"އޭ މިއަދު ޓީވީއިން ޚަބަރު ބަލާލިންތަ؟ އޯމައިގޯޑް، އެހެރަ ސްމާރޓްކަމެއް...ހާދަ ރީއްޗޭ" ޔޫހާ ފޯނުގެ އަތްގަނޑު ބޭއްވުމާއިއެކު ރިޔާޝާ ބުނެލިއެވެ.
"ޓީވީ ބަލައެއްނުލެވުނު، ކާކުތަ ދެއްކީ...ރާއްޖެއަށް އަނެއްކާ ޗުއްޓީ ހޭދަކޮއްލަން ސެލެބްރިޓީއެއް އައީތަ؟" ޔޫހާވެސް އޮޅުންފިލުވަން ބޭނުންވިއެވެ.
"އަހަރެންވެސް ދެކުނިން، ކޮމްޕެނީގެ ނިއުފޭސް އެއްނު، މަންސޫރުގެ ދޮށީދަރިފުޅު އޭނަގެ ބައްޕަގެ މަގާމަށް އައީ، އަހަރުމެންގެ ވެރިއަކަށް މިހާރު ވާނީ އޭނަ، އަޅެ މިހޮޓެލްއަށްވެސް އަންނާނެ ނަމަދޯ" މާޔާ ބުނެލިއެވެ.
"މީގެ ކުރިން ނާދޭތަ، އޭ މާޔާގެ ނަން ލިސްޓުގައި އޮތްވާ ދެކުނިން، ކޮންއިރަކުންތަ ދާންޖެހެނީ" ޔޫހާގެ ވާހަކައިގައި ހޮޓެލްގެ ވެރިއަކީ ކާކުތޯ ބެލުމުގެ ޝައުގުވެރިކަމެއްނެތެވެ.
ދޭއްގެ ހަބަރު ބަލަން އިން އާފާގުގެ ސަމާލުކަން ކުރިއަށްވުރެބޮޑަށް ޓީވީއަށް ހުއްޓިގެންދިޔައީ ދައްކަމުންދިޔަ ހަބަރުގެ ސަބަބުންނެވެ. ފެންތައްޓެއް ހިފައިގެން އައި ޒަރާނާއަށް އާފާގުއިންގޮތް ފެނި ޓީވީއިން ދައްކަނީ ކޮންއެއްޗެއްތޯ ސުވާލުކޮއްލެވުނެވެ. އަދި ޓީވީއަށް އޭނަވެސް ބަލާލިއެވެ.
"ޒަރާވެސް ބަލާލަބަލަ..." އާފާގު އެހެން ބުނެލީ އޭގައި ތަފާތު މާނައެއް އެކުލެވިފައިވާފަދަ ގޮތަކަށެވެ.
އާފާގުއަށް ފެންތަށި ދިއްކޮއްލަމުން ޓީވީއަށް ބަލާލި ޒަރާނާގެ މޫނުމަތީގެ ކުލަވަރު ބަދަލުވެގެންދިޔައެވެ. މުނިމޫނު ހުދު ކަފަކޮޅެއްހާ ހުދުވެގެންދިޔައެވެ. އާފާގު އޭނަގެ އަތުގައިވާ ފެންތަށި ނެގިކަންވެސް އިޙްސާސްނުކުރެވުނެވެ. ޓީވީއިން ޒައުލްފެނި އޭނަގެ ތުންފަތުގައި ފަނޑު ނަމަވެސް ހިނިތުންވުމެއް ދުވެލިއެވެ.
"ޒަރާ...ޒަރާ..." އާފާގު ޒަރާނާގެ އަތުގައި އަތްލަމުން ގޮވާލިއެވެ. 
