"ވާވާ، އެހެރަކަމެއް... ފައުޒީ ނިކަން ބަލާލަބަލަ، އަހަންނަށްވެސް އެކަހަލަ އަންބެއް ލިބުނުނަމަ، ކީއްކުރާނީ، ދެދަރިން ލިބުމާއިއެކު އަންބިމީހާ ގޮވައިގެން ހިނގާލަން ނުކެރޭވަރުވެއްޖެ..." ރެސްޓޯރެންޓެއްގެ މޭޒުގެ ދޮށުގައި އިން ނަދީމް އޭނަގެ ކުރިމަތީގައި އިން ފައުޒީއަށް ބުނެލި އެވެ. ފައުޒީވެސް ގޮނޑިން އެނބުރިލަމުން ބަލާލީ ނަދީމް އެދައްކަނީ ކާކުތޯ ބަލާލުމަށެވެ. އޭނައަށް ފެނުނީ ކުޑަކުއްޖެއްގެ އަތުގައި ހިފާލައިގެން އެ ރެސްޓޯރެންޓުގެ މޭޒެއްގެ ދޮށުގައި އިށިން ޔޫހާއެވެ. ދެން އެމޭޒުގެ ދޮށުގައި އިން ޒުވާނާގެ މޫނުގައި ދެކޭވައްތަރު ޖެހިނަމަވެސް އެއީ ކާކުކަމެއް އޭނައަކަށް ނޭގުނެވެ. މޫނުމައްޗަށް ވެރިވެގެން ދިޔަ ފޫހިކަމާއި ރުޅިވެރިކަން ނަދީމުއަށްވެސް ފެނިގެންދިޔައެވެ.
"އޭ...ކިހިނެއްތިވީ، ގައިމު ހުތުރެއް ނޫން" ހައިރާންވެފައި ނަދީމް ބުނެލި އެވެ.
ޔޫހާ ގޮނޑީގައި ހަމަޖެހިލާފައި އައްޔަދު ބުނިއެއްޗަކަށް ހީލިއެވެ. އަދި ޖެހިގެން އިން ގޮނޑީގައި ބޭންދި ކިޔާންއަށް ބަލާލިއެވެ.
"އަހަންނާ ވައްތަރެއް ނޫންތަ" ޔޫހާ ހިނިތުންވެލައިގެން އިނދެ އަހާލިއެވެ.
"މްމްމް... ވައްތަރެއް ނޫން..." އައްޔަދު ބުނަން އުޅުނު އެއްޗެއް މެދުކަނޑާލީ އެމީހުންތިބި މޭޒުގެ ކައިރިއަށް ވެއިޓަރެއް އައިސް ހުއްޓުމުންނެވެ. މޭޒުމަތީ ޔޫހާގެ ކުރިމަތީ ރެސްޓޯރެންޓުގެ މެނޫ ބައްވާލުމާއިއެކު އެއަށް ބަލާލުމެއްނެތި ޔޫހާ އޯޑަރު ދީފިއެވެ.
"ހަމައެކަނި ކޮފީއެއްތަ، އެއްޗެއް ނުކާނަންތަ" އައްޔަދުއަށް ޔޫހާގެ ނިންމުން އަޑުއިވުމާއިއެކު އަހާލެވުނެވެ.
"ހޫމް، ކޮފީއެއް ބޯލާކަށްނޫންތަ މިއައީ" ޔޫހާ މިފަހަރުވެސް ވާހަކަދެއްކީ ހިނިތުންވެލައިގެން އިނދެއެވެ. އެ ހިނިތުންވުމުގެ ޖާދޫގެ އަސަރު އައްޔަދުއަށް ކުރަމުންދިޔަ ނަމަވެސް އޭނަ އެކަން ސިއްރު ކުރުމަށް މަސައްކަތްކުރިއެވެ.
