ކޮންމެ ދުވަހަކީވެސް މުޅިން އާކަންތައްތަކެއް ކުރިމަތިކުރުވާ ދުވަހެކެވެ. ހީނުކުރާ އެތައް ކަމެއް ކުރިމަތި ވެއެވެ. އެހުރިހާ ކަމަކުން އުފަލާ ހިތްހަމަޖެހުން ނުލިބޭ ފަހަރުވެސް މަދެއް ނޫނެވެ. އެކަމަކު އުއްމީދު ގެއްލުވައެއް ނުލައެވެ. އެހެނީ ދުވަސް ނިމިގެންދާއިރު އެތަށް އެތަށް ފިލާވަޅުތަކަކާއި އިބްރަތްތަކެއް ހާޞިލްވެގެންދާތީ އެވެ.

އައި ގަދަ ތޫފާނީ ވައިގާ ޔޫހާގެ ދިރިއުޅުމުގެ ހުޅުކޮޅު ނިވެމުން ދަނިކޮށް ސަލާމަތްކުރެވުނީ ކިރިޔާ އެވެ. ގެއްލެމުންދިޔަ އުއްމީދު އާވެގެންދިޔައީ އަމިއްލަ ނަފްސަށް ކުރެވިފައިވާ ވަޢުދުގެ ސަބަބުންނެވެ. އިންތިހާ ދަރަޖައަށް ކެތްތެރިވަމުން ދިޔައީ ލޯ ކުރިމަތީ އަބަދުހެން އުޅޭ ލޯބިވާ ދަރިފުޅުގެ އުފަލަށްޓަކައެވެ. އެންމެހާ އިޙްސާސްތައް ހިތުގައި ވަގުފު ކުރަމުންނެވެ. ޒައުލްގެ ކުރިމަތީ މިހާތަނަށް ޔޫހާ ފޮރުވަމުން އައި އެންމެ ބޮޑު ސިއްރު ހާމަ ކުރިފަހުން އޭނަގެ ކުރިމައްޗަށް ޒައުލްއެއް ނާރައެވެ. އެއްގޮތުން އެކަމާ ހިތްހަމަ ޖެހުނެއްކަމަކު ޒައުލް މަޑުމަޑުން ހުރެ ނުބައި ރޭވުމެއް ރާވަފާނެތީ ޔޫހާ ކަންބޮޑުވެ އެވެ.

ހަފްތާގެ އޮފް ދުވަސް ދިމާވީ ހޮނިހިރު ދުވަހަށް ކަމަށްވީތީ ޔޫހާ ހަވީރުގެ ގަޑީގައި ތައްޔާރުވަމުން ދިޔައީ ކިޔާން ގޮވައިގެން ހިނގާލަން ދިއުމަށެވެ. ބަންދު ދުވަހަކާއި އޮފް ދިމާވެއްޖެނަމަ އާދަވެގެން ޔޫހާ ކިޔާން ގޮވައިގެން ބޭރަށް ދާނެއެވެ.
"ހާދަ މީރުވަސް ދުވައޭ، ޝައިންބެ ގޮވައިގެން ދާންވީނު" ސިޓިން ރޫމު ސޯފައިގައި އިން ޝާއިންގެ ގާތަށް ކިޔާން އައުމުން ބުނެލި އެވެ.
"މަންމި ބުނީ މަންމި އާއި ކޮއްކޮ އެކަނިއޯ ދާނީ، އަފޫ ވެސް ބަހައްޓާފަ" ކިޔާން މިހެން ބުނެލަމުން ލާނެއް ގޮތަކަށް ހީލިއެވެ. ކިޔާންގެ ހަރަކާތް ހުރިގޮތުންނާއި ހީލި ގޮތުން ޝާއިންގެ ގާތަށް ވެސް ހިނިއައެވެ. އަދި ލޯތްބާއިއެކު ކިޔާން އުރާލަމުން އޭނަގެ ފައިމަތީ ބޭންދި އެވެ. އޭރު ޔޫހާ ކޮޓަރިން ނުކުންނަނީ އެވެ. ޔޫހާ ފެނުމާއިއެކު ކިޔާން ޝާއިންގެ ކައިރިން ސަލާމަތްވެގެން ދުވެލާފައި ޔޫހާގެ ގާތަށް ދިޔައެވެ.

