ޝާއިންއަށް އިތުރަށް އެއްޗެއް ބުނާކަށްވެސް ނުކެރުނެވެ. ޒައުލްވެސް ހުރީ ވަރަށް ހިތްހަމަނުޖެހިފަކަން ޝާއިންއަށް އެނގުނެވެ. އޭނަ މަޑުމަޑުން ފައުޒީގެ ކެބިންއިން ނުކުތީއެވެ.
"ފައުޒީ އެކަން އެގޮތަށް ކުރީ ކީއްވެކަން އަހަންނަށް މިހާރު އެނގިއްޖެ، ނޭގެނީ ފައުޒީ ފާރަލަންބޭނުންވީ ކާކަށްކަން، އަހަންނަށް ކަމެއް ނޫނީ ޔޫހާއަށް ކަމެއް، ފައުޒީ ތިކުރީ ދުވަހަކުވެސް އަހަރެން ފައުޒީގެ ފަރާތުން ފެނިދާނެއޭ ހީވެސް ނުކުރާފަދަ ޢަމަލެއް، ޔޫހާއަކީ ވިޔާނުދާ އުޅުމެއްއުޅޭ އަންހެން ކުއްޖެއް ނޫން، މި ހޮޓެލްގަ ވެސް ނޫޅޭނެ ކަންނޭގެ އޭނަހާ އަޙްލާގު ރަނގަޅު ކުއްޖެއް، ކީއްވެ އެފަދަ ކަމެއް ތިކުރީ، ކޮބާ ބޭނުމަކީ؟ ފައުޒީ ލަދެއް ނުގަތްތަ އެކުގައި މަސައްކަތްކުރާ އަންހެން ކުއްޖެއް ކައިރީ އެންމެ ރެއަކަށްވިޔަސް ހެވޭ ތިމަންނަގެ ގާތަށް އައިސްދޭށޭ، ހިތް ފުރޭވަރަށް ރުފިޔާދޭނަމޭ ބުނާކަށް... އަހަރެން ފައުޒީއަށް ކުރި އިތުބާރު ތިގެއްލުވާލީ އަމިއްލައަށް، ބޭރުފުށުން ކިތަންމެ ރަނގަޅު ސިފަތަކެއް ފެނުނު ކަމުގައި ވިޔަސް އަހަންނަށް ދެން ގަބޫލުކުރަން ދަތިވާނެ... އަހަރެން ބޭނުމެއްނުވޭ ތިފަދަ މަގާމެއްގައި އަހަންނަށް އިތުބާރު ނުކުރެވޭ މީހަކު ބަހައްޓާކަށް..." ޒައުލް މަސައްކަތްކުރީ ރަސްމީ ސިފައެއްގައި ވާހަކަދައްކާ މައްސަލަ ނިންމާލެވޭތޯ އެވެ.
"ޒައުލް، އެއީ އެހެންވީކަމެއް ނޫނޭ، އަހަރެންގެ ވަޒީފާ..." ފައުޒީ ކަންބޮޑުވެ ހާސްވެފައި ހުރެ ބުނެލި އެވެ. އަދި އޭނަ ހުރީކުރެވުނު ކަމެއްގެ މޮޔަހީވެ ދެރަވެސްވެފައެވެ. އެކަމުގެ ސަބަބުން އޭނަގެ ވަޒީފާ ގެއްލިދާނެއެކޭ ހިއެއް ނުކުރެއެވެ. ޒައުލްގެ ކުރިމަތީ އޭނަގެ ކަރުއެލިގެންދިޔަ އެވެ.
