ދިރިއުޅުމަކީ ރިމޯޓެއް ނަމަ ކިހާ ރަނގަޅު ހެއްޔެވެ. އޭރުން ރިވައިންޑު ބަޓަން އާއި ޕޯސް ބަޓަން ގެ އިތުރުން ފާސްޓުފޯވަޑް ބަޓަންއެއްވެސް އިންނާނެ ވިއްޔާއެވެ. ޒައުލްވެސް ބޭނުންވަނީ އެފަދަ ރިމޯޓެކެވެ. ނޫނީ ކޮމްޕިއުޓާރ ސިސްޓަމްތަކުގައި ގޮތަށް ޝިފްޓު ޑިލީޓުވާނެފަދަ ނިޒާމެކެވެ. އޭނަގެ ދިރިއުޅުމުގައި މިހާތަނަށް އައިއިރު ފޮހެލަން ބޭނުންވި ހަނދާންތަކެއް ވެއެވެ. ބޭނުންނުވިޔަސް ސިކުނޑީގައި އެހަނދާންތައް ދައުރުވަމުންދިޔަ އެވެ. ޒައުލް އެނދުން ތެދުވެ މޫނުގައި އަތް ހާކާލަމުން ފުން ނޭވާއެއް ލިއެވެ. އަދި ފާހާނާ އާއި ދިމާލަށް ހިނގައިގަތީ ގަޑިއަކީ ދަންވަރުގެ ގަޑިއަށްވިއެއް ކަމަކު، ފެން ވަރާލުމުން ސިކުނޑިއަށް ހަމަޖެހުމެއްލިބި ހަށިގަނޑަށް އަރާމު ލިއްބައިދީ ނިދިދާނެ ކަމުގައި ހީކޮށެވެ.

ހެދުނު ހެދުނާ ޒައުލް އޮފީހަށް ދިއުމަށް ނުކުންނަން އުޅެނިކޮށް މާމަ ލާއިގާ ގޮވާލެއްވިއެވެ. އަދި ކުރިއާއި ހިލާފަށް މިހާރަކަށް އައިސް ޒައުލް މާއަވަހަށް އޮފީހަށް ދަނީ އޮފީހުގައި މުހިއްމު ކަމެއް އޮވެގެންތޯ ސުވާލުކުރެއްވި އެވެ.

"މާމާ، ބައްޕަ ފަދަ ހީވާގި މީހަކަށް ވެގެންނޫނީ ކިހިނެއް ބައްޕަގެ މިއޮއް ބޮޑު ކޮމްޕެނީގެ ކަންތައްތައް ބެލެއްހެއްޓޭނީ... އަނެއް ކޮޅުން އަޅުގަނޑަށް މިކަން ހަވާލުކުރެއްވީ އަޅުގަނޑަށް ވާނެކަން އެނގޭތީވެ، ވީއިރު ފަރުވާވެސް ބަހައްޓައިގެން ޒިންމާދާރު މީހަކަށްވާންވާނެއެއްނު..." ޖަމާލް ކާރު ނެރެން ދެން ސިޓިންރޫމު ދޮރުމަތީ މަޑުކޮއްލައިގެން ހުރި ޒައުލް ބުނެލިއެވެ.
"އެކަން އެނގެޔޭ މާމައަށް، ދަރިފުޅުގެ ބައްޕަފަދަ މީހަކަށް ވާންކަން ތި މަސައްކަތްކުރަނީ، އެކަމަކުވެސް ބުނަންތަ، މާމަ އެހާ ހިތްހަމަޖެހޭކަމެއް ނޫން ދުވާލުދާ ހަތަރުދަމު ވިޔަފާރީގެ ތެރޭގައި އުޅުން، އަމިއްލަ ދިރިއުޅުމަކާއި ދޭތެރޭވެސް ވިސްނަންވާނެއެއްނު... ދަރިފުޅު ކުރީގަ އަބަދުހެން އުޅެނީ ރަޙުމަތްތެރިންނާއިއެކު... މިހާރު އީލާކް އެއުޅެނީ ދަރިފުޅު އުޅޭގޮތަށް، އަބަދުވެސް ކޮންމެވެސް ރަޙުމަތްތެރިންތަކަކާއިއެކު... މިހާރު ތިއުޅެނީ މާއެކަހެރިކޮށް... " ލާއިގާގެ ވާހަކަ މެދުކަނޑާލީ ބޭރު ގޭޓުން ޖަމާލްވަދެގެން އަންނަތަން ފެނުމުންނެވެ.
