ޒައުލްގެ އަތުން ސަލާމަތްވުމަށް ޔޫހާ ފަހަތަށްދާންފެށި އެވެ. އެހިނދު ބޮޑު ފިޔަވަޅެއް ޔޫހާގެ ކައިރިއަށް އަޅާލުމާއިއެކު ޔޫހާގެ ދެއަތުގެ މުލައްދަނޑީގައި ހިފާކައިރިއަށް ގެނެއެވެ. ސިހިގެން ދިޔަ ޔޫހާ ހަޅޭލަވައިގަތެވެ. ޒައުލްގެ ރުޅިވެރިކަމުގެ ތެރެއިން އޭނަގެ ހިތަށް ތަދުވެފައިވާވަރު ޔޫހާއަށް ނަގައެއް ނުގަނެވުނެވެ. އޭނަ ޒައުލްގެ އަތްފޮޅުވާލާފައި ދުރަށް ދިއުމަށް އުޅުނެވެ. އޭގެ ސަބަބުން ޒައުލްގެ ހިތްހަމަނުޖެހުން އިތުރުވެގެންދިޔަ އެވެ.
"އަހަރެންގެ އަތުން ދޫކޮއްލާ، ކިހިނެއްވެގެންތަ ޒައުލް ތިއުޅެނީ... ތީދެން ބޮޑުވަރު އެނގޭ، މިބުނީނު ދޫކޮއްލާށޭ" ޔޫހާ ހަޅޭލަވައިގަތެވެ.
"އަހަރެން ނޫން ކޮންމެ މީހަކު ޔޫހާގެ ގައިގާ އަތްލިޔަސް ވަރިހަމަ، އަހަރެން އަތްލީމަ ދޯ ކަމުނުދަނީ...ވެން ޑިޑް ޔޫ ބިކޭމް ދެޓް ޗީޕް... އެހެންވެ ދޯ ފައުޒީވެސް ޔޫހާގެ ފަހަތުން އުޅުނީ" ޒައުލްގެ ވާހަކަ ނުނިމެނިސް އޭނަގެ މޫނުގައި ޔޫހާގެ އަތްތިލާގެ ހޫނުކަން އިޙްސާސް ކުރެވިގެންދިޔަ އެވެ.
"އައި ލަވް ޔޫ ޑެމިޓް..." މިހެން ބުނެލި ޒައުލްގެ އަޑު ބަދަލުވެގެންދިޔަ އެވެ. އަދި މަޑުމަޑުން ޔޫހާގެ އަތުން ދޫކޮއްލުމަށްފަހު އެތަނުގައި ހުރި ސޯފާގައި އިށީނދެއްޖެއެވެ. ދެ ކަކުލުގައި އުޅަންބޮށި ވިއްދާލުމާއިއެކު ދެއަތުގެ ތެރޭ މޫނުފޮރުވާލައިގެން އޭނަ އިނެވެ. ޔޫހާއަށް ޒައުލް އާއި ދިމާލަށް ބަލަހައްޓައިގެން ހުރެވުނީއެވެ. ޔޫހާ އައިސްފަހުރި ރުޅިވެސް މަޑުވެއްޖެއެވެ. ޒައުލްއަށްވީ ގޮތުން ޔޫހާއަށް ޒައުލްގެ މޫނުގައި ޖެހި އަތްމުއްކަވާލެވުމާއިއެކު ބާރުކޮއްލެވުނެވެ. އޭނަ ޒައުލްގެ މޫނުގައި އެގޮތަށް ޖަހާކަށް ބޭނުމެއް ނޫނެވެ. އެހެންނަމަވެސް ޒައުލް އޭރު ހުރީ ހަމަހޭގައެއް ނޫނެވެ. އޭނައަށް ދެއްކޭވާހަކަވެސް ރަނގަޅަށް ނޭގެއެވެ. މީގެ ކުރިން ޒައުލްއަކީ މިހާ ރުޅިގަދަ މީހެއްކަމެއް ޔޫހާ ނުދެނަހުއްޓެވެ. އޭނައަށް ރުޅިއަކީ ވަރަށް ކަމުނުދާ ސިފައެކެވެ. ޒައުލްގެ ފަރާތުން އޭނައަށް ކަމުނުދާ އެތައްކަމެއް ފެނެއެވެ. އޭނަގެ ހިތުގައި ޒައުލް ނޫން