ޕާކްވިއު ހޮޓެލްއަށް ވަނުމާއިއެކު ކޮންމެ މެހެމާނެއްގެ މޫނުމަތި އުޖާލާވެގެންދެއެވެ. ރާއްޖޭގެ ނަން މަޝްހޫރު ވިޔަފާރިވެރިންނާއި ސަރުކާރުގެ ވަޒީރުން ފެންވަރުގެ ދެތިން ބޭފުޅުންނާއިއެކު މަންސޫރާއި ޒައުލް ލޮބީގެ އެއްފަރާތުގައި ހުރި ސިޑިއާއި ދިމާލަށް ހިނގައިގަތެވެ. އެމީހުންގެ ތެރޭ އެންމެ ފުރަތަމަ ދެކެވުނު ވާހަކައަކަށް އެތަނުގެ ފުރިހަމަކަން ވިއެވެ. އަމިއްލަ ވާހަކަތައް އޮލަވެގެންދިޔައީ އެއަށްފަހުއެވެ.

ބޯލްރޫމުގެމަތީގައި ހަރުކޮއްފައިވާ އާސާރީ ވައްތަރުޖަހާ ޗާންދަލިއާތަކުގެ އަލި އޭގައި އެލުވާފައިވާ ބިއްލޫރިކޮޅުތަކުގެ ތެރެއިން އެތަނުގައި ހަލަބޮލިކަމާއިއެކު އުޅޭ އެންމެގެ ގަޔަށާއި ފާރުތަކަށް އެޅެމުންދިޔައެވެ. މުވައްޒަފުން ދެކޮޅަށް އަވަސް ފިޔަވަޅުތަކުގައި މެހެމާނުންގެ ކަންތައްތަކުގައި އުޅެމުންދިޔައެވެ. ތަފާތުވައްތަރުގެ ބުއިންތައް ތަބައްތަކުގައި އަތުރާލައިގެން އެކިކޮޅުކޮޅަށް ހިނގާ ވެއިޓަރުންތަށް ގިނައެވެ. އެ އެންމެންގެ ތެރޭ ޔޫހާވެސް މެހެމާނުންނަށް އެހީވަމުންދިޔައެވެ. އަރާމުކޮއްލުމަށް މާގިނައިރުތަކެއް ނުލިބުނެއްކަމަކު އޭނަ މިރޭ އެހެރީ ޝާއިންގެ ވަޒީފާ ސަލާމަތް ކޮއްދިނުމައްޓަކައި ކޮންމެ ކަމެއްވެސް ކުރަންތައްޔާރުވެގެންނެވެ.

މަންސޫރު އޭނަގެ ވިޔަފާރީގެ ދުނިޔޭގެ ރަޙުމަތްތެރިންނަށް ޒައުލް ތަޢާރަފްކޮއްދެމުން ގުޅުންބަދަހި ކުރަން މަސައްކަތް ކުރަމުންދިޔައެވެ. އަނެއްކޮޅުން އެފަދަ އާއިލާތަކުން އައިސްތިބި ޒުވާން ރީތި އަންހެންކުދިންގެ އަމާޒު ފަތްގަނޑަށް ޒައުލްވެގެން ދިޔައެވެ. އޭނަ އާއި ވާހަކަދެއްކުމަށް ވަރަށް ގިނަ އަންހެން ކުދިން މަސައްކަތްކުރަމުން ދިޔައެވެ. އެކަމަކު އޭނަގެ ފަރާތުން ސަމާލުކަމެއް ނުލިބުމުން އެންމެ ފަހުންޖެހެނީ އަމާން ދިނުމަށްފަހު އެނބުރި ދާށެވެ. ޒައުލްއަށް އެއަންހެން ކުދިންނެކޭ ބޭރު ގައުމުތަކުގައި ވެލެންޓީނޯ، ޑޮލްސް އެންޑް ގަބާނާ، ރަލްޕް ލޯރެން، ޓޮމް ފޯޑްމެންގެ ޑިޒައިންތައް އިސްތިހާރު ކުރުމަށް ހުންނަ ޝޯކޭސް ތަކުގައި ވާފަދަ ބުދުތަކެކޭ އެއްވެސް ތަފާތެއްނެތެވެ. ގިނަ ފަހަރަށް އެތުންފަތުގައިވާނީ ލާނެތް މަލާމާތުގެ ހިނިތުންވުމެކެވެ.

