"ޒައުލް...ދަރިފުޅާ، ޒައުލް...މިތާނގަ ނިދާފަ ތިއޮތީ ކިހިނެއްވީ، ރޭގަ ކޮޓަރިއަކު ނޫންތަ ނިދީ" ފަތިސް ނަމާދު ކޮއްލައިގެން ޓެރެސްއަށް އެރި ލާއިގާއަށް ސޯފާގައި ނިދިފައި އޮތް ޒައުލްއަށް ގޮވާލަމުން އަހާލެވުނެވެ.
"މާމާ..." ބަންޑުން އެއް އަތް ސޯފާއިން ބޭރަށް އެލުވާލައިގެން އޮތް ޒައުލް ނިންޖާއިއެކު ބޯހިއްލާލަމުން ބުނެލި އެވެ. އޭރު އޭނަގެ އަތް އެލިފައި އޮތުމުގެ ސަބަބުން ވަނީ އައްސިވެފަ އެވެ. ތެދުވަން މަސައްކަތް ކުރި ޒައުލްއަށް އޭނަގެ ކޮނޑުގައި އަތް ލެވުނީ ކޮނޑުހުޅާ ދިމާލުން ކޮންމެވެސް ވަރެއްގެ ރިހުމެއް އުފެދިފައި ވުމުންނެވެ.
"މީ މީހުން ނިދާ ކަހަލަ ތަނެއްތަ، އަތަށް ތަދުވީދޯ، އެހެންނޭވާނީ، ނޭގެ ކިހާއިރަކުން ކަމެއްވެސް އަތްއެލުވައިގެން އޮތީ... ދެން ތެދުވޭ، ނިދަން ބޭނުމިއްޔާ ދަރިފުޅުގެ ކޮޓަރިއަށް ދާންވީނު، މިތަނަށްވުރެ އަރާމުވާނެ" ލާއިގާ ޒައުލްއަށް ބުނެލަމުން އޭނަގެ ކޮނޑުހުޅު ބަލާލި އެވެ. ހަށިގަނޑުގެ ބޭރަށް އެއްވެސް ކަހަލަ ނިޝާނެއް ފެންނަންހުރިތޯ އެވެ. ޒައުލް އެއްވެސް އެއްޗެއް ބުނުމެއްނެތި ސޯފާއިން ތެދުވަމުން އޭނަ ލައިގެން ހުރި ސިލްކު ހަރުވާޅުގެ ވާފަށަށް ދަމާލާފައި ހިނގައިގަތީ ޓެރެސްއިން ފައިބަން ދާށެވެ. އެއްކޮށް ހޭލާ ހުރި މީހެއްހެން އޭނަ ހީނުވިޔަސް ދެފަރާތަށް ކިރެމުންވިޔަސް އޭނަ ހިނގަމުންދިޔަ އެވެ.
"ބަލައިގެން ދާތި، ނިންޖާގެން ގޮސް ތަނެއްގަ ނުޖެހޭތި... ޒައުލް، ދަރިފުޅު ސިޑީގެ ހަރުފަތްތަކަށް ބަލައިގެން ފައިބައްޗޭ" ލާއިގާއަށް ޒައުލްގެ ހާލު ފެނުމުން ކަންބޮޑުވުމާއިއެކު ބުނެލެވުނެވެ. އަދި ދެފަރާތަށް ބޯހޫރާލަމުން އަތުގައި އޮތް ތަސްބީހައަށް ސަމާލުވެ ތުންތަޅުވަމުން ސޯފާގައި އިށީނދެއްޖެ އެވެ.

