"ދެން އެންމެ ރަނގަޅޭ، މިހާރު ވާހަކަ ދެއްކޭކަށްނެތް، އެހެންނޫނަސް ކީއްވެ އަހަންނާ ތިހާ ވާހަކަދައްކާ ހިތުން ތިއުޅެނީ" ޔޫހާ ބުނެލި އެވެ.
"ތިހުރިހާ ސުވާލަކަށް ޖަވާބުދޭކަށް އަހަންނަކަށް ނޭގެ، އެނގޭހާވެސް އެއްޗަކީ އަހަރެން ޔޫހާ އާއި ވާހަކަދައްކާ ހިތްވާކަން، އަދި ފޯނުން ތި އަޑުއިވުމުން ކުރިއަށްވުރެވެސް ޝައުގުވެރިކަމެއް ދެވިއްޖެކަން... އެހެންވީމަ މިވަގުތު ބާއްވާލާށޭ ދޯ ތިބުނީ، އެކަމަކު ފަހުން ގުޅާލާނަން އެނގޭ" އައްޔަދު ބުނެލި އެވެ.
"އަހަރެން އެހާ ދަންވަރު މީހުންނާ ވާހަކަދައްކައެއް ނޫޅެން" ޔޫހާ ބުނެލި އެވެ.
"ދަންވަރަކު ނޫނޭ ގުޅާނީ، އޯކޭ އެއްނު، ދެން މިރޭ ޑިއުޓީއަށް އައީ މަ ދިމާވާނެއެއްނު، ރިސެޕްޝަނުގަ އިން ކުއްޖާ ބުނި މިރެޔޭ ދެން ޔޫހާގެ ޑިއުޓީ ފެށޭނީ" އައްޔަދުއަށް އެކަން ވެސް އެނގޭކަން އަންގާލި އެވެ.
"އެހެންތަ، ހާދަ ކަންތައްތަކެއް އޮޅުން ފިލުވާލައިފި އޭ ދޯ... ދެން ބާއްވަނީ" ޔޫހާ ހިނިއައިސްފައި ހުރެ ބުނެލިއެވެ.
"އޯކޭ... ބާއި... ސީ ޔޫ ބިއުޓިފުލް ލޭޑީ" މިހެން ބުނެ އައްޔަދުގެ ކޯލު ނިންމާލައިފި އެވެ. އޭނަވެސް ހުރީ ވަރަށް ހިނިއައިސްފަ އެވެ. ހޮޓެލްގެ ކައުމަށް އިންސާފުކުރަންފެށީ ދެނެވެ. ރަހަތައް ވަރަށް ހެޔޮވެފައި ވަރަށް މީރެވެ. ކާންތައްޔާރުކުރަނީ މޮޅު ޝެފެއްކަން އައްޔަދުއަށް ޔަގީންވި އެވެ. އޭނަ ކެއުން ނިންމާލާފައި ހޮޓެލްގެ އެކި ސަރަހައްދުތައް ބަލާލުމުގައި އުޅުނެވެ. ހޮޓެލުގެ ރެސްޓޯރެންޓުގައި ތިބި ބައެއް ގެސްޓުންނާއި ވާހަކަދައްކާ ހެދިއެވެ. އޭގެ ތެރެއިން ބައެއް މީހުންނަކީ އެ ހޮޓެލްގައި ދެތިން ހަތަރު ފަހަރަށް މަޑުކޮއްފައިވާ މީހުންނެވެ. އައްޔަދުގެ ސިކުނޑީގައި ހުރިހާ ކަމެއް ނޯޓު ކުރަމުންދިޔަ އެވެ. އޭނަ ތަނުގެ މުވައްޒަފުންނާއި އެމީހުންގެ ހަރަކާތްތަކަށް ވެސް ނަޒަރު ހިންގިއެވެ.

