ޒައުލް ނުބަލަން މަސައްކަތް ކުރިކަމުގައިވިޔަސް ޔޫހާގެ ހަރަކާތްތަކަށް އޭނަގެ ނަޒަރު ހުއްޓެމުންދިޔަ އެވެ. ޔޫހާ އިންތަނުން ތެދުވެ މޫދާ ދިމާލަށް ކުޑަކޮށް ގުދުވެލަމުން އަތުގައި އޮތް ފެންފުޅިން މޫނަށް ފެންގޮއްޓެއް ޖަހާ އަތުން މޫނުގައި ހުރި ލޮނުގެ އަސަރު ކަނޑުވާލިއެވެ. އަދި މައްޗަށް ބޯ އުފުލާލަމުން ފެންފުޅި އަނގައަށް ދިމާކޮއްލިއެވެ. ޔޫހާގެ ކޮންމެ ހަރަކާތަކަށް ޒައުލްގެ ސަމާލުކަން ހުއްޓެމުންދިޔައެވެ. 

ނަލަ ހަނދުވަރުގައި ޔޫހާ އެކޭ ފަރިވެފޮޅިލާފައިވާ ތާޒާ ފިނިފެންމަލެކޭ އެއްވަރެވެ. ފެންތިކި ތަޅަމުންދިޔަ އިސްތަށިގަނޑުގެ ދަށަށް ދެއަތްތިލަ ލައްވާލަމުން ޔޫހާ އޭނަގެ ބުޅި އިސްތަށިތައް ވިހުރާލިއެވެ. އިސްތަށިތައް ވަކިވަކިކޮއްލުމުގެ ބޭނުމުގައެވެ. ޒައުލްއަށް ހީވީ ފެނުޕަރީއެއް ލޮނުގަނޑުން މައްޗަށް ހިއްކާލިހެނެވެ. އިންތަނުން ތެދުވެވުނީ ކިހިނެތްކަމެއް އޭނައަކަށް ނޭގެއެވެ. މަޑުމަޑުންގޮސް ޔޫހާގެ ކައިރީ ހުއްޓެވުނެވެ. ޒައުލްގެ އެއްވެސް ހަރަކާތެއްގެ މައްޗަށް ބާރެއް ނުފޯރުވުނެވެ. އަނެއްކޮޅުން އޭނަގެ އެއްވެސް ހަރަކާތެއް ހުއްޓުވަން ޔޫހާވެސް ބޭނުންނުވާ ކަހަލައެވެ. ތަރިތަކުގެ ވިދުމަށް ގޮންޖަހާލާފަދަ ތޫނު ކަޅިރަވައިގެ ޖާދޫގައި ޒައުލްޖެހިފައިވަނީ ވަށައިގެންވާ އެއްވެސް ކަމެއް ނޭނގޭހާވަރަށެވެ. މަސްތުކަމުގެ ވައިރޯޅިތައް ދެހަށިގަނޑުގައި ބީހިލާފައިދަނީ އެއްފަހަރަށްވުރެ އަނެއްފަހަރު ގާތްކޮއްލަމުންނެވެ. ޔޫހާގެ އެރީތި ބޮޑުދެލޮލުގައި ޒައުލްއަށް ބޮސްދެވުނެވެ. އެހިނދު ޔޫހާ އެއަތުގެ ތެރެއަށް ވިރިގެންދިޔަފަދައެވެ. ޒައުލްއަށް ޔޫހާ އެއަތުގެ ތެރޭ ހިފަހައްޓާލެވުނެވެ. އެފަދަ ބާރެއް އެހަށިގަނޑަށް ލިބިފައިވާކަމެއް ހުދު ޒައުލްއަށްވެސް މީގެ ކުރިއަކުން ނޭގެއެވެ. ޔޫހާގެ ރީތި މޫނާ ހަށިގަނޑުގެ ސިހުރުގައި ޒައުލް ޖެހުނީ އެނބުރި ހަމަބިމަށް އާދެވޭވަރަށްވުރެ މާބޮޑަށެވެ. ހުވަފެނީ ޢާލަމަކަށް ދެޖިސްމު އުދުއްސައިގަތީ ކިހިނެތްކަމެއް ނޭގެއެވެ. ދެހަށިގަނޑުގެ ލޭހޫނުވެ ވިންދު އަވަސްކުރުވިއެވެ.

