އައްޔަދު ޔޫހާގެ ގާތުން އެދުނީ އޭނާ އާއިއެކު ކާރުގައި ގެއަށް ދިއުމަށެވެ. ނަމަވެސް ޔޫހާއަށް އެގޮތް ކަމަކު ނުދިޔައެވެ. އައްޔަދު އާއިއެކު އެގޮތަށް އޭނާގެ ގެއަށް ދިއުން އާމުކަމަކަށްވާކަށް ޔޫހާ ބޭނުމެއްނުވެއެވެ. ނަމަވެސް އަފްލީންގެ ހިޔާލު އެކަމާ މުޅިން އިދިކޮޅެވެ. އޭނަ ހުރީ އައްޔަދު އާއިއެކު އޭނަގެ ކާރުގައި ދާންބޭނުންވެފައެވެ. ޔޫހާއެކަމާ ދެކޮޅު ހެދުމުން އިތުރަށް އެއްޗެއް ބުނަންނުކެރިފައި ހުރެ ޔޫހާ އާއިއެކު އޭނަވެސް ހިނގައިގަތީ އެވެ. 

އައްޔަދު އޭނަގެ ބައްޕަ އާފާގުގެ ގާތުގައި ރައްޓެހި ކުއްޖަކާއިއެކު ގެއަށް ދަނީކަމުގައި ބުނެ ކާރުގެ ތަޅުދަނޑި އާފާގު އާއި ހަވާލުކުރި އެވެ. ކާކުކަން ނުބުނި ނަމަވެސް އައްޔަދު އުޅުނުގޮތުން އެމީހަކީ ޔޫހާކަން އާފާގަށް އެނގުނެވެ. އެއާއިއެކު ހީނލާފައި އޭނަ ބޯ ޖަހާލަމުން މައްސަލައެއް ނެތް ކަމުގައި ބުނެ ކުރަން އިން މަސައްކަތަށް ސަމާލުކަން ދިނެވެ. މި މަންޒަރު އާފާގުގެ ގާތުގައި އެހީވާންއިން ފައުޒީއަށް ފެނުނެވެ. އޭނަވެސް އާފާގު ގާތު ސިނގިރޭޓެއް ބޯލައިގެން އެބަ އަންނަން ކަމުގައި ބުނެ ބޭރަށް ނުކުމެލި އެވެ.
\"އޭ، ޔޫހާ އާއި ބައްދަލުވީ ދޯ\" ފައުޒީ މަޑުމަޑުން އައްޔަދުގެ ފަހަތުން ލިފްޓާއި ދިމާލަށް ދަމުން ބުނެލި އެވެ. އެއާއިއެކު އައްޔަދުގެ މޫނުމަތި އުޖާލާވެގެން ދިޔަކަހަލަ އެވެ. ތުންފަތަށްވެރިވި ހިނިތުންވުމާއިއެކު ދެބުމަ އަރުވާލި އެވެ.
\"މިދަނީ ގޮވައިގެން ގެއަށް...\" އައްޔަދު ފޮނިގޮތަކަށް ބުނެލި އެވެ.
\"ކޮބާ މަބުނި ކަންތައް ހަނދާން އެބަހުރިތަ... މާދަމާ މިހޮޓާވެސް ހުޅުވާނެ، ޒައުލްމެންގެ ތަންތަނެކޭ އެއް ފެންވަރަށް ހުރިހާ ހިދުމަތެއް ވެސް ދެން ހުންނާނީ، އޭނަ ތަޅުވާލަންވާނެއެއްނު...\" ފައުޒީ ލިފްޓުގެ ތެރެއަށްވަދެ އައްޔަދުގެ ކޮނޑުގައި ހިފާލަމުން ބުނެލި އެވެ.
\"ހޫމް... މަޖާވާނެދޯ، އޭނައަށް ދައުވަތު ވެސް ފޮނުވަންވާނެ، ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވުމަށްއެދި\" އައްޔަދު ހިނި އައިސްފައި ހުރެ ވާހަކަ ދެއްކިއެވެ.