ހެނދުނުގެ ނާސްތާގައި ލޫލުއާ ނޫން ދެންތިބި ކުދިން ބައިވެރިވި އެވެ. ޒައުލް މިއަދުގެ ސުފުރާދޮށުން ނުފެންނާނެ ކަމަށް ލާއިގާ ހީކުރިނަމަވެސް އެކަން ކުއްހީއަކަށްވެދިއުމުން އޭނަގެ ގާތަށް ވެސް ހިނިއައެވެ. ޒައުލްއަށް އައިސްގެން މިއުޅޭ ބަދަލަކީ ކޮބާކަން ލާއިގާއަށް ނަގައިގަނެވިއްޖެ އެވެ. އެންމެފަހުން ޒައުލް އާއި އޭނަ އާއި ދެމެދު ދެކެވުނު ވާހަކަތަކުން އޭނައަށް ހީވިހީވުން ޔަގީންވި އެވެ. އޭނަގެ މާމަދަރިންގެ ތެރެއިން ކުއްޖަކަށް ލޯބިވެވިއްޖެކަން ގައިމެވެ. ތުންފަތުގައި ހިނިތުންވުމެއްވަނީ އެހެންވެއެވެ. އަދި އެކުއްޖަކީ އޭނަ ޚާއްޞަކުރަމުން އަންނަ ޒައުލްކަން އެނގުމުން ވަކިން ހިތްހަމަޖެހިފައިވެ އެވެ. ޒައުލްގެ ހޮވުން ގޯހެއް ނުވާނެކަން ލާއިގާއަށް އެނގެއެވެ. ފަތިހު ޓެރެސްގައި ޒައުލް އޮތްގޮތުން ވެސް އޭނަގެ ހާލު ލާއިގާގެ ވިސްނުމަށް ހިތްވަރުދީފި އެވެ. އޭނަ މިހާރު އޮޅުންފިލުވަން ބޭނުންވަނީ އޭނަގެ ލޯބިވާ ދަރިފުޅަށް އެފަދަ ޖާދޫއެއް ހެދީ ކާކުތޯއެވެ.
"އީކް، ދޮންބެ ކުރަންޖެހޭ ހުރިހާ ކަމެއް ނިމިއްޖެ، ގާޑަން ވިއުގެ ހުރިހާ ކަމެއް ނިމިއްޖެ، ކޮންއިރަކުން ކޮއްކޮ ބަލާލަން އަންނާނީ، އެންމެ ފަހުގެ ކަންތައް ނިންމާލެވޭނީ އޭރުން، ފެޝަން ޝޯ ރަންވޭގެ ފުޅާމިނާ އެއްޗެހި އެނގެން އެބަޖެހޭ، ސްޓޭޖް ގޮތަކަށްނު ހަދާނީ، އަދި ޑެކަރޭޓީން ކުލަވެސް ބުނަން އެބަ ޖެހޭ، މިއަދު އިންޓީރިއާ ޑިޒައިނިންގް ހަދާ ގުރޫޕް އަންނާނެ... ސޯ ވަޓް ޝުޑް އައި ޑޫ، ހާޒިމް އާއިއެކު ގާރޑަންވިއުއަށް ދާނީތަ..." އޭނަގެ ތަށީގައި އޮތް ބިސްގަނޑު އުލާއި ވަޅިން ވަކިވަކި ކޮއްލަމުން ވާހަކަ ދެއްކިއެވެ.
"ދޮންބެ އަންނަންވީނު އަޅުގަނޑު ބަލާ، ދޮންތަވެސް ގޮވައިގެން ދޯ ދާނީ، މްމްމްމް...އެކަމަކު އޭރުން މާލަސްވާނެ ދޯ، އޯކޭ، އައި ގޮޓް އެން އައިޑިއާ، ދޮންތަ ކައިރީ ބުނާނީ ހާޒިމް އާއިއެކު އަންނާށޭ، ދެން ކުރިން ދޮންބެއާއި އަޅުގަނޑު ގާރޑަންވިއުއަށް ދާނީ، އިންޓީރިއާ ޑެކަރޭޓްކުރަން އަންނަ މީހުން ގާތު ބުނޭ ހަވީރު އަންނާށޭ، އޭރުން ދޮންބެވެސް ފްރީވާނެއެއްނު... ޕްލީޒް ޕްލީޒް ދޮންބޭ، އެގްރީ ވިތްމީ" އީލާކް ބުނެލިއެވެ.
"އޯކޭ..." މާގިނަ ވާހަކަ ދެއްކުންތަކަކާއިނުލާ ޒައުލް އެއްބަސްވެއްޖެ އެވެ.
"ބައްޕަވެސް ގާރޑަންވިއުގެ މަސައްކަތްތައް ނިމިއްޖެއްޔާ ބަލާލަން ބޭނުން" މަންސޫރު ކުދިންގެ ވާހަކައިގައި ބައިވެރިވި އެވެ.