"މާފުކުރައްވާ... އަޅުގަނޑު ދިއުމުގެ ހުއްދައަކަށް އެދެން" ޒައުލް އޭނަ އާއި ވާހަކަދެއްކުމަށް ޝައުގުވެރިވެފައި ހުރި އަންހެން ކުއްޖާއަށް ބުނެލިއެވެ. އެއަންހެން ކުއްޖާއަށް ލިބުނު ހައިރާންކަމަށްވުރެ ވީފޫހި އިތުރުވެގެން ދިޔައެވެ. އޭނަ ޒައުލްއަށް ފުރަގަސްދެމުން އެހެން ދިމާލަކަށް ހިނގައިގަތެވެ. ޒައުލް ވެސް އިށިންނާނެ މޭޒެއް ހޯދާލިއެވެ. ދަންނަ މީހަކު އިންމޭޒެއް ހޯދާލުމަށް ވަށައިގެން ބަލާލުމާއިއެކު އޭނަގެ ލޮލުގައި އަޅައިގަތީ ޕާކްވިއު ހޮޓެލްގެ ޔުނީފޯމްގައި މީގެ ކުރިން އެހޮޓެލުން ނުދެކޭ އަންހެން ކުއްޖެކެވެ. އެހެންނަމަވެސް ލާފައިވާ ކޯޓުގެ ތެރެއިން ވެސް އޭނަގެ ކަނދުރާގައިވާ އިސްތަށިތަކުން ކަށިހެރޭފަދަ އިޙްސާސްތަކެއް ކުރުވިއެވެ. ދަންނަ ވައްތަރު އެމޫނުގައި ޖަހަނީ ކީއްވެކަމެއް ނޭގުނެވެ. ޒައުލްއަށް އެއަންހެން ކުއްޖާގެ ހަށިގަނޑަށް ބަލާލެވުނީ ތަފާތު ނަޒަރަކުންނެވެ. ސްޓޮކިންގެ ސަބަބުން ފައިގެ އަސްލު ކުލަ ތަފާތުވެފައި ވިއެއްކަމަކު އެދިގު ކަސްރަތީ ދެފައި އޭނަގެ ހިތުގެ ހިނގުން އަވަސް ކުރުވިއެވެ. އިޙްތިޔާރަކާއި ނުލާ އެއަންހެން ކުއްޖާއާއި ގާތަށް ޒައުލްގެ ފިޔަވަޅުތައް އަޅަމުންދިޔައީ އޭނަގެ މޫނު ރީތިކޮށް ކައިރިން ބަލާލުމުގެ ޝައުގުވެރިކަމާއިއެކު އެވެ. އެހެންނަމަވެސް ކައިރިއަށް ނުދެވެނިސް އެއަންހެން ކުއްޖާ ހުރިތަނުން އެހެން ކަމަކާއިގެން ހިނގައިގަނެއްޖެއެވެ. ޒައުލްއަށް ހީވީ ކުޑަހިނދުކޮޅަކަށް ވިޔަސް އޭނަގެ އަމިއްލަ ނަފްސު އޭނަގެ ބާރުގެދަށުން ވީއްލިގެން ދިޔަހެނެވެ. އަވަހަށް މީހާ ހަމައަކަށް އެޅުނީ އޭނަގެ ހަރަކާތްތަކަށް އެތަށް ބަޔަކު ފާރަލާނެކަން އެނގޭތީއެވެ.

"ދީސް ހީލްސް އާ ކިލިންގ މީ" ޔޫހާ އެއްފަރާތެއްގައި ހުރި އޭނަގެ އެކުވެރި މާޔާގެ ގާތުގައި ބުނެލިއެވެ. މާޔާ ހީލާފައި ދެން މާގިނައިރެއް ނެތްކަމުގައި ބުނެލިއެވެ.

މެހެމާނުންތައް މަދުވަމުންގޮސް އެންމެ ފަހުން ނުކުތީ މަންސޫރުގެ ދުވަސްވީ ރަޙުމަތްތެރިންނެވެ. ޒައުލް އޭނަގެ ހޮޓެލްގައި އެރޭ މަޑުކުރުމުގެ ހުއްދަ ބައްޕަ މަންސޫރުގެ އަރިހުން ހޯދެއްވިއެވެ. އަދި ޑްރައިވަރު ޖަމާލްގެ ގާތުގައި ބުނެ ޒައުލްގެ ކާރުގައި މަންސޫރު ގެއަށް ފޮނުއްވާލެއްވިއެވެ.

