ޒައުލްއަށް ޔޫހާގެ އަޑު އިވުނުހެނެއް ހިޔެއްނުވެއެވެ. އޭނަ އަދިވެސް މަސައްކަތްކުރަމުން ދިޔައީ ޔޫހާ އާއި ބޮޑަށް ގާތްވެވޭތޯ އެވެ. ނަމަވެސް ޔޫހާ އޭނަގެ މޭގައި ދެ އަތް ވިއްދާލަމުން ދުރަށް ކޮއްޕާލަން މަސައްކަތްކުރަން ެށުމުން އެންމެ ފަހުން އޭނަ ދޫކޮއްލިއެވެ. އެއާއިއެކު ޔޫހާ ޒައުލްގެ ކައިރިން ދުރަށް ޖެހިލި އެވެ.
"ގަދަބާރުންވިޔަސް ޒައުލްގެ އެދުން ފުއްދެނިކޮށް އެނިމުނީތަ؟ އެކަމަށްތަ އަހަރެން މިކޮޓަރިއަށް ގެނައީ؟" ޔޫހާ މެޔާއި ދިމާލުން ދެ އަތް ހުރަސްކޮއްލަމުން ބުނެލި އެވެ.
"މީ އަދި ގަދަބާރެއް ނޫނެއްނު، ޔޫހާވެސް ބޭނުންވިކަން އަހަންނަށް އެނގޭ، ދެން ކީއްވެ އަހަރެންގެ ބޮލުގަ ތިފަދަ ތުހުމަތެއް ތިއަޅުވަނީ" ޒައުލް ޔޫހާ އާއި ދިމާލަށް އެނބުރިލަމުން ބުނެލިއެވެ.
"އަހަރެން...އަހަރެން ބޭނުމެއްނޫން..." އާގަންނަފަދަ ގޮތަކަށް ޔޫހާއަށް ބުނެލެވުނެވެ. އެހިނދު އޭނައަށް ބަލަން ހުރި ޒައުލްގެ ހުނުމުގެ އަޑުއިވިގެންދި ޔައެވެ. ލުއި ހުނުމެއްކަމަކު އެހުނުމުގައި އެކުލެވިފައިވީ މަލާމާތެވެ. ޔޫހާ ޒައުލްއަށް ހައިރާންވެފައި ބަލަހައްޓައިގެން ހުއްޓެވެ. އޭނައަށްވެސް މިހެން ވެދާނެކަމަށް ހީނުކުރެވުނީއެވެ. އަމިއްލަ ނަފްސުގެ ކޮންޓްރޯލް މިފަދަ ގޮތަކަށް ދޫވެގެން ހިނގައިދާނެ ކަމެވެ.
"ހުރިހާ ކަމެއް ތިކުރަނީ ޔޫހާ، އަހަރެން ގާތްވެލުމުން އަހަންނަށް ދައުވަތުދީ އަހަރެންނަށް ފުރުޞަތުދިނީ ވެސް ޔޫހާ... އެކަމަކު އިލްޒާމް ތިއަޅުވަނީ އަހަރެންގެ ބޮލުގަ، އަހަރެން ގަދަބާރުން ކަމެއް ކުރަން ބޭނުންނަމަ މިހާރު އަހަރެން އެކަމެއް ކުރާނެތާ ކިތަންމެ އިރެއް، ޔޫހާ ދޮގު ނުހަދާ އެއްފަހަރުވެސް ބުނެބަލަ... އަހަރެންނަށް ބޭނުމެއް ނުވޭތަ؟" ޒައުލް ޔޫހާގެ ގާތަށް އައިސް އޭނަގެ އަތުގެ ހިކަނދިމަސްގަނޑުގައި ހިފާ ގާތްކޮއްލަމުން އެ ދެލޮލަށް ނަޒަރުހުއްޓާލި އެވެ. ޔޫހާއަށް ޒައުލްގެ ލޯ ހޯދަމުންދިޔަ ޖަވާބު ލިބޭކަށް ބޭނުމެއްނުވިއެވެ. އެހެންވެ އަވަސް އަވަހަށް މޫނު އަނބުރާލިއެވެ. އެއާއިއެކު ޒައުލްވެސް ޔޫހާގެ އަތުން ދޫކޮއްލައިފިއެވެ.
