ޒައުލް ބުނި އެއްޗަކާއިމެދު ވިސްނާލަން ޔޫހާއަށް އިނދެވުނީއެވެ. ދެންވެސް ވާހަކަދެއްކީ ޒައުލްއެވެ. ވާހަކަދައްކަމުން މަޑުމަޑުން ޔޫހާގެ ކައިރިއަށް ޖެހެމުންދިޔައެވެ. އެކަން ޔޫހާއަށް ފާހަގަވިއެއްކަމަކު އެއްޗެއް ބުނަން ނުކެރުނު ތަނުގައި ޒައުލްއަށް ބަލާލަންވެސް އޭނަ ފަސްޖެހިފައި އިނެވެ. އެގޮތަށް އޭނައަށް ކެތްކުރެވުނީ ޒައުލްގެ ފައި އޭނަގެ ފައިގައި ޖެހެންދެންނެވެ. ޒައުލް އަތްހިއްލާލަމުން ޔޫހާގެ ކޮނޑާ ދިމާލުން އަޅުވާލަން އުޅެނިކޮށް ކުއްލިއަކަށް ޔޫހާ ތެދުވެއްޖެއެވެ.
"ޔޫހާ ކީއްވެތަ އަހަންނާ ތިހާ ދުރުދުރުން ތިއުޅެނީ، އަހަރެން ނޫޅެމޭ ޔޫހާއަށް ކަމެއް ކުރާކަށް... ހީވީ ބިރުން ފުއްމައިގެން ދިޔައިރު އަހަރެންމީ އަރާ ކާއެއްޗެއްހެން" ޒައުލްވެސް ކުއްލިއަކަށް އެއްލި އަތުން ޔޫހާގެ އަތުގެ ކުޑަހުޅުގައި ހިފުމާއިއެކު ބުނެލިއެވެ.
"އަހަރެން ބޭނުމެއްނޫން...." ޔޫހާ އަތްދަމައިގަންނަމުން މެޔާއި ދިމާލުން ދެއަތް ހުރަސްކޮއްލުމާއިއެކު ޒައުލްއަށް ފުރަގަސްދީފައި ބުނެލިއެވެ. އެއާއިއެކު ޒައުލްވެސް ގޮނޑިން ތެދުވެއްޖެއެވެ.
"އަހަރުމެން ކައިވެނި ކޮއްގެން ދެން އުޅޭނީ ކިހިނެއް... އެންމެ ކުޑަމިނުން އަހަރެން ޔޫހާގެ ކައިރީ އިށީނދެލައިގެންވެސް ނުވޭ... ޔޫހާގެ ގައިގަ އިނގިލި ކުރިޖައްސާލިއަސް މީހާ ބިރުން ތިދަނީ ސިހިސިހިގެން... ޔޫހާ..." ޒައުލް އޭނަ ބުނަމުންދިޔަ އެއްޗެއް ފުރިހަމަކުރަމުން ޔޫހާގެ ކޮނޑުގައި މަޑުމަޑުން އަތްޖައްސާލަން އުޅުފަވެސް އަތ ްދުރަށްލިއެވެ.
"އަހަރެން ގެއަށް ގެންގޮސްދޭންވީނު، މިހާރު ވަރަށް ލަސްވެއްޖެ" ޔޫހާ ބުނެލިއެވެ.