ޒައުލް ހަފްލާގައި އެރޭ އިސްކޮށްއުޅުނު މުވައްޒަފުންނާއި ބައްދަލުކުރިއެވެ. އެހެންވެ ޝާއިންއަށްވެސް އެބައްދަލުވުމަށް ދާންޖެހުނެވެ. ޔޫހާ މާޔާ އާއި އެހެން އަންހެން ކުދިންތަކަކާއިއެކު ދިޔައީ ފާހާނާއަށެވެ. ލައިގެންތިބި ޔޫނީފޯމް ބަދަލު ކުރުމަށާއި މޫނުގައިވާ މޭކަޕްތަށް ސާފުކުރުމަށެވެ. މާޔާ ސުވާލު ކުރަމުންދިޔައީ އެތަނަށް ޔޫހާ އަނަންޖެހުނު ސަބަބާއިމެދުއެވެ. ވީގޮތް ޔޫހާ ކިޔާދިނެވެ. އިތުރުގޮތެއް ނެތީމަ ދެން އަންނަން ޖެހުނީކަމުގައެވެ. އެހެންނަމަވެސް ތަފާތު މިޒާޖުގެ މީހުންނާއި ދިމާވެއްޖެ ކަމުގައި ޔޫހާ ހެވިލާފައި ބުނެލިއެވެ. އަދި ބައެއް މެހެމާނުންގެ ކިބައިން ފެނުނު ހެއްވާ މަޖާ ކަންތައްތަކުގެ ވާހަކަ ދެއްކިއެވެ.

ފާހާނާއިން ނުކުންނަމުން އަތުން އިސްތަށިގަނޑު ރަނގަޅު ކޮއްލިއެވެ. އިސްތަށިގަނޑުގެ ބުޅިކަން ރީތިކޮއްލާފަދަ ގޮތަކަށެވެ. އަދި ލައިގެން ހުރި ޓޮޕަށް ދަމާލަމުން ލޮބީގައި ހުރި ރިސެޕްޝަން ކައުންޓަރު ގާތަށް ޖެހިލަމުން ފޯންކޯލެއް ކޮއްލުމަށް އެދުނެވެ. ޔޫހާ މަޑުކޮއްގެން ހުރީ ޝާއިން ނިމޭނެ އިރަކަށެވެ. އެއީ އޭނަ ގެއަށް ދާނީ ޝާއިން އާއިއެކުގައި ކަމަށްވާތީއެވެ. މީޓިން ނިންމާލުމާއިއެކު ހުރިހާ މުވައްޒަފުން ބޯލްރޫމްތެރެއިން ނުކުމެގެން ސިޑިން ފައިބައިގެން ދާންފެށިއެވެ.

ޒައުލްގެ ލޮލުގައި އެކަނި ރިސެޕްޝަން ކައުންޓަރު ދޮށުގައި ރިސެޕްޝަންގެ ފޯނުގައި ހުރި އަންހެން ކުއްޖާ ފެނުނެވެ. އެއީ ހަމަ އެހަށިގަނޑެވެ. އެފަޔެވެ. އެ އިސްތަށިގަނޑެވެ. ޒައުލްގެ މޭގައިވި ހިތް ފަޅާނުކުންނަށް އުޅުނު ކަހަލައެވެ. ކަރުގައި އޮތް ބޯޓައި ކަރަށް ބާރުވަމުން ދާކަހަލަގެ އިޙްސާސްއެއް ކުރެވުނެވެ. އަވަސް އަވަހަށް ގަމީހުގެ ކަރުގޮށާއި ބޯޓައި ނައްޓާލަމުން އެއްފަރާތަށް ދޫކޮއްލިއެވެ.

ޔޫހާއަށް ފަހަތަށް ބަލާލެވުނީ ރިސެޕްޝަންގައި އިން ފިރިހެންކުއްޖާ ތެދުވުމާއިއެކު އޭނަގެ ފަހަތުގައި މީހަކު ހުރިހެންވެސް ހީވެގެންނެވެ. ފޯނު އަތްގަނޑާއިއެކު އެނބުރިލި ޔޫހާގެ ނޭވާ ހުއްޓުނުފަދައެވެ. މީހުންގެ ލޮލަށް ނުފެންނަފަދަ ބާރެއް ލިބުނުނަމައޭ ޔޫހާގެ ހިތަށްއެރިއެވެ.

