ޒާރާނާ މަގަތަށް ފުރޮޅިލުމާއިއެކު ދެލޮލަށް ޖަމާވެފައިވާ ކަރުނަތައް ފައިބެގެންދިޔަ އެވެ. އަވަސް އަވަހަށް އެއްއަތުން ދެލޯ ފޮހެލި އެވެ.
"ތި ފޮޓޯއަކީ އަބަދަށް ދެމިގެންވާނެ އެއްޗެ އްނޫން، އެކަމަކު މަންސޫރުގެ ހިތުން އަހަންނަށް ދެއްވި މަގާމަކީ އަބަދަށް ދެމިގެންވާނެ މަގާމަކުންވުން އަހަންނަށް މާމުހިއްމު" ޒަރާނާއަށް އޭނަގެ އަމިއްލަ އަޑު އިވިގެންދިޔައެވެ. އެރޭގެ އެލަދުވެތި ހީނލުމާއިކުއެވެ. އެއާއިއެކު ދެން އިވުނީ މަންސޫރު ދިން ޖަވާބެވެ.
"މިހިތުގަ ޒަރާ ނޫން މީހަކަށް ޖާގައެއްނުވޭ، މަންމަ ޒަރާދެކެ ރުޅިއަންނާތީ އަހަރެން ވަރަށް ދެރަވޭ، އެކަމަކު އެކަމާ އަޅާނުލާ، އަހަރެން ޒަރާދެކެ އަބަދުވެސް ލޯބިވާނަން، މިފޮޓޯއަކީ އެކަމުގެ ހެއްކެއް... އެނގޭ ފޮޓޯއެއްވީމަ ހަލާކުވެސް ވާނެކަން، އެކަމަކު އަހަރެން އެހެންވިޔަކަ ނުދޭނަން، ކިރިޔާ ކުލަޔަށް ބަދަލެއް އަޔަސް މިއަދު ނެގި ފޮޓޮއެއް ގޮތަށް ހަދާލާނަން، ނޫނީ މޮޅު ކުރެހުންތެރިއަކު ގެނެސް މިކަހަލަ އެތަށް ފޮޓޮއެއް އެމީހަކު ލައްވާ ކުރަހުވާނަން، މިފޮޓޯގައި މިވަނީ އެތަކެއް ހަނދާންތަކެއް، އަހަރެންގެ މުޅި ހަޔާތް، އަހަރެންގެ އަލަތު ލޯތްބާއި އަހަރެންގެ މޭވާ އެޅުމަށް ޚާއްޞަކުރެވިފައިވާ ގަސް... މިފޮޓޯ މިތަނުގައި ހުންނާނީ އަހަރެންގެ ވެރިރަސްކަލާނގެ އަހަރެންގެ ފުރާނަގެންދަވަންދެން، އޭގެފަހުގަ މިފޮޓޮޔަށް ހަދާނެ ގޮތެއް އެނގޭނީ އަހަރުމެން ދެމީހުންގެ ދަރިންނަށް" މަންސޫރު ލޯތްބާއިއެކު ޒަރާނާގެ ދިގު އިސްތަށިގަނޑުގައި ފިރުމަމުން މިހެން ބުނި ހަނދާނާއި އެމަންޒަރު ޒަރާނާގެ ކަރުނުން ފުރިފައިވާ ދެލޮލަށް ފެނި އެކަންފަތައް އަޑުއިވެމުންދިޔަ އެވެ. ކޮންމެ ފަހަރަކު ދެލޯ ފޮހެލަނީ ރޯން ބޭނުންނުވާތީއެވެ. މަންސޫރުގެ ހަނދާންތައް އާލާކުރަން ބޭނުންނުވާތީއެވެ. ކުއްލިއަކަށް ދޮރުގެ ތަޅުގައި ހިފާލިއަޑާއިއެކު ޒަރާނާ އޮތްފަރާތް ނޫން އަނެއްފަރާތަށް އެނބުރި ބާލީހުގެ ކަނުން ކުރިއަށްވުރެވެސް ބޮޑަށް ދެލޯ ފޮހެލިއެވެ.
"ޒަރާ، ކިހިނެއްވެފަ ތިއޮތީ... ބޮލުގަ ރިއްސަނީތަ" ކޮޓަރިއަށް ވަން އާފާގު އަހާލިއެވެ.
"އުނހޫން..." ޒަރާނާ އާފާގުއަށް ފުރަގަސްދީގެން އޮވެ ބުނެލި އެވެ.
"މިރޭ އަހަންނަށް ކާންހަދާ ނުދޭނަންތަ" އާފާގު އައިސް ޒަރާނާގެ ގާތުގައި އިށިންނަން އުޅުމުން ބުނެލިއެވެ. ނަމަވެސް އާފާގުއަށް ނީށީނދެވެނީސް ޒަރާނާ ތެދުވެ ކޮޓަރިން ނުކުންނަން ހިނގައިގަތެވެ. އޭނަގެ ފަހަތުން އާފާގުވެސް ހިނގައިގަތީއެވެ.

ކިޔާން ނިންދަވާލުމަށްފަހު އޭނަގެ ގާތުގައި އޮށޯވެލައިގެން ޔޫހާއޮތެވެ. ފުން ވިސްނުމެއްގެ ތެރެއަށް ގެއްލިފައިވާ ޔޫހާއަށް ހިލަމެއްވީ އޭނަގެ ކޮނޑުގައި ފަހަތުން ޒައުލްގެ އިނގިލިތަކުގެ ކޮޅުން ޖަހާލުމާއިއެކުއެވެ. ޔޫހާ މޫނުއަނބުރާލުމާއިއެކު ޒައުލް ފެނުމުން އޭނަ މަޑުމަޑުން ތެދުވެ ޒައުލްގެ ފަހަތުން ހިނގައިގަތެވެ.
"މިހެންވާންވީ ކީއްވެ، އަހަރެން ޔޫހާ ގާތު ނުބުނަންތަ އަހަންނަށް އިތުރު ފުރުޞަތެއް ދޭށޭ، އަހަންނަށް އެނގޭ މިގޭގަ ހުރިހާކަމެއް މިވަނީ ޔޫހާ ބޭނުންވާ ގޮތަކަށް ނޫންކަން، އެކަމަކު މިގޭގަވެސް ޔޫހާ ބޭނުންވާ މީހުންނާ ބައްދަލު ކުރެވޭނެ، އަހަރެންގެ ކޮންމެ އެއްޗަކީ ޔޫހާގެވެސް އެއްޗެއް، ދެން ކީއްވެހޭ... ބައްޕަގެ އިތުބާރު ގެއްލޭފަދަކަމެއް ޔޫހާ ކުރަންވީ ކީއްކުރަން، ޔޫހާއަށް އެނގެން ޖެހޭނެދޯ މާމަ އެހުންނަނީ ޔޫހާގެ ފިޔަވަޅުތަކަށް ބަލަބަލާކަން، އަހަންނަށް އަފްލީން ކިޔާދިން ކަންތައްވީ ގޮތް، އެކަމަކު އަހަންނަށް ނުވިސްނު ނުކަމަކީ ޔޫހާ އަފްލީން ރައްޓެހިވެގެން އުޅޭ ކުއްޖާ އާއިއެކު ކޮޓަރިތެރޭގައި ކޮން ވާހަކައެއްކަން ދެއްކީ" ޒައުލް ޔޫހާއަށް ފުރަގަސްދީގެން ހުރެ ވާހަކަ ދެއްކިއެވެ. އޭނަގެ ހިތްހަމަ ނުޖެހިފައިވާ މޫނު ޔޫހާއަށް ދައްކަން ބޭނުން ނުވާކަހަލައެވެ.
"ޒައުލްއަށް އެނގޭނެ މާމަ އެ ދައްކަނީ ރަނގަޅ ުވާހަކައެއ ްނޫންކަން، އަހަރެން އެމީހުން އެ ބުނާ ފަދަ ކަމެއް ނުކުރާނެކަން، ޒައުލް އަހަންނަށް އިތުބާރެއް ނުކުރަންތަ، އަހަރެން އޭނަ އާއި ދެއްކި ވާހަކައަކުން އަހަރުމެން ދެމީހުންގެ ގުޅުމަކަށް އެއްވެސް ބުރުލެއް ނާރާނެ، އަހަރެންގެ ފިރިމީހާއަށް ޝައްކުވާފަދަ އެއްވެސް ކަމެއް އަހަރެން ނުކުރާނަން، އަދި ދުވަހަކުވެސް ބޭވަފާތެރިއެއް ނުވާނަން" މިހެންބުނެ ޔޫހާ އައިސް ޒައުލްގެ ކުރިމައްޗަށް އަރާ އޭނަގެ އަތުގައި ހިފާލިއެވެ. ޒައުލް އިރުކޮޅަކު ސީދާ ޔޫހާގެ ލޮލަށް ނަޒަރު ހުއްޓާލައިގެން ހުއްޓެވެ.