"ކިހިނެއްވީ އަހަރެން އެހެންބުނީމަ ހިތްހަމަނުޖެހުނީތަ، އެކަމަކު...ޔޫހާ، އަދި އެހާ ލަހެއްނުވެޔޭ...ޕާޓީއަށް އައިސް އެއްވެސް އެއްޗެއް ނުވެސް ކައި ތިހުރީ، ކޮންމެވެސް އެއްޗެއް ކައިލައިގެން ނޫންތަ ދާނީ" ޒައުލް ހުރީ ޔޫހާގެ ނިންމުމާއިމެދު ކުޑަކޮށް ހިތްހަމަނުޖެހިފައެވެ. ޔޫހާ ދެވަނަ ފަހަރަށްވެސް އެދުނީ އޭނަ ގެއަށް ގެންގޮސްދިނުމަށެވެ. ޒައުލް ޔޫހާއަށް މަޖުބޫރުކުރަން ބޭނުންނުވާތީ އޭނަ ބޭނުންވިގޮތަށް ގާޑަންވިއުއިން ނުކުމެ ގެއަށް ގެންގޮސް ދިނުމަށްޓަކައި ޔޫހާ ގޮވައިގެން ކާރާ ދިމާލަށް ދިޔައެވެ. ލައިގެން ހުރި ދިގު ހެދުމާއި އަރާފައި ހުރި އުސްފައިވާނާ އިސްތަށިގަނޑު ހަދާފައިވާގޮތުން އޭނައަށް އެކަންތައްތައްވީ ތަކުލީފަކަށެވެ. އަނެއްކޮޅުން ބަލާލާކޮންމެ ދިމާލަކުން ފެންނަނީ ޔޫހާ އާއި ރައްޓެހި މާހައުލެއް ނޫނެވެ. އެމީހުންގެ އާދަކާދަތައް ތަފާތުވެފައި އެމީހުންގެ ތެރޭ ޔޫހާއަކީ މުޅިން ތަފާތު ދުނިޔެއަކުން އައިސްފައިވާ މީހެއްފަދައެވެ. ކާރުގެ ކުރީ ސީޓުގައި ޒައުލް އާއި ޖެހިގެން ޔޫހާ އިންއިރު އޭނަގެ ނަޒަރު ހުއްޓިފައިވަނީ މަގުމައްޗަށެވެ.
"ޒައުލް އަހަރެން ލައްވާ ކުރުވަން މިއުޅެނީ ކޮންފަދަކަމެއް، މީ ދެއްކުންތެރިކަމެއްނޫންތަ؟ މިކަމުން އެއްވެސް ކަމެއް އެމީހުންނަކަށް ނޭގޭނެ، މީ ހަގީގަތެއްނޫން، އަހަރެންގެ ފެންވަރެއްވެސް ނޫން...ޒައުލް ކީއްވެތަ އަހަރެން އެހެންމީހަކަށް ހަދަން އެމަސައްކަތްކުރަނީ، އަހަރެން ބޭނުންގޮތަކަށް ދިރިއުޅުން ބައްޓަންކުރުމުގެ ފުރުޞަތެއްނެއްތަ، ޒައުލް އާއި ގުޅެން ބޭނުންނަމަ އަދާކުރަންޖެހޭ އަގަކީ އެއީތަ....އެހެންވިޔަސް ހެޔޮ، މީ އަދި މިކަންވާންވިގޮތެއްނޫން..." ކާރުގައި އިން ޔޫހާގެ ހިތަށްއަރަމުންދިޔައެވެ.

ކައިވެނި ޕާޓީ ނިމެންވާއިރަށް ޒައުލް އެނބުރި ގާޑަންވިއުއަށް އައެވެ. ހާޒިމް އާއި ލޫލުއާގެ ދެމަފިރިން ކައިވެނި ޕާޓީ ނިމުމާއިއެކު އެމީހުންގެ މަންޒިލެއްކަމުގައިވީ ހުޅުމާލޭގައި އަޅާފައި ހުރި ލަގްޒަރީ ހޮޓެލްގެ އެޕާޓްމެންޓެކެވެ. ހަނީމޫންގެ ދުވަސްތައް ހޭދަކޮއްލުމަށް ރާއްޖޭން ބޭރަށް ފުރަން ހަމަޖެހިފައިވާއިރު ފްލައިޓްގެ ގަޑި ހަމަޖެހުނީ ޖެހިގެން އޮތް ދުވަހުގެ ހެދުނަށެވެ. ދެއާއިލާގެ މެންބަރުންވެސް އަލަށް ކައިވެނި ކުރެވުނު ދެމަފިރިންނަށް މަރުޚަބާ ކިއުމާއި ވަދާއުގެ ސަލާމްކުރުމަށް ލޯންޗުއޮތް ދިމާލަށް ގޮސްތިއްބެވެ. ޒައުލް އާއި އީލާކް އެކުގައި ލޫލުއާ ހާޒިމްގެ އަތުގައި ހިފައިގެން ލޯންޗަށް އެރިމަންޒަރު ބަލަން ހުއްޓެވެ. ހުރިހާ ކަމަކަށްފަހު ގެއަށް އާދެވުނީ ވަރަށް ލަސްވިފަހުންނެވެ. ވެފަހުރި ވަރުބަލިން އެކަކަށްވެސް ޕާޓީގެ ތެރެއިން ޒައުލް އާއިއެކު ފެނުނު އަންހެނުން ކުއްޖާ އާއި ބެހެގޮތުން ސުވާލުކުރުމުގެ ޝައުގުވެރިކަމެއްނެތެވެ. އެކަން ފަސްކޮއްލާފައި ކޮންމެ މީހަކުވެސް ވަނީ އެމީހެއްގެ ކޮޓަރިއަށެވެ.