"ހެލޯ... ހެލޯ... ޔޫހާ، އެބަހުރިންތަ، ކިޔާން ނިދައިފިއޭ، ހާސްނުވެބަލަ، ހަމަޖެހިލައިގެން ޝައިންބެއާއިއެކު އާދޭ... ޔޫހާ... ހެލޯ..." ޔޫހާ ހިފަހައްޓައިގެން ހުރި ފޯނުގެ އަތްގަނޑުން އަފްލީންގެ އަޑު އަންނަމުންދިޔައެވެ.
"އެހަށް ބާއްވަނީ..." ޔޫހާއަށް ފޯނަށް ޖަވާބުދެވުނީ އިރުކޮޅެއް ފަހުންނެވެ. އޭނައަށް އޭނަގެ ކުރިމަތީގަ ހުރި ޒުވާނާއަކީ ކާކުކަން އެނގެން ކުޑަހިނދުކޮޅެއް ނެގިއެވެ. އެކަމަކު އެރީތި ވަރުގަދަ ބުމައިގެ ދަށުގައިވާ ކަޅުކުލަގަދަ ލޮލުގެ ކައިރީގައިވާ ކަޅުތިލަ ދޮގަކަށް ނުވާނެކަން ގައިމެވެ. އެއީ ހަމަ އޭނައެވެ. އުމުރުން ދުވަހަކުވެސް އޭނަ އާއި ދިމާވެދާނެ ކަމަށް ހީނުކުރާ ފަރާތެވެ. ޔޫހާ ފޯނުގެ އަތްގަނޑު ބާއްވާލަމުން އެއްފަރާތަށް ޖެހި ޕާކްވިއު ހޮޓެލްގެ ދޮރުން ބޭރަށް ނުކުތުމަށް ހިނގައިގަތެވެ.

"ޔޫހާ..." އެބަރު ފިރިހެންވަންތަ އަޑުން ޔޫހާއަށް ގޮވާލިއަޑުއިވުނެވެ.
"ޒައުލް..." ވައިއަޑުން އަމިއްލައަށް ބުނެލެވުނެވެ. އަދި ޔޫހާގެ ދެފައިގައި ކުއްލިއަކަށް ކަސްދޮޅު އެޅުނު ހެން ހީވެގެން ދިޔައެވެ. ނޭވާ ހިފަހައްޓާލަމުން ދެލޯމަރާ ބާރުކޮއްލެވުނެވެ. އޭނަގެ އަމިއްލަ ނަފްސަށް އެތަނުން ދިއުމަށް މަޖުބޫރު ކުރަމުންދިޔައެވެ. އެހެންނަމަވެސް ޒައުލްގެ އެއަޑުގައިވެސް ވަނީ އޭނަގެ މުޅި ހަށިގަނޑު ގަނޑުކޮއްލާފަދަ ވަރުގަދަ ސިހުރެކެވެ. އެއީ ކޮންފަދަ ބާރެއް ހެއްޔެވެ. މުޅި ހަށިގަނޑަށްވެސް ބާރުފޯރުވަނީ ކީއްވެހެއްޔެވެ. ޔޫހާގެ ނޭވާ ދޫކޮއްލެވުނީ އޭނަގެ ކޮނޑުގައި މީހަކު އަތްލުމާއިއެކުއެވެ.

"ހިނގާ ދަމާދޯ..." ޔޫހާ ލޯހުޅުވާ ބަލާލި ވަގުތު ޝާއިން އޭނަގެ ދާދިގާތުގައި ހުއްޓެވެ. އެދެފަޔަށް ދިރުންލިބިގެން ދިޔައީވެސް އެވަގުތުއެވެ. ޝާއިން އާއިއެކު ހޮޓެލްގެ ދޮރުމައްޗަށް މަޑުކޮއްލާފައި އޮތް ޓެކްސީއަކަށް އަރަން ޔޫހާ ދިޔައެވެ.