"ކުރިމަތިނުލެވުނު ދޯ... އެހާވެސް އަހަރެން ބޭނުންތަ ނޫނީ ދެންމެވާންއުޅުނުފަދަ ކަމެއް ބޭނުންވަނީތަ؟ ވަރަށް ވެސް ފިނި ރެއެއް... ޔޫހާއަކީ ފިންޏަށް ބަލި އަންހެނެއްކަން އަހަންނަށް އެނގޭ..." މަލާމާތުގެ ރާގެއްގައި ޒައުލް ދައްކަމުންދިޔަ ވާހަކަ މެދުކަނޑާލީ ޔޫހާއެވެ.
"އާން... އާން... އަހަރެން ބޭނުންވި، އެކަމަކު އެއީ ކަލޭވީމައެއް ނޫން... ކަލޭ ހީކުރަނީ ކީކޭކަމައްތަ؟" ޔޫހާ ދެރަވެފައި ހުރެވެސް ރުޅިވެރި ރާގެއްގައި ބުނެލި އެވެ.
"އަހަރެން ހީކުރަންވީ ކީކޭތަ؟ ޔޫހާ ބުނެދީބަލަ، އަހަރެންގެ ވާހަކައަށް އެއްބަސް ވެސް ތިވަނީ އަމިއްލައަށް" ޒައުލް މިހެން ބުނެލިއިރު އޭނައަށް ނޭގޭ ހިތްހަމަޖެހުމެއް އިޙްސާސްކުރެވުނެވެ. އެއީ ޔޫހާގެ އަނގައިން އޭނަ ބޭނުންވާކަން އެނގުމުން ކަމެއް ނޫނީ އޭނަގެ ކުރިމަތީ ޔޫހާގެ ނިކަމެތިކަން އިތުރަށް ބޭޒާރުކޮއްލެވުނީމަ ކަމެއް ނޭގެއެވެ.
"އެފަދަ ގުޅުމެއް އަހަރެން ހިންގި ފަހުން ވަރަށް ދުވަސްވެއްޖެ... އެހެންވެ..." ޔޫހާ އަޑަށް ބާރުލަމުން ދެބުމަގޮއްޖާލާފައި ބުނެލިއެވެ.
"އޯ... އެދުވަހަށްފަހު އަދިވެސް އަހަންނަށްޓަކައިތަ ތިހަށިގަނޑު ފޮރުވަމުން ތިއަންނަނީ، އެހެންވެތަ އަހަންނަށް މަރުޙަބާކީ" ޒައުލް އެއްގޮތަކަށްވެސް ޔޫހާއަށް ދޫކޮއްލާކަށް ބޭނުމެއްނުވެއެވެ. ޔޫހާ އާއި ޖަދަލު ކުރުމުންވެސް އޭނައަށް ނޭގޭ ހިތްހަމަ ޖެހުމެއް ލިބެނީއެވެ.
"ނޫން... އަހަރެންގެ ދިރިއުޅުމަށް އެހެން މީހަކު އަތުވެއްޖެ" ޔޫހާ ބުނެލިއެވެ. ޔޫހާގެ އެ ޖުމްލައިން ޒައުލް ކަންބޮޑުވާގޮތްވި އެވެ.
"އެކަމަކު އެއްވެސް ލިޔެކިޔުމަކުން އެނގޭކަށްނެތް، މިތަނުގެ ޕޮލިސީއަކީ ވަޒީފާއަށް ވަނުމަށްފަހު ވެސް މީހަކާ އިނދެފިނަމަ އަންގަން ޖެހޭނެކަން..." ޒައުލް އޮޅުންފިލުވަން ބޭނުންވިއެވެ. އެވަގުތު ޔޫހާގެ ކޮނޑުގައި އަޅުވާލައިފައި އޮތް އަތްދަބަހުގެ ތެރެއިން ފޯނު ރިންގުވި އަޑުއިވުނެވެ. ޔޫހާ ދަބަހުގެތެރެއަށް އަތް ކޮއްޕާލަމުން ފޯނުނަގާ ބަލާލި އެވެ. އޭނައަށް ގުޅަނީ ޝާއިންއެވެ.
