ޒައުލްގެ ސަމާލުކަން ޔޫހާ އުރާލައިގެން ހުރި ކިޔާންއަށް ހުއްޓުނީދެނެވެ. އޭނަ އިރުކޮޅަކު ޔޫހާއަށް ބަލަހައްޓައިގެން ހުރުމަށްފަހު ޔޫހާގެ ގާތަށް ޖެހިލަމުން ކިޔާން އޭނަގެ އަތަށްދޭށޭ ބުންޏެވެ.
"މިހާރު ކީއްކުރަންތިއުޅެނީ" ޔޫހާ ހިތްހަމަނުޖެހިފައި ހުރި ރާގެއްގައި ބުނެލި އެވެ.
"ޑެޑީގެ ޕްރިންސް، އާދެ ބަލަ ޑެޑީގާތަށް..." ޒައުލް ކިޔާނަށް ލޯބިން ގޮވާލަމުން ބުނެލި އެވެ. ރޮވިފައި ކިޔާން ޒައުލްއަށް ބަލާލިއެއްކަމަކު އެކުއްޖާ އަނެއްކާވެސް ޔޫހާގެ ގައިގާ ބައްދާލަމުން މޫނުފޮރުވާލީ އެވެ. ޒައުލް ޔޫހާއަށް ބޯޖަހާލަމުން އޭނަގެ އަތަށް ދޭށޭ ބުނާފަދަ ގޮތަށް އަތް ދިއްކޮއްލާފައި ކިޔާން އުރާލައިފި އެވެ. އަދި ފިރުމަމުން ދެކޮޅަށް ހިނގަންފެށި އެވެ. ޔޫހާ ޒައުލްގެ އަތުން ކިޔާން އަތުލުމަށް އެއްވެސް މަސައްކަތެއްނުކުރެ އެވެ. އޭނަވެސް ހުރީ ޒައުލް ކަންތައްކުރާ ގޮތެއް ބަލާށެވެ.
"ކޮއްކޮ ބަސް އަހާކުއްޖެކޭ މީ..."ގިސްލެވިފައިވާ ކިޔާން ބުނެލި އެވެ. އޭނައަށް ހީވީ ޒައުލް ރުޅިއައީ އޭނައަށް ކޮންމެވެސް ކަމެއް ގޯސް ކޮށްކުރެވިގެން ކަމަށެވެ. ކިޔާން ބުނި އެއްޗަކުން ޒައުލް ވެސް ދެރަވިއެވެ. ޔޫހާ ބުނީ ރަނގަޅަށޭ ހިތައްއެރިއެވެ. އޭނަ ރުޅިއައިކަމަކު އެކަން ކިޔާންއަށް ދެއްކުމުގެ ބޭނުމެއްނެތެވެ. ރުޅިއާދެވުނީ ޔޫހާ ދެކެކަމަށްވާއިރު އޭގެ ނޭދެވޭއަސަރު ކިޔާންއަށް ވެސް މިފަހަރުމިވަނީ ކޮއްފަ އެވެ. ޒައުލް ކިޔާންގެ ނިތުގައި ބޮސްދީފައި އަތުގެތެރޭ ބާރަށް ހިފަައްޓާލަމުން ވާހަކަ ދެއްކި އެވެ. ކިޔާން ރުއްސުމަށްޓަކައި އޭނަހުރީ ކޮންމެ ކަމެއްކުރަންވެސް ތައްޔާރަށެވެ. މިމަންޒަރު ބަލަންހުރި ޔޫހާގެ ރުޅިވެސްމަޑުވެ އެނދުގައި އިށީނދެވިއްޖެ އެވެ. އަދި ފުން ނޭވާއެއް ލަމުން ލިބިފައިވާ ހާސްކަން ފިލުވާލާ މީހާ ހަމަޖެހިލުމަށް މަސައްކަތްކުރި އެވެ.