ޒައުލްއަށް އެހޮޓަލުގައި ހާއްސަކުރެވިފައިވާ ޕްރެސިޑެންޓަލް ސުވީޓްސްއަށް ވަދެވުމާއިއެކު އެއްވެސް ކަހަލަ އުނދަގުލެއް ވާން ނޭދޭކަން އަންގައިދޭ ބޯޑު ތަޅުގައި އަޅުވާލަމުން ދޮރުލައްޕާލިއެވެ. އަދި ވަދެގެން ދިޔައިރު ފެނުނު ފުރަތަމަ ސޯފާގޮނޑި މައްޗަށް ލައިގެން ހުރި ސޫޓުގެ ޖެކެޓާއި ކަރުގައި އޮތް ޓައިވެސް އެއްލާލިއެވެ. ލިބުނު ހާސްކަމާއި ނުތަނަވަސްކަމެއްގެ ބޮޑުކަމުން ނިތްކުރިން ހިއްލާލި ދާތިކިތަށް އޮއްބާލާ މީހާ ހަމަޖެހިލުމަށްޓަކައި އެއްފަރާތުގައި ހުރި މޭޒުމަތީ ބަހައްޓާފައި ހުރި ފެންޖަގުން ފެންތައްޓެއް އަޅާލިއެވެ. އެވަގުތު ޖަގުގެ ތެރޭގައި ހުރި ގަޑުފެންކޮޅުތައް ތެޅިގަތްއަޑު އިވުނެވެ. އޭގެތެރެއިން ބައެއް ގަޑުފެންކޮޅުތައް ފެންތަށީގެ ތެރެއަށް ވެއްޓިގެންދިޔައެވެ. އެކަމަށް އެއްވެސް ފަރުވާލެއްނެތްކަމުގައިވިޔަސް، ޒައުލްގެ އެތެރެހަށި ހުޅުނުފަޅާ އަލިފާނަކުން އަނދަމުންދާކަހަލައެވެ. އެވޭނަށް ލުޔެއްދީ ހިތާ ސިކުނޑިއަށް ފިނިކަން އިޙްސާސްވުމަށް އޭނަވަނީ ބޭނުންވެފައެވެ. ފެންތަށީގައި ތުންޖެހިގޮތަށް ހުސްކޮއްލިއެވެ. ހަމައެގޮތަށް ތިން ހަތަރު ތަށި ބޯލައިފިއެވެ. އަދި އުނަގަނޑުގައި އަޅާފައިވާ ބެލްޓު ނައްޓާލަމުން ގަމީހުގެ ބެގީ ނައްޓަންފެށިއެވެ. ފިނިކުރެވިފައިވާ ބޮޑު ކޮޓަރިއެކެވެ. އެހެންނަމަވެސް ޒައުލްއަށްވަނީ ވަރަށް ހޫނުވެފައެވެ. ގަމީހުގެ ގޮއްތަށް ވަކިވަރަކަށް ނައްޓަމުން ގޮސް އެނދުގެ ފައިލާ ކޮޅުގައި އިށީނެވެ. ޒައުލް މަޑުމަޑު ތަންމައްޗަށް އުޑުން ވެއްޓިގަތެވެ. ދެއަތް ފުޅާކޮއްލައިގެން މައްޗަށް ބަލަހައްޓައިގެން އޮތެވެ. އޭނަގެ ހަނދާނުން އެމީހަކު ފޮހެލިތާ ގާތްގަނޑަކަށް ހަ އަހަރު މާޒީވެ ގޮސްފިއެވެ. އެހެންނަމަވެސް އެމީހަކާއި ދިމާވުމުން އަދިވެސް ޒައުލްއަށް ބުނެދޭން ނޭގޭ ގޮތްތަކެއްވަނީ ކީއްވެކަމެއް ނޭގެއެވެ. އެއީ އޭނަ ހަނދާންކުރަންވެސް ބޭނުންނުވާ މާޒީއެކެވެ. ނަމަވެސް މީގެ ހައަހަރު ވަރު ކުރި އޭނަގެ ލޯމަތިން އިޔާދަވަމުންދިޔައެވެ. ފުން ނޭވާއަކާއިއެކު ޒައުލްއަށް އޭނަގެ ދެލޯ މަރާލެވުނެވެ.