ފިރިހެނަކަށް ޖާގައެއް ދެވިފައެއްނުވެއެވެ. އެންމެ ފުރަތަމަ ޒައުލްދެކެ ވީ ލޯބި އަދިވެސް ބަދަލެއް ނުވެއެވެ. އެކަމަކު ޒައުލް ބަދަލުވެއްޖެ އެވެ. ކިޔާންގެ ބައްޕައަކީ ޒައުލްކަމާމެދު އެއްވެސް ޝައްކެއް ޔޫހާއަށް ނުވެއެވެ. އެހެންނަމަވެސް ޒައުލްގެ ޢަމަލުތައް ހުންނަގޮތުން އޭނައަކީ ކިޔާންގެ ބައްޕައެއްގެ މަގާމަށް އެންމެ އެކަށީގެންވާ މީހާ ކަމާމެދު ޔޫހާގެ ހިތުގައި ސުވާލު އުފެދެނީ އެވެ. އޭނަގެ އެރުޅިއަކީ ޔޫހާ އެންމެ ނަފުރަތުކުރާ އެއްކަމެވެ. ކިޔާންގެ ކުރިމަތީގައި އެހެން އޭނަ އުޅޭނަމަ އެކަމުގެ އަސަރު ކިޔާންއަށް ވަރަށް ބޮޑަށް ކުރާނެކަން ޔޫހާއަށް އެނގެއެވެ. ފަހަރެއްގަވެސް ޒައުލް އާއި ކައިވެނި ކުރަން އޭނަ ބޭނުންނުވަނީއެއް ނޫނެވެ. އަދި އޭނަ އެހެން މީހަކަށް ހިތްކީއެއްވެސް ނޫނެވެ. ދުރުގައި ހުރި ސޯފާގައި ޒައުލް ބަހެއް ނުބުނެ އިންނަން ފެށުމުން ޔޫހާ ދެރަވިއެވެ. ލައިގެން ހުރި ޖެކެޓު ވަރަށް ބޮޑަށް ވީދައިގެން ގޮސްފައިވާތީ އެބާލާފައި އެއްފަރާތު ފާރުކައިރީ މާވަށިގަނޑެއް ބަހައްޓާފައި ހުރި ހިމަ މޭޒުގެ މަތީ ބާއްވާލުމާއިއެކު ޒައުލްގެ ގާތަށް ކުދިފިޔަވަޅުތަކެއް އަޅަމުންދިޔަ އެވެ. ޔޫހާ ޒައުލްގެ ކުރިމަތީ ކަކޫޖަހާލުމާއިއެކު އިށީނދެ ޒައުލްގެ ދެއަތުގައި ފިރުމާލަމުން ގޮވާލިއެވެ.
"ޒައުލް..." ޔޫހާ މަޑުމަޑުން އޯގާތެރިއަޑަކުން ބުނެލިއެވެ.
"އައި އެމް ސޮރީ، އަހަންނަށް އެނގޭ އެހެން ކަންތައްކުރާކަށް ނުވާނެކަން، އެކަމަކު....އަހަރެން... އަހަރެން ބިރުގަތީ ޔޫހާ ގެއްލިދާނެތީ... އަހަރެން ހީކުރީ ޔޫހާ އަހަރެންގެ ކައިރިން ބަދަލު ހިފަން ބޭނުންވަނީއޭ، އަދި އެއްވެސް މިހާރު، އަހަރެން ޔޫހާދެކެ ލޯބިވާ ކަމާ ޔޫހާ އާއި ގުޅެން ބޭނުންވާކަން އެނގުމުން.... އައިއެމް ސީރިއަސް... ވެރީ ސީރިއަސް އަބައުޓް ޔޫ... އަހަރެން ކައިވެނިކުރަން ބޭނުން... އައި އެމް ސޮރީ ބޭބީ... އައި އެމް ވެރީ ސޮރީ، ތަދުވިތަ އަތަށް، ސޮރީ އެނގޭ އެހާބާރަށް ހިފުނީމަ، ސޮރީ އެގޮތަށް ހަޅޭލެވުނީމަ" ޒައުލް މަޑުމައިތިރި އަޑަކުން ބުނެލިއެވެ.
