ލޫލުއާ ހިނިއައިސްފައި ހުރެ އައިސް ޒައުލް އާއިއަރާ ހަމަކޮއްފިއެވެ. އަދި ޒައުލް ދާތަނެއް އޮޅުން ފިލުވާލަން އަހާލީ އެއްވެސް ގަސްދެއްއޮވެގެނެއްނޫނެވެ.
"ދުއްވާލަން، ދޮންތަ ކޮންތާކަށް...އޯ ހާޒިމް އާއިއެކު ދޯ" ގޭޓުން ނުކުންނަމުން ލޫލުއާއަށް ޖަވާބެއްދިން ޒައުލްއަށް ހާޒިމްގެ ކާރު ފެނުނީ ދެނެވެ. ކާރުގައި އިން ހާޒިމް ކުޑަކޮށް ޒައުލްއަށް އަތްހޫރާލުމުން ޒައުލްވެސް ހިނިތުންވެލަމުން އަތްހޫރާލިއެވެ. ލޫލުއާ އާއި ވަކިވެ ޒައުލް އޭނަގެ އަމިއްލަ ކާރަށްއެރިއެވެ. ފަހަތު ސީޓުގައި އިން ޒައުލް އޭނަގެ ނިތްކުރީގައި މުއްކަވާލި އަތުން ޖަހާލިއެވެ. އޭނަ ކަންބޮޑުވެފައިވަނީ ޔޫހާ އާއި އޭނަ އާއި ދޭތެރޭވާގުޅުން އާއިލާއަށް އަންގާނެގޮތެއް ނޭގިގެންނެވެ. ސީޓަށް ހަށިގަނޑު ދޫކޮއްލުމާއިއެކު ޔޫހާ މެންގެއަށް ދިއުމަށް ޒައުލް ޖަމާލުގެ ކައިރީ ބުންޏެވެ.