"ބައްޕައަށް ފަސޭހަ ގަޑިއެއް އަޅުގަނޑަށް އަންގާލަދެއްވާ އޭރުން އަންނާނަން ބައްޕަ ގޮވައިގެން ގާރޑަންވިއު ދައްކާލުމަށް، ހީކޮއްގެން ހުރީ އީކް ކޮއްކޮގެ ފެޝަން ޝޯ ބާއްވާ ރޭގައި ބައްޕައަށްވެސް އަދި މާމައަށްވެސް އަޅުގަނޑުމެންގެ އާ ހޮޓެލް ދައްކާލުމަށް، އެރޭގަ ހޮޓެލްގެ ފުރިހަމަ ރީތިކަން ފެންނާނީ" ޒައުލް ހިނިތުންވެލާފައި ބުނެލިއެވެ. އޭނަގެ މަސައްކަތާއިމެދު އޭނަ އަމިއްލައަށްވެސް ފަޙުރުވެރިވާ ކަހަލައެވެ.
"އެހެންވީރު މިހާރު ގާޑަންވިއު ބެލުމުގެ ހިޔާލު ދޫކޮއްލީ މި، ދެން ބަލާލަން ދާނީ އަހަރުމެންގެ އިލާކްގެ ބޮޑުރޭގައި ދޯ" މަންސޫރު މިހެން ބުނެލަމުން އޭނަގެ ވާތްފަރާތުގައި އިން އީލާކްގެ އަތުގައި ފިރުމާލަމުން ނިތްއަރުވާލާފައި ހީލިއެވެ.

ޝާއިން އޮފީހަށް ދިއުމުން ޔޫހާ ދެން އަވަސްވެގަތީ އަފްލީންއަށް ސައި ހެދުމަށެވެ. އޭނަ ސްކޫލަށް ދާންވާއިރަށް ސައިދީފައި ގެއިން ފޮނުވާލެވޭތޯ އެވެ. އޭރު އަފްލީން ފެންވަރައިގެން އަދި ނުކުތީއެވެ. ޔޫހާ ހެނދުނު ގަޑީ ގޭގައި އުޅޭ ދުވަހަކަށް ވުމުން އަފްލީންއަށް ތަންކޮޅެއް ގިނައިރު ނިދާލަން އޮތުމުގެ ފުރުޞަތު ލިބުނެވެ. ރީތި ލަވައެއް ކިޔަމުން އެއްއަތުން ތުވާލިން އިސްތަށިގަނޑު ހިއްކަމުން އޭނަ ބެލީ ފޮތްތައް ހަމަކުރެވޭތޯ އެވެ. ވަގުތު އޮތުމާއިއެކު ހުރިހާ ކަމެއް ކުރަމުން ދިޔައީ ވަރަށް ހަމަޖެހިލައިގެން ހުރެއެވެ.
"އަފޫ، ސައި ހަދާފަ އެހެރީ، ސައިބޮއެގެން ސްކޫލަށް ދާންވާނީ، އެހާ ވަގުތު އޮއްވަ ތައްޔާރުވައްޗޭ، އަހަރެން މިވަންނަނީ ކޮޓަރިއަށް" ޔޫހާ އަފްލީންގެ ކޮޓަރީގައި ޓަކި ޖަހާލާފައި ހުޅުވާލަމުން ބުނެލިއެވެ. ރީތިވާ މޭޒުކައިރީ ހުރި އަފްލީން ބޯޖަހާލަމުން އޭނަ ކުރަންހުރި ކަންތަކުގައި މަޝްޣޫލުވެއްޖެ އެވެ.

އަފްލީން ނުކުމެގެން ދިއުމުން ޔޫހާ ގޭތެރޭގައި އެކަނިވިއެވެ. ކިޔާންވެސް އޮތީ ނިދާފައެވެ. ކަމެއްނުކޮއް އިނުމަކީ އޭނައަށް އުނދަގޫކަމެވެ. އަނެއްކޮޅުން ކިޔާން ހޭލައިފިއްޔާ އެކަމާވެގެން ކަމެއް ކުރުމަކީ އުނދަގޫ ކަމެކެވެ. ހެނދުނުގެ ސައި ބުއިމަށްފަހު ޔޫހާ އަވަސްވެގަތީ ގޭގެ ބިއްދޮށުގައި އޮންނަ ހުސްތަންކޮޅު ކުނި ކަހާލުމަށެވެ. އެތަން ސާފުނުކުރާތާ ވެސް މަހެއްހާ ދުވަސްވެއްޖެ އެވެ. އަދި ލިބުނު ވަގުތުގައި ކިޔާން ސްކޫލަށް ގެންދަންވާއިރަށް ލައްވާނެ ޔުނީފޯމެއް ވެސް އިސްތިރިކުރިއެވެ.

