ހާޒިމްގެ ޖުމްލަތައ އިވި ރަކިގޮތަކަށް ލޫލުއާ ހީލި އެވެ. ހާޒިމްގެ ވާހަކަތަކުގައި ތަފާތު ގޮތެއް އެކުލެވިފައިވާކަން ލޫލުއާއަށް އިޙްސާސް ކުރެވިގެންދިޔަ އެވެ. މީގެ ކުރިން ހިތުގައި ނުޖަހާ އާވިންދެއް ޖަހާލައިފިކަން ލޫލުއާއަށް އިޙްސާސް ކުރެވުނެވެ.
"ހިތްހަމަ ނުޖެހުނީތަ އަނގައިން ނުބުނީ؟" ހާޒިމް އަނެއްކާވެސް ލޫލުއާއަށް ބަލާލަމުން އަހާލި އެވެ.
"ނޫން... މީ ލައިބްރަރީ، ޒައުލް ކޮއްކޮ މިހާރު އިންނާނީ ހާޒިމްގެ އިންތިޒާރުގައި" ލޫލުއާ ހިނިތުންވެލަމުން ބުނެލިއެވެ.
"ޒައުލް އިނީ އަހަރެންގެ އިންތިޒާރުގައި ކަމަށްވިޔަސް އަހަރެން ބުނަން ބޭނުންވި އެއްޗެއް ނުބުނެ މިވަގުތު ހިނގައްޖެނަމަ، ފަހުން އެނޫން ކަމަކާމެދު އަހަންނަށް ނުވިސްނޭނެކަން ޔަގީން.... އަދި ވަގުތު ފާއިތުވާކަށްވެސް ނޭދެން..." ހާޒިމް ލައިބްރަރީގެ ދެ ފަރާތަށް ހުޅުވިފައިވާ ދޮރުގެ އެއްފަރާތުގައި މަޑުކޮއްލަމުން ބުނެލިއެވެ.
"އެހާ މުހިއްމު ވާހަކައަކީ ކޮބައިބާ؟" ލޫލުއާ ހާޒިމް ބުނަންއުޅޭ އެއްޗެއް އަޑުއެހުމަށް ކެތްމަދުވެފައިވާކަން ފޮރުވަމުން ބުނެލިއެވެ. އެހިނދު ދޮރުކައިރީގައި ޒީނަތްތެރި ކުރުމަށްޓަކައި ހުރި ކުޑަމޭޒުގެ މަތީ ބަހައްޓާފައިވާ ކަޅުވަކަރު ޒާތަކަށްދާ ވާސްތަކަށް ހާޒިމް ނަޒަރު ހިންގާލިއެވެ. ތާޒާ ޑެއިޒީ އާއި ލިލީ އާއި އޯކިޑްމަލުގެ ގުސްދަސްތާއެއް ފަދައިން އެ ވާސްތަކުގައި މާތަށް ޖަހާފައި ހުއްޓެވެ.
"ލޫލުއާއަކީ ވަރަށް ރީތި ނަމެއް، އަހަންނަށް އެނަން ވަރަށް ކަމުގޮސްފި، ފުރަތަމަ އެނަން އިވުމުންވެސް ހިތުގައި ޚާއްސަ ދަރަޖައެއް އެނަމަށް ދެވިގެން ހިނގައްޖެ.. .މިކުރެވުނީ ކުށެއް ކަމުގައިވާނަމަ، އަހަރެންގެ ހިތަށް އޯގާތެރިވެލެއްވުން އެދެން.... އަދި މިހަދިޔާ ގަބޫލުކުރެއްވުން އެދެން..." ހާޒިމް މިހެން ބުނެލަމުން އެއްފަރާތުގައި ހުރި ވާސްއިން ހުދުކުލައާއި ގަދަ ފިޔާތޮށި ކުލައިގެ ކަރުގަނޑެއް އެކުލެވިފައިވާ ލިލީ މަލެއް ނެގުމަށްފަހު ލޫލުއާއަށް ދިއްކޮއްލި އެވެ. ހާޒިމްގެ ލޮލާ ލޯ ދިމާވިވަގުތު ލޫލުއާގެ ހިތުގެ ހިނގުން އަވަސްވެ އިސްޖަހާލެވުނެވެ. އަދި މަޑުމަޑުން ހާޒިމް ދިއްކޮއްލައިގެން ހުރި މަލުގައި ހިފާލި އެވެ.