އޮފީހަށް ވަނުމާއިއެކު ޒައުލްގެ ގާތަށް ރަމީޒު އައިސް ހުއްޓުނެވެ. އަދި ގާރޑަންވިއުގެ ކަންތައް ކުރިއަށް ގެންދަންވީ ކިހިނެއްތޯ ސުވާލުކުރި އެވެ. އެކަން ފައުޒީވަނީ އޭނަ އާއި ހަވާލުކޮށް އަދި މިއަދު ފައުޒީ އޮފީހަށް ނައިސް އޭނަގެ ފޯނު ވެސް ނިއްވާލާފައި ވުމުން އޭނަގެ ފަރާތުން އެކަން ކުރިއަށް ގެންދާނެ ގޮތެއް ނޭގިފައިވާކަމަށް ވެސް ބުންޏެވެ.
"ރަމީޒް، ފައުޒީ ދެން ނާންނާނެ، ރަމީޒު ކޮއްދޭންވީ ކަމަކީ ހުރިހާ ހޮޓެލްތަކެއްގައި މަސައްކަތްކުރާ ސްޓާފުންގެ ތެރެއިން ވަޒީފާގެ ކުރިއެރުން ލިބެންޖެހޭ، އަދި މަސައްކަތަށް ފަރުވާ ބަހައްޓާ ސްޓާފުންގެ ލިސްޓެއް އަހަންނަށް ގެނެސްދޭންވީ، އޭގެ ތެރޭގައި ސީނިއާ މީހުންގެ ނަންތައް ވެސް ހިމަނަންވާނެ... އެންމެންގެ ހާޒިރީ ރިކޯރޑްސްއަށް ވެސް ބަލަންވާނެ" ޒައުލް ބުނެލިއެވެ. އޭނަގެ މަސައްކަތްތައް ފެށުމަށް އަވަސްވެގަތެވެ. ރަމީޒު ނުކުމެގެން ދިއުމާއިއެކު ޒައުލް އަވަސް އަވަހަށް އޮންދަވޭ ހޮޓެލްއަށް ގުޅާލިއެވެ. އަދި ޝާއިން އާއި ބައްދަލުކުރަން ބޭނުންވާ ކަމަށާއި ބައްދަލުކޮއްލުމަށް އެ އޮފީހަށް އައިސްދިނުމަށް އެދުނެވެ. ޝާއިންގެ ފޯނު ނިންމާލުމަށްފަހު އަނެއްކާވެސް ޒައުލް ގުޅާލީ ރަމީޒުއަށެވެ. އޭނަ އާއި ހަވާލުކުރި މަސައްކަތް ހަވީރު ފަހެއްޖަހަންވާއިރަށް ނިންމާލުމަށެވެ. ދެ ދުވަސްތެރޭ ގާޑަންވިއުއަށް ބޭނުންވާނެ ހުރިހާ މުވައްޒަފުންނާއިއެކު އެ ހޮޓެލް ހުޅުވަން ޒައުލް ބޭނުންވި އެވެ. 

ހުރިހާ ކޮތަޅުތަކެއް ކޮޓަރިއަށް ވެއްދުމަށްފަހު ޔޫހާ އެނދުގައި އޮށޯވެލީ ވަރުބަލިވެގެންނެވެ. އޭނަ ރޭގެ ޑިއުޓީ ނިންމާފަ އައިފަހުން އެއުޅެނީ ނުދިއެވެ. އެހެންވެ ފޯނު އެލާމް ކޮއްލުމަށްފަހު ބާލީސް ކައިރީ ފޯނު ބާއްވާލުމަށްފަހު ޒައުލް އޭނައަށް ދިން ފޯނުވެސް ބާލީސް ކައިރީ ބާއްވާލާފައި ދެލޯ މަރާލިއެވެ. ވަރުބަލިކަމުގެ ތެރެއިންވެސް ޔޫހާގެ މަރާލި ދެލޮލުގެ ނޫރުފަދައިން އަލިވެގެން ދިޔައީ ޒައުލްގެ މޫނެވެ. ޔޫހާގެ ތުންފަތަށް ހިނިތުންވުމެއްވެރިވެގެންދިޔަ އެވެ. އެ ހިނިތުންވުމާއިއެކު އަރާމު ނިދީގެ ތެރެއަށް ގެނބިގެން ދިޔައެވެ. އަފްލީން އައިސް ދޮރުހުޅުވާލި ކަމެއްވެސް ޔޫހާއަކަށް ނޭގެއެވެ.
