"އިތުރަށް އަހަރެން ކައިރީ ޒައުލް ބުނާނެ އެއްޗެއް ނޯންނާނެ..." ޔޫހާ ހުއްޓެމުން ކާރުގައި އިން ޒައުލްއާއި ދިމާލަށް އެނބުރި ބުނެލިއެވެ.
"އަހަރެން މިބުނީނު ވާހަކައެއް ދައްކަންވެގެންނޭ، ކާރަށް އަރާބަލަ، އަހަރެން ނޫޅެން ޔޫހާއަށް ގޮތެއް ހަދާކަށް" ޒައުލް ވެސް ކާރު މަޑުކޮއްލަމުން ދޮރުފަތުގައި އަތްއަޅުވާލާފައި ބުނެލި އެވެ.
"އަހަރެން މިހިރީ މަޑުކޮއްގެން، ޒައުލް ތިބުނަން އުޅޭ އެއްޗެއް ބުނެބަލަ؟" ޔޫހާ ބުނެލި އެވެ.
"އަހަރެންގެ މައްސަލައެއްނެއް، މިގޮތޮށް ކާރުގައި އިނދެފާނަން ކިތަންމެ އިރެއްވަންދެން ވެސް، އެކަމަކު ޔޫހާއަށް ހުރެވޭނެތަ އަހަރެން ދައްކާ ވާހަކަ ނިމެންދެން އަޑުއަހަން، ގެއަށް ދާކަށް ލަހެއްނުވޭތަ؟ ގޭމީހުން ޔޫހާ ނައިސްގެން ލަސްވެގެން ނޫޅޭނެތަ؟" ޒައުލް ޔޫހާއަށް ބަލަންއިނދެ ބުނެލިއެވެ. ޔޫހާއަށް ވިސްނާލަން ޖެހުނީ ދެނެވެ. ޝާއިން ކުރިންވެސް އޭނަ ލަސްވުމުން ވަރަށް ގިނަ ސުވާލުތައް ކުރިއެވެ. އޭނަ ބަލާ އައުމަށް ޝާއިންއަށް މަނާކުރުމަށްފަހު ލަހުން ގެއަށް ދިއުމުން ކުރާ ސުވާލުތައް މާގިނަވާނެ އެވެ. ޒައުލް އޭނައަށް ޖެއްސުން ކުރުމުގެ ގޮތުން ވެސް ގެއަށް ދިޔަނުދީ ހިފަހައްޓަފާނެ އެވެ. ހުރިހާ ކަމަކާ ކުރިމަތިލާން ޖެހޭނީ އޭނައަށެވެ.
"އަދިވެސް ވިސްނަނީތަ؟ އަހަންނާއިއެކު ކާރުގަ ދިއުމުން ޔޫހާއަށް އަވަހަށް ގެއަށްވެސް ދެވުނީ އަދި އަހަރެން ދައްކަންމިއުޅޭ ވާހަކަ ވެސް ދެއްކުނީނު" ޒައުލް ފުއްޓަތްކެއް ޖަހާލަމުން ޔޫހާއަށް ބުނެލިއެވެ. ޔޫހާ ޒައުލްއަށް ބަލާލުމެއްނެތި ގޮސް ކާރަށް އެރިއެވެ. މިތަން ބަލަންއިން ޒައުލްގެ ތުންފަތަށް ހިނިތުންވުމެއް ވެރިވެގެންދިޔައެވެ. އެހެންނަމަވެސް އެކަން އޭނަ ފޮރުވަން މަސައްކަތް ކުރަމުން ކާރު ދުއްވާލައިފިއެވެ. ވަކި ހިސާބަކަށް ދުއްވާލުމާއިއެކު ޓްރެފިކް ލައިޓުން ރަތް ސިގްނަލް ދިނުމުން ކާރު މަޑުކޮއްލިއެވެ. ޔޫހާ ކާރަށް އަރާ މޫނު ޒައުލްއާއި ދުރަށް އަނބުރާލިގޮތަށް އިނީއެވެ. ދެމީހުންކުރެ އެކަކުވެސް އެއްޗެއް ބުނާކަށް