ސިޓިންރޫމު ސޯފާގައި ތިބި ޝާއިންއަށް ޔޫހާގެ ކޮޓަރިތެރެއިން ދެމީހުން ރުޅިއައިސްގެން ޒުވާބު ކުރާއަޑު ފަދަ އެއްވެސް އަޑެއް ނީވޭތީވެ ދޮރުގައި ޓަކި ނުޖަހައި މަޑުކޮއްލީ އެވެ. ކުރިން އިވެމުންދިޔަ ކިޔާންގެ ރުއިމުގެ އަޑުވެސްވަނީ ކެނޑިފަ އެވެ. އޭނައަށް އަދިވެސް އަފްލީންގެ މޫނުމަތިން ފެންނަމުން ދިޔައީ ހާސްވެކަންބޮޑުވެފައިވާ މަންޒަރެވެ.
"އަފޫ، ކޮޓަރިއަށް ދާންވީނު... ޔޫހާ އާއި ފަހުން ވާހަކަ ދައްކާނީ" ޝާއިން ބުނެލި އެވެ.
"އެކަމަކު... އޭރުން... ޒައުލް ވަރަށް ރުޅިގަދަވެފަ ހުރީ، އޭނަ ޔޫހާއަށް އަނިޔާކޮއްފިއްޔާ..." އަފްލީން ކަންބޮޑުވުން ފާޅުކުރިއެވެ.
"އަފޫ، ޒައުލްއަކީ އެކަހަލަ މީހެއް ނޫނޭ، އޭނަ ޔޫހާއަށް އަނިޔާއެއް ނުކުރާނެ... ދެން އެކަމާ ނުވިސްނާ" ޝާއިން އަފްލީންގެ ކޮނޑުގައި ފިރުމާލަމުން ބުނެލި އެވެ. އެއަށްފަހު އަފްލީނަށް ސްކޫލުން ލިބުނު ނަތީޖާ އާއި ބެހޭގޮތުން ސުވާލުކުރި އެވެ.

ކިޔާން ރުއިން ހުއްޓާލިއެއްކަމަކު އަދިވެސް ކުޑަކޮށް ގިސްލެވެމުންދިޔަ އެވެ. ޒައުލް ކިޔާން އުރާލައިގެން ދެކޮޅަށް ހިނގާލަ ހިނގާލަ ހުއްޓެވެ. އެނދުގައި އިން ޔޫހާ ތެދުވުމާއިއެކު ޒައުލް ޔޫހާ އާއި ކުރިމަތިވާ ގޮތަށް އެނބުރުނެވެ.
"ގެނޭ އަހަރެން އަތަށް، އެހެން އޮވެގެން ނިދާފާނެ... ގައިދޮއްވާލާފަ ނިދާ އެއްޗެހި ލައްވަންޖެހޭނެ" ޔޫހާ ޒައުލްގެ ގާތުގައި މަޑުކޮއްލާފައި ކިޔާންގެ ބުރަކަށީގައި އެއް އަތް ޖައްސާލަމުން ޒައުލްއަށް ބުނެލ ިއެވެ. ޒައުލްގެ މޫނުމަތިންވެސް މިހާރު ރުޅީގެ އެއްވެސް އަސަރެއް ނުފެނެ އެވެ. އޭނަ ޔޫހާގެ އަތަށް ކިޔާން ދިއްކޮއްލި އެވެ. ޔޫހާ ކިޔާންގެ ގައި ދޮއްވާލައިގެން ގެނެސް އެނދުގައި ބާއްވަންދެން ޒައުލް އެދެމައިންގެ ފަހަތުން އުޅުނެވެ. އަދި ކިޔާން އެނދުގައި ބޭއްވުމާއިއެކު ކިޔާންގެ ގާތުގައި އޮށޯވެލާ އެތުއްތު މޫނުގައި ބޮސްދެމުން ހަމަޖެހިލި އެވެ. ޔޫހާ ކިޔާންގެ އަނެއް ފަރާތުން އިށީނދެލައިގެން ކިޔާންއަށް ނިދެންދެން އިނެވެ.