\"މަބުނީމެއްނު އޭނަ އާއި ދެކޮޅަށް ހިއްލާލަން އެންމެ ރަނގަޅު ހަތިޔާރަކަށްވާނީ.... ދެން އެނގެއެއްނު...\" ފައުޒީ ނަންހާމައެއްނުކުރި އެވެ.
\"އެހެންދޯ، މިއަދުމީ ރަނގަޅު ދުވަހެކޭ ތިކަން ކޮއްލަން، އަހަރެން ފައުޒީއަށް ފަހުން ގުޅާލާނަން، ޒައުލްއަށް އެންގުން އެއީ ފައުޒީގެ ކަމެއް، ފައުޒީތާ ތިއުޅެނީ ޔޫހާ ހަތިޔާރަކަށް ބޭނުންކުރަން، އެފުރުޞަތު މިއަދު ދޭނަން، އަހަރެން ޔޫހާ ގެއަށް ފޮނުވާލާނީ ހަތެއްޖަހާކަން ހާއިރު، އެކަމަކު މިހެން ބުންޏަސް ޔަގީންކަން ދޭކަށް ނުކެރޭނެ... އެހެންވީމަ ޔޫހާ ގޭން ނުކުންނަން ކައިރިވީމަ އަހަރެން މެސެޖު ކުރާނަން، އަހަރެންގެ މެސެޖަށް ފައުޒީ އިންތިޒާރުކުރޭ....އޭރުން ފައުޒީ ބޭނުންވާކަހަލަ މަންޒަރެއް ޒައުލްއަށް ދައްކާލާނަން... ހެ ހެ ހެ ހެ... އަހަރެން ބޭނުންވަނީ އޭނަގެ ރުޅިވެރި މޫނުބަލާލަން...ހެ ހެ ހެ...\" އައްޔަދު ހެމުން ހެމުން ލިފްޓުން ނުކުތެވެ.
\"މައްސަލައެއް ނޯންނާނެ... އައްޔަދު ބުނާގަޑިއަކަށް އަހަރެން ޒައުލް ފޮނުވާލަފާނަން ތިގޭދޮށަށް، އޭނައަކީ ވަރަށް ފަސޭހައިން ބުންވާ ސޮރެއް...\" ފައުޒީވެސް މިހެންބުނެ ހޭން ފެށިއެވެ.

ދުވެފައި ކަހަލަ ގޮތަކަށް އައްޔަދު ހޮޓަލުން ނުކުމެގެން އައިސް ޔޫހާމެންނާ އަރާ ހަމަކޮއްފި އެވެ. ޔޫހާ ކާރަށް ނޭރުމުން އައްޔަދު ނިންމީ އޭނަ އާއިއެކު ހިނގާފައި ދާގޮތަށެވެ.