ނޫޅެއެވެ. ދޭތެރެއަކުން ޒައުލްއަށް ޔޫހާއަށް ބަލާލެވެއެވެ. ފެހި ސިގުނަލާއިއެކު އަނެއްކާވެސް ކާރު ހެޔޮވަރު ދުވެއްޔެއްގައި ދުއްވަމުންދިޔައެވެ. ކުރިމަތީ އޮތްމަގަށް ޒައުލްގެ ނަޒަރު ހުއްޓިފައިވިއެއްކަމަކު އޭނަގެ ލޯ ކުރިމަތިން ސިފަވަމުން ދިޔައީ އޭނަ ނޫން އެހެން މީހަކަށް ނުފެންނާނޭ ފަދަ މަންޒަރު ތަކެކެވެ. އެހެނީ އެއީ ހިޔާލީ މަންޒަރުތަކަކަށް ވީކަމެވެ. މިހާތަނަށް އެއީ ކުރެވުނު ކުށެއްކަމުގައި ދެކެމުން އައި ޒައުލްގެ ހިޔާލު ބަދަލުވީ ކީއްވެކަމެއް ނޭގެއެވެ. އޭނަގެ ލޯ ކުރިމަތީ ސިފަވަމުންދިޔައީ އެރޭގެ އެކި މަންޒަރުތަކެވެ. މޫދަށް ވެއްޓެމުން އައި ޔޫހާއެވެ. ވަގުތުން ގެނެސް އޭނަގެ އަތުގެތެރެއަށް ޔޫހާ ލީމަންޒަރެވެ. ގުދަށްއޮވެ އޭނަގެ ބުޅި އިސްތަށިގަނޑުން ފެންތަށް ފޮޅަމުން ދިޔަ ހިތްގައިމު ގޮތެވެ. ޒައުލްއަށް އޭނަގެ ދަތްދޮޅީގައި ހާކާލެވުނު އަތުގައި ދަތް އަޅާލެވުނެވެ. އޭނައަށް ޔޫހާގެ މަތިން ހަނދާންނައްތާ ލެވޭނީ ކިހިނެއްހެއްޔެވެ. އެރެއަށްފަހު އޭނަގެ ދިރިއުޅުމަށް އައި ކޮންމެ އަންހެން ކުއްޖަކާ ޔޫހާއާ އަޅާކިޔުނެވެ. ޔޫހާ އާއި އެއް ދަރަޖައެއްގައި ގުނާލެވޭ އެންމެ އަންހެން ކުއްޖެއްވެސް އޭނައަކަށް ދިމައެއް ނުވިއެވެ. ނޫނީ އޭނަގެ ހިތާހަމައަށް އެއިން އެކަކަށްވެސް ވާސިލްނުވެވުނީ އެވެ. އޭނަގެ ހިތާ ސިކުނޑި އޭނަގެ ޒަމީރު ކައިރީ ބުނެލިފަދައެވެ. އޭނަގެ ހިތްމިލްކުވެގެންވަނީ ހަމައެކަނި ޔޫހާއަށް ކަމެވެ.

"ޔޫހާ..." ޒައުލް ޔޫހާގެ ނަންކިޔާލިއެވެ. އެވަގުތު ޔޫހާވެސް ޒައުލްއަށް ބަލާލިއެވެ. ޔޫހާގެ މުޅި ހަށިގަނޑަށް ނޭގޭ ތުރުތުރެ އިޙްސާސް ކުރެވިގެން ދިޔައީ ޒައުލް ބަލަން އިންގޮތުންނެވެ. ޒައުލްގެ ކަނޑެއްފަދަ ފުން ދެލޮލުގައިވަނީ ކޮންކަހަލަ ވިދުމެއް ކަމެއް ނޭގެއެވެ. ނޫނީ އެއީ ދައްކާލި ދަޅައެއްކަމެއްވެސް ނޭގެއެވެ. ނަމަވެސް އެވިދުމުގެ ތެރޭން ޔޫހާގެ ހިތުގައި ޒައުލްއަށް ޓަކައިވި ލޯބި ތެޅިގަތެވެ. ކޮއްޓެގައި ބަންދުކޮއްފައިވާ އެއްޗެއް މިނިވަންވާން މަސައްކަތްކުރާފަދަ ގޮތަކަށެވެ.