ދެކޮޅަށް ދުވެ ދުވެފައި ގޭތެރޭގައި އީލާކް އުޅެއެވެ. އޭނައަށް އެހީތެރިވަމަށް އޭނަގެ ރަޙުމަތްތެރިން އުޅެއެވެ. މަސް ދުވަސް ތެރޭ އޭނަގެ ހުރިހާ ހެދުމެއް ފަރުމާކޮށް ނިންމާލެވޭތޯ އޭނަގެ ހުރިހާ ވަގުތެއްހެން ދިޔައީ މަސައްކަތުގައި ހޭދަކުރަމުންނެވެ. އީލާކްގެ ފެޝަން ޝޯގެ މަސައްކަތްވީ ހާޒިމް އާއި ލޫލުއާ ގާތްވުމަށް މެދުވެރިވި އެންމެ މުހިއްމު އެއްކަންތައް ކަމުގައެވެ. ބިރު ކަނޑާލާފައި ހާޒިމް ލޫލުއާގެ ގާތުން އޭނަގެ ފޯނު ނަންބަރު އެހިއެއްކަމަކު އޭނަ ހުރީ ޖެހިލުން ވެސް ވެފައެވެ. އެހެންނަމަވެސް ލޫލުއާގެ ފަރާތުން ފެންނަ ލަދުވެތި ހަރަކާތްތަކުން އޭނަ ހާޒިމް އާއި ގަޔާވާކަން އެނގެއެވެ. އެ ގުޅުމުގެ ފުރަތަމަ ބާބު ފެށިގެން ދިޔައީ އެ ހިސާބުންނެވެ. ކައިރީގައި އުޅޭ މީހުންނަށް ސިއްރުންނެވެ. އަބަދު ބަލަބަލާ ހުންނަ ލާއިގާގެ ލޮލަށް ވެސް ނުފެނި އެވެ.

ހަވީރުގެ ވަގުތަށްވެފައި ސައިތަބަށްތައް އީލާކްގެ އެދުމަށް އޭނަގެ ކޮޓަރިއަށް ގެންދިޔައީ ގޭގައި ގެންގުޅޭ ކުއްޖާ އާނާ އެވެ. އޭރު އީލާކް އާއި އޭނަގެ ތިން ރަޙުމަތްތެރިން ކޮޓަރީގައި ތިއްބެވެ. މަންސޫރާއި ލާއިގާ އާއިއެކު ލޫލުއާ ސައި މޭޒު ދޮށުގައި އިންއިރު މެހެމާނެއްކަމުގައި ހާޒިމްވެސް އިނެވެ. ދޭތެރެ ދޭތެރެއިން ލޫލުއާއަށް ބަލާލާފައި ލާނެއް އިޝާރާތެއް ކޮއްލައެވެ.
"މިއަދު ވެސް ޒައުލް ހުޅުމާލެއަށް ދިޔައީތަ؟" ލާއިގާ މަންސޫރަށް ބުނެލިއެވެ.
"މަންމާ، ކީއްތޯ ކުރާނީ، ޒައުލް އެހާ ބުރަކޮށް އުޅެންވީ ސަބަބެއް ނޭގުނު... ޒައުލް ކުރިން އުޅުނުވެސް ގޮތެއް ނޫނެއްނު، ކުރިން ހުންނަ ސަކަ މިޒާޖެއް މިހާރަކު ނުހުރޭ، ހަރުދަނާވީމަ ކަންނޭގެ" މަންސޫރު ސައި ތަށި ތުނބުގައި ޖަހާލަން ތައްޔާރުވެލައިފަވެސް މަޑުކޮއްލަމުން ބުނެލި އެވެ.