ޒަރާނާ އާފާގު ދިއްކޮއްލި ބިއްލޫރިތަށޫގައި ހިފިއެވެ. އަދި އެތަނުން ދުރަށް ހިނގައިގަތީ ބަދިގެއާއި ދިމާލަށް ދިއުމަށެވެ. ސިންކުކައިރީ އަތުގައިވާ ތަށި ބައިންދާލަމުން ޒަރާނާއަށް ފުންނޭވާއެއް ބޭރުކޮއްލެވުނެވެ. އައިސް އަލަމާރިމަތީގައި ހުރި ފޮޓޯ ފުރޭމްއަށް ބަލާލެވުނެވެ. ޒަރާނާ މަޑުމަޑުންގޮސް އެފޮޓޯ ފޮރޭމްނެގިއެވެ. އޭގައި އިން ޒުވާން ފިރިހެންކުއްޖާއަށް ބަލާލިއެވެ. އެއީ އާފާގު އާއި އޭނަގެ ލޯބީގެ ނިޝާނެވެ. އެހެންނަމަވެސް އެއީ ޒަރާނާގެ ހަޔާތުގައި އޭނައަށް ލިބުނު ފުރަތަމަ ދަރިފުޅެއްނޫނެވެ. އޭނަގެ ދެލޯފެންކަޅިވެގެންދިޔައީ އެހަނދާންތައް އޭނައަށް އުނދަގޫ ކުރުމުންނެވެ. އެއީ ހަޔާތުގައި އައި އެންމެ ކަޅު އަނދިރި ދުވަސްތަކެވެ. އަދިވެސް އޭރުގެ ހިޔަނި ނުފިލާ ވެއެވެ. ދުނިޔޭގައި ހުރިހާ ދުވަހަކު ޒަރާނާއަށް ކުރެވުނު ކުށުގެ ސަޒާ ކޮންމެ ދުވަހަކު ތަހައްމަލު ކުރަމުންދާކަން އެއީ އެންމެނަށް އޭނަ ސިއްރުކުރަމުން އަންނަކަމެކެވެ.
"ޒަރާ...ކިހިނެތްވީ" ފަހަތުން އާފާގު ބުނެލިއަޑުއިވުނެވެ.
"ކަމެއްނުވޭ، އައްޔަދު މަތިން ހަނދާންވީ، މިހާރު ކިހާ ދުވަހެއްވެއްޖެ އެސޮރު ކިޔަވަން ހުންނަތާ، ވަރަށް ދެކިލާހިތުން މިހުންނަނީ" ޒަރާނާ އޭނަގެ އަސްލު އިޙްސާސްތައް ފޮރުވަމުން ބުނެލިއެވެ. އަދި އާފާގަށް ނޭގޭނޭގޮތަށް ދެލޮލަށް ޖަމާވި ކަރުނަތައް ފޮހެލިއެވެ.
އާފާގު ޒަރާނާގެ ފުރަގަހުން އައިސް އޭނަގެ އަތުގައި އޮތް ފޮޓޯ ފްރޭމްއަށް ބަލާލަމުން ޒަރާނާގެ ކޮނޑުގައި ފިރުމާލިއެވެ. އަދި ދަރިފުޅު ދެކިލުމަށް އޭނަގެ ކައިރިއަށް ދިއުން ކިހިނެތްވާނެތޯ އަހާލިއެވެ.
"ތީ ރަނގަޅު ހިޔާލެއް..." ޝާއިންއަށް ބުނެލެވުނެވެ. ޑިޕާރޓުމެންޓު ތަކުގެ ވެރިންގެ މެދުގައި މަޝްވަރާ ކުރެވެމުންދިޔައީ ހަފްލާގެ މެނޫ އާއި ބެހޭގޮތުންނެވެ. ސަރުކާރުގެ އިސްވެރިންނާއި އަމިއްލަ ފަރާތްތަކާއި ބޮޑެތި ވިޔަފާރިވެރިންގެ ތަފާތު ފާޑުކިޔުންތަކުން ސަލާމަތްވާނެ ގޮތްތަކާއިމެދު އެންމެގެ ހިޔާލުވެސް ހުށައަޅަމުންދިޔައެވެ.