"ތި ފޯނަށް ޖަވާބު ދީގެން ނުވާނެ، ޔޫހާ ތިހިރީ އަހަރެން ބޭނުންވެގެން ގެނެސްފަ... އަހަރެން އަހަން ބޭނުން ހުރިހާ ވާހަކައެއް އަދި ނުނިމޭ" ޒައުލް ޔޫހާގެ ގާތަށް ފިޔަވަޅެއް އަޅާލަމުން އަމުރުވެރި ރާގެއްގައި ބުނެލި އެވެ.
"މީ ވަރަށް މުހިއްމު ކޯލެއް، އަހަރެން ކޮންމެހެންވެސް ނަގަންޖެހޭނެ..." ޔޫހާ އާދޭހުގެ ގޮތަކަށް ޒައުލްއަށް ބަލާލަމުން ބުނެލިއެވެ.
"އެއީ ކީއްވެ، އެއީތަ އެމީހަކީ..." ޒައުލް އަހާލިއެވެ. ޔޫހާ އަނެއްކާވެސް ބަލާލެވުނީ ފޯނަށެވެ. އޭރުވެސް ފޯނު ރިންގުވެއެވެ.
"ހެލޯ..." ޒައުލް ކޮންމެ ކަމެއް ކުރިޔަސް ހެޔޮކަމަށް ޔޫހާ ފޯނުނެގި އެވެ.
"ކޮންއިރަކުން އަންނަނީ؟ މިރޭވެސް ފައުޒީގެ މަސައްކަތްތައް؟ ކިޔާން ވަރަށް ހުންގަދަ، ވަރަށް ރޮއޭ އެބަ، އަފޫއަކަށް އެސޮރު މައިތިރިއެއް ނުވޭ، އަހަރެންނަށް ކުޑަކުދިން ގެންގުޅޭކަށް ނޭގޭ... އަހަރެން މިހާރު މިދަނީ ޔޫހާ ބަލާ، ފައުޒީ ކައިރީ ބުނަންވާ އެއްޗެއް އަހަރެން ބުނެފާނަން" ހާސްކަމާއިއެކު ފޯނުގެ އަނެއްކޮޅުން ވާހަކަދެއްކި ޝާއިން ބުނެލިއެވެ.
"ނޫން، އަހަރެން މިދަނީ، އަފޫ ކައިރީ ބުނޭ ކިޔާންގެ ޓެމްޕަރޭޗަރ އިރުއިރުކޮޅާ ބަލާލަދޭށޭ، ރީތިވާ މޭޒު ވަތްގަނޑު ތެރޭ ތެމޯމީޓާ އޮންނާނެ... އަހަރެން މިދަނީ" ޔޫހާ ކަންބޮޑުވިއެވެ. އޭނައަށް އެންމެ ހިނދުކޮޅަކު ވެސް ދެން ޒައުލް ކައިރީ މަޑެއް ނުކުރެވޭނެ އެވެ.
"އެއީތަ އެމީހަކީ؟" ޒައުލް އަނެއްކާ ވެސް ސުވާލުކޮއްލި އެވެ.
"އަހަންނަކަށް ނެތް މިތާ މަޑުކުރެވޭކަށް، ޒައުލްގެ ބޭކާރު ސުވާލުތަކަށް ޖަވާބުދިނުމަށްވުރެ މުހިއްމު ކަމެއް އަހަންނަށް ޖެހިއްޖެ" މިހެން ބުނެލަމުން ޔޫހާ ހިނގައިގަތީ އެކޮޓަރިން ނުކުތުމަށެވެ. އެހެންނަމަވެސް ޒައުލް މާހުޝިޔާރެވެ. އޭނަ ކުރިއަށް ފިޔަވަޅެއް އަޅާލަމުން ޔޫހާގެ އަތުގައި ހިފިއެވެ.
