އައްޔަދު އާއި ވާހަކަ ދައްކަން ކިތަންމެ ނުރުހުނަސް އޭނަ ޔޫހާގެ ގާތަށް އައީތީ ޔޫހާ ޝުކުރުވެރިވެއެވެ. އެއީ ފައުޒީގެ ރޭވުމެއްކަން އެހެންނޫނީ ޔޫހާއަށް ނޭނގުނީހެވެ. އައްޔަދުގެ ހިތުގެ ސާފުކަން ޔުހާއަށް އެނގި އެދެމެދުގައި ހިނގާދިޔަ ކަންތައްތައް ހައްލު ކުރެވުނީތީ ޔޫހާގެ އިތުރުން އައްޔަދު ވެސް ހިތްހަމަޖެހުނެވެ. އޭނަ ނުކުމެގެން ދިޔަތަން ބަލަން އިން ޔޫހާއަށް ހިތްހަމަޖެހުމުގެ ފުން ނޭވާއެއް ބޭރުކޮއްލެވުމާއިއެކު ދެ ލޯ މަރާލެވުނެވެ. އޭނަގެ ތުންފަތަށް ހިނިތުންވުމެއް ވެރިވެގެންދިޔައީ ފައުޒީގެ ނުބައިކަން އައްޔަދުއަށް ވިސްނުނީތީ އެވެ. އަދި ކަންތައްތައް ގޯހުން ގޯހަށް ދިއުމުގެ ކުރިން ހައްލުވީތީ އެވެ.
"ދަނީތަ؟" ކުއްލިއަކަށް ތެދުވި އަފްލީން ޔޫހާގެ ކޮޓަރިން ނުކުމެގެން ސިޓިން ރޫމު ދޮރާދިމާލަށް ދިޔަ އައްޔަދުއަށް ބަލާލާފައި ބުނެލިއެވެ.
"ހޫމް، އަހަރެން އައިކަންތައް ވެއްޖެ، އެހެންވީމަ ދެންދާނީނު" އައްޔަދު ހިނިތުންވެލައިގެން ހުރެ ބުނެލިއެވެ.
"އަހަންނާ ރަޙުމަތްތެރިކަމެއް ނުބާއްވާނަންތަ، އަޔާ ވާނީ ހަމައެކަނި ޔޫހާގެ ރަޙުމަތްތެރިއަކަށްތަ" އަފްލީން ބޭރަށްލަމުންދިޔަ ނޭވާހިފަހައްޓާލައިގެން ކަހަލަ ގޮތަކަށްހުރެ ބުނެލިއެވެ.
"ހެ ހެ ހެ.... ނޫނޭ، ވަކި އެހެނެއ ްނޫން... އަދިއެއް މާގިނަ ރައްޓެހިންތަކެއް ނުލިބޭ، ލިސްޓު ދިގު ކުރާކަށްވެސް ނެތިން، އެކުން މިހާ އަވަހަށް ނުކުމެގެން ދާންމިއުޅުނީ ވަރަށް މުހިއްމު ކަމެއް ކުރަންވެފަ އޮތީމަ، އަފޫ... އަފޫ ދޯ ކިޔަނީ، ފަހުން ވާހަކަ ދައްކާލާނީ ދޯ" އައްޔަދު މިހެން ބުނެ ތަންކޮޅެއް ބޮޑަށް އަފްލީންއަށް ހިނިތުންވެލިއެވެ. އަދި ސިޓިން ރޫމު ދޮރުން ނުކުތް އައްޔަދުގެ ފަހަތުން އައި އަފްލީން އަނެއްކާވެސް އައްޔަދުއަށް ގޮވާލިއެވެ.
"އަހަރެންގެ ނަންބަރެއްވެސް އަޔާއަތަކު ނެތެއްނު، ދެން ކިހިނެއް ފަހުން ވާހަކަދައްކާލަން ގުޅާނީވެސް" މިފަހަރުވެސް އިސްނެގީ އަފްލީނެވެ. އޭނަގެ ހިތުގައި އައްޔަދުއަށް ޚާއްޞަ މަޤާމެއް ދެވިފައިވާކަން އައްޔަދުއަކަށް ނޭނގެއެވެ.