ދުވަހުގެ ދިހައެއް ޖަހާލާކަން ހާއިރެވެ. ކިޔާން ޔޫހާ ހޯދަމުން ކޮޓަރިން ނުކުތެވެ. އޭރު ސޯފާގެ ކަވަރުތައް ބަދަލުކުރަން ޔޫހާ އުޅެއެވެ. ކިޔާންގެ އަޑުއިވުމާއިއެކު ޔޫހާ ކޮޓަރި އާއި ދިމާލަށް ބަލާލި އެވެ.
"ބުއްތަށި ހަދަން" ޔޫހާ ލޯތްބާއިއެކު ކިޔާންއަށް ބަލާލަމުން އަހާލިއެވެ. ކިޔާން އާފުރެލަމުން ބޯޖަހާލި އެވެ. ޔޫހާ ކުރަންހުރި ކަންތައް ބަހައްޓާފައި އަވަސްވެގަތީ ކިޔާންއަށް ކިރުތަށި ހެދުމަށެވެ. ކިޔާން ހޭލާގޮތަށް އެންމެ ފުރަތަމަވެސް ބޭނުންވާނީ ކިރުތަށި ބޯށެވެ. ޔޫހާ އުޅެއުޅެވެސް ބަދަލު ނުވިކަމެއް އެނޫނީ ނެތެވެ. ކިޔާން ނަގާ ގޮނޑީގައި ބައިންދަމުން އޭނަގެ އަތަށް ޔޫހާ ކިރުތަށި ދިނެވެ. އަދި ޖެހިގެން އިން ގޮނޑީގައި އިށީނދެލައިގެން އޭނަގެ މައުސޫމު ކަމުން ފުރިގެންވި ދަރިފުޅަށް ބަލަންއިނެވެ. އެދަރިފުޅާއި ގުޅިގެން ޒައުލް ބުނެފައިވާ އެއްޗެއްގެ މަތިން އޭނަ ހަނދާނެއް ނުނެތެވެ. ހަނދާން ނެތޭނެނަމަ ކިހާ ރަނގަޅުވާނެހޭ ޔޫހާ އަބަދުވެސް ހިތަށްއަރައެވެ. ޒައުލް އާއި ދިމާނުވިނަމަ ކިހާ ރަނގަޅުވީސް ހެއްޔެވެ. މިއަދު މިހިސާބަށް އަންނާކަށް ނުޖެހުނީހެވެ. ޔޫހާގެ ތަގްދީރާއި ނަސީބު ވެސް ދެރައީ އެވެ. އެހެންނޫންނަމަ އޭނައަށް ޒައުލްގެ ތަނެއްގައި ވަޒީފާ އަދާކުރާކަށް ވެސް ނުޖެހުނީހެވެ. ޒައުލް އާއި ދެވަނަ ފަހަރަށްވެސް ބައްދަލު ކުރަން މަޖުބޫރު ކުރުވީ އޭނަގެ ތަގްދީރެވެ. އެއީ އެއަށް އެކަކުގެ ބާރެއްވެސް ނުފޯރުވޭނެ އެއްޗެކެވެ.

"ޖަމާލްއަށް ޔަގީންތަ، އަހަންނަށް ތިހުރިހާ ކަމެއް އެނގުން ވަރަށް މުހިއްމު، އެހެންވެ ޔަގީންވާން ވެސް ބޭނުންވަނީ... ދިހަގަޑި ބައިގަ މީޓިންއެއް އެބައޮތް، ބާރަ ޖަހަންވާއިރަށް ނިމޭނެކަން ޔަގީން، އަހަރެން ބަލާ އާދޭ ބާރަ ޖަހާއިރަށް، އެގެއަށް ދާންވީ ވަގުތު ޖެހިއްޖެ" ޒައުލް މިހެން ބުނެލަމުން ފޯނު ބޭއްވިއެވެ. އަދި ފައުޒީ އާއިއެކު މީޓިންއަށް ކޮންޕަރެންސް ރޫމްއަށް ދިއުމަށް އޭނަގެ ކެބިންއިން ނުކުތެވެ.
