ޔޫހާ އޭނަގެ އަތުގައި ހުރި ލިޔެކިޔުންތައް ކޮޓަރިއަށްލާފައި ކާން ތައްޔާރު ކުރުމަށް އަވަސްވެގަތެވެ. އަފްލީންގެ އެދުމަށް އެދުވަހު މެންދުރަށް ޔޫހާ ހެދީ ސްޕެގެޓީ އެވެ. ކާމޭޒުމަތީ ތަށިތައް އަތުރަމުން ދިޔައިރު އޭނަގެ ސިކުނޑީގައިވަނީ ސުވާލެއް އުފެދިފަ އެވެ. އެއީ ޒައުލް އާއިއެކު އޭނައަށް ބޭނުންވިފަދަ ހަމަޖެހޭ ދިރިއުޅުމެއް އުޅެވިދާނެބާ އެވެ. މިކަހަލަ ފިކުރެއްގައި ހުރެ ޔޫހާ ކާންތައްޔާރު ކުރަމުންދިޔައިރު އޭނައަށް އެހީވުމުގައި އަފްލީންވެސް ބަދިގޭގައި އުޅެއެވެ.
"ޔޫހާ...ހާދަ އަންރޮމޭންޓިކް މީހެކޭ ޒައުލްއަކީ، އޭނަ ހީވީ ބިޒްނަސް ޑީލްއެއް ޔޫހާ އާއިއެކު ނިންމާލިހެން" އަފްލީން ބިއްލޫރި ތަށިތައް އަތުރަމުންބުނެލި އެވެ.
"ސާބަސް، އަފޫއަށް ކިހިނެއްތަ އެނގެނީ ރޮމޭންޓިކް ނޫންކަމެއް، އަނެއްކާ އަފޫ ކުއްޖަކާ ރައްޓެހިވީތަ" އަފްލީންގެ ވާހަކައިން ހިނިއައިސްފައި ހުރެ ޔޫހާ ބުނެލި އެވެ.
"ކަމުދާކަހަލަ ފިރިހެން ކުއްޖެއް މުޅި ސްކޫލުން ވެސް ނުފެނުނު، އެހެންނޫނަސް އަހަންނަށްވެސް އެނގޭ ރޮމޭންޓިކްކޮށް މީހަކު ކަމެއްކޮއްފިއްޔާ" އަފްލީން މޫނަށް ވައްތަރެއްޖައްސާލަމުން ބުނެލި އެވެ. ދެންވެސް ޔޫހާ ހީނލީ އެވެ.

ޔޫހާގެ ކެއްކުމަށް އެއްވެސް ފާޑުކިއުމެއްނެތި މެންދުރުގެ ކެއުން ނިމިއްޖެއެވެ. އެހުރިހާއިރު ޔޫހާ ހުރީ ޒައުލް އާއި ލޮލާލޯ އަމާޒުކޮއްލަން ޖެހިލުންވެފަ އެވެ. އެދެމެދަށް ހުރަސްއަޅަމުން ދިޔައީ ޔޫހާގެ ލަދުވެތިކަމެވެ. ކައިވެންޏަކީ ކޮބާކަން އަދި އެއީ ކިހާ މަތިވެރި ގުޅުމެއްކަން ޔޫހާއަށް އެނގެއެވެ. ޒައުލްގެ އާއިލާގައި ލާއިގާގެ މަގާމަކީ ކޮބައިކަންވެސް ޔޫހާއަށް އެނގެއެވެ. އެހެންނަމަވެސް އޭނަ ހުރީ ޒައުލްގެ ނިންމުމާއިމެދު ހިތްހަމަޖެހިފަ އެވެ. އޭނަގެ އާއިލާއާ ދެކޮޅުވުމަކުން ނޫނެވެ. ޔޫހާ އާއި ކައިވެނިކުރުމަށް ނިންމި ނިންމުމާއިމެދު އެވެ. ދުނިޔޭގެ ބެލުންތަކާއި އެދުނިޔެ އޭނައަށް ކިޔާނެ ލަދުބަސްތަކަށް ބީރުކަންފަތެއް ދިނުމުންނެވެ. ހިތުގައި ޒައުލްއަށްޓަކައި އެތައް އަހަރެއްވަންދެން ޖަހަމުންދިޔަ ވިންދުގެ އަޑުބާރުވެ ކުރިއަށްވުރެ ވެސް އަވަސްވިކަހަލަ އެވެ. ޒައުލް އާއި ޝާއިން ނުކުމެގެން ދިޔަ ދޮރާއި ދިމާލަށް އެނބުރި ހުރި ޔޫހާއަށް ހިލަމެއްވީ ހޭލައިގެން އައި ކިޔާން އޭނަގެ އަތުގައި ހިފާދަމާލުމުންނެވެ.

