ޒައުލް އޭނަގެ އަތުގައި އޮތް އާފަލުގައި ދަތްއަޅާލުމާއިއެކު ޝައިސްތާ އައިސް ޒައުލްގެ ގައިގާ ލައްވެލަމުން އާފަލުގައި ހިފާލައިގެން ޒައުލް ހުރި އަތުގައި ބޮސްދީފިއެވެ. ލިބުނު ސިހުމާއިއެކު ޒައުލްގެ އަތުން އާފަލު ދޫވެއްޖެއެވެ. އަދި ވަގުތުން ޝައިސްތާގެ ކޮނޑުގައި ދެއަތުން ހިފާ ދުރުކޮއްލެވުނެވެ.
"އެސްތާ...ކީއްތަ ތިކުރީ..." ޒައުލް ޝައިސްތާ އަށް ފުރަގަސްދެމުން ބުނެލ އެވެ.
"ޒައުލްއަށް ކިހިިނެއްތަ ތިވީ" ޝައިސްތާވެސް ހުރީ ހައިރާންކަމެއްގެ ތެރޭގަ އެވެ.
"އެސްތާ، އަހަރުމެން ކިޔަވަން އުޅުނު ދުވަސްތަކުގެ ވާހަކަދެއްކިޔަސް، އޭރުގެ ޒައުލްއެއް ނޫން މިހާރު އެސްތާގެ ކުރިމަތީ މިހިރީ، އަހަރެން ހީކުރީ އެންމެ ފުރަތަމަ ޕާޓީއިން ދިމާވި ރޭވެސް އެކަން އެނގޭނެކަމަށް، އެސްތާ، އަހަރެން މިއުޅެނީ ވަރަށް އަވަހަށް ކައިވެނި ކުރަން..." ޒައުލް މެޔާއި ދިމާލުން ދެއަތްހުރަސް ކޮއްލައިގެން ހުރެ ބުނެލި އެވެ. އޭރުވެސް އޭނަ ޝައިސްތާ އާއި ކުރިމަތިލާކަށް ގަސްދެއް ނުކުރެ އެވެ. ޝައިސްތާ ވެސް އެއްޗެއް ނުބުނެ އިރުކޮޅަކު ހުރެފައި ވާހަކަ ދައްކަންފެށި އެވެ.
"އަހަންނަށް މިހާރު އޮޅިއްޖެ، ތިކަން މާމައަށް އެނގޭތަ" ޝައިސްތާ އޭނައަށް ފުރަގަސްދީގެން ހުރި ޒައުލަށް ބަލާލަމުން ބުނެލި އެވެ. އެއާއިއެކު ޒައުލްވެސް އެނބުރި ޝައިސްތާއަށް ބަލާލި އެވެ.
"މާމައަށް އެނގޭ" ޒައުލް އަވަސް އަވަހަށް ބުނެލި އެވެ.
"މާމަގެ ވާހަކަ ހުރި ގޮތުން އަހަންނަށް ހީކުރެވުނީ މިގެއަށް ޒައުލް އާއި ކައިވެނިކުރުމަށް ގެންނަން ބޭނުންވެފައިވަނީ އަހަންނޭ، މާމަ ވަރަށް ބޭނުންވޭ އަހަރެން މިގެއަށް އަންނަން، ޒައުލް އާއި ގުޅުން ބާއްވަން، އަދި ބުނި...އަހަރުމެން ދެމީހުންގެ ޖޯޑަކީ މާކުރިންސުރެ ވެސް ގުޅޭ ޖޯޑެކޭ، ދެކުދިން އެކުގައި އަބަދުވެސް އުޅޭތަން ދެކެން ބޭނުމޭ... ކީއްވެ މާމަ އެގޮތަށް ވާހަކަ ދައްކަންވީ، ޒައުލް އަހަންނަށް ދޮގު ހަދަނީތަ" ޝައިސްތާ ކުރިއަށް ފިޔަވަޅެއް އަޅާލި އެވެ.
"މާމަ ތިހިސާބަށް ވެސް ކަންތައް ގެންދިޔައީތަ؟ އަދި މިއުޅެނީ ސައުވީސްގަޑިއިރު ހަމަނުވެގެން، އެހާ އަވަހަށް މާމަ އަހަރެންގެ ކައިވެނި އެހެންމީހަކާ ކުރަން ނިންމީތަ؟" ޒައުލް އޭނަގެ ނިތްކުރީގައި ހާސްކަމާއިއެކު އަތް ހާކާލަމުން ޝައިސްތާ އާއި ދުރަށް ހިނގައިގަތެވެ.
