ޖަމާލް އައިސް ޒައުލްގެ ކޮޓަރިއަށް ވަނުމާއިއެކު ޔޫހާފެނި އަވަސް އަވަހަށް އޭނަގެ ބެލުންތިރިކޮއްލަމުން އަތުގައި އޮތް ޖެކެޓު ޒައުލްއަށް ދިއްކޮއްލިއެވެ.
"ތޭންކްސް ޖަމާލް، ކާރު ތައްޔާރު ކުރޭ، އިރުކޮޅަކުން އަހަރެން ތިރިއަށް މިދަނީ" ޒައުލް ޖެކެޓުގައި ހިފާލުމާއިއެކު ބުނެލިއެވެ. އިތުރު ސުވާލެއްނެތި އަވަސް ފިޔަވަޅުގައި އެކޮޓަރިން ޖަމާލް ނުކުތެވެ.
"މިޖެކެޓަށް ކިހިނެއް ހަދަންވީ" ޖެކެޓު ހެޔޮވަރުކޮއްލުމަށްފަހު ވީދިފައި އޮތްޖެކެޓު ޒައުލްއަށް ދައްކާލަމުން ޔޫހާ އަހާލިއެވެ. އޭނަގެ ހަރަކާތްތައް ހުރީ އަވަސްވެފައެވެ. އެހެންނުވާންވީ ސަބަބެއް ނެތެވެ. ގޭގައި އޭނަގެ ދަރިފުޅު އެންމެ ހިނދުކޮޅަކަށްވެސް އެކަނިވާކަށް ބޭނުމެއްނޫނެވެ. މިވަގުތު އަފްލީންވެސް ޝާއިންވެސް ވާނީ އެމީހުންގެ ޒިންމާ އަދާކުރުމަށްޓަކައި ގޮހެވެ.
"މިތާ ބާއްވާލާ، އަހަރެން ކޮންމެވެސް އިރަކުން ތިއަށް ގޮތެއް ހަދާފާނަން، ހިނގާ ދަމާ" ޒައުލް ނުކުންނަށް ދޮރާދިމާލަށް އަތްދިއްކޮއްލާފައި ޔޫހާއަށް ބުނެލިއެވެ.
"ނޫން، ޒައުލް އަދި މަޑުކުރޭ....އަހަރެން ކުރިން ނުކުންނާނީ، ދެން ޒައުލް ގޮސް ކާރުގައި މަޑުކުރޭ، އަހަރެން ކައުންޓަރަށް ގޮސް ދަބަސް ހިފައިގެން މިދަނީ" ޔޫހާ ކުރިއަށް ފިޔަވަޅެއް އަޅާލާފަވެސް ހުއްޓެމުން މިހެން ބުނެލިއެވެ. ޒައުލް ދެކޮނޑުއަރުވާލަމުން މައްސަލައެއްނެތް ކަމުގައި ބުނުމުން ޔޫހާ އެކޮޓަރިން ނުކުންނަން ހިނގައިގަތެވެ. މަޑުމަޑުން ދޮރު ހުޅުވާލުމަށްފަހު ދެފަރާތްބަލާލީ ސިއްރުންނެވެ. މީހަކު ފެންނަން ނެތުމުން އަވަސް އަވަހަށް ނުކުމެ ހިނގައިގަތީ އޭނަ ޑިއުޓީގައި އިން ރިސެޕްޝަން ކައުންޓަރާއި ދިމާލަށް ދިއުމަށެވެ. ވަކި ހިސާބަކަށް ގޮސް ލިފްޓަށް ނޭރެނިސް ކޮޓަރިއަކުން ދޮރު ހުޅުވާލި އަޑާއިއެކު ޔޫހާ ދިޔައީ ސިއްސައިގެންނެވެ. ހެނދުނުގެ އެގަޑީގައި ރޫމް ސާރވިސް ދޭން ސްޓާފުން އުޅޭކަން އެނގޭތީއެވެ. އެހެންނަމަވެސް ނަސީބަކުން އެކޮޓަރިން ނުކުތީ ރާއްޖޭން ބޭރުފިރިހެނެކެވެ. އޭނަ ހިނިތުންވެލާފައި ރޫމްގެ ދޮރު ތަޅުލުމަށް އުޅުނެވެ. ކުރިއަށްވުރެވެސް އަޅަމުންދިޔަ ފިޔަވަޅުތައް ހަލުވިކޮއްލުމާއިއެކު ޔޫހާ ލިފްޓަށް ވަނެވެ.