"އަހަރެން ޒައުލް އާއި ސުވާލެއް ކުރަންތަ؟" ޒައުލް އެއްޗެއް ނުބުނެ ހުންނަން ފެށުމުން ޔޫހާގެ ސިކުނޑި މަސައްކަތް ކުރުމާއިއެކު ދޫހަރަކާތްކޮއްފި އެވެ. ޒައުލް މަޑުމަޑުން ބޯ ޖަހާލިއެއްކަމަކު އެ މޫނުމަތިން އަދިވެސް ފެންނަނީ ނުތަނަވަސް ކަމެވެ.
"ޒައުލް ކީއްވެތަ ދުވަހަކުވެސް ޒައުލްގެ މަންމަގެ ވާހަކަ ނުދައްކަނީ، އަހަރެން ހީކުރީ ޒައުލްގެ މަންމަވަނީ ނިޔާވެފަކަމަށް... ބުނީމެއްނު ޒައުލްގެ ހުރިހާ ވާހަކައެއް އަހަންނަށް ކިޔާދެވިއްޖެޔޭ" ޔޫހާ ޖެހިލުންވެ ހުރެ އެހި އެވެ.
"ތީ ކޮން ވާހަކައެއް؟" ކުއްލިއަކަށް ޒައުލްއަށް ވަރަށް ބޮޑު ބަދަލެއް އައިކަން ޔޫހާއަށް ފާހަގަވި އެވެ. އޭނަ ޔޫހާގެ އަތުން ވަގުތުން ދޫކޮއްލުމާއިއެކު އެނދާއި ދިމާލަށް ހިނގައިގަތެވެ.
"ޒައުލް އަހަންނަށް ކަމެއް ސިއްރު ކުރަނީތަ، ކޮބާތަ މައްސަލައަކީ، ކޮބާތަ ޒައުލްގެ މަންމަ" ޔޫހާ ވާހަކަ ދައްކަމުން ޒައުލްގެ ފަހަތުން އައެވެ.
"ބަލަ ޔޫހާއަކަށް މައްސަލައެއް ނޭނގުނުތަ، އަހަރެންގެ އަންބަކަށްވެ ހުރެ ހިލޭ ފިރިހެނަކު ގޮވައިގެން އަމިއްލަ ކޮޓަރީގައި ހުރި ވާހަކަ އެންމެން ދައްކާއިރު އަޑެއް ނީވޭތަ...ނޫނީ އަޑުއަހަން ބޭނުންނުވަނީތަ" ކުއްލިއަކަށް ޒައުލްގެ ރާގުވެސް ބަދަލު ވެއްޖެ އެވެ. ރުޅިއައިސް ރަތްވެފައިވާ މީހަކު ފަދައިން ޔޫހާ އާއި މުހާތަބުކުރި އެވެ.
"އެންމެންނަކީ ކޮބާތަ، ޒައުލްގެ މާމަ އާއި ބައްޕަތަ، ދެން މިގޭގަ އުޅޭ ޒައުލްގެ އަންހެން ކޮއްކޮތަ... ނޫނީ އަހަރެން ކުރި ސުވާލަށް ޖަވާބުދޭން ޒައުލް ބޭނުން ނުވަނީތަ، އެކަމަކު އެއީ މީހަކަށް ޖަވާބު ނުދެވޭވަރުގެ ސުވާލެއްތަ، އަހަންނަށް އެވަރު އަހާލެވިދާނެކަންނޭގެ ދޯ، ޒައުލްގެ މަންމަގެ ވާހަކަ ނުދައްކަން ތިއުޅެނީ ކީއްވެތަ؟" ޔޫހާވެސް ގޮތް ދޫނުކުރާގޮތް ދައްކާލ ިއެވެ. ފަހަރެއްގައި އޭރުންވެސް ޒައުލް އެކަމާ ގުޅިގެން އެއްޗެއް ބުނެދާނެ ކަމަށެވެ. އެހެންނަމަވެސް އޭނަގެ ރުޅި ކުރިއަށްވުރެވެސް ގަދަވުމާއިއެކު އަވަސް ހިނގުމުގައި ކޮޓަރިން ނުކުމެގެންދިޔައީ އެވެ. އޭނަގެ ފަހަތުން ދުވެފައި ކަހަލަގޮތަކަށް ޔޫހާ ނުކުތެވެ. އޭރު ރޭގަނޑުގެ ކެއުން ނިންމާލުމާލުމާއިއެކު މަންސޫރު ވެސް ސިޑިން މައްޗަށް އަރަނީއެވެ. ޒައުލްގެ ނަމުން ގޮވަމުން ކޮޓަރިން ނުކުތް ޔޫހާ އާއި އޭނައަށްވުރެ ކުޑަ ހިނދުކޮޅެއް ކުރިން ހަރުކޮށް ހިނގާފައި ނުކުތް ޒައުލް މަންސޫރަށް ފެނުނެވެ. އެދެމަފިރިންގެ މެދުގައި ދެބަސްވުމެއް ހިނގަނީކަން މަންސޫރަށް ވަގުތުން ނަގައިގަނެވުނެވެ.

"ޒަރާ، ވީގޮތެއް ބުނެބަލަ، އަހަރެން އަހާ އަހާ ވަރުބަލިވީމަތަ ބުނާނީ، ނޫނީ ނާހަންވީތަ، އެކަމަކު އެއީވެސް ގޮތެއް ނޫންދޯ... ކޮބާތަ ޒަރާގެ އަޑު، އެހެންޏާ ކާންހަދަން އުޅޭއިރު އެއަޑު ކަޑައިގެން ނުދާނެ، ކޮންމެވެސް ވާހަކައެއް އަހަންނާ ދައްކާނެ" އާފާގު އެކިއެކި ވާހަކަ ދައްކަމުންދިޔަ އެވެ. ޒަރާނާ ހަމަ ބަހެއްވެސް ނުބުނެ ކާމޭޒުމަތީ ތަށިތައް އަތުރަމުންދިޔަ އެވެ. ރިހަ ބޯތައްޓާއި ބަތްއަޅާފައި ހުރި ތައްޓެވެ. އަދި އާފާގު އާއި އައްޔަދު ކާނެ ތައްޓާއި ފެންބޯނެ ތައްޓެވެ. ކާންހަދާ ނިމުމުންވެސް ޒަރާނާ އެއްތާކު މަޑުވާގޮތެއް ނުވިއެވެ. މިކަމަށް ކެތްކުރަން ދަތިވި އާފާގު ކުއްލިއަކަށް ތެދުވެ ޒަރާނާގެ އަތުގައި ހިފިއެވެ. އަދި މަޑުމަޑުން ކައިރީގައި ހުރި ގޮނޑި ދަމާލުމަށްފަހު ޒަރާނާ އެގޮނޑީގައި ބޭންދިއެވެ.
"ޒަރާ، ހިތުގައި ފޮރުވުމަކުން އެކަމަށް ހައްލެއް ނުލިބޭނެ..." އާފާގުގެ ޖުމްލަ ފުރިހަމަ ނުވަނިސް ޒަރާނާގެ ބަޑިފަޅައިގެން ހިނގައްޖެ އެވެ. މޫނުގައި ދެއަތްއަޅާ ފޮރުވާލުމާއިއެކު ޒަރާނާއަށް ރޮވެމުންދިޔަ އެވެ. އެވަގުތު ކާ ކޮޓަރިއަށް ކާންވެގެން އައި އައްޔަދުއަށް އެމަންޒަރު ފެނުނެވެ. ކަންބޮޑުވުމާއިއެކު ބަލަންހުރެފައި އަވަހަށް ފާރުގެ ނިވަލަށްވަދެ ފިލިއެވެ. އަދި ސިއްރުސިއްރުން އާފާގު ދައްކާ ވާހަކަތައް އަޑުއަހަމުންދިޔަ އެވެ.
