ސްކޫލްގެ ގޭޓު ހުޅުވާލުމާއިއެކު ކުދިން ބަލާ އައިސްތިބި ބެލެނިވެރިންތައް އެތެރެއަށް ވަންނަންފެށިއެވެ. ކިޔާން ބަލާ އައިސް ހުރި ޝާއިންވެސް މީހުން ތަކުގެ ތެރެއިން އެތެރެއަށް ވަނުމަށް ކުދިފިޔަވަޅުތަކެއްގައި ހިނގައިގަތެވެ. މީހުންތަކުގެތެރެއިން ކިޔާން އުޅޭ ކުލާސްރޫމާ ހަމައަށް ޝާއިން ދިޔައެވެ. އޭރު ކިޔާން ކުލާސްރޫމުގައި އެއްވަރަކަށް ދުވެލަ ދުވަލަ އުޅެއެވެ. ޝާއިން ފެނުމުން ކިޔާންގެ ކުލާހުގައި ހުރި އާންޓީ ކިޔާންއަށް ދެފަހަރަކު ގޮވާލިއެވެ.

"މިއަދު ކްލޭ ކުޅުނު ދުވަހެއްތަ؟" ކިޔާންގެ ޔުނީފޯމްގައި ކޮންމެވެސް ވަރަކަށް ކުލޭ ހޭކިފައިހުރިތަން ފެނުމުން ޝާއިން އަހާލިއެވެ. އެއާއިއެކު ކިޔާން އޭނަގެ ސޯޓުގެ ޖީބުން ނެގި ކުލޭކޮޅު ދައްކާލީ އުފަލުންނެވެ.
ޝާއިންގެ ސަމާލުކަން ކިޔާންއަށް ދެމުން ސްކޫލުން ނުކުންނަން ދަނިކޮށް ކުއްލިއަކަށް ކުރިމައްޗަށް މީހަކު އެރުމާއިއެކު ހުއްޓުން އަރާފައި ކިޔާންގެ އަތުގައި ބާރަށް ހިފާލަމުން ގަޔާއި ކައިރިކޮއްލެވުނީ އެކުއްޖާ ރައްކާތެރި ކުރާފަދަ ގޮތަކަށެވެ.
"ސޮރީ..." ޝާއިންގެ ކުރިމަތީ ހުރި ޒުވާން އަންހެން ކުއްޖާ ބުނެލިއެވެ. އަދި އަވަސް އަވަހަށް އޭނަ ބެލީ ސްކޫލްގެ ތެރެއަށް ވަދެގެން ދެވޭތޯއެވެ. ފެންނަފެނުމަށް އޭނަގެ އަޑާއި ހަރަކާތްތަކުގައިވެސް ވަނީ އަވަސްއަރުވާލުމެވެ. އެހެންނަމަވެސް ޝާއިންއަށް އެހާ ކުޑަވަގުތު ކޮޅެއްގެ ތެރޭވެސް އެއަންހެން ކުއްޖާގެ މޫނަށް ވަރަށް ރަނގަޅަށް ނަޒަރުހިންގާލެވުނެވެ. ރީތި ސިފަތަކެއް އެއަންހެން ކުއްޖާއަށް ލިބިފައިވާކަމާއިމެދު އޭނަ ދެކޮޅެއް ނުހަދައެވެ. ފަސްއެނބުރި ބަލާލެވުނީވެސް އެއަންހެން ކުއްޖާ ދިޔަ ދިމާލެއް ބަލާލުމަށެވެ.
"އުފް...މިހިރަ ދަރިއެއްދޯ.... މިއަދު ވަރަކަށް ދުވެލާފަހުރިކަން އެބައެނގޭ.... ދަރިފުޅު ކައިރީ މަންމަ ބުނަމެއްނު ޔުނީފޯމް ޖީބަށް އެއްޗެހި ނާޅައްޗޭ، މަންމަ ކިހިނެއް މިކުލޭތައް ފިލުވާނީ...ކޮބާ ރުމާ" އާދައިގެ މަތިން ޔޫހާ ފެންނަ ކޮންމެ ފަހަރަކު ކިޔާން ދުވެފައި އައިސް އޭނަގެ ގައިގާ ބައްދާލާ އުސޫލުން ބައްދާލިއެވެ. އަދި ޔޫހާއަށް އޭނަގެ ދަރިފުޅު ހުރިގޮތްފެނި މިހެން ބުނެލެވުނެވެ.
"ތި އަދި ނިމުނީކީ ނޫން، އެސޮރު ލައިގެން ހުރި ސޯޓުގެ ޖީބު ބަލާލަ ބަލަ" ލާނެތް ގޮތަކަށް ހިނިއައިސްފައި ޝާއިން ބުނެލިއެވެ. ޔޫހާ އަވަސް އަވަހަށް ކިޔާންގެ ސޯޓުގެ ޖީބު ބަލާލިއެވެ. އަދި އެއްއަތުން ނިތުގައި ހިފަހައްޓާލާފައި ދެފަރަތަށް ބޯހޫރުވާލިއެވެ.
"މަންމި ކޮއްކޮދެކެ ރުޅިއައީތަ؟" ކިޔާންއަށް ޔޫހާގެ ހަރަކާތްތައް ހުރިގޮތް ފެނުމުން އަހާލެވުނެވެ.
"ކޮއްކޮދެކެ ރުޅިއައީކީ ނޫނޭ... ދަރިފުޅު ހަނދާންނެތިގެން ސްކޫލްގަ ރުމާ ބޭއްވުނީތަ" ޔޫހާ ކިޔާންގެ ޔުނީފޯމް ބަދަލުކުރުވަމުން ބުނެލިއެވެ.
"ކޮއްކޮ ފުރެންޑުގެ އަތް ހަޑިވީމާ ފޮހެލަން ދިނީ، މަންމި ކޮއްކޮދެކެ ރުޅި އަންނާނަންތަ" ކިޔާންއަށް ހީވީ ޔޫހާ ވަރަށް ބޮޑަށް ހިތްހަމަނުޖެހިއްޖެ ހެންނެވެ.
"ސަހާދަތްފަދަ ތެދެއް މިބުނީ، މުއްސަނދި ދަރިއެއް މަގޭ މިހުންނަނީ، ހާދަ ކުދިންނަށް އެއްޗެހި ދޭހިތްވެޔޭ.... ހިނގާ އަވަހަށް ސައިބޯން" ޔޫހާ އޭނަގެ ދަރިފުޅަށް ލިބިފައިވާ ސިފަތަކާއިމެދު ހައިރާންވާހާވެއެވެ. އެދަރިފުޅަކީ އެހެން ކުދިންނާއި ގުޅޭ ރަޙުމަތްތެރި އެކުދިންގެ އިޙްސާސްތަށް ދަންނަ އެމީހުންގެ އެދުން ކުރިއަށް ނެރޭ ދަރިއަކަށް ވީތީ އޭނަ އުފާކުރެއެވެ. އެހެންމަވެސް ބައެއް ފަހަރަށް ތަންކޮޅެއް ހަރަދުބޮޑުވަނީއެވެ.