ސަފާރީގައި ހަދާފައި ހުރި ކޮޓަރިއެއްގެ އެނދުގައި ޔޫހާ ނިދާފައި އޮތް މަންޒަރު ބަލަން ޒައުލްއަށް އިނދެވުނެވެ. އެސިކުނޑި ހާސް ކުރުވަމުންދިޔައީ ޔޫހާއަކީ އޭނަ ހީކުރިފަދަ އަންހެން ކުއްޖަކަށް ނުވުމުންނެވެ. އެމަލުން ފޮނިބޮއެ، އެމާ ބިނދެ އޭގެ ތާޒާކަން ގެއްލުވާލި މީހަކީ ޒައުލްއަށް ވީތީއެވެ. އެމަލުގެ ފިޔަތަށް ރޫޅާލީ ހަމަ ޒައުލްގެ ދެއަތުންނެވެ. އަތުގައި އޮތް ފެންފުޅީގައި ތުންޖަހާ އަނެއްކާވެސް ފެންކޯވަރެއް ބޯލައިފިއެވެ. އަމިއްލަ ނަފްސު އޭނައަށް ކުށްވެރިކުރެވުނީ އެހާ ދަށުދަރަޖައަކަށް އޭނައަށް ދެވުނީތީއެވެ. ޒައުލްއަށް ހިންގުނު ޢަމަލަކީ އޭނަގެ އަމިއްލަ ޒަމީރަށްވެސް މަލާމާތް ރައްދުވާފަދަ ޢަމަލެކެވެ. އަމިއްލަ ނަފްސާމެދުވީ ފަޙުރުވެރިކަން ކުޑަކުޑަ ހިނދުކޮޅެއްގެ ތެރޭ ގެއްލިދިޔައީއެވެ. ޒައުލް އިންތަނުން ތެދުވެގެން ސަފާރީގެ ޑެކުމައްޗަށް ނުކުތެވެ. އޮއްސެމުންދިޔަ ހަނދަށް ޒައުލް ބަލާލިއެވެ.

"ކީއްވެ..." ޒައުލް އޮއްސެމުންދިޔަ ހަނދާ ވިދުން ކެނޑެމުންދިޔަ ތަރިތަކާ ސުވާލުކުރާކަހަލައެވެ. އޭނަގެ އަމިއްލަ ނަފްސާ އެއްވަރަށް ހަނދާ އެހަނދުން އެޅިފައިވާ ނަލަ ހަނދުވަރު ކުއްވެރިކުރިއެވެ. ފަލަކުގައި ވިދާ ބަބުޅަމުންދިޔަ ތަރިތަށްވެސް މެއެވެ. ފަޒާގައި ޖެހެމުންދިޔަ މަޑުމަޑު ފިނިފިނި ވައިރޯޅިވެސް ކުއްވެރިކުރިއެވެ. އަތުގައި އޮތް ފެންފުޅި ޑެކު މައްޗަށް ވެއްޓުނު އަޑާއިއެކު ދެން ފެނުނީ ދުވެފައިގޮސް ޒައުލް މޫދަށް ފުންމާލިތަނެވެ. ލޮނުގަނޑުގެ ތެރެއަށް ފީނައިގަތުމަށްފަހު މައްޗަށް އެރިއެވެ. ސިކުނޑީގެ ހާސްކަމަށް ފިނިކަމެއް ނުލިބުނެވެ. އެތަށް ފަހަރަކު އޭނަ ލޮނުގަނޑުގެ ތެރެއަށް ފީނައިގަނެފައި މައްޗަށް އެރިއެވެ. އެގޮތަށް މައްޗަށް އެރިފަހަރެކެވެ. ޒައުލްގެ ލޮލުގައި ސަފަރީގައި އޭނަ އާއި ދިމާލަށް ބަލަން ހުރި ޔޫހާ އަޅައިގަތެވެ. ވަޔާއިއެކު އެއް އިސްތަށި އަނެއް އިސްތައްޓާއި ކުޅެމުންގޮސް ޔޫހާގެ މޫނުގައި ބީހިލައެވެ. މަޑު ރަތްކުލައިގެ ފިނިފެންމަލުގެ ފިޔައެއްފަދަ ތުންފަތަށް ލުއިހިނިތުންވުމެއްވެރި ކުރުވާފައިވެއެވެ. ޔޫހާ މަޑުމަޑުން އަތްހޫރާލިއެވެ. އެހެންނަމަވެސް ޒައުލް ފީނައިގަތި އަޑިއަށެވެ. ނޭވާ ހިފަހައްޓާލެވޭ އެންމެ އަޑިއަކަށް އޭނަ ދިޔައެވެ.