"ދުވަހަކުވެސް މަޔަކު އެހެންހަދާނެތަ، އަހަރެންމީ ރަނގަޅު މަޔެއްނޫން، އެހެންނޫންނަމަ އެދަރިން ދޫކޮށެއް ނުލީސް... އާފާގު، މިދެއަތުން އަހަރެންގެ އީލާކު އެމީހުންގެ އަތަށް ދޫކޮއްލީ، އޭރު އަހަރެންގެ ޒައުލް ރޮއެ ރޮއެ ހުރި، މަންމާއޭ ކިޔާ އަހަންނަށް ގޮވި އަޑުއިވުނު" ޒަރާނާ ރޮމުން ރޮމުން ވާހަކަ ދެއްކި އެވެ. އާފާގުއަށް ވަގުތުން ވީގޮތް އޮޅުންފިލައިފި އެވެ.
"ޒަރާ، އެއީ ޒަރާގެ ކުދިންނޭ، ޒަރާ އެކުދިން ހޯދަން މަސައްކަތް ކުރީމެންނު، އެހެންނޫނަސް އެމީހުން ކުދިން އަތުލުމުން ޒަރާ ވިސްނުމަށްފަހު ނިންމި ނިންމުމަކީ އަދިވެސް އަހަރެން ދެކޭގޮތުގަ އެންމެ ރަނގަޅު ނިންމުން، އެދުވަހު ޒަރާ އެކުދިން ގެނައިނަމަ ރަނގަޅު ތައުލީމެއް ހޯދަދީ މިހާރު އެކުދިން އެތިބަ މަގާމަށް ގެންދިއުން ވަރަށް ބޮޑު ގޮންޖަހާލުމަށްވީސްކަން ޔަގީން، އެމީހުން އެކުދިންނަށް ވިސްނާދީފައިވާ ގޮތް ކަމުނުދަނީ، އެކުދިންނަކީ ރަނގަޅު ކުދިބައެއް، އެކަމަކު އެއާއިލާގެ އެންމެ އިސްކޮށް ބަސް ބުނެ ހަދަނީ ކާކުކަން ޒަރާނާއަށްވެސް އެނގޭނެ، އޭނަ އެކުދިން ބަލާ އެވަރުއެކުރީ، އެހެންވެ އެކުދިންނަށްވަނީ ހަގީގަތް އޮޅިފަ، އަދި އޭނަގެ ނުފޫޒުއެކުދިންގެ މައްޗަށް ވަރަށް ބޮޑު" އާފާގު ވާހަކަ ދައްކަނިކޮށް ޒަރާނާވެސް ވާހަކ ދައްކަންފެށި އެވެ.
"އަހަރެން އެކުދިން ބޭނުން، އާފާގު..." ޒަރާނާ ކަރުނަތަށް ފޮހެލުމެއްނެތި ބުންޏެވެ. އަދި އާފާގުގެ ކޮނޑުގައި ދެ އަތްޖައްސާލަމުން ބަލާލި އެވެ. މައިވަންތަކަމުން ފުރިގެންވި ޖަޒުބާތެއް އެދެލޮލުން ފާޅުވެގެންދިޔައެވެ.
"އަހަންނަށް އެނގޭ މަޔަކާ އޭނަގެ ދަރިން ވަކި ކޮއްލުމަކީ އޭނަގެ ހަށިގަނޑުން ގުނަވަނެއް ވަކިކޮއްލައިގެން ގެންދިއުންފަދަ ކަމެއްކަން، އެކަމަކު ޒަރާ، އަހަންނަށް މާފުކޮއްދީ، މިހާތަނަށް އައިއިރު ޒަރާގެ ހިތުގަޖައްސާފައެއް ނޯންނާނެ، ޒަރާ އާއި ދިމާލަށް ބާރަށް އެއްޗެއް ނުބުނަން، އަހަންނާ ގުޅުނު ފުރަތަމަ ދުވަހެކޭވެސް އެއްގޮތަށް ހުރިހާ ކަމެއް ބެހެއްޓޭތޯ އަހަރެން މަސައްކަތްކުރިން، އެކަމަކު އަހަންނަށް ޒަރާ އެންމެ ބޭނުންވާ ކަންތަކެއް ކޮށެއް ނުދެވޭނެ، އެކުދިންނަކީ އަހަރެންގެ ބާރުފޯރާވަރަށްވުރެ ދުރުގައި ތިބި ކުދިބައެއް، އަހަރެން އެކުދިން ޒަރާގެ ގާތަށް ގެނެސްދޭނީ ކިހިނެއް، އަހަރެން ދުޢާކުރަން، މިދުނިޔޭގައި އެކުދިންނާއިއެކު ޒަރާނާ ނުވިކަމުގައިވިޔަސް ދެންއޮތް ދުނިޔޭގައި އެކުދިންނާއި ޒަރާނާ ވަކި ނުކުރެއްވުމަށް އެދި، ފާޅު ނުކުރިޔަސް އެންމެ ދުވަހެއްވެސް ނުދޭ ޒަރާގެ މޫނުން އެކަމުގެ މާޔޫސްކަން ފާޅުނުވާ... އަހަންނަށް މާފުކުރޭ" އާފާގު ޒަރާނާގެ ދެ އަތްތިލާގައި ހިފާ ބާރުކޮއްލުމާއިއެކު ބުނެލި އެވެ. އޭރު އެލޮލުންވެސް ކަރުނަ ނިރާލައިފި އެވެ. އެދެމަފިރިންގެ އަޑުއަހަންހުރި އައްޔަދުގެ ހިތަށްވެސް އަސަރުކޮއްފި އެވެ. އޭނަގެ މަންމައަށް ހަމައެކަނި އޭނަގެ ލޯބިން ނުފުދޭކަން މިރޭ އެނގިއްޖެ އެވެ. އަދި އެމަންމަގެ ދެންތިބި ދަރިންނައްޓަކައި ކުރަމުންދިޔަ ދިގު އިންތިޒާރުވެސްމެއެވެ. މިނޫނީ ދުވަހަކުވެސް މަންމަ ރޯއަޑެއް އައްޔަދު ނާހައެވެ. ހައިރާންކަމާއިއެކު އޭނަގެ އެއްލޯ ފޮހެލެވުނީ އޭނައަށް ނޭނގިނަމަވެސް އެލޮލުން ވެއްޓުނު ކަރުނަތިކިން ކޯތާފަތް ތެމުމުންނެވެ.
ޒަރާނާއަށް އޭނަގެ ހިތުގެ މައްޗަށް ސިކުނޑި އިސްކުރެވުނެވެ. މަޑުމަޑުން ދެލޯ ފޮހެލުމަށްފަހު އާފާގުގެ އަތުގެތެރެއިން ނެގި އަތުން އާފާގުގެ މޫނުގައި ފިރުމާލި އެވެ.
"ކިޔާންއަކީ ޒައުލްގެ ދަރިއެއް، އެމީހުން... އެމީހުނެއ ްނޫން، ލާއިގާ... އާން، ލާއިގާ އެއުޅެނީ އަހަރެންގެ ކަހަލަ ދެވަނަ އަންހެނެއްގެ ލޯބި ފޭރިގަންނަން، ދެރައީ މިފަހަރު ތިފަދަ އާފާގެއް އެއަންހެން ކުއްޖާގެ ދިރިއުޅުމަށް އައިސްފައި ނެތްކަން..." ޒަރާނާ ބުނިއެއްޗެއް ހަމަނުޖެހުނު ކަމުގައި ވިޔަސް އޭނަ ބުނަން އެއުޅުނީ ކޮންބައެއްގެ ކޮންވާހަކައެއްކަން އާފާގުއަށް އެނގުނެވެ.
"އެއަންހެން ކުއްޖާއަށް އެހެން ހަދަންދެން ޒައުލް ހުންނާނެތަ މަޑުން" އާފާގު ޔަގީންކުރަން ބޭނުންވާ ފަދަގޮތަކަށް އަހާލިއެވެ.