ކުރިއަށް އޮތް އެއްމަސްދުވަސް ތެރޭ ޒައުލް ބޭނުންވި ފެންވަރުގެ ހަފްލާއަކަށް ބޭނުންވާނެ ހުރިހާ އިންތިޒާމެއްވަނީ ހަމަޖެހި ނިމިފައިވެއެވެ. ހަފްލާއަށް ވަޑައިގަންނަވާ ފަރާތްތަކަށް އެސްކޯޓުކޮއްދެވުމުގައި ހޮޓެލްގެ ދެޖިންސުގެ ކުދިންނަށް ޙާއްސަ ތަމްރީނެއް ދެވިފައިވެއެވެ. ވެއިޓަރުންނަށް ސަމާލުކަން ދޭންވީ އެތަށް ކަމެއް ބުނެދެވިފައިވެއެވެ. ހުރިހާކަމެއްވެސް ވަނީ އެހާވެސް ފުރިހަމައަށް ތައްޔާރު ކުރެވިނިމިފައެވެ. ރިސެޕްޝަން ކައުންޓަރު ކައިރީ ހުރި ޔޫހާއަށްވެސް އެކަމުގެ ތެރޭގައި ބައިވެރިވެވުނު ނަމައޭ ހިތަށް އަރައެވެ. އެކަމަކު އެއީ ބައެއްފަހަރުއެވެ. ގިނަފަހަރަށް ބޭނުންވަނީ ގޭގައި ވަގުތު ހޭދަކުރާށެވެ. ހަފްތާއަކު އެއްދުވަސް ޗުއްޓީއެއްގެ ގޮތުން ލިބޭއިރު ދެން އޮން ހަދުވަހަކީ ޑިއުޓީއަށް ނުކުންޖެހޭ ދުވަސްތަކެވެ. ކޮންމެ ހަފްތާއަކު ޑިއުޓީގަޑި ބަދަލުވެއެވެ. ތިން އިރަށް ބަހާލެވިފައި ޑިއުޓީތައް އޮންނައިރު ޔޫހާގެ ދިރިއުޅުމުގެ ކަންތައްތައްވެސް ރާވަންޖެހެނީ ވަޒީފާގެ ޑިއުޓީތާވަލަށް ބުރޫނާރާނޭ ފަދަ ގޮތަކަށެވެ. އޭނައަށް ބަލާލާ ވާހަކަދައްކާލުމަކުން ޔޫހާގެ ދިރިއުޅުމުގެ ފަލްސަފާ އެނގުމަކީ ނާދިރުކަމެކެވެ. އެހެނީ އޭނައަކީ އަމިއްލަ ދިރިއުޅުމުގެ ވާހަކަ އެކަކާވެސް ހިއްސާކުރަން ބޭނުންނުވާ އަންހެނަކަށްވީކަމެވެ. އަމިއްލަ އީޙްސާސްތައް ފާޅުކުރުމުގައި ފަސްޖެހި އެކަމަށް އޭނަގެ ދޫކުޅަދާނެވެގެންނުވުމެވެ. އެހެންމީހުންގެ އިޙްސާސްތަކާއި ދޭތެރޭ ވިސްނާ ހިޔާލުފާޅުކޮށް އެހީތެރިކަން ފޯރުކޮއްދޭއިރު އޭނަގެ އަމިއްލަ ދިރިއުޅުމުގެ ހާލަތުވަނީ ކިހާ ހިސާބަކުކަން އަދިވެސް ޔޫހާ ވިސްނަން ބޭނުންނުވާކަމެވެ.