ފަތިހު ފަހެއްވެސް ޖެހިފަހުން ޒައުލްގެ އެކުވެރިން ސަފާރީއަށް އެރިއެވެ. ޒައުލް ބޭނުންވީ އަވަހަށް މާލެ ދިއުމަށެވެ. ޒައުލް އާއި އެންމެ ގާތްކޮށް އުޅޭ ޖިނާ ކިހިނެތްތޯވީ ސުވާލުކުރިއެވެ. ނަމަވެސް ޒައުލް އެކަމާ ވަކި އެއްޗެއް ނުބުނެއެވެ. ފަހުން ޒައުލް ބަހަނާއެއްކަމުގައި ދެއްކީ އޭނަގެ މާމައެވެ. ހުރިހާ އެކުވެރިންނަށް ޒައުލްގެ މާމަގެ ގޮތެއް އޮޅިފަކައި ނޯންނާނެއެވެ. އެހެންވެ ސަފާރީގެ މިސްރާބު މާލެ އާއި ދިމާލަށް އަނބުރާލިއެވެ.

އެރޭގެ ސަފާރީގައި ހިނގި ހާދިސާއަށްފަހު ޒައުލްގެ މުޅި ދިރިއުޅުން ބަދަލުވެގެން ދިޔައެވެ. އޭނަ ޔޫހާ ގުޅިއަސް ފޯނެއް ނުނަގައެވެ. އެއްވެސް ހަބަރެއް ނުވެއެވެ. އެގޮތުގައި ދެހަފްތާވަރު އުޅުނެވެ. ގެއިންބޭރަށް އެއްގޮތަކަށްވެސް ނުނިކުންނަނީއެވެ. އަބަދު އޮންނަނީ ކޮޓަރީގައެވެ. އެކަމަކު އެއީ އަދި ރަނގަޅު ގޮތެއްނޫންކަން އޭނަގެ ޒަމީރު ވިސްނާދިނެވެ. ޔޫހާއަށް ހުރިހާ ވާހަކައެއް ކިޔާދޭން ޒައުލްގެ ހިތަށްއެރިއެވެ. ލިބުނު ކުޑަކުޑަ ހިތްވަރާއިއެކު ޔޫހާއަށް އޭނަގުޅިއެވެ. އަދި ބައްދަލު ކުރުމަށް ބޭނުންވާ ވާހަކަ އާއި ދާންވީތަން ބުނެލިއެވެ. މީގެކުރިން ޒައުލް އަބަދުވެސް ޔޫހާ ބަލާދާނެއެވެ. ދާތަނަކަށް ދަނީ ޔޫހާ ގޮވައިގެންނެވެ. އެހެންނަމަވެސް އެގޮތަށްވެސް ޔޫހާ އެއްބަސްވިއެވެ.

އިރުއޮއްސުނުވަގުތެވެ. އާރޓިފިޝަލް ބީޗުގެ ގޮނޑިއެއްގައި ތަންކޮޅެއް އެކަހެރިކޮށް އިން އަންހެން ކުއްޖާއަށް ޒައުލް ބާލިއެވެ. ޔޫހާކަން ޔަގީންވުމުން އެގޮނޑީގައި އީށީނެވެ.

