ލުއިލުއި ހީނލުމަކާއިއެކު ޔޫހާ ޒައުލް އާއި ދުރަށް ހިނގައިގަތެވެ. އޭނައަށް ނޭނގި ޒައުލްވަނީ ވަރަށް ގިނަ ކަންތައްތައް ރާވާލާފަ އެވެ. ކައިވެނި ކުރަން ހަމަޖެހުނު ދުވަހުގެ ކުރިން ޒައުލްވަނީ ޔޫހާ ގޮވައިގެން މާލޭގެ އެކިއެކި ފިހާރަތަކަށް ގޮސް ޔޫހާ އާއި ކިޔާންއަށް ބޭނުންވާނެ އެއްޗެހި ގަނެފައެވެ. އެދުވަހު އެކަމާ ސުވާލު ކުރުމުން ސަބަބެއްކަމުގައި ބުނީ، ކައިވެނިކޮއްގެން ޒައުލްގެ ކައިރީ އުޅެން އަޅަންވާއިރަށް ޔޫހާގެ އަތުގަ އާއި ކިޔާންގެ އަތުގައި ހުންނަން ބޭނުންވަނީ މުޅިން އާ އެއްޗެހި ކަމަށެވެ. އެހެންނަމަވެސް މިރޭ ޔޫހާއަށް ޒައުލް ޕެކުކޮށް ތައްޔާރުކޮއްފައި ހުރި ބޮޑު ފޮށި ފެނުމުން އެދުވަހު އޭނަ ދެއްކި ބަހަނާއަކީ ޔޫހާ އިތުރަށް ސުވާލުކޮއްފާނެތީ ބުނެލިއެއްޗެއް ކަން ޔަގީންވި އެވެ. ފޮށި ހުޅުވުމުގެ ބަދަލުގައި އެފޮށި ހިފައިގެން ޒައުލް އެއުޅެނީ ޔޫހާ އާއި ކިޔާން ގޮވައިގެން އެތަނުން ދާށެވެ. ދަނީ ކޮންތާކަށްކަން ނޭނގުނަސް ޔޫހާ ޒައުލްއަށް އިތުބާރުކުރި އެވެ.
"ކިޔާންއަށް ނިދިފައެއްނު އެއޮތީ... އޭނަ އެހާ ފަސޭހައިން ހެއެއްވެސް ނުލާނެ" ޒައުލް ނިދިފައި އޮތް ކިޔާން ނަގަން އުޅެން ފެށުމުން ޔޫހާ ބުނެލި އެވެ.
"ހޫމް، ފަސޭހައިން ހޭނުލަންޏާ މާ ރަނގަޅެއްނު، އޭރުން އަހަރުމެން ދާތަނަކަށް ދާފަހުންތާ ކިޔާންއަށް އެނގޭނީ... ޔޫހާ... އެނދު ކައިރީ ހުރި ކަބަޑުގެ ތެރޭން ކުޑަ ރަޖައެއްގެނޭ، އެނދުމަތީ ބަހައްޓާފަ ހުރި ދަބަހުގެ ތެރޭގަ ހުންނާނެ ކިޔާން ލައްވަން ހޯދާފަ ހުރި ޖެކެޓުތަކުން ޖެކެޓް ވެސް، އެވެސް ގެނޭ، ފަހަރެއްގަ ކިޔާންއަށް ފިނިވެދާނެ" ޒައުލްއަށް ދާން ހަމަޖެހިފައިވާ ތަން އެނގޭތީވެ ކުރީބައިގައި ސަމާލުވާންވީ ކަންތައްތައް ވެސް އޭނަ ޔޫހައަށް އަންގާލި އެވެ.