"މާމާ، އަޅުގަނޑާއިމެދު ކަންބޮޑުވެ ނުލައްވަބަލަ، މިހެން އުޅޭއިރު ހުސް ވަގުތު ވެސް ހޯދާނަމޭ... ކުރިން އުޅުނުހެނެއް މިހާރު ބޭރުގައެއް ނޫޅެވޭނެއެއްނު، ގިނަ ބަޔަކު މިހާރު އަޅުގަނޑު ދަންނާނެ... ދެންދަނީ މާމާ، ލަވް ޔޫ..." ޒައުލް ލާއިގާގެ އަތްތިލާގައި ބޮސްދެމުން ބުނެލިއެވެ. އޭނައަށް ލާއިގާ ދައްކަމުންދިޔަ ވާހަކައެއް ވިސްނެއެވެ. އޭނަގެ އެކަހެރި ދިރިއުޅުމަކީ އޭނަ އަމިއްލައަށް އިޙްތިޔާރު ކުރި ދިރިއުޅުމެކެވެ. އެކުވެރި ރަޙުމަތްތެރިންނަށް އޭނަގެ ހަޔާތުން ޖާގައެއްދޭން މިހާރު ބޭނުންނުވަނީއެވެ.
"ކުޑަ ސާހިބް..." ޖަމާލް ލާއިގާގެ ކުރިމަތީ އިޙްތިރާމާއިއެކު ޒައުލްއަށް މުޚާތަބުކުރިއެވެ. އަދި ޒައުލް ހިނގައިގަންނަންދެން ޖަމާލް މަޑުކޮއްލައިގެން ހުއްޓެވެ.
ކުރިން ދުވަހެކޭ ވެސް އެއްގޮތަށް ޒައުލްއަށް އޮފީހަށް ވަދެވުމާއިއެކު އެންމެ ފުރަތަމަ ބޭނުންވީ ފައުޒީ އޭނަގެ ކެބިންއަށް ހާޒިރު ކުރުމަށެވެ. ފައުޒީ ފައިލް ބޮނޑިއަކާއި ކަރުދާސްތަކެއް ހިފައިގެން އައިސް ޒައުލްގެ އޮފީހަށްވަނެވެ.
"އެމޭޒުގަ ބަހައްޓާ... މީ ހުރިހާ ޑޮކިއުމެންޓެއްތަ؟" ޒައުލް ގޮނޑިން ތެދުވަމުން ސޯފާގޮނޑިތަކުގެ މެދުގައި ހުރި ތިރި ބިއްލޫރި ދިގު މޭޒު ދައްކާލިއެވެ.
"ލައްބަ... އިތުރު ކަމަކަށް ބޭނުންވެލައްވާތޯ" ފައުޒީ ފައިލްތައް ބަހައްޓާލާފައި ޒައުލް އާއި ދިމާލަށް އެނބުރިލަމުން އަހާލިއެވެ.
"ނޫން، މިވަގުތަށް އެންމެރަނގަޅު، އިތުރުކަމެއް ބޭނުންވެއްޖެނަމަ ގުޅާލާނަން" ފައުޒީއަށް މިހެން ބުނެލަމުން ޒައުލް ސޯފާގައި އިށީނެވެ.