މީހުންނާއިގެން އަބަދުވެސް ފުރިފައި އޮންނަތަނެއްކަމުގައި މާލޭގެ ސީހައުސް ރެސްޓޯރެންޓު ފާހަގަކުރެވެއެވެ. މިނިވަންފަޒާގެ ތެރޭ ހަވީރުގެ ފިނިފިނި ވައިރޯޅީގައި އެކުލެވިފައިވަނީ ލޮނުގެ އަސަރެވެ. ހުޅުމާލެއިން މާލެ އަންނަ މީހުންނާއި އަދި މާލޭން ހުޅުމާލެއަށް ދާމީހުންނާއިގެން ފެރީތަށް ނައްޓާލާ މަންޒަރާއި އަންނަ މަންޒަރަށް ނަޒަރު ހުއްޓާލައިގެން އެހެންމީހުންނާއި އެކަހެރިކޮށް މޭޒެއްގެ ދޮށުގައި ޒައުލް އިނެވެ. ކުރިމަތީ ހުރި ކޮފީތަށިން މަޑުމަޑުން އިނދެ އެތިފޮދެއް ބޮމުންދިޔައެވެ. އޭނަގެ ހުސްވަގުތަކީ އެއީއެވެ. އެތަނުގައި އެހެން ކިތަންމެ އިރެއްވަންދެންވެސް އިނދެދާނެއެވެ. މީހުންގެ ސަމާލުކަން ބައެއްފަހަރަށް ޒައުލްއަށް ހުއްޓުނުކަމުގައި ވިޔަސް އޭނަގެ އެއްވެސް ފަރުވާލެއްނެތެވެ.