ދަންވާ ވަރަކަށް ޕާކްވިއު ހޮޓެލްގެތެރެއަށް ވެރިވަމުންދިޔަ ހަމަހިމޭންކަން އިތުރުވެގެންދިޔައެވެ. ދޭއްޖަހަން ކައިރިވެފައިވަނިކޮށް ޒައުލްގެ ކޮޓަރީގައި މީހަކު ޓަކި ޖަހާލުމާއިއެކު ވަނުމަށް ޒައުލް ބުނެލި އެވެ. އެތެރެއަށް ވަދެގެން އައި ޖަމާލު ފެނުމުން ޒައުލް ފޮށި ދައްކާލި އެވެ. އަދި އެއާއިއެކު ގެންދާ އޭނަގެ ދަބަސް ވެސް ދައްކާލި އެވެ. ޖަމާލްގެ ފަހަތުން ޒައުލް އާއި ޔޫހާ ކޮޓަރިން ނުކުތެވެ. ކޮޓަރި ތަޅު ލުމަށްފަހު ޔޫހާގެ އަތުގެތެރޭ ނިދާފައި އޮތް ކިޔާން ޒައުލް އުރާލި އެވެ. އަދި ޔޫހާގެ އުނަގަނޑުގައި ހިފާ ގާތްކޮއްލައިގެން ހުރެ ހޮޓެލްގެ ލިފްޓަށް އެރިއެވެ.
ޕާކްވިއު ހޮޓެލްގެ ލޮބީއިން ނުކުމެގެން ދިޔައިރު އެތަނުގައި ޑިއުޓީއަށް ތިބި ހުރިހާ ސްޓާފުންނަށް ވަނީ ވަރަށް ބޮޑު ހައިރާންކަމެއް ވެރިވެފަ އެވެ. ޔޫހާ އިސްޖަހާލައިގެން ހުރެ ޒައުލް އާއިއެކު ހޮޓެލްގެ ބޭރަށް ނުކުތެވެ. އެދެމީހުން ފެންނަ ކޮންމެ މީހަކަށްވެސް އެދެމެދުގައިވަނީ އާދައިގެ ގުޅުމެއް ނޫންކަން އެނގޭހާވެ އެވެ. ޒައުލްގެ ކާރުގެ ދޮރުފަތް ޖަމާލް ހުޅުވާލަ ދިނުމާއިއެކު ޔޫހާ ކާރަށް އެރިއެވެ. އޭނައަށް އެފަދަ ކަންތައްތަކުން އުނދަގޫވި އެވެ. އިއްޒަތާ އަރާމުގައި ދިރިއުޅުމަކީ ޒައުލް އާއި ހިލާފަށް އޭނައަށް އަދި ވަރަށް އާކަމެކެވެ. އޭނަ އާއިއެކު ކާރަށް އެރި ޒައުލް ހަމަޖެހިލުމާއިއެކު އަތުގެ ތެރޭ ކިޔާން ހަމަޖައްސާލި އެވެ.

އެއްނަންބަރު ފާލަން ކައިރީގައި އޮތް ލޯންޗަކަށް ޒައުލް އާއިއެކު ޔޫހާ އެރިއެވެ. ގިނައިރެއްނުވެ ލޯންޗު މަޑުކޮއްލީ ބޮޑު ޔޮޓެއްގެ ކައިރީގައެވެ. އޭގައި އުޅުނު މީހުން ޒައުލް އާއި ޔޫހާގެ ހިދުމަތުގައި އަވަސްވެގަތެވެ. ތަނަވަސް ކޮޓަރިތަކަކާއިއެކު ވާ އެޔޮޓުގައި ހުރިހާ ކަމެއްވެސް ވަނީ ވަރަށް ފުރިހަމައަށެވެ.

"ހަނދާންވޭތަ..." ޔޮޓުގެ ކެބިންނެއްގައި ކިޔާން ބާއްވާލަފައި ޔޫހާ ގޮވައިގެން ލޯންޗުގެ ދެވަނަ ޑެކަށް އަރާ ވަށައިގެން ހަރުކޮއްފައި ހުރި ރެއިލިންގައި އަތްއަޅުވާލަމުން ޒައުލް އަހާލިއެވެ. އެވަގުތު ޔޫހާގެ މޫނަށް ލަދުވެތިކަން ވެރިވެގެންދިޔަތަން ފެނުނެވެ. ކުރިއަށްވުރެވެސް ބޮޑަށް އިސްޖަހާލުމާއިއެކު ބާރު ސްޕީޑުގައި ދުވާ ޔޮޓުގެ ސަބަބުން ލޮނުގަނޑަށް އަންނަމުންދާ ބާނިތަކަށް ބަލަހައްޓައިގެން ހުއްޓެވެ. އޭނައަށް ޒައުލް ހަނދާންއެކޮއްދެނީ ކޮންކަމެއްކަން އެނގެއެވެ. ޒައުލް އެއްއަތުން ރެއިލިންގައި ހިފަހައްޓާލައިގެން ހުރެ އަނެއ ްއަތުން ޔޫހާ ގެނެސް ހަށިގަނޑާއި ގާތްކޮއްލީ އެދެމެދުން އަލިކޮޅެއްހާ ހިސާބުވެސް ފާޅުވެގެން ނުދާނެހާ ގާތަށެވެ.