ސިޓިން ރޫމު ސޯފާގައި ޓީވީ ބަލަން އިން މަންސޫރުގެ ފޯނު ރިންގުވުމާއިއެކު ބަލާލެވުނެވެ. އޭނައަށް ގުޅަނީ މަންމަ ލާއިގާއަށްވީތީ ޖަވާބު ދިނުމަށް އަވަސްވެގަތެވެ.
"ނިދަން ދަމުން ދަރިފުޅަށް ގުޅާލީ ޓިކެޓް ހަމަޖެހުނު ވާހަކަ ބުނަންވެގެން" ލާއިގާ ބުނެލިއެވެ.
"އެހެންވީރު ދެން ކޮންދުވަހަކުންތޯ މަންމަ އާއި އީލާކް މިކޮޅަށް އަންނީ" މަންސޫރު ކުރިމަތީ ހުރި ކުޑަމޭޒުގެ މަތީގައި އޮތް ޓީވީގެ ރިމޯޓް ނަގާ އަޑުމަޑުކޮއްލަމުން ފޯނުން ވާހަކަދެއްކިއެވެ.
"ދެދުވަހެއްތެރޭ އިރާދަކުރެއްވިއްޔާ ހުންނާނީ މާލޭގަ....ސަމަދު ގާތުވެސް ބުނެލާފަބާއްވާ ކައިވެނީގެ ހުރިހާ ކަމެއް ކުރާނީ އަންހެންކުއްޖާގެ އާއިލާގެ ފަރާތުންކަން، އަދި ކައިވެނީގެ ފޯމު ފުރުމަށްވެސް ކުޑަހަފްލާއެއް ބާއްވާލަން ފެންނަ ކަމަށް...ކައިވެނީގެ ކަންތައްތައް ކުރިއަށް ދާއިރު ދެއާއިލާގެ ގުޅުންވެސް ބަދަހިވާނީ އޭރުންނު، އަނެއްކާ އާއިލާގެ އެންމެ ފުރަތަމަ ކައިވެންޏަށްވީމަ މަންމަ ބޭނުން ވަރަށް ފުރިހަމަވާން....ބުނަން ތިކޮޅަށް ދާދުވަސްނޫން އަނެއްދުވަހު ކައިވެނީގެ ފޯމް ފުރުމުގެ ހަފްލާ ބާއްވަންވާނެ...ކީކޭ ދަރިފުޅު ބުނަނީ" ލާއިގާ އެއްފަހަރާ އެތަށް ވާހަކައެއް ދައްކާލިއެވެ. މަންސޫރުއަށް ލާއިގާގެ އެވާހަކަތަކުން ލޫލުއާގެ ކުރެވެން މިއުޅޭ ކައިވެންޏާމެދު ލާއިގާވަނީ ވަރަށް ހިތްހަމަޖެހިފައިކަން އެނގުނެވެ.
"މަންމައަށް ފެންނަގޮތެއް އަޅުގަނޑަށް އެންމެ ރަނގަޅު، ވަރަށް އުފާވެއްޖެ ދެދުވަސްތެރޭގައި މިކޮޅަށް އަންނަން އުޅޭ ޚަބަރު ލިބުމުން، މަންމަ ބޭނުންވާ ގޮތަށް އަޅުގަނޑު ހުރިހާ ކަމެއް ހަމަޖައްސާނަން، ސަމަދުގެ އާއިލާ ތިބީ އަޅުގަނޑުގެ އިޝާރާތަކަށް މަޑުކޮއްލައިގެން، އަޅުގަނޑު ކުރިން ބުނިން މަންމަ މިކޮޅަށް އައީމަކަން ކައިވެނީގެ ކަންތައްތައް ކުރިއަށް ގެންދެވޭނީ....ކޮބާތޯ އިލާކް، މާލެ އަންނަން ޖެހުމުން ޔަގީނުންވެސް އެކުއްޖާ ހުންނާނީ ހިތްހަމަނުޖެހިފަ" މަންސޫރުއަށް އެއްކަމެއް ޔަގީންވާތީ އަހާލެވުނެވެ.
"އާން، ތިބުނީ ހަމަ ރަނގަޅަށް، އީލާކް ވަރަށް ހިތްހަމަނުޖެހިގެން އުޅުނު، އެކަމަކު ލޫލުއާގެ ކައިވެނީގެ ވާހަކަ އަޑުއިވުނުފަހުން އެކަން ވަރަށް ކުޑަ، ދެން ޖުނައިދުވެސް ވަރަށް ވިސްނައިދޭ އީލާކްއަށް، ކޮބާތަ ތިކޮޅުގަ އުޅޭ ކުދިންތައް؟ ޒައުލް ކޮބާތަ، މިހާރު ދެތިން ދުވަސްވެއްޖެ އެއްގޮތަކަށްވެސް މަންމައަށް ގުޅާނުލާތާ، ވަރަށް އަވަދިނެތި ދޯ އުޅެނީ...އަދި އެނގޭތަ ޖުނައިދުވެސް އެބަކިޔާ ކައިވެންޏަށް މާލެ ދެވޭތޯ ބަލާނަމޯ، އެކަމަކު މަންމައަށް އެއްވެސް އިތުބާރެއްނެއް، މިހާރުވެސް ނުލާހިކު ބުރަކޮށް އުޅެނީ، ކިހިނެއް އެއޮއްބޮޑު އާއިލާ އާއިއެކު މިކޮޅަށް އަންނާނީ....އެހެންވިޔަސް ދައުވަތު ދީފިން" ލާއިގާ ހިނިއައިސްފައި ހުރެ ވާހަކަދެއްކިއެވެ.
"މަންމާ، ތިހެން ބުނީމަ އަޅުގަނޑު ކަމަކާ މަޝްވަރާއެއްކޮއްލަން ބޭނުން، ޒައުލް އާއި ގުޅިގެން" މަންސޫރުގެ އަޑުގެ ރާގު ބަދަލުވިއެވެ.
"ކިހިނެއްވީ ދަރިފުޅު ކަމަކާ ކަންބޮޑުވާހެން ހާދަހީވެޔޭ" ލާއިގާއަށް ކަމެއް ފާހަގަކުރެވިގެން އަހާލާފަދަ ގޮތަކަށް ބުނެލިއެވެ.
"ޒައުލް ބަދަލުވެއްޖެހެން ވަރަށް ހީވޭ، މާގިނައިރު ހޮޓެލްގަ އުޅެނީ، ނިދަނީވެސް އެތަނުގަ ކަނީވެސް އެތަނުގަ، ދެން އަނެއްކާ މިއަދު ހަވީރު ފެނުނީ މިއިން ދުވަހަކުވެސް ފެނިފައިނުވާ މަންޒަރެއް....ޒައުލްއަކީ އަބަދުވެސް ސްމާޓްކޮށް ހުރުމަށް ލޯބިކުރާ ޒުވާނެއް، އެއާހިލާފަށް މިއަދު ހަވީރު ގެއަށް އައީ ކޮންތާކުންކަމެއް ނޭގޭ، ޔަގީނުންވެސް ހޮޓެލުން އައިނަމަ ހުންނާނީ ފެންވަރާ ރީތިވެލައިގެންނު..." މަންސޫރުގެ ވާހަކަ މެދުކަނޑާލީ ލާއިގާއެވެ.
"މަންމައަށްވެސް ޒައުލްއަށް ބަދަލުތަކެއް އަންނަކަން ފާހަގަކުރެވުނު، އަދި އެކަމާ އަންހެން ކުއްޖަކާ ގުޅުމެއްވާކަން އެނގޭ، އަނެއްކާ ގެއަށް ގެނައީތަ ނޫނީ ހަވީރު އެއަންހެން ކުއްޖާ އާއިއެކު ފެނުނީތަ" ލާއިގާ ބުނެލިއެވެ.
"ނޫން މަންމާ، އަދިއެއް ތިކަހަލަ އެއްވެސް މަންޒަރެއް ނުފެނޭ، އެކަމަކު އޭނަ ހަވީރު ގެއަށް އައިއިރު ލައިގެން ހުރި ހެދުމުގައިވަނީ ރޫޖެހި ބޮލުގެ އިސްތަށިގަނޑު ހޭވިފައި...ހެނދުނު އަޅުގަނޑާއި ލޫލުއާއިއެކު ނާސްތާކޮއްގެން ގެއިން ނުކުތްގޮތަށް ހަމަ އެހެދުމުގައި ހުރީވެސް....މޫނުމަތިން ފެނުނީ ނިދީގެ އަސަރު، އަޅުގަނޑު ފެންނަ ހިސާބުގައި ހުއްޓަ ޒައުލް ނުދާނެ އަޅުގަނޑަށް ގޮވާނުލައެއް، މިފަހަރުވީ އެހެނެއްނޫން، އަޅުގަނޑު ސިޓިން ރޫމު ސޯފާގައި އިންކަން ޒައުލްއަށް ނުވެސް އެނގުނު، އަދި ކުރިން ރޭ ވަރަށް ރުޅިއައިސްގެން މީހަކާ ފޯނުން ވާހަކަދެއްކި އަޑުވެސް އިވުނު، ކޮންމެވެސް އަންހެން ކުއްޖެއްގެ ނަންކިޔަމުން ވާހަކަދެއްކީ، އެކަމަކު މިހާރު އަޅުގަނޑު ހަނދާނެއްނެތް އެއީ ކޮންނަމެއްކަމެއް، އަޅުގަނޑަށް ހީވަނީ ޒައުލް ކޮންމެވެސް ކަމެއް އެބަ ސިއްރުކުރޭހެން، އަޅުގަނޑު ގާތު އެއްވެސް ވާހަކައެއް ޒައުލް ދައްކަން ބޭނުންވާހެނެއް ހިއެއްނުވޭ، އެހެންވިޔަސް މިއަދު އެފެނުނު މަންޒަރުން އަޅުގަނޑު ޒައުލްގެ ގާތު ބުނެފިން ކޮންމެ ރެއަކުވެސް ނިދަން ގެއަށް އައުމަށް، އަދި ހޮޓެލްގައި ކައިބޮއެ ނިދާހެދުން މަދުކުރުމަށް.....މަންމާ، ހުރި ހަމައެކަނި ފިރިހެން ދަރިއަށްވެފަ އިތުބާރު ކުރިޔަސް މިފަދަ މަންޒަރުތަކުން އަޅުގަނޑު ކަންބޮޑުވޭ...." މަންސޫރުގެ ދުލުން ފުރަތަމަ ފަހަރަށް އޭނަގެ ދަރިއަކާއިމެދު ކަންބޮޑުވާކަން ހާމަކުރުމުން ލާއިގާވެސް ކަންބޮޑުވިއެވެ.
"މަންމަ މާލެ ދިއުމުން ހުރިހާ ކަމެއް ހަމައަކަށް އެޅިދާނެ، ތިވީގޮތުން މާލެ ދެވުމާއިއެކު ޒައުލްގެ ދިރިއުޅުމަށް ތިހާ ބޮޑު ބަދަލެއް ގެނުވި ކަމެއްވެސް އޮޅުންފިލުވާނަން..." ލާއިގާ މަންސޫރުއަށް ވިސްނާދީފައި ފޯނު ބޭއްވީއެވެ.