"ބަލަ ކިޔާން، ދަރިފުޅު އެކަނި ފެންފުޅިން ނުބޮވޭނެއޭ... ތިހެން އުޅެނިކޮށް މުޅި ގަޔަށް ފެންފުޅި ބަންޑުންވެދާނެ، ދައްކަބަލަ މަންމަ ދޭނަން، އަން މަންމަ އަތުން ފެންފޮދެއް ބޯލާ..." ދުވާރުމަތީގައި މަޑުކޮއްލައިގެން ހުރި ޔޫހާ އޭނަގެ ގާތުގައި ހުރި ކިޔާންއަށް ކުޑަފެންފުޅިއަކުން ފެންދެވޭތޯ މަސައްކަތް ކުރަމުން ވާހަކަ ދެއްކިއެވެ. ކިޔާން ބޭނުންވަނީ އޭނަގެ އަމިއްލަ އަތުން ފެންފުޅީގައި ހިފަހައްޓާލައިގެން ހުރެ ފެން ބޯށެވެ. ނަމަވެސް ޔޫހާ ކަންބޮޑުވަނީ ކިޔާންގެ މުޅިގަޔަށް ފެންފުޅި އެޅި ތެމިދާނެތީ އެވެ.
"ދެން ތިހެން އުޅެންޏާ ދާނީ ގެއަށް، ޕާކަށް ވެސް ވެލި ކުޅޭތަނަކަށް ވެސް ނުގެންދާނަން" ޔޫހާ ހިތްހަމަ ނުޖެހުނު ގޮތް ދައްކާލަމުން ބުނެލި އެވެ. ކިޔާން ބޮޑާ ހާކާލިއެއް ކަމަކު ޔޫހާގެ ބަސް އެހި އެވެ. ދެމައިން އެކުގައި ހިނގައިގަތެވެ. ކުޑަކުދިންގެ ބަގީޗާގެ ދޮރުން ވަތްއިރު އެކި ކުލަ ކުލައިގެ ކުޅޭ އެއްޗެހި ވިއްކާ މީހާ ފެނުމުން ކިޔާން ޔޫހާގެ އަތަށް ދަމާލަމުން އެމީހާ ދައްކާލި އެވެ.
"ކޮއްކޮ އެކަހަލަ ފޭންއެއް ބޭނުން.. .ޕްލީޒް މަންމި" ކިޔާންއަށް ކުޅޭއެއްޗެހި ވިއްކާ މީހާގެ އަތުގައި ވަޔާއިއެކު އެނބުރޭ ބުރަފަތިލާފައިވާ ދިގުދަނޑިއެއް ފެނި އޭތި ކަމުދިޔަ ވަރުން ބުނެލި އެވެ.
"ކޮއްކޮ ކުދިންނާއިއެކު ކުޅެލާފަ އަންނަންވާއިރަށް މަންމަ ގަނެދޭނަން، ދެން ދޭ އަވަހަށް ކުޅެލަން.... ބަލާ އެތިބަ އުޅެނީނު ދަރިފުޅު ވަރުގެ ކުދިން" ޔޫހާ ކިޔާންގެ އަތުގައި ހިފައިގެން އެތެރެއަށް ހިނގަމުން ބުނެލިއެވެ. އެއާއިއެކު ކިޔާން ދުއްވައިގަނެއްޖެއެވެ. ކުޅޭ އެއްޗެހިތަކަށް އެރުމަށެވެ. ޔޫހާ ބަގީޗާގެ ދޮރުކައިރީ ހުރި މީހާގެ އަތުން ކިޔާންއަށް ކަމުދިޔަ ކުޅޭކުލޭ ބުރަފަތިލާފައިވާ ދިގުދަނޑި ގަތެވެ. އަދި އެހިފައިގެން ގޮސް ކިޔާން ކުޅެން އުޅޭތަން ފެންނަ ހިސާބުގައި ހުރި ހިލަގޮނޑިއެއްގައި އިށީނެވެ.
އިރުގަނޑަކު ކުދިންނާއިއެކު ދުވެދުވެފައި ކުޅެން އުޅުނު ކިޔާން ޔޫހާގެ ގާތަށް އައެވެ. ދާހިއްލާ ފޯވެފައިހުރި ކިޔާންގެ މޫނު ޔޫހާގެ އަތް ދަބަހުން ނެގި ރުމާލުން ފޮހެދެމުން ދިޔައެވެ.