"މޯނިންގް ޔޫހާ...ރިޝްފާ ހިނގައްޖެ، ބުނި ޔޫހާ ބޭގް ބަލާ އަންނާނެ ވާހަކަ" ކައުންޓަރުގައި އިން ސްޓާފް ޔޫހާ އައިސް ކައުންޓަރު ކައިރީ މަޑުކޮއްލުމާއިއެކު ބުނެލިއެވެ.
"މޯނިންގް، އާން މިއައީ ބޭގް ބަލާ" ޔޫހާ ކައުންޓަރު މަތީ ބާއްވާލާފައި އޮތް އޭނަގެ ފޯނާއިއެކު ދަބަސް ހިފައިގެން ހިނގައިގަތީ އަންހެން ކުދިންގެ ލޮކަރ ރޫމްއަށް ދިއުމަށެވެ. އެއްވެސް މީހަކު އޭނަގެ ހަރަކާތްތަކަށް ސުވާލެއްނުކުރެއެވެ. އޭނަ ދިޔައީ ކޮންތާކަށްތޯވެސް މީހަކު ނާހައެވެ. ނަމަވެސް ޔޫހާ ހިތާ ހިތާ އެކިއެކި ސުވާލުތައް ކުރަމުންދިޔައެވެ. އެމީހުން ހީކޮއްފާނެ އެއްޗަކާއިމެދުއެވެ. ރިޝްފާ ހީކުރާނެ އެއްޗެކެވެ. އޭނަ އާއި ޒައުލްގެ ގުޅުން އެހެންމީހުން ދެކޭނީ ކިހިނެއްބާއެވެ.
ނިއުޅާލެވިފައިވާ ބުޅިއިސްތަށިގަނޑު އަތުން ރީތިކޮއްލުމާއިއެކު ޕާކްވިއުގެ ގޭޓުން ނުކުތް ޔޫހާ ކާރުގައި އިން ޒައުލްއަށް ފެނުނެވެ. އެހިނދު ޒައުލްގެ ތުންފަތަށް ހިނިތުންވުމެއް ވެރިވެގެންދިޔައެވެ. ދެފަރާތަށް ބަލާލި ޔޫހާގެ ލޮލުގައި ޒައުލްގެ ކާރު އަޅައިގަތީކަން ގައިމެވެ. އޭނަ މިހާރު ހިނގަމުން އެއަންނަނީ ކާރާ ދިމާލަށެވެ. ޖަމާލް ހުރީ ކާރުގެ ބޭރުގައި ޔޫހާގެ އިންތިޒާރުގައެވެ. ކާރާ އަރާ ހަމަވުމާއިއެކު ޖަމާލް ޔޫހާއަށް ކާރުގެ ފަހަތު ސީޓުގެ ދޮރު ހުޅުވާލަދިނެވެ.
"ސޭ ސަމްތިން" ދުއްވަމުންދިޔަ ކާރުގެތެރޭ ޔޫހާ އެއްވެސް އެއްޗެއް ނުބުނެ ކާރުގެ ދޮރުން ބޭރަށް ބަލަން އިންނަން ފެށުމުން ޒައުލް ބުނެލިއެވެ. އެހެނީ ޔޫހާ ކާރަށް އެރީސުރެން އޭނަގެ ނަޒަރު ޔޫހާ އާއި ވަކިކޮއްނުލައެވެ.
