ޒައުލްގެ ވާހަކަތައް ޔޫހާ އަޑުއަހަމުން ދިޔައިރު ހިތުގައި އުފެދެމުންދިޔަ ސުވާލުތައް ޒައުލްއަށް ސިއްރުކުރަމުންދިޔަ އެވެ. އޭނައަށް ޒައުލްގެ ފަރާތުން ކުއްޖެއް ލިބުނުއިރު އޭނައަކީ ކޮންކަހަލަ މިޒާޖެއްގެ މީހެއްކަން ނޭގުނެވެ. އެހެންވިޔަސް އޭނަ ޒައުލްގެ ބަހަށް އިތުބާރުކުރީ އެވެ. އޭނަގެ އެއުއްމީދުތަކާއި ދެވަނަ ފަހަރަށް ދިން އިތުބާރު ގެއްލުވާނުލާނެކަމުގައި ހީކޮށެވެ. ޒައުލްގެ އަތުގެތެރޭ އެހާ ގާތްކޮށް ހުރުމަށް އޭނަވެސް ހުދު ބޭނުންވެއެވެ.
"ކީއްވެތަ އެއްޗެއް ނުބުނީ...އޯކޭ، ފަހުން ދެން އެވާހަކަ ދައްކާނީ، އަހަންނާއިއެކު ހެނދުނުގެ ނާސްތާގައި ބައިވެރިވާންވީނު" ޒައުލް ޔޫހާއަށް ދައުވަތު އެރުވީ ހިނިއައިސްފައި ހުރެއެވެ. ޔޫހާ ޒައުލްގެ ދެލޮލަށް އިރުކޮޅަކު ބަލަހައްޓައިގެން ހުރުމަށްފަހު ބޯޖަހާލީ އާއެކޭ ބުނުމަށެވެ. ޒައުލް ކުރިއަށްވުރެވެސް ބޮޑަށް ހިނިތުންވެލާފައި ޔޫހާ ކައިރިކޮއްލި އެވެ. ދެމީހުން އެކުގައި ހިނގާލާފައި އައިސް އެކޮޓަރީގައި ހުރި ސޯފާސެޓުގެ ދިގު ގޮނޑީގައި އިށީނދެއްޖެ އެވެ. އޭރުވެސް ޒައުލް އިނީ ޔޫހާ އޭނަގެ އަތުގެ ތެރެއަށް ލައިގެންނެވެ. އޭނަގެ ލޮލުގައި ޔޫހާގެ އެރީތި ސޫރާ ހުއްޓިފައިވާ ތަސްވީރެއްހެން ކުރަހަމުން ދާފަދައެވެ. މަދުފަހަރަކު ނޫނީ އެސްފިޔަޖަހާނުލާ އިން ޒައުލްގެ ލޯ ޔޫހާ އާއި ވަކިކޮއްނުލައެވެ.
"އަހަރެން ވާހަކައެއް އަހަންތަ؟" ހިމޭންކަން ފޫދުއްވާލަމުން ޔޫހާ އަހާލި އެވެ.
"އަވަހަށް އަހާ... އަހަރެން ޔޫހާ ކުރި ކޮންމެ ސުވާލަކަށް ޖަވާބުދޭނަން" ޒައުލް އެއްފައި ކުޑަކޮށް ސޯފާގެ މައްޗަށް އަރުވާލަމުން ޔޫހާ އާއި ދިމާލަށް އެނބުރިލާފައި ބުނެލި އެވެ. އޭނަ އަންގަން ބޭނުންވާކަހަލަ އެވެ. އޭނަގެ ހުރިހާ ސަމާލުކަމެއް މިވަގުތު ދެވިފައިވަނީ ޔޫހާއަށް ކަމެވެ.
"ޝާއިންއަށް އެފަދަ މަތީ މަގާމެއް ހަވާލުކުރަން ތިއުޅެނީ އޭނަގެ ގާބިލް ކަމުންތައް، ނޫނީ އަހަންނާ ހެދިތަ... ޒައުލް، އަހަރެން ބޭނުމެއްނޫން ޝާއިންގެ ލައިފާ ޒައުލް ސަމާސާކުރާކަށް" ޔޫހާގެ އަޑުގައިވި ސީރިއަސްކަން ޒައުލްއަށް ނަގައިގަނެވުނެވެ.