އެތައް އިރަކު އެހެން އިނުމަށްފަހު އެންމެ ފުރަތަމަ ވާހަކަ ދެއްކީ ޔޫހާއެވެ. އޭރު ކިޔާން ނިދިތާވެސް އިރުގަނޑެއްވެދާނެ އެވެ.
"ކައިފިންތަ؟ ޝާއިން މިގަޑީގަ ކާން އުޅޭނެ... ކާން ހަދައިދެންތަ" ޔޫހާ ޖެހިލުންވެފައި ހުރިފަދަ ގޮތަކަށް އަހާލިއެވެ. ޒައުލްގެ މޫނުމަތިން ރުޅީގެ އަސަރު ނުފެނުނު ކަމުގައިވިޔަސް އޭނަ ޖެހިލުންވީ އެވެ.
"ހޫމް... ހަވީރު ސައި ވެސް ނުބޮއެ މިހިރީ، ގެއަށްގޮސް ފެންވަރާ ހަދާލައިގެން ޔޫހާގެ ގާތަށް އަންނަން ގަސްދުކޮށްގެން ހުރީ ވެސް، އެކަމަކު ހޮޓެލުން ނުނިކުމެވެނިސް އަހަންނަށް ލިބުނު ޚަބަރަކުން ރުޅި އަންނަން ޖެހުނީ..." ޒައުލްގެ ވާހަކަ ޔޫހާ މެދުކަނޑާލި އެވެ.
"ކައިގެން އައިސް އެ ވާހަކަ ދައްކަމާ، އެންމެ ރަނގަޅުތަ" ޔޫހާ ބުނެލި އެވެ. އޭރުވެސް ދެމީހުންތިބީ ކިޔާންގެ ގާތުގ ައެވެ. ވާހަކަ ދައްކަނީ ވަރަށް މަޑުމަޑުންނެވެ. ޔޫހާ މިހެން ބުނުމާއިއެކު ޒައުލް ބޯޖަހާލަމުން އާނއެކޭ ބުނެލި އެވެ.

އިޝާ ނަމާދު ކޮށްލައިގެން ގެއަށް އައިސް ވަން އާފާގު އާދައިގެ މަތިން އެންމެ ފުރަތަމަވެސް ވަނީ ކާ ގެއަށެވެ. އޭނަ އިޝާ ނަމާދު ކޮށްގެން އަންނައިރު އަބަދުވެސް ޒަރާނާ އުޅޭނީ ބަދިގ ެފަރާތުގައި އޭނަ އަންނަންވާއިރަށް ރޭގަނޑުގެ ކެއުން ތައްޔާރު ކުރުމަށެވެ. އެހެންނަމަވެސް އޭނައަށް މިފަހަރު ލިބުނީ ހައިރާން ކަމެކެވެ. ބަދިގެފަރާތުން ޒަރާނާއެއް ނުފެނުނެވެ. ގޭތެރެވެސް އާދަޔާއި ހިލާފަށް ހަމަހިމޭންވެފައިވާކަން ފާހަގަ ކުރެވުނީ ވެސް ދެނެވެ. ސިޓިން ރޫމު ޓީވީ އެހެންޏާ ހުންނާނީ ހުޅުވާފަ އެވެ. އާފާގު ދުރުދުރުގައި ފައިއަޅާލަމުން އަވަހަށް އައިސް ކޮޓަރިއަށްވަނެ އެވެ. އޭރު އެނދުގައި އޮށޯވެލައިގެން ބޮޑުފިކުރެއްގައި އޮތްފަދަ ގޮތަށް ޒަރާނާއޮތެވެ.