އައްޔަދުގެ ގެއާއި ހަމައަށް ދެވެންދެންވެސް ޔޫހާ މާގިނަ ވާހަކައެއް ނުދައްކައެވެ. ގިނަ ވާހަކަތައް ދައްކަމުނ ްދިޔައީ އައްޔަދު އާއި އަފްލީނެވެ. ބައެއްފަހަރު އަފްލީން އައްޔަދު އާއި ދިމާކޮއްލާފަދަ ބަސްބަސް ބުނެލައެވެ. ޔޫހާ އެއްޗެއް ބުނަނީ ކޮންމެހެން ބުނަން ޖެހިއްޖެނަމައެވެ. ނޭނގިތިބެ އައްޔަދު އާއި އަފްލީންގެ މެދުގައި ރަޙުމަތްތެރިކަމުގެ ގުޅުން ފެށުމުގެ އަލާމާތްތައް ފެންނަން ފެށިއެވެ. މިކަން ޔޫހާއަށް ފާހަގަވިއެވެ. އޭނައަށް އަފްލީންގެ ހަރަކާތްތައް ހުރިގޮތުން އެހިތުގައިވާ އެއްޗެއް ދެނެގަތުމަށް އުނދަގޫކަމަކަށް ނުވިއެވެ. ޔަގީނުންވެސް އަފްލީންއަށް އައްޔަދު ވަރަށް ކަމުގޮސްފިކަން ޔޫހާއަށް އެނގިއްޖެއެވެ. އެކަމާ އޭނަ އުފާކުރެއެވެ. އެނގިފަ އޮތްގޮތުން އައްޔަދުއަކީ ރަނގަޅު އަޙްލާގެއް ލިބިފައިވާ ޒުވާނެކެވެ. އޭނަގެ އާއިލާ އާއި ޔޫހާއާ ވަނީ ބައްދުވެފައެވެ. އެމީހުންނަކީވެސް ވަރަށް ރަނގަޅު ހިތްހެޔޮ ބައެވެ. ނަމަވެސް އައްޔަދުގެ ހިތުގައިވަނީ ކީކޭކަމެއް ޔޫހާއަކަށް ނޭނގެއެވެ. ބައެއްފަހަރު އޭނައަށް އައްޔަދުގެ ހިތުގައި ޚާއްޞަ މަގާމެއް ދެވިފައިވަނީ ހުދު އޭނައަށޭވެސް ހީވާ ފަހަރު ދެއެވެ. އެކަމަކު އެހެންވާކަށް ޔޫހާ ބޭނުމެއްނުވެއެވެ. އޭނަގެ މުޅި ހިތަކީ އެހެންމީހެއްގެ ހައްގެކެވެ. އިތުރު މީހަކަށް އެހިތުން ދޭނެ ތަންކޮޅެއް ނެތެވެ.

ސޯފާގައި އިން ޒަރާނާއަށް ގޭގެ މައިދޮރޯށި ހުޅުވުނު އަޑުއިވުމާއިއެކު ފުންމައިގެން ތެދުވެއްޖެއެވެ. އަދި އަވަސް އަވަހަށް ސިޓިން ރޫމުން ބޭރަށް ބޯދިއްކޮއްލުމާއިއެކު ނުކުތެވެ.
\"ކިޔާން...\" އެންމެ ފުރަތަމަވެސް ޒަރާނާއަށް ގޮވާލެވުނީ ކިޔާންއަށެވެ. ވަރަށް ހިނިއައިސްފައި ހުރެ ކިޔާން ދުވެލާފައި އައިސް ޒަރާނާ ދިއްކޮއްލައިގެން ހުރި އަތުގައި ހިފައިފިއެވެ.
\"ކޮއްކޮއަށް ލިބުނީ އޭ ރިޕޯޓެއް...ދޯ މަންމި\" ކިޔާން ޒަރާނާއަށް މިހެން ބުނެލަމުން ޔޫހާއަށް ބަލާލީ އޭނަ ބުނިއެއްޗެއް ޔަގީންކޮއްދޭށޭ ބުނާ ކަހަލަ ގޮތަކަށެވެ. ޔޫހާ ހިނިއައިސްފައި ބޯޖަހާލީ އެހެންވެއެވެ. ކިޔާންއަށް އާއެކޭ ބުނުމަށެވެ.
\"ކީއްވެތަ މާމައަށް ދައްކާލަން ފޯމު ނުގެނައީ، އަޔާބޭބެ ބުނީމަ މާމައަށް އެނގުނީވެސް، އެކަމަކުވެސް އޮންނާނެ އެނގޭ ހަދިޔާއެއް، މޮޅު ކުދިންނަށް ހަދިޔާ ލިބެންވާނެއެއްނު ދޯ...ޔޫހާ، ހީވެސް ނުކުރަން މިހާ އަވަހަށް ފެނިދާނެ ކަމަށް، ވަރަށް އުފާވެއްޖެ... މީ ކޮންކުއްޖެއްތަ\" ޒަރާނާގެ ހިތްހެޔޮ ކަމާއިއެކު ފަހަރަކު މީހަކާ ވާހަކަ ދައްކަމުންދިޔަ އެވެ.