ނިތުގައި އަތްބާއްވާލައިގެން އެނދުގައި ޔޫހާ އޮތީ ފިކުރެއްގެ ތެރޭގައެވެ. ކައިރީގައި ދަރިފުޅު ކިޔާން ނިދާފައިއޮތެވެ. ޔޫހާގެ ލޮލުގައި ނިދީގެ އެއްވެސް އަސަރެއްނުވެއެވެ. އެހެންއޮއްވާ މީހަކު ކޮޓަރީގެ ދޮރުގައި ޓަކިޖަހާލި އަޑުއިވުނެވެ. ޔޫހާއަށް ޝާއިން ގެއަށް އައީކަން އެނގުނެވެ. އެނދުން ތެދުވެގެން ގޮސް ކޮޓަރީގެ ދޮރުހުޅުވާލަމުން ސިޓިން ރޫމަށް ނުކުތްއިރު ޝާއިން ކާކޮޓަރީ އާއި ދިމާލަށް ދަނީއެވެ.
"ޝާއިން...ޓަކި ޖަހާލީމަ ހީކުރި ކަމެއް ބޭނުންވީއޭ" ޔޫހާ ޝާއިން ހުރި ދިމާލަށް އެނބުރިލަމުން ބުނެލިއެވެ.
"ނޫނޭ އަނެއްހެން ކަމެއްނެތް، މިރޭ ޔޫހާ ރީތިކަމުން އަހަރެންވެސް ހުރީ އަޖައިބުވެފަ... ވަރަށް ތަފާތު ވަރަށް ރީތި، ކުއްލިއަކަށް ޒައުލް އާއި ދެމީހުން ގެއްލުނީ ކިހިނެއްވީ؟" ޝާއިން ޔޫހާ އާއި ވާހަކަދައްކަމުން ކާކޮޓަރީ އާއި ދިމާލަށް އަނެއްކާވެސް ހިނގައިގަތެވެ. އަދި އެތަނުގައި ހުރި އައިސް އަލަމާރިން ފެންފުޅިއެއް ނެގިއެވެ. އޭނަގެ ފަހަތުން އެތަނަށް ޔޫހާވެސް އައިއެވެ. އޭނަ ޝާއިންއަށް ޒައުލް ރާވާފައިވާ ރޭވުންތައް ކިޔާދޭންފެށި އެވެ. ޒައުލްގެ އާއިލާ އާއި ޔޫހާ އާއި ބައްދަލު ކުރާނޭގޮތުގެ ރޭވުންތަކެވެ. ނަމަވެސް އެކަންތައްތައް ޔޫހާއަށް ރަނގަޅުކަމަށް ނުފެންނަނީ އެވެ. އޭނަ ދެކޮޅު ހެދީ އެހުރިހާ ކަމަކީ އޮޅުވާލުމަކަށްވާނެތީ އެވެ. ކައިވެންޏާ ހަމައަށް އޮޅުވާލުމެއްގެ ތެރެއިން ދާން ބޭނުންނުވަނީ އެވެ.