"ޔޫ މޭ ޕެކްޔޯ ތިންގްސް، އެން ގޯ... ޓަރމިނޭޝަން ލެޓާ އާއި ހަވާލުވުމަށް މާދަމާ ހެނދުނު ނުވައެއް ޖަހާއިރަށް އަހަރެންގެ އޮފީހަށް އާދޭ، އަދި ހަވާލުކުރެވިފައިވާ ހުރިހާ ކަމެއްގެ ތަފްޞީލު ވެސް ފެންނާނޭ ގޮތަށް ބަހައްޓަންވާނެ، ހުރިހާ ކަމެއް ކުރަންވީ މިހާރު..." މިހެން ބުނެ ޒައުލް އެއްފަރާތަކަށް ގޮނޑިދަމާލަމުން އިށީނެވެ. ފައުޒީއަށް އިތުރު ހާސްކަމެއް ޒައުލްގެ އެހަރަކާތުން ގެނުވިއެވެ. ޒައުލް ބޭނުންވީ ފައުޒީއަށް އެއްވެސް ކަމެއް ސިއްރުން ކުރުމުގެ ފުރުޞަތު ނުދިނުމަށެވެ. ވަޒީފާއިން ވަކިކުރުމުން ހޮޓެލްގެ މުހިއްމު ޑޮކިއުމެންޓެއް އެއްޗެއް ލީކުވިޔަ ނުދިނުމެވެ.

"ދަރިފުޅު ކީއްވެތަ އެހެންކަހަލަގެ ބިޒްނަސްއެއް ފަށަން ތިހިޔާލު ކުރަނީ، ބައްޕަގެ ބިޒްނަސްވެސް ވަކި ގޯހެއް ނޫނެއްނު، ދެން ރާއްޖޭގެ އެއްވަނައަށް ނުވިޔަސް، ދެވަނައިގަ އެބަ ހިފަހައްޓާ، އަނެއްކާ މިހާރު އެންމެ ފައިސާ ލިބޭ މަސައްކަތްމީ، ދަރިފުޅު ބައްޕައަށް އެހީތެރިވެއްޖެޔާ އަދި މިއަށްވުރެވެސް ކުރިއަށް ދާނެ" އާފާގު އާއި އައްޔަދު ގޭގެ ބިއްދޮށްފަރާތުގައި ހުރި އުނދޯލީގައި ވާހަކައިގައި ތިބެ ބުނެލިއެވެ.
"ބައްޕަ އެއްގޮތަކަށްވެސް ބޭނުންވެ ނުލައްވަންދޯ ބިޒްނަސް ބަދަލުކޮއްލައްވާކަށް، އޯކޭ އަޅުގަނޑަށް، ދުވަސްވީ ކަމަކަށްވީތީ އެކަމަށް ލޯބިވެސް ޖެހޭނެކަން އަޅުގަނޑު ގަބޫލުކުރަން، ބައްޕަގެ ހޮޓެލްތަކާއި ގުޅިގެން އެއްޗެއް ބުނަންޏާ އަޅުގަނޑު ބުނާނީ އަދިވެސް އިމްޕްރޫވް ކުރަންޖެހޭ ވަރަށް ގިނަ ކަންތައްތައް އަޅުގަނޑަށް ފާހަގަވިޔޭ، އަޅުގަނޑި ބައްޕައަށް އެހީތެރިވެ ދެއްވާނަން...." ދެބަފައިންގެ ވާހަކަ ގިނައިރުތަކަކަށް ދެމިގެންދިޔައެވެ.

ކިޔާން ކާމޭޒުކައިރީ ގޮނޑިއެއްގައި ބޭންދުމަށްފަހު ޔޫހާވެސް ގޮނޑިއެއް ކައިރިކޮއްލަމުން އިށީނެވެ. އޭނަ ކިޔާންއަށް ކާންދޭން ތައްޔާރުވީ އެވެ.
"ޔޫހާ، ޕްލީޒް ބުނެބަލަ، އަޅެ އެއީ ކާކު ފޮނުވި މާބޮނޑިއެއްތަ، ހާދަ ސަޅިއޭ، ކިޔާންގެ ބައްޕަތަ، އެއީ ކާކުތަ؟ އޭނަ ކޮބާތަ މިހާރު" އަފްލީން ޔޫހާގެ ގާތުގައި އައިސް އިށީންނަމުން ސުވާލުކުރިއެވެ. އޭނަ ޔޫހާ ހޭލިއްސުރެން ކުރަމުން އަންނަ ސުވާލުތަކަކީ އެއީއެވެ. ޔޫހާއަށް ދޭނެ ޖަވާބެއް ނޭގުނެވެ.
