އައްޔަދު ފޯނަށް ބަލަހައްޓައިގެން އިރުކޮޅަކު އޮތުމަށްފަހު އެނދުން ތެދުވިއެވެ. އަދި ގަމީސް އަޅުވާފައި ހުރިތަނުން ގަމީސް ނަގާ ގަޔަށް ހެޔޮވަރުކޮއްލުމާއިއެކު ބޭރަށް ދިއުމަށް ތައްޔާރުވެލި އެވެ. ކޮޓަރިން ނުކުމެފަވެސް އައްޔަދު އަނެއްކާ ވަނީ މެންދުރުގެ ވަގުތު ކަމުން ރީތިވާ މޭޒުމަތީގައި އޮތް އަވިއައިނު ބަލައެވެ. ރީތިވާ މޭޒުގައި ހުރި ލޯގަނޑަށް ބަލާލަމުން ލޮލުގައި އަވިއައިނު އަޅާލާފައި އިސްތަށިގަނޑާއި ދެފަހަރަކު ކުޅެލަމުން ކޮޓަރިން ނުކުތެވެ.
"އައްޔަދު، ދަރިފުޅު ކޮންތާކަށް" ފައިވާން ހަރުގަނޑު ރީތި ކުރަން ހުރި ޒަރާނާއަށް އައްޔަދު ފެނުމާއިއެކު އަހާލެވުނެވެ.
"ބައްޕަ ގާތަށް" އައްޔަދު ކުރުކޮށް ބުނެލި އެވެ.
"މަންމަ އާއި ބައްޕަ ދަރިފުޅާއި ވާހަކައެއް ދައްކާލަން އުޅޭތާވެސް މިހާރު ދެދުވަހެއްވަރުވެއްޖެ، މަންމަ ބުނީމަ އަޑު ނޭހިޔަސް އެންމެ ރަނގަޅެއްނު ބައްޕަގެ އަޑު އަހަން، އައްޔަދުއަށް ކުއްލިއަކަށް ތިބަދަލުތަކެއް ތިއައީ ކީއްވެތަ؟" ޒަރާނާ ފައިވަން ހަރުގަނޑުގައި ހުރި ފައިވާނެއް އަތަށް ލައިގެން ހުރެ ވާހަކަ ދެއްކިއެވެ.
"މަންމާ، ޕްލީޒް... މިވަގުތު އަޅުގަނޑު ޔޫހާގެ ވާހަކައެއް ދައްކާކަށް ބޭނުމެެއް ނޫން" އައްޔަދު ބޭނުންނުވާކަން އޭނަ ބުނި ރާގުންވެސް ޒަރާނާއަށް އެނގުނެވެ.
"މަންމަ ނޫޅެމޭ ޔޫހާގެ ވާހަކަ ދައްކާކަށް، އެކަމަކު ކޮންމެހެންވެސް ދަރިފުޅަށް އެނގެން ޖެހޭ ވާހަކައެއް އެއީ، މިރޭ ކާމޭޒު ދޮށުގައި މަޑުކޮއްލަދޭނަން ދޯ، މަންމަވެސް އާދޭސްކޮއްފައޭ މިބުނަނީ" ޒަރާނާ އާދޭހުގެ ރާގެއްގައި ބުނެލި އެވެ. އައްޔަދުއަށް ޒަރާނާ އެދައްކަން އުޅޭ ވާހަކައެއް ނުދެއްކެނީސް ނުހުއްޓާނެކަން އެނގޭތީވެ އެންމެފަހުން އާއެކޭ ބުންޏެވެ. އަދި ގޭން ނުކުމުގެން ހިނގައިގަތެވެ.

ލާއިގާ ޔޫހާ އާއި ދޭތެރޭ ކަންތައްކުރިގޮތް ޒައުލްއަށް އެނގޭ ކަމެއް އޭނައަކަށް ނޭނގެއެވެ. އެހެންވެ އަނެއްކާވެސް ލާއިގާ ޔޫހާއަށް ދިންޗެކާއި އޭނަ ނިންމި ގޮތެއް އޮޅުން ފިލުވުމަށް އެގެއަށް ދިއުމަށް ނިންމިއެވެ. އެކަމަކު މިފަހަރު އޭނަ ދިޔައީ ޖަމާލު އާއިއެކު އެކާރަކު ނޫނެވެ. އެހެންނަމަވެސް މިފަހަރުވެސް އޭނަ ޔޫހާމެންގެއަށް ދިޔައީ ޒައުލްއަށް އަންގާލުމަކާއިނުލަ އެވެ.