"ތެދެކޭ..." މިހެންބުނެލި އައްޔަދު ވަރަށް އަވަހަށް އޭނަގެ ފޯނު ނަންބަރު ކިޔާލިއެވެ. އަދި އޭނަގެ ފޯނަށް އަފްލީންގެ ނަންބަރު އެސްއެމްއެސް އެއްގެ ގޮތުގައި ފޮނުވާލަދިނުމަށް އެދި ގޭގެ ދޮރޯށިން ނުކުމެގެން ހިނގައްޖެއެވެ. ހިނިއައިސްފައި ހުރި އަފްލީނަށް އުފަލުން ދެއަތްޖޯޑުކޮއްލާފައި ގެނެސް މޭގައި ޖައްސާލިއެވެ. އެއާއިއެކު ހުވަފެނީ ގޮތަކަށް އައްޔަދު ނުކުމެގެން ދިޔަ ދިމާލަށް ގެއްލިފައި ހުއްޓެވެ.

އާފާގު އޭނަގެ ހޮޓަލަށް ވަންވަގުތާއި އައްޔަދުއަށްވެސް އައިސް ހޮޓެލުގެ ދޮރާދިމާލުގައި މަޑުކޮއްލެވުނު ވަގުތުވީ އެއްވަގުތަކަށެވެ.
"ބައްޕާ، މަސައްކަތް ބުރަ ވަގުތެއްތޯ" އައްޔަދު އާފާގު އާއިއެއްކޮށް ހޮޓެލުގެ ތެރެއަށް ހިނގައިގަންނަމުން އަހާލިއެވެ.
"ނޫނޭ، މިއައީ މެންދުރު ނަމާދަށް ގޮސްފަ، ދަރިފުޅު މިހާރު ނަމާދުކޮއްފިންތަ" އާފާގު އޯގާތެރިކަމާއިއެކު އައްޔަދު އާއި ވާހަކަ ދެއްކި އެވެ.
"ނޫން...އަޅުގަނޑު ވަރަށް މުހިއްމު ވާހަކައެއް ދައްކާލަންވެގެން މިވަގުތު" އައްޔަދު ލަސްލަހުން ބަސްތައް އަމުނާލ ިއެވެ.
"ނަމާދަށްވުރެ މުހިއްމު އެހެންކ ަމެއްނޯންނާނެކަން ދަރިފުޅަށް އެނގެއެއްނު، އަވަހަށްދޭ ނަމާދު ކޮށްލައިގެން އަންނަން، ތިދައްކަން އުޅޭ ވާހަކައެއް ދައްކާނީ ނަމާދުކޮއްލައިގެން އައިސް، ބައްޕަ މިކޮޅުގައޭ އުޅޭނީ، ދަރިފުޅާއިއެކު ގެއަށް ދާނީ... ދެން ދޭ އަވަހަށް" އާފާގު އައްޔަދު ފޮނުވާލި އެވެ. އިތުރުގޮތެއް ނެތް މީހަކުފަދައިން އައްޔަދުވެސް މިސްކިތާ ދިމާލަށް ދިއުމަށް ހިނގައިގަތެވެ.