"މި އަފޫ ހުއްޓައެއްވެސް ނުލާނެ ކިޔަން ފަށައިފިއެއްޗެއް، މިބުނީނު އެއީ އެއްވެސް މީހެއް ނޫނޭ، އެހާ ޚާއްޞަނަމަ އެ މާބޮނޑި އަހަރެން އަފޫއަށްދޭނެތަ" ޔޫހާ މަސައްކަތްކުރީ އަފްލީންގެ ވިސްނުން ބަދަލުކޮއްލެވޭތޯ އެވެ.
"ހޫމް، ތިވެސް ތެދެއް، އެކަމަކު ޔޫހާ އަހަންނަށް ދީވެސްފާނެކަން އެނގޭ" އަފްލީން ހިނދުކޮޅަކު ވިސްނާލަން އިނދެފައި ބުނެލި އެވެ.
"ކޮބާތަ ޝާއިން، ކޮޓަރިއަށްވަތް ގޮތަށް ނުކުންނަ ހިޔާލެއްވެސް ނުކުރި، އަފޫއަކަށް ފާހަގައެއް ނުކުރެވޭތަ މިހާރަކަށް އައިސް ޝާއިން އަބަދުހެން ކޮޓަރީގަ އުޅޭކަމެއް، ކުއްޖަކާ ރައްޓެހިވީ ކަންނޭގެ، ދޯ..." ޔޫހާ މައުލޫ ބަދަލުކޮއްލި އެވެ. އަފްލީންގެ ސަމާލުކަން ވެސް ލިބުނެވެ.

"ދަރިފުޅު މިގަޑީގަ ބޭރަށް ދަނީތަ؟" ސިޓިން ރޫމުގައި ޓީވީބަލަން އިން ޒަރާނާއަށް ނުކުންނަން ދިޔަ އައްޔަދުފެނި އަހާލިއެވެ.
"ހޫމް، މަންމާ އަޅުގަނޑު ކަމަކު މިދަނީ، މިރޭ ގެއަށް ނިދާކަށް ނާންނާނަން، އެކަމަކު މަންމައަށް ގުޅާނަން، އަޅުގަނޑު މިދަނީ ހޮޓެލަކަށް، އެތަނުގައި ދެދުވަހު މަޑުކޮއްލަންކަމަށް، ޕާރސަނަލް އެކްސްޕީރިއެންސްއެއް ކޮއްލަން ކަމަށް، ބައްޕަގެ ވިޔަފާރިއަށް އިތުރު ކުރިއެރުމެއް ގެނައުމާއި ދޭތެރޭ ވިސްނާލުމަށް" އައްޔަދު އޭނަގެ ޖިންސުގެ ޖީބަށް އަތްޖަހާލަމުން ހަށިގަނޑު ތެދުކޮއްލާފައި ބުނެލިއެވެ.
"އެކަމަކު... ދުވާލު ދާންވީނު، ރޭގަނޑު ނިދަން ގޭންބޭރަށް ދާކަށް" ޒަރާނާގެ ވާހަކަ މެދުކަނޑާލީ އައްޔަދުއެވެ. އޭނަ ޒަރާނާގެ ގާތަށް އައިސް ކޮނޑުގައި އަތްއަޅުވާލާފައި ވާހަކަދައްކަން ފެށިއެވެ.
"އޯ ކަމޯން މަމް، ކޮންކަމަކާތަ ހާސްވަނީ، އަޅުގަނޑު މީ ކުޑަ ކުއްޖެއްނޫނޭ މިހާރު، މަންމަގެ ފިރިހެން ދަރިފުޅު ބޮޑުވެއްޖެ... ސީ ހައު ހެންޑްސަމް އެންޑް ސްމާޓް އައި އެމް" ޒަރާނާގެ ބޮލުގައި ބޯޖައްސާލާފައި ބުނެލި އެވެ.