"މަންމި، މޫދުކައިރިއަށް ދާން..." ޔޫހާގެ އުނގު ތެރެއަށްވަދެހުރި ކިޔާން ބުނެލި އެވެ.
"ދަރިފުޅު ވަރުބަލިވީތަ؟" ޔޫހާގެ ޖުމްލަ ނުނިމެނިސް ކިޔާން ބޯޖަހާލިއެވެ. އަދި ޔޫހާ ދިއްކޮއްލި ކުޅޭ އެތި ފެނުމުން އުފަލުން ފުއްމަންފެށި އެވެ. ޔޫހާ ކިޔާން ދާންބޭނުންވިކަން އެނގުމުން ތެދުވެ ހިނގައިގަތީ ބަގީޗާއިން ނުކުތުމަށެވެ.
އަމީނީމަގު ހުރިގޮތަށް ކިޔާންގެ އަތުގައި ހިފާލައިގެން ހުރެ ޔޫހާ ހިނގަމުންދިޔަ އެވެ. އަދި ލޮނުޒިޔާރަތްކޮޅު ތިނެސްކަން ގާކައިރިން މަގު ހުރަސްކޮއްލީ ކިޔާން އުރައިލައިގެންނެވެ. ބަންދު ދުވަހަކަށްވެފައި ދުއްވާ އެއްޗިއްސާ ހިނގާ މީހުންގެ އިތުރުން އެ ސަރަޙައްދުގައި އުޅޭ ކުޑަކުދިން ވެސް މަދެއް ނޫނެވެ. ތޮށިގަނޑު މަތީ ކިޔާން ބަހައްޓަމުން ޔޫހާ ވެސް ތޮށިގަނޑުގައި ކުޑަކުޑަކޮށް ބުޑުޖައްސާލައިގެން އިށީނެވެ.
"ދަރިފުޅުތަ؟" އެތަނުގައި އިން ޒުވާން ފުރައިގެން އަންހެނަކު އަހާލިއެވެ.
"ހޫމް..." ޔޫހާ ހޫން ލައްވާލުމުން އެ އަންހެން މީހާ ކިޔާން އާއިއެކު ވެލިކުޅެން އުޅުނު ދެ ކުދިންގެ ތެރެއިން ކުއްޖަކު ދައްކާލަމުން އެއީ އޭނަގެ ދަރިފުޅު ކަމުގައި ބުނެލިއެވެ. ހިތްހެޔޮ ވައްތަރު ޖަހާ އަންހެނެއް ހެން ހީވެއެވެ. އޭނަވެސް އެކަނި ދަރިފުޅު ގޮވައިގެން އެތަނުގައި އިންދާ ޔޫހާ ފެނުމުން އަނގަތަޅާލަން ބޭނުންވީ ކަންނޭގެއެވެ. ޔޫހާވެސް ވާހަކަދެއްކީ އެހެން ހީކޮށެވެ.

މާލެތޮށި ކައިރިއަށް ގާތްކުރި ލޯންޗުން ފޭބި ޒައުލް އާއި ދިމާލަށް ހުޅުމާލެ ފެރީއިން ފޭބި ވަރަށް ގިނަ މީހުންގެ ލޯތަށް އަމާޒުވަމުންދިޔަ އެވެ. އަވަސް ފިޔަވަޅުތަކުގައި މަގާވީ ފަރާތަށް ނުކުތްއިރު ޖަމާލު ކާރުގައި ޓަމިނަލްގެ އެއްފަރާތުގައި މަޑުކޮއްލައިގެން އިނެވެ. އިސް ޖަހާލައިގެން މީހުންނަށް ނުބަލާވޭތޯ ބަލަމުން ޒައުލް ގޮސް ކާރަށް އެރިއެވެ.
"މީހުން ބަލާވަރުންވެސް..." ކާރުގެ ދޮރުފަތް ލައްޕާލި ޒައުލް މިހެން ބުނެލަމުން ބޯ ދެފަރާތަށް ހޫރާލި އެވެ.