ހަފްތާނިމިގެންދިޔައީ މާއަވަހަށްހެން ޔޫހާއަށް ހީވިއެވެ. މީހާއަށް ލިބެމުންދިޔަ ނުތަނަވަސްކަމާއިއެކު ނޭގޭބިރުވެރިކަމެއްވެސް އިޙްސާސްކުރެވެމުން ދިޔައެވެ. ޕާކްވިއުގެ ޑިއުޓީއަށް ދާންއޮތް ފުރަތަމަ ދުވަހަށްވުމުން ޑިއުޓީގަޑި ހަމަޖެހިފައި އޮތީ ހެނދުނަށެވެ. ޔޫހާ ލޯގަނޑު ކުރިމައްޗަށް ތިން ހަތަރު ފަހަރު ހުއްޓިފަވެސް އަނެއްކާވެސް ގޮސް އެނދުގައި އިށީނދެވެއެވެ. އިރުއިރުކޮޅާ އެނދުގައި ލޯބިކޮށް ފުންނިންޖަކުން ނިދާފައިއޮތް ކިޔާންއަށް ބަލާލެވެއެވެ.

"ޔޫހާ....ޔޫހާ...."ސިހުމެއްލިބުނީ ދޮރުގައި ޓަކިޖެހި ޝާއިންގެ އަޑު އިވުމުންނެވެ. ޔޫހާ އަވަސް ހިނގުމުގައި ގޮސް ދޮރުހުޅުވާލީ ކިޔާން ހޭލަފާނެތީއެވެ.
"އަދިވެސް ތައްޔާރު ނުވަންތަ؟ އަހަރެން ދިއުމުގެ ކުރިން ޔޫހާ ޕާކްވިއުއަށް ގެންގޮސްދޭންކަމަށް" ޝާއިން ބުނެލިއެވެ.
"ހާދަ ފޫއްސެކޭ މިވަނީ...މިނޫންގޮތެއް ހަމަނެއްބާއޭ ހިތަށް މިއަރަނީ" ޔޫހާ މޫނަށް ގޮތެއް ހަދާލަމުން ބުނެލިއެވެ.
"ކީއްކުރާނީ، ދެން މިވަގުތަށް ހުރިގޮތްކަމުގައި ހީކޮއްލައިގެން އަވަހަށް ތައްޔާރުވޭ، އަހަރެން ސިޓިން ރޫމުގައި މަޑުކޮއްލައިގެން މިއިނީ" ޝާއިން ޔޫހާގެ ކޮޓަރި ދޮރުކައިރިކޮއްލަމުން ބުނެލިއެވެ.
ޕާކްވިއުގެ ބޮޑުގޭޓުް ފެނުމުންވެސް ޔޫހާގެ ހަތަރެސްފައި ގަނޑުވާ ގޮތްވިއެވެ. ކުރިއަށް ފިޔަވަޅެއް އެޅުމުގެ ބަދަލުގައި އަނެއްކާވެސް އެނބުރި ބަލާލެވުނީ ސައިކަލުގައި މަޑުކޮއްލައިގެން އިން ޝާއިންއަށެވެ.
"އިޓްސް ގޮއިންޓުބީ އޯލްރައިޓް..." ޝާއިން ނިތްއަރުވާލަމުން ޔޫހާއަށްއަށް ބުނެލިއެވެ. އަދި ބޮލުން ކުރިއަށް ދިއުމަށް އިޝާރާތްކޮއްލިއެވެ.