"ތެންކިއު..." ލޫލުއާ ރަތްވެފައިވާ ކޯތާފަތާއިއެކު ލަދުވެތި ހުނުމަކުން ހީގަތެވެ. އަދި ހާޒިމް އާއި ދުރަށް ދުއްވައިގަތެވެ. ހިނި އައިސްފައި ހުރި ހާޒިމް އޭނަގެ ހިތަށް ލިބުނު ކުރިއެރުމާއިއެކު ލައިބްރަރީގެ ތެރެއަށް ހިނގައިގަތެވެ.

ސްކޫލް ދޮށަށް ކިޔާން ބަލާގޮސް ހުރި ޝާއިންގެ ލޮލުގައި އޭނަގެ ސައިކަލާއި ދެތިން ފިޔަވަޅު ދުރުގައި ހުރި ތުނިހަށިގަނޑެއް ލިބިފައިވާ އިސްކޮޅުން ދިގު އަންހެން ކުއްޖާ އަޅައިގަތެވެ. އޭނަ ފެނުމާއިއެކު ކުރީގެ ހަނދާންތަކެއް އާވެގެންދިޔަ އެވެ. އެއީވެސް ކިޔާން ބަލާ އައިސް ހުރި ދުވަހެކެވެ. އެދުވަހު ކިޔާން ގޮވައިގެން ސްކޫލުން ނުކުންނަނިކޮށް އޭނަގެ ކުރިމައްޗަށް އެރި އަންހެން ކުއްޖާއެވެ. އެދުވަހުވެސް އޭނައަށް ހިތާ ހިތާ އެއަންހެން ކުއްޖާގެ ރީތިކަމަށް ތަޢުރީފު ކުރެވުނެވެ. ސްކޫލްގެ ގޭޓު ހުޅުވާލުމާއިއެކު ސްކޫލްގެ ތެރެއަށް ވަނުމަށް ޝާއިން ހިނގައިގަތީ އެޒުވާން ޖިންސުއްލަތީފުގެ ފަހަތުންނެވެ. ކިޔާންގެ ކުލާހާއި ހަމައަށް ޝާއިން ދިޔައިރުވެސް އޭނަގެ ސަމާލުކަންވަނީ އެ ނުދަންނަ އަންހެން ކުއްޖާއަށް ހުއްޓިފައެވެ. ޝާއިން އަވަސްވެގަތީ ކިޔާން ގޮވައިގެން އެއަންހެން ކުއްޖާ ދާދިމާލެއް ބެލުމެވެ. އެހެންވެ ކުލާސްރޫމު ތެރެއިން ދުވެފައި އައި ކިޔާން އުރާލައިގެން ހިނގައިގަތީ އެއްކަލަ އަންހެން ކުއްޖާގެ ފަހަތުންނެވެ. ސްކޫލްގެ ގޭޓުން ނުކުންނަމުން ޝާއިން އެއަންހެން ކުއްޖާގެ ކޮނޑުގައި ޖެހިލިއެވެ. އެހިނދު އެއަންހެން ކުއްޖާ ޝާއިންއަށް ބަލާލިއެވެ.
"ސޮރީ...އޯ... އަނެއްކާވެސް ދިމާވީ ދޯ..." ޝާއިން އެއަންހެން ކުއްޖާއަށް ބަލާލަމުން ބުނެލިއެވެ.
"އިޓްސް އޯކޭ" އެއަންހެން ކުއްޖާ ހިތް ހެޔޮ ގޮތަކަށް ހިނިތުންވެލަމުން ބުނެލިއެވެ.
"ދަރިފުޅުތަ؟" ޝާއިންއަށް ގަބޫލު ނުކުރެވުނުފަދަ ގޮތަކަށް އަހާލިއެވެ.
"ހޫމް..." ހޫން ލައްވާލަމުން އެއަންހެން ކުއްޖާ ޝާއިން އާއި ދުރަށް ދިއުމަށް މަސައްކަތް ކުރާކަން ފާހަގަ ކުރެވުނެވެ.
"އަހަންނަށް ކިޔަނީ ޝާއިން، ދެން ދިމާވާ ފަހަރަކުން ގޮވާލެވޭނީ ވެސް ނަން އެނގުނީމަތާ ދޯ" ޝާއިން ރަޙުމަތްތެރިވާން މަސައްކަތްކުރިއެވެ.