\"މީ އަފޫ، ކޮއްކޮއެއް\" ޔޫހާ ހިނިތުންވެލައިގެން ހުރެ ޖަވާބު ކުރުކޮއްލި އެވެ.
\"އެހެންތަ، އާދޭ އަވަހަށް އެތެރެއަށް، ސައި ހަދާފަ ހުންނާނީ، ހިނގާ ސައިބޯން ދަމާ...\" ޒަރާނާ ކިޔާންގެ އަތުގައި ހިފާލައިގެން ހުރެ ގޭތެރެއަށް ވަނުމަށް ހިނގައިގަތެވެ. ޔޫހާ އާއި އަފްލީން ވެސް ހިނގައިގަތުމުން އެމީހުންގެ ފަހަތުން އައްޔަދުވެސް ހިނގައިގަތެވެ.
\"އަޔާ... ޕްލީޒް، ދެންމެއެއްނު އަހަންނާ އަފޫ ކައިގެން މިއައީ، ބަނޑުގަނެތް އެހާ ތަނެއް\" ޔޫހާ އައްޔަދުއަށް މަޑުމަޑުން ގޮވާލުމަށްފަހު ސިއްރުން ކަހަލަގޮތަކަށް ބުނެލި އެވެ. އޭނަގެ ކުރިމަތީގައި ހުރެ ކާގެއާއި ދިމާލަށް ދިޔަ ޒަރާނާއަށް އަޑުއިވިދާނެތީ ކަންބޮޑުވެފައި ހުރެއެވެ.
\"މަންމާ، އަޅުގަނޑު ބުނީމެއްނޫންތޯ، ޔޫހާ މެންނާ ދިމާވީ ކޮފީއަކުންނޭ، އެމީހުން އެއައީ ކައިގެން...ދެން ކިހިނެއް ސައިބޯނީ\" އައްޔަދު ޒަރާނާއަށް ބުނެލިއެވެ.
\"ދެން ކޮންމެވެސް ގޮތެއް ހަދާލެވޭނެއެއްނު، މިގެއަށް އަންނަ ފަހަރު އެއްޗެއް ނުދެންޏާ ހިތްހަމައެއް ނުޖެހޭ، ދެން މިފަހަރު ކުޑަގޮތެއް ހަދާލާ...\" ޒަރާނާ އާދޭހުގެ ރާގެއްގައި ބުނެލިއެވެ. ކާމޭޒު ފެނުނުއިރު ސައި ހަދާފައިވާލެއް ވަކި ކުޑައެއް ނޫނެވެ. ތަފާތު ވައްތަރުގެ ހެދިކާގެ އިތުރުން ދޮންކޭލާ ބިސްކޯދު ވެސް އެތަނުގައި ހުއްޓެވެ. އެހެންވިޔަސް ޒަރާނާގެ އެގާތްކަމަށް އިޙްތިރާމްކުރަން ޔޫހާ ބޭނުންވިއެވެ. ކޮންމެ ސަބަބަކާ ހުރެވިޔަސް ޒަރާނާ އޭނަ އާއި ކިޔާންއަށް އެހާ ރަނގަޅުވީތީ ޔޫހާ ވަރަށް އުފާވެއެވެ. މުއްސަނދިކަމާއިއެކުވެސް ޒަރާނާގެ ދެއްކުންތެރިކަމާ ބޮޑާކަމެއް ނެތެވެ. ޔޫހާ އެންމެ ހިތްހަމަޖެހޭ ސިފައަކީ އެއީއެވެ. އޭނަގެ އަމިއްލަ މަންމަވެސް ލޯބިނުވާވަރަށް ޒަރާނާ ކިޔާންދެކެ ލޯބިވެއެވެ. އެކުއްޖާ އޭނައަށް މާމަގެ ނަމުން މުޙާތަބު ކުރަން ބޭނުންވެއެވެ. އޭނައާއި އެއްވެސް ގުޅުމެއްނެތަސްއެވެ. ސައިބޯން އިން ޔޫހާގެ ހިތަށް މިކަހަލަ ހިޔާލުތަކެއް އަރާފައިބަމުންދިޔައެވެ.