ސިޓިން ރޫމު ދޮރުމައްޗަށް މީހަކު އައިސް ހުއްޓުމާއިއެކު ސޯފާގައި ކިޔާން ގޮވައިގެން އިން އަފްލީން ބަލާލިއެވެ. އަދި އުމުރުން ދުވަސްވެފައި ހުރި އަންހެނަކަށްވާތީ އޭނަ އަވަހަށް ތެދުވެ އެމީހާ އައީ ކޮންބޭނުމަކުތޯ އޮޅުންފިލުވަމަށް ދިޔައެވެ.
"ޔޫހާ އެބައުޅޭތަ" ދޮރުމަތި ހުރި ލާއިގާ އަފްލީން ގާތު އަހާލި އެވެ.
"ދުރުވޭ އެތެރެއަށް، އިށިންނަވާ... އަޅުގަނޑު ޔޫހާއަށް މިގޮވާލަނީ" ލާއިގާއަށް ބަލާލުމުން އޭނައަކީ ގަދަރު އުފުލިގެންވާ ބޮޑު މީހެއްހެން އަފްލީނަށް ހީވެ ރީތިކޮށް ވާހަކަ ދެއްކުމަށް މަސައްކަތްކުރި އެވެ. ލާއިގާ ބޮލުގެ އިޝާރާތުން އާއެކޭ ބުނެލާފަ ވެސް ސިޓިން ރޫމަށް ވަދެ ހުރިފިޔަވަޅުމަތީގައި ހުންނަނީ އެވެ. އަފްލީނަށް އެކަން ފާހަގަކުރެވުނު ކަމުގައި ވިޔަސް އޭނަ އަވަސްވެގަތީ ޔޫހާއަށް ގޮވާލުމަށެވެ. ޔޫހާގެ ކޮޓަރިތެރެއަށް ވަދެގެންގޮސް ފާހާނާގެ ދޮރުކައިރީ މަޑުކޮއްލާފައި ދޮރުގައި ޓަކި ޖަހާލަމުން ޔޫހާއަށް ގޮވާލި އެވެ. އޭރު ޔޫހާ އުޅެނީ މެންދުރު ކެއްކުމަށްފަހު ފެންވަރަން ފާހާނާއަށްވަދެ އެވެ.
"ކާކު؟ ކިހިނެއްވީ؟" ޔޫހާ ފާހާނާތެރެއިން ބުނެލި އަޑުއިވުނެވެ.
"އެބަހުރި ޔޫހާ އާއި ބައްދަލުކުރަން މީހަކު އައިސް" އަފްލީން ކޮޓަރިން ބޭރަށް އަޑު ނުނިކުންނަ ވަރަށް މަޑުން ބުންޏެވެ. އެއާއިއެކު ފާހާނައިގައި ހުރި ޔޫހާއަށް އޭނަގެ މޭގައި އަތްޖައްސާލުމާއިއެކު ވައިއަޑުން އައްޔަދުގެ ނަންކިޔާލެވުނެވެ. އޭނައަށް ހީވީ އައްޔަދު އައީ ކަމަށެވެ. ކަންބޮޑުވުމާއި ހާސްކަމާއިއެކު ޔޫހާއަށް ދެ ލޯމަރާލެވުނެވެ. އެވަގުތު އަނެއްކާވެސް އަފްލީންގެ އަޑުއިވުނެވެ.
"ޔޫހާ އެބަހުރިންތަ... މީހަކު ހޯދަން އައިސް އެބަހުއްޓޭ، ކާކުކަމެއް ނޭނގޭ، ފާޑެއްގެ އަންހެނެއް، ހީވަނީ ސްޓާ ޕްލަސްއިން ދައްކާ ޑްރާމާތަކުގައި އުޅޭކަހަލަ ފޭކް މީހެއްހެން... ވަރަށް މުއްސަނދިކަން އެނގޭ، ހަތަރެސްފައި ނެތްއެއްޗެއް ނެތް، ހީވަނީ ރަންއަޅާ ގަހެއްހެން..." އަފްލީން އިތުރު ކޮއްލުމަކާއިއެކު ބުނެލި އެވެ. ޔޫހާއަށް ދެން ލިބިގެންދިޔައީ ކުރިއަށްވުރެވެސް ބޮޑު ހާސްކަމެކެވެ.