"އަހަރެން ކީއްކުރަން ޝާއިންގެ ލައިފާ ސަމާސާ ކުރަންވީ، ފައުޒީ ނެތުމުން އަހަންނަށް ވަރަށް އުނދަގޫވޭ، ހަމަ އެފަދަ މީހަކު އަހަރެން ބޭނުންވޭ ފަހުން މިހުޅުވި ގާޑަންވިއު ހޮޓެލަށް ވެސް، ކޮންމެވެސް މީހަކަށް މިމަގާމްތައް ދޭން ޖެހޭނެތާ، އަނެއްކޮޅުން މިހާރު ފައުޒީގެ މަގާމުވެސް ވަނީ ހުސްވެފަ، އެމަގާމަށް އަހަރެން ގެންނަން ބޭނުންވަނީ އަހަންނަށް އިތުބާރު ހިފޭ މީހަކު، އަހަރެން ޝާއިން ހިޔާރު ކުރީ އޭނައަކީ ތެދުވެރި މަސައްކަތަށް ފަރުވާބަހައްޓާ، ޚާއްޞަކޮށް ޔޫހާ އޭނައަށް އިތުބާރުކުރާ މީހަކަށްވީތީ، އަހަރެންގެ އެންމެ ކައިރީގައި ތިބޭ މީހުންގެ ތެރޭ އަހަރެން ބޭނުން ޝާއިން ވެސް ހުންނަން، އަހަރެން އޭނަގެ ރިކޯޑްސްތައް ބެލިން، އޭނައަކީ ކިޔަވައިގެން ހުރި ގާބިލްމީހެއް، ގަވަޢިދާ އެއްގޮތްވާގޮތުގެ މަތިން ބަރާބަރަށް ޕްރޮމޯޝަން ލިބޭ، އެނގޭތަ ޝާއިންގެ ފަރާތުން ޔޫހާއާ އަހަރެން ދިމާވީ، އެކަމަށް ޝުކުރުއަދާކުރަން ވެސް ބޭނުން... ޔޫހާ ތިހެން ތިއެހީ ޝާއިން އަހަރެންގެ އޮފާ ގަބޫލު ނުކުރާތީތަ؟ ގައިމު އަހަރެން ކައިރިން އޭނަ ދިޔައީ ގާޑަންވިއުގެ އޮފާ ގަބޫލުކޮށްގެން" ޒައުލް ބުންޏެވެ.
"ޒައުލް ކަންތައް ކުރިގޮތުން އެންމެނަށް އެނގިއްޖެ ޒައުލްއަކީ ކިޔާންގެ ބައްޕަކަން، ޝާއިންގެ ވާހަކަ އަޑުއިވުމުން އަހުރުމެން ދެ މީހުންނަށް ވެސް އެފަދަ ގޮތެއް ފީލްވީމަ އަހާލެވުނީ، ޒައުލް އަހަރެން ހޯދަންވެގެން ޝާއިންއަށް މަތީމަގާމެއް ދިނުން އެއީ ޒައުލް އެކަން އެގޮތަށް ކުރަން ވިސްނިނަމަ ވަރަށް ދަށްފެންވަރެއްގެ ޢަމަލެއް..." ޔޫހާގެ ވާހަކަތައް ޒައުލް މެދުކަނޑާލީ އެތުންފަތުގައި ޖައްސާލި ޒައުލްގެ އަތްތިލައިންނެވެ.
"އަހަރެން އެކަން ކުރީ އެއްވެސް ގޮތަކަށް ޔޫހާ ހޯދުމުގެ ނިޔަތެއްގައެއް ނޫނޭ، ޝާއިން މިދޭތެރެއަށް ނުގެނެސް ވެސް އަހަރެން ޔޫހާ ހޯދީމުސް" ޒައުލް ޔޫހާގެ ކޯތާފަތުގައި ފިރުމަމުން ބުނެލި އެވެ.