ޔޫހާގެ ހިތްވަނީ އަވަސްވެފައެވެ. ސިޓިން ރޫމު ސޯފާގައި އޭނަގެ އެއްފަރާތުގައި އިށީނދެލައިގެން ޒައުލްއިނެވެ. ދައްކާނެ ވާހަކައެއް ނޭގުނަސް އެދެމެދުގެ ހިމޭންކަން ފޫއްދުއްވަމުންދިޔައީ ހުޅުވާފައި ހުރި ޓީވީއެވެ. ޒައުލް އިނުމުން ޝާއިންވެސް ކޮޓަރިން ބޭރަކަށް ނުނިކުމެއެވެ. އެހެންތިބިއިރު ދެމީހުންގެ ސަމާލުކަންވެސް ހުއްޓުނީ ޔޫހާގެ ފޯނަށް އައި މެސެޖަށެވެ. ޒައުލް ސުވާލުގެ ނަޒަރަކުން ޔޫހާއަށް ބަލާލިއެއްކަމަކު ޔޫހާ އެއްވެސް އެއްޗެއް ނުބުންޏެވެ. ގިނަވަގުތުތަކެއް އެގޮތުގައި ވޭތުވެގެންދިޔައެވެ. ދުލުން ބަހެއް ނުބުނިކަމުގައިވިޔަސް ލޮލުން އެތަށް ސުވާލަކާއި ވާހަކައެއްދެކެވެމުންނެވެ.