"އިޓްސް އޯކޭ..." ޔޫހާ އަނެއްކާވެސް ޒައުލްގެ އަތުގައި ފިރުމާލަމުން ބުނެލިއެވެ. ލޯތްބާއިއެކު ޒައުލް ޔޫހާއަށް ބަލާލުމާއިއެކު އެރީތި މޫނުގައި ދެއަތުން ހިފާލިއެވެ. އޭނަ އެމޫނަށް ހިތްފުރެންދެން ބަލާލަން ބޭނުންވިއެވެ. ޔޫހާ އާއި ޒައުލްގެ ހަތަރުކަޅި ބައްދަލުވި ހިނދު ޒައުލްގެ ލޮލުގައި ބަޔާންކުރަން ދަތި ޖާދުލެއްވާކަން ޔޫހާއަށް އިޙްސާސްކުރެވިގެންދިޔައެވެ. އޭނަގެ ހިތަށް ފިނި ފެންއެއްޗެއް އޮއްސާލިފަދަ އިޙްސާސްއެއް ކުރެވުމުން މޭ އެތެރެއަށް ގޮނިކޮއްލެވޭފަދަ ގޮތެއް ހަދާލެވުނެވެ. އެހިނދު ޒައުލް މަޑުމަޑުން ޔޫހާގެ މޫނު ގާތްކޮއްލުމާއިއެކު ނިތްކުރީގައި ބޮސްދިނެވެ. ދެ ލޯމަރާލަމުން ޒައުލްގެ އަތްތިލާގެ މަތީގައި ޔޫހާގެ ދެއަތްތިލަވެސް އޭނައަށް ޖައްސާލެވުނެވެ. އެފަދަ ލޯބިވެތި ހަރަކާތަކަށް ޒައުލްގެ ފަރާތުން އޭނަ ކަރުހިއްކައިގަނެފައިވެއެވެ. ޒައުލްގެ އެންމެ ބީހުލުމަކުންވެސް އޭނަގެ ހުރިހާ ހިއްސެއްމެ ޒައުލްއަށް ފިދާވެދެއެވެ. އަމިއްލަ ބާރުގެ ދަށަށް އެހިއްސުތައް ގެނައުމަކީ އުނދަގޫކަމަކަށް ވެގެންދެއެވެ. އޭރެކޭ މިހާރެކޭ ޒައުލްގެ ލޯބިވެތި އަދާތަކަށް ބަދަލެއް ނާދެއެވެ. ލޯތްބާއިއެކު އަތްލައިފިނަމަ އެ އަތުގެތެރެއަށް ވިރިގެންދާން ނޭދޭނެހިތެއް ނުވާނެކަން ގައިމެވެ.
"އަހަންނާ ދުރަށް ދެން ނުދައްޗޭ" ޒައުލް ޔޫހާގެ އަތްތިލާގައި ހިފާ މަޑުމަޑުން އެއަތްތިލައަށް ފިތާލަމުން ބުނެލިއެވެ.