"ވަރަށް އަވަހަށް މިނިކުންނަނީ، ބުނޭ މަޑުކޮއްލާށޭ" ޔޫހާ އަފްލީނަށް ޖަވާބެއްދިނެވެ. ޔޫހާ ބުނިގޮތަށް އަފްލީން އެކޮޓަރިން ނުކުމެ ލާއިގާގެ ގާތުގައި ބުންޏެވެ.
"ކުރިއަށްވުރެ އަދި ފޮނިކަމާ ހިތްމަތީގަ އުޅެނީ... އަހަރެން ކައިރީގަ އެބުނީ އޭނަ ނުކުންނަހާ އިރެއްވަންދެން އިންތިޒާރު ކުރަން، ހުއް ހާދަ ފޫއްސެއްވެޔޭ، މިކަމުން ސަލާމަތްވާނީ ކިހިނެއްބާއޭ ހިތަށްއަރާ، ހާދަ ގޮތެއްވެސް އަދިނެތޭ މި އަންހެނާގެ" ސިޓިންރޫމުގައި ގުޑިވެސްނުލާ ކޮޅަށްހުރި ލާއިގާ ހިތާހިތާ ރުޅިވެރިކަމުން ފުރިގެންވި ބަނދިވަރެއް ކިޔަމުންދިޔައެވެ.
ގިނައިރެއްނުވެ ކޮޓަރިން ނުކުމެގެން އައިސް ލާއިގާގެ ކުރިމަތީގައި ޔޫހާ ހުއްޓުނީ ވަރަށް ސާބިތުކަމާއިއެކުއެވެ. ލާއިގާގެ ރުޅިއިތުރަށް ގަދަވި ކަމަކަށް އެކަންވެގެންދިޔައެވެ.
"އަހަރެން ބޭނުން ޔޫހާ އާއި އެކަނި ވާހަކަ ދައްކާލަން" ލާއިގާ ލޯއަޅާލައިގެން ހުންނަ ފާޑަކަށް ޔޫހާއަށް ބަލަހައްޓައިގެން ހުރެ ބުނެލިއެވެ.
"އާދޭ ކޮޓަރިއަށް" މިހެންބުނެ ޔޫހާ އޭނަގެ ކޮޓަރިއަށްވަނެވެ. އަދި އޭނަގެ ފަހަތުން ލާއިގާ އެކޮޓަރިއަށް ވަނުމުން ޔޫހާ ކޮޓަރީގެ ދޮރުލެއްޕި އެވެ. ސިޓިން ރޫމުގައި އިން އަފްލީން ވަރަށް ހުށިޔާރުވާނެކަން އޭނައަށް އެނގޭތީ އެވެ. ޔޫހާ އާއި ލާއިގާ ދައްކާވާހަކަ އެކޮޓަރިން ބޭރުވާން އޭނަ ނޭދޭތީވެސްމެއެވެ.
"އަހަންނަށް ޖަވާބެއް ދޭކަށްނުވޭތަ، އަހަރެން މިއައީ ކަލޭ ނިންމި ގޮތެއް އޮޅުން ފިލުވަން، އަހަރެންގެ ދަރިފުޅު އަނބުރާ ހޯދަންވެގެން މިއައީ... އަހަންނަށް އެނގޭ އޭނަ އަދިވެސް ކަލޭގެ ގާތަށް އަންނަކަން، އަހަންނަކީ ކަންތައްތައް ނޭނގޭވަރުގެ ކުޑަކުއްޖެއް ނޫން، ޒައުލް ކިތަންމެ ކުޅަދާނަޔަސް އަހަރެންގެ ލޮލުގައި އަނދުނެއް ނޭޅުވޭނެ، އަހަންނަށް އެނގޭ އޭނަ އަދިވެސް ގިނަ ވަގުތުތަކެއް ހޭދަކުރަމުންދަނީ މިގޭތެރޭގަ، މި ކޮޓަރިތެރޭގަ ކަލެއާއިއެކުކަން... އެ ޗެކުންވެސް ކަލޭގެ ތިހިތެއް ނުފުރުންތަ، އަހަރެން ނުބުނަންތަ ކަލޭ ކައިރީ ޒައުލް އާއި ބައްދަލު ކުރުން ހުއްޓާލުމަކަށް، ބުނަން، ކަލެއަށް ނޭނގުނަސް އަހަރެންގެ ބާރު ހިނގާ ވަރަށްގިނަ ކޮޅުތައް ހުންނާނެ، އޭރުން ދެން ކަލޭ ޒައުލް އާއި ދުރަށް ދާންޖެހޭގޮތް ވެސް މާހަޑިވާނެ، ކަލޭ ބޭނުންވަނީ ކަލޭގެ ދަރިއާ ވެސް ދުރުގަ ހުންނަންތަ..." ލާއިގާ ޔޫހާއަށް ބިރު ދައްކާ ގޮތަށް ވާހަކަ ބަދަލު ކޮއްލިއެވެ. އޭނައަށް ޔޫހާގެ ބަލިފަޔަކީ ކިޔާންކަން އެނގޭކަހަލަ އެވެ.