"އެރޭ... އަސްލު... އަހަރެން..." ޒައުލް އަޅައިގަންނަމުން ވާހަކަދެއްކި އެވެ. ޒައުލްގެ އަތް މަޑުމަޑުން ގޮސް ޔޫހާގެ ކޯތާފަތުގައި ބީހިލިއެވެ. ބުނަން ބޭނުން ކިތަންމެ ވާހަކައެއް ހުއްޓެއްކަމަކު ދުލުން ހާމަ ކުރުން ޒައުލްފަދަ ފިރިހެނަކަށް ފަސޭހަ ކަމަކަށް ނުވިއެވެ. އޭނަގެ ކޮންމެ ދުވަހެއްގެ ތަސައްވުރުގައި ޔޫހާގެ ސޫރަވެއެވެ. އަދިވެސް އެ ދެލޯ ހޯދާ ސޫރައަކީ އެއީއެވެ. ނުރުހުންވެފައިވިޔަސް އިވުމަށް އެދޭ އަޑަކީ އެއީއެވެ. ޔޫހާގެ ހިތަށް ނޭގޭ ބިރުވެރިކަމެއް ވެރިވެގެންދިޔަ ހިނދު އޭނަގެ ކޯތާފަތުގައި ފިރުމަމުން ދިޔަ ޒައުލްގެ އަތް ފޮޅުވާލިއެވެ. އަދި މޫނުމަތިން ރުޅިވެރިކަން ދައްކާލަމުން ކުރިން އިންގޮތަށް ޒައުލް އާއި ދުރަށް މޫނު އަނބުރާލި އެވެ.
"އަނެއްކާވެސް އަހަންނަކީ ބަލިކަށި އަންހެނެކޭ ބުނަންތަ ތިހެން ތިއުޅެނީ، އެއީތަ މިކާރަށް އެރުވި ސަބަބަކީ، އެއްޗެއް ނުބުނެވި ގިނަދުވަސްވީ ދޯ، އަބަދު އަހަރެން ހުންނަން ޖެހެނީ ޒައުލްގެ ދަށުވެފަތަ، އެއީތަ ބޭނުންވާ ގޮތަކީ، ބާރު ހުރިކަން ދައްކަލާން ދޯ ބޭނުންވަނީ... އަހަރެން ގައިގަ ދެން އަތް ނުލާތި، އެހެންނޫނީ މިކާރު މަޑުކުރޭ" ޔޫހާ އަވަސް އަވަހަށް ނޭވާއަކަށްވެސް ނުހުއްޓި ބުނެލިއެވެ. ޒައުލް ކާރުގެ ހުންގާނު ބުރުގައި ދެއަތުން ހިފާބާރު ކޮއްލަމުން ދެ ލޯމަރާލި އެވެ. ޒައުލް އެއްޗެއް ނުބުނެ އިނުމުންވެސް ޔޫހާ އެއްޗެހި ކިޔުމެއް ހުއްޓައެއް ނުލިއެވެ. ލިބުނު ފުރުޞަތުގައި ހިތުގައިވި ހުރިހާ ރުޅިވެރިކަމެއް ބޭރުކޮއްލަނީ ކަންނޭގެއެވެ. ޝާއިންމެންގޭ ދޮރުމައްޗަށް ކާރު ހުއްޓާލުމުން ޔޫހާ އަވަސްވެގަތީ ފޭބުމަށެވެ. އެހެންނަމަވެސް ޒައުލް ކުޅަދާނަ ކަމާއިއެކު ޔޫހާގެ އަތުގައި ހިފާ މަޑުކުރުވިއެވެ.

"އަހަރެން ބޭނުން ޓެސްޓު ހަދަން" ޒައުލް ޔޫހާގެ އަތުގައި ހިފަހައްޓައިގެން އިނދެ ބުނެލިއެވެ.
"ކޮން ޓެސްޓެއް؟ ކީއްކުރަން" ޔޫހާ ހައިރާން ކަމާއިއެކު އަހާލެވުނެވެ.
"ކިޔާންގެ" ޒައުލް ޔޫހާއަށް ބަލަންއިނދެ ބުނެލިއެވެ.
"އެކީއްކުރަން، އަހަރެން ބޭނުމެއް ނޫން އެއްވެސް ޓެސްޓެއް ހަދާކަށް" ޔޫހާ ޒައުލްގެ އަތް ނައްޓާލަން މަސައްކަތް ކުރަމުން ބުނެލިއެވެ. އޭނައަށް ޒައުލްގެ ބޭނުން އެނގުނީއެވެ. އެހެންވެ ބޭނުންވީ އަވަހަށް ކާރުން ފައިބައިގެން ޒައުލް އާއި ދުރަށް ދިއުމަށެވެ.