"އަހަރެން ކޮންއިރަކުތަ ޒައުލް އާއި ދުރަށް ދިޔައީ، ޒައުލް އަމިއްލައަށް އަހަރެން ބޭނުން ނުވެގެން ދޫކޮއްލީ، އަހަރެންގެ ހިތް އެމީހަކަށް އެންމެ ފުރަތަމަ ފަހަރަށް ދެވުނީއްސުރެން އަދި އަދަށްވެސް އެހިތްވަނީ އެމީހާއަށް މިލްކުވެފަ، ބަދަލެއް ނުވޭ، އަހަރެން ބަދަލުކުރަން މަސައްކަތެއް ވެސް ނުކުރަން... ދެން ކީއްވެ ޒައުލް ހިތަށް އަރަންވީ އަހަރެން އެހެންމީހަކު ހިޔާރުކޮއްފާނެއޭ، ޒައުލްއަށް ކައިވެންޏަކީ އެހާ ފަސޭހަ ކަމަކަށްވިޔަސް އަހަރެންފަދަ އަންހެނަކަށް އެއީ އެހާ ފަސޭހައިން ކުރެވިދާނެ ކަމެއްނޫން... އަހަރެން އަޔާދެކެ ކުޑަކޮށްވެސް ލޯތްބެއް ނުވޭ، އަދި އަޔާވެސް އަހަރެންދެކެ ލޯބިވާ ވާހަކައެއް ނުދައްކާ، އަހަރެން ޒައުލްއަށް ބުނެދެން ބޭނުންވެގެން މިއުޅެނީ އެވާހަކަ، އަހަރުމެން ދެމީހުންނަކީ ދެރަޙުމަތްތެރިން ކަމޭ، ކީއްވެތަ ޒައުލް ތިހާ އަވަހަށް ރުޅިއަންނަނީ... ރުޅިއަކީ އެއްވެސް ފައިދާއެއް މީހާއަށް ކޮއްދޭނެ އެއްޗެއް ނޫން، ޒައުލްގެ އަތުން ފައިން ގޯހެއް ހެދުން ނޫން ކަމެއްނުވާނެ، މުޅި އުމުރަށް މާފުނުކުރެވޭވަރުގެ ކަމެއް ތިރުޅީގެ ސަބަބުން ވެދާނެ ކަމާމެދު ވިސްނާލަބަލަ..." ޔޫހާ ވާހަކަ ދެއްކި އެވެ.
"ދެން ނުވާނެއޭ، ދެން ރުޅިއެއް ނާންނާނަން.... މާފަށްވެސް އެދެފިން... ސޯ ޕްލީސް....ދެން މާފުކުރޭ، އެހެނެއް ދެން ނުވާނެއޭ" ޒައުލް ދެންވެސް ޔޫހާގެ ނިތްކުރީގައި ބޮސްދީފައި މިހެން ބުނެލި އެވެ. އަދި އޭނަގެ ރީތި ފިރިހެންވަންތަ ހިނިތުންވުން ދައްކާލިއެވެ. ޔޫހާއަށްވެސް ހިނިތުންވެލަން މަޖުބޫރުކުރުވިކަހަލަ އެވެ. ހިނިއައިސްފައި ޔޫހާ އިސްޖަހާލީ އެ ހިނިތުންވުން ޒައުލްއަށް ފޮރުވާލުމަށެވެ. ޒައުލް ޔޫހާގެ އަތްތިލާގައި ހިފާލައިގެން ގޮނޑިން ތެދުވުމުން ޔޫހާއަށް ވެސް ޖެހުނީ ތެދުވާށެވެ. އޭނަ މަޑުމަޑުން ޔޫހާ ގެނެސް އެއަތުގެ ތެރެއަށްލަމުން އުނަގަނޑުގެ ވަށައިގެން ދެއަތްޖޯޑުކޮއްލި އެވެ.