"ޒަރާ، ބަލީތަ؟ ކިހިނެއްވީ؟" އާފާގު އަވަސް އަވަހަށް ޒަރާނާގެ މަގަތުން އެނދުގައި އިށީނނަމުން އަހާލި އެވެ.
"ކާން ހަދަންވީ ދޯ، އިޝާ ނަމާދު ކޮއްލައިގެން ކުޑަކޮއްޖައްސާލެވުނީ..." ޒަރާނާ އާފާގުގެ ސުވާލަށް ސީދާ ސީދާ ޖަވާބެއް ދިނުމުގެ ބަދަލުގައި ބުނެލިއެވެ.
"ހޫމް...ކާން ބޭނުން" މިހެން އާފާގު ބުނެ ޒަރާނާ އެނދުން ތެދުވުމަށް ތަންދެއްކި އެވެ. ޒަރާނާ ކޮޓަރިން ނުކުމެގެން ގޮސް އާފާގަށް ކާން ހެދުމަށް ކާ މޭޒު ދޮށުގައި އުޅުނުއިރުވެސް އެހެން ރޭރެއަށްވުރެ ބަސް މަދުކަން އާފާގުއަށް ފާހަގަވި އެވެ. އޭނައަށް އެހިސާބުން ޒަރާނާއަށް ކޮންމެވެސް ކަމެއްވެއްޖެކަން ޔަގީންވެއްޖެ އެވެ. 
"ޒަރާ، ކޮންމެވެސް ކަމެއްވެއްޖެ، އަބަދުވެސް އަހަރެން ކައިރީ ޒަރާ ބުނާނެ ކަމެއް ހިނގައިފިއްޔާ، ނޫނީ ވާހަކައެއް އަޑުއިވުނަސް... ވީގޮތެއް ނިކަން ބުނެބަލަ، މިއަދު އައްޔަދު އެއްކަލަ މަންޖެ ގޮވައިގެން ގެއަންނަން އުޅުނުހެން އަހަންނަށް ހީވި، އެމީހުން އައިތަ؟" އާފާގު ބުންޏެވެ.
"ހޫމް، ޔޫހާ އައި މިގެއަށް... އާފާގު..." ޒަރާނާ ކާން ހަދާ ނިމުމާއިއެކު އައިސް އާފާގުގެ ގާތު އެއް ފަރާތެއްގައި ހުރި ގޮނޑި ދަމާލާފައި އިށީނދެއްޖެ އެވެ. އަދި ފުންވިސްނުމެއްގެ ތެރޭގައި އިނދެ އިތުރަށް ވާހަކަ ދައްކަން ފެށިއެވެ. އާފާގު އިނީ ޒަރާނާ ދައްކަން އުޅޭ ވާހަކައަކަށް ވަރަށް ޝައުގުވެރިވެ އޭނަގެ ސަމާލުކަން ހުއްޓާލައިގެންނެވެ.
"އާފާގުއަށް އެނގޭތަ... ކިޔާން... ކިޔާން... އެއީ އަހަރެންގެ މާމަ ދަރިއެއް..." ޒަރާނާ މޭޒުމަތީގައި އޮތް އާފާގުގެ އަތުގައި ދެއަތުން ހިފާލަމުން ވަރަށް އަސަރާއިއެކު ބުނެލި އެވެ.
"ތިބުނީ... އަދި ނުވިސްނުނު ޒަރާ ތިބުނި އެއްޗެއް" އާފާގުގެ ދެބުމަ ކައިރިކޮއްލަމުން ނިތަށް ރޫއަރުވާލާފައި ބުނެލި އެވެ. އޭނައަށް ޒަރާނާ ބުނަން އުޅޭއެއްޗެއް ދޭހަނުވީ އެވެ.
"ޔޫހާގެ އެދަރިފުޅުގެ ބައްޕައަކީ ކާކުކަން އެނގޭތަ؟" ޒަރާނާ ފެންކަޅިވެފައި އިނދެ އާފާގުއަށް ބަލާލަމުން ބުނެލި އެވެ.