"ކުޑަސާހިބް ނުދަންނަ މީހުން ވަރަށް މަދުވާނެއެއްނު، އެހެންވެކަންނޭގެ އެބަލަނީ... ކުޑަސާހިބް، ކޮންތާކަށްތޯ ދާންވީ" ޖަމާލު އޭނަގެ ހިޔާލުފާޅުކުރަމުން ދާންވީތަން އޮޅުންފިލުވުމަށް އަހާލިއެވެ.
"ގެއަށްދާނީ، އެހާ އަވަސް އަރުވާނުލިޔަސް އެންމެ ރަނގަޅު... މައްސަލައެއްނެއް މިހެން ބޭރު މަގުން ދިޔަޔަސް" ޒައުލް ކާރުގެ ފަހަތު ސީޓުގައި ހަމަޖެހިލި އެވެ. ޖަމާލް ބޯޖަހާލަމުން ލައްބައޭ ބުނެ ކާރުދުއްވަމުންދިޔަ އެވެ. މީހުން ގިނަ ސަރަޙައްދެއްވީމާ މާބާރަށް ކާރު ދުއްވާކަށް ޖަމާލް ނޫޅެއެވެ. ހުއްދަދެވިފައިވާ މިންގަނޑަށްވުރެ ވެސް މަޑުން އޭނަ ދުއްވަމުންދިޔަ އެވެ. ކަޅު ބިއްލޫރިޖަހާ އެތެރެ ނުފެންނަ ގޮތަށް ހުރި ކާރުގެ ދޮރުފަތުގެ ބިއްލޫރިގަނޑުން ބޭރުބަލަމުން ޒައުލް ދިޔައެވެ. ރާޅުގަނޑުގައި ރާޅާ އަޅަން އުޅޭ އެކިއުމުރު ފުރައިގެ މީހުންގެ ހަރަކާތްތައް ޒައުލްއަށް ވަރަށް ކަމުދިޔައެވެ. ގޮސް އޮބާލަންދެން އެމަންޒަރުތަކަށް ބަލަން ޝައުގުވެރިކަމާއިއެކު އިނެވެ.
"ޖަމާލް، މަޑުކޮއްބަލަ... އޭނދީ ޔޫހާތަ؟" ކުއްލިއަކަށް ޒައުލްގެ ބުނުމަށް ޖަމާލްއަށް ކާރު މަޑުކޮއްލެވުނީ ތަންކޮޅެއް ފަހުންނެވެ. ދުއްވާއެއްޗެހީގެ ބައިބޯކަމުން ކުއްލިއަކަށް މަޑުކޮއްފިނަމަ އެކްސިޑެންޓެއްފަދަ ދެރަ ހާދިސާއެއް ހިނގާފާނެތީ އެކަމާ ވިސްނާލެވުނީއެވެ.
"ކުޑަސާހިބް ޓްރެފިކް..." ޖަމާލްއަށް ބުނެލެވުނެވެ.
"އޭނދީ ޔޫހާދޯ، ނޫނީ އަހަންނަށް ފެންނަ ގޮތަކީތަ؟" އަނެއްކާވެސް ޒައުލް ޖަމާލުގެ ކައިރިން އަހާލިއެވެ. ޔަގީން ނުވެގެން އަހާލާފަދަ ގޮތަކަށެވެ.
"ލައްބަ، އެއީ ހަމަ ޔޫހާ މެޑަމް، ގޮވާލަންވީތޯ" ކުޑަދޮރުން ބޭރު ބަލާލި ޖަމާލް ޔަގީންކަމާއިއެކު ބުނެލިއެވެ.
"ނޫން ގޮވާނެ ކަމެއްނެއް، މިތަނުގައި އެހަށް ކާރު ޕާކުކޮއްލާ" ޒައުލްއަށް ކުއްލިއަކަށް އެއްވެސް ވިސްނުމަކާއިނުލާ ބުނެލެވުނެވެ.