"ކިޔާން، ކޮއްކޮގެ ޑެޑީތަ މިއަދު އައިސް ހުރީ" އަފްލީން ކިޔާންގެ ކައިރީ އިށީނދެލަމުން އަހާލިއެވެ. ކުޅޭ އެއްޗެހިތައް ކައިރިކޮއްލައިގެން ކުޅެން އިން ކިޔާން އަވަސް އަވަހަށް ބޯޖަހާލި އެވެ.

ގޭގެ ޓެރެސްގަ ސޯފާގައި އިން މަންސޫރު ފޯނުން ވާހަކަ ދައްކަމުންދިޔައީ ސަމަދުއާއިއެވެ. ހިނިއައިސްފައި އިންގޮތުން ހީވަނީ އެދެމެދުގައި ދެކެވެމުންދިޔަ ވާހަކަތަށް ކުރިއަށްދަނީ މަންސޫރު ބޭނުންވާގޮތަށް ކަމެވެ.
"އަޅުގަނޑަށްވެސް ހާޒިމްގެ އުޅުމަށް ބަދަލުތަކެއް އަންނަކަން ފާހަގަ ކުރެވުނު، އެކަމަކު އެއްފަހަރުވެސް ހިތަށް ނާރާ މަންސޫރުގެ ކުއްޖަކާ ގުޅުން ހުރެދާނެ ކަމަށް، މަންސޫރަށް ފެނިލައްވާ ގޮތެއް ހަމައެންމެ ރަނގަޅު، ކައިވެންޏަށް ތައްޔާރުވާންވީ، އަޅުގަނޑު ހާޒިމް އާއި ތިވާހަކަ ދައްކާނަން މިރޭ، އޭނަވެސް ހުންނާނީ ވަރަށް އުފަލުންކަން ޔަގީން، އެންމެ އުފާވަނީ އަޅުގަނޑުގެ އާއިލާގެ މެމްބަރެއްގެ ގޮތުގައި މަންސޫރުގެ ދަރިއަކު އިތުރުވެގެންދާނެތީވެ" ސަމަދު ފޯނުން ބުނެލި އެވެ. މަންސޫރު ލާއިގާގެ އެދުމުގެވެސް މަތިން އެމީހުންގެ ދޮށީދަރިފުޅު ލޫލުއާގެ ކައިވެނި ހަމަޖެހިފައިވާގޮތް ކިޔާދިނެވެ.

ހަވީރު ޑިއުޓީ ނިންމާލާފައި އައިސް ޝާއިންވަނީ ޕާކްވިއު ހޮޓެލަށެވެ. އަދި އޭނަ އެތަނުގެ މުވައްޒަފެއްގެ އެހީގައި ޒައުލްގެ އޮފީހަށް ދިޔައެވެ.
"ގުޑް އީވްނިންގ..." ޝާއިން ޒައުލްގެ ކެބިންއަށް ވަންނަމުން ބުނެލިއެވެ.
"ޔެސް... ޝާއިން ދޯ، ތިއައީތަ؟" ދޮރާ ދިމާލަށް ބަލާލި ޒައުލް ބުނެލި އެވެ. އޭރު އޭނަ އިނީ އެކެބިންގެ އެއްފަރާތުގައި ހުރި ސޯފާގައި އިށީނދެލައިގެން ފައިލްތަކެއް ބަލާށެވެ.
"ލައްބަ..." ކިޔަމަންތެރިކަމާއިއެކު ކުޑަކޮށް ހާސްވެހުރެ ޝާއިން ބުނެލި އެވެ.