"ކާކުތަ؟ އަނެއްކާ އައްޔަދު އަހަރުމެންނަށް ނޭނގި ކަމެއް ހިންގީތަ؟" އާފާގު ބުނެލި އެވެ. އޭނައަށް ވިސްނުނީ މުޅިން ތަފާތު ގޮތަކަށެވެ.
"ނޫން، އައްޔަދުއެއް ނޫން... އަހަރެންގެ ޒައުލް..." މިހެން ބުނުމާއިއެކު ޒަރާނާގެ ކޯތާފަތް އަނެއްކާވެސް ތެމިގެންދިޔަ އެވެ.
"ޒައުލޭ... އެކަމަކު، އޭނަ އަދި ކައިވެންޏެއް ނުކުރެއެންނު، އަހަންނަށް ހިޔެއްނުވޭ މަންސޫރު އޭނަގެ ކައިވެނި ޔޫހާ ކަހަލަ އަންހެން ކުއްޖަކާ ކުރުވާނެހެނެއް، ޒަރާ... އެކުއްޖާގެ ބައްޕައަކީ ޒައުލްކަން އެނގުނީ ކިހިނެއް؟ ނިކަން ނުރޮއެ އަހަންނަށް ކިޔާދީބަލަ، މިހާރު ހީވާކަހަލަ ބޮޑުކަންތައްގަނޑެއް އަހަންނަށް ނޭނގި ހިގައިފިއޭ..." އާފާގު ކާމޭޒުގެ ކޮޅުގައި އިނދެ ގާތުގައި އިން ޒަރާނާ އާއި ދިމާލަށް ކުޑަކޮށް އެނބުރިލަމުން ވާހަކަ ދެއްކި އެވެ. އަދި ޒަރާނާގެ އަތުގައި ފިރުމަމުންދިޔައީ އޭނަ ރޯން ފެށުމުންނެވެ. ޒަރާނާ ރޯކަށް އާފާގު ނޭދެ އެވެ. އިރުއޮއްސުނު ވަގުތު ޔޫހާ އެގެއަށް އައިސް ކަންތައް ހިނގާދިޔަ ގޮތް ޒަރާނާ އާފާގަށް ކިޔާދިނެވެ. އޭނަވެސް އިނީ ބުނާނެ އެއްޗެއް ނޭނގިފަ އެވެ. އައްޔަދު އާއި ޒައުލްގެ މެދުގައި އެފަދަ ރުޅިވެރިކަމެއް އޮވެދާނެއޭ އެމީހުން ހިތަށްވެސް ނާރައެވެ. އެކަމަކު އެއީ ކީއްވެކަމެއް ވިސްނުމަށް ގެންނަން ވެސް އެމީހުންނަށް ނޭނގުނެވެ.
"މިހާރު އައްޔަދު ކޮބާ" އާފާގުއަށް އަހާލެވުނެވެ.
"ކޮޓަރިއަށްވަން ގޮތަށް ނުނިކުންނަކަމެއް ނޭނގެ، އާފާގު އަހަރެން އެންމެ ކަންތައްބޮޑުވަނީ އައްޔަދު އަހަރުމެން ގާތު ދައްކާފަވާ ވާހަކައަކުން، ދެބެން އެކަކު ބޭނުން ވެގެންބާއޭ މިއުޅެނީ ހިތަށް އަރަނީ... ޒައުލް، އޭނަ ރުޅި އައިސްގެން ގޮސް ހީވަނީ ދެންމެ ދެންމެ އައްޔަދުގެ ގައިގާ ޖަހާފާނެހެން، އޭނަ އައްޔަދުއަށް ބުނި ކިޔާންއަކީ އޭނަގެ ދަރިއެއްކަމަށް... އެކަމެއް އެކަކަށްވެސް ބަދަލެއް ނުކުރެވޭނެ ކަމަށް، އޭރު އަހަރެން ހުރީ އެދެބެންގެ ގާތުގައި... އެކަކު އަނެކަކުގެ ކަރުގައި ހިފަން ތައްޔާރަށް ތިބިއިރު ނޭނގޭ މީ ދެބެންކަންވެސް... އާފާގު، އެއީ އަހަރެންގެ ކުށެއްތަ؟" ޒަރާނާ ރޮވިފައި އަހާލ ިއެވެ.