"ހޫމް، އޭނައަށް ހަގީގަތް އެނގިގެންތާ ޔޫހާގެ ދިފާއުގަ އެއްޗެއް ބުނެވޭނީ، ލާއިގާ އެފުރުޞަތު ދޭނެތަ، އާފާގު ކުރިމަތީގަ އޭނަ އަހަންނަށް ހެއްދެވި ނުހެއްދެވިއަށް ގޮވީ އެދުވަހު، އަހަރެންގެ ކުށެއް ނެތްކަން ސާބިތުކުރުމަށް ފުރުޞަތެއް ދިންތަ، ނޫނީ އާފާގުގެ ވާހަކަ މަންސޫރު ގަބޫލުކުރިތަ... ލާއިގާއަކީ މީހުންގެ ސިކުނޑިއާއި މޮޅަށް ކުޅެންދަންނަ މީހެއް، އޭނަ ނޫން މީހަކަށް ކުރި ލިބިގެނެއްނުވާނެ، ޒައުލް ޔޫހާ އާއި ކައިވެނި ކުރީ ލާއިގާގެ ނުގަބޫލުގަ، އަނެއްކޮޅުން ލާއިގާގެ ފުރަތަމަ ފިޔަވަޅު އޭނަ ނަގައިފި، ދެރައީ އޭނައަށް ނޭނގުނުކަން، އިލްޒާމް އެޅުވުނީ ޒައުލްގެ އެއްބަނޑު ކޮއްކޮގެ ބޮލުގަކަން..." ޒަރާނާ ބުންޏެވެ.
"ތިބުނި އެއްޗެއް ނޭނގުނު" އާފާގު މިހެން ބުނެލުމާއިއެކު ޒަރާނާ ކަންތައްވީގޮތް އައްޔަދު ކިޔާދިން ފަދައިން އާފާގަށް އޮޅުން ފިލުވައިދީފި އެވެ. އާފާގުގެ ދެބުމަ ކައިރިކޮއްލުމާއިއެކު ނިތަށް ރޫޫތަކެއް އަރައިގެންދިޔައެވެ. މޫނުމަތިން ފެނުނީ ހާސްކަމާއި ހިތްހަމަނުޖެހުމެވެ.
"ހާދަ ދެރަކަމަކޭ، އެކަމަކު ޒަރާ، އަހަރުމެންނަށް ވަކި ކޮއްދެވޭނީ ކޮންކަމެއް، ޒައުލްގެ ގޮތްވެސް ޒަރާއަށް އެނގޭނެ" އާފާގު ބުނެލިއެވެ. ޒަރާނާ އޭނަގެ ހިޔާލު ފާޅުކުރިއެވެ. އެއާއިއެކު އާފާގުއަށް އެގޮތް ކަމުދިޔައެވެ.
"އައްޔަދު ހިޔާލުދިނީ އެގޮތަށް ކަންތައްކުރުމަށް، އެކަމަކު އަހަންނަށް ނުވާނެއޭ ހިތަށް އަރަނީ" ޒަރާނާ ފިނިވެފައިއިނދެ ބުނެލިއެވެ.
"އެކަކުގެ ސަބަބުން ދެފަހަރަށް ބައެއްގެ ދިރިއުޅުން އެއްގޮތަކަށް ރޫޅިގެން ދާކަށް އަހަރެންވެސް ބޭނުމެއްނޫން، އަހަރެންގެ އެއްބާރުލުން ޒަރާއަށް އަބަދުވެސް ލިބޭނެ، އަހަރެން ޒަރާއަށް ފުރިހަމަ އިތުބާރުކުރަން، އަދި ދުވަހަކުވެސް ޝައްކެއްނުކުރާނަން" މިހެން ބުނެ އާފާގު ހިނިތުންވެލަން މަސައްކަތްކުރިއެވެ.

މުޅިން އާދުވަހަކަށް އިރުއެރިއެވެ. ޒައުލް ކޮޓަރިއަށް އައީ ކޮންއިރަކު ކަމެއްވެސް ޔޫހާއަކަށް ނޭނގެއެވެ. އޭނަ ރޭގައި ޒައުލްގެ ގާތުގައި އަހާއަހާވެސް ޒަރާނާ އާއި ބެހޭގޮތުން އުފްވެސް ބުނެ ނުލިއެވެ. އޭގެ ބަދަލުގައި އޭނަގެ ހުރިހާ ރުޅިއެއް ބޭރުކޮއްލީ ޔޫހާއަށެވެ. ކިޔާންގެ ގާތުގައި އޮތް ޔޫހާއަށް ހޭލެވުނީ ދަރިފުޅު ތެދުވުމާއިއެކުއެވެ. އަވަސް އަވަހަށް ތެދުވެ ފޯނުވީ ހިސާބެއް ހޯދާލާފައި ގަޑި ބަލާލިއެވެ. އޭރު އަށެއް ޖަހައިފި އެވެ. ޔޫހާ ކިޔާންއަށް އަޅާލުމުގެ ބަދަލުގައި އިސްކަމެއްދެވުނީ ޒައުލްވީ ތަނެއް ހޯދާލުމަށެވެ. ކޮޓަރިން ނުފެނުމުން ފާހާނާ ބަލާލިއިރު އެތަނުގައިވެސް ޒައުލްއެއް ނެތެވެ. ޔޫހާ ކަންބޮޑުވިއެވެ. އަނެއްކާ އޭނަ ނުލާ ޒައުލް ސައިބޯން ދިޔައީބާއޭ ހިތަށް އަރާފައެވެ. އޭނައަށް ނުގޮވީ ކީއްވެބާއޭ ޔޫހާގެ ހިތަށް އަރަމުންދިޔަ އެވެ. އަތްމަތި އަވަސް ކޮއްލުމާއިއެކު ޔޫހާ ކިޔާން ފެންވަރުވާލާ ރީތިކޮއްލައިގެން އޭނަވެސް ފެންވާރާލައިގެން ސައި ކޮޓަރިއަށް ދިޔައެވެ. އެތަނުގައި އޭރު ގެންގުޅޭ ކުއްޖާ ފިޔަވާ އެހެން އެކަކުވެސް ނެތެވެ. ޔޫހާ ފެނުމާއިއެކު އޭނަ ސައި ހަދައިދިނުމަށް އަވަސްވެގަތެވެ. ޔޫހާ ކިޔާންއަށް ތައްޔާރު ކުރަންވީ އެއްޗެހި ކުރީ ބައިގައި ބުނެލިއެވެ. ކުއްލިއަކަށް ޔޫހާއަށް މާޔޫސްކަން ލިބިގެން ދިޔައެވެ. ކިޔާން ގާތު ބަސް އަހައިގެން އިނުމަށް ބުނަމުން ޔޫހާ ދުވެފައި ކަހަލަ ގޮތަކަށް ސިޑި ކައިރިއަށް އައެވެ. އަދި ހަމައެގޮތަށް ސިޑިން އަރައިގެން ގޮސް ޓެރެސްފެންނަ ހިސާބުގައި މަޑުކޮއްލިއެވެ. އެތަނުގައި ދިވެހި ނޫހެއް ހިފައިގެން މަންސޫރު އިންތަން ފެނުނެވެ. ޔޫހާގެ ހިތަށް ބުނެދޭން ނޭނގޭ ގޮތްތަކެއް ވެގެންދިޔައެވެ. ލިބުނު މާޔޫސްކަމާއިއެކު އޭނަ ދެރަވިއެވެ. ޒައުލް އަދިވެސް ރުޅި މަޑުނުވަނީކަން އެނގުނީމައެވެ. އެކަމަކު އެވަރަށް ރުޅިއަންނަން ޖެހޭވަރުގެ އެއްވެސް އެއްޗެއް ޔުހާ ނުބުނާކަމަށް އޭނަގެ އަމިއްލަ ޒަމީރުވެސް އެއްބަސްވެއެވެ.

ކުޑަދޮރުން ބޭރު ބަލަން ހުރި ޒައުލްގެ ހުޅުވާފައިހުރި ކެބިންގެ ބިއްލޫރި ދޮރުގައި ޓަކިޖަހާލުމާއިއެކު ޝާއިންވަނެވެ.
