"ޔޫހާ ފެނުމުން އަހަރެންގެ އަމިއްލަ ދިރިއުޅުމުގެ މަތިން ވަރަށް ހަނދާންވޭ، ދުވަހަކުވެސް އަހަންނަށް މިފަދަ އިޙްސާސެއް ކުރެވިފައިނުވޭ، ހިތްބުނަނީ ޔޫހާއަކީ އިތުބާރު ހިފޭވަރުގެ އަންހެން ކުއްޖެކޭ....ޔޫހާ، އަހަރެންގެ އައްޔަދު ނޫނަސް ކުދިންތިބޭ، އެހެން ބަނޑަކަށް ލިބިފައި....އެކަމަކު...އެކަމަކު އައްޔަދުއަކަށް އެކަމެއް ނޭނގޭނެ، އޭނައަށް ހެޔޮވިސްނުން ލިބުނު އުމުރުން ފެށިގެން އުޅުނީ ރާއްޖޭން ބޭރުގައި ކިޔަވަން، އެހެންވެ އޭނައަށް މިހުރިހާ ކަމެއް ސިއްރުކުރަންވެސް ފަސޭހަވީ، ޔޫހާ ހިތަށް އަރާނެކަންނޭގެ އަހަރެން ކީއްވެގެންބާއޭ ސިއްރު ކުރީ، އެނގޭތަ...އެއިން އެއްވެސް ކުއްޖަކު ދެކިލުމުގެ ހުއްދައެއް އަހަންނަކަށް ނެތް، އެކުދިން ބޮޑުވީ އަހަރެންގެ ގާތުގައި ތިބެއެއްނޫން، އަހަންނަކީވެސް ރާއްޖެތެރޭ އަންހެނެއް، މާލެ އައިސް އުޅުނީ ގޭގައި ގެންގުޅޭ ކުއްޖެއް ގޮތަށް، އެކަމަކު އަހަންނަކީ ހަމައެކަނި އެގޭ ބޮޑުމީހާގެ ދަރިން ބަލަން ހުންނަ މީހެއް، އެހެން އުޅުމުގެ ތެރޭގަ އަހަރެންގެ އަލަތު ފިރިމީހާ އާއި ދިމާވީ، މިހާރު އެއީ މާލޭގެ ނަން މަޝްހޫރު ބޮޑު ވިޔަފާރިވެރިއެއް...އެކަމަކު އަހަންނާ އޭނަ ދިމާވިއިރު އޭނައަކީ އެހާ ބޮޑު ފައިސާވެރިއެއްނޫން، އަހަރުމެން ދެމީހުން ލޯބިވިއިރު ހިތަކަށްނާރާ ދެމީހުންގެ މެދުގައި ފޫނުބެއްދޭވަރުގެ ފަރަގުހުރިކަމެއް، ދެމީހުންވެސް ލޯބިވީ ސާފުހިތަކައިގެން އެކަކު އަނެކަކާއިއެކު މުޅިއުމުރު ދުވަސް ހޭދަކުރަން ބޭނުންވެތިބެ...ތަޤްދީރު އެގުޅުމަށް ފުރުޞަތެއްނުދިން" ޒަރާނާ ޔޫހާގެ އަތްތިލާގައި ހިފާލައިގެން އިސްޖެހިފައި ކުޑައިރުކޮޅަކު އިނދެފައި އަނެއްކާވެސް ވާހަކަދައްކަން ފެށިއެވެ.