"ޒަރާ ނުރޮއެބަލަ، ޒަރާ ތީ ތިހާ ފިނޑި މީހެއ ްނޫނެއްނު... އަހަންނަށް ފެންނަނީ ހުރިހާ ކަމެއް އައްޔަދުއަށް ކިޔާދޭން، އަހަރުމެންގެ ކައިރީގައި ހުރި ދަރިއަށް މިހުރިހާ ކަމެއް އޮޅުންފިލުވާ ދިނުމަކީ އަހަރުމެންގެ ވާޖިބެއް، ދެރަ ކަމެއް ނުވަނީސް މިކަންކުރަން އަހަންނަށް ފެންނަނީ، ދެން ބުނެބަލަ، ޒައުލް ކައިވެނިކުރީ ކޮންއިރަކުކަން ޒަރާއަށް އެނގޭތަ... ޒަރާއަށްވެސް އެނގޭނެ، އެމީހުން ޒައުލްގެ ކައިވެނި އާދައިގެ ކައިވެންޏަކަށް ނުހަދާނެކަން، އެކައިވެނީގެ ވާހަކަ މީޑިއާތެރޭގައި ވެސް ދެކެވޭވަރު އެމީހުން ކުރާނެ، އެކަމަކު ކައިވެނީގެ ވާހަކަ އަޑުނީވި އަހަންނަށް މިއިވުނީ ޒައުލްއަށް މިހާރު ދަރިއަކު ވެސް ލިބިއްޖެކަން، ޒައުލްގެ ކައިވެނީގެ ވާހަކަ މީހަކު ދައްކާތީ ވެސް އަޑުއިވިފައެއްނެތް، އަނެއްކާ ޒަރާއަށް ވެސް ރަނގަޅަށް އެނގޭނެ، ޔޫހާ ގަޔަކު އެމީހުން އަޅައިގަންނަފަދަ ސިފަތަކެއް ލިބިފައެއްނެތްކަން... ދެން ކިހިނެއް..." އާފާގު އިނީ ވަރަށް ހައިރާންވެފައެވެ.

ކޮޓަރީގައި އޮތް އައްޔަދު ވިސްނަމުންދިޔައީ ހިނގާދިޔަ ކަންތައްތަކާއިމެދު އެވެ. އޭނަގެ ހިތުގައި ސުވާލު އުފެދެނީއެވެ. ކުރެވުނުކަމެއް ކުރެވުނީ އެންމެ ރަނގަޅަށްތޯ އޭނަގެ ޒަމީރާ ސުވާލުކުރެވެނީ އެވެ. އޭނައަށް ޔޫހާގެ މޫނުމަތިން ފެނިގެންދިޔަ ނުތަނަވަސްކަން އަދިވެސް ފެންނަ ކަހަލަ އެވެ. ކަންފަތުގައި އޭނައާއި ދިމާލަށް ޔޫހާ ހަޅޭލަވައިގަތް އަޑު ހަރުލާފައި ހުރިކަހަލަ އެވެ. ކުރެވުނުކަންތަކުން އައްޔަދު ހީކުރިފަދަ ހިތްހަމަޖެހުމެއް ނުލިބުނެވެ. މައްސަލައަކަށްވީ ޔޫހާ އެދިޔައީ އޭނަދެކެ ރުޅިއައިސްގެން ކަމަށްވީތީއެވެ.

ކޮމެންޓް 0