"އަހަރުމެން ދެމީހުން އަދި ދިމާވާން ތަގްދީރުގައި ލިޔެވިފައިވާނަމަ އެފަހަރަކުން އަހަރެންގެ ނަން ހާމަކޮއްދޭނަން... އެވަގުތު ޖެހެންދެން އަދި ކެތްކޮއްލާ... ދެން ދަނީ" މޮޅު ބަސްކޮޅެއް އިއްވާލަމުން ލާނެތް ގޮތަކަށް ހިނުތުން ވެލާފައި ޖެހިގެން އޮތް މަގަށް އެއަންހެން ކުއްޖާ ނުކުތެވެ. އަދި ޝާއިން ބަލަހައްޓައިގެން ހުއްޓާ އެތާ ޕާކުކޮއްފައި އޮތް ކަޅުކުލައިގެ ކާރަކަށް އެއަންހެން ކުއްޖާ އާއި އޭނަގެ އަތުގައި ހިފައިގެން ހުރި ކުޑަ އަންހެން ކުއްޖާ އަރައިފިއެވެ. އެދެވޭ ޖަވާބެއް ނުލިބުނު ކަމުގައިވިޔަސް ޝާއިން ވެސް ހިނިއައިސްފައި އައިކޮޅަށް އެނބުރި ހިނގައިގަތީ އޭނަގެ ސައިކަލު ހުރީ ސްކޫލުގެ ގޭޓު ކުރިމަތީގައި ކަހަލަ ގޮތަކަށް ޕާކުކޮއްފައި ކަމަށްވާތީއެވެ.
"މިއަދު ހާދަ ލަސްވީ؟" ގެއަށް ވަތް ޝާއިން ފެނުމާއިއެކު ޔޫހާ އަހާލިއެވެ.
"ލަސްތަ... މިއައީނު" ޝާއިން ސްކޫލްދޮށުގައި ހިނގިކަންތައްތައް ސިއްރުކޮއްލަމުން ބުނެލިއެވެ. ނަމަވެސް އޭނައަށް ފެނުނު އަންހެން ކުއްޖާއާއިމެދު ވިސްނެންފެށިއްޖެ އެވެ. ފުރަތަމަ ފެނުނު ދުވަހަކުވެސް އެއަންހެން ކުއްޖާއަށް ޚާއްޞަކަމެއް ދެވުނުކަން އެނގެއެވެ. އެހެންނަމަވެސް އެދުވަހަށްފަހު އެއަންހެން ކުއްޖާ ގައިބުވިފަދަ އެވެ. ދެވަނަ ފަހަރަށް އޭނަގެ ލޯ ކުރިމައްޗަށް އެއަންހެން ކުއްޖާ ފާޅުވީ މިއަދުއެވެ. އެއަންހެން ކުއްޖާގެ ގާތަށް ކުރިއަށް ފިޔަވަޅެއް އަޅަން ޖެހުނީ ދެވަނަ ފަހަރަށް ފެނި ލޯކުރިމަތިން ގެއްލިދާނެކަން އެނގޭތީއެވެ. އޭގެ ކުރިން އެރީތި އަންހެން ކުއްޖާއަށް ކިޔާ ނަން އޮޅުންފިލުވާލަން ޝާއިން ބޭނުންވީއެވެ. އެހެންނަމަވެސް މިޖެހުނީ ދެން ދިމާވާނެ އިރަކަށް އިންތިޒާރު ކުރާށެވެ. އަނެއްކޮޅުން އޭނަ އާއި ދެން ދުވަހަކު ދިމާނުވުމަކީވެސް އެކަށީގެންވާކަމެކެވެ.
"ދެން އަހަންނަށް ނުފެންނާނެކަން ޔަގީންވާތީ ކަންނޭގެ އެހެން އެބުނީ، ތަގްދީރު މިކަމުގައި އަހަންނަށް އެހީތެރިވާނީ ކިހިނެއްކަމެއްވެސް ނޭގެ.... ތަގްދީރުގެ ނިޔާ އަންނަނާނެ ގޮތެއް އެކަކަށްވެސް ނޭގޭނެ..." ޝާއިން އޭނަގެ ކޮޓަރީގެ އެނދުގައި އިށީނދެލައިގެން އިނދެ އަމިއްލަ ނަފްސާ ވާހަކަ ދެއްކި އެވެ.