"އަހަންނަށް އަދިވެސް ނޭނގެ އަހަންނަށް ކުރެވުނީ ކޮން ކުށެއްކަން، ޔޫހާ...އަހަރުމެންގެ ކައިވެންޏަށް އޭނަގެ މަންމަ ހުރަސްއެޅި، ހުރިހާވެސް މައްސަލައަކީ އަހަރެންނަކީ ނިކަމަތި ރާއްޖެތެރޭ އަންހެނަކަށްވީކަން، އެކަމަކު އޭނަގެ ވިޔަފާރި ދަށަށް ދާންފެށުމުން އޭނަގެ މަންމަ އެންމެ ފަހުން އަހަރުމެންގެ ކައިވެންޏަށް ގަބޫލުވީ، ކައިވެނިކޮއްގެން އަހަރެން އެގެއަށް ބަދަލުވުމުން އޭނަ މަންމަގެ ކަންތައްތައް ހުންނަގޮތް އަހަންނަށް ފެންނަން ފެށި، އެއީ ބޮޑާ އަންހެނެއް....އަހަރެންގެ އަލަތު ކައިވެނީގެ އުފާ ގިނަދުވަހަށް ދެމިގެނެއް ނުދިޔަ، އެކަން އެގޮތަށްވުމަށް އެއަންހެން މީހާ ހުރީ ފައިވިއްދާލާފަ، ފިރިމާހާގެ ކަމަކީ އަބަދު ވިޔަފާރީގެ ކަންތައްތައްކުގައި އުޅުން، ގެއަށް އައިސް އުޅޭ ވަގުތުތަކުގައިވެސް ހީވާނީ އޭނައަކީ އޭނަގެ މަންމަގެ އަޅެއްހެން، އަހަރުމެންނަށް ތިންކުދިން ލިބުނު، އެކަމަކު އަހަންނާ އަހަރެންގެ ފިރިމީހާ އަށް ވާހަކަދައްކާލަން ލިބޭ ހަމައެކަނި ވަގުތުކޮޅަކަށްވީ ނިދަން އޮށަންނަ ވަގުތުކޮޅު، އެވަގުުތުކޮޅުވެސް ގެއްލިގެން ހިނގައްޖެ ދެވަނަ ކުއްޖާ ވިހޭތަނާ، އޭގެ ބަދަލުގައި އަހަންނަށް އަގުބޮޑެތިހާ ހަދިޔާތައް ލިބޭ، ދޮށީ ދެކުދިންގެ ކަންތައްތައް ބަލަހައްޓަމުން ދިޔައީ ކިހިނެއްކަންވެސް އޭނައަށް ނޭނގޭނެ...އަހަންނާ އާފާގު އާއި ދިމާވި ދުވަހަކީ އަހަރެން ތިންވަނަ ދަރިފުޅަށް ބަލިވެއިންކަން އެނގުނު ދުވަސް....އެނގޭތަ ކީއްވެކަން، އަހަރެންގެ ފިރިމީހާ....އޭނައަށް ވަގުތުނުވެގެންނޭ ކިޔާ އެވަގުތު އަހަރެން ގޮވައިގެން ހޮސްޕިޓަލަށް ދާން އޭނަ ފޮނުވީ އޭނަގެ އެންމެ ގާތުގައި އުޅުނު އެކުވެރިޔާ...އެއީ އާފާގު، އޭގެ ފަހުން އަހަރެންގެ ކޮންމެ ކަމަކަށް އޭނަ ފޮނުވާނީ އާފާގު، އެބޮޑުގޭގައި އަހަރެންގެ ކުދިން ފިޔަވާ އަހަންނަށް ބޭނުންވާ އިތުރުމީހަކު ނުހުރޭ...ޔޫހާ، އަހަރެން އޭރު ހުރީ ވަރަށް އެކަނިވެފަ، އެފަދަ ވަގުތެއްގައި އަހަރެން ހިތްހަމަޖައްސާލަން މީހަކާ ވާހަކަދައްކާލުން އެއީ މައްސަލައެއްތަ، އަހަރެންގެ ހިތުގެ އުދާސްތައް ބޭރުކުރާކަށް ބޭނުމެއްނުވާނެތަ، އެމީހުން ހީކުރަނީ ފައިސާއިން ހުރިހާ އުފަލަކާއި ހިތްހަމަޖެހުމެއް ގަނެވިދާނެއޭ....އަޅެ ބުނެބަލަ، އެހެންވެދާނެތަ....ހުރިހާ އުފަލެއް ފައިސާއިން ގަނެވިދާނެތަ..." ޒަރާނާ ޔުހާގެ އަތްތިލަ ތަޅުވާލަމުން އަހާލިއެވެ. އެހިނދު އަވަސްއަވަހަށް ޔޫހާ ދެފަރާތަށް ބޯހޫރުވާލީ ނޫނެކޭ ބުނާށެވެ. އޭނަ އިނީ ޒަރާނާ ދައްކަމުންދިޔަ ވާހަކަ ކަނުލާ އަޑުއަހާށެވެ. އޭރު އޭނައަށް ހަނދާންވީ ލާއިގާގެ މަތިންނެވެ. ޒަރާނާގެ ފިރިމީހާގެ މަންމައަކީ ލާއިގާ ފަދަ އަންހެނެކޭ ޔޫހާގެ ހިތަށްއެރިއެވެ. އެހެންނަމަވެސް އޭނައަށް އަދިވެސް ޒަރާނާ އެދައްކާ ވާހަކައިގެ ހަގީގަތެއް ނޭނގެއެވެ.