"ޒައުލް، އަހަރެންގެ އަތުން ދޫކޮއްލާ، އަހަރެން ގެއަށް ދާންއެބަޖެހޭ، ވަރަށް ލަސްވެއްޖެ" ޔޫހާ ޒައުލްގެ އަތް އޭނަގެ އަތުން ނައްޓާލަން މަސައްކަތްކުރަމުން ބުނެލިއެވެ.
"އަހަރެންގެ ސުވާލަށް ޖަވާބު ދީބަލަ؟ ޔޫހާގެ މުހިއްމުވާވަރުގެ ކަމެއް ނޯންނާނެ؟" ޒައުލް ބުނެލި އެވެ. އޭނަ ޔޫހާގެ އަތުން ދޫކޮއްލާ ހިޔާލެއް ނުކުރިއެވެ.
"އެހެން ނުހަދާ އާދޭސްކޮއްފަ މިބުނީ، އަހަރެން ގެއަށް ދިޔަދީ... އަހަރެންގެ ދަރިފުޅު މަރުވެދާނެ..." ޔޫހާ ޒައުލްގެ ފައިބުޑަށްވެއްޓިގަންނަމުން އޭނަގެ ފައިގައި ހިފިއެވެ. ޒައުލް ހުރިތަނަށް ހީވީ ގަނޑުވިހެންނެވެ. ޔޫހާގެ ދަރިއަކު ހުރި ވާހަކަ އަޑުއިވުމުންނެވެ. އެއީ ތެދެއްކަން ޔަގީން ނުވާތީއެވެ. އޭނައަށް ޔޫހާގެ ރެކޯޑްސް ފައިލްއިން އެކަން ފާހަގަ ނުވީހެއްޔެވެ. ނޫނީ އެތަނުން އޭނަގެ އަތްދަށުން ސަލާމަތްވެގެން ދިއުމަށްޓަކައި ހެދި ދޮގެއްބާ އެވެ.
"ހެޔޮނުވާނެ... އަހަރެންގެ އަތުން ދޫކޮއްލާ، އަހަރެން ގެއަށްދާން ބޭނުން، އަހަރެންގެ ދަރިފުޅު މަރުވެދާނެ" ޒައުލްގެ ފައިގެ ކަކުލާ ހަމައިގައި ނިތްޖައްސާލި ޔޫހާ ރޯން ފެށި އެވެ. ޒައުލްއަށް އިޙްތިޔާރަކާއި ނުލާ ޔޫހާގެ އަތުން ދޫކޮއްލެވުނެވެ.
"އަދިވެސް ވާރޭ އެބަވެހޭ، ޖަމާލު ކާރުގަ ޔޫހާ ގެއަށް ގެންގޮސްދޭނެ" މިހެން ބުނެ ޒައުލް ފޯނުނަގާ ޖަމާލްއަށް ގުޅިއެވެ. އަދި ޔޫހާގެ ހަރަކާތްތަކަށް ބަލަން ހުރެވުނީ އެވެ. އޭނައަށް އަރައި މިގަނެވެނީ މީހެއްގެ ހައްޤަކަށްބާއޭ ހިތަށް އަރާވަރުންނެވެ. ޔޫހާ އަވަސް އަވަހަށް ތެދުވެ އޭނަގެ ފައި ކައިރީއޮތް ފޯނުން ޝާއިންއަށް ގުޅިއެވެ. މިދަނީކަމުގައި ބުނެ ކިޔާންގެ ހާލު އޮޅުން ފިލުވިއެވެ.
"އެސޮރު ހޮސްޕިޓަލަށް ގެންދަން އަހަންނަށް ފެންނަނީ، ހުމަކަށްނުވޭ އެއްގޮތަވެސް... ރޮއެ ރޮއެފަ ނިދިއްޖެ" ޝާއިން ބުނެލިއެވެ.