\"މީ ޔޫހާގެ އެއްބަނޑު އެއްބަފާ ކޮއްކޮތަ\" ޒަރާނާ އަފްލީންއަށް އިޝާރާތްކޮށް އަހާލިއެވެ.
\"ނޫން، އަޅުގަނޑު އުޅެނީ އަފޫމެންގޭގަ، އުމުރުގެ ގޮތުންވެސް އަދި އަޅުގަނޑު ދެކެނީވެސް އެއީ އަޅުގަނޑުގެ ކޮއްކޮއެއްކަމުގަ، އެހެންވެ ކޮއްކޮއެކޭ ބުނީ\" ޔޫހާ ބުނެލިއެވެ.
\"ޔޫހާ މާލެއެއްނޫންތަ؟\" ޒަރާނާއަށް އަހާލެވުނެވެ. އޭނަ ޔޫހާ އާއިބެހޭގޮތުން އޮޅުންފިލުވަން ބޭނުންވެއެވެ. ޚާއްޞަކޮށް އައްޔަދު އޭނަގެ ގާތުގައި ދެއްކިވާކައާއި ގުޅިގެންވެސްމެއެވެ.
\"ހޫމް، އަޅުގަނޑުމީ ރާއްޖެތެރޭ ކުއްޖެއް\" ޖެހިލުމެއްނެތި ޔޫހާ ބުނެލިއެވެ. އިތުރަށް ޒަރާނާ ސުވާލެއް ނުކުރިއެވެ. އަދި އޭނަ އާއި ޖެހިގެން އިން ގޮނޑީގައި ބައިންދާފައި އިން ކިޔާންއަށް ދޮންކެޔޮވަކެއް ދެވޭތޯ އުޅެއެވެ. އައްޔަދު ދޭތެރެއަކުން އަފްލީންގެ ތައްޓަށް ކޮންމެވެސް ކާއެއްޗެއް ލާނެއެވެ. އަފްލީން އިންނަނީ އައްޔަދު އާއި ސަކަރާތްޖަހާލާ ހިތުންނެވެ. އެހެންނަމަވެސް ބޭރުގެއެއްގައި ޚާއްޞަކޮށް ޔޫހާގެ ރަޙުމަތްތެރިއެއްގެ ގެއަކަށް އައިސް އަދުބުކުޑަކޮއްލައިގެން އުޅޭކަށް އޭނައަށް ނުކެރޭނެތީވެ މަޑުމަޑުން ތުންފިއްތަ ފިއްތާއިނީއެވެ. އިރުއިރުކޮޅުން އައްޔަދުއަށް ބަލާލާފައި ދެބުމަ ގޮއްޖަހާލާތަން ފެންނާނެއެވެ. ސައިބޮއެ ނިމުނު އިރު އިރުއޮއްސި އަނދިރިވާން ފަށައިފިއެވެ. އެހެންވެ ޒަރާނާ ގޭގެ ބިއްދޮށުގައި އޮންނަ ކުޑަބަގީޗާއަށް ނުކުންނަ ހިޔާލެއް ނުކުރިއެވެ. އޭގެ ބަދަލުގައި އެންމެން ތިބީ ސިޓިން ރޫމުގައެވެ. ކިޔާން އެއްތަނެއްގައި މަޑުން ނީނދެވިގެން އުޅެން ފެށުމުން ޒަރާނާ އައްޔަދުއަށް ގޮވާލާފައި ކިޔާން ގޮވައިގެން އޭނަގެ ކޮޓަރިއަށް ދިއުމަށް ބުންޏެވެ. އަދި އޭނަ އާއިއެކު އަފްލީންއަށްވެސް ގޭތެރެ ދައްކާލުމަށް ގޮވައިގެން ދިއުމަށް ބުންޏެވެ. ހަގީގަތުގައި އޭނަ ބޭނުންވީ ޔޫހާ އާއި އެކަނި އިނދެ ވާހަކަދައްކާލާނޭ ފުރުޞަތެކެވެ. ދެވަނަ ފަހަރަށް ޔޫހާ އޭނަގެ ކުރިމައްޗަށް އައުމުން ހުރިހާ ކަމެއް އެނގުމަށްފަހު ނޫނީ ޔޫހާ ފޮނުވާލަން ޒަރާނާ ބޭނުންނުވަނީއެވެ.