ހަވީރުގެ ވަގުތެވެ. ޔޫހާ ކިޔާން ގޮވައިގެން ސްކޫލުން ނުކުންނަނީ އެވެ. މިއަދަކީ ސްކޫލް ކުދިންގެ ފޯމުދިން ދުވަހެވެ. ކިޔާން ގަބޫލުކުރާ ގޮތުގައި އޭނައަށްވެސް ލިބުނީ އޭ ރިޕޯޓެކެވެ. އެންމެ މަތީ ދަރަޖައިގައި އޭނަވެސް ވަނީ ފާސްވެފަ އެވެ. އެހެންވެ އާދައިގެ މަތިން ޔޫހާއަށް އޭނަ ގޮވައިގެން ރެސްޓޯރެންޓަކަށް ގޮސް އައިސްކްރީމް ދޭން ޖެހުނެވެ. ކޮންމެ އޭ ރިޕޯޓަކާއިއެކު ކިޔާންއަށް ލިބޭ އެންމެ ފުރަތަމަ ހަދިޔާއަކީ އެއީއެވެ. ދެމައިން ގެއަށް އައިސް ވަދެވުމާއިއެކު ކިޔާން ޔޫހާގެ އަތުގައި އޮތް ރިޕޯޓް ފޯމް ސޯފާގައި އޮތް އަފްލީންއަށް ދެއްކިއެވެ. އަފްލީން ވެސް ކިޔާންގެ ހިތްހަމަޖެހޭވަރަށް ތައުރީފުކުރިއެވެ. ހަމައެއާއިއެކު ކިޔާންއާއި ދިމާކޮށް ރުޅިއަރުވާލަންވެސް އަފްލީން މަސައްކަތްކުރިއެވެ. ޔޫހާ ކިޔާން ރީތިކޮއްލައިގެން ގެއިން ނުކުތީ އަފްލީން އާއިވެސް އެކުގައެވެ.

ތިންމީހުން މާލޭގެ ނަން މަޝްހޫރު ރެސްޓޯރެންޓަކަށް އައިސްވަނެވެ. އަތުރާލާފައި ހުރި މޭޒުތަކުން އެއްފަރާތު ކަނެއްގައި ހުރި މޭޒަކަށް އަފްލީން އިޝާރާތް ކޮށްލުމާއިއެކު އެތަނުގައި އިށިންނަން ޔޫހާ ހިނގައިގަތެވެ. މުޅިތަން ފެންނަނީ ހުސްކޮށެވެ. ގިނަ ބައެއްގެ ދޫތަކުން އެތަނުގެ ނަން ކިޔޭއިރު އެފަދަ ހަމަހިމޭންކަމެއް ތަނަށްވެރިވެފައި އޮތުމަކީ އާންމުކަމެއް ނޫންކަން ޔޫހާއަށް އެނގެއެވެ. އުފާވެރި ވަގުތުކޮޅެއް ޔޫހާ އޭނަގެ އާއިލާ އާއިއެކު ހޭދަކުރަމުންދިޔައެވެ.