"ބުނެވިއްޖެއެއްނު، ދެންހެޔޮ، އިތުރަށް މަގޭ ދަރިފުޅޭ ކިޔައިގެން އެންމެ ލަފްޒެއްވެސް ބުނެގެންނުވާނެ... މިގެއަށް އައުމުގެ ކުރިން އެއްފަހަރު ވިސްނާލިނަމަ، ޒައުލް އަންނަނީ އަހަރެން ބުނެގެނެއް ނޫން، ޒައުލް އާއި ސުވާލުކުރަންވީނު އޭނަ އަހަރެންގެ ގާތަށް އައުން ހުއްޓާ ނުލައިގެން އެއުޅެނީ ކީއްވެތޯ، އޭނަ އަހަންނާ ކައިވެނި ކުރަން ހުރިހާ ދުވަހަކު އަހަރެން މިހުރީ ޒައުލް އާއި ކައިވެނި ކުރާ ގޮތަށް، އަދި ބުނަން، ގަބޫލު ކުރިޔަސް ނުކުރިޔަސް، އަހަރެންގެ ދަރިފުޅުގެ ގައިގަ ހިނގަނީ ޒައުލްގެ ލޭ... އެކަމަށް އަހަރެން ހެއްދެވި ފަރާތްވެސް ހެކިވާނެކަން ޔަގީން... އެއީ ބަދަލު ކުރެވޭނެކަމެއް ވެސް ނޫން، އާން... ކިޔާންއަކީ އަހަންނާ ޒައުލްގެ ދަރިއެއް... ހުއްޓުވެންޏާ ޒައުލް ހުއްޓުވަންވީނު، އަހަރެން ދެން ބޭނުމެއް ނޫން ފަހަތަށް އެންމެ ފިޔަވަޅެއްވެސް އަޅާކަށް، އަހަރުމެން ދެމީހުން ދުރުކުރުވަން ކަމެއް ކުރިޔަސް އެކަންވެސް ވާނީ ބޭކާރު ކަމަކަށް" ޔޫހާ ދެބުމަކައިރި ކޮއްލުމާއިއެކު ދަތްތަކަށް ބާރުލައިގެން ހުރެ ވާހަކަދެއްކި އެވެ. ބާރަށް ހަޅޭލެވުމަކީ އޭނަގެ އުސޫލެއް ނޫންކަމަށްވާތީ ކިތަންމެ ރުޅި އައިސްފައި ހުއްޓެކަމަކުވެސް އޭނަ ވާހަކަ ދެއްކީ މަޑުންނެވެ. ލާއިގާއަށް އިތުރަށް ކެތެއް ނުވިއެވެ. އޭނައަށް ޔޫހާގެ ދަރިއަކީ ޒައުލްގެ ވެސް ދަރިއެއްކަމުގައި ގަބޫލުކުރަން ދަތިވެ ޔޫހާގެ އަނގ މަޑު ކުރުމަށްޓަކައި ދަމާލިއަތުން ޔޫހާގެ ކޯމަތީ އެތިފަހަރެއް ޖަހައިފި އެވެ.
"ހަމަ މިހާރު މިގޭން ނުކުމޭ... އެހެންނޫނީ ޒައުލްއަށް އަހަރެން މިގުޅަނީ، އޭނަ އައީމަ ކަންތައްވާނެ ގޮތް އެނގޭނެ ކަންނޭގެ" ޔޫހާ ދެލޯ ބޮޑުކޮއްލުމާއިއެކު މިހެން ބުނެ ދޮރާދިމާލަށް ޝަހާދަތް އިނގިލި ދިއްކޮލަމުން ލާއިގާ ނުކުތުމަށް އިޝާރާތްކުރި އެވެ. 