"ޔޫހާ ބޭނުންނަމަ ކާއެއްޗެއް ގެންނަންވީ، ކޮފީތަށި ބޯލާ ގޮތަށް ޔޫހާ ދާކަށް އަހަރެން ބޭނުމެއް ނޫން" އައްޔަދު ސަމާސާ ރާގެއްގައި ބުނެލިއެވެ. އޯޑަރު ނަގާ ނިމިގެން ވެއިޓަރު ދިއުމާއިއެކު އައްޔަދު އަނެއްކާވެސް ވާހަކަ ދެއްކިއެވެ.
"ސޯ..." އައްޔަދު ބުނެލިއެވެ.
"އަޔާ އަހަންނާ ބެހޭގޮތުން އެހާގިނަ ކަންތައްތައް އޮޅުން ފިލުވަން ބޭނުންވާއިރު ނިކަން އަހަންނަށް އަޔާ އާއި ބެހޭގޮތުން ކިޔާދީބަލަ، ތީ ކާކުތަ" ޔޫހާ ޝައުގުވެރިކަން ދައްކާލަމުން ބުނެލިއެވެ.
"ޔޫހާ އެނގެން ބޭނުންވަނީ ކޮންކަމެއްތަ؟ އަހަންނާ ބެހޭގޮތުން ބުނާނެ މާގިނަ ވާހަކައެއްނެއް، އަސްލު ބުނަންޏާ އަހަރެން މާލެއަށް އައީ އިހަށްދުވަހު، މީގެ ކުރިން އުޅުނީ ރާއްޖޭން ބޭރުގަ، ކިޔަވަން..." އައްޔަދުގެ ދައްކަމުންދިޔަ ވާހަކަ މެދުކަނޑާލީ ޔޫހާއެވެ.
"އެންމެ ފުރަތަމަ ފެނުނު ދުވަހުވެސް ހިތަށްއެރި ތީ މިފެންގަނޑަށް ދިރިފައިވާ މަހެއް ނޫންކަން" ހީލާފައި ޔޫހާ ބުނެލިއެވެ.
"ސޮރީ...ކީކޭ ތިބުނީ" އައްޔަދުއަށް ޔޫހާ ބުނި އެއްޗެއް ނޭގުނެވެ.
"ކަމެއްނުވޭ، ދެން ބުނެބަލަ، އައްޔަދުގެ ފެމިލީ ކޮބާތަ؟ އެކަނިތަ މާލެ އައިސް ތިއުޅެނީ، އެހެންވެދޯ ހޮޓެލްގަ މަޑުކުރީ" ޔޫހާ އޭނައަށް ހީވެފައިވާ ގޮތަށް ބުނެލިއެވެ.
"އަހަރެންގެ މާބޮޑު ފެމިލީއެއްނޯވޭ، މަންމަ އާއި ބައްޕަގެ ހުރި ހަމައެކަނި ދަރިމީ... މިހާވަރު އިނަފްކަންނޭގެ ދޯ، ދެން ޔޫހާ ބުނެބަލަ، އަހަރެން ވަރަށް ގުޅިން ހެނދުނު ކީއްވެތަ ފޯނު ނުނެގީ، ކުރިންވެސް އެހެން އަހަންވެގެންނޭ ހުރީ، އެކަމަކު ޔޫހާ މާއަވަސް އަރުވާލާފަ ވާހަކަދެއްކީ ހަނދާން ނެތުނީ، ތީ އަހަރެންގެ ހުރި ހަމައެކަނި ރަޙުމަތްތެރިއަކީ، ޔޫހާ... އައި ލައިކް ޔޫ ވެރީ މަޗް" އައްޔަދު އޭނަގެ ހިތުގެ ހާލު ބަޔާންކުރީ ކުރުކޮށް ސަމާސާ ރާގަކާއެކުއެވެ. އެހެނީ ޔޫހާ ހީކޮއްފާނެ އެއްޗަކާއިމެދު އޭނަވެސް ވިސްނައެވެ.