ޕާކްވިއު ހޮޓެލްގައި ހުންނަ ޒައުލްއަށް ޚާއްޞަކުރެވިފައިވާ ކޮޓަރީގައި އެކަނިމާއެކަނި އިނދެ މެންދުރުގެ ކެއުން ކުރިއަށްގެންދިޔަ އެވެ. އެހެންއިންއިރު ފާރުގައި ހަރުކޮއްފައިހުރި ބޮޑު ޓީވީ ހުޅުވާފައި ހުރުމުން ތަނުގެ ހަމަހިމޭންކަން ގެއްލިފައިވެއެވެ. ނަމަވެސް ޒައުލްގެ ސިކުނޑީގައިވާ ހައިޖާނުގެ އަޑުފައްގަނޑު ގަދަވެފައި ބޮލަށް ކުރާ ބާރު ބޮޑެވެ. ލަސްލަހުން ކުރިމަތީގައި ހުރި ތަށިން އެތިއެތިކޮޅު އުލަކުން ނަގާ އަނގަޔަށްލަމުންދިޔަ އެވެ. ހީވަނީ އެކާންޖެހޭތީވެސް އޭނައަށް ބޮޑުކަމަކަށްވެފައި އިންހެނެވެ. އެއްފައިމައްޗަށް އަނެއްފައި އަރުވާލަމުން ގޮނޑީގެ އަތްގަނޑުގައި ދެއަތްއަޅުވާލާ ހަމަޖެހިލިއެވެ. ގޮނޑީގެ ފަހަތަށް ކަރުއެލުވާލައިގެން ކަހަލަ ގޮތަކަށް ޒައުލް އިންއިރު އޭނަގެ ދެލޯވެސްވަނީ މަރާލެވިފަ އެވެ. މާގިނައިރަކު އެހެނެއް ނީނދެވުނެވެ. ކުރިމަތީގައި ހުރި މޭޒުގެ މަތީ ބާއްވާލާފައި އޮތް ފޯނު ރިންގުވިއަޑާއިއެކު ކުއްލިއަކަށް ޒައުލް ލޯހުޅުވާލާފައި ފޯނުނަގަން އަވަސްވެގަތެވެ. ފައިމަތީގައި އަޅާލެވިފައި އޮތް ނެޕްކިން ނަގާ ކައިނިމިފައި ހުރި ތަށީގެ އެއްފަރާތުގައި ބާއްވާލަމުން ފޯނު ނެގިއެވެ. ޒައުލްގެ ހަރަކާތް އަވަސްވީ އޭނައަށް ގުޅީ ކާކުތޯ ބަލަންބޭނުންވެފަ ހުރިވަރުންނެވެ.

"ކޮބާ ތިއައީ ނަމާދުކޮއްލައިގެންތަ؟" އާފާގުގެ އޮފީސްތެރެއަށް އައްޔަދު ވަނުމާއިއެކު އަހާލިއެވެ. އައްޔަދު ބޯޖަހާލަމުން އޭނަ އެވާހަކައެއް ދެއްކުމަށް ކެތްތެރިކަން ކުޑަވެފައިވާ ވާހަކަ އާފާގުއަށް ކިޔާދޭން ފެށިއެވެ. އާފާގު އޭނަގެ ދަރިފުޅު ދައްކަމުންދިޔަ ވާހަކަތައް އަޑުއަހަމުންދިޔައެވެ. ފައުޒީގެ ފަރާތުން އޭނައަށް ނޭދެވޭ އެއްވެސް ޢަމަލެއް ފެނިވައެއް ނުވެއެވެ. އެހެންނަމަވެސް އާފާގު އޭނަގެ ދަރިފުޅަށް އިތުބާރުކުރެއެވެ. ނިތަށް އަރަމުންދިޔަ ރޫތައްގިނަވެ އާފާގުއަށް ތުނިތުނިކޮށް ފަޅާފައިހުރި ތުނބުޅީގައި އަތް ހާކާލެވުނެވެ. އަދި އައްޔަދުގެ ގާތުން އޭނަ ކިޔާދިން ހުރިހާ ކަމަކީ ކިހާވަރެއްގެ ތެދެއްތޯ ސުވާލުކުރިއެވެ. އައްޔަދުގެ ގާތުގައި ޔޫހާ ދެއްކި ހުރިހާ ވާހަކައެއްވެސް އޭނަ އާފާގުއަށް ކިޔައިދިނެވެ.
"ބައްޕަ އޭނަ މިތަނުގެ ވަޒީފާއަށްވެއްދީ ދަރިފުޅަށް އިތުބާރުކޮއްފަ، ތިބުނާހެން ކަންތައްތައް ހިނގާފައިވީނަމަވެސް މިތަނުގެ ވަޒީފާއަށް އޭނަ ފަރުވާކުޑަކޮއްފައެއްނުވޭ، އެހެންވެ އޭނަ ވަޒީފާއިން ވަކިކުރަންވީމަ..." އާފާގު ވިސްނާލިއެވެ.