ޒައުލް އޭނަގެ ކުރިމަތީ ފެންނަންހުރި ފައިލްތަކުގެ ތަރުތީބުގެއްލުވާލީ އަވަސްއަރުވާލާފަ އެވެ. ހުރިހާ ފައިލްތަކުގެ ތެރެއިންވެސް އޭނައަށް މުހިއްމީ ހަމައެންމެ ފައިލެކެވެ. ދެންހުރި ފައިލްތަކަކީ ބޭނުންވި މަގުޞަދު ފުރިހަމަ ކުރުމަށްޓަކައި ދެއްކި ބަހަނާއެއް ކަމުގައި ނޫނީ ނުވެއެވެ. އެހެނީ ޒައުލްގެ ބޭނުމަކީ ކޮބާކަން އަދި އެ ސިކުނޑީގައި ރާވާފައިވާ ރޭވުމަކީ ކޮބާކަން އިތުރުމީހަކަށް ޝައްކެއް ވެސް ވާކަށް އޭނަ ނޭދޭތީއެވެ. އަމިއްލަ ކަންތައްތަކަށް އެހެންމީހެއްގެ ކުޑަވިޔަސް ސަމާލުކަމެއް ލިބޭކަށް އޭނަ ބޭނުމެއްނުވެއެވެ.
"ދެމަސްވަނީ..." ޒައުލްއަށް ބުނެލެވުނެވެ. އޭނަ ބަލަން އިނީ ޔޫހާގެ ވަޒީފާގެ ރިކޯޑްސް ހިމެނޭ ފައިލްއެވެ. ޒައުލްގެ ބައްޕަ އުފެއްދި އަދި މިހާރު އޭނަ ހަވާލުވެ ކުރިއަށްގެންދާ ކޮމްޕެނީގެ މުވައްޒަފެއްގެ ގޮތުގައި ޔޫހާ އުޅޭތާ މިހާރު ކިހާ ދުވަހެއްވެއްޖެތޯ ބަލަން ޒައުލް ބޭނުންވީއެވެ. ޔޫހާގެ އެޑްރެހާއި ގުޅޭނެ ފޯނު ނަންބަރާއި އިތުރު މަޢުލޫމާތުތައް ވެސް އެފައިލްގެ ތެރެއިން ޒައުލްއަށް ފެނުނެވެ. އަދި ފޮޓޯ ޖަހާގޮތަށް އިން ފޯމެއްގައި ހިއްޕާފައިވާ ޔޫހާގެ ޕާސްޕޯޓު ސައިޒުގެ ފޮޓައަށް ޒައުލް ބަލަހައްޓައިގެން ގެއްލިފަ އިއިނެވެ.

"ކޮން ހިޔާލެއްގަ؟" މާޔާ ޔޫހާގެ ކަންފަތްކައިރީ ސިއްރެއް ބުނާހެން އަހާލިއެވެ.
"އަހަންނަށް ޓްރާންސްފަރ ސިލިފް ލިބިއްޖެ... އަންނަ ހަފްތާގަ ނުކުންނަން ޖެހެނީ..." ޔޫހާގެ އަޑުގައިވަނީ އާދަޔާހިލާފު މަޑުމައިތިރި ކަމެކެވެ.
"ޕްރޮމޯޝަނެއްތަ އެއީ... ނޫނީ ޑީމޯޓްވަނީތަ؟ މަވެސް ދެކުނިން އެ ސަރކިއުލާރ، އެކަމަކު ޔޫހާއަކީ އަހަރުމެންގެ ތެރޭ ހުރި އެންމެ ބަރާބަރު ސްޓާފް، ދެންކީއްވެބާ ބަދަލު ކުރަން އެއުޅެނީ..." މާޔާއަށްވެސް ލިބުނީ ހައިރާން ކަމެކެވެ.
"އޭ ހަމައަސްލުވެސްތަ؟ އަނެއްކާ އަހަރުމެން ހާސްވަނީ ކިހާވަރަކަށްތޯ ބަލަންހެދި ދޮގެއްތަ ތީ؟" ކޮމްޕިއުޓަރުން މަސައްކަތެއް ކުރަމުންދިޔަ ރިޔާޝާގެ ސަމާލުކަން ޔޫހާ އާއި މާޔާ ދައްކަމުންދިޔަ ވާހަކަ ހޯދުމުން އަހާލެވުނެވެ.