"އެހެންވެތަ ބުނީ ޝާއިންގެ ވަޒީފާ ގެއްލިގެން ހިނގައިދާނެއޭ، އަހަރެންގެ ސަބަބުން، އަހަންނަށް ވަޒީފާ ދިނީތީ" ޔޫހާ މިހެން ބުނުމާއިއެކު ޒައުލްގެ ހުނުމުގެ އަޑުއިވިގެންދިޔަ އެވެ. އަދި ކުއްލިއަކަށް ޔޫހާގެ ކޮނޑުގައި ދެއަތުން ހިފާލަމުން ގެނެސް އެއަތުގެ ތެރެއަށްލާ ބައްދާލި އެވެ. އަދި ސޯފާގެ މައްޗަށް ޒައުލްވެއްޓިގަތް ހިނދު އޭނަގެ ގައިމަތީގައި އޮތް ޔޫހާ އެހެންނުހެދުމަށް ބުނަން ފެށި އެވެ. ނަމަވެސް ޒައުލްގެ ހުނުމުގެ އަޑު މުޅި ކޮޓަރިއަށްވެރިވެފައިވާ ހުސްކަމާ ހިމޭންކަން ނަގާލައިފިއެވެ. އެގޮތަށް އޭނަ ހެނިކޮށް ޔޫހާ ދުށްމީ ދެވަނަފަހަރެވެ. އެހަރުކަށިކަމުގެތެރޭގައި ޒައުލް ހިނިތުންވެލަން ހަނދާން ނެތުނީ ކަމުގައި ޔޫހާއަށް ހީކުރެވުނީ ގޯހަކުންނެވެ. އަދިވެސް ޔޫހާ ލޯބިވި ޒައުލްގެ ލޯބިވެތިކަން އެކުލެވިފައިވާކަން މިއަދު އޭނައަށް ފެންނަމުން އެބަދެއެވެ. އެދުހުވެސް ޒައުލް ޔޫހާ ބޭނުންވިނަމަ...ޔޫހާ ހިތަށް އެރިއެއްޗަކުން ޒައުލްގެ ކަނދުރާ އާއި ދިމާލުގައި މޫނުފޮރުވާލި އެވެ.

ލޫލުއާއަށް ކައިވެނީގެ އުފާވެރި ޚަބަރުލިބުނީ ހާޒިމްގެ ފަރާތުންނެވެ. ހެނދުނު ޑިއުޓީއަށް ދިޔަމަގުމަތީ ހާޒިމްގެ ކާރުގައި އިންދައެވެ. އެ މޫނަށްވެރިވި ހިނިތުންވުން އެތަށް އިރަކަށް ނުފިލާވިއެވެ. ހާޒިމް އޭނަގެ އާއިލާ އާއި ލޫލުއާގެ އާއިލާ ކައިވެންޏާއިމެދު ވިސްނާފައިވާގޮތެއް ކިޔާދިނެވެ.
"މާމަ އާއި ރޭގަވެސް ވާހަކަދެއްކިން، އެކަމަކު އެފަދަ ވާހަކައެއް ނުދައްކަވާ، އަހަރުމެންގެ ކައިވެންޏަށް މާލެ އަންނަން އުޅޭ ވާހަކައެއް ވެސް ނުދައްކަވާ، ބައްޕަ އާއިއެކު ރޭގެ ކެއުމުގައި ބައިވެރިވިއިރު ވަރަށް ގިނަ ވާހަކަތައް ދެކެވުނު، އެހެންނަމަވެސް ބައްޕަވެސް ކައިވެނީ ހިލަމެއްވެސް ކޮއްނުލެއްވި... ހީވަނީ މާމަ އައުމުން ސަފްރައިޒްއެއް ދޭން ރާވަނީހެން، އެހެންވެ ކަންނޭގެ ބައްޕަ އެއްޗެއް ވިދާޅުނުވެ އެހުންނަވަނީ، ޔަގީން މާމަގެ ކަމެއް މީ، އެކަމަކު ހައިރާންވަން، އަހަރުމެން ދެމީހުން ކުރެ އެކަކުވެސް އެއްވެސް ވާހަކައެއް ނުދައްކަނިސް ބައްޕަމެންނަށް މިގުޅުން އެނގިލެއްވި ގޮތެއް އޮންނަންވާނެ އެއްނު" ލޫލުއާ ބުނެލިއެވެ.
"އާން ވެދާނެ ތިހެން ކަމަށް، އަހަންނަށް ހީވަނީ ޒައުލްހެން ބައްޕަ ގާތު އަހަރުމެންގެ ގުޅުމުގެ ވާހަކަ ދެއްކީ" ހާޒިމް ހިނިތުންވެލާފައި ބުނެލި އެވެ.