"ޒައުލް، ޔޫހާ މިހާރު ވަރަށް ރަނގަޅު، ޑިއުޓީއަށް ބަރާބަރަށް އާދޭ" ފައުޒީ ޔޫހާގެ ވާހަކަ ދައްކަންފެށި އެވެ.
"ކިހިނެއްވީ ކުއްލިއަކަށް ޔޫހާގެ ވާހަކަ ތިފެށީ، މުވައްޒަފުން އެމީހުންގެ މަސައްކަތަށް ފަރުވާ ބަހައްޓަން ޖެހޭނެތާ" ޒައުލްގެ ވާހަކައިން އޭނަ ފައުޒީ ދެއްކި ވާހަކަ އާއި ގަޔާވާހެންނެއް ހިއެއްނުވިއެވެ.
"އަޅުގަނޑު އަހާލަން ބޭނުންވީ ޒައުލް ކީކޭ ބުނެގެންތޯ ޔޫހާގެ އުޅުން ކުއްލިއަކަށް އެބަދަލުވީ" ފައުޒީ އަހާލިއެވެ.
"މިތަނުގައި މަސައްކަތްކުރާ މުވައްޒަފުންގެ ކޮންމެވެސް ވަރެއްގެ ސިއްރުތަކެއް އަހަރެން ވެސް ހިފަހައްޓަންވާނެ އެއްނު... އެއީ ބޮސް އާއި އޭނަގެ ދަށުން މަސައްކަތް ކުރާ މުވައްޒަފަކާއި ދެމެދު ދެކެވުނު ކޮންފިޑެންޝިއަލް ވާހަކަތަކެއް، ކްލެސިފައިޑް ސީލް ޖެހިފަވަނީ އެ ފައިލްތަކުގަ...ހެ ހެ ހެ" ޒައުލް މާބޮޑު ކަމަކަށް ނުހަދާ ސަމާސާ ރާގެއްގައި މިހެން ބުނެ ލުއިގޮތަކަށް ހީލިއެވެ.

ކިޔާންއަށް މެންދުރު ކާންދޭން އުޅުނު ޔޫހާ އޭނަގެ ދަރިފުޅުގެ ފަހަތުން ދުވެދުވެ ވަރުބަލި ވެއްޖެއެވެ. ސޯފާގައި އިށީނދެ ކިޔާންއަށް ދެއްކުމަށްޓަކައި ރޯކަމަށް ހަދައި މޫނުގައި ދެއަތް އަޅާ ފޮރުވާލައިގެން އެކްޓުކުރަމުން ދިޔައެވެ. ލާނެއް ގޮތަކަށް ހޭން ދުރުގައި ކިޔާން ހުއްޓެވެ. އެވަގުތު ސިޓިންރޫމު ދޮރުމަތިން މީހަކު ސަލާމް ގޮވާލިއަޑުއިވުނެވެ. ޔޫހާ މޫނުމަތިން އަތްނެގުމަށްފަހު ދޮރާދިމާލަށް ބަލާލުމާއިއެކު ފުއްމައިގެން އޭނައަށް ތެދުވެވުނެވެ.
"މިގެއަށް އައީ ކީއްކުރަން" ޔޫހާ ސިޓިން ރޫމު ދޮރުމަތީގައި ހުރި ޒައުލް އާއި ދިމާލަށް ބުނެލި އެވެ.
"އަހަރެން ނުބުނަންތަ ޓެސްޓް ހަދަން ބޭނުންވާ ވާހަކައެއް" ޒައުލް ހަނދާން ކޮއްދެމުން ބުނެލި އެވެ.
"އެކަމަކު އަހަރެން ބޭނުމެއް ނޫން، އަޑުއިވިއްޖެތަ... މިބުނީ ބޭނުމެއް ނޫނޭ، އެއީ އަހަރެންގެ ދަރިއެއް، ޒައުލް އެންމެ ރަނގަޅުވާނީ މިގެއިން ނުކުމެގެން ދިޔައީ ވިއްޔާ، އެހެންނޫނީ މިގޭ މީހުން ނުކުތުމުން މާރަނގަޅެއް ނުވާނެ" ޔޫހާ ކިޔާންއަށް ވިސްނާލާފައި ޒައުލްގެ ކައިރިއަށް ފިޔަވަޅެއް އަޅައި ސިއްރުން ކަހަލަ ގޮތަކަށް އަޑު ކޮންޓްރޯލްކުރަމުން ބުނެލި އެވެ.