"ހިނގާ ދޯ ރެސްޓޯރެންޓާއި ދިމާލަށް، ސައިތައްޓެއް ބޯލަން، އެތާ ތިބެ ވާހަކަ ދައްކާނީ" ޒައުލް ތެދުވަމުން ބުނެލިއެވެ. އަދި ޝާއިން އާއި ދެމީހުން ހޮޓެލްގެ ރެސްޓޯރަންޓަށް ދިއުމަށް ހިނގައިގަތެވެ.
ހޮޓެލްގެ ރެސްޓޯރެންޓުގަ އެއް ފަރާތެއްހުރި ހުސް މޭޒެއްގެ ކައިރިއަށް ޒައުލް ކައިރިވެލަމުން ގޮނޑި ދަމާލާފައި އިށީނެވެ. އޭނަ އާއިއެކު ޝާއިން ވެސް އެމޭޒުގެ ކައިރީ އިށީނެވެ. ޒައުލް ފެނުމާއިއެކު އެތަނުގެ މުވައްޒަފަކު އެމީހުންގެ ކައިރިއަށް އަވަހަށް އަތުވެއްޖެއެވެ. ޒައުލް ބޭނުންވީ ހަމައެކަނި ކޮފީތައްޓެކެވެ. އޭނަ ޝާއިން ބޭނުން އެއްޗަކަށް އޯޑާރ ކުރުމުގެ އިޙްތިޔާރު ދިނެވެ.
"ކޮންކަމަކު ތޯ ކުއްލިގޮތަކަށް އަޅުގަނޑާއި ބައްދަލުކުރަން ބޭނުންވީ" ޝާއިން ސުވާލުކުރީ އިތުރަށް މަޑުކުރަން ބޭނުންނުވެގެންނެވެ.
"މާގިނަ ވާހަކަތަކެއް އަހަރެން ދައްކާކަށް ނޫޅެން، އަހަރެން ޝާއިން ގެނައީ މަތީ ޕޯސްޓެއް ދޭންވެގެން، ޝާއިން ގަބޫލު ކުރާނަންތޯ އަހަން" ޒައުލް ބުނެލިއެވެ.
"ކޮން ޕޯސްޓެއް ތޯ" ހައިރާންކަމާއިއެކު ޝާއިން އަށް އަހާލެވުނެވެ.
"ގާރޑަންވިއުގެ ސީނިއަރ މެނޭޖަރކަން، މިބުނީ އަހަރެންގެ ދަށުން ހުރިހާ ޑިޕާޓްމެންޓެއް ހިންގާނީ އޭރުން ޝާއިން، ނޫނީ މިހޮޓެލްގަ ވެސް ހަމަ އެޕޯސްޓަށް، މިދެ އޮފައިން ބޭނުން ތަނެއް ހިޔާރު ކުރޭ....ފައުޒީގެ ޕޯސްޓުވެސް ވަނީ މިހާރު ހުސްވެފަ، އެ މަގާމަށް ވެސް މީހަކު އަހަރެން ބޭނުންވޭ، ޝާއިންއަށް އަހަރެން އިތުބާރު ކުރަން ބޭނުންވާތީ މި ފަދަ ޑިޒިޝަންއެއް މިނެގީ...." ޒައުލް ބުނެލިއެވެ. ޝާއިންއަށް ބުނާނެ އެއްޗެއް ނޭގުނެވެ. މަގާމު މަތިވުމުން އުފާވެސްވި އެވެ. އަދި ފައުޒީގެ ވަޒީފާ ގެއްލުނީކަން އެނގުމުން އެކަމާ ދެރަވެސްވިއެވެ.
"އަޅުގަނޑު ސުވާލެއް ކޮއްލަން ބޭނުން" ޝާއިން ބުނެލި އެވެ.
"މައްސަލައެއްނެތް ކުރިޔަސް، ޝާއިންއަށް ފެންނަ ކޮންމެ ހިޔާލެއް އަހަރެން ކައިރީ ބުނަން ހުއްދަ ނުހޯދިޔަސް އެންމެ ރަނގަޅު، ފެންނަ ގޮތެއް ހަމަ ބުނަންވީ" ޒައުލް ހަމަޖެހިލާފައި އިނދެ ބުނެލިއެވެ.