"މަންމީ ކޮއްކޮ ފޫހިވަނީ" ކިޔާން ކުއްލިއަކަށް މޭޒުމަތީ ބާއްވާލެވިފައިވާ ޔޫހާގެ އަތުގައި ހިފާލަމުން ބުނެލިއެވެ. އެއާއިއެކު އައްޔަދުއަށް ހައިރާން ކަމެއްވެރިވެގެން ދިޔައެވެ.
"އެބޭބެ މިލްކްޝޭކް ހިފައިގެން އިރުކޮޅަކުން އަންނާނެ، ރީތިކޮށް ބަސް އަހައިގެން އިނދޭ، ޗިފްސްވެސް ގެނެސްދޭނެ އެނގޭ" ޔޫހާ ކިޔާންގެ އިސްތަށިގަނޑު ރީތިކޮއްލަމުން ލޯތްބާއިއެކު ދަރިފުޅަށް ބުނެލިއެވެ.
"ޔޫހާ... މީ.... މީ ޔޫހާގެ ދަރިއެއްތަ؟" އައްޔަދު ޔަގީންކުރާފަދަ ގޮތަކަށް އަހާލި އެވެ.
"ހޫމް، އެހެންވެއޭ އެހީ އަހަންނާ ވައްތަރުހޭ.... އެކަމަކު އެންމެވެސް ދޭ ޖަވާބު އަޔާވެސް ތިދިނީ" ޔޫހާ ބުނެލި އެވެ. އެހެންނަމަވެސް އައްޔަދުއަށް އިތުރަށް ބަހެއް ބުނަން އުނދަގޫވިއެވެ. ޔޫހާގެ ދަރިއެއް ހުރެދާނެކަން އޭނަ އިނީ ގަބޫލު ނުކުރެވިފައެވެ.
"ސީރިއަސްކޮއްތަ، އަހަރެން ހައްދަނީ ދޯ" އައްޔަދު އިރުކޮޅަކު ކިޔާންއަށް ބަލަން އިނދެފަ އަހާލިއެވެ.
"އަހަރެން އައްޔަދުއަށް ދޮގެއް ނުހަދަން، މީ އަހަރެންގެ ދަރިއެކޭ، އެއްވެސް ސަމާސާއެއްނުލާ މިބުނީ" ޔޫހާއަށް ވެސް ހައިރާންކަމެއްވެރިވީ އައްޔަދު އޭނަގެ ވާހަކަ ގަބޫލުނުކުރަންވީ ސަބަބެއް ނޭގިގެންނެވެ.
"ޔޫހާ މެރީޑްތަ..." އައްޔަދު ސުވާލުކުރި އެވެ.

"އާން ތިވެސް ތެދެއް ހުތުރެއް ނޫން، އެކަމަކު ބުނަން... ައިސާ ނެތިއްޔާ އޭނައެއް ނުލިބޭނެ، އެނގޭތަ، އެޔޭ އަހަރެންގެ ވަޒީފާ ގެއްލުނު ކަމަކީ، އެއީ މިބުނާ ޔޫހާއަކީ، ވަރެއްގެ އަންހެނެއް، އޭނަގެ އަތްދަށުކޮއްލީ މަންސޫރުގެ ފިރިހެންދަރި" ފައުޒީ ސިގިރޭޓު ރޯކޮއްލައިގެން އިނދެ ބުނެލި އެވެ.
"ފައުޒީގެ ވެސް ގޮތުންނޭ އެހެން އެވީ، ތިއުޅުނީ ބިރުދައްކައިގެން އެކަން ކުރަންވެގެންވިއްޔަ، އެކަހަލަ އަންހެނުން ވަރަށް ވިސްނުންތޫނުވެފަ މަކަރުވެރިވާނެ، އެކަމަކު ކުޅަދާނެ އެނގޭ... މަވެސް ނުދެކެން އޭނަވަރެއް، ތިހެން ބުނީމަ އޭނަގެ ހުރިވަރު މިހާރުވެސް އަހަންނަށް އެނގިއްޖެއް" ނަދީމު ފާޑަކަށް ހީލާފައި ފައުޒީއަށް ބުނެލިއެވެ.