"ޔޫހާ...މިތާ އިށީނދެ ނިކަން ހަމަޖެހިބަލަ، ތިކަމާ ދެބަސްވެގެންދޯ ޕާޓީ ދޫކޮށް ދެމީހުން ދިޔައީ... ޒައުލް އެބުނަނީ މުޅިއަކުން ދޮގެއްވެސް ނޫންކަންނޭގެ، އަހަންނަށް އެނގޭ ޔޫހާ ޒައުލްދެކެ ލޯބިވާވަރު، އަދި އަމުދުން ކިޔާންގެ ބައްޕައަށް ޒައުލްވެފަ އޭނަ އާއި ކައިވެނި ކުރަން ޔޫހާ ބޭނުންވާނެކަން، އެކަމަކު... ސެކްރިފައިސްއެއް ވާންވެސް ޖެހޭނެދޯ" ޝާއިން ދައްކަމުންދިޔަ ވާހަކަ ޔޫހާ މެދުކަނޑާލިއެވެ.
"ކީއްވެތަ ކޮންމެފަހަރަކު އަހަރެން ސެކްރިފައިސް ވާންވީ" ޔޫހާ ކާމޭޒު ދޮށުގައި ޝާއިން އާއިއެކު އިށީނދެލައިގެން އިނދެ ބުނެލިއެވެ.
"ޒައުލްވެސް އެނަގަނީ ކިހާބޮޑު ރިސްކެއްތަ، އޭނަގެ އާއިލާ ގަބޫލުވާނެބާ ދަރިއަކު ހުރި މީހަކާ އިންނަން، ދެން އޮތްގޮތަކީ ކިޔާންއަކީ އޭނަގެ ދަރިއެކޭ އާއިލާގެ މެންބަރުން ގާތު ބުނުން، އޭރުންވެސް އެމީހުން ގަބޫލެއް ނުވާނެކަން އަހަންނަށް ހަމަ ޔަގީން، އެހެންވީމަ ޔޫހާ ބުނެބަލަ ޒައުލްގެ އާއިލާގެ މީހުން ރުއްސަން މިއަށްވުރެ ރަނގަޅު ރޭވުމެއްވާނަމަ" ޝާއިން ޖެހުނީ ޒައުލް އާއި އެއްކޮޅަށެވެ. އޭނަ ދެކުނު ގޮތުގައި އެއީ ޔޫހާއަށްވެސް އެންމެ ރަނގަޅު ފައިދާކުރަނިވި ގޮތްމެއެވެ.

ރޭގަނޑުގެ އަނދިރިކަން މަޑުމަޑުން ފަނޑުވަމުން އައިސް އިރު ފެނުން ތޮޅިލައިފިއެވެ. މުޅިން އާދުވަހަކަށް މީހުންތައް ހޭލައްވާލާ އެމީހުންގެ މަސައްކަތަށް ގޮވާލެވިފައިވާ ކަހަލައެވެ. މޯޅިއަށް ދެމިލަމުން ރޭގެ ބޮޑުބައެއްގައި ހޭލާ އުޅުނު ޒައުލް ފާހާނާއަށްވަނީ ފެންވަރާލުމަށެވެ. އޭރު ސުފުރާގައި އަތުރާފައިވާ ކާއެއްޗެއްސަށް އިންސާފުކުރަމުން ލާއިގާ އާއި މަންސޫރު ދިޔައެވެ.
"މަންމާ... އަޅުގަނޑަށް އެއްގޮތަކަށްވެސް ރޭގަ އެފެނުނު މަންޒަރުމަތިން ހަނދާންނައްތާ ނުލެވިގެން މިއުޅެނީ، އިސްކޮޅުން ކުރެއްކަމަކު ރީތި ސޫރައެއް ލިބިފައި ޖިންސުއްލަތީފެއް އެއީ، ޒައުލްގެ އެހޮވުމަކީ ހަގީގަތެއްނަމަ ވަރަށް ފުރިހަމައޭ އަޅުގަނޑު ބުނާނީ..." މަންސޫރު އާޝޯހުވެފައި އިންފަދަ ގޮތަކަށް ވާހަކަދައްކަމުންދިޔައެވެ. އޭނަ ރޭގެ ޕާޓީގައި ޒައުލްގެ އަތުގައި ހިފާލައިގެން އެއަންހެން ކުއްޖާ އައި މަންޒަރު ލޯކުރިމަތީ ސިފަކުރަން މަސައްކަތްކުރާ ކަހަލައެވެ.
