ހަފްތާއެއް ވޭތުވެގެންދިޔައިރުވެސް ޒައުލްގެ ހަތަރު ރަޙުމަތްތެރިންގެ ތެރެއިން އެކަކަށްވެސް އެ ރީތި އަންހެން ކުއްޖާގެ ނަން ހޯދުނު ކަމަކަށްނުވިއެވެ.

"ހަމައެއްގޮތަކަށްވެސް އަނގައިން ބުނާގޮތެއްނުވޭ... އަހަރެން މިހާރު ފޫހިވާގޮތްވެއްޖެ، މިހާ އުނދަގުލުން މިކަމެއް ނުވާނެ، އެއަށްވުރެ މާރަނގަޅު ކަލޭމެންގެ ތެރޭން މީހަކަށް ދޭންވާ ފައިސާކޮޅު ދިނަސް..." ހަތަރު މީހުންގެ ތެރެއިން ޒައުލް އާއި ޖެހިގެން އިން ޖިނާ ބުނެލިއެވެ.

"އެހާ އަވަހަށް ބަލި ގަބޫލު ކުރީތަ؟" ޒައުލް މަލާމާތުގެ ރާގެއްގައި ބުނެލިއެވެ.
"އާން... މަވާ ސަލާމް، ދެނެއް ނުދެވޭނެ އޭނަގެ ފަހަތުން... އެހެންނޫނަސް މީ ސީރިއަސް ކަމެއްވެސް ނޫން" ޖިނާ ޒައުލްއަށް ޖަވާބުދިނެވެ.

އިތުރު ހަފްތާއެއް ވޭތުވެގެން ދިއުމުގެ ކުރިން އެންމެން ކަހަލަ ގޮތަކަށް އުއްމީދު ކަނޑާލައިފިއެވެ. އެހެންނަމަވެސް ޒައުލް އާއި ސުވާލުތައް އަމާޒުވަމުންދިޔައެވެ.

"އަހަރުމެންނަށް ނުވިއޭ ކިޔަން ޒައުލް އެންމެ ފަހަރަކުވެސް ޓްރައިއެއްކޮއްލިންތަ؟ އަހަރުމެންވިއްޔާ އެމަންޖެ ފަހަތުން ގޮއްސިންތާ، އެހެންވީމަ މިފަހަރު ހުރިހާ އެންމެން މިވީ އެއްވަރެއްނު" ޖިނާ ޒައުލްގެ ކޮނޑުގައި ހިފާ ކޮއްޕާލަމުން ބުނެލިއެވެ.
"ނޫން، އަދި އެއްވަރެއް ނުވޭ، ތިބުނާހެން އަދި އަހަރެން އެއްވެސް ކަމެއް ނުކުރަންދޯ... މިއަދުން ފެށިގެން އަހަރެންގެ މަސައްކަތް މިފެށީ..." ޒައުލް ޔަގީން ކަމާއިއެކު ބުނެލިއެވެ. އަދި ފަސް މީހުން ވެގެން އެއަންހެން ކުއްޖާ ދާނެ އިރަކަށް އިންތިޒާރު ކުރަމުންދިޔައެވެ. ޒައުލްގެ ނަސީބު ދެރައީ ކަމެއް ނޫނީ، އެއަންހެން ކުއްޖާގެ ނަސީބު ގަދައީކަމެއް ނޭގެއެވެ. އެދުވަހު ޒައުލް އާއި އެއަންހެން ކުއްޖާ ބައްދަލުވާގޮތެއް ނުވިއެވެ. އެހެންވެ ދެވަނަ ދުވަހު ތަންކޮޅެއް ކުރިން އެމީހުން އެ ރެސްޓޯރެންޓުގައި ގޮސް ތިއްބެވެ.

މަގުގެ އަނެއް ފަރާތުން އެއަންހެން ކުއްޖާ ދައްކާލުމާއިއެކު ޒައުލް ގޮނޑިން ތެދުވިއެވެ. ރަޙުމަތްތެރިންނާއިއެކު މަގުމައްޗަށް ނުކުތެވެ. އެމީހުންނާއި އެއަންހެން ކުއްޖާ އަރާ ހަމަވުމާއިއެކު ޒައުލް މަޑުދުވުމެއްގައި މަގު ހުރަސްކޮއްލަމުން އެއަންހެން ކުއްޖާގެ ފަހަތުން ހިނގައިގަތެވެ. އެތަން ފެނި ޒައުލްގެ ރަޙުމަތްތެރިން އޭނައަށް ހިތްވަރުދެމުން ތަންކޮޅެއް ބާރަށް އެއްޗެއް ބުނެލިއެވެ.