"ޒައުލް...ކޮންކަމަކަށްތަ ސައުވީސް ގަޑިއިރު ހަމަނުވަނީ، އަހަންނަށް އަދިވެސް ވާއެއްނުވާއެއް ނޭގެ" ޝައިސްތާ ބުނެލިއެވެ.
"ޔޫހާ އާއި މާމަ ބައްދަލުކުރަން ބޭނުންވެގެން މިގެއަށް ގެނައީ މިއަދު ހަވީރު، މާމައަށް އޭނަ ކަމަކު ނުދިޔަ، ދެން މިހާރު އެއުޅެނީ ޝައިސްތާ އާއި އަހަންނާ ގުޅުވަންވެގެން" ޒައުލްގެ އަޑުގައި ހިތްހަމަނުޖެހިފައި ހުރި ރާގުއެކުލެވިފައިވި އެވެ. އެކަން ޝައިސްތާއަށް ވެސް ވަރަށް ބޮޑަށް ފާހަގަކުރެވުނެވެ. ޒައުލް އާމުކޮށް ރުޅި އައިސްގެން ނޫނީ އޭނަގެ ފުރިހަމަނަން ނުކިޔާނެ އެވެ. ނަމަވެސް ޒައުލްގެ ވާހަކަތަކުން އޭނަގެ ހިތަށް ތަދުކުރިއެވެ. އޭނަވެސް ހުރީ ލާއިގާ ބޭނުންވ ާގޮތަށް ޒައުލްގެ ހަޔާތުގެ ބައިވެރިޔާޔަށް ވާން ބޭނުންވެފަ އެވެ. އެކަމަކު އެއީ ޒައުލް ބޭނުންވާގޮތް ނޫންކަން އެނގުމުން އިތުރަށް އެކަމާ ބުނާނެ އެއްޗެއް ޝައިސްތާއަކަށް ނޭގުނެވެ. ޒައުލް އަންހެން ކުއްޖަކާމެދު އެހާ ޚާއްޞަގޮތެއް ބަހައްޓަފާނެކަމަށް އޭނައަށް ހީވެފައިނެތީ އެވެ. ޒައުލްއަކީ އަންހެން ކުދިންގެ މެދުގައި މަޝްހޫރު ފިރިހެނަކަށްވިޔަސް އޭނަގެ އެންމެ ގާތުގައި އަބަދުވެސް ޝައިސްތާ ބަހައްޓައިގެން އުޅުނު ޒުވާނެކެވެ. ޒައުލްގެ ހަޔާތުގެ ބައިވެރިއަކު ހޮވާނަމަ އެފުރުޞަތު ދޭނީ ޝައިސްތާއަށްކަން ހީވެފައި އޮތީ ހަމައެކަނި އޭނައަށް އެކަންޏެއްނޫނެވެ. އެދެމީހުން އެކުގައި އުޅުނު ތަންފެނިފައިވާ އެތައް ބައެއްވެސްމެއެވެ.

"މާމަ އާއި އަހަރެން ވާހަކަދައްކަން އެބަޖެހޭ، ޕްލީޒް...މިވަގުތު ޝައިސްތާއަށް އަހަންނަށް ވަގުތުދެވެން ނެތުމުން މާފަށްއެދެން، އެކަމަކު އަހަރެން މިވަގުތު މާމަ އާއި އެވާހަކަ ނުދައްކައިފިއްޔާ މާބޮޑަށްވެސް ލަސްވެދާނެ، އެސްތާ އަންޑަސްޓޭންޑްވާނެކަން އަހަންނަށް އެނގޭ...ސޮރީ" ޒައުލް ޝައިސްތާއަށް ބަލަހައްޓައިގެން ހުރެ އަތުގެ ހަރަކާތާއިއެކު ވާހަކަ ދެއްކިއެވެ. އިތުރު ގޮތެއްނެތް ޝައިސްތާ މަޑުމަޑުން ބޯޖަހާލީ ޒައުލް އެތަނުން ދިއުމުގެ ހުއްދަދީފީމޭ ބުނާފަދަ ގޮތަކަށެވެ. ކޮއްފައިހުރި މޭކަޕާއިއެކު ވެސް ޝައިސްތާގެ މޫނުމަތި މިލައިގެން ހިނގައްޖެ އެވެ. އޭނަގެ ލޮލަށް ޒައުލް ގެއްލެންދެން ބަލަހައްޓައިގެންހުއްޓެވެ. ޝައިސްތާއަށް އޭނަގެ އަމިއްލަ ހިތާ ކުޑަކޮށް ޝަކުވާކޮއްލެވުނެވެ.