"ޔޫހާ، ޒައުލް އާއި މެރީކޮއްގެން އޭނަގެ ގެއަށް ނުދައްޗޭ، އޭރުން އަހަރެން ވަރަށް ފޫހިވާނެ، ގޭގަ މީރު ކާއެއްޗެއް ހަދާދޭނެ މީހަކުވެސް ނުހުންނާނެ..." އަފްލީން ވާހަކަދެއްކި އެވެ.
"ދޮންބެ ކައިރީ ބުނާނީ ކައްކާ މީހަކު ހޯދަން، އޭރުން ރަނގަޅުވާނެއެއްނު" ޔޫހާ ސަމާސާ ރާގެއްގައި ބުނެލި އެވެ.
"ދެން ޔޫހާ، ޕްލީޒް، ކައްކާ މީހަކު ނުލިބިގެންނެއްނޫނޭ މިއުޅެނީ، ވާހަކައެއް ބުނަންތަ، މީ ސިއްރެއް އެނގޭ... އަހަރެން ކުރިން ހީކުރީ ދޮންބެ އާއި ޔޫހާކަމަށް ރައްޓެހިވެގެން އުޅެނީ، ކީއްވެތަ ޔޫހާ ދޮންބެއާއި މެރީ ނުކުރީ، ދޮންބެ ޒައުލްއަށްވުރެ ހުތުރީތަ" އަފްލީން ބުނެލި އެވެ.
"އަފޫ...ޕްލީޒް، މިއަދު އަފޫއަށް ކިހިނެއްވެފަތަ ތިހުރީ، ކާކު ކީކޭ ކިޔައިގެން ތިއުޅެނީ، މީގެކުރިން ތިފަދަ ވާހަކަތަކެއް އަފޫ ނުދައްކާ، ޝާއިންއަކީ ވަރަށް މާތް ރަނގަޅު އަޙުލާގެއް ލިބިފައިވާ ޒުވާނެއް، އޭނަ އަހަންނަށް އެހިވީ ބަދަލުގައި އަހަރެންގެ ފަރާތުން އެއްވެސް އެއްޗަކަށް އެދެން ބޭނުން ނުވާކަމަށް ބުނަމުން، އަދި އަހަރެންވެސް ޝާއިން އާއި ދޭތެރޭ އެފަދަ ނަޒަރަކުން ނުބަލަން، މިހާ ދުވަސްވީއިރު ޝާއިންގެ ހިތުގަ އެފަދަ އިޙްސާސްއެއްވާނަމަ އަހަރެންގެ ގާތު ކޮންމެވެސް ގޮތަކަށް އެކަން ހާމަ ނުކޮށެއް ނުހުންނާނެ، އަފޫ، އަހަންނަށް ހަމައެކަނި ލޯބިވެވުނު މީހަކީ ޒައުލް، އަފޫ އާއި ޝާއިންނާ ބައްދަލު ވެވުމުގެ މާކުރިން ވެސް އަހަންނާ ޒައުލްގެ ގުޅުންވަނީ އުފެދިފަ، އޭގެ ފަހުގަ ކިޔާން މިދުނިޔައަށް އައީ، އަފޫ، ކިޔާން އަހަންނަށް ލިބުނީ ޒައުލްގެ ފަރާތުން، އެއީ ކިޔާންގެ އަސްލު ބައްޕަ... ޒައުލް އަހަންނާ ކައިވެނިކުރަން ބޭނުންވަނީ އެހެންވެ، އަހަންނަށް ކިޔާން ލިބުނީ ޒައުލް އާއި ކައިވެނި ކޮއްގެންނެއް ނޫން، އަފޫއަށް ވެސް އެނގޭނެ އެހެންލިބޭ ކުދިންނަށް މީހުން ކިޔާއެއްޗެހި..." ޔޫހާގެ ވާހަކަތަށް ނިމުންއިރު އަފްލީން އިނީ ބުނާނެ އެއްޗެއް ނޭނގިފަ އެވެ. ކުރިންވެސް އޭނައަށް ކިޔާންއަކީ ބައްޕަނެތް ކުއްޖެއްކަން އެނގެއެވެ. އެކަމަކު އެއީ ޔޫހާ އާއި ޒައުލްގެ ގުޅުމަށް ލިބުނު ކުއްޖެއްކަމެއް ނޭނގެއެވެ. އޭނައަށް ޔޫހާ ޒައުލްއާއި ގުޅުން އެހާ މުހިއްމުވަނީ ކީއްވެކަން ވިސްނުނީ ދެނެވެ.