ޒައުލްއަކީ އެއްގޮތަކަށްވެސް ދުރު ތަންތަނަށް ހިނގާފައި ގޮސްއުޅޭ މީހަކަށް ނުވާތީ އޭނައަށް ހިނގުންވީ ބޮޑު ކަމަށެވެ. ގަދަ އަވީގެ ސަބަބުން ހަށިގަނޑުން ހިއްލަންފެށި ދާތިކިތަކުން މީހާއަށް އިތުރު އުނދަގޫ ކަމެއް އިޙްސާސްކުރަން ޖެހުނެވެ. އެހެންނަމަވެސް އޭނަ ހިތްވަރު ދުލެއް ނުކުރެއެވެ. ވަކި ހިސާބަކުން އެއަންހެން ކުއްޖާ އާއި އަރާ ހަމަކުރަމުން އޭނަގެ ނަން އަހާލިއެވެ. ނަމަވެސް އެއަންހެން ކުއްޖާ އިސްއުފުލާ ބަލާވެސް ނުލިއެވެ. ޒައުލް އިތުރަށް ވާހަކައެއް ނުދެއްކިއެވެ. އޭނަ އެއަންހެން ކުއްޖާއާއިއެކު އޭނަގެ ގެއާއި ހަމައަށް ދިޔައެވެ. އޭގެ ފަހުން ހަމަ ކޮންމެ ދުވަހަކު ޒައުލް އެއަންހެން ކުއްޖާގެ ފަހަތުން އޭނަގެ ގެއާއި ހަމައަށް ދާން ފެށިއެވެ. އެހެންކަންތައް ކުރާތާ ދެވަނަ ހަފްތާއެވެ.

"ހެ ހެ ހެ ހެ..." އެރީތި އަންހެން ކުއްޖާ ހީލި އަޑުއިވުނެވެ.
"އޯ... އަހަރެން ހީކުރީ ދުވަހަކުވެސް ތިއަޑު ނީވޭނެ ކަމަށް، ހާދަ ހިތްގައިމޭ، އަނެއްކާ ތީ ހަމަ އަސްލު އަޑުތަ" ޒައުލް ހިނިތުންވެލަމުން ސަމާސާ ކޮއްލިއެވެ.
"އަހަރެންގެ ފަހަތުން ތިހާލުގަ ވެސް އަންނަންވޭތަ" އެއަންހެން ކުއްޖާ ދާހިތްލާ ފޯވެފައިހުރި ޒައުލްއަށް ބަލާލަމުން ބުނެލިއެވެ.
"އިޓްސް ވޯތްއިޓް..." ޒައުލް ވެފަހުރި ވަރުބަލިކަން ފޮރުވަމުން ނިތްކުރިން ހިތްލާފާއިވާ ދާތިކިތައް އަތުގެ ނުފުށުން ފޮހެލަމުން ބުނެލިއެވެ.
"ކީއްވެތަ އަހަރެންގެ ފަހަތުން ތިއަންނަނީ" އެއަންހެން ކުއްޖާ އަނެއްކާވެސް ކުރީ ސުވާލެކެވެ.
"ނަން އެހީމަ ނަމެއް ނުބުނަމެއްނު، އަޅެ އެއްފަހަރު ވެސް ނަން ބުނެބަލަ، އޭރުން ނާންނާނަން" ޒައުލް ހިނިތުން ވެލަމުން ބުނެލިއެވެ.
"ޔަގީންތަ ނާންނާނަންކަން" މިފަހަރުވެސް އެ އަންހެންކުއްޖާ ޒައުލްއަށް ބަލާލުމުގެ އެއްވެސް ޝައުގުވެރިކަމެއް ނެތްކަން އޭނައަށް އެނގުނެވެ. ޒައުލް އެއަށްވަކި އެއްޗެއް ނުބުންޏެވެ. އެ އަންހެންކުއްޖާގެ ގެއާއި ހަމައަށް އާދެވުމާއިއެކު ޒައުލް އެނބުރިލީ އޭނަ އައިކޮޅަށް ދިއުމަށެވެ.
"ޔޫހާ..." ޒައުލް އެނބުރި ދިއުމަށް ހިނގައިގަތްވަގުތު އެއަންހެން ކުއްޖާ ގޭދޮރުމަތީ ހުރެ ބުނެލިއެވެ.
"ޔޫހާ..." ޒައުލްއަށް އެނަން ކިޔާލެވުނެވެ. އެއާއިއެކު އޭނައަށް ބަލާލި ޔޫހާގެ މޫނު ރީތިކޮށް ފެނިގެން ދިޔައެވެ. ކޮންފަދަ ރީތި ކަމެއްހެއްޔެވެ. ހޫރުން ދުނިޔެމަތީވާނަމަ އެއީ އެފަދަ ކުއްޖެއްކަން ޔަގީނެވެ. ޒައުލްގެ ތުންފަތަށް ހިނިތުންވުމެއް ވެރިވެގެންދިޔައީ ޔޫހާގެ ރީތިކަން ފެނިކަމެއް ނޫނީ އޭނައަށް ލިބުނު ކާމިޔާބުން ކަމެއް ނޭގެއެވެ. އޭނަ ދުރަށް ހިނގައިގަންނަމުން ފޯނު ނަގާ އޭނަގެ ރަޙުމަތްތެރިންގެ ތެރެއިން މީހަކަށް ގުޅާލިއެވެ.