"ބައްޕާ، އަޅުގަނޑު އޭނަ މިތަނަށް ގެނައީ، އެކަމަކު މިހާރު އެއްގޮތަކަށްވެސް ބޭނުމެއްނޫން ދެން އިތުރަށް މިތާ ބަހައްޓާކަށް، އޭނައަށް ދެވަނަ ފުރުޞަތެއް ލިބުނީމަވެސް ރަނގަޅުވާކަށް ނޭނގުނު، ހަގީގަތުގަ އޭނަ އަޅުގަނޑާއި ގުޅުންބޭއްވީ ޔޫހާ އާއި ގާތްވާތްވެގެން، ޔޫހާއަކީ އަޅުގަނޑު ވަރަށް ގާތްކޮއްދެކޭ ރަޙުމަތްތެރިއެއް، އޭނައަށް ދެރައެއް ލިބޭކަށް އަޅުގަނޑު ބޭނުމެއް ނޫން، ފައުޒީ މިތަނަށް ވަނީ މުޅިން އޮޅުވާލައިގެން..." އައްޔަދުގެ މޫނުމަތިން ހިތްހަމަނުޖެހުން ފާޅުވަމުންދިޔައެވެ. ހަމައެވަގުތު ގަނޑުތަކަކާއި ފައިލެއް ހިފައިގެން ފައުޒީ އައިސް އާފާގުގެ އޮފީހުގެ ބިއްލޫރު ދޮރުގައި ހިފާ ހުޅުވާލަމުން ވަދެއްޖެއެވެ.
"ކަލެއަށް ނޭނގޭތަ ރީތި އަދަބުތައްވެސް، ވެރިޔާގެ އޮފީހަށް ވަދެގެން ތިއަންނަނީ އަމިއްލަ ގެއަށްވަދެގެން އަންނަ އުސޫލުން، ކޮބާތަ ކަލޭގެ ވެރިޔާއަށް ކުރަންޖެހޭ ގަދަރާ ދޭންޖެހޭ އިއްޒަތް..." އައްޔަދު ރުޅިވެރިކަމާއިއެކު ފުއްމައިގެން ގޮނޑިން ތެދުވަމުން ފައުޒީ އާއި ދިމާލަށް އެއްޗެހި ކިޔަންފެށިއެވެ. އާފާގު އަވަސް އަވަހަށް އޭނަގެ އަތް އައްޔަދުއަށް ދިއްކޮއްލަމުން އެއްވެސް އެއްޗެއް ނުބުނެ އިށީނުމަށް އިޝާރާކުރިއެވެ. އައްޔަދު ފައުޒީއަށް ދެލޯ އަޅާލުމާއިއެކު ކުރިންވެސް އިށީނދެގެން އިން ސޯފައިގައި އިށީނދެ ސޯފާގެ އަތްގަނޑުގައި މުއްކަވާލިއަތުން ޖެހިއެވެ. އޭނައަށް ފައުޒީ ފެނުމުން އައިސްފަ ހުރި ރުޅި ކޮންޓްރޯލުކުރަން އުނދަގޫވީއެވެ. އޭރު ފައުޒީ ހުރި ފިޔަވަޅުމަތީ ގުޑާވެސް ނުލާހުރީ މިވަނީ ކިހިނެއްކަން ނޭގޭ މީހަކުފަދައިންނެވެ.
"ފައުޒީ، އެހަށް ބޭރުގައި މަޑުކޮއްލާ... ދަމުން ދޮރުލައްޕާލާފަ ދާތި" އާފާގުވެސް އޭރުހުރީ ގޮނޑިން ތެދުވެ ކޮޅަށެވެ. ދުވަހަކުވެސް އައްޔަދު އެހާ ރުޅިއައިސްފައި ހުއްޓަ އާފާގު ނުދެކެއެވެ. ފައުޒީ ނުކުމެގެން ދިއުމާއިއެކު އާފާގު އޭނަގެ ދަރިފުޅަށް ނަސޭހަތްތެރިވިއެވެ. ރުޅިމަޑުކުރުމަށެވެ. އަދި ވިސްނުމަށްފަހު ނޫނީ ފައުޒީ އާއިމެދު ފިޔަވަޅެއް ނޭޅުމަށެވެ. އާފާގު ފައުޒީއަށް ކަންތައްކުރާނެ ގޮތެއް ދޫކޮއްލީ އައްޔަދުގެ އަތްމައްޗަށެވެ. ވަޒީފާއިން ވަކިކުރިކަމުގައި ވިޔަސް އަދި އޭނައަށް އަދިވެސް ފުރުޞަތުދޭން ބޭނުންވިކަމުގައިވިޔަސް އެނިންމުން ނިންމާނީ އައްޔަދުއެވެ. އެކަމަކު އެވަގުތަށް އެކަން ފަސްޖައްސާލުމަށްފަހު މެންދުރުގެ ކެއުމަށް އާފާގު އާއިއެކު ގެއަށް ދިއުމަށް އޭނަ އެދުނެވެ. އޭރުން ދެން އެތަނަށް އަންނައިރު ހުންނާނީ ރުޅިމަޑުވެ ވިސްނުމުގެ ބޭނުން ރަނގަޅަށް ހިފޭނޭފަދަ ހާލެއްގައި ކަމަށްވާނެތީއެވެ.