"އާފާގު އަހަރެންގެ އެކަނިވެރިކަން ފިލުވާދިން، އަހަރުމެން ދެމީހުންގެ މެދުގައި އޭރުއޮތީ ހަމައެކަނި ރަޙުމަތްތެރިކަން، ގޭގެ ގޯތި ތެރޭގައި ކުދިން ނިންދަވާފަ ނުކުމެ އާފާގު އާއި ވާހަކަދައްކަން އިންނަންފެށުމުން އެކަމަކާ ހިތްހަމަ ނުޖެހުނީ އަހަރެންގެ ފިރިމީހާގެ މަންމަ، އެވާހަކަ އާފާގުގެ ގާތުގައި ބުނުމުން އޭނަ ބުނި ދެންނާންނާނަމޭ، އެކަމަކު އަހަރެން އޭނަ ހުއްޓުވީ، އަހަންނަށް ލިބޭ ކުޑަކުޑަ ހިތްހަމަޖެހުންވެސް އެއަންހެން މީހާ ނިއުޅައިގަންނަން އުޅެން ފެށުމުން އިތުރަށް ކެތްނުކުރެވުނު، އާފާގު އާއި ވާހަކަ ދެއްކުން ހަމައެކަނި މަނާ ކުރެވޭނީ އަހަރެންގެ ފިރިމީހައަށޭ އަހަރެން ބުނިން، ދެން އިނގޭތަ ވީކިހިނެއްކަން....އަހަރެން ބަދުނާމު ކުރަންފެށީ، ފިރިމީހާގެ ކުރިމަތީގަވެސް، ގެއަށް އަންނަ މެހެމާނުންގެ ކުރިމަތީގަވެސް....އަހަރެންގެ ނިކަމެތިކަން އެހެންމީހުންނަށް ދައްކަމުން އެއަންހެން މީހާ ދިޔައީ، އެވަރުންވެސް އަހަރެން ވަރަށް ކެތްކުރިން، އެކަމަކު އޭރު އަހަރެންގެ ކައިވެނި މަތިން މުޅިން ފޫހިވެއްޖެ، ކެތްތެރިވީ ހަމައެކަނި ދަރިންނައްޓަކައި، ތިންވަނަ ދަރިފުޅު ވިހައިގެން ގަދަވޭތޯ ބަލަބަލާ މައިދައިތަހުރީ....އޭނަގެ ހުރިހާ ރޭވުމެއް އޭނަ ކާމިޔާބުކުރި، އެދުވަހު ހަތަރުދަމު އަހަންނާ ދިމާލަށް އެއްޗެހި ކިޔުން ނޫންކަމެއް އޭނާ ނުކުރި، އަހަރެންގެވެސް ހިތެއްވޭ، އެހިތަށް ތަދުވޭ...އިންތިހާއަށް ދެރަވޭ...އެރޭ އާފާގުއަށް އަހަރެން އެވާހަކަތައް ކިޔާދިނިން، ރޮވެންވެސް ރޮވުނު...ދަރިންނައްޓަކައި ކިހާ ދުވަހަކު ކެތްކުރަންޖެހޭނެ ބާއޭ ހިތަށްއެރި، އެރޭ ފުރަތަމަ ފަހަރަށް އަހަންނަށް އާފާގު ހިމާޔަތެއްގެ ގޮތުގައި ހުޅުވާލި އަތުގެތެރެއަށް ވަދެ އެމޭގައި ބޯއަޅާލެވުނީ، އަހަންނަށް އަޅާލާނެ ގާތް ރަޙުމަތްތެރިއަކު ހުރީތީވެސް ހިތަށް ލުއިކަމެއް ލިބިގެންދިޔަ، އެކަމަކު....