"ކީއްވެތަ އަހަންނަށް ޖަވާބެއްދޭން ފަސްޖެހެނީ، ޔޫހާ އަހަރެންދެކެ ލޯބިވޭ އަހަރެން ޔޫހާދެކެ ލޯބިވަން، ކިޔާންއަށް އެއްވެސް ކަމެއް އުނިވިޔަ ނުދޭނަން، އަހަރެން އެދަރިފުޅު ދުނިޔެއަށް ނެރޭނީ އަހަރެންގެ ދަރިއެއްގެ ގޮތުގަ، ދެން ޔޫހާ ވިސްނަންޖެހޭވަރުގެ ކަމެއް އޮންނާނެއެކޭ އަހަރެންގެ ހިތެއް ނުބުނެ..." ޒައުލް މިހެން ބުނެލިއިރުވެސް ޔޫހާ ހުރީ އިސްޖަހާލައިގެންނެވެ. އިސްކޮޅުގެ ބޮޑު ތަފާތެއް ދެމީހުންގެ މެދުގައި ހުރުމުގެ ސަބަބުން ޔޫހާގެ ހޫނު ނޭވާ ޒައުލްގެ މެޔަށް އިޙްސާސްކުރެވެމުންދިޔައެވެ. ޔޫހާ ވިސްނާލީ ޒައުލް ކައިރީ ހުރިހާ ވާހަކައެއް ބުނަންވީއޭ ހިތަށް އަރާފައެވެ. އެއްޗެއް ނުބުނެ ޔޫހާ ހުންނަން ފެށުމުން ޒައުލް ކުރިއަށްވުރެވެސް ޔޫހާ ގާތްކޮއްލާފައި ގޮވާލިއެވެ.
"އެއްޗެއް ބުނެބަލަ... ހިމޭންކަން އަހަރެންގެ ހިތްނުތަނަވަސްކުރުވާ" މިހެންބުނެ ޒައުލް އެއްއަތުން ޔޫހާގެ ދަތްދޮޅީގައި ހިފާ އޭނަ އާއި ދިމާލަށް އެމޫނު އުފުލާލިއެވެ.
"އެރޭ ޕާކްވިއުއިން ޒައުލް ފެނުމުން އަހަންނަށް ގަބޫލުވެސް ނުކުރެވުނު، އެކަމަކު ފަހުން ވާހަކަ ދެއްކިގޮތުން އަހަރެން ވަރަށް ދެރަވި، ވަރަށް ރުޅިއައިސް ފޫހިވެސްވި، އެނގުނު ޒައުލް ބަދަލުވެއްޖެކަން، ޒައުލް ރުޅިއަންނަ ކޮންމެ ފަހަރަކު ތިއުޅެނީ މޮޔަވެގެން އުޅޭ މީހެއްހެން، އަހަރެން އެއްފަހަރުވެސް ޒައުލްގެ އެސިފަ ކިޔާންއަށް ފެންނާކަށް ނޭދެން، އައި ލައިކް ދަ ޒައުލް ބިފޯ..." ޔޫހާ ޒައުލްއަށް ބަލަން ހުރެ ބުނެލިއެވެ.
"ހެ ހެ ހެ... ޔޫ ޖަސްޓް ސޭ ޔެސް ބޭބް، އެންމެ ވޯޑްއެއް، އޭރުން ހުރިހާ ކަމެއް ޗޭންޖުވާނެ، ސޭ ދަ މެޖިކް ވޯޑް، އެކަމަކު ބުނަން، ކުރީގެ ޒައުލްއެއް އަނބުރާ ޔޫހާއަކަށް ނުދެވޭނެ، އެފަދަ ދޮގުވެރިއަކަށްވާކަށް އަހަރެން ބޭނުމެއް ނޫން، އާ ފެށުމަކުން ފަށަން ބޭނުންވަނީ، މިފަހަރު އެއްވެސް ކަމެއް އޮޅުވާލާކަށް ބޭނުމެއް ނޫން، ބޭނުންވަނީ ކިޔާން އާއި ޔޫހާގެ ދިރިއުޅުމުގެ ބައެއްކަމުގައި އަހަރެންވުން، ބޭބީ ވިލް ޔޫ މެރީ މީ ޕްލީޒް..." ޒައުލް ކުއްލިއަކަށް ޔޫހާގެ ކުރިމަތީ ކުޑަކަކޫ ޖަހާލަމުން އަހާލިއެވެ. ޒައުލްގެ މޫނަށް ބަލަހައްޓައިގެން ހުރި ޔޫހާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވެގެންދިޔަ އެވެ. އަދި ދެފަރާތަށް ބޯހޫރުވާލީ ޒައުލް ދެވަނަ ފަހަރަށްވެސް އޭނަ އާއި ކައިވެނި ކުރުމަށް އެދުނީތީ އެވެ. އަދި ޒައުލްގެ ގޮތް ދޫނުކުރުން ޔޫހާއަށް އެނގޭތީވެސް މެއެވެ.