މުޅިން އާދުވަހަކަށް އިރުގެ ރަންދޯދިތައް ދުނިޔެމައްޗަށް ފަތުރާލާފައިވެއެވެ. ވަށައިގެންވި މާހައުލަށް މަޑުމަޑުން ހޫނުކަން ވެރިވަމުންދިޔައެވެ. ޓެރެސްގެ ރެއިލިންގައި އެއްއަތުން ހިފަހައްޓާލައިގެން އަނެއްއަތުން ކޮފީ ޖޯޑެއް ބޮމުން ޒައުލްދިޔައެވެ. އެތަނުގައި އޭރު އެކަކުވެސް ނެތެވެ. މީރު ކޮފީގެ ރަހަ އާއިއެކު ފުންނޭވާއެއް އެތެރެއަށް ދަމާލަމުން މާހައުލުގެ ތާޒާކަން އިޙްސާސް ކޮއްލީ ދެލޯ މަރާލަމުންނެވެ. އިރުކޮޅަކުން އެހެން ހުރުމަށްފަހު ޓެރެސްގައި ހުރި ސޯފާ އާއި ދިމާލަށް ހިނގައިގަތެވެ. ވަށައިގެންވި މާހައުލު ފެންނާނެ ގޮތަށް ހުރި ސޯފާގައި ޒައުލް އިށީނދެ އެއްފަރާތުގައި ހުރި މޭޒުގެ މަތީ ކޮފީ ޖޯޑު ބަހެއްޓިއެވެ. އަދި ސޯފާގައި ބާއްވާލާފައި އޮތް ޓެބްލެޓް ނަގާ ހުޅުވާލަމުން ދުވަސް ރޭވިފައިވާ ގޮތް ބަލާލިއެވެ. ޒަައުލް ވިސްނާލާފައި ބައެއްކަންތައްތައް އިތުރުކޮއްލިއެވެ.