ރޮޒޭން ބޭނުންވާވަރަށް ޝާއިން އާއި ބައްދަލެއް ނުކުރެވެއެވެ. އާއިލާއަށް އެނގިދާނެތީ އޭނަ އަދިވެސް ޖެހިލުންވަނީ އެވެ. އެކަމަކު ދެންކެތެއް ނުވާނެއެވެ. ކުޑަކުއްޖެއްކަމުގައި ބަލާ އުމުރު ފުރާވެސް މިހާރު ހިނގައްޖެއެވެ. އެހެންވިޔަސް އަދިވެސް އޭނަގެ އާއިލާގެ މެންބަރުން އޭނަ އާއިމެދު ކަންތައްކުރަމުން ގެންދަނީ ކުޑަކުއްޖަކަށް ކަންތައްކުރާފަދައިންނެވެ. އާއިލާގެ އެންމެ އިސްމީހަކަށް ހުންނަ ރޮޒޭންގެ ދޮންބެއަކީ ހަރުކަށި މީހެކެވެ. ގަވައިދުތަކާއި އުސޫލުތަށް ކަނޑައަޅާ ގޮތްބޮޑޫ މީހެކެވެ. ޝާއިންގެ ނަން އާއިލާގެ ތެރޭގައި ކިޔަންވެސް ޖެހިލުންވަނީ އެހެންވެއެވެ. ނަމަވެސް އޭނަގެ ލޯބިވާ މަންމައަކީ ހިތްތިރި އޯގާތެރި އަންހެނެކެވެ. ތަފާތުކުރުން ތަކާއި މުއްސަނދި ފަގީރުކަމާއި ދަރަޖަވަކިކުރުމަކީ އިންސާނާގެ ކިބައިގައި ހުރެގެންވާނެ ކަމެއްނޫންކަން ރޮޒޭންއަށް ދަސްވެފައިވަނީ އެމަންގެ ފަރާތުންނެވެ. ތުއްތުއިރު ބައްޕަ ނިޔާވެފައިވިއެއްކަމަކު ރޮޒޭންއަށް އެއްވެސް ކަމެއް އުނިވިޔަ ނުދެއެވެ. ޝާއިންގެ ނަންކިޔާލުމަށް އެމަންމަ ފުރުޞަތުދޭނެއޭ ރޮޒޭންގެ ހިތް ބުންޏެވެ.
"މޯނިންގް ލަވް..." ހޭލެވުނު ގޮތަށް ޝާއިންއަށް ގުޅާލި ރޮޒޭން ބުނެލިއެވެ.
"މޯނިން..." ޝާއިންވެސް ބުނެލިއެވެ.
"ހާދަ ސްވީޓް ނޫން ގޮތަކަށް ތިބުނީ، ލޯބިން ބުނެބަލަ..." ރޮޒޭން ކަންނެތް އަޑަކުން ބުނެލި އެވެ.
"ރޯޒް، މިގަޑީގަ އެނގެއެއްނު ބިޒީވާނެކަން، މިނިކުންނަނީ ޑިއުޓީއަށް ދާންވެގެން، ގޮއްސަ ހަމަޖެހިލާފަ ގުޅާނަން އެނގޭ" ޝާއިންގެ އަޑުން ވެސް އޭނަ ހުރީ ވަރަށް އަވަސް އަރުވާލާފަކަން އެނގެއެވެ. ރޮޒޭން އިތުރަށް ވާހަކަދައްކަން ބޭނުންނުވީ ޝާއިންއަށް ލަސްވެދާނެތީ އެވެ.

"ދެން އަހަރެން ދޫކޮއްލާ، ރިޝްފާ ހިތަށް އަރާނެ އަހަރެން ދިޔައީ ކޮންތާކަށްބާއޭ، ހެނދުނު ޝިފްޓުގެ ސްޓާފުން އައިއިރުވެސް އަހަރެން ނުފެނުނީނު" ޔޫހާ މަޑުމަޑުން އޮވެ ޒައުލްގެ ކައިރީ ބުނަމުންދިޔަ އެވެ.
"ނޫން، އަހަރެންގެ އަތުގެތެރޭ މިގޮތަށް ޔޫހާ ހައްޔަރުކޮއްފަ ބާއްވަން ބޭނުންވަނީ، އަހަރެން ޑިއުޓީގެ ކަންތައްތައް ހަމަޖައްސާލަ ފާނަން، އެކަމަކު އަހަންނާ ދުރަށް ޔޫހާ ނުދޭ" ޒައުލް އޭނަގެ މޭގައި ބޯއަޅާލައިގެން އޮތް ޔޫހާގެ އިސްތަށިގަނޑުގައި ބޮސްދެމުން ބުނެލިއެވެ.