އަތުގައި އޮތް ކުޑަދަބަހުގައި ބާރަށް ހިފާލުމާއިއެކު ފުންނޭވާއެއް ޔޫހާ ލިއެވެ. އަދި ކުރިއަށް ހިނގައިގަތީ ހުރިހާ ކަމެއް ހެއްދެވިފަރާތަށް ވަކީލުކުރާ ހާލުގައެވެ. އޭނަ ޖެހިލުންވެ ކަންބޮޑުވަނީ ޕާކްވިއު ހޮޓެލްގެ ހަތަރުފާރުން އެތެރެވުމާއިއެކު އޭނަގެ މާޒީ އެއްވެސް ރަހުމެއްނެތި ނިއުޅާލާނެކަން ޔަގީންވާތީއެވެ. އެއްވެސް ބާރަކާއިނުލާ އެދެލޮލުގެ އެސްފިޔަތަށް ތެތްމާލާ ކަރުނައިގެ ސައިލެއްފަދައިން އެދެކޯތާފަތުން ފައިބާ ކަރުނަައަށް ނިމުމެއް ނައިސްދާނެތީއެވެ. އެހެނީ ޔޫހާގެ ހިތުގެ ރިހުމާ ވޭން ގުޅިފައިވަނީ ޒައުލް އާއިކަމަށް ވީކަމެވެ. ނުފިލާ އެހަނދާންތައް ޔޫހާގެ ހިތުގައި ބިންވަޅުނެގިފައިވެއެވެ. ހަށިގަނޑުގައި ޖެހިފައިވާ ބޮޑުލައްގަނޑެއްކަމުގައި އެމާޒީވަނީ ވެފައެވެ. އެހިތާމަތަކުން އަރައިގެންނަން އޭނަ ކުރިހާ މަސައްކަތެއް ފެނެއްވަނީބާއޭ އޭނަގެ ޒަމީރާއި ސުވާލުކުރަމުން ޕާކްވިއު ހޮޓެލްގެ ލޮބީއަށް ޔޫހާ ވަނެވެ.

"އެޗް.އާރް ޑިޕާރޓްމެންޓު ކޮބާތޯ..." ވާހަކަދެއްކުމައްޓަކައި އަޑުނެރުމަށްވެސް ޔޫހާއަށް މުޅިހަށިގަނޑުގައިވާ ހުރިހާ ބާރެއް ބޭނުންކުރަން ޖެހުނުކަހަލައެވެ. ރިސެޕްޝަންގައި ތިބި ޒުވާން ދެއަންހެން ކުއްދިންގެ ތެރެއިން އެއްކުއްޖަކު ޔޫހާއަށް ދާންވީގޮތް ކިޔާދިނެވެ.

ލިފްޓުން ދެވަނަ ފަންގިފިލާއަށް ޔޫހާ ނުކުތުމާއިއެކު ކަނާތްފަރާތުން ބިއްލޫރިދޮރެއް ފެނުނެވެ. ފުސްކަމެއް ހުރުމުގެ ސަބަބުން އެތެރެނުފެނުނު ކަމުގައިވިޔަސް ޔޫހާ މަޑުމަޑުން ދޮރުހުޅުވާލިއެވެ. އެތަނުގެ ތެރޭ އެކިއެކި ބައިބަޔަށް ޕާޓިޝަންތައް ޖަހާ ވަކިކޮއްފައި ހުއްޓެވެ. ދޮރުކައިރީ ކުޑަކުޑަ ކައުންޓަރެއްގައި އަންހެން ކުއްޖަކުވެސް އިނެވެ. އޭނަގެ ގާތުން ޔޫހާ ބައްދަލު ކުރަން ހަމަޖެހިފައިވާ ފައުޒީގެ ނަން ބުނެލިއެވެ. އެއާއިއެކު އެއަންހެން ކުއްޖާ ޔޫހާގެ ނަންއަހާލާފައި ކައުންޓަރު ކުރިމަތީ ހުރި ބެންޗުގޮނޑީގައި އިށީނުމަށް އެދެމުން ހިނގައިގަތީ އެތެރެއަށެވެ.

"އާދޭ..." ކައުންޓަރުގައި އިން އަންހެން ކުއްޖާ އެނބުރި އައިސް ޔޫހާއަށް ބުނެލިއެވެ. އޭނަގެ ފަހަތުން ޔޫހާ ގޮސް ފައުޒީގެ ކެބިންއަށް ވަނެވެ.