"އަދިވެސް ތިހުންނަނީ ދެރަވެފަ ހުންނަހެން، މިހާރު މިތިބީ ދަރިފުޅުގެ ކައިރިއަށްވެސް އާދެވިފައެއްނު" އާފާގުއަށް ޒަރާނާގެ މޫނު ފެނުމުން ބުނެލެވުނެވެ.
"ހުރި ހަމައެކަނި ދަރިފުޅު، އަހަރުމެންނާއި ދުރުގަ އުޅޭތީ އަހަރެން ހާދަ ކަންބޮޑުވެއޭ، ގައިމު މާލޭގަވެސް މިހާރު މަތީ ތަޢުލީމު ހޯދުމުގެ ފުރުޞަތުތައް ވަރަށްވެސް ގިނަ... އަހަރެންނަށް މިއިޙްސާސް ކުރެވޭ ހުސްކަން ނެތިދާނީ އައްޔަދު އަހަރުމެންނާއިއެކު އުޅެން ފަށާދުވަހަކުން" އެޕާޓްމެންޓުގެ ކުޑަދޮރެއްގެ ކައިރީ ހުއްޓިލައިގެން ހުރި ޒަރާނާ ބުނެލިއެވެ.
"އައްޔަދުގެ ކިޔެވުން ނިމޭކަށް މާގިނަ ދުވަހެއް ނެތޭ... ދެން އެކުން ކަންބޮޑުނުވެބަލަ، އެސޮރު ވެސް މޮޅަށް ކިޔަވައިގެން އައީމަ ފައިދާވާނީ އަހަރުމެންނަކަށްނު، އަހަރު ފަހުކޮޅުގައި އަންނާނެ ވާހަކަވެސް އައްޔަދު ބުނެފިއެއްނު، މިހާ ކުޑަދުވަސްކޮޅަކަށް އައްޔަދު ދެކިލަން އައިސް އުޅޭއިރު ޒަރާ ތިހެން ހުރީމަ ދެންވާނީ ކިހިނެއް؟ އެތަށް ދުވަހެއް ފަހުން ދަރިފުޅު ފެނިލުމުން ނިކަން ހެވިލާފަ ހުރެބަލަ" އާފާގު ޒަރާނާ އާއި ގާތްވެލަމުން ބުނެލިއެވެ.

ރޭގަނޑުގެ ކެއުން ކުރިއަށް ދިޔައިރު އަފްލީން އިނީ ޔޫހާގެ ގާތުން މިރޭވެސް އެއްޗެއް އޮޅުން ފިލާނެކަމުގެ އުއްމީދުގައެވެ. ހޮސްޕިޓަލުން ކިޔާން ދޫކޮއްލިފަހުން އަޕްލީން އާއި ޔޫހާ އެކަނިވެއްޖެއްނަމަ އަބަދުހެން އޭނަގެ ދުލުކުރީގައި މިހާރުވާ ނަމަކީ ޒައުލްއެވެ. ޒައުލް އާއި ޔޫހާ އާއިދެމެދު ވަނީ ކޮންކަހަލަ ގުޅުމެއްތޯ އޮޅުންފިލުވަން އޭނަވަނީ ބޭނުންވެފަ އެވެ. ނަމަވެސް އަދި މިހާތަނަށްވެސް އޭނައަކަށް ޔޫހާގެ ފަރާތުން އެދެވޭ ޖަވާބެއް ނުލިބެއެވެ.
"ދޮންބެއަށްވުރެ ޔޫހާ އާއި ޒައުލް ފްރެންޑް ދޯ" އަފްލީން ގަސްދުގައި ޝާއިންގެ ސަމާލުކަން ހޯދުމަށް ބުނެލިއެވެ. ޔޫހާގެ ނިތްކުރިއަށް ރޫއަރައިގެން ދިއުމާއިއެކު އަފްލީންއަށް ބަލާލެވުނެވެ.
"އަފޫ، ކާމޭޒުމަތީ މިރޭ ކޮންވާހަކައެއް ފަށަން ގަސްދުކޮއްގެން ތިއުޅެނީ" ޔޫހާ ކަންބޮޑުވާ ގޮތްވި އެވެ.