"ޒައުލްގެ ޢަމަލުތައް ހުރިގޮތުން އަހަންނަށް ޔަގީން އޭނަ ރޭގަ ބޭނުންވީ އަހަރުމެންނަށް އެއަންހެން ކުއްޖާ ދައްކާލަންކަން، އެކަން އޭނަ ވަރަށް ފުރިހަމައަށް ކޮއްފި، އަހަރެންވެސް އަޖައިބުވި، އެކަމަކު އޭނަ އާއި ބެހޭގޮތުން އެއްވެސް މަޢުލޫމާތެއް ޒައުލް ޙިއްޞާއެއްނުކުރި، ރޭގަ ވަރަށް ލަސްވިފަހުން ގެއަށް އާދެވުނީމަ ހިތަށްއެރީ މިއަދު އެހާ ހެނދުނާ އެކުދިންނަށް ނުގޮވާނަމޭ، ހޭލައިގެން ސައިބޯން އައި އިރަކުން ތިވާހަކަ ދައްކަން މިހުންނަނީ....އަހަރެން ހިތަށް އަރާ ކޮންގެއަކު ކުއްޖެއްބާއޭ އެއީ...." ލާއިގާވެސް ވިސްނަމުން ކަހަލަގޮތަކަށް ވާހަކަދެއްކިއެވެ.
"މަންމާ، ޒައުލް ކިޔަވަން އުޅުނު ދުވަސްވަރު މޫނިސާގެ އަންހެން ދަރިއަކު އުޅުނެއްނު ޒައުލް އާއި އެއްކުލާހެއްގައި، މިގެއަށް ވަރަށް ގިނައިން އައިސް އުޅޭނެ..." މަންސޫރު ލާއިގާއަށް ހަނދާންކޮއްދޭފަދަ ގޮތަކަށް ބުނެލިއެވެ.
"ކޮންކުއްޖެ....މޫނިސާގެ...ހޫން ހޫން، އެނގިއްޖެ، ޝައިސްތާ ދޯ...އެމަންޖެ އާއި ރޭގަ ދިމާވިއެއްނު، މާރަނގަޅަށް ވާހަކަދެއްކޭ ގޮތެއްނުވި، ޒައުލް އާއި ބައްދަލު ކުރާހިތުން އުޅުނީ، ދަރިފުޅަށް އެނގޭތަ، އޭރު އެދެކުދިން އުޅުނުގޮތުން މަންމަ ހީކުރީ ޒައުލް ގުޅޭނީ ޝައިސްތާ އާއިކަމަށް، އެކަމަކު ދެކުދިންގެ ހިޔާލުވެސް މުޅިން ތަފާތު...ކިޔަވާ ނިމުމާއިއެކު ޒައުލް މާލެއައީ، ޝައިސްތާ ދިޔައީ ކޮންތާކަށްކަމެއްވެސް ނޭގުނު، މޫނިސާމެންވެސް މާލެ ދޫކޮއްފަ ދިޔައީވިއްޔަ..." ލާއިގާ ކުރީގެ ހަނދާނެއް އާކޮއްލިއެވެ.
"ކުދިން ބޭނުންވާގޮތެއް ނޭގޭނެ އަޅުގަނޑުމެންނަށް، ރަނގަޅުވާނީ އެކަމުގެ ތެރެއަށް އަޅުގަނޑުމެން ފާޑުނުކިޔާ އެކުދިން ބޭނުން ބައިވެރިއަކު ހިޔާރުކުރަން ދޫކޮއްލުން" މަންސޫރުގެ އަނގައިގައި ފަހުބަސްއޮއްވަ ލާއިގާ ވާހަކަދައްކަންފެށިއެވެ.