"ހެ ހެ ހެ ހެ...." ޒައުލް އޭނަގެ ފަޓުލޫނު ޖީބަށް ދެ އަތްޖަހާލާ ހަމަޖެހިލަމުން ހޭންފެށި އެވެ.
"އޭ، އަހަރެން ޖޯކުތަ މިކިޔާދެނީ ހޭކަށެއް، ރީތިގޮތުގަ މިބުނީ ނުކުންނާށޭ މިގެއިން، ތިވަރުގެ ގޮތެއް ފޮތެއްނެއް މީހަކު މަށެއްވާ ނުދެކެން" ޔޫހާ ޒުވާބު ނުކޮށްވޭތޯ ވަރަށް މަސައްކަތްކުރި އެވެ.
"ޔޫހާ ޖޯކު ކިޔާދިނަސް އަހަރެން އަޑު އަހާނަން، އެކަމަކު ބުނަން، ދޮގެއް ނުހެދިޔަސް ވެދާނެ" ޒައުލް ހުނުން ހުއްޓާލާފައި ބުނެލި އެވެ.
"އަހަރެން ކޮންދޮގެއްތަ ހެދީ" ޔޫހާ ހައިރާންވި އެވެ.
"މިގޭ އުޅޭ މީހުން ނުކުތީމަ މާ ރަނގަޅެއް ނުވާނެ އޯ... ބަލަ އަހަންނަށް އެނގެޔޭ މިވަގުތު ޔޫހާ އާއި ޔޫހާގެ މިހިރަ ދަރިފުޅާ ނޫން އެހެން މީހަކު މިގޭގަ ނެއްކަން، އެވަރު ޔަގީންކޮއްފައޭ އަހަރެން މިއައީ، ޝާއިންގެ ކޮއްކޮ ވެސް ޝާއިންވެސް ނާންނާނެކަން އަހަންނަށް އެނގޭ" ޒައުލް ބުނެލި އެވެ.
"ފާރަވެސް ލަނީތަ، އޯ... އެހެންވީމަ ޒައުލްގެ ކާރު ދޯ މިމަގު ކަންމަތީގަ ޕާކުކޮއްފަ އެއޮންނަނީ" ޔޫހާ ބުނެލި އެވެ. އޭނަ ޒައުލް ކައިރީ އެތެރެއަށް ވަނުމަށް ނުބުނިކަމުގައި ވިޔަސް އޭނަ ސިޓިންރޫމު ތެރެއަށް ވަދެއްޖެ އެވެ. އަދި ވަށައިގެން އެގެއަށް ބަލާލިއެވެ.
"ޖަމާލް ދިޔައީ ޔޫހާ އުޅޭ ނޫޅޭގޮތް ބަލަމުން، މިގެއަށް ވަންނަ މީހުންނާއި ނުކުންނަ މީހުންނާއި، ޔޫހާ ބޭރަށް ދާގަޑި ތަކާއި ގެއަށް އަންނަ ގަޑިތައް ވެސް" ޒައުލް މޮޅުކަން ދައްކާލަމުން ބުނެލި އެވެ.
"އޯ އެހެންތަ، ހާދަ މޮޅު ކަމެކޭ ތިކުރެވުނީ، އެކަމާ އެވޯޑެއް ދޭންވީދޯ... ހިތަށް އަރާ ކަލޭކަހަލަ ދަށުދަރަޖައިގެ މީހެއްގެ ޑްރައިވަރަކަށް ޖަމާލްވީކަމީ އޭނަގެ ބަދުނަސީބުކަމޭ، އޭނަގެ ވެސް މިއަދު އެއްވެސް އިއްޒަތެއް ގަދަރެއްނެއް" ޔޫހާ ބުނެލި އެވެ.