"މާމާ... އަޅުގަނޑު ޒައުލް" ޒައުލް ލާއިގާގެ ކޮޓަރީގެ ދޮރުގައި ޓަކިޖަހާލަފައި ތަންކޮޅެއް ބާރަށް ބުނެލި އެވެ. ކޮޓަރީތެރެއަށް އަޑުފޯރާނޭ ވަރަށެވެ. ޒައުލް ލާއިގާގެ ޖަވާބަކަށް އިންތިޒާރުކޮއްގެން ހުއްޓާ ކޮޓަރީގެ ދޮރުހުޅުވާލައިފި އެވެ.
"ވަދޭ..." ދޮރުހުޅުވާލި ލާއިގާ ކުރިމަތީގައި ހުރި ޒައުލްއަށް ބުނެލިއެވެ. މިފަހަރު ލާއިގާގެ ފަރާތުންވެސް އެހެންޏާ ޒައުލް ފެންނައިރަށް އެހުންނަށް ލޯތްބާއި އޯގާތެރި ކަމެއްނުފެނުނެވެ. އޭގެ ބަދަލުގައި އަޑުގައި އަދިވެސްވަނީ ރުންކުރުގޮތެވެ.
"މާމާ، ޔޫހާ އާއި އަޅުގަނޑު ކައިވެނި ކުރާނީ..." ކެތްތެރިކަން ކުޑަވެފައި ހުރިގޮތަކަށް ޒައުލް ބުނެލިއެވެ. އޭރު ލާއިގާ ވަދެގެން އައިސް އޭނާގެ އެނދުގައި އިށީންނަނީއެވެ. ޒައުލް އެއްވެސް ތަނެއްގައި އިށީނދެ ހަމަޖެހޭކަށް ބޭނުމެއްނޫނެވެ. އެހެންނަމަވެސް ލާއިގާ އެއްފަރާތެއްގައި ވަކިން ހުރި ގޮނޑިއަކަށް އިޝާރާތްކޮއްލުމާއިއެކު ޒައުލް ބޭނުންނުވެހުރެ އައިސް އިށީނެވެ.
"މާމާ، އަޅުގަނޑު ކައިވެނިކުރަން ބޭނުންވަނީ ޔޫހާ އާއި..." ގޮނޑީގައި ފޫޖެހުމާއިއެކު އަނެއްކާވެސް ޒައުލް ބުނިއެއްޗެއް ތަކުރާރުކޮއްލިއެވެ.
"މާމައަށް ޒައުލް ބުނިއެއްޗެއް އަޑުއިވުނޭ، އެކަމަކު އެއްޗެއް ނުބުނަން މީނީ ތިކަމާ ގަބޫލުނުވެވޭނެތީ، ޒައުލްއަށް ތިހާ ބޮޑުބަދަލެއް އޭނަ ގެނުވީތީ ހަމަ ހައިރާންވެއްޖެ، ދަރިއަކު ހުރި އަންހެނެއް، ރާއްޖެތެރޭގެ ނާތަހުޒީބުގޮތް ގަނޑު، ނޭގެ ރަނގަޅަށް ކިޔެވިފަ ހުރިކަމެއްވެސް، އެހެންތަ ޒައުލް....ތީ މިމާލޭގަވެސް ހުރި އެންމެ ކާމިޔާބު ވިޔަފާރިވެރިޔާގެ ހުރި ހަމައެކަނި ފިރިހެން ދަރި، މަތީ ތައުލީމު ޚާޞިލްކުރި، އެވެސް ދުނިޔޭގެ ފެންވަރުގެ މޮޅެތި ކޮލެޖުތަކާއި ޔުނިވާރސިޓީތަކުން....މިއަދު ޒައުލްއަކީ މިމާލޭގެ މީޑިއާގެ އެންމެ ޒުވާން މޫނު....މިހުރިހާ ކަމަކަށް ދަރިފުޅު ވިސްނާލިނަމަ ނުބުނާނެ އެއަންހެން މީހާ އާއި ކައިވެނި ކުރާކަށް، އޭގެ ބަދަލުގަ ޝައިސްތާމެން ކަހަލަ ކުއްޖަކާ ކައިވެނި ކުރުން ޒައުލާ މާއެކަށީގެންވޭ" ލާއިގާ އޭނަގެ ހިތުގައިވާ އެއްޗެހި ބޭރުކުރަމުންދިޔައެވެ.