"ޔޫހާ އެއްނު ބުނީ ކިޔާންއަކީ އަހަރެންގެ ދަރިއެކޭ، ކިޔާންގެ ޑީއެންއޭ ޓެސްޓެއް ހަދަން އަހަރެން ބޭނުން، އަހަރެންގެ ދަރިއަކު ހުރިނަމަ އެކަން އަހަންނަށްވެސް ޔަގީންވާން ޖެހޭނެއެއްނު" ޒައުލް އޭނަގެ ގޮތް ދައްކާލަމުން ބުނެލިއެވެ. ޔޫހާ ސިހިގެން ދިޔައީ ނުފެންނަ އަތަކުން އޭނަގެ ކަންފަތްމަތީ ޖެހިފަދަ އިޙްސާސްއެއް ވެގެން ދިއުމުންނެވެ. ޔޫހާގެ މޫނުމަތީގައިވި ރުޅިވެރިކަމަށްވުރެ މިހާރު ސިފަވަނީ އޭނަ ބިރުގެންފައި އިންހެނެވެ.
"ނޫޅެން، އެއްވެސް ޓެސްޓެއް ހަދާކަށް ބޭނުމެއްނޫން، ކިޔާން އެއީ ޒައުލްގެ ދަރިއެއްނޫން... އެއީ މަގޭ ދަރިއެއް، ހުރިހާ ބުރައެއް މިއަދާ ހަމަޔަށްވެސް މިއުފުލަނީ އަހަރެން... އެދަރިފުޅުގެ ބައްޕައެއް ނުވާކަމަށް މިދުނިޔެވެސް ވަނީ ހެކިވެފަ، އަހަރެންގެ އަތުން ދޫކޮއްލާ.... ދޫކޮއްލާށޭ... އަހަރެންގެ ދަރިފުޅާ ކައިރިވެސް ވެގެން ނުވާނެ، އެއީ ޒައުލްގެ ދަރިއެއްނޫން" ޔޫހާ ތެޅިގަތެވެ. ޒައުލްގެ އަތުގައި ހިފާ ދުރަށް ލާން މަސައްކަތް ކުރަމުން ކާރުގެ ދޮރުފަތް ވެސް ހުޅުވާލައިފި އެވެ. އޭނަގެ އަޑުވެސް ބާރުވިއެވެ. ޒައުލް ކުއްލިއަކަށް ޔޫހާގެ އަތުން ދޫކޮއްލީ އަޑުގަދަ ކުރަން ފަށާފާނެތީ އެވެ. ޔޫހާ އަވަސް އަވަހަށް ކާރުން ފައިބަން އުޅެން ހަދައިގެން ދޮރުފަތުގެ މަތީގައި ބޯޖެހި އިސްތަށިގަނޑުގައި ޖަހާފައިން ކުޑަކުޑަ ދަތި ކާރުގެ ތެރެއަށް ވެއްޓުނެވެ. އެނބުރިލާފަވެސް ޒައުލް ބަލަން އިނުމުން ކާރުގެ ދޮރު ބާރަށް ޖަހާފައި ދުވަމުން ކަހަލަ ގޮތަކަށް ގޭ ދޮރާށިން އެތެރެއަށް ޔޫހާ ވަނެވެ. ލުއި ހީލުމަކާއިއެކު ޒައުލް ދެފަރާތަށް ބޯ ހޫރުވާލިއެވެ. އެހިނދު ޔޫހާގެ އިސްތަށިގަނޑުން ވެއްޓުނު ދަތި އޭނައިން ސީޓުގެ މަތީގައި އޮއްވައި ފެނުނެވެ. ޒައުލް އެދަތިނަގާ މުށުގެތެރޭ ފޮރުވާލަމުން ކާރު ދުއްވާލިއެވެ. ދާނެ ވަކި ތަނެއް ނެތުމާއިއެކު ޒައުލްގެ މިސްރާބު ހުރީ އޭނަގެ ގެއާއި ދިމާލަށެވެ.