"ނަދީމުވެސް ދަންނަނީތަ އޭނަ" ނަދީމު ބުނިގޮތުން ފައުޒީއަށް އަހާލެވުނެވެ.
"ނޫނޭ ދަންނަނީ އޭނައެއްނޫން، އޭނަ ކައިރީގަ އޭނދި ފިރިހެނަކީ ކާކުކަން އެނގޭތަ" ނަދީމު ބުނެލިއެވެ.
"މީގެ ކުރިން ދިމާވިހެން އަހަންނަށް ހީވަނީ، އާން... ހަނދާންވެއްޖެ، ޕާކްވިއު ހޮޓެލްތެރެއިން ދިމާވީ، އަނެއްކާ އެއީ ކާކު" ފައުޒީ ހައިރާންވެފައި އަހާލިއެވެ.
"އެއީ ތިބުނާ މަންސޫރު ވަރިކުރި އަނބީގެ ދެވަނަ ކައިވެންޏަށް ލިބުނު ދަރިފުޅު، އެއްނަނުގައި ދެބުޅި ޖަހާލާފަ އެހެރީ.... އެއްގެއެއްގެ ދެބެން ވާވައްދާލެވޭނީ ގައިމު ކުޅަދާނަވީމަތާ" ނަދީމު ބުނެލިއެވެ.
"ކިހިނެއް ނަދީމުއަށް އެނގުނީ ޒައުލް އާއި އެމީހަކީ ދެބެންކަމެއް، އަހަންނަށް އެނގިފަ އޮތްގޮތުގަ މަންސޫރު އާއިލާ އާއި އޭނަ ވަރިކުރި އަންބިމީހާ އާއިއެއްވެސް ގުޅުމެއް ނޯންނަކަމަށްވަނީ" ފައުޒީ ޝައުގުވެރިވީވަރުން އިތުރަށް ސުވާލުކުރަން ފެށިއެވެ. ނަދީމު އޭނަގެ ސުވާލުތަކަށް ޖަވާބުދެމުން ދިޔައެވެ. އޭނައަށް އާފާގު އެނގޭ ގޮތާއި އަދި މިހާރަކަށް އައިސް އާފާގު އާއިއެކު ފެންނަ ޒުވާނަކީ އޭނަގެ ދަރިކަންވެސް އެނގުނުގޮތް ނަދީމު ފައުޒީއަށް އޮޅުން ފިލުވާދިނެވެ. މިހުރިހާކަމެއް އެނގެމުންދިޔަ އިރު ފައުޒީގެ ސިކުނޑީގައި ވަރުގަދަ ރޭވުމެއް ރާވަމުންދިޔައެވެ. ކުޑަހިނދުކޮޅެއްގެ ތެރޭ އޭނަގެ ވަޒީފާ ގެއްލުމުން ލިބުނު ހާސްކަން ފިލައިގެން ދިޔަކަހަލ ައެވެ.
"އަހަރެން މެރީޑްއެއ ްނޫން، އެކަމަކު މީއަހަރެންގެ ދަރިއެއް... އަޔާ އެއްޗެއް ނުބުނެ ތިއިނީ ކީއްވެތަ، އަދިވެސް ގަބޫލު ނުކުރެވެނީތަ އަހަރެން ދައްކާ ވާހަކަ، އެކަމަކު ބުނާނެ އަހަރެންމީ އަޔާގެ ރަޙުމަތްތެރިއެކޭ" ޔޫހާ ބުނެލިއެވެ. އައްޔަދު ޔޫހާއަށް ބަލާލަމުން ހިނިތުންވެލިއެވެ. ޔޫހާ މީހެއްގެ އަންބަކަށް ނުވީތީ ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމަށް އޭނައަށް ލިބުނެވެ. އެކަމަކު އޭނައަށް ކުޑަކޮށްވެސް ގަބޫލު ނުކުރެވުނީ ޔޫހާގެ ކުއްޖެއް ހުރެދާނެކަމެވެ. އެހެންނަމަވެސް އައްޔަދު އިތުރަށް ސުވާލުކުރަން ފެށުމުން ޔޫހާއަށް އެހުރިހާ ސުވާލަށް ޖަވާބުދޭން އުނދަގޫވިއެވެ.