"ސޮރީ..." އަފްލީންއަށް ބުނެލެވުނެވެ.
"އެއީ އެވަރު ކަމެއްނޫން، އާއިލާ މީހުންނަށް ހުރިހާކަމެއް އެނގެންވެސްވާނެތާ ދޯ، މިހާދުވަހު އަފޫއަކީ ކުޑަކުއްޖެއްކަމަށް ދެކި މިހުރިހާ ވާހަކައެއް އަފޫއަށް އަޑުއަހަން އުނދަގޫވާނެއޭ ހިތާ ނުދައްކާ ހުރީ..." މިހެންބުނެ މޭޒުމަތީގައި އޮތް އަފްލީންގެ އަތްތިލާގައި ޔޫހާ ފިރުމާލަމުން ހިނިތުންވެލި އެވެ.
"އާއިލާއޭ ބުނީމަ ހަމަ ސުވާލު އުފެދުނީ، ޔޫހާގެ އަސްލު ފެމެލީ ކޮބާތަ، މަންމަމެން ދުނިޔޭގައި ނެތީތަ، ދުވަހަކުވެސް ޔޫހާގެ އާއިލާ މީހުންނާ ވާހަކ ަދައްކާ ތަނެއް އަހަރެން ނުދެކެން" އަފްލީން ސުވާލުކުރިއެވެ. ޔޫހާ އޭނަގެ އާއިލާ އާއި ބެހޭގޮތުން ވެސް އަފްލީނަށް ކިޔާދިނެވެ. އެކަކު އަނެކަކުގެ ވާހަކައަށް ދެވިފައިވާ ސަމާލުކަމާއިއެކު މޭޒުގެ ކައިރީގައި މީހަކު އައިސް ހުއްޓިލުމާއިއެކު ދެމީހުންނަށްވެސް މޭޒުމަތިން އަތްނެނގުމަށްފަހު ފަހަތަށް ޖެހެލެވުނީ ވެއިޓަރު މީހާކަމަށް ހީކޮށެވެ. މޭޒުމަތީގައި އޭނަގެނައި ތަށިތައް ބެހެއްޓުމަށް ތަންދެއްކުމުގެ ގޮތުންނެވެ.
"އައިސް ކްރީމް ބޭބެ..." މޭޒުމަތީ އޮތް ސަމްސަލާއި އޫނަގައިގެން ކުޅެންއިން ކިޔާން ކުއްލިއަކަށް ބުނެލިއެވެ. އެއާއިއެކު ޔޫހާ އާއި އަފްލީނާ ދެމީހުންނަށް އެމީހުންގެ ގާތުގައި ހުރި މީހާއަށް ބަލާލެވުނެވެ.
"އަޔާ...މިތާ..." ހިނިއައިސްފައި ޔޫހާއަށް ކައިރީގައި ހުރި އައްޔަދުއަށް ބަލާލަމުން ބުނެލެވުނެވެ. އަފްލީން އެސްފިޔަ ޖަހާލުމެއްނެތި އައްޔަދުއަށް ބަލަމުންދިޔަ އެވެ. މީގެ ކުރިން އެފަދަ ޒުވާނެއް އަފްލީން ނުދެކެއެވެ. މިޒަމާނުގެ ހެދުން އެޅުމާއި އަތުގައި އޮތް ފަހުގެ ފޯނު އަފްލީންގެ ލޮލުގައި އަޅައިގަތެވެ.