"އެރޭ އަހަންނަށް ޔޫހާ އާއިއެކު އެފަދަ ދަރަޖައަކަށް ދެވުނީ ކީއްވެކަން މިހާރު އެނގި ޔަގީންވެއްޖެ، އޭރުވެސް އަހަންނަށް ޔޫހާ ވަރަށް ޚާއްޞަ، އޭރަށްވުރެ މިހާރު އަދި މާޚާއްޞަ، ޔޫހާއަކީ އަހަރެންގެ ހަޔާތުގަ ލިބުނު އެންމެ ބޮޑު ހިތްހަމަޖެހުންކަން އެނގޭތަ" ޒައުލް ޔޫހާގެ ކަންފަތުގައި ތުންފަތް ޖެހޭ ނުޖެހޭހާ މޫނު ކައިރިކޮއްލައިގެން ހުރެ ވާހަކަދެއްކި އެވެ. ޔޫހާއަށް ޒައުލްގެ މޭގައި ޖައްސާލެވިފައި ހުރި އަތުން ޓީޝާޓު ގައި ބާރަށް ހިފާލެވުމާއިއެކު އެއަތުގެ ތެރެއަށް ބޮނޑިކޮއްލެވުނެވެ. 
އެރޭގެ ބާކީ އޮތްބައި ހޭދަވެގެން ދިޔައީވެސް އެފަދަ ގޮތަކަށެވެ. ދެމީހުންނަށް ޚާއްޞަކުރެވިފައި ހުރި ކެބިންގައި ޒައުލްގެ އަތުގެތެރޭގައި ޔޫހާ އޮއްވައެވެ. ލޯބީގެ އުފާވެރި ދާނެއްގަ އެވެ. ދެހަށިގަނޑުގެ މީރުކަމާއި އަރާމު އިޙްސާސް ކުރަމުންނެވެ. ދުނިޔޭގެ ހުރިހާ ލައްޒަތެއް އެދެމަފިރިންނަށް ހާސިލުވެފައިވާ ކަހަލަ އެވެ. ވަރުބަލިކަމުގެ ނިދީގައި ދެމަފިރިންވަނިކޮއް ޔޫހާއަށް ހޭލެވުނީ ކިޔާންގެ ރުއިމުގެ އަޑަށެވެ. ޔޫހާއަށް ދެލޯ ހުޅުވާލެވުމާއިއެކު ފުންމައިގެން ތެދުވެވުނެވެ. އަވަސް އަވަހަށް ނަޒަރު ހިންގާލެވުނީ އެނދު ކައިރިއަށް އުކާލެވިފައިވި ދެމީހުންގެ އަންނައުނު ތަކުގެ ތެރެއިން އޭނަގެ އެއްޗެހި ވަކިކޮއްލުމަށެވެ. އަދި ހަށިގަނޑު ނިވާކޮއްލައިގެން އެއްއަތުން ބެޑްޝީޓުގައި ހިފަހައްޓާލައިގެން އިނދެ އަނެއްއަތުން ބަންޑުން ނިދިފައިއޮތް ޒައުލްއަށް ގޮވަންފެށިއެވެ.
"ޔޫހާ..." ޔޫހާ ގޮވަން ފެށުމުން ކަންނެތްކަމާއިއެކު ޒައުލް ބުނެލިއެވެ.