"އަހަރެން ޒައުލް އާއި ދުރަކަށް ނުދަމޭ، މިގަޑީގަ ގޭގަ ނޫޅޭނެ އެކަކުވެސް، ކިޔާން އެކަނިމާ އެކަނި އޮންނާނީ، އެހެންވެ އަހަރެން ގެއަށް ދާންޖެހޭނެ... ޝާއިންވެސް އަފޫވެސް ދާނީ އަހަރެން މިހާއިރު ވާއިރު ގެއަށް ދާނެކަން ޔަގީންވާތީ، ކިޔާން ހޭލާފަ އެކަނި ހުރިއްޔާ ވަރަށް ބިރުގަންނާނެ، ޒައުލްވެސް ތިއުޅެނީ އަދި ނުނިދައެއްނު، ތިހެން އުޅެފަ ކިހިނެއް ދެން އޮފީހަށް ނުކުންނާނީ" ޔޫހާ އޭނަގެ ހާލަތު ޒައުލްއަށް ބަޔާންކޮއްދޭފަދަ ގޮތަކަށް ބުނެލިއެވެ.
"އަހަރެން ހީކުރީ އަހަންނާއިއެކު ހެނދުނުގެ ނާސްތާގައި ޔޫހާ ބައިވެރިވާނެކަމަށް، އެކަމަކު އޯކޭ، ތިބުނީ ކިޔާން އެކަންޏޭ އޮންނާނީ، ހިނގާ އަހަރެން ގެއަށް ގެންގޮސްދޭނަން، އެކަމަކު ބުނަން އަހަންނަށް ސައިދޭންޖެހޭނެ... އަހަރެން ކައިރީ އެހާ އަވަހަށް ދާށޭ ބުނެގެން ނުވާނެ" ޒައުލް ޝަރުތުކުރިއެވެ.
"އޯކޭ..." ހިނިތުންވެލި ޔޫހާ އެއްބަސްވިއެވެ. ޒައުލްއަށް ފާޑުކިޔުން ރަނގަޅުނުވާނެކަން އެނގޭތީއެވެ.
"އޯނޯ.... ކިހިނެއް މިލައިގެން ނުކުންނާނީ، މިގަޑީގަ މީހުންވެސް ގިނަވާނެ" ޒައުލްގެ ދެއަތްދުރުކޮއްލުމާއިއެކު އޭނަގެ ގައިމަތިން ތެދުވި ޔޫހާ އެތަނުން ނުކުތުމަށް އޭނަގެ ޖެކެޓު ނެގިވަގުތު ހަނދާންވެގެން ބުނެލެވުނެވެ.
"ސޮރީ... މަޑުކުރޭ، އައި ހޭވް އަ ސޮލިއުޝަން، ޔޫހާގެ ޔުނީފޯމް ޖެކެޓް ނަމްބަރ ބުނޭ" ސޯފާއިން ތެދުވި ޒައުލް މިހެން ބުނެ އަވަސްވެ ގަތީ އޭނަގެ ފޯނު ހޯދުމަށެވެ. ޔޫހާ އޭނަގެ ޖެކެޓު ނަންބަރު ބުނުމުން ޒައުލް ޖަމާލްއަށް ގުޅާލާފައި ހޮޓެލްގެ ސްޓޯރޫމްގައި ހުރި ޔުނީފޯމްތަކުން ޔޫހާ ބުނި ނަންބަރުގެ ޖެކެޓެއް ގެނެސްދިނުމަށް ބުންޏެވެ.
"ޖަމާލްއަކީ ޒައުލްގެ ޙާއްޞަ ނޯކަރަކީތަ" ބޭރުފެންނަގޮތަށް ހުރި ބިއްލޫރި ގަނޑުގެ ކައިރިއަށް ޖެހިލި ޔޫހާ އަހާލިއެވެ. އޭރު އޭނަގެ އަތުގައި ޒައުލް ވީދާލި ޖެކެޓުއޮތެވެ.