"އަހަރެން ދޮގު ހަދަންވީ ކީއްކުރަން، މީހަމަ ތެދެއް، ހެނދުނު ދިހައެއްޖަހާކަން ހާއިރު ހާރިޝް އަހަރެން އެޗްއާރް އޮފީހަށް ފޮނުވާލިއެއްނު، އެއީ މިސިލިޕް ހަވާލު ކުރަންށޭ، ބަލާބަލަ..." ޔޫހާ އޭނަގެ އަތް ދަބަހުގެ ތެރެއަށް ކޮއްޕާލި ހިމަދިގު ސިޓީއުރަ ނަގާ މާޔާ އާއި ރިޔާޝާ އާއި ދެމީހުނަށް ދިއްކޮއްލިއެވެ. އެތަނުން މާޔާ އަވަސް އަވަހަށް ސިޓީ އުރާގައި ހިފިއެވެ.
"ކޮން ހޮޓަލަކަށް ބަދަލުކުރީ" މާޔާ ކަނޑާފައިވާ ސިޓީ އުރައިގެ ތެރޭގައިވާ ކަރުދާސް ނަގަމުން އަހާލިއެވެ. އޭނަ އެ ގަނޑުގައިވާ އެއްޗެއް ކިޔާލުމުގެ ކުރިން އޭގައިވި މަޢުލޫމާތެއް އެނގެން ބޭނުންވިފަދަ ގޮތަކަށެވެ.
"ޕާކްވިއުއަށް..." ޔޫހާ މަޑުމަޑުން ބުނެލިއެވެ.
"އޯ މައި ގޯޑް... ގަބޫލެއް ނުކުރެވުނު މީގަމިވާ އެއްޗެއް... އަޅެ ރިޔާ، އަހަރެންގެ ގައިގަ ވިކައިގަނެބަލަ" މާޔާއަށް ޔޫހާ ބުނި އެއްޗަކާއި ގަނޑުގައި ލިޔެފައިވި އެއްޗެއް ފެނުމުން ބުނެލެވުނެވެ.
"އައުޗް... ތަދުވެއްޖެ" ކައިރީގައި އިން ރިޔާޝާ އަތުގައި ވިކާލުމުން މާޔާ ބުނެލިއެވެ.
"މީ ހަގީގަތެކޭ... ޕާކްވިއުއަށްވެއްޖެޔާ އެއީ ޕްރޮމޯޝަނެއްކަން ޔަގީން، މަވެސް ވަރަށް ދާހިތްވޭ އެ ހޮޓެލްއަށް، ޔޫހާ ވަރަށް ނަސީބުގަދަ، މިތަނަށް ވަންތާ ގިނަ ދުވަހެއް ނުވަނީސް ބޮޑު ހޮޓަލަކަށް ދިއުމުގެ ފުރުޞަތު ތިލިބުނީ، ބޮޑު ޕްރޮމޯޝަނެއް ތިލިބުނީ، އެނގޭތަ، ހުރިހާ ކަމެއް އޮންނަތަނަކީ ތީ... ޕާކްވިއުއަކީ މިކޮމްޕެނީގެ ގަނޑުވަރުކޮޅެއް، ހާއްޞަ ބޭބޭފުޅުން ނޫނީ އެތަނަކަށް ނުދާނެ... ހުސްވެސް މުއްސަނދިން... އަތުގަ ފައިސާ ހުސްނުވާނެ އެމީހުންގެ..." މިހެން ބުނަމުންދިޔައިރު ރިޔާޝާ ކުޑަހިނދުކޮޅަކަށް ނަމަވެސް އިނީ މުޅިން އެހެން ދުނިޔެއެއްގައެވެ. އަމިއްލަ ހިޔާލުތަކެއްގެ ތެރެއަށް ގޮސް ގެއްލިފައެވެ. ތުންފަތަށް ހުވަފެނީ ހިނިތުންވުމެއް ވެރިކުރުވައިގެންނެވެ.
"ޔޫހާ ހަމަ ނަސީބު ގަދައީ" މާޔާއަށްވެސް ބުނެލެވުނެވެ. އަދި ހޫނު މަރުޙަބާވެސް ކިޔެވެ.