ޔޫހާގެ ނަންއެނގުނުފަހުން ޒައުލް އޭނަގެ ފަހަތުން ނުދެއެވެ. އެކަމަކު އޭނަ ޔޫހާއަށް ފާރަލިޔެވެ. އެކަން ޔޫހާއަކަށް ނޭގެއެވެ.
"ވެއިޓް ފޯ އިޓް..." ޒައުލްއަށް ޔޫހާ އަންނަތަން ފެނުމުން އޭނަގެ ރަޙުމަތްތެރިންނަށް ބުނެލިއެވެ. އަދި އެމީހުންތިބޭ މޭޒާޖެހިން މަގުމަތިފެންނަގޮތަށް ހުރި ބިއްލޫރިކުޑަދޮރުގައިވާ ބްލައިންޑްސް ތިރިކޮއްލީ ޔޫހާއަށް އެމީހުން ފެނިދާނެތީއެވެ.
"ޔަގީންތަ އޭނަ ޒައުލްއަށް ފޯލްވާނެކަން..." ޖިނާ އަހާލިއެވެ.
"ހަމަ ޔަގީން، އޭނަ އަހަރެންގެ މަތިން ހަނދާން ނުވާނެގޮތެއް އެއީ ނެތްގޮތެއް..." ފޮނިގޮތަކަށް ޒައުލް ބުނެލިއެވެ.

ހިނގަމުން އައި ޔޫހާ ޒައުލްމެން ތިބޭ ރެސްޓޯރެންޓާއި އަރާ ހަމަވުމާއިއެކު އިސްއުފުލާ ބަލާލިއެވެ. އޭނަގެ ދެލޯ ކޮންމެވެސް އެއްޗެއް ނޫނީ މީހަކު ހޯދަން ހެކިދެއެވެ. ރެސްޓޯރެންޓުގެ ތެރޭ ބްލައިންޑްސްގެ ފަހަތުގައި ބަލަންތިބި ޒައުލް އާއި އޭނަގެ ރަޙުމަތްތެރިންގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ.
"އޭ...އެމަންޖެއަށް ކަލޭ ކިހިނެތްހެދީ" ޖިނާ ޒައުލްގެ ކޮނޑަށް އަތް ވައްޓާލަމުން ބުނެލިއެވެ.
"އަހަރެންގެ ދެފައި ބިންދައިގެން ދާވަރަށް ހިނގީ، އެއީ ކުރިކަމަކީ...ގ ަދަ ދޯ އަހަރެން" ޒައުލް އެހެން ބުނެލަމުން އަމިއްލައަށް ފަޙުރުވެރިވެލިއެވެ. އަދި އަޑުގެ ނެއްތަނަށް ހޭންފެށިއެވެ.
"ދެން ނުދާނަންތަ އެމަންޖެ ފަހަތުން، ހާދަ ރީއްޗޭ ދޯ..." ޒައުލްގެ ރަޙުމަތްތެރިންގެ ތެރެއިން މީހަކު ބުނެލިއެވެ.
"ނޫނޭ، މި ފެށުނީއެއްނު، އަދި މަޑުކުރޭ ދެންވާގޮތް ބަލަން... ހިނގާ ދަމާ" ޒައުލް ތެދުވިއެވެ.

ކާރުގައި އިސްވެ ދުއްވަން އިނީ ޒައުލްއެވެ. އޭނަ ޔޫހާގެ ފަސްފަހަތުން ކަހަލަގޮތަކަށް ކާރު ދުއްވަމުން ދިޔައެވެ. ވަންވޭއަކާއި ދިމާވެއްޖެނަމަ ކައިރި ކޮންމެވެސް މަގެއް އަޅައިގެން ޔޫހާ ގެއްލުނަ ނުދީ އޭނަގެ ފަސްފަހަތުން ގެއާއި ހަމައަށް ދިޔައެވެ. އެގޮތަށް ޔޫހާއަށް ފާރަލާތާ ދެދުވަސްފަހުން ޒައުލް އަނެއްކާވެސް ޔޫހާގެ ފަހަތުން ދިޔައެވެ.