"ޝާއިން... އަހަރެންގެ ކިޔާންއަށް ކަމެއްވިޔަ ނުދެއްޗޭ... އަހަރެން މިހާރު މިދަނީ" ޔޫހާ ހާސްކަމާއިއެކު ބުނެލިއެވެ.
ޒައުލް ޔޫހާގެ ހަރަކާތްތަކަށް ބަލަހައްޓައިގެން ހުރިގޮތަށް ހުރީއެވެ. އޭނައަށް ކޮންމެވެސް ވަރަށް ޔޫހާ ފޯނުން ދައްކަމުން ދިޔަ ވާހަކަތައް އަޑުއިވުނެވެ. މިފަހަރު ޔޫހާ ހުއްޓުވާކަށް އޭނަ އެއްވެސް ކަމެއް ނުކުރެއެވެ. އޭނައަށް ޔޫހާގެ މޫނުމަތިން ފެނުނު ކަންބޮޑުވުމާއި ހާސްކަން ފެނުނެވެ. އަދި ޔޫހާގެ ވާހަކަތެދުކަން ގަބޫލުކުރަން ހިތްއެދުނެވެ. އެހެންނަމަވެސް އަމިއްލަ ލޮލަށް ފެންނަން ބޭނުންވަނީއެވެ.

"ޔޫހާ، ކާރުގަ ދޯ ތިއަންނަނީ؟" ޔޫހާ ގެއަށް އައުމުގެ މަގުމަތީގައި އުޅެނިކޮށް ޝާއިން ގުޅިއެވެ.
"ހޫމް، މިކައިރި ކުރަނީ..." ޔޫހާ އަވަސް އަވަހަށް ބުނެލިއެވެ. އޭރު ކާރު ޝާއިންމެންގެ އާއި އަރާ ހަމަވަނީއެވެ. ގޭ ދޮރުމަތީ ހުރި ޝާއިން ޔޫހާއަށް ފެނުނެވެ. ވެހެމުންދިޔަ ބޯވާރޭގައި ދޮރުމަތީ ހިޔާވެލައިގެން ހުރި ޝާއިންގެ މޫނުމަތިން ފެނިގެންދިޔަ ހައިރާންކަން ޔޫހާއަށް ފެނުނެވެ. އެހެންނަމަވެސް ދެމީހުންގެ އެންމެ އިސްކަމަކަށްވީ ކިޔާންއެވެ.
"ޔޫހާ، ކާރެއް ނުލިބުނު އެއްގޮތަކަށް ވެސް، ތިކާރުގަ ގެންދެވޭނެތޯ އަހާލަބަލަ؟" ޝާއިން ބުނެލިއެވެ. ޔޫހާ އަވަސްއަވަހަށް ބޯޖަހާލަމުން ހުޅުވާލި ކާރުގެ ދޮރުފަތުން އެތެރެއަށް އަނެއްކާ ވެސް ދެމިގަތެވެ. އަދި ޖަމާލުގެ ކައިރިން އޭނަ އެދުނެވެ. އެފަދަ ގަޑިއެއްގައި ޖަމާލުއަށް ވެސް ޔޫހާއަށް އެހީތެރިވެނުދީ ދާން ނުކެރުނީ އެވެ. އެހެންވެ ޔޫހާގެ ގާތު ދަރިފުޅު ގޮވައިގެން ކާރަށް އެރުމަށް ބުނެލިއެވެ. ޔޫހާ އިޝާރާތް ކޮށްލުމާއިއެކު ޝާއިން ކިޔާން އުރައިލައިގެން އައިސް ކާރަށް އެރިއެވެ. އަދި ދޮރުމަތީ ހުރި އަފްލީން އަށް ބަލާލަމުން ބޯޖަހާލީ އެދެމެދުގައި ވާހަކަތަކެއް ބަދަލުކުރެވުނު ފަދަ ގޮތަކަށެވެ. ކިޔާންގެ ގައިގާ އޮޅާލެވިފައިވާ ރަޖާގައި ހަރުލާފައިހުރި ފެންތިކިތައް ޔޫހާ ފޮޅަމުންދިޔައެވެ. އަދި އެކުޑަކުޑަ މައުސޫމް މޫނަށް ބަލާލިއެވެ.