ޔޫހާ....އަހަރެންގެ އެޢަމަލުގެ ސަބަބުން އަހަރެންގެ ފިރިމީހާ އަހަރެންނާމެދު ޝައްކު ކުރީ، ގޭންނެރި އެއްލާލަން ބޭނުންވީ، އޭނަގެ މަންމައަށް އޭނަ އިތުބާރުކުރި، އެހިސާބަށް ކަންތައް ދިއުމުން އަހަންނަށް އެނބުރެވުނީ އާފާގުއާއި ދިމާލަށް، ދެން އެހެން ކާކު އަހަރެންގެ ހުރީވެސް، އޭނަ އަހަރެން ބަލާ އައިއިރު އަހަރެން ހުރީ ސިޓިން ރޫމު ދޮރުން ބޭރުގަ، އަހަރެންގެ ފައިކައިރީ އޭރު ހެދުންތައް އަޅާފައި ހުރި ފޮށި އޮތް، އިއްޔެވީކަމެއްހެން އަހަރެން އަދިވެސް އެދުވަސް ހަނދާންއެބަހުރި، އާފާގު އައީއެކު މިގެއަށް އަހަރެން އައީ އެވަގުތުން ފެށިގެން، ވަރިކޮއްފަ އަހަރެން ބޭރުކޮއްލީ ކައިވެނީގެ ބޭރުން ގުޅުންހިންގީއޭ ކިޔާ ބަދުނާމުކޮއްފަ، އަހަރެން އެއަންހެން މީހާއަށް ދުވަހަކުވެސް މާފެއްނުކުރާނަން، އެއީ ހަމައެކަނި އަހަރެންގެ ކައިވެނި ރޫޅުނީމައެއްނޫން، އެކަމަކު އަހަންނާ އަހަރެންގެ ދަރިން ދުރުކުރުވީމަ، އަހަރެން އެކުދިން ހޯދަން މަސައްކަތްކުރިން، ކޯޓަށް މައްސަލަ ހުށަހެޅިން، އެކަމަކު މައްސަލަ ނިމުނީ އެމީހުންގެ ކޮޅަށް، އަހަންނަށް އަހަރެންގެ ދަރިން ނުލިބޭނެކަމަށް، ކުދިންދެެކެލުމަށް އެގޭ ދޮށަށް ދެވުނީ ކިތަށްފަހަރުކަމެއް ނޭނގެ، އެކަން ނިމިގެންދިޔައީ އެއްވެސް އިންސާފެއްނެތި، ޔޫހާއަށް އެނގޭތަ، އަހަރެންގެ ތުއްތު ތުއްތު ދަރިފުޅުގެ ތުނބުން ކިރުނުހިކޭ އޭރު، އެހެން ހަދަން ހެޔޮވާނެތަ، އެދުވަހު އަހަންނަށް އެނގުނު އެމީހުންގެ ކުޑަވެސް އިންސާނިއްޔަތުކަމެއްނެތްކަން، އެމީހުންނަށް ފައިސާއަކީ ހުރިހާ އެއްޗެއް....އެމީހުންގެ ނަޒަރުގައި އަހަރުމެންފަދަ ނިކަމެތިންނަކަށް މިތަނުގައި ޖާގައެއްނެތް....އައްޔަދުއަކީ އަހަންނާ އާފާގު ކައިވެނި ކުރިފަހުން ލިބުނު ކުއްޖެއް، މިހުރިހާ ކަމަކަށްފަހު އަހަންނަށް އެހާ ހިތްވަރެއް ނުލިބުނު އެވާހަކަތައް އައްޔަދުއަށް ކިޔާދޭން، އެނގޭ ކޮންމެވެސް ދުވަހަކުން އޭނައަށް އެނގޭނެކަން އަދި އެނގުން މުހިއްމުކަންވެސް، ޔޫހާ....