އާފާގު އާއި އައްޔަދު ގެއަށް އައުމާއިއެކު ޒަރާނާގެ ކަންފަތަށްވެސް ފައުޒީގެ ވާހަކަތައް ފޯރާއިފިއެވެ. އޭނަވެސް ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކުރިއެވެ. އަދި އައްޔަދުއަށް އެފަދަ މީހަކާ ވާހަކަދައްކަން ޖެހުނީ ކީއްވެގެންތޯ ސުވާލުކުރިއެވެ.
"މަންމަވެސް އޭނަ އާއި ވާހަކަދައްކާލި ނަމަ އެނގޭނީ އޭނަގެ ދޮގުތަކުގެ ފަށުވިކަން" އައްޔަދު ބުނެލިއެވެ.
"ދެން ރުޅިގަދަނުވޭ... އެހެންވެސް ވާނެ، އަހަރުމެންގެ ކުށެއްނޫން އެއީ އަހަރުމެން މީހުންނަށް އިތުބާރު ކުރުން، އާފާގު، އެކަހަލަ މީހަކު އެހާ ކައިރިކޮއްގެން އުޅޭކަށް އަހަންނަކަށް ނުފެނޭ، ހޮޓެލުގައި އެއުޅެނީ އަންހެން ކުދިންނާ ފިރިހެން ކުދިން، ތިބުނާ ފައުޒީއަކު އެކަހަލަ ކަމެއްކޮއްފިއްޔާ... ދެން ނޭނގެ، އަހަންނަށްވުރެ ބޮޑަށް އާފާގުއަށް އެގޭނީ ތިކަހަލަ ކަންތައްތައް" ޒަރާނާ ހިތައްއެރިއެއްޗެއް ހާމައެއްނުކުރިއެވެ.

ހަވީރު އާފާގު އޮފީހުން ނުކުމެގެން ދިޔައީ އައްޔަދު އާއި އޮފީސް ހަވާލުކޮއްފައެވެ. އޭނަ ނުކުމެގެން ދަމުން އޮފީސް ތަޅުލުމަށްވެސް ބުނެފައެވެ. އަދި ފައުޒީ އާއިމެދު ނިންމާގޮތެއް ނިންމުމަށާއި އެކަމާ އާފާގުގެ އެއްވެސް މައްސަލައެއްނެތްކަމުގައެވެ. އާފާގު ދިޔައީ އައްޔަދު ފައުޒީއަށް ދިނުމަށް ތައްޔާރުކުރި ލިޔުމުގައި ސޮއެވެސް ކޮއްފައެވެ.
"އަޔާ، ހާދަ ރުޅިގަދަވެގެން އުޅޭ ދުވަހެކޭ" ފައުޒީ އެއޮފީހުގެ ތެރެއަށް ވަންނަމުން ސަމާސާ ގޮތަކަށް ބުނެލިއެވެ.
"އަހަންނަކީ ކަލޭގެ ރަޙުމަތްތެރިއެއް ނޫން ތިގޮތަށް ވާހަކަ ދައްކާކަށް، މިތަނަށް ގެނައީ މީތި ހަވާލު ކުރަން" އައްޔަދު އޭނަގެ ބައްޕަގެ ބޮޑުގޮނޑީގައި އިނދެ އަތުގައި އޮތް ސިޓީ އުރަ ފައުޒީއަށް ދިއްކޮއްލި އެވެ. ފައުޒީއަށް އައްޔަދުގެ ރުޅިވެރިކަން ގުޅިފައިވާކަމެއް އެއްގޮތަކަށްވެސް ދެނެއެއްނުގަނެވުނެވެ. އޭނަ ހިމޭންކަމާއިއެކު ސިޓީއުރައިގައި ހިފުމަށްފަހު ބަލާލިއެވެ. އާފާގުގެ ހޮޓެލް ކޮމްޕެނީގެ ލޯގޯ ޖެހި ސިޓީއުރަ އެޑްރެސްކޮއްފައިވަނީ ހުދު ފައުޒީއަށެވެ. އެތެރޭގައި އޮތް ލިޔުން ނަގާ ކިޔާލުމާއިއެކު އޭނަގެ ދެލޯ ބޮޑުވެގެންދިޔަ އެވެ.