"ފައުޒީގެ ސަބަބުންތޯ އަޅުގަނޑަށް ކުރިއެރުން ތިދެއްވަނީ، ނޫނީ އަޅުގަނޑުގެ އެފަދަ ގާބިލިއްޔަތެއް ހުރެގެންތޯ" ޝާއިން އަހާލިއެވެ.
"ހެ ހެ ހެ... ފައުޒީއާ ގުޅުމެއްނެތެކޭވެސް ނުބުނެވޭނެ ދޯ، ޝާއިންއަކީ އޭނަގެ ދަށުން މަސައްކަތްކުރާ މުވައްޒަފުންނަށް ވަރަށް ރަނގަޅު މީހެއްކަން އަހަންނަށް އެނގިފައޮތީ، އަދި އެމީހުންގެ ރައިޓްސްއަށް ފައިޓް ކުރާނެކަންވެސް އަހަންނަށް އެނގުނު ފައުޒީގެ ކެބިންތެރޭ ހިނގާ ދިޔަ ކަންތަކުން، ސޯ ފައުޒީގެ ސަބަބުން އަހަންނަށް އިތުރަށް ޔަގީންވީ ތީ ގާބިލް އިތުބާރު ހިފިދާނެ މީހެއްކަން... ޝާއިން ފައުޒީގެ މަގާމަށް އަންނަން ބޭނުންނުވަންޏާ އެއީ މައްސަލައެއް ނޫން، ގާރޑަންވިއުގެ ޕޯސްޓު ބަލައިގަންނަންވީނު، ތިފަދަ ރަނގަޅު މުވައްޒަފުން މަތީ މަގާމުތަކުގައި ތިބެގެން ހޮޓެލްތައް ހިންގޭނީވެސް" ޒައުލް ހީލާފައި ތައުރީފުގެ ގޮތުން ބުނެލިއެވެ. ޝާއިންވެސް ހިނިތުންވެލިއެވެ. ޒައުލްއަކީ ފޮނިގޮތެއް ހުންނަ މީހެއްކަމަށް ދެއްކިޔަސް އޭނަ އާއި ގާތުން ވާހަކަދައްކާލައިފިނަމަ ރަނގަޅު ގޮތްތަކެއްވެސް ހުންނަ މީހެއްކަން އެނގޭނެއެވެ.

ޝާއިންއަށް ގެއަށް އާދެވުނު އިރު އިރުއޮއްސިއްޖެއެވެ. ސިޓިން ރޫމުގައި ހުޅުވާފައި ހުރި ޓީވީ އިން މަޤްރިބު ނަމާދު ބަންގިގޮވާއަޑުއިވުނެވެ. އެތެރެއަށްވަތްއިރު ހުޅުވިފައިވާ ޔޫހާގެ ކޮޓަރިތެރެއިން ޔޫހާ އާއި ކިޔާންގެ އަޑުއިވެމުންދިޔައެވެ. ކޮޓަރިއަށް ވަންނަން ހިތަށް އަރާފަވެސް ޝާއިން ގާތްވެލީ ޔޫހާގެ ކޮޓަރިއަށެވެ.