"ހޫމް..." ޔޫހާ މަޑުމަޑުން ބޯޖަހާލަމުން ހިނިއައިސްފައި ހުރެ ހޫން ލައްވާލި އެވެ.
"ވަޓް، އަހަންނަށް އަޑެއްނީވޭ" ގުޑާވެސް ނުލާ ހުރި ޒައުލް އެއްއަތް ޔޫހާއަށް ދިއްކޮއްލަމުން މިހެން ބުނެލިއެވެ.
"ޔެސް، ޔެސް...ދެން ކިތަށްފަހަރުތަ ބުނަންވީ" މިހެން ބުނަމުން ޔޫހާ ޒައުލްގެ އަތްތިލާގެ ތެރޭ އޭނަގެ އަތްތިލަ ހެޔޮވަރުކޮއްލިއެވެ. އެހިނދު ޒައުލް ތެދުވިގޮތަށް ތެދުވެ ޔޫހާގެ އުނަގަނޑުގައި ހިފާ އުފުލާލަމުން ބައްދާލުމާއިއެކު ޔޫހާ އަނބުރާލީ ލިބުނު ބޮޑު އުފަލުންނެވެ. ޔޫހާ ޒައުލްގެ ކަނދުރާގައި ދެއަތުން ހިފަހައްޓާލަމުން މައްޗަށް އިސްއުފުލާލީ ހިތަށް ހަމަޖެހުމެއް ލިބުނުކަމުގެ އިޙްސާސް ކުރެވުމުންނެވެ. އެއާއިއެކު ދެލޯ މަރާލެވުމާއިއެކު ތުންފަތަށް ވެރިވި ހިނިތުންވުން ނުފިލާ ހުއްޓެވެ. ޒައުލް ޔޫހާ ތިރިކޮއްލުމުންވެސް އޭނަ ހުރީ ދެލޯ މަރާލައިގެންނެވެ. އެ ރީތި ތުންފަތުގައި ބޮސްދޭން ޒައުލް ހިތަށްއެރި އެވެ. ނަމަވެސް އޭނަ އެފަދަކަމެއް ނުކުރިއެވެ. ޔޫހާ ހިތްހަމަ ނުޖެހިދާނެތީ އެވެ. އޭގަ ބަދަލުގައި މަރާލެވިފައިވާ ދިގު އެސްފިޔަތަކެއް ލިބިފައިވާ ރީތި ދެލޮލުގައި އޭނަ ބޮސްދެމުން ލޯބިވެޔޭ ބުނެލި އެވެ.
"ތެންކިއު..." ޒައުލް ގުދުވެލާފައި ވައިއަޑަކުން ޔޫހާގެ ކަންފަތް ދޮށުގައި ބުނެލި އެވެ.