އޮފީހަށް ޒައުލް ދިއުމާއިއެކު އެންމެ ފުރަތަމަވެސް ގާޑަންވިއުއަށް އިތުރު ސްޓާފުން ބޭނުންވެގެން އެފުރުޞަތު ހުޅުވާލިއެވެ. މީޑިއާގައި އެކަން އެނގޭނޭފަދަ ހުރިހާ އިންތިޒާމެއް ހަމަޖެއްސިއެވެ. އަދި ގާޑަންވިއުގެ މުވައްޒަފުންގެ ގޮތުގައި ހިޔާރު ކުރި ސްޓާފުންގެ ނަންލިސްޓް ހުރިހާ ހޮޓެލަކަށް ފޮނުވުމާއިއެކު އެމީހުންގެ ވަޒީފާ ބަދަލުވިކަމުގެ ލިޔުން ހަވާލުކުރުންވެސް އޮތެވެ. ހުރިހާ އެންމެންގެ ފަރާތުންވެސް ހޫނު މަރުޚަބާއެއް ލިބުނީ އެހެންވެދާނެކަން ހީވެސް ނުކުރާ ޝާއިންއަށެވެ. ފައުޒީގެ މަގާމު ހަވާލުކުރީ އޭނަގެ ދަށުން މަސައްކަތް ކުރަމުން އައި ރަމީޒު އާއިއެވެ. އަނެއްކޮޅުން ޕާކްވިއު ހޮޓެލް ތެރޭގައި ފައުޒީ ވަޒީފާއިން ވަކިކުރި ވާހަކަ ޒައުލް ހީކުރިގޮތަށް އެހޫނު ކަމާއިއެކު އަދިވެސް ދެކެވެމުންދެއެވެ. ހަގީގަތް އެނގެނީ ހަމައެކަނީ ޒައުލް އަށާއި ޝާއިންއަށް އެކަންޏެވެ. ބުރަދުވަހަކަށްވެފައި ޒައުލްއަށް ޔޫހާ އާއި ބައްދަލުކޮއްލާނެ ފުރުޞަތެއް ލިބުނީ ހަވީރު ހަތަރެއްޖެހިއިރު ހޮޓެލްގެ މަސައްކަތްތައް ދުވަހަށް ނިންމާލުމުންނެވެ. ގެއަށް ދިޔައެއްކަމަކު ފެންވަރާ ރީތިވެލައިގެން ޒައުލް ނުކުތީ ޔޫހާ އާއި ބައްދަލުކުރުމަށެވެ.

ޝާއިންގެ އުފާވެރި ކަމުގައި ރޮޒޭން ބައިވެރިވީ ފޯނުންނެވެ. އަދި ރޭގަނޑުގެ ކެއުމަށް ތަނަކަށް ދިއުމަށް ޝާއިން ރޮޒޭންއަށް ދަޢުވަތު އެރުވިއެވެ. ރޮޒޭންގެ ލޯބީވެތި އަދާތަކަށް ޝާއިންގެ ހިތްފިދާވަމުންދިޔައީ ވަރަށް ކުޑަދުވަސްކޮޅެއްގެ ތެރޭގައެވެ.

ޔޫހާއަށް އޭނަގެ ދައްތަ ޝަފަގު ގުޅިއެވެ. ނަމަވެސް މިފަހަރުވެސް ޒައުލް އާއި ގުޅިގެން އެއްވެސް ވާހަކައެއް ދައްކާކަށް ނުކެރުނެވެ. އަދި މަންމަ އާއި ވާހަކަދައްކާނެހާ ހިތްވަރެއްވެސް އޭނަގެ ނެތެވެ. ޝަފަގު ތަކުރާރުކޮށް ދެއްކި ވާހަކައަކީ ޔޫހާ އަލުން ދިރިއުޅުމެއް ފެށޭތޯ މަސައްކަތް ކުރުމަށެވެ. އެނބުރި ރަށަށް ނަޔަސް މަންމަވެސް އަދި އޭނަވެސް ހިތްހަމަޖެހޭނީ ޔޫހާ މީހަކާ އިނދެގެން ހުރީމަކަމުގައި ބުންޏެވެ. ޔޫހާ އެކަމަށް އެއްވެސް އެއްޗެއް ނުބުނެ އިނީއެވެ. ޝާއިން އާއި ގުޅުމަށް ޝަފަގު ހިޔާލު ދީފައި މިހާރު އެކަންވެސް ހުއްޓާލީ ޝާއިންގެ ދިރިއުޅުމަށް މީހަކު އައިސްފިކަން އެނގުމުންނެވެ. އެކަމަށް ހުދު ޝާއިން އަމިއްލައަށްވެސް ވަނީ އެއްބަސްވެފައެވެ.

ޔޫހާއަށް އޮފްދުވަހަކަށްވެފައި ދަރިފުޅާއިއެކު ހުރިހާ ވަގުތެއް ހޭދަކުރަން ބޭނުންވިއެވެ. އަދި ޒައުލް ގަނެދޭ އެއްޗިއްސަށް ކިޔާން ހެއްލިދާނެތީ އޭނަ ކަންބޮޑުވެއެވެ. ދަރިފުޅަށް ރަނގަޅު ނަސޭހަތްދީ ވިސްނާދޭން ޔޫހާ މަސައްކަތްކުރެއެވެ. ޔޫހާއަކީ ފައިސާވެރިއެއްނޫން ކަމާއި މުއްސަނދި ދިރިއުޅުމުގައި އުޅުމުގެ ފުރުޞަތެއް ދުވަހަކުވެސް ލިބިފައިނުވާ އަންހެނެއްކަމެވެ. އަދި އެފަދަ ދިރިއުޅުމަކީ ބައެއްފަހަރަށް މީހާގެ މަގުއޮޅި ބޮޑާވާން ފަހިވާ ފުރުޞަތަކަށްވެދާކަންވެސް އޭނަ ގަބޫލުކުރެއެވެ.