"ކީކޭ ބުނަންވީ" ޔޫހާ ޒައުލްއަށް ބަލާލަމުން ބުނެލިއެވެ. ޒައުލް ހިނިތުންވެލާފައި މަޑުމަޑުން ދެފަރާތަށް ބޯހޫރުވާލަމުން ސީޓުގައި ހަމަޖެހިލިއެވެ.
ގޭދޮރުމަތީ ކާރު ޕާކުކޮއްލުމާއިއެކު ޔޫހާ ފައިބައިފިއެވެ. ޒައުލް އެހާއަވަހަށް ޔޫހާ މެންގޭން ދާން ގަސްތުނުކުރާ ވާހަކަ ޖަމާލްގެ ގާތުގައި ބުނެލިއެވެ. އަދި އޭނަ ތަނަކަށް ދާން ބޭނުންވެއްޖެނަމަ ޖަމާލްއަށް ގުޅާނެކަމާއި، ގުޅަންދެން ޔޫހާ މެންގޭ ދޮށުގަ ކާރު ނުބާއްވާ ދިއުމަށް ބުންޏެވެ. ޖަމާލް އާއެކޭ ބުނުމުގެ ގޮތުން ބޯޖަހާލަމުން ޒައުލް ކާރުން ފޭބުމާއިއެކު ކާރު ދުއްވާލައިފިއެވެ. ޒައުލް ފޭބިއިރު ޔޫހާ ގޭތެރެއަށް ވަދެއްޖެއެވެ. އޭނަވެސް ޔޫހާގެ ފަހަތުން ގޭދޮރާށި ހުޅުވާލާފައިވަނެވެ.
"ތޭންކް ގޯޑް...." ސިޓިން ރޫމު ދޮރު ތަޅުދަނޑިން ހުޅުވާލުމަށްފަހު ގޭތެރެއަށްވަތް ޔޫހާއަށް ބުނެލެވުނެވެ. އޭނަގެ ކޮޓަރީގެ ދޮރު ހުޅުވާލުމާއިއެކު އެނދުގައި ނިދާފައި އޮތް ކިޔާންފެނި ހަމަޖެހުމުގެ ނޭވާއެއް ލިއެވެ. އަދި ޒައުލްއަށް ބަލާލުމަށްފަހު އޭނަ ހުއްޓުން އެރީ ޒައުލް އާއި ދައްކާނެ ވާހަކައެއް އޭނައަށް ނޭގިގެންނެވެ. އަދި އެގޮތަށް އެގޭގައި އިނުމުން އޭނަ ހުރީ ކުޑަކޮށް ހާސްވެހަދާނެގޮތެއް ނޭގިފައެވެ.
"ސޯ..." ސިޓިން ރޫމު މެދެއްހާ ހިސާބުގައި ކޮޅަށް ހުރި ޒައުލް ޔޫހާއަށް ބަލަންހުރެ ބުނެލިއެވެ.
"ސޯ..." ޔޫހާވެސް ހަމައެހެން ބުނެލިއެވެ.
"އަހަންނަށް ސައިދޭންވާނެއޭ ބުނީމެއްނު" އެއްއަތް ޖީބަށް ޖަހާލައިގެން ހުރެ އަނެއްއަތުން ބޮލުގެ ފުއްކިބާގައި އަތްހާކާލަމުން ޒައުލް ބުނެލިއެވެ.
"ޒައުލް ހެނދުނު ސައިބޮނީ ކޯއްޗަކާތަ، އޭރުންނު އެނގޭނީ ތައްޔާރު ކުރަންވެސް" ޔޫހާ ކޮޓަރި ދޮރުމަތީ ޒައުލްއަށް ބަލަންހުރެ އަހާލިއެވެ.
"ޔޫހާގެ އަތުން ކޮންމެ އެއްޗެއްވެސް މީރުވާނެ" ޒައުލް ހެވިލާފައި ބުނެލިއެވެ.