"ތެދެއް، ޒައުލްގެ ވާހަކަ ދައްކަން ތިފެށީ ކީއްވެތަ؟ އެއީ ދޮންބެ އާއި ޔޫހާގެ ބޮސްއޭ، އަނެއްކާ ޔޫހާ މިހާރު އެއުޅެނީ ޒައުލްގެ އެންމެ ޙާއްޞަ ހޮޓެލްގަ، އެހެންވީމަ ޒައުލް އާއި ގިނައިން ދިމާވާނީވެސް ޔޫހާ އާއިއެއްނު" ޝާއިން އަފްލީންއަށް ވިސްނާދޭފަދަ ގޮތަކަށް ބުނެލިއެވެ. އެހެނީ އޭނައަށް ޒައުލްގެ ގޮތް އެނގޭތީއެވެ. ޒައުލް ޔޫހާފަދަ ނިކަމެތި ދަރިއަކު ހުރި އަންހެނަކާ ނުގުޅޭނެކަމުގެ ޔަގީންކަން ވެސް އޮތްލެއް ބޮޑުކަމުންނެވެ.

ހުސްއަތާ ކަހަލަ ގޮތަކަށް ފުރައިގެން ދިޔަ އީލާކް މާލެ އައީ ވަރަށް ވެސް ބަރުކޮށެވެ. ރާއްޖޭން ބޭރުގައި ދެ ހަފްތާއަށްވުރެ ގިނަ ދުވަސް ހޭދަކޮއްފައި އައިއިރު އެ މޫނުމަތިން ފެންނަން ހުރި ހިނިތުންވުމުން އޭނަ އެހުރީ ވަރަށް ހިތްހަމަ ޖެހިފައިކަން އެނގެއެވެ. އޭނަގެ އިންތިޒާރުގައި އެއާރޕޯޓްގައި މަޑުކޮއްލައިގެން ހުރި ޒައުލް އާއި އޭނަގެ ރަޙުމަތްތެރިން ފެނުމުން އީލާކްއަށް އާދެވުނީ ކުޑަކޮށް ދުވެލާފައެވެ.
"މާމައަށް އެނގޭތަ އަޅުގަނޑު އަންނަކަން، ދޮންބެ ބުނިންތަ މާމަ ގާތު" އީލާކް އަވަސް އަވަހަށް ޒައުލްގެ ގާތުން އަހާލިއެވެ.
"އީއްކޮ ބުނީމެއްނު އެކަކު ކައިރީވެސް ނުބުނުމަށް، ދެން ރަޙުމަތްތެރިން ގެނެސްދޭށޭ ބުނީމަ މިތިބީ އެމީހުންވެސް ގެނެސްދީފަ" ޒައުލް އީލާކްގެ ފޮށީގައި ހިފާލަމުން ބުނެލިއެވެ.
"ވީ މިސްޑް ޔޫ ސޯމަޗް އީކް" ރޮޒޭން އީލާކްގެ ގައިގާ ބައްދާލަމުން ބުނެލިއެވެ. އަދި ތިންކުދިންނާއިއެކު އީލާކް އާއި ޒައުލް ހިނގައިގަތީ ލޯންޗާއި ދިމާލަށެވެ.
ހައިރާންކަންވެރިފައިހުރި ލާއިގާގެ ގައިގާ އިލާކް ދިޔަގޮތަކަށް ގޮސް ބައްދާލިއެވެ. އަވަސް އަވަހަށް ދަތުރުގެ ވާހަކަ ތަކާއިއެކު ވަރަށް ބަނޑުހައި ވެފައި ހުރިކަމުގައި ބުންޏެވެ. މަންސޫރުގެ މޫނުމަތިން އުފާވެރިކަން ފެނިގެންދިޔައިރު ލާއިގާގެ ތުންފަތަށް ވެރިވި ހިނިތުންވުންވެސް ފިލައިގެން ނުދެއެވެ. އީލާކްގެ އެފަދަ ޢަމަލުތަށް ހުއްޓުވުމުގެ ބާރެއް ލާއިގާއަށްވެސް ލިބިގެނެއް ނުވެއެވެ.