"އަހަރެން ދެން ހަނދާންކުރާނަން ފޯނު ހިފައިގެން އުޅެން" ޔޫހާ މިހެން ބުނެލީ ޒައުލްގެ ހިތްހަމަޖައްސާލަ ދިނުމަށްކަމުގައި ވިޔަސް އޭނަ އެގޮތަށް ކަންތައް ކުރަން ނިންމިއެވެ. ޒައުލް އާއި ގުޅުމުން ދެންވާގޮތެއް ވެސް އެނގިދާނެތާއެވެ. އެހެންމީހަކާ ގުޅުމަށްވުރެ ދަރިފުޅުގެ ބައްޕައަށް، ޔޫހާގެ ފުރަތަމަ ލޯތްބަށް ފުރުޞަތު ދިނުން ރަނގަޅުކަމުގައި އޭނަ ދެކުނީ އެވެ. އަދި އެއް ފުރުޞަތު ޒައުލްއަށް ދޭން ބޭނުންވީ އެވެ. އެއްވެސް މީހަކަށް ދިރިއުޅުމުގައި އެމީހަކު ގެންގޮސް ބީއްސާލާނީ ކޮންކަހަލަ އައްސޭރިއަކަށް ކަމެއް ނޭގޭނެ އެވެ. އައިގަދަވަޔާ ތޫފާނުގެ އަސަރު ފިލާހިނގައްޖެ އެވެ. އެހެންނަމަވެސް ކުރިއަށް ފިޔަވަޅެއް އަޅަން ޔޫހާ ހުރީ ޖެހިލުންވެފަ އެވެ. މިއަދު އޭނަ އެފިޔަޅު އެނެގީ ޒައުލްގެ ދިރިއުޅުމަށް ވަނުމަށްޓަކައެވެ. ދެވަނަ ފަހަރަށެވެ. ލޯތްބައްޓަކައެވެ. އަދި އެލޯބީގެ ދެމިގެންވާ ނިޝާންކަމުގައިވި ކިޔާންއަށްޓަކައެވެ.
"އަހަރެން ހަމަ މިއަދު ބައްޕަ އާއި ހަމައަށް މިވާހަކަ ގެންދާނަން، ގޭގަ ދޮންތަގެ ކައިވެނި ކުރެވެން އުޅެނީ، އެކައިވެންޏާއިއެކު އަހަރެންގެ ކައިވެނިވެސް ކުރެވޭނެ... އޭރުން ޔޫހާ އުޅޭނީ އަހަރެންގެ ކައިރީ، ކިޔާންވެސް ހުންނާނީ އަހަރުމެން ދެމީހުންގެ ކައިރީ ދޯ، އޭރުން ކިޔާން އަބަދު ޑެޑީއޭ ގޮވާއަޑުއިވޭނެ، މާމަ ވަރަށް އުފާވާނެ ކިޔާން ފެނުމުން، އަހަރެން ހުރިހާ ވާހަކައެއް ކިޔާދޭނަން... މާމަ ބޭނުންވާނެ ޔޫހާ އާއި ބައްދަލުކުރަން، އެކަމަކު ބުނަން، މާމަ ވަރަށް ފާޑެއްވާނެ... އަހަންނަށް ޔޫހާ އެނގޭހެން އެހެން މީހުންނަކަށް ޔޫހާއެއް ނޭގޭނެއެއްނު ދޯ..." ޒައުލް އެކިއެކި ވާހަކަތައް ދައްކަމުންދިޔައެވެ. ޔޫހާ ބަހެއްވެސް ނުބުނެ ޒައުލްގެ ހަރަކާތްތަކަށް ބަލަންހުރެ އޭނަ ދައްކަމުންދިޔަ ވާހަކަތަށް އަޑުއަހަމުންދިޔަ އެވެ. އޭރު އޭނަގެ ހިތަށް އަރަމުންދިޔައެވެ. ދާދި ކުޑަހިނދުކޮޅެއްކުރުން އޭނަގެ ކުރިމަތީ މޮޔައަކުހެން ރުޅިއައިސްރަތްވެފައި ހުރެ އެއްޗެހިކިޔަމުން ޔޫހާގެ ގަޔަށް އަތްފޯރުކުރަމުން ދިޔަ ޒައުލްބާއޭ ހަމައެއީ، އެހާ ބޮޑު ތަފާތެއް ކުއްލިއަކަށް އެއައީ ހަމަ ޔޫހާ ކައިވެންޏަށް ގަބޫލުވުމުން ބާއެވެ. މިހާރު ޒައުލް އުފާވެފައި ވާހަކަދައްކަމުންދިޔައިރު އެއިން އެއްވެސް ކަމެއް ނުވާފަދަ އެވެ. އެހާ އަވަހަށް އެކަންތައްތައް ހަނދާނުން ފޮހެލަން ޒައުލްއަށް ފަސޭހައީ ކީއްވެ ހެއްޔެވެ.