ޒައުލްގެ އަތުގައި އޮތް ދެލިސްޓަށް ބަލަމުންދިޔައެވެ. ދެކަރުދާހުގެ މައްޗަށް އެކުލަވާލެވިފައިވާ ލިސްޓުގައި ވަނީ މުވައްޒަފުންގެ ނަންތަކެވެ. ގިނަ ނަންތަކަކީ ކިޔާލަން ފަސޭހަ ނަންތަކަށްވިޔަސް މީގެ ކުރިން އޭނައަށް އެއީ އޭނަގެ ދަށުން މަސައްކަތްކުރާ މުވައްޒަފުންކަމެއް އެނގިފައެއްނުވެއެވެ. އެނގުން އެހާ މުހިއްމުވެސް ނުވަނީއެވެ. ދެންއޮތީ މާދަމާ ރޭގެ ހަފްލާއަށް އައުމަށް ދައުވަތު އެރުވިފައިވާ މެހެމާނުންގެ ނަންލިސްޓެވެ. ޒައުލްގެ ފިރިހެންވަންތަ ތުންފަތަށް ހިތްހަމަޖެހުމުގެ ހިނިތުންވުމެއްވެރިކުރުވިއެވެ. ބޭނުންވާގޮތަށް ހުރިހާ ކަމެއް ކުރިއަށްދާކަމީ ޒައުލްއަށް އިޙްސާސްކުރެވެމުންދިޔަ ހިތްހަމަޖެހުމުގެ އަސްލެވެ. އަދި އޭނަގެ ގާބިލުކަމާއިމެދު އަމިއްލަ ނަފްސަށްވެވޭ ފަހުރުވެރިކަމެވެ. ފަހަތުގައި ބްލައިންޑްސްގެ ފަރުދާއަކުން ނިވާކޮއްލެވިފައިވާ ބިއްލޫރި ކުޑަދޮރާއި ދިމާލަށް ޒައުލް ގޮނޑިއަނބުރާލިއެވެ. އަދި އެއްފަރާތުގައިވާ މިނާފުއްތަކެއްފަދަ ވާފަށަށް ދަމާލުމުން ބްލައިންޑްސްގެ ދޭތެރެތަކުން ކުޑަދޮރުން ބޭރު ފެންނަންފެށިއެވެ. ބަނދަރުމަތީގެ ހަލަބޮލި މާހައުލު ފެންނަމުންދިޔައެވެ. ޒައުލްއަށް އެމަންޒަރުން އިތުރު ހިތްހަމަޖެހުންތަކެއް ލިއްބައިދިނެވެ. އޭނަގެ ދިރިއުޅުމުގައި ރީތި މަންޒަރުތަކާއި އަގުބޮޑު ފަރުމާތަކުގެ ހެދުންތަކާއި މޮޅު ފެންވަރުގެ ތަންތަނަށް ދިއުމަކީ އޭނަގެ ދިރިއުޅުމުގެ އެއްބައެވެ. އެހެންނަމަވެސް އުމުރުން ހަތާވީސް އަހަރު ވެގެންދިޔައިރު އޭނަގެ ދިރިއުޅުމަށް ޙާއްސަކޮއްލެވޭފަދަ ބައިވެރިއަކު ނާންނަކަމީ އެންމެންވެސް ހައިރާންވާ ކަމެކެވެ. ރީތި އަންހެން ކުދިންނާއި އޭނައާއި ބައްދަލުވެއެވެ. އޭނައަށްޓަކައި މަރުދޭންތައްޔާރަށްވެސް އެތަށް އަންހެން ކުދިންނެއް އެބަތިއްބެވެ. އެހެންނަމަވެސް އަންހެނުންނާއި މެދު އޭނަގެ ހިޔާލު ވަރަށް ތަފާތެވެ. އަންހެނުންނަކީ ފިރިހެނުން ބަލިކަށި ކުރާބައެއްކަމުގައި އޭނަދެކެއެވެ. ކުރިއެރުމަށް އެޅޭ ހުރަހެއްކަމުގައި އޭނަ ދެކުނެވެ. އަންހެނުންނަށް އިތުބާރު ކުރަން ބޭނުންނުވަނީއެވެ. ކޮންމެ އަންހެނަކީވެސް މަކަރުވެރި ހީލަތްތެރިއެކެވެ. ވިހަލާނީ ކޮންވަގުތަކު ކިހިނެތްކަމެއް އެކަކަށްވެސް ނޭގޭނެއެވެ.