"ހޫމް، މަންމައަށް ފެނެޔޭ، އެކަމާވެސް ބިރުގަނޭ، ތިއުމުރުގައި އަންހެން ކުދިންގެ ތޫނު ނަޒަރުތަކުން ސަލާމަތްވެ އުޅުމަކީ އުނދަގޫކަމެއްކަން މަންމައަށް އެނގޭ، ދަރިފުޅު ދިޔަޔަސް އެންމެ ރަނގަޅު، އެކަމަކު ބައްޕަ ގާތު ނަންގަނެލާފައި ނޫނީ ނުދައްޗޭ، ދެން ބުނަން، ވިޔާނުދާ ޢަމަލެއް ނުހިންގައްޗޭ" ޒަރާނާ ދަރިފުޅަށް އިތުބާރުކުރިއެވެ.
"ބައްޕައަށް އެނގިލައްވާނެ އަޅުގަނޑުގެ ޕްލޭން، ދެން މަންމަ ކަންބޮޑުނުވެބަލަ، އަޅުގަނޑު ގޯސްކަމެއް ކުރާކަށް ނޫނޭ ދާން މިއުޅެނީ" އައްޔަދު ބުނެލިއެވެ. އަދި ޒަރާނާއަށް ރޭގަނޑު ބާއްޖަވެރިކަމާއި ރައްކާތެރިކަން އެދެމުން ގޭންނުކުތެވެ.

"ޒައުލް، ކޮއްކޮ ގާތު ވާހަކައެއް ދައްކަންވެގެން" ޒައުލްގެ ކޮޓަރީގައި ޓަކި ޖަހާލުމުން ވަނުމުގެ ހުއްދަދިން ޒައުލްއަށް ލޫލުއާ ބުނެލިއެވެ.
"ބުނެބަލަ" ސިލްކު ހަރުވާޅެއްގައި ހުރި ޒައުލް އެނދުގައި އިށިންނަމުން ލޫލުއާއަށް ބުނެލި އެވެ.
"އީއްކޮގެ ޓެންޝަން ގޭތެރޭގައި ބޮޑުވުމުގެ ސަބަބުން އަދިވެސް ދޮންތަގެ ވާހަކަވަނީ ނުދެއްކިފަ، ބައްޕަ އާއި ބައްދަލުކޮއް ކައިވެނީގެ ވާހަކަ ދައްކަން ހާޒިމް ބޭނުންވޭ، ކޮއްކޮ ބުނެބަލަ އެކަން ކުރަން ރަނގަޅު ވަގުތެއް، ބައްޕަ އޯކޭ ވާނެހެން ހީވޭތަ... އަޅެ ބައްޕަ ގާތު އަހާލަބަލަ، ނޫނީ ކޮއްކޮ ބުނަންވީނު ބައްޕަ ގާތު ހާޒިމްގެ ވާހަކަ" ލޫލުއާ އާދޭހުގެ ރާގެއްގައި ބުނެލި އެވެ.
"ހެ ހެ ހެ... އައި އަންޑަސްޓޭންޑް، އަޅުގަނޑު ތިވާހަކަ ބައްޕައަށް ކުޑަގޮތަކަށް އަންގާލަދެވޭތޯ ބަލާނަން، ކޮބާތަ ހާޒިމް، އީއްކޮގެ ކަންތައްގަނޑަށްފަހު އޭނަގެ ހާލުވެސް އަދި ބަލާނުލެވި މިއުޅެނީ، އަޅުގަނޑު ނިދާލަންކަމަށް މިއުޅެނީ، ދޮންތަ އިތުރު ކަމެއް ނެތިއްޔާ އެންމެ ރަނގަޅުތޯ" ޒައުލް ބުނެލިއެވެ. ހަގީގަތުގައި އޭނަގެ ލޮލުގައި ނިދީގެ އަސަރެއްނެތެވެ. އޭނަ ބޭނުންވީ އެކަނިވެލާށެވެ. ލޫލުއާވެސް ހިނިތުންވެލާފައި ޒައުލް ނިދުމަށް ފުރުޞަތުދެމުން އެކޮޓަރިން ނުކުތެވެ. ޒައުލް އެނދުގައި ހަށިގަނޑު ދަމާލަމުން މައްޗަށް ބަލަހައްޓައިގެން އޮތެވެ. ފައުޒީ ކުރިކަމެއްގެ ސަބަބުން އޭނަގެ މުޅި މޫޑު ހަރާބުވެފައިވެއެވެ. ޔޫހާ އެންމެ ބޭނުން ނުވާ ކަންތައްކަން އެވީ އެނގޭތީ ވެސް ޒައުލްގެ ހިތުގެ ހަމަޖެހުން ގެއްލިގެންދިޔައެވެ. ޔޫހާ އާއި ބައްދަލުކުރަން އޭނަގެ ހިތްއެދެނީ އެވެ. އެހެންނަމަވެސް ބައްދަލުކުރަން ކުރެވޭނެކަމެއް ވެސް ނެތެވެ. ފައުޒީގެ ސަބަބުން ޔޫހާ ދެން އޭނަގެ ކޮޓަރިއަކަށް ވެސް ނާންނާނެ އެވެ. ނުވިތާކަށް މުވައްޒަފުންގެ ކުރިމަތީ ކުރިއަށްވުރެވެސް ދުރުގަކަން ޔޫހާ އުޅޭނީ ޒައުލްއަށް އެނގުނެވެ. ޒައުލް ފޯނުނަގާ ބަލާލިއެވެ. ޔޫހާއަށް ގުޅަން ހިތަށް އަރައިގެންނެވެ.