"ހޫމް... އަހަރެން ޔޫހާ އާއި އެންމެ ފުރަތަމަ ދިމާވިއިރުވެސް ޖަމާލް ހުންނާނީ އަހަރެންގެ ކަންތައްތަކަށް ޚާއްޞަކުރެވިފައި، އެއީ ބައްޕަ އެދިލެއްވިގޮތް، އަހަރެންގެ ވަރަށް ގިނަ ކަންތައްތައް ޖަމާލްއަށް އެނގޭނެ، ކުރީގަ ޔޫހާ އާއި ދިމާވިއިރު އަހަންނަށްވެސް ވަރަށް އުނދަގޫ ޖަމާލް ފަހަތުލައިގެން އުޅެން، އެކަމަކު މިހާރު، ކިތަންމެ ކުޑަކަމަކުވިޔަސް އަހަންނަށް އެންމެ ފުރަތަމަ ބުނެވޭނީ ޖަމާލް ކައިރީ، ޔޫހާގެ އެއްވެސް ކަމެއް މިހާރު ނޫނީ ޖަމާލްއަށްވެސް ނޭގޭނެ... މަޑުކުރައްޗޭ، އެބަ އަންނަން، ޔޫހާގެ އަމާނާތެއް އަހަރެންގެ އަތުގައި އެބައޮތް" ޒައުލް ފަޓުލޫނުގެ ދެޖީބަށް އަތްޖަހާލައިގެން ހުރެ ވާހަކަދައްކަމުން ގޮސް ކުއްލިއަކަށް ކަމެއް ހަނދާންވެގެން ބުނެލާފަދަ ގޮތަށް ބުނެލިއެވެ. އަދި އެތަނުގައި ހުރި ހެދުންލާ އަލަމާރީގެ ތެރެއިން އެއްޗެއް ހިފައިގެން އައިސް ޔޫހާއަށް ދިއްކޮއްލި އެވެ.
"އަހަރެންގެ އަމާނާތެކޭ، ޒައުލް އަތުގަ" ހައިރާންކަމާއިއެކު ޒައުލް ދިއްކޮށްގެން ހުރި މުއްކަވާލެވިފައިވާ އަތަށް ބަލާލާފައި ޔޫހާ ބުނެލިއެވެ. ޒައުލް ޔޫހާގެ އަތުގައި ހިފާލަމުން އެއަތުގެ ތެރެއަށް އޭނަގެ މުށުތެރޭގައިވާ އެއްޗެއް ލިޔެވެ.
"އޯ....ޒައުލް އަތުގަތަ މިދަތި އޮތީ... އަހަރެން ހީކުރީ މަގުމައްޗަށް ވެއްޓުނީކަމަށް" ޔޫހާގެ އަތަށް ޒައުލް ލާދިނީ ބޮލުގައި ޖަހާ ދައްޗެކެވެ. އެއީ ޔޫހާގެ ދައްޗެކެވެ.
"ހަނދާންވޭތަ، އެރޭ އެއީ އަހަރެންނާއި ޔޫހާ ކާރުގައި ގެއަށްދިޔަ ރޭ، ކިޔާންގެ ޑީއެންއޭ ޓެސްޓް ހަދަންބުނީމަ ޔޫހާ ރުޅިއައިސްގެން ކާރުން ފައިބައިގެން ދިޔައީ، އަހަރެން ޔޫހާގެ އަތުގަވެސް ހިފިން ހުއްޓުވަންވެގެން، އެކަމަކު އަޑުގަދަ ކުރަންފެށުމުން އަތުން ދޫކޮއްލީ، އަވަހަށް ދާންއުޅެނިކޮށް ޔޫހާގެ ބޯ ކާރުގެ ދޮރުފަތުގެ މަތީގައި ޖެހިފަ މިދަތި ވެއްޓުނީ ކާރުގެ ތެރެއަށް، އޭރުއްސުރެ މިދަތި އޮންނާނީ މިއަލަމާރީގައި، މައްސަލައަކީ ތިރީތި އިސްތަށިގަނޑުން ދުވާ މީރުވަސް މިހާރު މިދަތިން ނުދުވާތީ..." ޒައުލް ކިޔާދެމުން ދިޔަ ކަންތައްތައް ޔޫހާގެ ލޯކުރިމަތިން ސިފަވެގެން ދިޔައެވެ. ޒައުލްގެ ހަނދާނުގައި އެކަން ހަރުލާފައި ހުރުމުން އޭނަ ހައިރާންވިއެވެ. އޭނަ ހީކުރީ ޒައުލްއަކީ ވަރަށް ފަސޭހައިން ކަންތައްތައް ހަނދާން ނައްތާލާ މީހެއްކަމަށެވެ. ނަމަވެސް އެހެނެއްނުވިތާ އެވެ. ޔޫހާގެ ތުންފަތަށް ލުއި ހިނިތުންވުމެއް އެހިޔާލުތައް ވެރިކުރުވިއެވެ. ދެމީހުންގެ މެދުގައި ނަފުރަތުގެ ބޯފާރެއް ލަމުން އައިސް ކުއްލިއަކަށް އެފާރު ކުދިކުދިވެގެން ދިޔައީ ކިހިނެއްކަމެއްވެސް އޭނައަށް ނޭގެއެވެ.

ކޮމެންޓް 0