"ކިޔާން، ޒައުލް.. ކިޔާން ދޮރުމަތީގަ، ރޮނިއްޔޭ، ހޭލަބަލަ.." ޔޫހާ އަނެއްކާވެސް ޒައުލްގެ އަތުގައި އަޅާ ކޮއްޕާލިއެވެ. ޒައުލް މޯޅިއަކަށް ދެމިލުމާއިއެކު ތެދުވިއެވެ. ޔޫހާ އަވަސް އަވަހަށް އޭނަ ރޭގައި ލައިގެން ހުރި އެއްޗެހި ލުމަށްފަހު ފައިކައިރީގައި އޮތް ޒައުލްގެ ސޯޓު ނަގާ އޭނަ އާއި ދިމާލަށް އެއްލިއެވެ. ބޮލުގައި އެޅުނު ސޯޓުގައި ހިފާ ދަމައިގަންނަމުން ކޮނޑު މައްޗަށް އެއްލާފައި ޒައުލް ތެދުވެ އެކެބިންގައި ހުރި ކުޑަ ފާހާނާއަށްވަނެވެ. ޔޫހާ ދެން އަވަސްވެ ގަތީ ދޮރުހުޅުވުމަށެވެ.
"މަންމީ..." ކިޔާން ޔޫހާގެ ގައިގާ އޮޅުލައިގަތެވެ. އަދި ޔޫހާ ފެނުމުން ކުރިއަށްވުރެ ބޮޑަށް ރޮވުނީ އެވެ. ޔޫހާ ކިޔާން އުރާލުމަށްފަހު ދަރިފުޅު މަސަލަސް ކުރުމަށްޓަކައި ވާހަކަ ދައްކަންފެށި އެވެ. ޔޮޓުގެ ދުވެލި ހުއްޓުމަކަށް އައިސްފައިވާކަން ޔޫހާއަށް އިޙްސާސްވީ އެވަގުތުއެވެ. އޭނަ ކިޔާން އުރާލައިގެން މަޑުމަޑުން ޑެކަށް ނުކުތްއިރު ދުރަށް ފެތުރިފައިވާ ބޮޑު މަޑ ުނޫކުލައިގެ ފަޅާއިއެކު ރަށެއްގެ މަލަމަތި ފެންނަން އޮތެވެ. ދުވާލުގެ އަލިކަމުގައި ކުރިމަތިން ފެންނަން އޮތް ރަށުގެ ފެހިކަމާއިއެކު ރަށުގެ ބޮޑުފަޅުގެ ނަލަކަން ވަރަށްވެސް ހިތްގައިމެވެ. ލޮނުގަޑުގައި އުފެދޭ ކުދިކުދި ބާނިތަކުގައި ވިދުމެއް އެކުލެވިފައި ހުއްޓެވެ. ޔޫހާއަށް އޭނަގެ ދަރިފުޅުގެ ގައިގާ ބާރަށް ބައްދާލެވުނެވެ. ވަގުތުން މޫނުމަތީގެ ކުލަފަނޑުވެ މީހާއަށް ހާސްކަން ލިބިގެންދިޔައެވެ. އެވަގުތު ޔޮޓުގެ މީހަކު އައިސް ޔޫހާގެ ގާތުގައި މަޑުކޮއްލުމާއިއެކު ހެނދުނުގެ ނާސްތާ ތައްޔާރު ކުރަންވީތޯ އަހާލި އެވެ. ޔޫހާ އެމީހާ ބުނ ިއެއްޗަކަށްވެސް އެއްވެސް ފަރުވާލެއް ބެހެއްޓުމެއްނެތި ޒައުލްގެ ކައިރިއަށް ދިއުމަށް އަވަސްވެގަތެވެ.
"މީތަ ޒައުލްއަށް އަންނަން އެނގުނު ތަނަކީ" ޔޫހާގެ އަޑުގައިވި ހިތްހަމަ ނުޖެހުން ޒައުލްއަށް ފާހަގަވި އެވެ. ކިޔާން ހައިރާން ކަމާއިއެކު ޔޫހާގެ މޫނަށް ބަލަހައްޓައިގެން އިނީ ވާނުވާނޭނގިފަ އިންހެނެވެ.
"އައްދޭ، ބައްޕަގެ ޕްރިންސް ހޭލާތަ މިއުޅެނީ... ސައި ބޮއެފިންތަ" ޒައުލް ޔޫހާގެ ވާހަކައަށް ސަމާލުކަން ދިނުމުގެ ބަދަލުގައި ކިޔާން އާއި ވާހަކަ ދެއްކިއެވެ.