"ހާދަ ހެނދުނަކާ، އަނެއްކާ ހުރިހާ ކަމެއްވެސް ރަނގަޅުތަ" ޝާއިން އަހާލިއެވެ. ޒައުލް ވަކިއެއްޗެއް ނުބުނެ ބޮލުގެ އިޝާރާތުން އާނއެކޭ ބުނެ ހިނިތުންވެލި އެވެ. ޝާއިން ސައިބޯން ދިއުމަށް ދައުވަތު އެރުވުމުންވެސް ބަހަނާއެއް ދައްކަމުން ޒައުލް އެކަމާ އުޒުރުވެރިވި އެވެ. ޝާއިން ކެބިންއިން ނުކުތުމާއިއެކު ފުން ނޭވާއެއް ބޭރުކޮއްލިއެވެ. އަދި ކުޑަދޮރުން ބޭރަށް ނަޒަރު ހުއްޓާލީ ކުރިންވެސް ހުރިގޮތަށެވެ. އޭނަގެ ސިކުނޑީގައި އުފެދެމުންދިޔައީ ލާއިގާ ދެއްކި ވާހަކަތަކެއް ނޫނެވެ. އޭގަ ބަދަލުގައި ކުއްލިއަކަށް ޔޫހާ ޒައުލްގެ މަންމައަށް ޝައުގުވެރިކަމެއް އުފެދުނު ގޮތެވެ. މީގެ ކުރިން ދުވަހަކުވެސް ޔޫހާ އޭނަގެ މަންމަ އާއި ބެހޭގޮތުން އަހާފައެއް ނުވެއެވެ.

މެންދުރުގެ ވަގުތެވެ. ގެއަށް އައި މެހެމާނުންގެ ކަންތައްތައް ބެލެހެއްޓުމުގައި އަވަދިނެތި ލާއިގާ އުޅެއެވެ. އޭރު ޓެރެސްގައި ކުޅެން އުޅުނު ކިޔާން އެތަނުގައި އިން މަންސޫރާ ވާހަކަ ދައްކަން މަސައްކަތްކުރެއެވެ. އޭނައަށްވެސް ކިޔާންގެ ވާހަކައަށް އާނހޫން ލައްވާނުލާ އިންނާކަށް ނުކެރުނެވެ. ކިޔާން ޒައުލްގެ ރަނގަޅު ސިފަތަކުގެ ވާހަކަ މަންސޫރަށް ކިޔާދެއެވެ. ޒައުލް އޭނައަށް ކޮއްދޭ ކަންތައްތަކުގެ ވާހަކައެވެ. އަދި އޭނަ ޒައުލްދެކެ ލޯބިވާވަރެވެ. އެއްދުވަހަކު ޒައުލް އޭނައަށް ކިޔާދިން ވާހަކައެއްވެސް މަންސޫރަށް ކިޔާދިނެވެ.
"ތީ ކޮއްކޮގެ ކާފަތަ، ޑެޑީ ބުނި ތީ ކޮއްކޮގެ ކާފަޔޯ" ކިޔާން ނާހަން ހުރެފަ އެހިހެން ހީވެއެވެ. މަންސޫރަށް ދޭނެ ޖަވާބެއް ނޭނގިފައި އިނދެވުނީއެވެ. އޭނަ އަވަސް އަވަހަށް އެތަނުން ތެދުވެގެން ހިނގައްޖެއެވެ.
ކިޔާން ޓެރެސްގައި ނެތުމުން އޭނަ ހޯދަމުން ތިރިއަށް އައި ޔޫހާއަށް ލާއިގާ ގޮވާލިއެވެ. އެގެއަށް އައިފަހުން ލާއިގާ ގޮވާލި ފުރަތަމަ ފަހަރަށްވީތީ ޔޫހާ ލާއިގާގެ ގާތަށް ދިއުމަށް އަވަސްވެގަތެވެ.
"މިތަށިތައް އެފަރާތަށް ގެންދެބަލަ، އަދި މިމީހުންނަށް ދުފާއެއްޗެހި ގެނެސްދީ، ދުފާތަބަށް ސާފުކޮއްލާފަ އާބިލެތާ ފޯކާ އަޅައިލައިގެން ގެންނާނީ" ލާއިގާ ބުނެލިއެވެ. އެހެންނަމަވެސް ޔޫހާއަށް ހުއްޓުން އަރާފައި ހުރެވުނީއެވެ. އެތަނުގައި އެވަގުތު ތިބި މެހެމާނުންނަކީ ލާއިގާގެ ރައްޓެހިންކަން ޔޫހާއަށް އެނގުނީ އެމީހުންގެ ވާހަކަ ދެއްކުން ހުރިގޮތުންނެވެ. ލާއިގާ ރުންކުރުގޮތަކަށް ތަންކޮޅެއް ބާރަށް ދެވަނަ ފަހަރަށް އޭނަ ބުނިއެއްޗެއް ތަކުރާރުކޮއްލިއެވެ. ޔޫހާ ދެރަވެ ހިތްހަމަނުޖެހިފައިހުރެވެސް އެތަށިތައް ހިފައިގެން ބަދިގެ ފަރާތަށް ދިޔައެވެ.
"އެއީ މިގެއަށް އަލަށް ގެނެސްގެން އުޅޭ ކުއްޖެއްތަ، ކީއްވެތަ ދިވެހި ކުއްޖަކު ތިގެނައީ... ދެން ފެންނާނީ މިގޭ ކުއްޖަކާ ހިތާވާތަން" ޔޫހާ ދުފާތަބަށް ބަހައްޓާފައި ދުރަށް ޖެހިލުމާއިއެކު ލާއިގާ އާއި އެންމެ ގާތަށް އިން ޝަކީލާ ބުނެލިއެވެ.
"ހިތާވާކަށްނެތެއްނު، އަހަރުމެންގެ މުޅި އާއިލާ ބަނގުރޫޓޫކޮއްލަން ހިތުލައިގެން ހުރި އަންހެނެއް އެއީ، މަގޭ ފިރިހެން ދަރި ކާލައިގެން އެހެރީ" ލާއިގާ ރުޅިވެރިކަމާއިއެކު ބުނެލިއެވެ. މިކަންވީ އެންމެނަށް ލިބުނު ކުއްލި ޝޮކަކަށެވެ. އެންމެން އެއްފަހަރާ ކަހަލަ ގޮތަކަށް އެޙަބަރު އޮޅުންފިލުވުމަށް ޝައުގުވެރިވެއްޖެ އެވެ.
"މީ ޖެހިފައޮތް އާފާތެއް، މުސީބާތެއް... ނޮހޮރޮއްޕާނެއް... ބޮޑު ކާޅެއް، ހަރާން ދަރިއެއްވެސް ހުރޭ، މުޅި އުމުރު ދުވަހު އަރާމުގަ އުޅެވޭނީ އަހަރުމެން ކަހަލަ ބައެއްގެ ފިރިހެން ދަރިއަކު އަތުއަޅުވާލައިގެންނު، ކާޅެއްހެން ވިއްސިފަ، ބަލިވެ އިނދެ ދަރިވިހާފަ މިއަޅުވަނީ މަގޭ ޒައުލްގެ ބޮލުގަ، އަހަންނަކަށް ނޭގެ އެކުއްޖާޔަށްވެސް އެއޮތްއައި ބަދަލެއް ބުނެދޭންވެސް، ހަމަ ހުރެފަ ކުއްލިއަކަށް އެބަދަލުވީ، ހަސީނާ ކަލޭގެ ހުރި ފިރިހެން ސޮރަށް ބަލައިގެން އުޅޭތި، ކިރިޔާ ދުލެއް ދިންއިރަށް މިހިރީ މަށަށް ލިބުނު ލަނޑު، އަހަންނަށް ހީވަނީ މަގޭ ސޮރު ދޮވެލައިގެން ހެން މީނަ ދާނީ، މިގޭ ގެންގުޅޭ މީހުންނަށްވުރެ މީނަގެ ފެންވަރު ދަށޭ، އެކަމަކު ހިތްއަރާ އޮންނަނީ އާސުމާނުގަ، އެއަށްވުރެވެސް މަތީގަ ކަންނޭގެ" ލާއިގާ އޭނަގެ ދުލަށް އައިހައި އެއްޗެއް ޔޫހާއަށް ކިޔެވެ.
"އަހަންނަށް ހީވަނީ އޭނަ މޮޅު ސިހުރެއް ޖެއްސީހެން ޒައުލްއަށް" ލާއިގާގެ ވާހަކަތަކަށް ސަމާލުވެއިން ނަޖީބާ ބުނެލިއެވެ.