ގޭތެރެއަށް ވަތް ޔޫހާ އަވަސްވެގަތީ ކިޔާން ކޮބާތޯ ބެލުމަށެވެ. އަވަސްފިޔަވަޅުގައި ގޮސް އޭނަ ނިދާކޮޓަރީގެ ދޮރުހުޅުވާލިއެވެ. އޭރު އަފްލީން ކިޔަންގެންގުޅުނު ވާހަކަފޮތް މޫނުމަތީ ބާއްވާލައިގެން އޮތެވެ. އޭނަގެ ކައިރީ ކިޔާން ނިދާފައިއޮތެވެ. ހީވާގޮތުން އަފްލީންއަށްވެސް އޮތީ ނިދިފައެވެ. ފުންނޭވާއެއް ލުމަށްފަހު ކޮޓަރީގެ ދޮރު ކައިރިކޮއްލަމުން ކާކޮޓަރި އާއި ދިމާލަށް ޔޫހާ ދިޔައެވެ. ރޭގަނޑުގެ އެގަޑީގައި އެތަނުގައިވެސް ދިއްލާފައި ހުރި ބޮކިންވަނީ ފަޑުއަލި ކަމެކެވެ. އައިސް އަލަމާރިން ފެންފުޅިއަކާއި ތިރީ ކަނބަޑުސެޓު މަތީގައި ބަހައްޓާފައި ހުރިތަނުން ބިއްލޫރިތައްޓެއް ހިފައިގެން އައިސް ކާމޭޒުދޮށުގައި ޔޫހާ އިށީނެވެ. އޭނަގެ ސިކުނޑިވަނީ ހާސްވެފައެވެ. ކުއްލިއަކަށް ޒައުލް ކިޔާން އާއިމެދު އެފަދަ ޝައުގުވެރިކަމެއް އުފެދުނީ ކޮންއިރަކު ބާއޭ އޭނަގެ ހިތަށް އަރަމުންދިޔައެވެ. ޒައުލްގެ ހިތުގައި އެކުއްޖާ އާއިމެދު އެއްވެސް ރަޙުމެއް ނުވާނެކަން ޔޫހާ ޔަގީންކުރެއެވެ. ކިޔާންއަކީ ޒައުލްގެ ދަރިއެއްކަން ޔޫހާ ހާމަކުރުމުންވެސް އޭނަ ފަސްޖެހުނީ އެވެ. އޭގެ އެތަށް ދުވަހެއް ފަހުން އައިސް ކިޔާންއަކީ އޭނަގެ ދަރިއެއްކަން ޔަގީން ކުރަން ބޭނުންވެޔޭ ބުނުމުން ޔޫހާއަށް ހުރެވުނީ ޝޮކެއްގެ ތެރޭގައެވެ. ދުވަހަކުވެސް އޭނަ އެހެން ބުނެދާނެއޭ ހިތަށް ނޭރީއެވެ.
"މިވެސް އަނެއްކާ ޒައުލްގެ ނުބައި ކުޅިގަނޑެއްބާ، އޭނަ އަހަންނާއި ކުޅުނަސް އަހަރެންގެ ދަރިފުޅާ ކުޅުނަކަ ނުދޭނަން، އޭރުގަ އެހާ ފަސޭހައިން ދުރަށް ގޮއްސަ މިހާރު ފަހަތުން ނުނެއްޓިގެން ތިއުޅެނީ ކީއްވެތަ...." ޔޫހާ އަމިއްލައަށް ބުނެލެވުނެވެ.
"ހޫން ހޫން، އެކަނި އިނދެ ކާކާތަ ތިވާހަކަދައްކަނީ... އަނެއްކާ ރަނގަޅަށްތަ މިހިވީ، އެކަނިތަ ތީނީ، އަހަންނަށް ނުފެންނަ މީހަކު ނެއްދޯ ތިތަނުގަ" ޝާއިން ބުނެލިއެވެ. ކުއްލިއަކަށް ޝާއިންގެ އަޑުއިވުމުން ސިހިފައި ޔޫހާ އިސްއުފުލާ ބަލާލިއެވެ.
"ޝާއިން..." ޔޫހާއަށް ބުނެލެވުނެވެ.
"ކޮބާ، އެމީހާ ދިޔައީތަ؟" ސަމާސާ ރާގެއްގައި ޝާއިން އަހާލިއެވެ. އަދި ޔޫހާ މޭޒުމަތީ ބެހެއްޓި ފެންފުޅިން އޭގެ ކައިރީ ހުރި ބިއްލޫރުތައްޓަށް ފެންއެޅިއެވެ.