"ދެން އެންމެ ދުވަހަކުން ހުރިހާކަމެއް ކިޔައެއ ްނުދެވޭނެއެއްނު، ތިހާ ކެތްތެރިކަން ކުޑަވާކަށްނުވާނެ" ޔޫހާ އެންމެ ފަހުން ބުނެލިއެވެ. އައްޔަދު ލުއި ހީލުމަކާއިއެކު ކިޔާންއަށް ބަލާލިއެވެ. އޭރު ވެއިޓަރު އެމީހުން އޯޑާރކުރި އެއްޗެހި ގެނެސްދީފިއެވެ. ކިޔާންގެ މޫނުމަތިން އުފާވެރިކަން ފެނިގެންދިޔައެވެ. އައްޔަދު ކިޔާން އާއި ރައްޓެހިކަން ބާއްވަން މަސައްކަތްކުރިއެވެ. އޭނައަށް އެއްގޮތަކަށްވެސް ކުޑަކުދިންނާއި ވާހަކ ަދައްކާކަށް ނޭގެއެވެ. ޔޫހާ އެކަމާ ޖޯކު ޖަހާ ހީ ސަމާސާކުރ ިއެވެ. ޔޫހާއަށްވެސް އައްޔަދު ފަދަ ރަޙުމަތްތެރިއަކު ލިބި އޭނަގެ ވާހަކަތަކުން ހިތްހަމަޖެހުން ލިއްބައިދިނެވެ. ޔޫހާ ކިޔާން ގޮވައިގެން އައްޔަދު އާއި ވަކިވިއިރު އިރުވެސް އޮއްސިއްޖެއެވެ. އަދި ކިޔާން އާއި އައްޔަދުގެ ގުޅުންވެސް ރަނގަޅުވެގެންދިޔައެވެ. ޔޫހާ އޭނަގެ ގެއަށް ދިއުމަށް ހިނގައިގަތެވެ.
އައްޔަދު ހިނގާފައި އޭނަގެ ގެއަށް ދިއުމަށްޓަކައި ދިޔައެވެ. ފަހަތުން މީހަކު ގޮވާލި އަޑެއް އޭނައަކަށް ނީވެއެވެ. ދެކަންފަތަށްވަނީ ހެޑްސެޓު ޖަހާލެވިފައެވެ. އައްޔަދު ސިހިގެންދިޔައީ ފަހަތުން މީހަކު އޭނަގެ ކޮނޑުގައި ޖަހާލުމުންނެވެ. އަވަހަށް ފަހަތަށް އެނބުރިލެވުނީ ކާކުތޯ ބަލާލުމަށެވެ.
"ލައިޓަރެއް އެބައޮތްތަ" ފައުޒީ އަވަސް އަވަހަށް އަހާލިއެވެ.