"އެހެންތަ، އެހެންވީރު މިއުޅެނީ ސައިހަދައިދެން، އެކަމަކު މިތާ ސޯފާގަ މަޑުކޮއްލާ، އެބައަންނަން އެއްޗެހި ބަދަލުކޮއްލައިގެން" މިހެން ބުނެ ޔޫހާ ކޮޓަރިއަށްވަނީ ޒައުލް ބޯޖަހާލުމުންނެވެ.
ބަދިގޭގައި ސައިހަދަން ޔޫހާ އުޅުނުއިރު ކާމޭޒު ދޮށުގައި ޒައުލް އިށީނދެލައިގެން އެއްފައި މައްޗަށް އަނެއްފައި އަރުވާލައިގެން ޔޫހާގެ ހަރަކާތްތަކަށް ބަލަންއިނެވެ. ޔޫހާއަކީ މަސައްކަތްތެރި ހީވާގި އަންހެނެއްކަން އޭނައަށް އެނގެއެވެ. އެކަމަކު އެގޮތަށް މަސައްކަތް ކުރުމަކީ އޭނަ ބޭނުންވާގޮތެއްނޫނެވެ.
"ކީއްވެތަ ގެންގުޅޭ މީހަކު މިގެއަށް ނުހޯދަނީ، އޭރުން ޔޫހާއަކަށް ނުޖެހޭނެއެއްނު ގޭތެރޭގެ އެއްވެސް ކަމެއް ކުރާކަށް، އަނެއްކާ ޔޫހާ ނުހުންނަ ގަޑިތަކުގައި ކިޔާންގެ ކަންތައްތައްވެސް އޭނަ ކުރާނެއެއްނު" ޒައުލް ފާޅުކުރި މިހިޔާލު ޔޫހާއަށް ކަމަކު ނުދިޔައެވެ.
"މިހާރުވެސް މިއުޅެނީނު، ޒައުލް ބުނަން ތިއުޅެނީ މިހުރިހާ ކަމެއް ކުރަމުން އަހަންނަށް ކިޔާން ނުބެލޭނެ ވާހަކަތަ" ޔޫހާގެ ހިޔާލާ ވިސްނުން ހުރީ ތަފާތުކޮށެވެ.
"ނޫނޭ، އެހެންވެ ބުނިއެއްޗެއް ނޫން އެއީ، އަހަންނާ ޔޫހާ މެރީ ކުރުމަށްފަހު ނުޖެހޭނެ ތިހެން އުޅޭކަށް، ހުރިހާ ކަމެއް ކުރާނެ މީހުން ތިބޭނެ، ޔޫހާގެ ވަޒީފާއަކަށް އޭރުންވާނީ ރީތިކޮށް ނަލަހެދިލައިގެން އަހަރެންގެ ހިދުމަތުގައި އަހަރެންގެ ހިތްއުފާކޮއްދޭން ހުރުން، ޔޫހާ ބޭނުން ހުރިހާ އުފަލެއް އަހަރެން ހޯދަދޭނަން އެނގޭ..." ޒައުލް ބުނީ ކިތަންމެ އާދައިގެކޮށްނަމަވެސް ޔޫހާއަށް ޒައުލްގެ ވާހަކަތަކުން ފޮނިގޮތެއް އިޙްސާސްކުރުވިއެވެ. ޒައުލް އުފަންވީވެސް މުއްސަނދިކަމެއްގެ ތެރެއަށެވެ. ނުފޯރާފޮތިން ފޫގެޅުމަކީ ކޮބާކަންވެސް އޭނައަކަށް ނޭގެވިއްޔާއެވެ. އެކަމަކު އެދުވަސްވެސް ޔޫހާވަނީ ދެކެފައެވެ. އަމިއްލަ އަތުން އެންމެ ދުވަހަކުވެސް މަސައްކަތްނުކޮށް ހުރުމުގެ ފުރުޞަތެއްވެސް އަދި އެފަދަ އުފަލެއްވެސް އިޙްސާސްކޮއްލުމަށް ޔޫހާއަށް ނުލިބެއެވެ. މުއްސަނދިކަމާއި ފަގީރުކަމަކީ ނުވަތަ އާދައިގެ ދިރިއުޅުމެއް އުޅޭމީހަކަށް އެންމެ ލާރިއަކީވެސް ވަރަށް ބޮޑުއެއްޗެކެވެ. ޒައުލްމެންފަދަ މީހަކަށް ފައިސާއަކީ ބޯލާ ފެންފަދައެވެ. އެހެންވީމަ އެމީހުން ދައްކާވަހަކަވެސް ހުންނާނީ އެފަދަގޮތަކަށެވެ. ނުވާނެ ކަމެއް އެމީހުންނަށް ނޯންނާނެއޭ ޔޫހާގެ ހިތަށްއެރިއެވެ.