"ތިއެއްވެސް ނޭނގެ، މިމީހުންގެ މަކަރެއް ނޭނގޭނެ، އެކަހަލަ މީހެއްކައިރިޔަށްވެސް ދާންވީ ކަންނޭގެ" ލާއިގާ ބުނެލިއެވެ.
ޔޫހާ އަވަސް އަވަހަށް އެތަނުގައި ނުހުރެ ކިޔާން ހޯދުމަށް އުޅުނެވެ. އޭނަގެ ހިތަށް އެރިއެވެ. ލާއިގާ އެފަދަ ގޮތަކަށް ވާހަކަދައްކާއިރު އޭނަގެ ރައްޓިހެންގެ ތެރޭގައި އެވެއްޓެނީ ހުދު އޭނަގެ ފިރިހެންދަރީގެވެސް އަގުކަމެވެ.
ޒައުލް އިންވޮއިސްތަކެއް ބަލަމުން ދަނިކޮށް ކުއްލިއަކަށް މީހަކު އައިސް އޭނަގެ ކެބިންނަށް ވަންކަން އެނގި އިސްއުފުލާ ބަލާލިއެވެ. އެއާއިއެކު އޭނަ އިށީނދެގެން އިން ގޮނޑި ކުއްލިއަކަށް ފަހަތަށް ދެމިގެންދިޔުމާއިއެކު ޒައުލް ހުރީ ކޮޅަށެވެ.
"ކަލޭ މިތަނަށްވެއްދީ ކާކު" އަތުގައި ސޮއެކުރަން ގެންގުޅޭ ގަލަމާއިއެކު ދެ ލޯބޮޑުކޮއްލައިގެން ހުރެ ޒައުލް ބާރަށް ބުންޏެވެ. ހިތްހަމަ ނުޖެހި ރުޅިއައިސްފައި ހުރެއެވެ.
"ޒައުލް، މިއަދު ޖެހޭނީ އަހަރެން ދައްކާ ވާހަކަ އަޑުއަހަން، ކިތަންމެ ބާރަށް ހަޅޭލެވިޔަސް އަހަރެން މިތަނަކުން ނުދާނަން..." ޒައުލްގެ އޮފީހުގެ ދޮރު ލައްޕާލުމާއިއެކު ޒަރާނާ ބުންޏެވެ. އޭރު އެއޮފީހުގެ ބޭރުގައި އެހެން ސްޓާފުން ބަލަން ތިބިކަންވެސް ޒައުލްއަށް ފާހަގަކުރެވުނެވެ. އޭނަގެ ފަހަތުގައި ހުރި ގޮނޑި ފޮޅުވާލުމާއިއެކު މޭޒުމައްޗަށް ގަލަން އެއްލާލުމާއިއެކު އެއައިގޮތަށް އައިސް އޮފީހުގެ ވަށައިގެން ދަމާލެވޭގޮތަށް ހުރި ބްލައިންޑްސްތައް ދަމާ އެތެރ ެނުފެންނަ ގޮތަށް ހެދިއެވެ.
"އަހަންނާ ދައްކާނެ ވާހަކައެއް ނޯންނާނެ" ޒައުލް ހަރުކަށި ކަމާއިއެކު ބުނެލިއެވެ.
"ނޫން ދަރިފުޅާ..." ޒަރާނާ މިހެން ބުނުމާއިއެކު ހީވީ ތަނެއްގައި އަލިފާން ރޯވިހެންނެވެ.
"ދަރިފުޅާއޭ، ކާކަށް ދަރިފުޅާއޭ ތިކިޔަނީ، އަހަންނަށް ދަރިފުޅާއޭ ކިޔާނީ ހަމައެކަނި މަންސޫރު، މަންސޫރު އެނގެއެންނު" ޒައުލް ގެ އަޑާއިއެކު ޒަރާނާވެސް ސިހޭ ގޮތްވި އެވެ.
"ދަރިފުޅާ..." އަނެއްކާވެސް ޒަރާނާއަށް ބުނެވުނެވެ.
"ބަލަ އެހެން ނުކިޔާށޭ، އެހެންކިޔުމުގެ ހައްގެއް އެހެންމީހަކަށް ނެތޭ، ހަމައެކަނި އަހަރެންގެ ބައްޕަ މަންސޫރު ފިޔަވާ" ޒައުލް ރުޅިއައިސް ރަތްވެފައި ހުރި ހާލުގައި ބުނެލި އެވެ.
"މައްސަލައެއްނެތް، އެހެންވީރު ޒައުލް، ޒައުލް ކިތަންމެ ރުޅިއަޔަސް މި ޒަރާނާގެ ނަން ޖަހާފަ އޮތީ އުފަންދުވަހުގެ ސެޓްފިކެޓްގަ، ކޮންމެ ކަމެއް ކުރިޔަސް މައިމީހާ އޮޅުވައެއް ނުލެވޭނެ، މި ޒަރާނާއަކީ ޒައުލްގެ މަންމަ، އަދި ލޫލުއާ އާއި އީލާކުގެވެސް މަންމަ، އެނގޭ ޒައުލް މި މަންމަދެކެ ރުޅިއަންނަނީ ކީއްވެކަންވެސް، އެހެންވެ ނޭހީވެސް ކީއްވެތޯ އެހާ ރުޅި އަންނަނީ، އެކަމަކު އެދުވަހު އެނޫން ގޮތެއް ނެތޭ މި މަންމައަކަށް، އޭރު އެއްވެސް ކުއްޖަކަށް ނުވިސްނޭނެ މިމަންމަ ހުރި ހާލެއް، އެދުވަސް ވެސް އެދިޔައީ، ކޮންމެހެން މަންމަ މިއައީ މަންމަގެ ހައްގުތަކެއް ހޯދާކަށް ނޫން، އަދި ޒައުލްގެ އަތުން އެއްޗެއް ލިބޭނެ ކަމަކަށްވެސް ނޫން، މިއައީ ޒައުލްއަށް ރަނގަޅު ނަސޭޙަތެއް ދޭންވެގެން، ޔޫހާ އާއި ތިދެކުދިންގެ ގުޅުން ހީނަރުވެގެން ދާކަށް މިމަންމަ ނޭދެން، ޔޫހާއަކީ ރަނގަޅު ކުއްޖެއް، އެކަކު ގަބޫލު ނުކުރިޔަސް ކިޔާންއަކީ ތިޔ ަދެކުދިންގެ ދަރިއެއްކަން މަންމަ ގަބޫލު ކުރަން، އެހާ ޔަގީންކަން މަންމައަށް އެބައޮތް، ޒައުލްގެ މާމަގެ ބަހެއް ނަމަނަމަ ގަބޫލު ނުކުރާތި، އޭނަ ތިޔަދެކުދިންގެ ދިރިއުޅުމުގައި ހުޅުޖަހާނެ، ކުރިލާ ފޯދުނަކަ ނުދޭނެ، އެހެނޭ ކިޔާފަ ޒައުލްގެ ބައްޕައަށް ނުކުރެވޭނެ އެއްކަމެއްވެސް، މަންސޫރަކީ އޭރުވެސް ލާއިގާގެ ބަހަށް މާއިތުބާރު ކުރާ މީހެއް، އާދޭސް ކުރަން، ޔޫހާ އާއި ކިޔާން ރައްކާތެރިކުރާތި، ލާއިގާއަކީ ޒައުލްއަށް ނޭގުނަސް ވަރަށް ނުބައި މީހެއް" ޒަރާނާ ދައްކަމުންދިޔަ ވާހަކަ ޒައުލް ހުއްޓުވާލިއެވެ.
"ކައިވެންޏަށްފަހު އަހަރެންގެ އަންބެއް ކަމަކު ހިލޭ ފިރިހެނުންނާ ގުޅުން ބާއްވައިގެން ނުވާނެ، އެކަން ކަލެއަށް އެނގުނީ ކިހިނެއް... އެހެންނޫނަސް ހުރިހާ އަންހެނުންނަކީ އެއްކަހަލަ ބައެއް، ދަރިންނާމެދު އެހާ ވިސްނާނަމަ އެދަރިން ދޫކޮއްލާފަ ދާނެތަ" ޒައުލްގެ ހިތުގައި ޔޫހާ އާއިމެދު ނަފުރަތުކަމެއް ނެތްކަމުގައި ވިޔަސް އެކަންވެސް ޒަރާނާ އާއި ގުޅުވާލި އެވެ.