"ނޫން، އަހަރެން ސިނގިރޭޓެއް ނުބޮން" އައްޔަދު ކަންފަތަށް ޖަހާފައިވާ ހެޑްސެޓު ނައްޓާލަމުން ބުނެލިއެވެ. ފައުޒީ ހީލާފައި އަތުގައި އޮތް ސިނގިރޭޓު އެނެގި ފޮއްޓަށް ލަމުން އައްޔަދު އާއި އެއްވަރަށް ހިނގައިގަތެވެ. އައްޔަދު ހައިރާންކަމާއިއެކު ފައުޒީއަށް ބަލަމުންދިޔައެވެ. ކޮންމެވެސް ތަނަކުން ފައުޒީ އާއި ބައްދަލުވެފައިވާކަމުގެ ހަނދާނެއް އައްޔަދުވިޔަސް ސީދާ ކޮންތަނަކުން ކޮންއިރަކުކަމެއް އޭނައަށް ނޭގުނެވެ. ފައުޒީ އޭނަގެ އަމިއްލަ ނަން ބުނެލުމާއިއެކު އެދެމީހުން އެންމެ ފުރަތަމަ ދިމާވިގޮތް ކިޔާދިނެވެ. އެހެންނަމަވެސް އައްޔަދުގެ ހަނދާނަކަށް ނައެވެ. އޭނަ ހުރީ ފައުޒީ އޭނަގެ ފަހަތުން އަންނާތީ ކަންތައްބޮޑުވެފައެވެ. ނަމަވެސް އޭނަގެ ޝައުގުވެރިކަން ފައުޒީ ހޯދީ ޒައުލް އާއި އޭނަގެ ހޮޓެލް ތަކާއި ހުރި ގުޅުމުގެ ވާހަކަތައް ދައްކަން ފެށުމުންނެވެ. ފައުޒީއަށް ހޮޓެލް ދާއިރާ އާއި ބެހޭ ވަރަށް ގިނަ ކަންތައްތައް އެނގެއެވެ. އޭނަގެ އަސްލު މަޤްޞަދު ހާމަކުރީ އެތަށް ވާހަކައެއް ދެއްކުމަށްފަހުއެވެ. އައްޔަދު އޭނަގެ ނަންވެސް ފައުޒީއަށް ހާމަކުރިއެވެ. އަދި އައްޔަދުގެ ފަރާތުންވެސް ފައުޒީއަށް ސުވާލުތައް ކުރިމަތިވަމުންދިޔައެވެ.
"މިއަދު ރެސްޓޯރެންޓުންވެސް ފެނުނީމަ ހިތަށް އެރީ އެދުވަހު ވީކަންތަކަށް މާފަށް އެދެނީއޭ، އެކަމަކު އަންހެން ކުއްޖަކާއިއެކު އިނީތީ ކައިރިއަށް ދާން ނުކެރުނީ، ޔޫހާ އެއީ ރައްޓެއްސެއްތަ" ފައުޒީ ބުނެލިއެވެ.
"ފައުޒީ ޔޫހާ ދަންނަންތަ؟ ކިހިނެއް" އައްޔަދުއަށް ފައުޒީގެ ދުލުން ޔޫހާގެ ނަން ބޭރުވުމުން ވަރަށް ހައިރާންވިއެވެ.
"ޕާކްވިއު ހޮޓެލްގަ އުޅޭ އެންމެ ރީތި ރިސެޕްޝަނިސްޓު އެއީ، އެތަނުގަ އުޅޭ އެންމެނަށްވެސް އެކަން އެނގޭނެ، އަނެއްކާ އައްޔަދު އުޅެނީ ޔޫހާ އާއި ރައްޓެހިވެގެންތަ، އެއްޗެއް ހީނުކުރައްޗޭ އަހަރެން މިހެން ވާހަކަ ދެއްކިޔަސް" ފައުޒީ ވަރަށް ނޫންކަމަށް ހެދިހުރެ ވާހަކަ ދެއްކިއެވެ. އައްޔަދު އޭނަގެ ވާހަކަތައް ގަބޫލުކުރާކަން އެނގި ފައުޒީ ހުރީ ވަރަށް ހިނިއައިސްފައެވެ. އޭނަގެ ރޭވުމުގައި އައްޔަދުގެ ފަރާތުން ފައިދާއެއް ވާނެކަން އޭނައަށް ޔަގީންވާ ކަހަލައެވެ.

ކޮމެންޓް 0