\"ޔޫހާއަށް އެނގޭތަ، ދުނިޔޭގަ އުޅޭއިރު މިމުއްސަނދިކަމާ ފައިސާއަކީ އެއްވެސް އުފަލަކާ ހިތްހަމަޖެހުމެއް ހޯދަދޭއެއްޗެއް ނޫން، ހިތަށްދެނީ އިތުރު ހިތްދަތިކަމެއް...އަތުގައި ފައިސާ ގިނަވިވަރަކަށް އަތުން ބީވެދާ އެއްޗެހި މާގިނަ، ރޫޅިގެންދާ ގުޅުންތައް އިތުރުވޭ، މިއަދު އަހަރެން ފެންނަ އެއްވެސް މީހަކު އަހަރެންގެ ނަސަބު އޮޅުންފިލުވުމުގެ ކުރިން އެމީހުންގެ ލޮލަށް ފެންނަ މަންޒަރު ގަބޫލުކުރާލެއް އަވަސްވާނެ، އެކަމަކު ހަގީގަތަކީ އެއެއްނޫން.... މި މުއްސަނދިކަމަކީ އާފާގުގެ މިލްކެއް، އޭނަގެ މިންނަތް މަސައްކަތް، އެކަމަކު އޭނައަށް މިނިއުމަތް މިންވަރުކުރެއްވީތީއޭ ކިޔާ ދުނިޔެމަތީ ބޮޑާވެއެއްނުގަތް، މިއަދު އަހަރެން ޔޫހާ އާއި ޚިއްޞާކުރަން މިއުޅެނީ ވަރަށް ބޮޑު ސިއްރެއް، އެކަމަކު އެވާހަކަ ޔޫހާއަށް ކިޔާދިމުނަށްފަހުވެސް އެކަން ސިއްރެއްގެ ގޮތުގައި ބާއްވާދޭނެކަމަށް އަހަރެން ހީކުރަން، މިދައްކަން އުޅޭ އެއްވެސް ވާހަކައެއް އައްޔަދުގެ ކަންފަތަށް އަދި އިވޭކަށް އަހަރެން އެއްގޮތަކަށްވެސް ނޭދެން....\" ޒަރާނާއިން ސޯފާގައި އިށީނދެ އިން ޔޫހާގެ ގާތަށް ކުރިއަށްވުރެސް ބޮޑަށް ޖެހިލަމުން ބުނެލިއެވެ. އަދި ޔޫހާގެ އަތްތިލައިގައި ދެއަތުން ހިފާލަމުން ޔޫހާގެ ލޮލާލޯ އަމާޒުކޮށް ބަލާލިއެވެ. ކުޑަކޮށް ހާސްކަމެއްގެ ތެރޭގައި އިން ޔޫހާ މަޑުމައިތިރިކަމާއިއެކު ޒަރާނާ އާއި ވާހަކަދައްކަން ފެށިއެވެ.
\"އަޅުގަނޑު، ތިބުނުއްވަނީ ސިއްރެކޭ، އަޔާގެ މަންމަ އަޅުގަނޑުގެ ގާތުގައި ސިއްރު ހާމަކުރައްވަނީ ކީވެގެންތޯ، އެއްގޮތަކަށްވެސް ނުވިސްނުނު\" ޔޫހާގެ މޫނުމަތިން ފެންނަމުން ދިޔައީ ހާސްކަމާއި ހައިރާންކަމެވެ. ޒަރާނާ ލުއިގޮތަކަށް ހިނިތުންވެލިއެވެ.

ކޮމެންޓް 0