"ޒައުލް އާއި ކަލޭގެ ކައިވެނި ކުރެވުނަކަ ނުދޭނަން އަހަރެން ދުނިޔޭގަ ހުރިހާ ދުވަހަކު، ކަލޭވަރުގެ ލަދުހަޔާތް ކުޑަ އަންހެނަކު އަހަންނެއް ނުދެކެން... ކަލޭގެތި ރީތިކަން ވިއްކަން އަހަރެންގެ ދަރި ނޫނީ ނުލިބުނީތަ، ހަނދާންކުރާތި ކަލޭ ޒައުލް އާއި ކައިވެނިކޮއްފިއްޔާ ވެސް ކަލޭގެ ދިރުއުޅުން ނަރަކައަކަށް ހަދާލާނަން... ހަނދާންކުރާތި..." ލާއިގާ ޔޫހާގެ މޫނުގައި ޖެހޭނުޖެހޭ ހިސާބުގައި ޝަހާދަތް އިނގިލި ދިއްކޮއްލައިގެން ހުރެ ބުނެލި އެވެ. ޔޫހާ ދެތިން ފަހަރަށް އެސްފިޔަޖަހާލުމާއިއެކުވެސް ބަހެއް ނުބުނެ ހުރީ ލާއިގާ ނުކުތުމަށް އިޝާރާތްކޮއްލި ގޮތަށެވެ. ލާއިގާ ދެފަރާތައް ބޯހޫރުވާލަމުން ހުއް ކިޔާ މޫނު އަނބުރާލާފައި އަވަސް ހިނގުމުގައި އެކޮޓަރިން ނުކުމެގެން ހިނގައްޖެއެވެ. ކޮޓަރީގެ ދޮރު ލެއްޕުމާއިއެކު ޔޫހާއަށް ހަމަޖެހުމުގެ ނޭވާއެއް ބޭރުކޮއްލެވުނެވެ. އަދި މަޑުމަޑުން ލާއިގާގެ އަތްތިލާގެ ހޫނުކަން އިޙްސާސް ކުރެވިގެންދިޔަ ކޯތާފަތުގައި ފިރުމާލެވުނެވެ. ލާއިގާ އާއި އެފަދަ ގޮތަކަށް މުޚާޠިބު ކުރާކަށް ޔޫހާ ބޭނުމެއް ނޫނެވެ. އެހެންނަމަވެސް މިހާރު އެނޫން ގޮތެއްނެތެވެ. ޒައުލް އޭނަ އާއިއެކު ވާން ބޭނުންވާ ފަދައިން އޭނަވެސް އެގުޅުން ހީނަރުވާކަށް އެއްގޮތަކަށް ވެސް ނޭދެއެވެ. އެކަމަކު އެހެން އެކަން ވިޔަނުދިނުމައްޓަކައި ބަޔަކުތިބިކަން ވެސް އިރުއިރުކޮޅާ ހަނދާންކޮއްދެމުން ދާކަހަލައެވެ. ޔޫހާ ކޮންމެގޮތެއްވެސް ވަރިހަމަކަމަށް ހަދާލަމުން ލިބުނު ކުޑަހިތްވަރާއިއެކު ފޯނު ނަގާ އޭނަގެ އެއްބަނޑު އެއްބަފާ ދައްތައަށް ގުޅިއެވެ. ހަމަ އެވަގުތު ދޮރު ހުޅުވާލާފައި ވަތް މީހަކު ފެނުމާއިއެކު ހީވީ ޔޫހާގެ ހަތަރެސްފައި ގަނޑުވިހެންނެވެ. ރުޅިވެސް އައިއެވެ. އެކަމަކު އެކަން ހާމައެއް ނުކުރެވުނެވެ. މަޑުމަޑުން ފޯނު ކަނޑާލުމާއިއެކު އެކު ދޮރާދިމާލަށް ބަލަހައްޓައިގެން ހުރެވުނީއެވެ.
"ޔޫހާ ޕްލީޒް، އިތުރު ވާހަކައެއް ދެއްކުމުގެ ބަދަލުގައި އަހަރެން ދައްކަން މިއުޅޭ ވާހަކަ އެންމެ ފަހަރު ވިޔަސް އަޑު އަހާލަބަލަ" އައްޔަދު ޔޫހާގެ ކޮޓަރިތެރެއަށް ވަދެގެން އައިސް އޭނަގެ ކުރިމަތީ ހުއްޓުނެވެ. އަދި ޔޫހާގެ ކުރިމަތީ ދެއަތްޖޯޑުކޮއްލަމުން އާދޭސްކުރަންފެށިއެވެ.