"އޯކޭ، ތީ އަހަންނަށް މުހިއްމު ކަމެއްނޫން، ޔޫހާ ކޮންމެ ގޮތަކަށް ދެކުނަސް އަހަރެން ކުރަން އައިކަންތައް ކޮއްފަނޫނީ މިގޭންނެއް ނުނިކުންނާނަން" ޒައުލް މިހެން ބުނެލަމުން ކިޔާންގެ ގާތަށް ޖެހިލިއެވެ. އެއީ އޭނަގެ ކުޑައިރުގެ ތަސްވީރެވެ. އެތަސްވީރަށް ދިރުން ލިބިފައިވާ ކަހަލަ އެވެ. ޒައުލް ފުން ނަޒަރަކުން ކިޔާންއަށް ބަލަހައްޓައިގެން ހުއްޓެވެ. އަދި މަޑުމަޑުން ކިޔާންގެ ބޮލުގައި އަތްހާކާލީ ހިނިތުންވެލަމުންނެވެ. އޭނަގެ ހިތް ކުރިމަތީގައި ހުރި ކުއްޖަކީ ޒައުލްގެ ދަރިއެއްކަމުގައި ބުނިކަހަލަ އެވެ.
"ކިޔާން..." ޔޫހާއަށް ތަންކޮޅެއް ބާރަށް ބުނެވުނެވެ. އެވަގުތު ކިޔާން ދުވެފައި ޔޫހާގެ ގާތަށް އައެވެ.
"ހެ ހެ ހެ...ކިޔާން، މީ ކިޔާންގެ މަންމަތަ؟ އެހެންވީރު ބޭބެއަށް ދޭންވީނު ކިޔާންގެ މަންމަ" ޒައުލް ޔޫހާގެ ގާތަށް ދިޔަ ކިޔާންގެ ކުރިމަތީ ކުޑަކޮށް ތިރިވެލަމުން ކިޔާން އާއިއެއްހަމައަކަށް އައިސް ބުނެލި އެވެ.
"ނޫން، ކޮއްކޮގެ އެކަނި މަންމިއެއް މީ" ކިޔާން ޔޫހާގެ ފައިގާ ބާރަށް ހިފަހައްޓާލަމުން ބުނެލި އެވެ.
"އެހެންތަ، ކޮއްކޮގެ އެކަނި މަންމިއެއްތަމީ، ދެން އެހެންވީރު ކޮއްކޮގެ ބައްޕަ ކޮބާތަ..." ޒައުލް އަނެއްކާ ވެސް ކިޔާންއަށް ބުނެލި އެވެ.
"ޒައުލް...ހެޔޮނުވާނެ، އެކުއްޖާ އަހަރުމެން ދެމީހުންގެ ޒާތީ ކަންތައްގަނޑުގެ ތެރެއަށް ނުބައްސާ" ޔޫހާއަށް ބުނެލެވުނެވެ.
"މީ ޒާތީކަމެއްތަ، އޭނައަށްވެސް އޭނަގެ ބައްޕަ އެނގެންޖެހޭނެތާ، އަނެއްކާ ބައްޕަ ޔަގީންކޮއްދެވޭނީ ވެސް މަންމައަކަށްނު، އޭނަވެސް އަހަރެން މިކުރި ސުވާލު ޔޫހާ އާއި ކުރާނެ، ދެން ކީކޭ ބުނާނީ، ދަރިފުޅުގެ ބައްޕައެއް ނުހުންނާނެއޭ، ނޫނީ ކޮންމެވެސް ފިރިހެނެއްގެ ނަންބުނެފަ އޭނަގެ ބޮލުގައި އިލްޒާމް އަޅުވާނީތަ... ނޫނީ އަހަރެންގެ ބޮލުގަތަ އެއިލްޒާމް އަޅުވާނީ، އަހަރެންނަށް އެއީ އަހަރެންގެ ދަރިއެއްކަން އެނގި އަޅާނުލިއްޔޭތަ ބުނަން ބޭނުންވަނީ، މިއަދު އަހަރެން މިއައީ ޔޫހާގެ ވާހަކަ ތެދުކޮށް އަހަރެންގެ ދަރިއަކު މިދުނިޔޭގައި އުފަންވެފައިވާނަމަ އެކަން ޔަގީން ކުރަން، ދެން ކީއްވެ ތިހުއްޓުވަނީ" ޒައުލް ޔޫހާގެ އަތުގައި ހިފާ އޭނަ އާއި ގާތް ކޮއްލަމާއިއެކު މޫނާ މޫނު ޖެހޭހާ ހިސާބަށް ކައިރިވެލައިގެން ހުރެ ބުނެލިއެވެ. ކިޔާން ކަޅިވެސް ޖަހާނުލައި ޒައުލްއަށް ބަލަން ހުރީ ކުޑަކޮށް ބިރުގެންފައި ހުރިފަދަ ގޮތަކަށެވެ.

ކޮމެންޓް 0