ލުއި ހީލުމަކާއިއެކު ޔޫހާ ޒައުލްގެ ކުރިމަތީ ބެހެއްޓިތަށީގެތެރޭ ޓޯސްޓްކޮއްފައިވާ ތިންޕާންފޮއްޗާއި ބިސްގަނޑެއްއޮތެވެ. އަދި ކުޑަތައްޓަކަށް ޖޭމްކޮޅަކާއި ބަޓަރކޮޅެއް ލައިގެން ގެނެސް ބެހެއްޓިއެވެ. ޒައުލްގެ ގާތުގައި އެއާއިއެކު ބޭނުންވަނީ ސައިތޯ ނޫނީ ކޮފީތޯ އަހާލިއެވެ.
"ކޮފީއެއް...މީ މިގޭގަ ހެނދުނު ސައިބޯން ހުންނަ އެއްޗެހިތަ" ޒައުލް ބުނެލިއެވެ.
"ނޫން، އަހަރެން ހެނދުނު ގޭގަ ހުރިއްޔާ ބައެއްދުވަސް ދުވަހަށް ރޮއްޓާ މަސްހުނިވެސް ހަދަން، ޕާން ގިނައިން ބޭނުންކުރެވެނީ އެހާ ހެނދުނާ އެންމެން ދާއިރު ލުއިގޮތެއް ހަދާލަން އެންމެންވެސް ބޭނުންވަނީ...އެހެންވެ، ދެން ހިތަށް އެރީ ޒައުލްވެސް ހެނދުނު ސައިބޯނީ ފާނާއޭ" ޔޫހާ ހިނިތުންވެލާފައި ބުނެލިއެވެ. އެވަގުތު ޒައުލް އޭނަގެ ޖީބުގައި އޮތް ފޯނުނެގިއެވެ. އެފޯނަށް ކޯލެއްއަންނަކަން ޔޫހާއަށް އެނގުނީވެސް ދެނެވެ. ޒައުލް ގޮނޑިން ތެދުވެ އެއްފަރާތަކަށް ޖެހިލަމުން ހެލޯއޭ ބުނެ ފޯނުން ވާހަކަދައްކަންފެށިއެވެ.
"ކޮންއިރަކުން ގެއަށް އަންނާނީ، ކޮއްކޮ ހޭލާ ދޯ ތިއުޅެނީ..." ލޫލުއާ ސުވާލުކޮއްލިއެވެ.
"ކަމަކުތަ ދޮންތަ، އަޑުން ހާދަ އުފާވެފަ ހުރިހެން ހީވެޔޭ، ކައިވެނީގެ ޚަބަރު ދޮންތަ އާއި ހަމައަށް ފޯރީ ދޯ، ބައްޕަ ބުނުއްވީތަ؟" ޒައުލްއަށް ޔަގީންވުމާއިއެކު ކައިވެނީގެ ވާހަކަ އަހާލެވުނެވެ.