"ނޫން، އެކުދިންނަށް ރަނގަޅު މީހުން ހިޔާރުކޮއްދިނުމަކީ އަދިވެސް އަހަރުމެންގެ ޒިންމާއެއް، ހަޔާތުގެ ބައިވެރިއަކަށް ބޭނުން މީހަކު ހިޔާރު ކުރަން ދޫކޮއްލުމަކީ މޮޔަކަމެއް، އެކުދިން އަދި ޅަވާނެ، ކައިވެންޏަކީ ކުޅޭކުޅިވަރެއްނޫން، އިރުއިރުކޮޅާ ވަރިކޮށް އިނދެފަ މިކަހަލަ ސަކަރާތެއްޖަހާތަން ދެކޭކަށް އަހަރެން ބޭނުމެއްނޫން، މަންސޫރު މިކަމަށް އެންމެ ބޮޑަށް ވިސްނަންޖެހޭނީ، މަންމަ ނުބުނަންތަ އޭރުވެސް ޒަރާނާ އާއި ކައިވެނި ކުރާކަށް ނުފެނޭ، އެކަމަކު ދަރިފުޅުގެ އުފަލައްޓަކައި މަންމަ ޒަރާނާ ގަބޫލުކުރީ ހެޔޮހިތުން، އޭނަ ހެދީ ކިހިނެއް، އެހެންވީމަ އެކަހަލަ އަންހެނެއް ދެވަނަ ފަހަރަށް މިގެއަށް އަންނާކަށް އަހަރެން ބޭނުމެއްނޫން...ޒައުލް އަހަރެން ބުނާބަސް ގަބޫލުކުރާނެ، އޭނައަށް ނުކެރޭނެ އަހަރެން ކަމެއް ނުކުރާށޭ ބުނިފަނަމަ އެކަން ކުރާކަށް" ލާއިގާ އޭނަގެ އަމިއްލަ ނަފްސަށްވުރެވެސް ބޮޑަށް ޒައުލްއަށް އިތުބާރުކުރާކަން އޭނަގެ ވާހަކައިން އެނގުނެވެ.

ދެޖީބަށް އަތްޖަހާލައިގެން ކާކޮޓަރިއަށް ޒައުލް ވަތްއިރު މޭޒުގެ އެއްފަރާތުގައި އީލާކްއިނެވެ. ލާއިގާ އީލާކްއަށް ކޮންމެވެސް އެއްޗެއް ގެނެސްދިނުމަށް ގެންގުޅޭ ކުއްޖަކަށް އެވަގުތު އަންގާލިއެވެ. ޒައުލް ފެނުމުން އީލާކް ވަރަށް ބާރަށް އޭނައަށް ގޮވާލުމާއިއެކު އެންމެ ފުރަތަމަވެސް އެހީ ޔޫހާގެ ވާހަކައެވެ. އެއީ ކާކުތޯ އާއި ޒައުލް ރައްޓެހިވެގެން އުޅޭ ކުއްޖާތޯއެވެ. ޒައުލް ލޯއަޅާލަމުން ލާއިގާ ހުރިކަން އަންގާލީވެސް ލޮލުގެ އިޝާރާތުންނެވެ.
"އުޕްސް...ސޮރީ މާމާ...އަޅެ މާމަ ބުނުއްވަބައްލަވާ، ރޭގަ ފެނުނު ކުއްޖާ އާއި ދޮންބެއާއި ވަރަށް ގުޅެއެއްނޫންތޯ..." މިހެން ބުނެލިއިރުވެސް އީލާކްގެ މޫނުމަތިން އޭނަ އެކަމެއް އެނގެން ބޭނުންވެފައިވާ މިންވަރު ހާމަވެގެންދެއެވެ.
ޒައުލް އެއްވެސް އެއްޗެއް ނުބުނެ ސިއްރުގޮތަކަށް ހިނިތުންވެލައިގެން ކާމޭޒު ކައިރީއިނެވެ. ލާއިގާ އީލާކްއަށް ބަލާލާފައި އެވާހަކަ ނުދެއްކުމަށް ބުނެލީ ބޮލުގެ އިޝާރާތުންނެވެ. ލާނެތް ހިނިތުންވުމަކާއިއެކު އީލާކް އިސްޖަހާލަމުން ކާންއިން ސޭންޑްވިޗް ކުރިއަށްގެންދިޔައެވެ. އޭނަ ކައިނިމުމާއިއެކު ލާއިގާ އީލާކް ފޮނުވާލީ މަންސޫރުގެ ކައިރިއަށެވެ.