"ކޮފީއެއް ބޯލަންވެގެން މިތަނަށްވަނީ، މިތާ ކައިރީގަ ބައްޕަ ހުޅުވަން އުޅޭ ހޮޓެލް ހުންނަނީ، ނަސީބެއްނު ވަދެވުނުކަން... އެހެންނޫނީ ޔޫހާ އާއި ބައްދަލެއް ނުވީހެއްނު، ހެލޯ ކިޔާން، މަމީއާއިއެކު އައިސް ކްރީމް ބޯންތަ ތިއައީ" އައްޔަދު ހިނިއައިސްފައި ވާހަކަދެއްކި އެވެ. އޭނައަށް އެތަނުގައި އިން އަފްލީން ނުފެންނަ ފަދައެވެ.
"މިއަދު ކިޔާންއަށް އޭ ރިޕޯޓް ލިބުނީނު، މަންމަގެ ދަރިފުޅަށް އެއްވަނަ ލިބުނީ ދޯ" ކިޔާން ހިނިއައިސްފައި ބޯޖަހާލިތަން ފެނުމާއިއެކު ޔޫހާ ބުނެލިއެވެ.
"އަހަރެން ޔޫހާމެން ކައިރީ މިތާ އިށީނަސް އެންމެ ރަނގަޅުތަ" އައްޔަދު އިސްނަގާ އަހާލިއެވެ. ޔޫހާ ވަކިއެއްޗެއް ނުބުނެ ބަލާލީ އަފްލީންއަށެވެ. އޭނަ ދެކޮނޑުއަރުވާލުމާއިއެކު ހަދާލި ގޮތުން އޭނަގެ އެއްވެސް މައްސަލައެއް ނެތްކަން ޔޫހާއަށް އެނގުނެވެ. އައްޔަދުއަށް ޖަވާބެއް ނުލިބެނިސް ޔޫހާމެން ތިބި މޭޒުދޮށުގައި ހުރި ހުސްގޮނޑީގައި އޭނަ އިށީނދެއްޖެ އެވެ.
"އަޔާ، މީ އަފްލީން، އަހަރެންގެ ކޮއްކޮއެއް، އަފްލީން މީ އައްޔަދު، ޖަސްޓް އަ ފްރެންޑް" ހިނި އައިސްފައި އިނދެ ޔޫހާ ބުނެލިއެވެ.
"މަންމަގެ ހާލު ކިހިނެއްތަ" ޔޫހާ ޒަރާނާގެ ހާލު އޮޅުންފިލުވާލި އެވެ.
"މަންމަ އެހި ދެން ޔޫހާ ނާންނާނެހޯ އަހަރުމެން ގެއަށް، ދެން އަހަރެން ބުނިން ޔޫހާ ވަރަށް ފޮނިވާނެއޭ، އޭނަ ގޭގެއަކަށް ނުދާނެ..." އައްޔަދު ޔޫހާ އާއި ދިމާކޮއްލި އެވެ.
"އަޔާ މަންމަ ގާތު ހަމަ އެހެންތަ ބުނީ... އަހަރެން ފޮނިތަ، އަޔާ ބުނީމަ ގެއަށްވެސް ދިޔައިން" ޔޫހާ ބުނެލި އެވެ. އައްޔަދު އާއި ޔޫހާ ގިނަ ވާހަކަތަކެއް ދައްކަމުންދިޔައެއްކަމަކު އަފްލީންގެ ސަމާލުކަންވަނީ އައްޔަދުއަށް ހުއްޓިފައެވެ. އޭނަގެ ހިތުގައި ބަޔާންކުރަންދަތި އިޙްސާސްތަކެއް އުފެދެމުންދިޔައީތީ އެކަމާ ހައިރާންވެފައި އިނެވެ. ޖަވާބެއް ނެތް ސުވާލެއްފަދައިންނެވެ.
"އަފްލީން ދޯ ކިޔަނީ... ކީއްވެތަ ޔޫހާ ގެއިން ބޭރަށް ނުކުންނަން އެހާ ބިރުގަންނަނީ" އައްޔަދު އަފްލީންއަށް ގޮވާލުމުން ވެސް އޭނަގެ ޚަބަރެއްނުވުމުން އަތުގައި ކޮއްޓާލާފައި ބުނެލި އެވެ.