"ޒައުލް، ތިހެން ނުބުނޭ، އެއްފަހަރުވެސް ހަގީގަތް އެނގެން މަސައްކަތްކުރިންތަ، ޒައުލްމެން ކުދިން ދޫކޮއްލާފަ މިމަންމަ ދިޔައީ ކީއްވެކަން ޒައުލްގެ މާމަ ގާތު އަހާބަލަ، ޒައުލްގެ މަންމަ އާއި ބައްޕަ ދުރުކުރުވި މީހަކީ އެއީ، އޭނަގެ ކައިރިން އަހާބަލަ" ޒަރާނާ ޒައުލްގެ ކުރިމައްޗަށް ހުއްޓެމުން ބުނެލިއެވެ.
"މިއަދުތަ އެނގުނީ ކުށެއްނެތްކަން އަންގަން، މިއޮއްހުރިހާ ދުވަހު ކޮންތާކު އުޅުނީ، އަހަންނާ ޔޫހާގެ ދިރިއުޅުމަކީ އަހަރުމެން ދެމީހުންގެ އަމިއްލަ ކަމެއް، އެކަމާ އެކަކުވެސް ބެހޭކަށް އަހަރެން ބޭނުމެއްނޫން، އަދި އަހަންނަށް ކަމުނުދަންޏާ އޭނަ ދޫކޮއްލުމަކީވެސް އަހަރެންގެ އިޙުތިޔާރުގައިވާ ކަމެއް" ޒައުލް ބޭނުންވީ ޒަރާނާ ބޭނުންވާ ގޮތަށް ކަންތައް ނުކުރާނަންކަން ހާމަކުރާށެވެ. އޭނަ ޔޫހާދެކެ ލޯބިވާވަރު ސިއްރުކޮއްފައެވެ.
"ތިހާ ދަށުދަރަޖައަށް އަހަރެންގެ ދަރިއަކު ވެއްޓިދާނެއެކޭ ހީވެސް ނުކުރަން، ބޭނުން ފުދުނީމަ ދޫއްކޮއްލަންތަ ޒައުލް ޔޫހާ އާއި ކައިވެނި ކުރީ" ޒަރާނާއަށް ރުޅި ކޮންޓްރޯލެއް ނުވިއެވެ. ޒައުލްގެ މޫނުގައި ހޫނުކަމާއިއެކު ބޮޑިއެއް އަޅައިފިއެވެ.
"ނުކުމޭ...އެހެރީ ވަންދޮރު" ޒައުލް ފަހަތަށް ޖެހިލަމުން ބާރަށް ހަޅޭލަވައިގަތެވެ.
"ލާއިގާއަށް ޒައުލްގެ ހުރިހާ ސުވާލަކަށް ޖަވާބުދެވޭނެ، ޒައުލްގެ މަންމަ ޒައުލް ދޫކޮއްލާފަ ދިޔައީ ކީއްވެކަން އޭނައަށް އެނގޭނެ، އެއީ ކޮންމެހެން ޒައުލްގެ ބައްޕަދެކެ ލޯބި ނުވާތީއެއްނޫން، ނޫނީ އެހެން މީހެއް ދެކެ ލޯބިވެގެންނެއް ވެސް ނޫން، ހުރިހާ ރޭވުމެއްގެ ފަހަތުގައި ހުރީ އޭނަ... ޒައުލް ބަލަބަލަ ހުއްޓާ ޔޫހާވެސް ތިގޭން ނެރިލާނެ، އެކަމަކު އެދުވަހު އަހަރެން ހުންނާނީ ތިގޭ ދޮރުމަތީގަ، އަހަރެންގެ މާމަ ދަރިފުޅާ އަހަރެންގެ ޅީދަރިފުޅު އަހަރެން ގެންދާނަން، އެދުވަހު ޒައުލްއަށްވެސް ނުހުއްޓުވޭނެ، ޔޫހާ އެދުވަހު އޭނަގެ ގެއިން ވާހަކަ ދެއްކީ އައްޔަދު އާއި، ޒައުލްގެ އެއްބަނޑު ކޮއްކޮ އާއި، ބަލަ އޭނައަކީ ތިހާ ދަށުދަރަޖައިގެ ޒުވާނެއް ނޫން، އޭނަ އާއި ޔޫހާ އާއި ދެމެދު ކަމެއް ނުހިނގާނެ ކަމަށް އަހަރެން ހުވާކުރަން ވެސް ފަހެއް ނުޖެހޭނަން، ޔޫހާފަދަ ބައިވެރިއަކު ހަޔާތުން ގެއްލިގެން ދިއުމުން ފަހުން ޒައުލް ހިތާމަ ކުރާނެ، މިއަދު ޒައުލްގެ ބައްޕަ ފަދައިން..." ޒަރާނާ ހަލުވިކަމާއިއެކު ޒައުލްގެ ކެބިންއިން ނުކުމެގެން ހިނގައްޖެއެވެ. ޒައުލް އޭނަގެ ކެބިންގައި ހުރި ސޯފާ މައްޗަށް އުއްޑުން ވެއްޓިގަތެވެ. އަދި ކޮލުގައި ފިރުމާލުމާއިއެކު ޒަރާނާ ދެއްކި ވާހަކަތަކަށް ވިސްނަން ފެށި އެވެ.

އެމީލީހިޔާ ގޭގެ ގޭޓުން ވަދެގެން އައިސް މައިގެއަށް ވަންނަން އުޅުނު ޒައުލްގެ ކަންފަތުގައި ބައެއްގެ އަޑުޖެހުނެވެ. އަދި އެމީހުން ދައްކަމުންދިޔަ ވާހަކައިގެ ތެރެއިން އިސްކޮށް ހުރީ ކާކުކަންވެސް އެމީހެއްގެ އަޑުން ޒައުލްއަށް އެނގުނެވެ. ޒައުލް މޫޑު ކުރިއަށްވުރެވެސް ގޯސްވިއެވެ. ލާއިގާ ހީހީފާ އެ ދައްކަނީ އޭނަގެ އަންހެނުންގެ ވާހަކަކަން ނޭނގެނީބާއޭ ޒައުލްގެ ހިތަށްއެރިއެވެ. ހިތަށް އަސަރުވެސް ކުރިއެވެ. އެެހެން މީހުންގެ ކުރިމަތީގައި އެހާ ދައްކޮއްލަފާނެއެކޭ ޒައުލް ހީނުކުރެއެވެ. އެވާހަކަ އެދައްކަނީ އޭނަދެކެ އެންމެ ލޯބިވާ މާމަ ބާއޭ ޒައުލްގެ ހިތަށް އެރިއެވެ. ދޮރުން އެތެރެއަށް ވަންއިރު ޔޫހާ އެމީހުންނަށް ކޮފީ ތަބަކެއް ހިފައިގެން ހުރެ ފަހަރަކު މީހަކަށް ކޮފީދެމުން ދިޔަ ތަން ފެނުމާއިއެކު އޭނައަށް ހީވީ ބޯމައްޗަށް ހިލަގަނޑެއް ވެއްޓުނުހެންނެވެ.
"ޔޫހާ، ހަމަ މިހާރު އާދޭ... ތިކަން ކުރަން މިގޭގަ ނޯކަރުން ތިބޭނެ" އައި ރުޅި އާއި ވީދެރައިން ޒައުލްއަށް ހަޅޭ ލަވައިގަނެވުނެވެ. ގޭގެ ހަތަރު ފާރު ވެސް ގުޑައިގެންދިޔަ ކަހަލަ އެވެ. ޔޫހާއަށްވެސް ލިބުނީ ސިހުމެކެވެ. ޒައުލް ހަލުވި ކަމާއިއެކު އެއައިގޮތަށް އައިސް ޔޫހާގެ އަތުގައި އޮތް ކޮފީތަބަކުގައި ޖަހާ ވައްޓާލުމަށްފަހު ޔޫހާ ގޮވައިގެން ކޮޓަރިއަށް ދިޔައެވެ. އޭރު ކޮޓަރީގައި މީގެ ކުޑައިރުކޮޅެއްކުރިން ޔޫހާ ކިޔާން ބޭންދިތަނުގައި ޒައުލްގެ ލެޕްޓޮޕުން ކާޓޫނު ބަލަން އޭނައިނެވެ. ޒައުލް އައިސްފަ ހުރި ގަދަ ރުޅީގައި ދެކޮޅަށް އެނބުރެނީ އެވެ. އެންމެ ފަހުން ޔޫހާގޮސް ޒައުލްގެ ގައިގާ ބައްދާލި އެވެ.