"މީ...މީ... ކީއްވެ އަޔާ...ކީއްވެ..." ފައުޒީއަށް ލިބުނު ހައިރާންކަމާއިއެކު އަތުގައި އޮތް ގަނޑުގައި ލިޔެފައިވާ އެއްޗެއް ގަބޫލުކުރަން ދަތިވީ އެވެ.
"އަޔާއަކީ އަހަރެންގެ ރަޙުމަތްތެރިން ކިޔާނަމެއް، އިތުރު ވާހަކައެއް ނުދައްކާ ސިޓީ ހިފައިގެން ދިއުން އެންމެ ރަނގަޅު ވާނީ" އައްޔަދު ބުނެލިއެވެ. ފައުޒީ އެއްފަހަރު އޭނަގެ އަތުގައޮތް ސިޓީއަށް އަނެއްފަހަރު ކުރިމަތީ އިން އައްޔަދުއަށް ބަލަމުންދިޔައެވެ. އޭނައަށް ހީވީ އޭނަގެ ކުރިމަތީގައި ދެވަނަ ޒައުލްއެއް އިންހެނެވެ. އޭނަ ހުރިހާކަމެއްކުރީ ކިހާ ވިސްނުންތޫނުކަމާއި ރޭވުންތެރިކަމާއިއެކު ހެއްޔެވެ. އައްޔަދު ހުރީ އޭނަ ބުނިހާކަމެއް ކުރަން ތައްޔާރަށެވެ. ކުއްލިއަކަށް މިވީ ކިހިނެތްހެއްޔެވެ. ފައުޒީއަކަށް ނުވިސްނުނެވެ.
"އައްޔަދު، ތިކަންތައް ކުރަނީ ރަނގަޅަކަށް ނޫން، އަހަރެން މިކޮމްޕެނީގެ ވަޒީފާއިން ވަކިކުރަންޖެހޭވަރުގެ އެއްވެސް ކަމެއް ނުކުރަން" ފައުޒީ ކުރިއަށްވުރެ އައްޔަދު އިން މޭޒާ ކައިރިއަށް ޖެހިލާ އަތުގައި އޮތް ލިޔުން ދައްކާލަމުން ބުނެލިއެވެ.
"ވަޒީފާއޭ، ކަލޭ މިތަނުން ވަޒީފާ ހޯދީ އަހަރެން މެދުވެރިކޮށް، ދެންވެސް ކަލޭ އެތައް ކަމެއް ކުރީމެއްނު އަހަރެންލައްވާ، ބުނަން، ފައުޒީ މާގިނަ ބަހަނާ ދެއްކޭ މީހަކަށް ހެދެން ނޫޅޭ، އަހަރެންމީ ޒައުލްއެއް ނޫން، އަހަރެން ކަލޭ މިތަނުން ބޭރުކުރަން ބޭނުންވަނީ ދެން އެހެންތަނަކަށް ނުވަދެވޭނޭފަދަ ގޮތަކަށް، މިދާއިރާގެ އެއްވެސް ތަނަކުން ކަލޭ ގަބޫލެއް ނުކުރާނެ... ދެން ދޭ މިތަނުން، މިއޮފީހުންވެސް މިހޮޓެލުންވެސް ނުކުމެގެން ދޭ" އައްޔަދު އޭނައިން ގޮނޑިން ތެދުވިއެވެ. ފައުޒީ ރުޅިވެރިކަމުން ފުރިގެންވި ނަޒަރަކުން އައްޔަދުއަށް ބަލާލިއެވެ.
"އަން ކަލެއަށް މީތި..." ފައުޒީ އޭނަގެ އަތުގައި އޮތް ލިޔުން ވީދާ ލުމަށްފަހު ބޮނޑިކޮއްލުމާއިއެކު އޭގެން އެއްލާ އައްޔަދުގެ ގައިގާ ޖެހިއެވެ.

ކޮމެންޓް 0