"އަހަރެންތަ ތި ހޯދަނީ..." އިރުއިރުކޮޅާ ފަސްބަލަމުން އަންނަ ޔޫހާގެ ކުރިމައްޗަށް ކުއްލިއަކަށް އެރި ޒައުލް ބުނެލިއެވެ. ޔޫހާ ސިހުމާއިއެކު ހިނިވެސް އައެވެ. އަދި ޒައުލް ކުރި ސުވާލަށް ވަކި ޖަވާބެއް ނުދިނެވެ.
"އަހަންނަށް އެނގޭ ޔޫހާ އަހަރެންގެ މަތިން ހަނދާން ކުރާކަން" ޒައުލްގެ ވާހަކަދެއްކުމުގައި އާދަޔާއި ހިލާފު ޔަގީންކަމެއް އެކުލެވިފައިވެއެވެ.
"އެހެންތަ، ކިހިނެއް އެނގުނީ؟" ޔޫހާ ވާހަކަ ދައްކަނީ ވަރަށް މަޑުންނެވެ.
"އެއީ އަހަރެންވެސް ޔޫހާ އާއި ދޭތެރޭ ވިސްނާތީ، ޔޫހާ މަތިން ހަނދާންވާތީ... ދެން އެނގެއެއްނު ހަމައެކަނި ނަން ހޯދާކަށް ނޫންކަން އަހަރެން ޔޫހާ ފަހަތުން އަންނަނީ" ޒައުލް ބޮލުގައި އަތްހާކާލަމުން ބުނެލިއެވެ. އެދުވަހަކީ ޒައުލް އާއި ޔޫހާ އާއި މެދުގައި ފުރަތަމަ ފަހަރަށް ރަޙުމަތްތެރިކަމުގެ ގުޅުން ފެށުނު ދުވަހެވެ. ޔޫހާ އެކަމާ އެއްބަސްނުވިއެއް ކަމަކު އޭނައަށް ޒައުލް ކަމުދާކަން ޒައުލްއަށް އެނގެއެވެ.