ކުޑަދޮރުން ބޭރަށް ބަލަހައްޓައިގެން ހުރި ލާއިގާވަނީ ފުންހިޔާލެއްގެ ތެރެއަށްގެއްލިފައެވެ. މެޔާއިދިމާލުން އަތްހުރަސްކޮއްލަމުން އަނެއްއަތުން ތުންފަތުގައި އިނގިލިތައް ޖައްސާލައިގެން ހުރިއިރު އޭނަ ކޮންމެވެސް ކަމަކާއި ކަންބޮޑުވެފައިވާކަން އެނގެއެވެ.
"މަންމާ...އީލާކް ފުރުމުގެ ހުއްދަ ދެއްވިއްޔާކަންނޭގެ ރަނގަޅުވާނީ، އަޅުގަނޑަކަށްވެސް ނޭގެ އޭނަގެ ހިޔާލު އެހެންކުދިންނާ ތަފާތުވާންވި ސަބަބެއް، އޭނަގެ ވިސްނުން..." މަންސޫރު ފުންނޭވާއެއް ބޭރުކޮއްލިއެވެ.
"އޭނަގެ އެހެރީ ޒާރާނާގެ ގޮތް...އެގޮތްދޫ ނުކުރުން..." ލާއިގާ ހުރިގޮތަށް ހުރެ ވާހަކަ ދެއްކިއެވެ.
"މަންމާ...މިގޭގެ ހަތަރުފާރުގެ ތެރޭ އެނަންވެސް ނުގަތުމަށް އެދިލެއްވީ ހަމަ މަންމަ، ދެން މިއަދު ކުއްލިއަކަށް އޭނަގެ ވާހަކަދައްކަވަން ތިއުޅުއްވަނީ ކީއްވެތޯ" މަންސޫރުގެ ނިތަށް ރޫއަރުވާލީ ހިތްހަމަނުޖެހުނުވަރުންނެވެ.
"އެކުދިންގެ ހުރިހާ ކަމެއް އަހަރެން ބެލެހެއްޓިކަމުގައިވިޔަސް، މަންމައެއްގެ ލޯބި އަހަރެން ދޭނީ ކިހިނެތް، އަހަންނަކީ އެކުދިންގެ މާމައޭ، އަހަރެންގެ އަމިއްލަ ނަފްސަށްވުރެވެސް ބޮޑަށް އެކުދިން ދެކެ ލޯބިވަން، އެހެނަސް ޒަރާނާއަކީ އެކުދިންގެ މަންމަކަން އަހަރެން ހަނދާންނައްތާލާނީ ކިހިނެތް، އަހަރެން އަދިވެސް ހަނދާންއެބަހުރި ކައިވެނި ހެދުމުގައި މަންސޫރު ޒަރާނާ މިގެއަށް ގެނައި ރޭމަތިން...އޭނަގެ މޫނުމަތިން ފެނުނު މައުސޫމުކަމާއި އޯގާތެރި ބަލާލުން، ބޮޑުކޮޓަރީގައި އެހަރަ ބޮޑު ފޮޓޯ ލޯގަޑުން މިއާއިލާ ފެންނައިރު ކިތަންމެހާވެސް ފުރިހަމަ، އެކަމަކު އެކުދިންނަށް ޒާރާނާގެ ލޯތްބެއް ހޯދައެއްނުދެވުނު، އަހަރެން އަދިވެސް އޭނައަށް ނަފުރަތު ކުރަން، އީލާކްގެ ފަރާތުން އެފަދަ ކަންތައްތައް ފެނުމުން އަހަރެންގެ ހިތްކުދިކުދި ވާހާވޭ، އެދަރިފުޅަށް އޭނަގެ މަންމައަކީ އެފޮޓޯ ލޯގަނޑުން ފެންނަ އަންހެންމީހާ، ނަމަކީ ޒަރާނާކަންވެސް އެނގުނީ އުމުރުން ހަތްއަހަރުގަ، އަދިވެސް އެއީ ދުނިޔޭގެ ކޮންތާކު އުޅޭ މީހެއްކަމެއް ނޭގޭ...ޒަރާނާވެސް ކެތްގަދައޭ ބުނެވޭނީ، އޭނަގެ މައިވަންތަ ލަގޮނޑިއަށް ކެތްވާތީތާ ބާވީސް އަހަރުވޭތުވެގެން ދިޔައިރު އެންމެ ކުއްޖެއްވެސް ދެކިލަން ނައީ..." ލާއިގާގެ އަޑުގައިވަނީ މަޑުމޮޅިކަމެވެ.