"ދެން ޝާއިންވެސް ދޯ، މިތާކު ނެތޭ އެހެން މީހެއް، އަހަރެން އެކަނި މިއިނީ" ޔޫހާ އެހެން ބުނެލަމުން ތެދުވިއެވެ.
"ދެންމެ ދޯ ތިއައީ، އަޑުއިވުނޭ ބޭރު ދޮރުތަޅުލިއަޑު... ކޮބާ މިހާރު ކައިފިންތަ" ޝާއިން ފެންތަށި ހިފައިގެން ހުރެ ބުނެލިއެވެ.
"މިރޭ ކާހިތެއްނެއް، ފެންފޮދެއް ބޯލަން މިއައީ" ޔޫހާ ބުނެލިއެވެ.
"އަފޫ ކޮޓަރިއަށް ވަނީތަ؟" ޝާއިން އަހާލިއެވެ.
"ނޫން، އެބައޮތް ކިޔާން ކައިރީ ވާހަކަފޮތް ހުޅުވާލާފައި މޫނުމަތީ ބާއްވައިގެން، މަށަށް ހީވަނީ އޭނައަށް އެއޮތީ ނިދިފަހެން، އަހަރެން ކޮޓަރި ދޮރުހުޅުވާލީމަވެސް ހިލަމެއްނުވި" ޔޫހާ ހަމަޖެހިލާފައި ހުރިގޮތް ދައްކަމުން ހިނިތުންވެލާފައި ބުނެލިއެވެ.
"ހެ ހެ ހެ ހެ، އެހެންތަ، ތިވާނީ ހަމަ ގަދަ ނިދީގަ އޮތީކަމަށް، ނިދަން ދޯ ތިދަނީ" ޔޫހާ ހިނގައިގަތުމުން ޝާއިން އަހާލިއެވެ. އެއާއިއެކު ޔޫހާ ހޫން ލައްވާލަމުން ބޯޖަހާލިއެވެ.
ޔޫހާ މަޑުމަޑުން އަފްލީންއަށް ގޮވާލުމުން ފުއްމައިގެން ތެދުވިއެވެ. އެވަގުތު މޫނު މަތީއޮތް އިނގިރޭސި ވާހަކަފޮތް ވެއްޓުނެވެ.
"އޯ...ޔޫހާ އައީތަ" އަފްލީންއަށް ބުނެލެވުނެވެ.
"ހޫމް އައިސް މިހިރީ، ވާހަކަ ކުޅެލާފަ ދޯ ތިތެދުވީ" ޔޫހާ ސަމާސާ ކޮއްލިއެވެ. އެއާއިއެކު އަފްލީންވެސް ހީލި އަޑުއިވުނެވެ. އަދި ޓައިލްސްތަކުގެ މަތިން ޔޫހާ ނެގި ވާހަކަ ފޮތް ހިފައިގެން އަފްލީން ހިނގައިގަތީ އެކޮޓަރިން ނުކުތުމަށެވެ.
ހޫނު ރެއަކަށްވީތީ ޔޫހާ ފެންވަރާލައިގެން ނުކުމެ އެނދުގައި އޮށޯވެލީ ވެފަހުރި ވަރުބައްޔާއިއެކު ނިދިދާނޭ ހިތާއެވެ. އެހެނަސް އެލޮލުގެ ނިދިނަގާލީ ޒައުލްގެ ހިޔާލުތަކެވެ.
ނިތްކުރީގައި ބާއްވާލެވިފައި އޮތް އަތް ހިއްލާލަމުން ޒައުލް އެނދުން ތެދުވިއެވެ. ކޮޓަރިން ނުކުމެގެން ގޮސް ޓެރެސްއަށް އެރިއެވެ. އެތަނުގެ ހިޔާކޮއްފައިވާ ބައިގައި ހުރި ދިގު ސޯފައިގައި ހަށިގަނޑު ދަމާލަމުން އޮށޯތެވެ. ކޮންމެވެސް ވަރަކަށް ފެންނަން އޮތް އުޑާއިދިމާލަށް ނަޒަރު ހުއްޓާލައިގެން އޮތެވެ. އޭނަ ވިސްނަމުން ދިޔައީ ޔޫހާ ދެން ކަންތައް ކުރާނެ ގޮތަކާއިމެދުއެވެ.

ކޮމެންޓް 0