"މާމާ، އަޅުގަނޑު ވާހަކައެއް ބުނަންތޯ" ލޮލުކޮޅަށްގޮސް އީލާކް އޮބާލުމާއިއެކު ޒައުލް ވާހަކަދައްކަން ފެށިއެވެ.
"މާމައަށް އެނގޭހެން ހީވަނީ ދައްކަން ތިއުޅެނީ ކޮންވާހަކައެއްކަން، ޝައުގުވެރިކަމާއިއެކު އަޑުއަހަން މިހިރީ" ލާއިގާ ހީލާފައި އައިސް ޒައުލްގެ ކުރިމައްޗަށް މޭޒުގެ އަނެއްފަރާތުގައި ހުރި ގޮނޑީގައި އިށީނެވެ.
"ބުނެވެސް ނުލާ އަޅުގަނޑު އެގޮތަށް އަންހެން ކުއްޖަކު ގޮވައިގެން އައުމުން މާމަ ތިހުންނެވީ ހިތްހަމަނުޖެހިފަތޯ، އެހެންކަމުގަ ވަނީނަމަ އަޅުގަނޑަށް މާފުކުރައްވާ، މާމަ މާލެ ދުރުވީއްސުރެން ތިއުޅުއްވަނީ ދޮންތަ ކައިވެނީގެ ކަންތައްތަކުގައި، އެހެންވެ ރަނގަޅު ފުރުޞަތެއް ނުލިބުނު އެވާހަކަ މާމަ ގާތު ނަންގަންނާކަށް، ހިތަށްއެރީ ދޮންތަގެ ކައިވެނި ޕާޓީއިން މާމަ އާއި ބައްޕަ އާއި ބައްދަލުކުރާނީއޭ" ޒައުލް އިސްޖަހާލައިގެން އިނދެ ވާހަކަދެއްކިއެވެ.
"މާމަ ހިތްހަމަނުޖެހިފައެއްނޫން މިހިރީ، އެކަމަކު އެއީ ކޮންކުއްޖެއްކަން އޮޅުން ފިލުވާހިތްވޭ...މާމަގެ ހިތްބުނަނީ އެއީ ދަރިފުޅާ ވަރަށް ގާތްކުއްޖެކޭ، ކޮންގެއަކު ކުއްޖެއްތަ އެއީ؟ ފެންނަފެނުމަށް އެނގޭ އާދައިގެ އާއިލާއެއްގެ ކުއްޖެއް ނޫންކަން އެއީ....އަނެއްކާ މުއްސަނދި އާއިލާއެއްގައި ހުރި ހަމައެކަނި އަންހެން ކުއްޖެއްތަ ހޯދައިގެން ތިއުޅެނީ" ލާއިގާ ކުޑަކޮށް ހީނލަމުން ސަމާސާ ރާގެއްގައި ބުނެލިއެވެ. ޒައުލް ލާއިގާއަށް ބަލާލާފައި ހިނިތުންވެލަމުން އަނެއްކާވެސް އިސްޖަހާލީއެވެ. މޭޒުމަތީގައި ހުރި ކޮފީ ޖޯޑު ނަގާ އޭނގެން ކޯވަރެއް ބޯލީ މާމައަށް ޔޫހާގެ ތަޢާރަފެއް ދޭނީ ކިހިނެއްބާއޭ ހިތަށް އަރަމުންނެވެ. އޭނަ ރާވާފައިވާ ގޮތަށް ބުނަންވީ ކަމެއް ނޫނީ ތެދަށް ހުރިހާ ކަމެއް ކިޔާދޭންވީބާއެވެ. ކޮންމެވެސް ވަރެއްގެ ހާސްކަމެއް ޒައުލްއަށް ވެރިވެގެންދިޔައެވެ. 

ކޮމެންޓް 0