"އައެމް ސޮރީ" ޔޫހާ މަޑުމަޑުން ބުނެލި އެވެ.
"މިގޭގަ ތިބޭނެ އެކަން ކުރާނެ ނޯކަރުން، ޔޫހާ އެކަން ކުރަންވީ ކީއްކުރަން" ޒައުލް ހިތްހަމަނުޖެހިފައި ބުނެލި އެވެ. ނަމަވެސް މިހާރު އޭނަގެ އަޑުން އޭނައެހެރީ ދެރަވެފައިކަން އެނގެއެވެ.
"މާމަ ފުރަތަމަ ފަހަރަށް އަަހަރެން ކައިރީ ކަމަކު ބުނީމަ ހިތަށްއެރީ ކޮއްދޭނިއްޔޭ، އެހެންނޫނަސް ޒައުލް އަހަރެން ދެކެ ރުޅިއައިސްއެއްނު ތިހުންނަނީ، ކީއްވެ އަހަންނަށް ނުގޮވާ އޮފީހަށް ދިޔައީ، މެންދުރު ކާންވެސް ނާދޭ، އަހަރެން ކިހާ އެކަނިވާނެކަން ޒައުލްއަށް ނޭނގޭތަ" ޔޫހާ ޒައުލްގެ މޭގައި މޫނުފޮރުވާލި އެވެ.
"އަހަންނަށް މާފުކުރޭ، މިހާރު މިހިރީ ރުޅި އައިސްފައެއް ނޫން" ޒައުލް ޔޫހާގެ ގައިގާ ހިފާ ބާރުކޮއްލި އެެވެ.
ރޭގަނޑުގެ ކެއުން ޒައުލް ހަމަޖެއްސީ ގޭން ބޭރުންނެވެ. ކައި ނިންމާފަ ގެއަށް އައިތަނާހެން ކިޔާން ނިދައިފި އެވެ. ޒައުލްގެ ރުޅިވެރިކަން ފިލައި ގޮަސް އަނބިމީހާ އާއިއެކު އުފާވެރި ވަގުތުކޮޅެއް ހޭދަވެގެންދިޔައެވެ. އެދެމެދުގައިވި ލޯބި އިތުރުވެގެންދިޔަ ވަގުތުކޮޅެއް ކަމުގައި އެވަގުތުކޮޅުވެގެންދިޔަ އެވެ. ވަރުބަލި ކަމާއިއެކު ނިދިފައިފައި އޮތް ޔޫހާއަށް ހޭލެވުނީ ކިހާއިރަކު ކަމެއްވެސް ނޭނގެއެވެ. ނަމަވެސް އޭރު އަދި އިރު ނާރާކާން އޭނައަށް އެނގެއެވެ. އެ ދެލޮލުން ނިދިފިލުވާލީ މޭގައި އަތްހާކާލަ ހާކާލާ އޮތް ޒައުލް ފެނުމުންނެވެ. އޭނަގެ ދެލޮލުގައި ނިދީގެ އެއްވެސް އަސަރެއް ނުވެއެވެ.
"ކޮން ފިކުރެއްގަ" ޒައުލްގެ އަތްމަތިން ބޯހިއްލާލަމުން ޔޫހާ އަހާލިއެވެ.
"ޔޫހާ އެހީމެންނު އަހަރެންގެ މަންމަ ކޮބާހޭ، އެނގޭތަ... އަހަރެންގެ މަންމަ މަރެއްނުވޭ، ހެޔޮ ހާލުގަ މި މާލޭގަ އެބައުޅޭ، އެހެން މީހަކާ އިނދެގެން އުޅެނީ، ކުއްޖަކުވެސް ހުންނަ ކަމަށްވަނީ، އަހަރެން ވަރަށް ކުޑައިރު މަންމަ އަހަރުމެން ދޫކޮއްލާފަ ދިޔައީ، އޭރު މަންމަ ވަރަށް ރަނގަޅުވާނެ، އެކަމަކު ކުއްލިއަކަށްވީ ގޮތެއް ނޭނގެ، މާމަ ކިޔާއަޑުއިވެނީ މަންމަ އުޅުނީ ބައްޕަގެ ލާރިގަނޑަށް ކަމަށް، ބައްޕަ ނޫން އެހެން ފިރިހެނުންނާ ގުޅުން ހިންގާ ކަމަށް، މިއަދު...މިއަދު އަހަރެން އޮފީހުގައި އިންދަ މަންމަ އައީ، އެނގޭތަ އެދުނީ ކޮންކަމަކަށްކަން، ޔޫހާ ދޫކޮށްނުލުމަށް އަދި މާމައަށް އިތުބާރު ނުކުރުމަށް، ހަގީގަތް އެނގެން ބޭނުންނަމަ މާމަ އާއި ސުވާލުކުރުމަށް، މަންމައަށް މަޖުބޫރުވެގެންކަމަށް އަހަރުމެން ކުދިން ދޫކޮއްލީ، ދެންނޭނގެ، ޔޫހާ، އަހަރެން ކާކުގެ ބަހެއްތަ ގަބޫލު ކުރަންވީ..." ޒައުލް ޔޫހާ އާއި ދިމާލަށް އެނބުރިލި އެވެ.
"އަހަރެން ވާހަކައެއް ކިޔާދީފިއްޔާ ގަބޫލުކުރާނަންތަ" ޔޫހާ އަހާލިއެވެ.
"ހޫމް، އަހަރެން ޔޫހާއަށް އިތުބާރު ކުރަން، ޔޫހާ ދައްކާ ވާހަކަ އަހަރެން ގަބޫލު ކުރާނަން" ޒައުލް ޔޫހާގެ މޫނުމައްޗަށް ވެއްޓިފައިއޮތް އިސްތަށިކޮޅު ފަހަތަށް ޖައްސާލަމުން ބުނެލިއެވެ. އެއާއިއެކު ޔޫހާ އައްޔަދު އާއި ދިމާވި ގޮތާއި އަދި އެގެއަށް ގޮސް ޒަރާނާ އާއި ބައްދަލުވީގޮތް ކިޔާދީފި އެވެ. ޒައުލްއަށް ގަބޫލު ކުރެވުނީ ޔޫހާގެ ދުލުން އެވާހަކަތައް އަޑުއިވުނީމައެވެ. އަނެއްކޮޅުން އޭނަގެއަށް އައިއިރު އެފެނުނު މަންޒަރުތަކުންނެވެ. ލާއިގާގެ ޢަމަލުތައް އެހިސާބަށް ހިނގައިދާނެކަން މިހާރު އޭނައަށް ގަބޫލު ކުރެވެއެވެ.

އާދުވަހަކަށް އިރު ފެނުންމައްޗަށް ތޮޅިލައިފިއެވެ. ރޭހަތަރުދަމު ޒައުލް ނުނިދާ ހުއްޓެއްކަމަކު އޭނަގެ މޫނުމަތިން އެކަމުގެ އެއްވެސް އަސަރެއް ފާޅެއް ނުވެއެވެ. ޔޫހާ އާއި ދެމީހުން ފެންވަރާ ތާޒާވެލައިގެން ކިޔާން ގޮވައިގެން ދިޔައީ ބޭރަށެވެ. ހެނދުނުގެ ނާސްތާކުރުމަށް ކާމޭޒުދޮށުގައި އިން މަންސޫރުގެ ލޯ ޒައުލްގެ ދެމަފިރިންނާއި އެމީހުންގެ ދަރިފުޅު އިންނަ ގޮނޑިއަށް ނަޒަރު ހިންގާލިއެވެ.
"ކޮބާތަ ޒަައުލް، އިއްޔެވެސް ނުފެނޭ، މިއަދުވެސް ސައިބޯން ނާންނަނީތަ" މަންސޫރު މިހެން ބުނެލީ ވަކިމީހަކަށް އަމާޒުކޮއްފައެއް ނޫނެވެ. އެހެންނަމަވެސް އެކަމަށް އެއްޗެއް ބުނަން އަވަސްވެގަތީ ލާއިގާއެވެ

ކޮމެންޓް 0