ޑިއުޓީއަށް ދިޔަ ޔޫހާ ޕާކްވިއު ހޮޓެލްގެ ތެރެއަށް ވަދެގެންދިޔައެވެ. ލޮކަރ ރޫމަށް ވަދެ ހޮޓެލްގެ ޔޫނީ ފޯމް ލައިގެން ނުކުތް ޔޫހާއަށް ލިފްޓަށް ނޭރެނިސް ކައުންޓަރުގައި އިން ކުއްޖާ ގޮވާލިއެވެ.
"ޔޫހާ، ކެން ޔޫ ހެލްޕް ދިސް ޔަންގް މޭން، ހަމަ ދެންމެ އިންވީ... މައްޗަށް ދާއިރު އޭނަގެ ރޫމު ދައްކާލަ ދީބަލަ" ރިސެޕްޝަން ކައުންޓަރުގައި ހުރި ފަޒީލް ބުނެލިއެވެ. ޔޫހާ ބޯ ޖަހާލަމުން އެޒުވާނަށް ބަލާލިއެވެ. އަދި އޭނަ އާއިއެކު އައުމަށް އެދުނެވެ. އަދި އޭނަގެ އަތުގައި އޮތް ކޮޓަރި ކީކާޑް ބަލާލިއެވެ. ޔޫހާއަށް ލިފްޓަށް އަރަމުން އެޒުވާނާއަށް ވަރަށް ރަނގަޅަށް ބަލާލިއެވެ. ކޮޕަރ ކުލައަކަށް ދާފަދަ ކުލައެއް ބޮލުގެ އިސްތަށިގަނޑުގައި ޖައްސާފައިވާއިރު ހަމުގެ ކުލަ އައްޔެވެ. އޭނަގެ ގައިގާ ރާއްޖޭން ބޭރު ކުދިންގެ ގައިގާ ހުންނަފަދަ ގޮތެއް ހުރެއެވެ. އަނެއްކޮޅުން ވަރަށް ހައިރާންވާވަރުގެ ކަމަކާވެސް ޔޫހާއަށް ދިމާވިއެވެ. އެހެނީ ޔޫހާއަށް އެޒުވާނާގެ ގައިގާ ކުޑަކޮށްނަމަވެސް ޒައުލް އާއި ވައްތަރުގޮތެއް ހުރިހެން ހީވުމެވެ. ކުއްލިއަކަށް އެއީ ކާކުބާއޭ ހިތަށް އެރި އެވެ.
"ހާއި، އަހަންނަށް ކިޔަނީ އަޔާ، މިތަނުގަ މަސައްކަތްކުރާތާ ވަރަށް ގިނަ ދުވަސްވެއްޖެތަ" ޒުވާނާ ބުނެލި އެވެ.
"އެކަމަކު ކީކާޑް އާއިއެކުވާ ޓެގުކޮޅުގަ މިވަނީ އައްޔަދު ޖަހާފަ" ޔޫހާއަށް ހީވީ ރިސެޕްޝަނުގައި އިން ކުއްޖާއަށް އޮޅުނީ ކަމަށެވެ.