"ޑެޑީގެ ބޯޓެއްތަ މީ، ހުރިހާ ކުދިން ޕިކްނިކް އައީތަ" ކިޔާން އަވަސް އަވަހަށް ޒައުލްއަށް އަތް ދިއްކޮއްލުމާއިއެކު ބުނެލި އެވެ.
"ހޫމް، ޑެޑީގެ ބޯޓެއް މީ، ދަރިފުޅު ދާންވީނު މިތާ ބޯޓުގަ އުޅޭ ބޭބެއަކާއިއެކު ބޯޓު ބަލާލަން ދޯ" ޒައުލް ކިޔާން އުރާލުމާއިއެކު އެކުއްޖާގެ ނިތުގައި ބޮސްދީފައި ބުނެލި އެވެ. ކިޔާން އަވަސް އަވަހަށް ބޯޖަހާލި އެވެ. އެއާއިއެކު ޒައުލް ކޮޓަރިން ބޭރަށް ބޯދިއްކޮއްލާފައި ޔޮޓުގައި އުޅުނު އަޒީއަށް ގޮވާލި އެވެ. އަދި ކިޔާން އޭނަގެ އަތަށް ދެމުން ކިރުޕެކެޓެއް ކިޔާންއަށް ދީފައި ޔޮޓުގެ ތަންތަން ދައްކާލުމަށް ބުންޏެވެ. ޒައުލް ކިޔާންއަށް ބަލައިގެން އުޅުމަށް އަޒީގެ ގާތު ދެ ތިންފަހަރަށް ބުނެލިއެވެ. އަޒީ ކިޔާން އުރާލައިގެން ނުކުތުމާއިއެކު ކެބިންގެ ދޮރުލައްޕާލާފައި ޒައުލް ޔޫހާ ގެނެސް އެނދުގައި ބައިންދަމުން ވާހަކަ ދެއްކި އެވެ.
"ޔޫހާ، އަހަންނަށް މާފަށް އެދުމުގެ ފުރުޞަތު ދޭކަށް ބޭނުމެއްނޫންތަ، އަހަރެން ޔޫހާ އާއި ކައިވެނި ކުރިޔަސް އޭގެ މާނައަކީ އަހަރެން ޔޫހާގެ އާއިލާ އާއި ބައްދަލު ކުރަން ބޭނުންނުވަނިއްޔޭ ނޫން، އަހަރެން ޔޫހާގެ މަންމަ އާއި ބައްދަލު ކުރަން ބޭނުން، ޔޫހާ ރުޅި ނާދެބަލަ، މައްސަލަ އިތުރަށް ގޯސްވާނަމަ އަހަރެން ޔޫހާ ގޮވައިގެން ވަގުތުން ރަށުން ފުރާނަން... އެގޮތް އެންމެ ރަނގަޅެއްނު" ޒައުލް ބުނެލިއެވެ. ޔޫހާ އިރުކޮޅަކު ބަހެއް ނުބުނެ ވިސްނަން އިނދެފައި ޒައުލްގެ މޭގައި ލައްވެލިއެވެ. ޒައުލް ޔޫހާގެ ކޮނޑުގައި ހިފާ ކައިރިކޮއްލަމުން ކިހިނެއްތޯ ވީ ސުވާލުކުރި އެވެ.
"އެރަށަށް އަރާކަށް ނުކެރޭނެ، މާލެ އައީ ދުވަހަކުވެސް އެނބުރި ރަށަށް ނުދާން ނިންމައިގެން، ކޮންމެ ހާލެއްގަ އުޅެންޖެހުނަސް" ޔޫހާގެ އަޑުގައިވި ރުޅިވެރިކަން ބަދަލުވެއްޖ ެއެވެ.
"މިހާރު އޭގެ ފަހުން ކިތައް އަހަރުވެއްޖެ، މިހާރު ޔޫހާ އެކަނިވާކަށް ނުޖެހޭނެ، މީހަކަށް އެއްޗެއް ބުނާކަށް ނުކެރޭނެ" ޒައުލް ޔޫހާއަށް ހިތްވަރުދިނެވެ.