"ހާއި..." ޒައުލް އިށިންނަމުން ބުނެލިއެވެ. ޒައުލް އިށީނީ ޔޫހާއަށް ފުރަގަސް ދެމުންނެވެ. އެދެމެދުގައި އަދި އެކަކަށް އިށީނދެވޭނެހާ ޖާގަހުއްޓެވެ.
"ހާއި..." ޔޫހާގެ ބަލާލުމުން އޭނަ ޖަވާބު ބޭނުންވެފައިވާކަން އެނގެއެވެ.
"ޔޫހާ.... އަހަރެން މިއައީ ވާހަކައެއް ބުނަންވެގެން، އަހަންނަކަށްނެތް ޔޫހާ އާއިއެކު އިތުރަށް މިގުޅުން ކުރިއަށް ގެންދެވޭކަށް.... އަހަރެން.... އަހަރެން ޔޫހާދެކެ ލޯތްބެއްނުވޭ، އެކުގައި އުޅެން ދެމީހުންވެސް ލޯބިވުން މުހިއްމު، އަހަރެންނަށް ޔޫހާދެކެ ލޯބިނުވެވޭއިރު.... އެންޑް އައިމް ރިއަލީ ސޮރީ އަބައުޓް ދެޓް ނައިޓް، އެރޭ ހިނގި އެއްވެސް ކަމަކީ އަހަރެން ގަސްދުގަ ކުރިކަމެއް ނޫން، ޕްލީޒް، އެކަންތައްމަތިން ހަދާންނައްތާލާ... އަހަރެންވެސް ބޭނުންވަނީ އެގޮތް..." ޒައުލް ޔޫހާއަށް ބަލާލިއެވެ. އޭނަ އިސްޖެހިފައި ބަހެއްވެސް ނުބުނެއިނެވެ. ޒައުލްއަށް އިތުރަށް އެއްވެސް އެއްޗެއް ބުނާނެހާ ހިތްވަރެއް ނުލިބުނެވެ. އޭނަ ޔޫހާގެ ޖަވާބަކަށް އިންތިޒާރުކުރިއެވެ.

ގަޑިއެއްހާއިރު ވޭތުވެގެންދިއުމުން އިތުރަށް ޒައުލްއަކަށް ކެތެއްނުވިއެވެ. އޭނަ ޔޫހާއަށް ބަލާލަމުން ގެއަށް ދިއުމަށް އެދުނެވެ. އެހިނދު ޔޫހާ ގޮނޑިން ތެދުވިއެވެ. އަދި އާރޓިފިޝަލް ބީޗުން ނުކުތުމަށް ހިނގައިގަތެވެ.

"އަހަރެން ޔޫހާ ގެއަށް ލާދީފާނަން" ޒައުލްއަށް ޔޫހާ އެކަނި ގެއަށް ފޮނުވާލަން ނުކެރުނީއެވެ. އޭނަ އާއި އެއްވަރަށް ޔޫހާ ހިނގަމުންދިޔައީ ބަހެއްވެސް ބުނެނުލައެވެ. އެކަމުގެ ސަބަބުން ޒައުލް އިތުރަށް ހާސްވިއެވެ. އެހިތާ ސިކުނޑީގައިވާ އެއްޗެއް އޮޅުން ފިލުވަން އޭނަ ބޭނުންވިއެވެ. އެހެންވިޔަސް ޔޫހާ ދުވަހަކުވެސް އޭނަގެ ހިތުގައިވާ އިޙްސާސްތަކުގެ ވާހަކައެއް ބޭރަށް ފާޅުކޮއްފަކައިނުވެއެވެ.

"އަހަރެން މިއުޅެނީ ކާރުގަ، މިދިމާލުގަ ކާރު ޕާކުކުރީ..." ޒައުލް ޔޫހާއަށް ދެންދާންވީ ގޮތް އޮޅުންފިލުވާދިނެވެ. އެވަރުންވެސް ޔޫހާ ސުވާލެއްނުކުރެއެވެ.

ޒައުލް އޭނަގެ ކާރުގައި ޔޫހާގެ ގެއަށް ގެންގޮސްދިނެވެ. ގޭދޮރުމައްޗަށް މަޑުކޮއްލުމަށްފަހު ޔޫހާ ފޭބުމުން ޒައުލްއަށް އޭނައަށް ބަލާލެވުނެވެ. ކާރުން ފޭބިގޮތަށް ޔޫހާ ފަސް އެނބުރުމެއްނެތި ގޭދޮރުން ވަންނަން ހިނގައިގަތެވެ. ޒައުލް ކާރު ދުއްވާލިފަހުން ކާރުގެ އަރިމަތީ ލޯގަނޑުން ޔޫހާ އެދިމާލަށް ބަލަން ހުރިތަން ފެނުނެވެ. ޒައުލްއަށް ކާރުގެ ބުރެކި ޖެއްސުނެވެ. ޔޫހާ ޒައުލްގެ ކާރު މަޑުކޮއްލުމާއިއެކު އަވަސް އަވަހަށް ގޭތެރެއަށްވަދެ ދޮރުލައްޕައިފިއެވެ. ހަށިފުރާލީ ނޭވާ އާއިއެކު ޒައުލް ކާރު ދުއްވާލިއެވެ.