"އައްޔަދު ކިޔަނީ، އެކަމަކު އަހަރެންގެ ރައްޓެހިން ގޮވާ ހަދަނީ އަޔާގެ ނަމުގަ" އައްޔަދު ޔޫހާއަށް ބަލާލަމުން ބުނެލިއެވެ. އެހާ ރީތިކުދިން ފެންނާނެކަމަކަށް އޭނަ ހިއެއްނުކުރެއެވެ. ފުރަތަމަ ފެނިލުމުން ވެސް ޔޫހާގެ ރީތިކަމަށް ތައުރީފުކޮއްލެވުނީ އަމިއްލަ ނަފްސާއެވެ. އިތުރަށް އެއަންހެން ކުއްޖާ ދަސްކުރަން އައްޔަދު ބޭނުންވިއެވެ. ޔޫހާގެ ހަގީގަތް އެނގެން ބޭނުންވީއެވެ.
"މްމްމްމް... ޔޫހާ ދޯ ކިޔަނީ" އައްޔަދު ޔޫހާގެ ކުރިމައްޗަށް ގުދުވެލަމުން މޭގައި ޖަހާފައިވާ ނޭމް ޓެގްކޮޅަށް ބަލާލާފައި ބުނެލި އެވެ. ޔޫހާއަށް އައްޔަދުގެ އެހަރަކާތުން ފަހަތަށް ޖެހިލެވުނެވެ. ގިނަ އިރެއްނުވެ ލިފްޓު ވެސް ހުޅުވިގެންދިޔައެވެ. އަވަސް އަވަހަށް ޔޫހާ ނުކުމެ އައްޔަދު ނުކުތުމަށް ތަންދެއްކިއެވެ. ކުރީގައި ހުރެ ޔޫހާ ހިނގަމުން ދިޔައިރު ދިޔަވަޅެއްހާ ދުރުގައި ފަހަތުގައި ހުރެ އައްޔަދު ޔޫހާއަށް ބަލަމުންދިޔައެވެ.
"އެމޭޒިންގ..." އައްޔަދުއަށް ބުނެލެވުނެވެ. އެއާއިއެކު ޔޫހާ ފަހަތަށް ބަލާލި އެވެ.
"އައި މީން ދިސް ހޮޓެލް، މިތިބަ މާވަށިތަކާ، ފާރާ، ކުލަޔާ ހުރިހާ އެއްޗެއްވ ެސް ހާދަ ސަޅިއޭ ދޯ" އައްޔަދު އަޅައަޅައި ގަންނަމުން ބުނެލިއެވެ. ޔޫހާއަށް އޭނަގެ ސިއްރުން ބެއްލުންތައް އެނގުނީއޭ ހިތާއެވެ.
"މީ އައްޔަދުގެ ކޮޓަރި، ހޭވް އަ ގްރޭޓް ނައިޓް" ޔޫހާ އިޙްތިރާމާއިއެކު ބުނެލިއެވެ. އަދި އެނބުރި އައިކޮޅަށް ދިއުމަށް ހިނގައިގަތެވެ.
"ޝުކުރިއްޔާ، އަދި ފެންނާނެ ކަމަށް އުއްމީދުކުރަން، އަހަރެން އިތުރު ދުވަހަކު މިތަނުގައި މަޑުކުރަން" އައްޔަދު ބުނެލިއެވެ. އޭނަގެ ޖެހިލުން ކުޑަކަން ފެނި ޔޫހާ ހައިރާންވި އެވެ.
"ސޮރީ..." ޔޫހާއަށް ބުނެލެވުނެވެ.
"ޑޯންޓް ބީ، އައިއެމް ނޮޓް..." މިހެން ބުނެ ލުއި ގޮތަކަށް އައްޔަދު ހީލި އެވެ. ޔޫހާވެސް ރަކިގޮތަކަށް ހީލާފައި ދެފަރާތަށް ބޯހޫރުވާލަމުން ލިފްޓާއި ދިމާލަށް ހިނގައިގަތެވެ.

ކޮމެންޓް 0