"ނޫން، އެމީހުން ބަދަލެއް ނުވާނެ، މަންމަ ބަދަލެއް ނުވާނެ... މަންމަ ބޭނުމެއ ްނުވާނެ އަހަރެން ދެކޭކަށް، ކިޔާން ދެކޭކަށް..." ޔޫހާ ޒައުލްގެ ކަރުގައި އަތްއަޅުވާލުމާއިއެކު ބައްދާލި އެވެ. އޭނަގެ ހިތްބިރުގަންނަނީ އެވެ.
ހެނދުނުގެ ސައި ޒައުލް އާއި ޔޫހާ ބޮއެ ނިމިނު އިރު ދިހައެއްޖަހާ ބޮޑުވެއްޖެ އެވެ. ހާސްވެކަންބޮޑުވެފައި ހުރެވެސް ޔޫހާ ތައްޔާރުވަމުންދިޔައީ ޒައުލްގެ އެދުމަށް ރަށަށް އެރުމަށެވެ. ހުރިހާ ސާމާނެއް ތައްޔާރުކޮއްލެވުމާއިއެކު ޔޮޓުގެ ފަހަތުގައި އޮތް ކުޑަކުޑަ ފައިބަރު ލޯންޗަށް އަރާ ހަމަޖެހިލައިފި އެވެ.

އަތިރިމަތީގައި އެއްވެ ތިބި ހުރިހާ އެންމެންގެ ލޯތައް އަމާޒުވެގެންދިޔައީ ޔޫހާމެންގެ ދެމަފިރިންނަށެވެ. އެއްގަަމަށް އަރައިގެން އައިވަރަކަށް ގޭގޭ ބޭރު ފަރުކައިރީ ބަހައްޓާފައި ހުރި އަށިތަކާއި ޖޯލިފަތި ތަކުގައި ތިބި ޒުވާން ކުދިންގެ ބެލުންތައް ޒައުލްއަށް ރައްދުވަމުން ދާކަން ޔޫހާއަށް ފާހަގަކުރެވުނެވެ. ނަމަވެސް ޒައުލްގެ ނަޒަރުވަނީ ކުރިއަށް އޮތް މަގަށް ހުއްޓާލެވިފަ އެވެ. ޒަމާނީ އަވި އައިނާއިއެކު މަޑުމުށިކުލައިގެ ސޯޓަކާއި ތުނިތުނި ހުދު އަތްކުރު ގަމީހުގައި ޒައުލްގެ ހަށިގަނޑު ވަރަށް ވެސް ރީއްޗެވެ. ޔޫހާގެ ހިތަށް ކުޑަނަމަވެސް ހިތަހަމަޖެހުމެއް ލިއްބައިދެމުންދިޔައީ ޒައުލްގެ އެއްބާރުލުމާއި އޭނަގެ ފަރާތުން ލިބެމުންދިޔަ ލޯތްބެވެ.
ރަށަށް މާބޮޑު ބަދަލުތަކެއް އައިސްފައިނެތެވެ. ޒައުލްއަށް ކުރިއަށްދާންވީގޮތް ކިޔާދެމުން ޔޫހާ ދިޔައެވެ. އޭނަ އުޅެ ބޮޑުވި ގޭގެ ދޮރުމައްޗަށް އެރިވަގުތާ ގޯތިތެރޭގައި ހުރި ބަރޯ ހިފައިގެން ޝަފަގު ނުކުތްވަގުތުވީ އެއްވަގުތަކަށެވެ. ކުއްލިއަކަށް ޝަފަގުގެ އަތުން ބަރޯ ދޫވެގެން ވެއްޓި ބިންގަނޑުގައި ޖެހުނު އަޑުއިވުނެވެ. ޝަފަގުއަށް އަޅާފައިހުރި ބުރުގާގެ ކަންގަނޑާއިއެކު ހުޅުވުނު އަނގައިގާ އަތްއަޅާލެވުނެވެ. 
"ކޮންއަޑެއް..." ބަރޯ ވެއްޓުނު އަޑަށް ގޭތެރެގޭ ކޮންމެވެސް ހިސާބަކުން ފަހީމާގެ އަޑުއިވިގެންދިޔައެވެ. ޔޫހާއަށް އެއީ އޭނަގެ މަންމަގެ އަޑުކަން ޔަގީންވެއެވެ.

ކޮމެންޓް 0