"ބުނަން އައްޔަދު ވާހަކައެއް، އަހަންނަކީ ޒައުލްގެ ޙައްޤެއް، އިރާދަ ކުރެއްވިއްޔާ އަހަރުމެން ދެމީހުންގެ ކައިވެނިވެސް ވަރަށް އަވަހަށް ކުރެވިގެންދާނެ، އަހަރެން ބޭނުމެއް ނޫން ޒައުލް ހިތްހަމަ ނުޖެހޭކަމެއް ކުރާކަށް، އަހަރެން ޒައުލް ނޫން މީހަކާ ގުޅޭކަށް ގަސްދެއް ނުކުރަން... އެދުވަހު އެވީކަންތައް މާޒީއަށް ދޫކޮއްލާ، އަހަރެން އިތުރަށް އައްޔަދު އާއި ވާހަކަ ދައްކާކަށް ބޭނުމެއ ްނޫން، އައްޔަދު އެދުވަހު ކަންތައްކުރީކީ ވަކި ރަނގަޅަށް ނޫން..." ޔޫހާ ނޭވާއަކަށް ވެސް ނުހުއްޓިބުނެލި އެވެ. އޭނަ ބޭނުންވީ އައްޔަދު އެގެއިން ފޮނުވާލާށެވެ.
"އަހަރެން ދައްކާ ވާހަކަ އެއްފަހަރު އަޑުއަހާލަބަލަ، އަހަންނަށް ކަންތައްކުރެވުނީ ރަނގަޅަށް ނޫންކަން އެނގޭތީވެ މިއައީވެސް، މާފަށްއެދެން، އަހަރެން ބޭނުމެއް ނޫން އަހަންނާ ޔޫހާ އާއި ދެމެދު އޮތް ރަޙުމަތްތެރިކަމުގެ ގުޅުން ކެނޑިގެންދާކަށް، ޕްލީޒް ޔޫހާ، އެކަން ވީގޮތް އަހަރެން ކިޔާދޭން މިއައީ، އަހަންނަށް އަދިވެސް ނުވިސްނޭ އެގޮތަށް އެކަން ކުރާށޭ ބުނިއިރު ހުރިހާ ދެރައެއް ލިބޭނީ ޔޫހާއަށް ކަމެއް..." އައްޔަދު އިސްޖަހާލަމުން ބުނެލި އެވެ. އޭނާ ހަގީގަތުގައިވެސް އެހުރީ ދެރަވެފައިކަން ޔޫހާއަށް އިޙްސާސްކުރެވުނެވެ. އެހެންނަމަވެސް އެހާ ފަސޭހައިން އައްޔަދުގެ މާފު ގަބޫލުކުރަން ޔޫހާ ބޭނުންނުވީ އެވެ.
"ދެން ތިބުނަނީ މީހަކު ބުނެގެންނޭތަ އެދުވަހު އެކަންކުރީ... އެކަމަކު... އެއީ ކާކު" ޔޫހާ އިތުރު އެއްޗެއް އަހަން އުޅެފަވެސް އެއީ ކާކުތޯ އޮޅުން ފިލުވަން ވަގުތުން ބޭނުންވި އެވެ. އެއާއިއެކު އައްޔަދު ފައުޒީ އާއި ދިމާވިގޮތް ކިޔާދެމުން ދެންވީ ހުރިހާ ކަމެއްހެން ޔޫހާއަށް ކިޔާދީފި އެވެ. ލިބުނު ހައިރާންކަމާއިއެކު ޔޫހާއަށް ކައިރީގައި ހުރި އެނދުގައި އިށީނދެވުނެވެ. އަދި ޕިސް ޕިސް ލައްވާލެވުނީ ދެވަނަ ފަހަރަށް ފައުޒީގެ ހިޔަނި އޭނަގެ ދިރިއުޅުމަށް އެޅުނީމައެވެ. ފައުޒީ ބޭނުންވަނީ އޭނަގެ ކިބައިން ބަދަލު ހިފަންކަން ޔޫހާއަށް ޔަގީންވިއެވެ. އަދި އޭނަ އާއި ޒައުލްގެ ދިރިއުޅުންވެސް ހަލާކު ކޮއްލުމެވެ. ލާއިގާ ފަދައިންނެވެ. ޔޫހާއަށް ދެލޯ މަރާލެވުނެވެ. އައްޔަދު އޭނަގެ ނުބައި މަޅިއަށް ވައްދާލާފައި ހުރިލެއް ކުޅަދާނަ ކަމުންނެވެ.