ވަޒީފާގެ ޤަވަޢިދުތަށް ފައުޒީ ޔޫހާއަށް ކިޔާދެމުންދިޔައެވެ. އަދި ޔުނީފޯމް އަޅަންވީ ގޮތާއި އަލަށް އުފެދުނު ޤަވަޢިދުތައްވެސް ޔޫހާއަށް އޮޅުންފިލުވާދިނެވެ. ޔޫހާގެ ހާސްކަން ވަކި ކުޑައެއްނުވެއެވެ. ޒައުލް އާއި ބައްދަލު ކުރަންވެސް ޖެހޭނެ ކަމުގައި އޭނައަށް ހީވިއެވެ. ނަމަވެސް ފައުޒީގެ ވާހަކަތައް ނިމި ހޮޓެލްގެ އެކިތަންތަން ޔޫހާއަށް ދައްކާލުމަށްޓަކައި އެކެބިން އިން ޔޫހާ ނުކުތްއިރުވެސް ޒައުލް އާއި ބައްދަލު ކުރާކަހަލަ ވާހަކައެއް ފައުޒީ ނުދެއްކިއެވެ. އަދިވަކިން ކަންބޮޑުވީ އެހެންވެއެވެ. ޒައުލް ގެ ބޭނުމަކީ ކޮބާކަން އޭނައަށް ނޭގޭތީއެވެ. އެތަނަށް އޭނަ ބަދަލުކުރުމުގައި ޒައުލްގެ އަތެއްވާކަން އޭނައަށް ޔަގީންވެއެވެ. އެކަމަކު އެހެން ބުނާނެހާ ހިތްވަރެއް އޭނަގެ ނެތެވެ. އެންމެ ކުޑަމިނުން ޒައުލްއާއި ކުރިމަތިލާނެހާ ހިތްވަރެއްވެސް ޔޫހާގެ ނެތެވެ.

ޕާކްވިއު ހޮޓެލްގެ ޔުނީފޯމްގައި ހުރި ޔޫހާ އެތަނުގެ ހުރިހާ މުވައްޒަފުންނަށް ތަޢާރަފްކޮއްދެމުންދިޔައީ ފައުޒީއެވެ. ފަނަަރަ ބުރީގެ އެއިމާރާތުގައި ތިންފަންގިފިލާއެއްގައި ރިސެޕްޝަން ކައުންޓަރު ވެއެވެ. ޔޫހާ އިންނަން ޖެހުނީ ބާރަވަނަ ބުރީގައި ހުރި ރިސެޕްޝަން ކައުންޓަރުގައެވެ. ކީއްވެކަމެއްނޭގެއެވެ. އިރުއިރުކޮޅާ ވަށައިގެން ހޯދާލެވެއެވެ. ޒައުލް ހުރެދާނެކަމަށް ހީވެގެންނެވެ.

މެންދުރުގެ ވަގުތެވެ. ޔޫހާގެ ވަށައިގެންވަނީ ހަމަހިމޭންކަމެވެ. ވަރަށް މަދުފަހަރަކު ކުރިމައްޗަށް ވާކަހަލަ ގޮތަށް ހުރި ލިފްޓު ހުޅުވިގެންދާއަޑުއިވޭނެއެވެ. އިތުރު އެއްވެސް ކަމެއްނެތެވެ. ކައިރީގައި ޔޫހާ އާއިއެކު އިން ކުއްޖާގެ ކަމަކީ އިނގިރޭސި ވާހަކަފޮތެއް ކިއުމެވެ. ޔޫހާއަކީ އެތަނަށް މުޅިން އާސާޓަފަކަށް ވެފައި ޑިއުޓީއަށް ނުކުތް ފުރަތަމަ ދުވަސްވީމާ އެއްވެސް ރަޙުމަތްތެރިއަކު އަދި ނެތެވެ. ކައިރީގައި އިން ކުއްޖާގެ ޔުނީފޯމްގައި ހަރުކޮއްފައިވާ ނަންކޮޅުގައި ޝެލީން ޖަހާފައި ވެއެވެ. ފޫހިކަމާއިއެކު ޔޫހާ އޭނަގެ މޯބައިލް ފޯނުނަގާ ޝާއިންއަށް ގުޅާލިއެވެ. ސިއްރު ސިއްރުން ވާހަކަދެއްކިއެވެ.