އެއީ މީގެ ހައަހަރު ވަރަކަށް ކުރިއެވެ. ޒައުލްގެ ކަންފަތަށް އޭނަގެ ރަޙުމަތްތެރިންގެ ހުނުމުގެ އަޑާއި ދައްކަމުންދިޔަ ވާހަކަތައް އިވެމުން ދިޔަކަހަލައެވެ. އޭނަގެ ތުންފަތަށް މަޑުމަޑުން ހިނިތުންވުމެއް ވެރިވަމުންދިޔައެވެ. ބޭރުގައި ކިޔަވަން ހުރުމަށްފަހު ޗުއްޓީއަށް މާލެއައި ދުވަސްކޮޅެކެވެ. ކަންތައްތައް ކުރުމުގައި ރަޙުމަތްތެރިންނަށް ގޮންޖަހާލި އުމުރެވެ. ޅަހިޔާލުތަކާއިއެކު ޒުވާންކަމުގެ ޖޯޝް ނުހިފެއްޓިގެން ދިޔަ އުމުރުވެސްމެއެވެ.

ސީއެޗްއެސްއީގައި ކިޔަވަމުންދާ ކުދިން ނިމޭގަޑިއަށް ކަމާކަންފަށާ ކާރުގައި ޒައުލް އާއި އޭނަގެ ރަޙުމަތްތެރިން އެމަގުން ދުއްވާނެއެވެ. އަދި އެއަށްފަހު ކޮންމެ ދުވަހެއްގެ މެންދުރުގެ ކެއުމަށް އެހިސާބުގައި ހުންނަ ރެސްޓޯރެންޓަކަށް އެކުގައި އުޅޭ ތިން ހަތަރު ރަޙުމަތްތެރިންނާއިއެކު ދޭއްޖަހާކަން ހާއިރަށް ދާނެއެވެ. އެތަނުގައި ތިބެ ނުދައްކާ ވާހަކައެއް ނޯންނާނެއެވެ. މިނިވަންކަމުގެ ބޭނުން ފުރިހަމަ ގޮތުގައި ހިފަމުންދިޔައެވެ. ޒައުލްއާއި އޭނަގެ ރަޙުމަތްތެރިންނަށް ސީއެޗްއެސްއީ ޔުނީފޯމްގައި އެހެން ލާފައިދާ އެތަށް ކުދިންނެއް ފެނެއެވެ. އެތަނުން ގިނަކުދިން އެމީހުންގެ ޝިކާރައަކަށް ވެދެއެވެ. އެއީ އެމީހުންގެ މަޖަލުގެ އެއްބައެވެ. ނަމަވެސް މިއިން އެއްވެސް ކަމަކަށް އެހާ ދުވަސްވިއިރުވެސް އިޖާބަނުދީ ހުރި މީހަކަށް ހުރީ ހަމައެކަނި ޒައުލްއެވެ.

"އައި ބެޓް ޔޫ..." ޒައުލް އާއިއެކު މޭޒުދޮށުގައި އިން ރަޙުމަތްތެރިއަކު ބުނެލިއެވެ.
"ޒައުލް ޗުއްޓީއަށް އައީމައޭ މަޖާގަނޑު މިއޮންނަނީ، އެހެންނޫނީ ހާދަ ފޫއްސޭ" ޒައުލްގެ އަނެއްފަރާތުގައި އިން ރަޙުމްތެރިއަކު ބުނެލިއަޑުއިވުނެވެ. އެންމެންގެވެސް ނަޒަރު ކުއްލިއަކަށް ހުއްޓުނީ މަގުގެ އަނެއްފަރާތުން ސީއެޗްއެސްއީ ޔުނީފޯމްގައި ހިނގަމުންދިޔަ އަންހެން ކުއްޖާއަށެވެ. ހަމުގެ ކުލަ އަލިވެފައި ބުޅިއިސްތަށިގަނޑެއް ލިބިފައިވެއެވެ. އިސްކޮޅުން ކުރެއްކަމަކު ލޫޅާފަތި ހަށިގަނޑެއް ލިބިފައިވެއެވެ. ކީއްވެކަމެއްނޭގެއެވެ. ޒައުލްއަށް އޭނަގެ ރަޙުމަތްތެރިންގެ ކުޅިވަރުގައި ބައިވެރިވެވުނެވެ. ޒައުލް އާއި އޭނަގެ ގާތުގައި ތިބި ހަތަރު ރަޙުމަތްތެރިންގެ ތެރެއިން އެއަންހެން ކުއްޖާ އާއި ރައްޓެހިވެވޭ މީހަކަށް ކޮންމެ މީހަކު ވަކިވަރަކަށް ލާރިދޭގޮތަށް ހަމަޖެހިގެންދިޔައެވެ.

ކޮމެންޓް 0