"އަހަރެން އެހާ އުފަލެއްނުވޭ، މި ޕްރޮމޯޝަން ބޭނުމެއްވެސް ނޫން" ޔޫހާ އިސްޖަހާލައިގެން މާޔާ ދިއްކޮއްލި ގަނޑު އެލާފައިއޮތް ސިޓީއުރައިގެ ތެރެއަށް ލަމުން ބުނެލިއެވެ. އޭނަ ބުނި ބަހުގެ ތެދުކަން އެވަގުތު އޭނައާއިއެކު އެތަނުގައި ތިބި ދެއެކުވެރިނަންވެސް ފާޅުވެގެންދިޔައެވެ. އެމޫނު މަތިން ފާޅުވަނީ މަޑުމޮޅިކަމާއި ފޫހިކަމެވެ.
"ކިހާ ރަނގަޅު ފުރުޞަތެއްމީ، މުސާރަވެސް ބޮޑުވާނެ، ކުރިއަށްދާން ގިނަ ފުރުޞަތުތައް ވެސް ލިބޭވާހަކަ އަޑުއެހިން، މީ ދޫކޮއްލާވަރުގެ ފުރުޞަތެއް ނޫން، ޔޫހާ ކީއްވެ މިކަމާ އުފާނުވަނީ" ރިޔާޝާ ސުވާލު ކުރިއެވެ.
"އަހަރެން މާ ހިތްހަމަޖެހޭ މިހޮޓެލްގެ މިރިސެޕްޝަން ކައިރީ އިންނަން، މިހާރު ލިބޭ އެތިކޮޅުންވެސް އަހަންނަށް ދެކޮޅުޖެހޭ، އެވަރުން ފުދޭ... އެހެންނޫނަސް އަހަރެން އެހާ ކޮމްޕޯޓަބަލްއެއް ނުވާނެ އެފަދަ މާޙައުލެއްގަ އުޅޭކަށް" ޔޫހާ ބުނެލިއެވެ. ރިޔާޝާގެ ސުވާލުގެ ޖަވާބު ހިތުގައިވިއެވެ. އެހެންނަމަވެސް ދުލާ ހަމައަކަށް ނައެވެ. މާއެދެވޭ އުޒުރުތަކެއްނޫނަސް ކޮންމެވެސް އެއްޗެއް ބުނަންޖެހުނީ އިތުރު ސުވާލުތަކެއް ރައްދުވިޔަ ނުދިނުމަށެވެ.
"ދުވަސްކޮޅަކުން ޕާކްވިއުގެ މާޙައުލަށް ހޭނިދާނެ، ވަޒީފާގެ ކުރިއެރުން ލިބުމީ އުފާކުރަންޖެހޭނެ ކަމެއް، އަހަރުމެން މަސައްކަތް މިކުރަނީ ދިރިއުޅުން ރަނގަޅު ކުރުމަށް ރަނގަޅު އާމްދަނީއެއް ހޯދުމަށް، ޔޫހާއަށްވެސް ރަނގަޅެއްނު އިތުރު އެއްޗެއް ލިބެންފެށީމަ، އޭރުން ކިޔާންގެ ކަންތައްތައް ކޮއްދިނުމުގައި އެއްގޮތަކަށް ވެސް ފަސްޖެހޭކަށް ނުޖެހޭނެ" ޔޫހާގެ ދިރިއުޅުމުގައި އެންމެ ޚާއްޞަކަމެއް ދެވިފައިވަނީ ކޮންފަރާތަކައްކަން މާޔާއަށް އެނގިފައިވާތީ އެނަންވެސް ހިމަނާލީއެވެ. އޭނަގެ ބޭނުމަކީ ހެޔޮއެދޭ ރަޙުމަތްތެރިއަކަށްވެ ޔޫހާއަށް ހިތްވަރުދީ ލިބުނު ކާމިޔާބީ އާއިމެދު އުފާކުރުމެވެ. އަދި އެފަހިވި މަގަކީ ކިހާމުހިއްމު މަގެއްކަން އަންގާދީ ޔޫހާއަށް ވިސްނާދިނުމެވެ.

ހަވީރު ޑިއުޓީ ނިންމާފަ ޔޫހާ ގެއަށް އައީ ޝާއިން އާއިއެކުއެވެ. ސައިކަލުގައި ޝާއިންގެ ފަހަތުގައި ގެއާއި ހަމައަށް އާދެވެންދެންވެސް އެއްޗެއް ނުބުނެ އިންނަން ފެށުމުން އެކަމާ ޝާއިން ސުވާލުކުރިއެވެ.