ލޮބީއިން ނުކުމުގެން ގެއަށް ދިއުމަށްޓަކައި މިސްރާބުޖެހި ޔޫހާ ހުރީ ދަންވަރު ޑިއުޓީ ނިންމާލުމަށްފަހު ވަރަށް ވަރުބަލިވެ ނިދިއަންނަ ގޮތްވެފައެވެ. ޕާކްވިއު ހޮޓެލްގެ ގޭޓުން ބޭރަށް ނުކުމެވުނު ވަގުތު ޒައުލްގެ ޚާއްޞަ ޑްރައިވަރު ޖަމާލް ގޮވާލި އަޑުއިވުނެވެ. މަޑުކޮއްލެވުނީ އެހެންވެއެވެ. އެހިނދު ޖަމާލު އައިސް ފަތްޖަހާލެވިފައިވާ ކަރުދާސްކޮޅެއް ޔޫހާއަށް ދިއްކޮއްލި އެވެ. އޭގައި ލިޔެފައިވި އެއްޗެއް ކިޔާލުމަށްފަހު އަނެއްކާވެސް ކަރުދާސްކޮޅު ފަތްޖަހާލި އެވެ. އެވަގުތު ޖަމާލު ޔޫހާއަށް އިޝާރާތްކުރަމުން އޭނަ އާއިއެކު އައުމަށް ބުނެލިއެވެ. ވިސްނާލުމަށްފަހު ޔޫހާ ޖަމާލް އާއިއެކު ހިނގައިގަތެވެ. ދުރުނޫން ހިސާބެއްގައި ޕާކުކޮއްލެވިފައިވާ ޒައުލްގެ ކާރުގެ ދޮރު ޖަމާލް ހުޅުވާލުމާއިއެކު ޔޫހާ އެ ކާރަށް އެރިއެވެ. ކާރު ދުއްވާލުމާއިއެކު ޔޫހާގެ ހިތް ބާރަށް ތެޅެން ފެށިއެވެ. ކާރު ދުއްވަމުން އެދަނީ ކޮންމަންޒިލަކާއި ހަމައަށްކަމެއް އޭނައަށް ނޭގޭތީއެވެ. 

"ކުޑަ ސާހަބް މިދިމާ އެތެރޭގަ ހުންނަވާނެ، މެޑެމް އެތެރެއަށް ދުރުވޭ" ދިހަ ވަރަކަށް މިނެޓްތެރޭ ޖަމާލު ކާރުގައި ގޮސް ދާންވާ މަންޒިލަށް މަޑުކޮއްލި އެވެ. އަދި ކާރުން ފޭބުމާއިއެކު ޔޫހާއަށް ކާރުގެ ދޮރުފަތް ހުޅުވާލަދެމުން ދާންވީ ދިމާ އިޝާރާތާއިއެކު ބުނެލަދިނެވެ. ޔޫހާ ހިނިތުންވެލަމުން ޖަމާލްއަށް ބޯޖަހާލަމުން ކުރިއަށް ހިނގައިގަތެވެ. ޖަމާލް ކާރު ދުއްވާލީ އެވެ. މަސައްކަތް ކުރުމަށް އުޅޭ ބިދޭސީ މީހުން ނޫނީ އެއިމާރާތުގެ ތެރެއިން ނުފެނެއެވެ. ގިނަ ދުވަސްވެފައިވާ ދަގަނޑު ގޭޓު ކުޑަކުޑަކޮށް ހުޅުވާލާފައި ހުރިއިރު އެދޭތެރެއިން ޔޫހާއަށް ވަދެވޭނެހާ ޖާގަހުއްޓެވެ. ހިތް ބިރު ގަންނަމުން ދިޔައީ މިފަދަ ތަނަކުން ޒައުލް ބައްދަލު ކުރަން ބޭނުންވީ ކީއްވެބާއޭ ހިތަށް އަރާވަރުންނެވެ. އިމާރާތާއި ގާތްވަމުން ދިޔަވަރަކަށް ޔޫހާއަށް ނޭފަތުގައި އަތް އަޅާލެވުނީ އެތަނުގައި ސިމެންތީގެ މަސައްކަތްތައް ކުރަމުންގެންދާތީ އޭގެ ކުނޑި އާއި ދުމުން މާހައުލު ހިރަފުސްވެފައިވާތީ އެވެ. ކުރިމަތިން ފެންނަން ހުރި ބޮޑު ދޮރުން ޔޫހާ އަވަސް އަވަހަށް އެތެރެއަށް ވަނެވެ. އެތަނުގައި މަޑުކޮއްލައިގެން ބިދޭސީ އަކާއި ވާހަކަ ދައްކަން ހުރި ޒައުލް ޔޫހާއަށް ފެނުނީ އެވަގުތު އެވެ. ބިދޭސީ މީހާ ޔޫހާއަށް ބަލާލުމާއިއެކު ޒައުލް ވެސް ފަސްއެނބުރި ދޮރާދިމާލަށް ބަލާލިއެވެ.

ކޮމެންޓް 0