އަހަރެން ބިރުގަނޭ އައްޔަދު އަހަރެންދެކެ ފޫހިވެ ރުޅިއަތުވެދާނެތީ، ނޫނީ އޭނަ އެކުދިންދެކެ ފޫހިވެދާނެތީ....އައްޔަދުއަކީ ރަނގަޅު ކުއްޖެއް، އޭނަގެ ބައްޕަ ކަހަލަ ހިތްހެޔޮ އޯގާތެރި މީހަކަށްވުމަށް އަހަންނަށް އަބަދުވެސް އެދެވޭ، އޭނަ ޔޫހާ ގޮވައިގެން އައުމުން އަހަންނަށް ހީވީ އަހަރެންގެ މާޒީގެ އެކިއެކި މަންޒަރުތައް ލޯކުރިމަތީ ކުލަވެގެންދިޔަހެން...ކޮންމެގޮތެއްވިޔަސް މާޒީވާނީ މާޒީއަށް، އޭރުގެ އެއްވެސް ކަމެއް ނުވާކަމަކަށް ނުހެދޭނެ، އަހަރެންގެ ދަރިންމަތިން ވަރަށް ހަނދާންވޭ، މިހާރު ތިބީ ވަރަށް ބޮޑެތިވެފަ.....އެކަމަކު އެކުދިންނާ އަހަންނާ އެއްވެސް ގުޅުމެއްނެތް، އަހަރެންގެ މާޒީ އެނގޭ ހުރި ހަމައެކަނި މީހަކީ އާފާގު، އެކަމަކު މިވާހަކަތައް އިތުރު މީހަކާ ޚިއްޞާކޮއްލެވުނީތީ ހިތާ ސިކުނޑިއަށް ވަރަށް ލުއިވެއްޖެ، އަހަންނަށް ޔޫހާ ވަރަށް ކަމުދޭ، އެއަށްވުރެ ބޮޑަށް ޔޫހާގެ ދަރިފުޅު ކިޔާން ފެނުމުން ހިތަށް ހަމަޖެހުން ލިބިގެންދޭ" ޒަރާނާ ފެންކަޅިވެފައި އިނދެ ޔޫހާއަށް ބަލާލިއެވެ. އަދި ޔޫހާގެ އަތްތިލައިން ދޫކޮއްލުމަށްފަހު ދެއަތުން މޫނު ފޮހެލާ ފަދަ ގޮތަކަށް ދެލޮލަށް ޖަމާވެފައިވާ ކަރުނަތައްވެސް ފޮހެލައިފިއެވެ.

"އަޔާގެ މަންމަ ނުބުނާށޭ ބުނާ ވާހަކައެއް އަޅުގަނޑު އެކަކު ކައިރީވެސް ނުދައްކާނަން" ޔޫހާ މަޑުމަޑުން ބުނެލިއެވެ. ޔޫހާ މިހެން ބުނެލިއިރު އޭނައަށް ޒަރާނާ އެހުރިހާ ވާހަކައެއް ކިޔާދިންއިރުވެސް އޭނަގެ އަލަތު ފިރިމީހާއަށް ކިޔާނަމެއް އެއްފަހަރުވެސް ނުބުނާކަން ފާހަގަވިއެވެ. އެހެންނަމަވެސް އެމީހަކު އެނގުން ޔޫހާއަށް އެހާ މުހިއްމު ނުވާތީ އެސުވާލު ނުކުރީއެވެ. ޒަރާނާ އޭނަގެ ގާތުގައި އެއީ ކޮންބައެއްކަން އަންގަން ބޭނުންނަމަ އެކަންވެސް ހާމާކުރީހޭ ޔޫހާގެ ހިތްބުންޏެވެ.