* * * 


އެނދުގައި އޮތް ޒައުލް ފުއްމައިގެން ތެދުވިއެވެ. ހިޔާލުތަކުގެ ތެރެއިން އޭނަ ހޭލައްވާލި ކަހަލައެވެ. ލައިގެން ހުރި ގަމީހުގެ ބާކީ ނުނެއްޓިހުރި ގޮއްތަށް ނައްޓާލަމުން ގަމީސް އެނދުމަށްޗަށް އެއްލާލިއެވެ. އަދި އެބޮޑު ކޮޓަރީގައި ހުރި އިސްކޮޅުވަރުގެ ބޮޑު ބިއްލޫރި ކުޑަދޮރުގެ ކައިރީ މަޑުކޮއްލަމުން ދެއަތް ބިއްލޫރިގަނޑުގައި ވިއްދާލިއެވެ. އަދިވެސް ޔޫހާގެވަނީ އެރީތިކަމެވެ. ކުރިއަށްވުރެވެސް އެހަށިގަޑުގެ ބައްޓަންތައް ޗާލުވެފައި ރީތިކަން ޒައުލްއަށް ފާހަގަވިއެވެ.

"ޔޫހާ ކޮންއިރަކުބާ ހޮޓެލް ދާއިރާއަށްވަނީ، އަނެއްކާ އޭނައަށް އަހަރެންގެ ހަގީގަތް އެނގުނީބާ... ކީއްވެބާ ސަރުކާރުގެ ރަނގަޅު ވަޒީފާއެއްގަ ހުރެފަ ވަކިވީ... އަހަރެންގެ ކިބައިން ބަދަލު ހިފަން ބޭނުންވަނީތަ... ކޮންކަހަލަ ނުބައި ހިޔާލެއް... ނޫން... ޔޫހާ އެހެން ހަދާފާނެތަ، އޭނައާއިއެކު ފެނުނު ސްޓާފަކީ އޭނަގެ ފިރިމީހާ ކަންނޭގެ... ޔޫހާ މީހަކާ އިނދެ ދިރިއުޅުމެއް ފެށީތަ" ޒައުލް މޮޔައެއްހެން އަމިއްލަ ޒަމީރާ ވާހަކަދައްކަމުން ދިޔައެވެ. ޔޫހާ ފެނުމުން އޭނައަށް މިހުރިހާ ގޮތްތަކެއްވާންވީ ކީއްވެތޯ ސުވާލުކުރަމުން ދިޔައެވެ. އެހެންނަމަވެސް އެއްވެސް ޖަވާބެއް ނުލިބުނެވެ.

ރަނގަޅަށް ނިދި ނުލިބުނު ކަމުގައިވިޔަސް ޒައުލްގެ ވަރުބަލިކަން ފިލުވާލަދިނީ އޭނަގެ ހެނދުނު ކޮފީތައްޓެވެ. ދެން އަވަސްވެގަތީ ޔޫހާ އެހޮޓަލުން ރޭގައި ފެންނަން ޖެހުނު ސަބަބެއް ހޯދުމަށެވެ. އެހެންދުވަސް ދުވަހާއި ހިލާފަށް މާހެނދުނަކާ ޒައުލް އޮފީހުން ފެނުމުން ހުރިހާ ސްޓާފުންނަށް ހައިރާންކަން ލިބިގެންދިޔައެވެ.

"ފައުޒީ ވަރަށް އަވަހަށް އޮފީހަށް..." ފޯނުން ޒައުލްގެ ޖުމްލަ ފުރިހަމަ ނުވަނީސް މިދަނީ ކަމުގައި ފައިޒީ ބުންޏެވެ. 
"ޔެސް ސަރ، ކިހިނެތްތޯވީ؟" ފައުޒީ ޒައުލްގެ އޮފީހަށް ދޮރުންވަދެވެންވާއިރަށް އަހާލިއެވެ.
"ރޭގެ ހަފްލާގައި ބައިވެރިވި ހުރިހާ ޖޫނިއާ ސްޓާފުންގެ ލިސްޓު އަހަރެން ބޭނުން" ޒައުލް އޭނަގެ 
ބޮޑުގޮނޑީގައި އިނދެ ބުނެލިއެވެ.
"ކަމެއް ގޯސްވީތޯ..." ފައުޒީ ކަންބޮޑުވިއެވެ. އުމުރުގެ ގޮތުން ޒައުލްއަށްވުރެ ފައުޒީ ދޮށިކަމުގައިވިޔަސް އޮފީހުގައި އުމުރުގެ ތަފާތަކަށް ބެލުމެއްނޯވެއެވެ. އެމީހަކު ކުރާމަސައްކަތުގެ ފެންވަރު ރަނގަޅު ކުރިވަރަކަށް ކުރިއެރުން ދެއެވެ. ފައުޒީ އޭނަގެ ވަޒީފާއަށް ވަރަށް ފަރުވާތެރިވެއެވެ. ކުރިއަށްދާން މަސައްކަތްކުރާ ހީވާގި މުވައްޒަފެކެވެ.