ރަޙުމަތްތެރިންގެ ތެރޭ ޒައުލްގެ ނަން ކިޔޭލެއް ކުރިއަށްވުރެވެސް ގިނަވިއެވެ. ޒައުލް ޔޫހާގެ ވާހަކަތައް އެމީހުންނާއި ހިއްސާ ކުރަމުންދިޔައެވެ. އެހެންނަމަވެސް ޔޫހާގެ ކަންތައްތަކުގައި ޒައުލް ވަރަށް ކެތްތެރިވާންޖެހުނެވެ. އޭނަ އާއި ރަޙުމަތްތެރި ކަމުގެ ގުޅުންވެސް ބަދަހިކުރެވުނީ ވަރަށް ދުވަހުންނެވެ. ނަމަވެސް އޭނަ އެކަން ކާމިޔާބު ކުރިއެވެ. ޔޫހާގެ ހިތަށް ވެރިވެގަތެވެ. އޭނަގެ ބާރުގެ ދަށަށް އެހިތް ގެނައެވެ. ޔޫހާ އާއި ބެހޭގޮތުން އޭނައަށް ފުދޭވަރަކަށް އެނގިގެން ދިޔައެވެ. ޔޫހާއަކީ ރާއްޖޭގައިވާ އާބާދީ ކުޑަ ރަށަކަށް ނިސްބަތްވާ އަންހެން ކުއްޖެކެވެ. މާލެ އައިސްގެން އުޅެނީ ގުރޭޑު އެގާރަ ބާރަ ކިޔަވާށެވެ. އޭނަ މާލޭގައި ހުންނަނީ ބައްޕަގެ ރަޙުމަތްތެރިއެއްގެ ގޭގައެވެ. ޔޫހާއަކީ އަޙްލާގު ރަނގަޅު ވިސްނުން ތޫނު ކުއްޖެއްކަން ޒައުލްއަށް ނަގައި ގަނެވުނެވެ. އޭނަގެ ރަޙުމަތްތެރިންނާއި ޔޫހާ ބައްދަލު ކުރަން ގެންނަން އޭނަ ވަރަށް މަސައްކަތްކުރިއެވެ. އަދި ހަމަހިލާ އެކަމަށް ޔޫހާ އެއްބަހެއް ނުވެއެވެ. އޭނައަށް ޒައުލްގެ ރަޙުމަތްތެރިން ކަމަކު ނުދެއެވެ. ޒައުލްއަށް ޔޫހާ އާއި ބެހޭގޮތުން އެނގުނެއްކަމަކު ޒައުލް އާއި ބެހޭގޮތުން އެއްވެސްވަރެއްގެ ތެދު މަޢުލޫމާތެއް އޭނަ ޔޫހާއަކަށް ކިޔައެއްނުދެއެވެ. ހަގީގަތްވަނީ ޔޫހާއަށް އޮޅުވާލެވިފައެވެ. ޒައުލްގެ އާއިލާއަކީ މުއްސަނދި އާއިލާއެއްކަމެއް ޔޫހާއަކަށް ނޭގެއެވެ. އޭނައަށް އެނގުނު ގޮތުގައި ޒައުލް އުޅެނީ ވަޒީފާގައެވެ. ޒައުލްގެ ކިޔެވުން ފެށުމުން އޭނަ ފުރަންޖެހުނީވެސް ވަޒީފާގެ ސަބަބުންނެވެ. ޒައުލް ފުރަންވެގެން ޔޫހާ އާއި ބައްދަލު ކުރި ދުވަހު އޭނަ ވަރަށް ރުޔެވެ. ޒައުލް އޭނަގެ ގާތަށް އެނބުރި އަންނާނަންތޯ ސުވާލު ކުރަމުންނެވެ. ކީއްވެކަމެއް ނޭގެއެވެ. ޒައުލް ޔޫހާގެ ގާތަށް އެނބުރި އަންނާނަން ކަމުގައި ވައުދުވިއެވެ. އެކަމާ އޭނަގެ ރަޙުމަތްތެރިން ވަރަށް ދިމާކުރިއެވެ. ޒައުލް ޔޫހާ ދެކެ ލޯބިވަނީ ކަމުގައި ބުނަމުންނެވެ. މަޖާކޮއްލާކައްލަން ވެސް ޒައުލްއަށް ނޭގޭ ކަމަށް އެންމެން އެއްބަސްވިއެވެ. އޭނަ ފުރައިގެން ދިޔައީ ހަމަސްފަހުން އަނެއްކާވެސް އެނބުރި އައިސް ޔޫހާ އެމީހުންގެ ގާތަށް ގެންދާނެ ކަމަށް ވައުދުވަމުންނެވެ.

ބަރާބަރު ހަމަސްފަހުން ޒައުލް ޖިނާއަށް ގުޅާ މާލެ އައި ހަބަރު ދިނެވެ. އެ ހަމަސްދުވަހުގެ ތެރޭ ޒައުލް ޔޫހާގެ މަތިން ހަނދާނެއް ނުކުރެއެވެ. އެހެންމަވެސް މާލޭގެ ފަސްގަނޑުގައި ފައިޖެހުމާއިއެކު ޔޫހާ ދީފައިވާ ނަންބަރަށް ގުޅާލީ އޭނަ ހަގީގަތުގަވެސް ހުރީ ޒައުލްއަށްޓަކާތޯ ބަލާލަން ބޭނުން ވެގެންނެވެ. ޔޫހާއަށް ގުޅާލުމުން އޭނަ އެއްވެސް ޝަކުވާއެއް ނުކުރިއެވެ. ޒައުލް ހައިރާންވިއެވެ. ފުރަތަމަ ފަހަރަށް އޭނަ އަންހެން ކުދިންނާއި ބެހޭގޮތުން ގެންގުޅޭ ތިއަރީއާއި ޔޫހާ ތަފާތުވިއެވެ. ޔޫހާ ހުރީ ޒައުލް އާއި ބައްދަލުކޮއްލަން ބޭނުންވެފަކަން އެނގުމުން ޒައުލްވެސް އެކަމާ އެއްބަސްވިއެވެ. ހީކުރީ ބައްދަލުވުމުން ޔޫހާ ކުރަން ބޭނުން ހުރިހާ ޝަކުވާއެއް ކުރާނެކަމަށެވެ. އެހާ ދުވަސްވަންދެން ގުޅާވެސް ނުލާ ހުރީތީ ހިތްހަމަ ނުޖެހޭނެކަމަށެވެ. އެހެންނަމަވެސް އެހުރިހާ ހީއެއްވީ ކުއްހީ ތަކަކަށެވެ. ޒައުލް ކިތަންމެހާވެސް ހައިރާންވިއެވެ.

ކޮމެންޓް 0