ދެދުވަސް ހޭދަވެގެން ދިޔައީ މިފަދަގޮތަކަށެވެ. ޔޫހާ އާއި ޒައުލްގެ ދިރިއުޅުމުގައި މާބޮޑު ކަންތައްތަކެއް ނުހިނގައެވެ. އެހެންނަމަވެސް ދެމީހުންގެ ސިކުނޑީގައިވެސް އެކަކު އަނެކަކުގެ ސޫރަ ކުލަފޮޓޮއެއްހެން ކުރެހިފައިވެއެވެ. ދުވަހުގެ ކޮންމެވެސް ވަގުތަކު އެދެތުންފަތަށް ދެމީހުންގެ ހިޔާލުތަކުން ފަނޑުނަމަވެސް ހިނިތުންވުމެއް ވެރިކުރުވައެވެ. ޒައުލް އިންތިޒާރު ކުރަމުންދިޔައީ އެއަތުގެތެރެއަށް ޔޫހާ ގެނެސްލެވޭނެ އިރަކަށެވެ. އޭނަގެ ހައްގަކަށް މުޅި އުމުރަށް ޔޫހާވާނޭ ދުވަހަކަށެވެ. 

އައްޔަދުއަށް ފައުޒީގެ ފަރާތުން ވަރަށް ގިނަކަންތައްތައް އެނގިގެންދިޔައެވެ. އޭނަގެ މާގާތް ރައްޓެއްސަކަށް ފައުޒީ ވެއްޖެއެވެ. ދޭތެރެއަކުން ޔޫހާއަށް ގުޅާ ހާލުބަލާލައެވެ. ފައުޒީގެ ވާހަކައިން އޭނައަށް މަންސޫރުގެ ކުންފަންޏާއި ދެކޮޅަށް ބޭނުންކުރާނެ ހަތިޔާރެއް ފެނިއްޖެއެވެ. އޭނަގެ އަތްފޯރާ ހިސާބު ކައިރިންނެވެ. އެކަމަށް ބޭނުންވަނީ ކުޑަހިތްވަރެކެވެ. އާފާގު އާއިއެކު ހޮޓެލްގެ ރެނޮވޭޝަންގެ މަސައްކަތްތައް ފެށިއެވެ.

ހެނދުނު ދިހައެއް ޖަހާލާކަން ހާއިރެވެ. ގޭތެރެއަށް ދުވެފައި ކަހަލަ ގޮތަކަށް ވަދެގެން އައި އީލާކްގެ އަޑުއިވި ސިޓިން ރޫމުގައި ތިބި ޒައުލް އާއި ލޫލުއާއަށް ހައިރާންކަންވެރިވެގެންދިޔައެވެ. ލޫލުއާ އާއި އީލާކް އާއި ދެބެން އެކަކު އަނެކަކުގެ ގައިގާ އޮޅުލައިގަތެވެ. ޒައުލް ދޮރާދިމާލަށް ބަލާލިއިރު މަންސޫރު އާއިއެކު ލާއިގާ ވަދެގެން އަންނަނީއެވެ. މާމައަށް ހިނިތުންވެލަމުން ލޫލުއާގެ އުނަގަނޑުގައި ހިފަހައްޓާލައިގެން ހުރި އީލާކްގެ އިސްތަށިގަނޑަށް ކުޑަކޮށް ދަމާލިއެވެ.
"ކީއްވެ ނުބެނެއައީ...އެހެންނޫންނަމަ އެއާރޕޯޓަށް ބަލާދެވުނީހެއްނު" ޒައުލް ހިތްހަމަނުޖެހޭ ގޮތްދައްކާލަމުން ބުނެލިއެވެ. ލޫލުއާ އާއިއެކު ޒައުލްވެސް ގޭގައި މަޑުކޮއްލައިގެން ތިބީ މަންސޫރުގެ އެދުމަށެވެ. ފަހަރެއްގަވެސް ލާއިގާ އަންނަކަން އެނގިއެއްނޫނެވެ. އެހެންވިޔަސް ޒައުލް އާއި ލޫލުއާގެ މޫނުމަތިން ފެންނަނީ ހިނިތުންވުމެވެ.

ކޮމެންޓް 0