އައްޔަދު ޒާރާނާ އާއި ވާހަކަދައްކަމުން ދިޔައީ ފޯނުންނެވެ. ޒަރާނާ އާދޭސް ކުރަމުންދިޔައީ ގެއަށް އައުމަށެވެ. އޭރު އާފާގު އައްޔަދު ކައިރީ ބުނެފައިވަނީ ކުރަން ބޭނުންވި ކަންތައް ނިންމާފައި ނޫނީ ނައުމަށެވެ. އަނެއް ކޮޅުން މިރޭ ޔޫހާ އާއި ބައްދަލުވާނެތީ އޭނަ ހުރީ އުފަލުންނެވެ. ހޮޓެލްގެ ކަންތައްތައް ހުރި ގޮތް އައްޔަދު އޭނަގެ ބައްޕަ އާފާގުއަށް ކިޔާދިނެވެ. އަދި ތަނުގެ މުވައްޒަފުންނާއި ހޮޓެލްގެ ޔުނީފޯމްތައް ފަރުމާކޮއްފައިވާލެއް ރީތިކަމުގެ ވާހަކަތައް ދެއްކިއެވެ. ގިނަ ގިނަ ހިޔާލުތައް އެދެބަފައިން ބަދަލުކުރިއެވެ. ހޮޓެލްގެ ބޮޑުމީހަކާ ދިމާވިތޯ އާފާގު ސުވާލުކުރިއެވެ.

"ބައްޕާ، މިހާރު ހޮޓެލްތަކާ ހަވަލުވެގެން ހުންނަނީ މަންސޫރުގެ ދަރި ޒައުލް ކަމަށްވަނީ، އަދި އެމީހަކު އަޅުގަނޑު ނުދެކެން މިތަނުން، އޭނަ ގިވަގުތު ހޭދަކުރަނީ މިތަނުގަކަމަށްވަނީ، އޭނައަށް ޚާއްޞަ ކުރެވިފައިވާ ކޮޓަރިއެއް ވެސް މިތަނުގަ ހުރޭ، ވަރަށް ރީތި ކުދިން އުޅޭތަނެއް މީ، އައެމް ރިއަލީ އިންޖޯއިން.... އައި މެޓް ސަމްވަން ހިއަރ..." އައްޔަދު އާފާގެ ކައިރި ފޯނުން ބުނެލިއެވެ. އޭނަ ޔޫހާ އާއި ދިމާވިގޮތުގެ ވާހަކަ އާފާގުއަށް ކިޔާދިނެވެ. އަދި ޔޫހާގެ ރީތިކަމާއި އޭނަގެ ވާހަކަދެއްކުން ހުންނަ ގޮތާއި މިނޫންވެސް އެތަށް ތައުރީފެއް އޭނަ ޔޫހާއަށް ކުރިއެވެ. ހީލާފައި އާފާގު އަޑުއަހަން ހުރިއިރު އޭނަގެ ދަރިފުޅަށް ވަރަށް ޚާއްޞަ އަންހެން ކުއްޖަކާ ދިމާވެއްޖަކަން ޔަގީންވިއެވެ. އެހެންނަމަވެސް ނަސޭހަތްތެރިވިއެވެ. މިދާއިރާގައި އުޅުން ވިޔާނުދާ އަންހެން ކުދިންވެސް އުޅޭކަމުގަ އާއި ކޮންމެ ކޮންމެ އަންހެން ކުއްޖަކާ ގާތްނުވުމަށެވެ. ރަޙުމަތްތެރިކަންވެސް ނުބޭވުމަށެވެ.
"އަހަރުމެންގެ އައްޔަދު މާލެ އައިތާ އަދި ގިނަ ދުވަހެއްނުވޭ، އެކަމަކު މިހާ އަވަހަށް އޭނަ ކަމެއް ފައްޓަންވެގެން ކަންނޭގެ އެއުޅެނީ..." ރޭގަނޑުގެ ކައުމަށް ކާމޭޒުކައިރީ އިން އާފާގު ބުނެލިއެވެ.
"ތިބުނިއެއްޗެއް އަދި އަހަންނަކަށް ނުވިސްނުނު" ޒަރާނާ ވެސް އައިސް އާފާގުގެ ކައިރީ އިށިންނަމުން ބުނެލިއެވެ.
"އެކުއްޖާއަށް ކިޔަނީ ޔޫހާ... އޭނަ އެއަންހެން ކުއްޖާއަށް ތައުރީފުކުރިވަރު ޒަރާއަށް އަޑުއިވުނުނަމައޭ އަހަރެން ހިތަށް އަރާ" އާފާގު ބުނެލިއެވެ.

ކޮމެންޓް 0