"ވަރަށް އުނދަގޫދޯ ފިރިއަކާއިނުލާ އެކަނި ދަރިފުޅު ބަލަން، އަހަންނަށް އެނގުނު ޔޫހާ އެދުވަހު ޖަވާބުދިންގޮތުން ކިޔާންގެ ބައްޕަ އާއި ޔޫހާ އާއި އުޅެނީ އެކުގައި ނޫންކަން، އެކަމަކު ކިޔާން ދެކެން އޭނަ އަންނަކަން، އެވަރުވާކަންވެސް ނަސީބެއް، އެންމެ ބޮޑު ނަސީބަކީ ދަރިފުޅު އަތުލަން ނޫޅޭކަން....ދޯ ޔޫހާ...އޭއި، ކީއްވެތަ އެއްޗެއް ނުބުނެ ތިއިނީ، ޔޫހާ ހާދަ ބަސްމަދޭ، އަބަދުވެސް ތިހާ ބަސްމަދުތަ" ޒަރާނާ އަހާލިއެވެ.
"އަޅުގަނޑު ދައްކާނެ މާގިނަ ވާހަކަތަކެއް ނޯންނާތީ ވާހަކަނުދައްކަނީ" ޔޫހާ ކުޑަކޮށް ހިނިތުންވެލަމުން ބުނެލިއެވެ.
"ސުވާލެއް ކުރަންތަ" ޒަރާނާ ފުން ނަޒަރަކު ބަލާލަމުން ބުނެލިއެވެ. ޔޫހާ އާއެކޭ ބުނުމަށް ބޯޖަހާލިއެވެ. އަދި ދަބަހުން ނެގި ފޯނަށް ބަލަލާފައި ވަށައިގެން ހޯދާލިއެވެ.
"ލަސްވަނީތަ؟" ޒަރާނާއަށް ޔޫހާގެ ހަރަކާތްތައް ހުރިގޮތް ފެނިފައި އަހާލެވުނެވެ.
"އެހާ ގިނައިރު ކިޔާން ގޭން ބޭރުގަ ނުގެންގުޅެން، އޭނަ ވަރަށް އަވަހަށް ނިދާނެ...." ޔޫހާ ބުނެލިއެވެ. އޭނައަށް ޒަރާނާ ކުރި އިތުބާރާއިއެކު ހިތްހަމަޖެހިލައި ކުރިއަށްވުރެ ގާތްކޮށް ވާހަކަދެކެވުނެވެ.
"އައްޔަދު، ދަރިފުޅާ...." ޒަރާނާ ސޯފާގައި އިނދެފައި ތަންކޮޅެއް ބާރަށް ގޮވާލިއެވެ. އޭނައަށް އައްޔަދުގެ ހިލަމެއްނުވުމުން ތެދުވެގެން އައްޔަދުގެ ކޮޓަރި އާއި ދިމާލަށް ދިޔައެވެ. ޔޫހާ އިންގޮތަށް އިނީއެވެ.