ހުޅުވިގެންދިޔަ ލިފްޓާއިއެކު އެދިމާލަށް ޔޫހާއަށް ބަލާލެވުނީ ބޭއިޙްތިޔާރުގައެވެ. ނަމަވެސް ކަނދުރާ އާއި އަތުގައި ހުރި ލޯލިތަށް ހަރުކަށިވެގެން ދިޔައީ އެލިފްޓުގެ ތެރެއިން ނުކުތް ޒައުލް ފެނުމުންނެވެ. ޔޫހާއަށް އިސްދަށަށްޖަހާލެވުނީ ޒައުލްއާއި އޭނަގެ ލޯއަމާޒުވިޔަނުދިނުމަށްޓަކައެވެ. ޒައުލް ފެނުމުން ކައިރީގައި އިން ޝެލީން އަވަސް އަވަހަށް ކިޔަންއިން ފޮތްލައްޕާލަމުން ގޮނޑިން ތެދުވިއެވެ. އަދި އިނގިރޭސި ބަހުން ޒައުލްއަށް މުޙާތަބުކުރިއެވެ. ޔޫހާގެ ދޫހަރަކާތްނުކުރި ކަމުގައި ވިޔަސް ޝެލީން ތެދުވުމާއިއެކު އޭނައަށްވެސް ތެދުވެވުނެވެ.

ޝެލީންއަށް ބޯޖަހާލި ޒައުލްގެ މޫނުމަތީގައި އެއްވެސް އަސަރެއްނުވެއެވެ. އެކަމަކު އޭނަގެ ހަށިގަނޑަށްވެސް ގޮތްތަކެއްވެގެންދިޔަކަށް ހުދުއޭނައަށްވެސް އިޙްސާސްކުރެވިގެންދިޔައެވެ. އަދި ޔޫހާ އާއި އެނަޒަރުވަކިކޮށްނުލެވުނެވެ. އެއީ ފޫހިނުވާނެހާ ހިތްގައިމު ރީތިކަމެކެވެ. އަދިވެސް އެމަޑުމައިތިރި ކަމާއި އެހަމަހިމޭންކަމެވެ. އެހެންނަމަވެސް އެދެތުންފަތުގައިވި ތުރުތުރުލުން ޒައުލްއަށް ނަގައިގަނެވުނެވެ. އަދި އަމިއްލައަށް ސުވާލުކޮއްލެވުނެވެ. ޔޫހާ އޭނައަށް ފެންނަ ހިސާބަށް ގެނެއައީ ކީއްކުރަން ހެއްޔެވެ. އެހަނދާންތަށް ފޮހެލަން ބޭނުންވާއިރު އެހަނދާންތަކާއި ގާތަށް ފިޔަވަޅު އެޅެންވީ ކީއްވެހެއްޔެވެ. އެދެމެދުގައި ނުފެންނަ ބާރެއްވާކަހަލައެވެ. ޝެލީންގެ އަޑު އަނެއްކާވެސް ޒައުލްގެ ކަންފަތުގައި ޖެހުމާއިއެކު ވަކިއެއްޗެއް ނުބުނެ ހިނގައިގަތީ މައްޗަށް އަރަން ހުރި ސިޑިއާއި ދިމާލަށެވެ.

"ބޮސް އާއި ދިމާވިތަ؟" ޒައުލް ގެއްލުމާއިއެކު ފުރަތަމަ ފަހަރަށް ޝެލީން ވާހަކަދެއްކިއެވެ.
"ނޫން...މިއަށްވުރެ މައްޗަށް ލިފްޓު ނުދޭތަ" ޔޫހާ ޔަގީންކޮއްލަން ބޭނުންވިއެވެ.
"ލިފްޓުން ޓެރެސްއަށްވެސް އެރޭނެ...ކިހިނެތްވީ؟" ޝެލީން އަހާލިއެވެ.
"ބޮސް ލިފްޓުން މައްޗަށް ނުގޮސް ސިޑިން އަރަން ދިޔައީމަ" ޔުހާއަށް ހީވީ ހަމަރަނގަޅަށެވެ. ޒައުލް އެއައީ އޭނަ ދެކެލުމަށެވެ. އެކަމަކު ކީއްވެ ހެއްޔެވެ. އަދިވެސް އޭނަ ޔޫހާ ދެކެން ބޭނުންވޭ ހެއްޔެވެ. ނޫނީ އަދިވެސް ދޭންބޭނުންވާ އިތުރު ހިތްދަތިކަމެއް އޮތީ ބާއެވެ. 