"ވެދާނެ މެރީކުރަން އުޅޭތީކަމަށް" އަފްލީންގެ ހިތަށް އެންމެ ފުރަތަމަވެސް އެރިގޮތަށް ބުނެލެވުނެވެ.
"ސީރިއަސްކޮށް، ޔޫހާ މެރީ ކުރަނީތަ؟ ނުވެސް ބުނަމެއްނު..." އައްޔަދުއަށް ލިބުނު ހައިރާންކަމާއިއެކު ބުނެލެވުނެވެ.
"ހޫމް، ނުބުނާކަށް ނޫނޭ، އޭގެފަހުން އަދި އަޔާ އާއި ދިމަލެއްވެސް ނުވެއެއްނު، ފަހުން ގުޅާލާފަ ބުނަންވެގެން ހުރީ" ޔޫހާ ދޮގެއް ހަދާލިއެވެ.
"އަހަންނަށް ޔަގީން ޔޫހާ އަމިއްލައަށް ފެނިގެން ނުގުޅާނެކަން، އަފްލީން ޔޫއާ ގްރޭޓް، އެކަމަކު ތިދިނީ ވަރަށް ޝޮކިން ޚަބަރެއް..." އައްޔަދު އަފްލީންގެ ކޮނޑުގައި ޖަހާލަމުންބުނެލި އެވެ.

ރެސްޓޯރެންޓުން ނުކުތީ ތިން މީހުންއެކީގައެވެ. އައްޔަދު ޔޫހާއަށް ފަހުން ގުޅާނަން ކަމުގައި ބުނީ އޭނަ ކުރަން އުޅޭ ކައިވެންޏާމެދު ސުވާލުކުރަން ބޭނުން ވެގެންނެވެ. އަފްލީން އާއި ސަލާމްކޮށްލަމުން ކިޔާން އުރާލިއެވެ. އަދި އޭރިޕޯޓް ލިބުނީމަ އިނާމެއް އޮންނާނެއޭ ބުންޏެވެ. އެކަމަކު އިނާމު ބަލާ މަންމަ އާއިއެކު އެގެއަށް އައުމަށް އައްޔަދު ކިޔާން ގާތު ބުންޏެވެ. އެއާއިއެކު ހަމައެވަގުތު ކިޔާން ޔޫހާގެ ގާތުން އައްޔަދުމެންގެއަށް ދިއުމަށް އެދެން ފެށިއެވެ. ހިތުގައި ކަންތައްތަކެއް ފޮރުވައިގެން ހުންނަފަދަ ގޮތަކަށް ހިނިތުންވެލައިގެން ހުރި އަފްލީން ވެސް ޔޫހާގެ ކޮނޑުގައި އަތްއަޅުވާލަމުން އެދުނީ ކިޔާންއަށްޓަކައި އައްޔަދުމެންގެއަށް ދިއުމަށެވެ. ޔޫހާ އައްޔަދުއަށް ބަލާލަމުން ދެލޯ ކުޑަކޮއްލާފައި އާއެކޭ ބުނެލިއެވެ. އައްޔަދު ބާރު ހިނިގަނޑެއް ޖަހާލަމުން އޭނައަށް ލިބުނު ކުރިއެރުމެއްކަމުގައި ދެކި ފޯނު ނަގާ އޭނަގެ މަންމައަށް ގުޅާލި އެވެ.

"ހީޒް ނައިސް..." އަފްލީން ޔޫހާގެ ކަންފަތްދޮށުގައި ސިއްރުން ބުނެލިއެވެ. ޔޫހާގެ މޫނަށް ވައްތަރެއް ޖައްސާލަމުން އަފްލީން ފެށީ ހޭށެވެ. އޭނަ ހުރީ އައްޔަދު އާއި ބެހޭގޮތުން އިތުރަށް އެނގެން ބޭނުންވެފަ އެވެ.

ކޮމެންޓް 0