"ޔޫހާގެ އާއިލާ ކައިރީ ނުބުނާނަންތަ، މިހާރުވެސް އެންމެން ތިބެނީ ރަށުގަތަ" ޒައުލް ސުވާލުކުރިއެވެ. ޔޫހާގެ މޫނުމަތީގައިވި ހިނިތުންވުން އެކީގަހެން ފިލާހިނގައްޖެ އެވެ. އޭނަގެ އާއިލާއަކީ ބޮޑު އާއިލާއެއް ނޫނެވެ. އެހެންނަމަވެސް އޭނަ ޝާއިންގެ ކައިރިއަށް އައިފަހުން އާއިލާގެ ހާލުވެސް ބަލާނުލަ އެވެ. އެއްބަނޑު އެއްބަފާ ކުއްޖަކަށް ހަމައެކަނި ހުރި ދޮށީ ދައްތަ ގުޅިއަސް ޔޫހާ ފޯނު ވެސް ނުނަގަނީ އެވެ. ކަންވީގޮތުން އާއިލާއަށް މޫނު ދައްކަން ބޭނުންނުވަނީ އެވެ. އޭނަ ހުރީ އެ ރަށުންނާއި އޭނަގެ އާއިލާ އާއިވެސް ދުރަށް ދެވޭނެ ދުވަހަކަށް އިންތިޒާރުކޮށް ދުޢާކުރުމުގަ އެވެ. އެކަމުގައި އޭނައަށް އެހީވީ ހަމައެކަނި ޝާއިންއެވެ. އެއްގޮތަކުން އާއިލާގެ ކުށެއްނެތެވެ. އޭނަގެ ސަބަބުން އާއިލާއަށް ލިބުނީ ދުވަހަކު ވެސް ފިލައިގެން ނުދާނެފަދަ ހުތުރު ނަމެކެވެ. ފުންހިތާމައެކެވެ. ޒައުލްގެ ސުވާލަށް ޔޫހާ ބޯޖަހާލީ އާއެކޭ ބުނުމަށެވެ.
"އަހަރެން މިހުރީ ތައްޔާރަށް ޔޫހާގެ ބައްޕަ އާއި ބައްދަލުކުރަން، ދެންތިބި މެންބަރުންނާ ވެސް ބައްދަލުކުރާހިތްވޭ، ޔޫހާ އަހަރެން ކައިރިން އެދުނީމެއްނު ރަށަށް ދާން، އަހަރެން ދާނަން، މިފަހަރު ދެމީހުން އެކީގަ ދޯ ދާނީ" ޒައުލް މިހެން ބުނެލަމުން އެތެރެއަށް ހިނގައިގަތެވެ. އެހެނީ އިރުގެ އަލި ސީދާ އެތަނުގައި ހުރި ބިއްލޫރި ކުޑަދޮރުން މުޅިކޮޓަރިތެރެއަށް އެޅެމުން ދިއުމުންނެވެ. ޔޫހާ ޒައުލްގެ ވާހަކައަށް އެއްވެސް އެއްޗެއް ނުބުންޏެވެ. އޭނަ އެނބުރި އެރަށަށް އަރާކަށް ގަސްދެއް ނުކުރެ އެވެ. އޭނަ ޝާއިންގެ ކައިރިއަށް އައީ މަޖުބޫރުވެގެން ނޫނީ ދެން އެނބުރި ރަށަށް ނުދާނަން ކަމުގައި އަމިއްލަ ނަފްސަށް ވައުދުވެފައެވެ. ޔޫހާއަށް އެރަށުގައި ކަންތައް ދިމާވި ގޮތުންނާ ކުރެވުނު ހިތި ތަޖުރިބާ ފުދެއެވެ. އަލުން އެކަމާ ކުރިމަތިލާން އޭނަ ބޭނުން ނުވަނީއެވެ. އެހެންނޫނަސް ބައްޕަ އާއި ބައްދަލުކުރެވޭނީ އެބައްޕަ ދުނިޔޭގައި ހުރިނަމައެއް ނޫންހެއްޔެވެ.

ކޮމެންޓް 0