"އައި އެމް ސޯ ސޮރީ ބޭބީ..." ޔޫހާ ކިޔާންގެ މޫނުގައި ފިރުމާލަމުން ބުނެލިއެވެ. ޔޫހާގެ އަތްތިލަ ޖެހުމުން ކިޔާން ކުކުރާލަމުން ތުރުތުރު އަޅާލިއެވެ. އަވަސް އަވަހަށް ޔޫހަގެ އަތް ދުރުކޮއްލީ އޭނަގެ އަތްތިލަ ފިނިވެފައިވުމުން ކިޔާންއަށް އުނދަގޫވީކަން އެނގުމުންނެވެ. ސިކުނޑީގެ ހާސްކަން އިންތިހާއަށް ދިއުމުން ބޭއިޙްތިޔާރުގައި ކައިރީގައި އިން ޝާއިންގެ ކޮނޑުގައި ބޯއަޅާލެވުނެވެ. ފެންކަޅިވެގެން ދިޔަ ދެލޮލުން ކަރުނަތިއްކަކަށް ފަހު ތިކެއް ކޯތާ ފަތުގައި ބީހިލާފައި ފައިބައިގެން ދެއެވެ. ދޭތެރެއަކުން ޔޫހާ އޭނަގެ ކޯތާފަތް ފޮހެލައެވެ. ޝާއިންއަށް ޔޫހާގެ ބޮލުގައި ބޯޖައްސާލެވުނީ ކީއްވެކަމެއް ނޭގެއެވެ. މިވަގުތު ޔޫހާއަށް ހިތްވަރުދޭނެ މީހަކުވެސް ބޭނުން ވެއެވެ.
"ދެރަނުވޭ، އިރާދަކުރެއްވިއްޔާ އަހަރުމެންގެ ކިޔާންއަށް ދެރަގޮތެއް ނުވާނެ، ވަރަށް އަވަހަށް ހުންގަނޑު ފިލާފާނެ" ޝާއިން ބުނެލިއެވެ. އެހިނދު ހޮސްޕިޓަލާއި ދިމާލަށް ކާރު ދުއްވަމުން ދިޔަ ޖަމާލު އޭނަގެ ކުރިމަތީ ކާރުގައި ހަރުކޮއްފައިވާ ލޯގަނޑުކޮޅުން ޔޫހާ އަށާއި ޝާއިންއަށް ބަލާލިއެވެ.
ކުރިން ރެއަށްވުރެ ޖަމާލު އައުން ލަސްވުމާއިއެކު ޒައުލް ޖަމާލްއަށް ގުޅިއެވެ. ޖަމާލްގެ ވާހަކަ ހުރިގޮތުން އޭރު އޭނަ އުޅެނީ ހޮޓެލަށް އައުމުގެ މަގުމަތީގައިކަން އެނގުނެވެ. އެހެންވެ ޖަމާލު އަންނާނެ އިރަކަށް އޭނަ މަޑުކުރަމުންދިޔައީ ލަސްވި ސަބަބެއް އޮޅުން ފިލުވުމަށެވެ. އަނެއްކޮޅުން ސަލާމަތުން ޔޫހާއަށް ގެއަށް ވަދެވުނުކަން ޔަގީން ކުރުމަށެވެ.

ސޯފާގައި އެއްފައިމައްޗަށް އަނެއްފައި އެއްލައިގެން އޮށޯވެލައިގެން އޮތް ޒައުލް ނިތުގައި ބާއްވާލެވިފައިއޮތް އަތް ނަގަމުން ކޮޓަރިއަށް ވަންނަ ދޮރާދިމާލަށް ބަލާލިއެވެ. އަދި ސޯފާއިން ތެދުވެ ކޮޓަރިއަށް ވަތް ޖަމާލް އާއި ސުވާލުކުރި އެވެ.