އެތަކެއް އަހަރުތަކަށްފަހުވެސް ތަޤްދީރު އޭނައާއިމެދު ހަމްދަރުދީއެއްނުވިއެވެ. މިއަދު އޭނަގެ ދިރިއުޅުމަށްޓަކައި އޭނަގެ ދަރިފުޅުގެ މުސްތަޤުބަލަށްތަކައި ހިޔާރުކުރި ވަޒީފާ މިވީ އަމިއްލަ ކަރަށް މަހާލެވުނު މަޅިއަކަށެވެ. އެމަޅިއަށް ވާންވާނެ އިރެއް ޔޫހާއަކަށް ނޭގެއެވެ. އެކަމަކު ދެވަނަ ފަހަރަށް ޒައުލްގެ މަކަރުވެރި ރޭވުންތަކުގައި އޭނަގެ ދިރިއުޅުން ހަލާކުވެގެންދާކަށް އެއްގޮތަކަށްވެސް ބޭނުމެއްނޫނެވެ. އަދި އަމުދުން މިހާރު އޭނަގެ ހަގީގަތް އެނގި ލޮލަށް ފެނި ސާފުވެއްޖެއެވެ. ޒައުލްގެ ދިރިއުޅުމުން އޭނަފަދަ ނިކަމެތި އަންހެން ކުއްޖަކަށް ޖާގަނުލިބުނީ ކީއްވެކަންވެސް މިހާރު ޔޫހާއަށް އެނގިޖެއެވެ. ޔޫހާފަދަ ކިތަށް އަންހެން ކުދިންގެ ހިތް ޒައުލް ހަލާކުކޮއްލާފަ ވާނެބާއޭ ޔޫހާގެ ހިތަށްއެރިއެވެ.

"ކީއްވެތަ ޒައުލް، އަދިވެސް އަހަރެންގެ ނިކަމެތިކަމަށް ދޫކޮއްލާކަށް ނުވޭތަ...މިދުނިޔެއާއި ހަނގުރާމަ ކުރާނެހާ ހިތްވަރެއް އަހަރެންގެ ދެނެއްނެތް، އަހަންނަށް ދެވުނު ހިތްދަތިކަން ކުޑައީތަ..." ޔޫހާގެ ހިތް ރޯލިއެވެ.

އޮފީސް ނިންމާފައި ގެއަށް ދިޔައިރު ޔޫހާގެ މުޅި ދުވަސް ހަރާބުވެފައިވެއެވެ. ޒައުލްދެކެ ރުޅި އަންނަވަރަކަށް އެދެލޮލަށް ކަރުނަ ޖަމާވާން ފަށައެވެ. އެހެންނަމަވެސް އެންމެ ކަރުނަތިއްކެއްވެސް ވެއްޓުނަ ނުދީ ހިފަހައްޓަން ޔޫހާ މަސައްކަތްކުރިއެވެ. ޔޫހާގެ ސިކުނޑީގެ ނާރުތައް ފިތެމުންދާފަދަ އިޙްސާސްތައް ކުރެވިގެންދިޔައެވެ. ދެން ދުވަހަކުވެސް ޕާކްވިއު ހޮޓަލްއަށް ނުދާން ޔޫހާ ބޭނުންވިއެވެ. އަމިއްލައަށް ސިޓީ ލައިގެން ކުރިން ހުރި ހޮޓަލަށް ބަދަލުވާން އޭނަ ގަސްދުކުރިއެވެ. ކޮންމެ ދުވަހަކު ޒައުލް ފެންނަން ވެއްޖެނަމަ ޔޫހާ މޮޔަވެދާނެއެވެ.

ކޮމެންޓް 0