"ޝާއިންއަށް ކޮއްދެވޭނެކަމެއް ހަމަނެއްތަ؟" ޔޫހާ ޝާއިންގެ ސުވާލަށް ޖަވާބުދިނުމުގެ ބަދަލުގައި އޭނަވެސް ކުރީ ސުވާލެކެވެ.
"ޔޫހާ، އަހަރެންގެ އަތުގައި ބާރު އޮތްނަމަ ޔޫހާ ނުބުންޏަސް ތި ނިންމުން ބަދަލު ކުރާނަން، އެކަމަކު މިފަހަރު... ތިކަމުގަ އަހަންނަށް ކޮއްދެވޭނެ ކަމެއްނެތް، ސީދާ ވެރިޔާ އެއޮތީ އެހެން އަންގާފަ، އަހަންނަށްވެސް މިއުޅެނީ މިކަމުގެ އެއްވެސް ހަގީގަތެއް ނޭގިގެން، ފައުޒީ އާއި ސުވާލުކުރެއްވިން، ކީއްވެހޭ ޔޫހާ ގެންދަނީ، ޔޫހާއަށްވުރެ ގިނަ ދުވަސްވެފަތިބި އަދި މަސައްކަތުގެ ތަޖުރިބާ ހުރި ކުދިން އެބަތިއްބޭ ވެސް ބުނިން... ފައުޒީ ބުނުއްވީ އެއީ ވެރިޔާ ބޭނުންވެލެއްވި ގޮތޭ، އެކަމަށް އަހަރުމެންނަކަށް ފާޑެއް ނުކިޔޭނެއެއްނު... މިހެން އުޅޭއިރު ދެން ޔޫހާ ނުފެންނާނެތީ ކުޑަކޮށް ހިތްހަމަވެސް ނުޖެހިފަ މިހިރީ... ކީއްކުރާނީ މަސައްކަތުގެ ދާއިރާގައި މިހެން އުޅޭއިރު ވެރިންގެ ބަސް ވެސް ގަބޫލުކުރަން އެބަޖެހޭވިއްޔަ" ޝާއިން ވާހަކަ ދެއްކިއެވެ. 

ޝާއިންގެ ވާހަކަ އަޑުއިވިފައި ޔޫހާ އިތުރަށް އެއްވެސް އެއްޗެއް ނުބުނެއެވެ. މަޑުމަޑުން އިނދެ ގެއާއި ހަމައަށް އާދެވުމުން ސައިކަލުން ފައިބައިގެން ޝާއިން އާއިއެކު އައިސް ގޭތެރެއަށްވަނެވެ. އޭރު ކިޔާންވީ ސްކޫލްގައިކަން ޔޫހާއަށް އެނގުނެވެ. އަފްލީން ސިޓިންރޫމު ސޯފާގައި އޮށޯވެލައިގެން ސްކޫލްގެ ފިލާވަޅުތައް ބަލަންއޮތެވެ. ޔޫހާ ފެނުމާއިއެކު އަފްލީންގެ އަތުގައި އޮތް ފޮތް ލައްޕާލަމުން ތެދުވެ މުޅިދުވަހު ކިޔާން އުޅުނުގޮތުގެ ވާހަކަ ކިޔާދިނެވެ. ހާސްކަން ލިބި ހިތްހަމަނުޖެހިފައިހުރި ޔޫހާގެ ހިތަށް ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ލިބިގެންދިޔައެވެ. ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. މިދުނިޔޭގައި ދިރިހުރުމުގެ އެންމެބޮޑު ސަބަބުކަމުގައި ޔުހާއަށް އޭނަގެ ދަރިފުޅުވެއެވެ. ކޮންމެ ކަމެއް ކުރިކަމުގައިވިޔަސް އޭނަގެ ލޯބިވާ ކުޑަކުޑަ ކިޔާންއަށް އެކަމަކާއި ގުޅިގެން އެއްވެސް ގެއްލުމެއްވާކަށް ޔޫހާ ނޭދެއެވެ.

ކޮމެންޓް 0