"ޔޫހާ...ކިހިނެއްވީ... އެއީ ކާކުކަން އެނގޭތަ، ޔޫހާ ދަންނަ މީހެއްތަ" ޔޫހާއަށް ވީގޮތުން އައްޔަދުއަށް އަހާލެވުނެވެ.
"ހޫމް، ވަރަށް ރަނގަޅަށް އޭނަގެ ގޮތް އެނގޭ... ދެރައީ އޭނަގެ ނުބައި ކަމުގައި އައްޔަދު ބައިވެރިވިކަން... އެނގޭތަ..." ޔޫހާ ފައުޒީގެ ނުބައިކަމުގެ ވާހަކަ ފެށުނީއްސުރެން ކިޔާދޭންފެށި އެވެ. އައްޔަދުއަށ ްވެސް ފައުޒީ އޭނަގެ ބޭނުންކޮއްފައިވާކަން އިޙްސާސްކުރެވުނީ ދެނެވެ. ފައުޒީދެކެ އިންތިހާއަށް ރުޅިއާދެވުނެވެ. އަދި ޒައުލް ކަންތައް ކުރީ މާ ރަނގަޅަށް ކަމުގައި އައްޔަދުއަށް ބުނެވުނެވެ. ފައުޒީގެ ދުޝްމިންކަން އޮތީ ޒައުލްއަށްވުރ ެވެސް ބޮޑަށް ޔޫހާ އާއިމެދުގައިކަން އެނގުމުން އަދި ވަކިން އައްޔަދު ރުޅިގަދަވި އެވެ. ފައުޒީ އެހާ ދަށު ދަރަޖައަކުން ޔޫހާ އާއިމެދު ދެކެފާނެއޭ އޭނަގެ ހިތަށްވެސް ނާރައެވެ. ވާނީވެސް އެހެންތާއެވެ. ފައުޒީގެ ވާހަކަތައް އޮމާންވެފައި އަޑުއަހާލާއިރު ގަބޫލުކުރަންވެސް އެހާފަސޭހައެވެ.

"އައި އެމް ސޮރީ، އަހަންނަށް މާފުކޮށްދީ، އަހަންނަށް ޒައުލްވެސް ނޭނގުނީ ދޯ، ޒައުލް ހުންނާނީ އަހަރެންދެކެ ވަރަށް ރުޅިއައިސްފަކަން ޔަގީން، އެކަމަކު މާފަށް އެދެން ބޭނުން، އަހަރެން ގަސްދުގަ ކުރިކަމެއ ްނޫން، އެކަމުގެ ސަބަބުން އަހަރެންގެ ހަމަޖެހުންވެސް ގެއްލިއްޖެ، އަހަންނަކީ އެއްވެސް އިރެއްގަ މީހުންނަށް ނުބައި މީހެއްނޫން... ޔޫހާ، އަހަންނަށް މާފުކޮއް އަހަރެންގެ ރަޙުމަތްތެރިއަކަށް ވާނަންތަ" ޔޫހާގެ ކުރިމަތީ އައްޔަދު ކުޑަކަކޫ ޖަހާލަމުން އަހާލިއެވެ. ޔޫހާ އިރުކޮޅަކު އިސްޖަހާލައިގެން އިނުމަށްފަހު އައްޔަދުއަށް ބަލާލީ ހިނިތުންވެލަމުންނެވެ. އައްޔަދުއަށް އޭނަ ބޭނުންވި ޖަވާބު ލިބުނެވެ.

"އަހަރެން ހަމަ މިހާރު މިދަނީ އޮފީހަށް، ބައްޕައަށް ހުރިހާ ވާހަކައެއް ކިޔާދޭނަން، އަހަންނަކަށް ޒައުލްހެން މާރަނގަޅެއް ނުވެވޭނެ، ފައުޒީއަށް ރަނގަޅު ފިލާވަޅެއް ދަސްވާންޖެހޭނެ" އައްޔަދު ބުނެލިއެވެ.

ކޮމެންޓް 0