ސުނާމީ ބިނާކައިރީ ޕާކުކޮއްލެވިފައިވާ ކާރުގެ ފަހަތު ސީޓުގައި ފަހަތަށް އެނބުރި ޒައުލް އިންއިރު އޭނަ ދިޔައީ ކުރިމަތިން ފެންނަމުންދިޔަ ޔޫހާގެ ހަރަކާތްތަކަށް ބަލަމުންނެވެ. ދޭތެރެއަކުން ދުވެފައި ޔޫހާގެ ގާތަށް އަންނަ ކިޔާންގެ ހަރަކާތްތަކަށް ވެސް އޭނަ ބެލިއެވެ. ދަރިފުޅުގެ ބައެއް ހަރަކާތްތަކުން ޔޫހާ ހީލާގޮތުން ޒައުލްގެ ހިތަށް އުނދަގޫ ކުރުވިއެވެ. އޭނަގެ ތުންފަތަށް ވެސް ބޭނުން ނުވިކަމުގައިވިޔަސް ކިޔާންގެ ހަރަކާތްތަކުން ހިނިތުންވުން ގެނުވައިފިއެވެ. އެކުއްޖާ އެހާ ޙާއްޞަވާންވީ ކީއްވެހެއްޔެވެ. އަނެއްކޮޅުން ޔޫހާގެ މޫނުމަތިން އެފަދަ އުފާވެރިކަމެއް ފެންނަންވީ ސަބަބެއް އެއްގޮތަކަށް ވެސް އޭނައަކަށް ނުވިސްނުނެވެ. ކީއްވެކަމެއް ނޭގެއެވެ. ޒައުލް ކިޔާންއަށް ބެލިވަރަކަށް ހިތާ ސިކުނޑީގައި ސުވާލު އުފެދެމުންދިޔަ އެވެ.
"ހާދަ ވައްތަރޭ، ކީއްވެތަ އެހާ ވައްތަރުވާންވީ... އަހަންނަށް ކިޔާން ފެންނަ ކޮންމެ ފަހަރަކު ހިތަށް މިކަހަލަ ބުނެދޭންނޭގޭ ގޮތްތަކެއް މިވަނީ ކީއްވެތަ، ނޫނީ ޔޫހާ އެބުނަނީ ހަމަތެދެއްބާ، އޭނަ އަހަރެންގެ މުއްސަނދިކަމަށް ވެރިވެގެންނަންބާ އެއުޅެނީ، ކީއްވެތަ ޔޫހާ މަތިން އެހާވަރަށް ހަނދާންވާންވީ، އެރޭގެ ހާދިސާއަކީ މިސްޓޭކަކަށްވާއިރު އެރޭވީ ހުރިހާ ކަމެއްގެ މަތިން ހަނދާން ނައްތާނުލެވިގެން މިއުޅެނީ ކީއްވެތަ... ސިކުނޑީގައި އަބަދުހެންވަނީ ޔޫހާ ޔޫހާ ޔޫހާ... ސިކުނޑި ފަޅައިގެން ދާހާވޭ، އަހަރެން ކިހިނެއްތަ ހަދަންވީ، ވައްތަރު މީހުން އުޅޭ، އެގޮތަށް ކިޔާންވެސް އަހަރެން ކުޑައިރު ހުންނަގޮތާ ވައްތަރީ ކަންނޭގެ، ނޫން ނޫން، ޔޫހާ އަކަށް ނޭގޭނެ އަހަރެންގެ ކުޑައިރު ކީއްކުރަން އެއްވެސް ހަގީގަތެއް، ނޫނީ އޭނަ އަހަރެންގެ ހުރިހާ ވަނަވަރެއް ހޯދީބާ... ހުރިހާ ކަމެއް މިކުރަނީ ރޭވުމެއްގެ ދަށުންބާ... ޔޫހާ، އަހަންނަށް އޮޅުވާލަ ފާނެތަ؟... ކީއްވެ އޭނަ އޮޅުވާނުލަންވީ، އެވެސް އަންހެނެއްވިއްޔަ، އެކަމަކުވެސް ނުފިލާނެ ތިހަނދާންތަކެއް... އަހަންނަށް ޔޫހާދެކެ ލޯބިވެވެނީބާ؟ ލޯބިވެވުނީމަތަ މިފަދަ އިޙްސާސްތައް ކުރެވެނީ..." ޔޫހާ އާއި ކިޔާންއަށް ނަޒަރުހުއްޓާލައިގެން އިން ޒައުލްގެ ހިތަށް އަރަމުންދިޔައެވެ.

ކޮމެންޓް 0