"ހޫމް، އެކަމަކު އެކަން އެނގުނީ ބައްޕަގެ ފަރާތުންނެއްނޫން، ހާޒިމް ބުނީ، ކޮއްކޮތަ ބައްޕަ ގާތު އެވާހަކަ ދެއްކީ، އެނގޭތަ، މާމަވެސް ވަރަށް އަވަހަށް އެބަ ދުރުވޭ މާލެ، ދޮންތަ ގެ ކައިވެންޏަށް....ތޭންކްސް އަލޮޓް މައި ލަވިންގް ބްރަދަރ..." ލޫލުއާގެ އަޑުގައިވަނީ އާދަޔާއި ހިލާފު އުފާވެރިކަމެކެވެ.
"މާމަ މާލެ ދުރުވަނިއްޔޭތޯ....ކޮއްކޮ އީލާކްވެސް ގޮވައިގެންތަ....ކައިވެނި ކުރާ ދުވަސް ކަނޑައަޅައިފިތަ، ބައްޕަ އެކަހަލަ ވާހަކައެއް އަޅުގަނޑުގެ ގާތު ނުދައްކަވާ....އަޅުގަނޑާއި ހަމައަށްވެސް ދޮންތަގެ ކައިވެނީގެ ވާހަކަ ހިފައިގެން ދުރުވީ ބައްޕަ" ޒައުލް ބުނެލިއެވެ. އޭނައަށް މާމަ ލާއިގާ މާލެ އަންނަ ޚަބަރު ލިބުމުން ސިހުންވީއެވެ.
"ހާޒިމް ބުނީ އެހެން، ހާޒިމްގެ ބައްޕަ ގާތު ކައިވެނީގެ ވާހަކަ ދެއްކެވީވެސް ބައްޕަ، މާމަ މިކައިވެންޏަށް ވަރަށް ގަބޫލު ވާހަކަވެސް ބުނުއްވިކަމަށްވޭ، ބައްޕަ އާއި މާމަ މީގެން އެއްވެސް ވާހަކައެއް ދޮންތަ ގާތުގަ ނުބުނޭ، އެހެންވެ ކައިވެނި އޮތީ ކޮންތާރީހެއްގަ ކަމެއް ނޭގެ، ހާޒިމްއަށްވެސް އެނގޭހެނެއް ހިޔެއްނުވޭ، އެހެންނޫނީ ބުނާނެ ވަކި ދުވަހެއް....ކޮއްކޮ އެއްވެސް އެއްޗެއް ނުބުނަންޏާ ދެން ކިހިނެއްބާ މާމަ އާއި ބައްޕައަށް އެނގިލެއްވީ..." ލޫލުއާ ސުވާލުން ފުރިގެންވި ގޮތަކަށް ބުނެލިއެވެ.
"އޯ ޑޯންޓް ވޮރީ، އެނގުނުގޮތެއް ބެލުން އެހާ މުހިއްމެއް ނޫނެއްނު، ކައިވެންޏާއި ހަމައަށް ދޮންތަ ދާންބޭނުންވީ، އެކަން ވާން މިއުޅެނީ، ސޯ ބީ ހެޕީ....މާމަ އަންނާނެ ދުވަހަކަށް ވަރަށް އިންތިޒާރު ކުރެވޭ" ޒައުލްގެ ހިތުގައިވާ ކަމަކާ ގުޅުވާލާފައި ބުނެލިއެވެ.