"ކަމެއް ގޯހެއްނުވޭ، ރޭގަ ބޭއްވި މީޓިންގަ އެކަން ބުނީމެއްނު، ލިސްޓު އަވަސްކޮއްލަދީ..." ޒައުލް އޭނަ ބޭނުންވިކަންތަކުގެ މުހިއްމުކަން ދެވަނަ ފަހަރަށް ފައުޒީއަށް އަންގާލަދިނެވެ.

އާފާގު ހެނދުނުގެ ނާސްތާ ކުރުމުގެ ކުރިން އޮފީހަށް ދިޔައެވެ. އޭނައަކީ އޮފީހުގެ ކަންތައްތައް ގެއާއި ހަމައަށް ގެންނަން ބޭނުންނުވާ މީހެކެވެ. އާފާގު އޭނަގެ އޮފީހުގެ މޭޒުކައިރީ ބޮޑެތި ފައިލްތަކެއް ހުޅުވާލައިގެން އިނދެ އޭނަގެ ލެޕްޓޮޕްގައިވާ ހިސާބުއަކުރުތަކާއި ދިމާވޭތޯ ބަލަމުންދިޔައިރު އޭނަގެ މޫނުމަތިން ފެންނަނީ ކަންބޮޑުވުމެވެ.

އާފާގަކީވެސް ރާއްޖޭގެ އެކިސަރަހައްދުގައި ވިޔަފާރިކުރާ ކާމިޔާބު ވިޔަފާރިވެރިއެކެވެ. ހޮޓެލް ދާއިރާގައި ނަންމަޝްހޫރު ފަރާތެކެވެ. އެހެންނަމަވެސް ވޭތުވެގެންދިޔަ ތިންއަހަރުން ފެށިގެން އޭނަގެ ވިޔަފާރިއަށްވީ ކިހިނެތް ކަމެއް ނޭގެއެވެ. މުޅި މީޑިއާގައިވެސް ދެކެވެމުންދިޔައީ އެވާހަކައެވެ. އެއް ދުވަހަށްވުރެ އަނެއްދުވަހު ވިޔަފާރި ދަށަށްދާ ވާހަކައެވެ. އެކަމުގެ ސަބަބުން އާފާގުގެ ނަންމަތީގައި ހުރި ފަސްތަރީގެ ތިން ހޮޓެލުން އެއްހޮޓެލް އަތުން ދޫކޮއްލަންވެސް ޖެހިއްޖެއެވެ. އޭނަގެ އެންމެ ބޮޑު އުއްމީދަކީ އޭނަގެ ދިރިހުރި ނިޝާންކަމުގައިވާ ލޯބިވާ ފިރިހެންދަރިފުޅު އައްޔަދު އޭނަގެ މަސައްކަތުގައި އެހީތެރި ކަމެއްގެ އަތެއް ދިއްކޮއްލާނޭ ދުވަހެކެވެ. ދެން މާގިނަ ދުވަހެއްވެސް ނެތެވެ. އިނގިރޭސި ވިލާތުގަ އާއި އޮސްޓްރޭލިއާގައި ކިޔެވުމުގެ ދުވަސްތައް ހޭދަކުރަމުންދާ އައްޔަދުގެ ކިޔެވުން ނިމުމަކަށް ވަނީ އައިސްފައެވެ. ނަމަވެސް އާއިލާ އާއި އޮންނަ ގުޅުން ކުޑަކަމުގައި އާފާގަށް ފާހަގަކުރެވެއެވެ. އޭނަގެ ހުރިހާވެސް ބަޔަކީ ލޯބިވާ އަނބިމީހާ ޒަރާނާ އާއި ދަރިފުޅު އައްޔަދުއެވެ.

