުވެސް ބޭނުންވާނެކަންގައިމެވެ. ޔޫހާގެ ހަށިގަނޑުގައިވެސް އިޙްސާސްތަކެއް ދައުރުވަމުންދެއެވެ. އަވަސްގޮތެއްގައި އެ އިޙްސާސްތަކުގެ މައްޗަށް ބާރުނުފޯރުވައިފިނަމަ އޭނަގެ ސިކުނޑިއަށް އޮޅުވާލާ ދެވަނަ ފަހަރަށްވެސް އެކަމަކަށް އަރައިގަނެވިދާނެއެވެ. ޔޫހާގެ ކޯތާފަތުގައި ދެއަތުން ހިފާލި ޒައުލްގެ އަތް ދުރުކޮއްލުމަށް ޔޫހާ އުޅުނެވެ. އެހެންނަމަވެސް ޒައުލް އެމޫނު އުފުލާލާ އޭނަ އާއި އެރީތިދެލޮލާ ހަތަރުކަޅި ބައްދަލުކުރުވިއެވެ.
"ޔޫހާ އަހަރެންދެކެ ލޯބިވޭތަ..." ޒައުލް އަހާލިއެވެ. އެސުވާލަށް އިސްޖަހާލަން ބޭނުންވިކަމުގައި ވިޔަސް އެކަމެއްނުވިއެވެ. ޒައުލް އޭނަގެ ލޮލާ ޔޫހާގެ ލޯ ވަކިކޮއްލާކަށް ބޭނުމެއްނޫނެވެ.
"އަހަރެން...އަހަރެން ގަބޫލު...ޒައުލް ބޭނުންވަނީ...ވަޒީފާއަށް ނުދާންކަމުގަ ވަނީނަމަ އަހަރެން އެކަމާ ގަބޫލު، ޕްލީޒް އަހަރެން ދޫކޮށްލާ، ކިޔާން އަތުވެދާނެ...ކައިވެނީގެ ބޭރުން އަހަރެން އެއްވެސް ގުޅުމެއް ހިންގާކަށް ބޭނުމެއްނޫން... ޕްލީޒް" ޒައުލްގެ މޫނު ޔޫހާގެ މޫނާ ގާތްކޮށްލި ހިނދު ޔޫހާ ވާހަަކަދައްކަންފެށި އެވެ.
"ސީރިއަސްކޮއްތަ، ނޫނީ އަހަރެން ޔޫހާ ދޫކޮއްލާތޯތަ ތިހެން ތިބުނީ" ޒައުލްއަށް ޔަގީންކުރަން އުނދަގޫވ ިއެވެ.
"އަހަރެން ވަރަށް ވިސްނާފަ މިހެން މިބުނީ، ރޭގަ ޒައުލް އަހަންނަށް ބުނެދެން އުޅުނީ ކީކޭކަން އަހަންނަށް އެނގޭ، ކައިވެނި ކުރެވެނޭކަން ޔަގީން ނުވިޔަސް އަހަރެން ޒައުލްއަށް ދެވަނަ ފުރުޞަތެއް މިދެނީ... ފުރިހަމައަށް އިތުބާރު ކުރަމޭ ނުބުނާނަން، އެކަމަކު އަހަރެން ޒައުލްއަށް އިތުބާރު ނުކުރާނަމެކޭވެސް ނުބުނާނަން، އުއްމީދުކުރަން ތިންވަނަ ފުރުޞަތަކަށް އަހަރެންގެ ކައިރިން ނާހާނެ ކަމަށް" އަދިވެސް ޒައުލް ޔޫހާގެ ކޯތާފަތުގައި ދެއަތުން ހިފަހައްޓާލައިގެން ހުއްޓެވެ. ޔޫހާގެ ވާހަކަތަކަށް ޚާއްޞަ ސަމާލުކަމެއް ދީގެންނެވެ.
"އިރާދަކުރެއްވިއްޔާ ތިންވަނަ ފުރުޞަތަކަށް އެދޭފަދަ ދުވަހެއް ނާންނާނެ، އޭގެ ކުރިން އަހަރެން ޔޫހާ އާއި ކައިވެނި ކުރާނަން... ޔޫހާގެ އިތުބާރު ގެއްލޭފަދަ ކަމެއް ދެން ދުވަހަކުވެސް ނުކުރާނަން" މިހެންބުނެ ޒައުލް ޔޫހާގެ ދެއަތްތިލާގައި ހިފާ އުފުލާލަމުން އ ެދެއަތްތިލާގައި ބޮސްދިނެވެ. އޭނަ އެވީ ވަޢުދަކީ އޭނަގެ އަމިއްލަ ނަފްޞަށްވެސް ވީވައުދެއްމެއެވެ. އަދި ޔޫހާ ތައްޔާރުވުމަށް ވަގުތުދެމުން ކޮޓަރިން ބޭރަށް ނުކުންނަން ހިނގައިގަތެވެ. ޔޫހާ އަވަސް ފިޔަވަޅުގައި އަލަމާރި ކައިރިއަށް ޖެހިލިއެވެ. 
ކޮޓަރިން ނުކުތް ޒައުލް ކިޔާންއަށް ފެނުމާއިއެކު މާޔޫސްވެގެންދިޔައެވެ. ކިޔާންއަށްވީ ކިހިނެއްކަން އޮޅުން ފިލުވަން ސޯފާގައި އިށިންނަމުން އޭނަ ސުވާލުކުރިއެވެ.
"ޑެޑީގެ ފޯނު ހަލާކުވީ، ކޮއްކޮ ގަސްދުގައެއް ނޫން ިެނގޭ ޑެޑީ... ސޮރީ ޑެޑީ" ތުންފިއްތާލަމުން ދެރަފައިހުރެ ކިޔާން ދެއަތުން ޒައުލްއަށް ފޯނު ދިއްކޮލިއެވެ. ޒައުލް ފޯނަށް ބަލާލިއިރު ފޯނު އޮތީ ނިވިފައެވެ. ކިޔާންއަށް ފޯނު ހުޅުވަން ނޭގުނީ އެވެ. ހިނިއައިސްފައި ޒައުލް ކިޔާންގެ އިސްތަށިގަނޑާ ކުޅެލަމުން ގެނެސް ބައްދާލިއެވެ.
"މަންމި ރުޅި އަންނާނެ ޑެޑީ ފޯނު ކޮއްކޮއަތުން ހަލާކުވީމަ" ކިޔާން ކަންބޮޑުވެފައިވާ ގޮތަކަށް ބުނެލިއެވެ.
"ޑެޑީގެ ފޯނު ހަލާކެއް ނުވެއޭ، ބަލާ ނިކަން މިއޮށް ހުޅުވެނީނު" ގުދުވެލައިގެން އިން ޒައުލް އޭނަގެ އުނގުތެރޭހުރި ކިޔާންއަށް ހުޅުވާލި ފޯނު ދައްކާލިއެވެ. ފޯނުގެ ސްކްރީން ދިއްލިގެން ދިއުމާއިއެކު ކިޔާން އުފަލުން ހީލާފައި ޒައުލްގެ ކަނދުރާގައި ދެއަތުން ބައްދާލި އެވެ.

ކޮމެންޓް 0