"ދަރިފުޅާ، ޔޫހާ ގެއަށް ދާން ބޭނުންވެފަ އެއިނީ، ކިޔާން ވަރަށް އަވަހަށް ނިދާކުއްޖެއް އެއީ، އެމީހުން ގެއަށް ގެންގޮސްދޭންވީނު" ޒަރާނާ އައްޔަދުގެ ކޮޓަރި ދޮރުހުޅުވާލާފައި އެނދުމަތީގައި އިން އައްޔަދުއަށް ބުނެލިއެވެ. އޭރު ކިޔާން އިނީ އައްޔަދުގެ އުނގަށްވަދެއެވެ. އަފްލީން އެނދުގެ އެއްފަރާތެއްގަ ހުރި ގޮނޑިއެއްގައި އިނެވެ. އެމީހުން ބަލަމުންދިޔައީ ކާޓޫނު ފިލްމެކެވެ. އައްޔަދު އާއެކޭ ބުނަންއުޅެފަވެސް ފައުޒީގެ މަތިން ހަނދާންވުމުން އޭނަގެ މަންމައަށް އެމީހުން ބަލަންތިބި ފިލްމު ނިމެނީކަމަށް ބުންޏެވެ. އަދި އެފިލްމު ނިމުނީމަ ޔޫހާމެން ގެއަށް ގެންގޮސްދޭނަން ކަމައްވެސް ބުންޏެވެ. ޒަރާނާ ބޯޖަހާލަމުން އެކޮޓަރިން ނުކުމެގެން ސިޓިން ރޫމަށް އައެވެ.
"އެބަތިބި ކޮންމެވެސް ކާޓޫނު ފިލުމެއް ބަލަން، ނިމެނީ އޯ މިހާރު، ނިމުނީމަ އައްޔަދު ޔޫހާމެން ގެއަށް ގެންގޮސްދޭނެ" ޒަރާނާ ބުނެލިއެވެ. ޔޫހާ ޖަވާބުގައި ހިނިތުންވެލީއެވެ. ދެންވެސް ވާހަކަދައްކަން ފެށީ ޒަރާނާއެވެ. އޭނައަށް ޔޫހާ އާއި ސުވާލެއް ނުކޮށް ނީނދެވުނެވެ. ޒަރާނާ ޔޫހާގެ އާއިލާ އާއި ބެހޭގޮތުން އޮޅުންފިލުވިއެވެ. މަޑުމަޑުން އިނދެ ޔޫހާ ކިޔައިދިނެވެ. އެކަމަކު އޭނައަށް ކިޔާންގެ ސިއްރު ހާމަކުރާކަށް ނުކެރުނެވެ. ޔޫހާއަށް ވާހަކަތަކުގެތެރެއިން ހައިރާންކަމެއް ލިބިގެންދިޔައެވެ. ޒަރާނާ އައްޔަދުގެ ހޮވުން ވަރަށް ރަނގަޅޭ ބުނުމުންނެވެ. ކީއްވެ އޭނަ ބުނިއެއްޗެއް ބާއޭ ޔޫހާގެ ހިތުގައި ސުވާލު އުފެދުނެވެ.
"އައްޔަދު އަޅުގަނޑާއި ގުޅިގެން އެއްވެސް ވާހަކައެއް ބުނީތަ..." ޔޫހާއަށް ހައިރާންކަމާއިއެކު އަހާލެވުނެވެ.
"އެހެންވީމަ އޭނަ އަދި ޔޫހާގެ ގާތުގައި ނުބުނޭ ދޯ، އެކަމަކު ބުނަން މި މަންމަގެ ރުހުންވަނީ ޔޫހާ އާއިއެކު، މައްސަލައެއްނޫން އެއީ ދަރިއަކު ހުރުން، މާ އަވަހަށްދޯ ހުރިހާ ކަމެއް މިކިޔާލެވެނީ، އައްޔަދު ޔޫހާ ގާތު ބުނަންދެން އެހެންވީމަ މަޑުކުރޭ...އަހަރެން ބުނުމުން ކަމަކު ނުދާނެ..." ޒަރާނާ އަވަސް އަވަހަށް ވާހަކަ އޮއްބާލިއެވެ. އައްޔަދު ޔޫހާގެ ގާތުގައި އަދި ކައިވެނީގެ ވާހަކަ ނުދައްކާކަން އެނގުމުންނެވެ.
"ހިނގާ ދަމާދޯ..." ކިޔާން އާއިއެކު ސިޓިންރޫމަށް ނުކުތް އައްޔަދު ބުނެލިއެވެ.

ކޮމެންޓް 0