"މެޑަމް ގޮވައިގެން ހޮސްޕިޓަލަށް ދާންޖެހުނީ، މެޑަމްގެ ދަރިފުޅު ވަރަށް ބަލި... ކުޑަ ސާހަބް، އަޅުގަނޑު ވާހަކައެއް އަހާލަންތޯ" ޖަމާލު އިޙްތިރާމާއިއެކު އަހާލިއެވެ.
"ހޫމް...އަހާބަލަ..." ޒައުލް ކުޑަދޮރުގެ ކައިރިއަށް ގޮސް ހުއްޓިލަމުން ފަޓުލޫނުގެ ދެ ޖީބަށް އަތްޖަހާލި އެވެ.
"އަޅުގަނޑަށް ހީވަނީ މެޑަމް އުޅެނީ މީހަކާ އިނދެގެންހެން، މެޑަމްގެ ދަރިއަކު ހުރެފަ، މެޑަމްގެ ދަރިފުޅު ގޮވައިގެން އިނީ މެޑަމްގެ ހަޒްބަންޑުހެން ހީވަނީ، އެދެމީހުން ވަރަށް ގާތްކަން ފާހަގަކުރެވުނު" ޖަމާލު އޭނައަށް ފެނުނު މަންޒަރު ކިޔާދިނެވެ.
ކުޑަދޮރުގެ ކުރިމަތީ ހުރި ޒައުލްއަށް ދެ ދަތްފިލަ ޖައްސާ ބާރުކޮއްލަމުން ދެލޯ މަރާލެވުނެވެ. އޭނައަށް އިވުނީ އަޑުއަހަން ބޭނުންވިފަދަ ވާހަކަތަކެއް ނޫނެވެ. ކިތަންމެ ނޫންކަމަށް ހެދުނަސް ޒައުލްގެ ހިތަށް ވަރަށް ތަދުވެއްޖެއެވެ. އޭނަ ޖަމާލު ފޮނުވާލީ އެހުރިހާ ކަމެއް އޭނައަށް އެނގޭ ކަމުގައި ބުނަމުންނެވެ. އަދި އޭނަގެ މިފަދަ ވާހަކަތަކަކީ އެހެން ފަރާތަކަށް އެނގެން ޖެހޭވަރުގެ ވާހަކަތަކެއް ނޫންކަމުގައި ޖަމާލްއަށް އެންގިއެވެ.

"ޔޫހާ މީހަކާ އިނީތަ، ނޫނީ ވަރިކޮއްފަތަ...ދެން އޭނަ އާއިއެކު އެފެނުނީ ކޮންފިރިހެނެއް، އެހެންވީރު އޭނަ އަހަރެންނަށް ދައުވަތު ދިންކަމަށް ހީކުރެވުން އެއީ ކުއްހީއެއްތަ؟ ހުރިހާ ކަމެއް ހަގީގަތުގަ ވެސް ބަދަލުވީތަ... ކޮންއިރަކު ޔޫހާ ދަރިއަކު ވިހެއީ..." ޒައުލްގެ ސިކުނޑި ހާސްވުމާއިއެކު މުއްކަވާލި އަތުން ބިއްލޫރި ކުޑަދޮރުގައި ޖެހިއެވެ. އޭނަ ޔޫހާ އާއި ގާތްވާން މަސައްކަތްކުރާ ވަރަކަށް އެދެމެދުގައިވި ދުރުކަން އޭނައަށް ސާފުކޮއްފެންނަމުން ދިޔައެވެ. އޭނަ ޔޫހާ އާއި ބައްދަލުކުރަން ނިންމިއެވެ. ހުރިހާ ސުވާލަކަށް ޔޫހާގެ ކިބައިން ޖަވާބު ހޯދުމަށް ނިންމިއެވެ. ކޮންމެފަދަ މަޖުބޫރެއްކޮއްގެންވިޔަސްއެވެ. ޒައުލްއަށް އިސްތަށިގަނޑުގައި އަތް ހާކާލެވުނެވެ. އަދި އެނދުގައި އޮށޯވެލުމަށް އޭނަ އުޅުނެވެ.

ކޮމެންޓް 0