"މީ ޓޫ...ސީ ޔޫ...ދޮންތަ ހީކުރީ ޒައުލް ކަމަށް ބައްޕަ ގާތު އެވާހަކަ ބުނީ، އެހެންވެ މިހާ ހެނދުނާ ގުޅާލީ، ސޮރީ ފޯ ޑިސްޓާބިންގް އެނގޭ" ލޫލުއާ ބުނެލިއެވެ. ޒައުލް އެއީ އެވަރުކަމެއްނޫންކަމުގައި ބުނެ ފޯނުކޯލު މެދުކަނޑާލިއެވެ. ފޯނުން އަތްތިލާގައި މަޑުމަޑުން ޖަހާލަމުން އޭނަ ވިސްނާލީ ޔޫހާ އާއި އޭނަގެ ގުޅުމާ ދޭތެރޭއެވެ. މާމަ ހީކުރިވަރަށްވުރެވެސް އަވަހަށް އެއަންނަނީއެވެ. ފަހަރެއްގައި ލޫލުއާގެ ކައިވެންޏަށްފަހު އަނެއްކާވެސް އީލާކް ގޮވައިގެން ފުރާފާނެއެވެ. އޭގެ ކުރިން ޔޫހާ އާއި ލާއިގާ އާއި ބައްދަލުކޮއްދޭން އެބަޖެހެއެވެ. ޒައުލް ކާމޭޒު ކައިރީ އޭނަގެ އިންތިޒާރުގައި އިން ޔޫހާއަށް ބަލާލިއެވެ. މާމަ ލާއިގާއަށް ކަމުދާކަހަލަ އެއްވެސް ގޮތެއް ޔޫހާއަށް ބަލާލުމުން ނުފެނުނެވެ. ޔޫހާއަށް ބަދަލުތަކެއް ގެންނަން ޖެހޭނެކަން އޭނަގެ ސިކުނޑި ވިސްނާދިނެެވެ. އެހެންނޫނީ މާމަ ލާއިގާގެ ދުލުން ރުހުމުގެ އެންމެ ބަހެއްވެސް ނުލިބޭނެއެވެ. ދެން އޮތީ ޔޫހާ އެކަމަށް ރުއްސުމެވެ. އެއީވެސް ފަސޭހަކަމަކަށް ނުވާނެއެވެ. މިހިޔާލުތަކާއިއެކު ހިނިތުންވެލައިގެން ހުރެ ޒައުލް އައިސް ކާމޭޒުގެ ގޮނޑިއެއްގައި އިށީނދެއްޖެއެވެ. ޔޫހާ ކާކުގެ ފޯންކޯލެއްތޯ އަހާލަން ބޭނުންވިޔަސް އޭނަ ބަހެއްވެސް ބުނެނުލާ ޒައުލް ސައިބޮންދެން އިނީއެވެ.
"ދޮންތަގެ ކައިވެނި ހަމަޖެހުނުކަން އެނގިގެން އެގުޅީ، މާމަވެސް މާލެ ދުރުވާނެކަމަށްވަނީ ކައިވެންޏަށް، އަހަރެން ބޭނުން މާމަ އާއި ޔޫހާ ބައްދަލު ކުރުވަން، ދާނަންތަ؟" ޒައުލް ސައިބޮމުން ވާހަކަދެއްކިއެވެ.
"ޒައުލް، އެއްޗެއް ހީނުކުރައްޗޭ...އަވަހެއް ނޫންތަ ކައިވެނި ކުރާކަށް" ޔޫހާ ބުނެލިއެވެ.
"ކީއްކުރަން ލަސްކުރަނީ، ޔޫހާވެސް އެއްބަސްވީމެއްނު އަހަންނާ ކައިވެނި ކުރަން، އަހަންނަށް އަވަހެއްނޫން....ޔޫހާ ކައިވެންޏާއިމެދު ހިޔާލު ބަދަލުވަނީތަ" ޒައުލް އަހާލީ ހައިރާންކަމާއިއެކުއެވެ.
"ނޫން...ޒައުލް ބޭނުންވީމަ ކައިވެނި ކުރަންވީ، ޒައުލް ބޭނުންވާގޮތަށް ކުރިއަށް ގެންދޭ، އަހަރެންގެ އެއްވެސް މައްސަލައެއްނެތް، ޒައުލްގެ މާމަ އާއި ބައްދަލު ކުރުވަން ބޭނުންވާނަމަ އެކަންވެސް އަހަރެން ކޮއްފާނަން" ޔޫހާ އަވަސް އަވަހަށް ބުނެލިއެވެ. ހީވީ ޒައުލް ހިތްހަމަ ނުޖެހިދާނެތީ ބުނެލިހެންނެވެ.

ކޮމެންޓް 0