"މިއަދު ހާދަ އަވަހަކަށް ގެއަށް ތިއައީ..." ސުފުރާމަތި ތައްޔާރުކުރަމުންދިޔަ ޒަރާނާއަށް އާފާގު ފެނުމާއިއެކު ބުނެލެވުނެވެ.
"މުވައްޒަފުން އޮފީހަށް އައިސް ހަމަޖެހިލީމަ މިއައީ، އަހަރެން މިއައީ ޒަރާ އުފާވާނެކަހަލަ ކަމެއްކޮއްފަ" އާފާގު ކާމޭޒު ކައިރީ ހުރި ގޮނޑިއެއްގައި ދެއަތުން ހިފަހައްޓާލަމުން ބުނެލިއެވެ.
"އާފާގު އަހަރެން ރޮއްވާލީ ކޮންދުވަހަކުތަ... އަބަދުވެސް ތިބަހައްޓަނީ ހިތްހަމަ ޖައްސާދީފައެއްނު" ޒަރާނާ ހިނިތުންވެލިއެވެ.
އަން މިއޮތީ..." އާފާގު ޒަރާނާ އާއި ގާތްވެލަމުން ޖީބުންނެގި ދެޓިކެޓު ދައްކާލިއެވެ.
"އާފާގު، މިހާ ދަތިކޮއްއުޅޭ ދުވަސްކޮޅެއްގަ މިކަހަލަ ކަމެއްކުރީމަ ކިހިނެތްވާނީ" ޒަރާނާ އުފާވިއެއްކަމަކު މާލީހާލަތާއިމެދު ވިސްނާލިއެވެ.
"އަހަރެންގެ ދަރިފުޅުގެ މަންމަ، އެދަރިފުޅު މަތިން ހަނދާންވާވަރުން ފެންކަޅިވެފައި ހުންނަތަން ދެކޭކަށް ބޭނުމެއްނޫން... އަދި އަހަރެން ތިހީކުރާހާ ފަގީރެއްނުވެޔޭ" އަފާގު ހީލަމުން ޒަރާނާގެ ބޮލުގައި ބޮސްދިނެވެ.
"އަވަހަށް އިށީނދޭ ސައިބޯން، މިއަދު މިހިރީ އާފާގުއަށް މީރު ބިސް ފަރާޓާ ހަދާދީފަ" ޒަރާނާ ލޯތްބާއިއެކު ބުނެލިއެވެ.
"ޒަރާގެ އަތުންނަމަ ކާ ކިޔައިފިކޮންމެ އެއްޗެއް މީރުވާނެކަން ޔަގީން" އާފާގު ސަމާސާ އެއްކޮއްލިއެވެ.

ސްކޫލް ނިންމާފައި އަފްލީން ގެއަށް އައިއިރު ޔޫހާ ހުރީ ފުޅިތަކަށް ފެންއަޅަންށެވެ. ދޮރުލެއްޕުނު އަޑަށް ޔޫހާ ސިޓިންރޫމާ ދިމާލަށް ނަޒަރެއް ހިންގާލިއެވެ. ސީއެޗްއެސްއީ ޔުނީފޯރމްގައި ހުރި އަފްލީން ފެނުމުން ޔޫހާއަށް ވީގޮތެއް ނޭގުނެވެ. އަތުގައި އޮތް ފަސް ލީޓަރުގެ ފެންފުޅިވެއްޓި ޖެހުނީ ފައިތިލަ މަތީގައެވެ. އަފްލީން ފުއްމައިގަތީ ފުޅީގައި ހިފޭތޯއެވެ. އެހެންނަމަވެސް އޭނައަށް އެފުޅި ނެގުނީ ޔޫހާގެ ފައިތިލައިގައި ޖެހި ޓައިލްތަކުގެ މައްޗަށް އެއްބައިފެން އެޅުނު ފަހުންނެވެ. އަފްލީން ޔޫހާއަށް ބަލާލިއެވެ. އޭނަ ފަޔަށް ތަދުވިވަރުން އެއްފައިމައްޗަށް ހުރެ ކޮރަމުންދިޔައީ އަނެއްފައިގެ ފައިތިލައިގައި ދެއަތުން ހިފަހައްޓާލައިގެން ހުރެއެވެ.

ކޮމެންޓް 0