"ބާވީސް އަހަރުވެސް ވޭތުވެގެން ދިޔައީނު، އޭނަ އެނބުރި އަޅުގަނޑުމެންގެ ގާތަކަށް ނާންނާނެ، އަޅުގަނޑު އިތުރަށް އިންތިޒާރު ކުރާކަށްވެސް ބޭނުމެއްނޫން...މިހާރު އެދުވަސް ހިނގައްޖެ، އަޅުގަނޑުގެ ދަރިން ބޮޑެތިވެ ރަނގަޅު ކުދިބަޔަކަށްވެއްޖެ، މަންމައެއް ނެތުމުގެ އުނިކަން އެކުދިންނަށް އިޙްސާސް ވިޔަކަނުދެން، ވީއިރު މިއަދު އެކުދިން އެމީހުންގެ މަންމައަކަށް ބޭނުމެއްނުވާނެ، އެއީ ހަމައެކަނި އަޅުގަނޑުގެ ދަރިން، އިލާކްގެ ޒަރާނާ އާއި އެއްގޮތް އެއްވެސް ކަމެއްނުހުރޭ..." މަންސޫރު ފަޓުލޫނު ޖީބުގެ ތެރޭއޮތް އޭނަގެ ދެއަތްތިލަ މުއްކަވާލަމުން ބުނެލިއެވެ. އަދި އެނބުރި އެތަނުން ދުރަށް ދިއުމަށް އަވަސްވެގަތެވެ.
ލާއިގާ އީލާކްގެ ކޮޓަރީގައި ޓަކިދިނުމަށް އަތްހިއްލާލާފަވެސް ތިރިކޮއްލީ ހިޔާލު ބަދަލުވިކަހަލަ ގޮތަކަށެވެ. އެހެންނަމަވެސް އެކޮޓަރިން ގޭގައި ގެންގުޅޭ އާނާ ނުކުތީ ލާއިގާ އެނބުރިލިވަގުތުއެވެ.
"ލާއިގާ މެޑަމް..." އާނާއަށް ދޮރުމަތީހުރި ލާއިގާ ފެނި ސިހިފައިބުނެލެވުނެވެ.
"އީލާކް ކޮޓަރީގަތަ؟" ލާއިގާ ކޮޓަރިއަށް އަތުން އިޝާރާތްކޮއްލަމުން އަހާލިއެވެ.
"ލައްބަ" އާނާ އަވަސް އަވަހަށް އެއްފަރާތަކަށް ޖެހެމުން ލާއިގާ ވަނުމަށް ތަންދެއްކިއެވެ.
"ދަރިފުޅާ...އީލާކް...މާމަ މިކޮޓަރިއަށް ވަދެލަންތަ" ލާއިގާ ހުއްދައަށް އެދުނީ އީލާކްގެ މިނިވަންކަމަށް އިޙްތިރާމްކުރުމުގެ ގޮތުންނެވެ.
"މާމަ ބޭނުމިއްޔާ ކޮޓަރިއަށްވަދޭ" އީލާކްގެ އަޑުއިވުނެވެ.
"ފޮށި ތައްޔާރުކުރަނީތަ؟ އަދި އައިތާ ނުވާނެ ދެހަފްތާވެސް، އެހާ އަވަހަށް ފުރަނީތަ" ލާއިގާއަށް ފޮށިތައްޔާރު ކުރަމުންދިޔަ އީލާކް ފެނުމުން އަހާލެވުނެވެ.

ކޮމެންޓް 0