"މާމައަށް ޔޫހާ ނޭގޭތީވެ ތިހެން ތިބުނުއްވަނީ، ހަގީގަތުގަ އޭނަގެ ދިރިއުޅުމުގެ ހުރިހާ އުފަލެއް ނަގާލި މީހަކީ އަޅުގަނޑު، އެހެންނޫންނަމަ އޭނަ މަތީ ތައުލީމުވެސް ހާސިލްކުރީސްކަން ޔަގީން، އަދި އެނބުރިއައިސް ހުންނާނީ މިތަނުގެ މަތީ މަގާމެއް ފުރުމުގައި....އެކަމަކު....މާމާ، އޭނައަށް އެހުރިހާ އުފަލެއް ހާޞިލެއްނުވިޔޭ، މިއަދު އޭނަ އަޅުގަނޑާ ކައިވެނި ކުރަން އެއުޅެނީ، އަޅުގަނޑުމެންގެ މުދާގަނޑަށް ވެރިވެގަންނާކަށް ނޫން، މިކައިވެންޏަށް އެދި ޔޫހާއަށް މަޖުބޫރު ކުރުވި މީހަކީވެސް އަޅުގަނޑު، އޭނަގެ ދަރިއަކު ހުރިކަމާ އަދި އޭނައަކީ ކިހާފެންވަރެއްގެ ކޮންގޮތަކަށްއުޅޭ އަންހެންކުއްޖެއްކަން އަޅުގަނޑަށް އެނގިހުރެ އޭނަ އާއި ގުޅެން ބޭނުންވީ....އަޅުގަނޑު ހީކުރީ މާމައަށް އެނގިލައްވާނެކަމަށް" ޒައުލްއަށް ގޮނޑިން ތެދުވެވުނެވެ.
"ކޮންކަމެއްތަ މާމައަށް އެނގެންޖެހެނީ" ލާއިގާއަށް ހައިރާންކަމާއިއެކު އަހާލެވުނެވެ.
"މާމައަށްވެސް އަދި ބައްޕައަށްވެސް ޔޫހާ ގޮވައިގެން އައި ކުޑަކުއްޖާ ލޮލުގައި އަޅައިގަތްކަން އަޅުގަނޑަށް އެނގޭ، އެކަމާ ހައިރާންވިވަރު އަޅުގަނޑަށް މާމަގެ މޫނުމަތިން ފެނިގެންދިޔަ....އަޅުގަނޑަށް އެނގޭ މާމައަށް ޔޫހާގެ ކުއްޖެއް ހުންނަކަން އެނގިޖެއްޔާ މިކައިވެންޏަށް ހުރަސްއަޅާނެކަން، އެހެންވެ އެކަން ސިއްރުކުރަން އުޅުނީ، އެކަމަކު ޔޫހާ ބޭނުމެއްނުވޭ އޮޅުވާލަައިގެން ކައިވެންޏެއް ކުރާކަށް...." ޒައުލް ދައްކަމުންދިޔަ ވާހަކަ ލާއިގާ މެދުކަނޑާލިއެވެ.
"ޒައުލް ކީކޭތަ ކިޔަން ތިއުޅެނީ، އިތުރަށް މާމަ ތި ޔޫހާއެއްގެ ވާހަކަ އަޑުއަހާކަށް ނެތިން، ޝައިސްތާ އާއި ދަރިފުޅުގެ ކައިވެނި ކުރަން މިހާރު ނިންމާފަވާނީ، މާދަމާ ޝައިސްތާގެ އާއިލާއަށްވެސް އެކަން އަންގާނަން..." ލާއިގާވެސް މިހެންބުނަމުން އިންތަނުން ތެދުވެއްޖެއެވެ.
"މާމާ، ޕްލީޒް...އަޅުގަނޑު މާމަދެކެ ލޯބިވާވަރު އެނގިލައްވާނެ، ދެބަސްވާކަށް ދުވަހަކުވެސް ނޭދެމު، އަޅުގަނޑުވެސް ޔޫހާ ނޫން މީހަކާ ނުގުޅޭނަންކަމަށް ވަޢުދުވަން، މާމާ، ޔޫހާގެ އެދަރިފުޅުގެ ބައްޕައަކީ އަޅުގަނޑު...އެދަރިފުޅާ ވަކިވާންވީތޯ" ޒައުލް އައިސް ލާއިގާގެ ކުރިމަތީ ހުއްޓެމުން ބުނެލިއެވެ. ދެލޯބޮޑުކޮއްލުމާއިއެކު ލާއިގާއަށް ޒައުލްއަށް ބަލާލެވުނެވެ. ގަބޫލުކުރަން ބޭނުންނުވާފަދަ ގޮތަކަށް ލާއިގާ ދެފަރާތަށް ބޯހޫރުވާލިއެވެ.
"ނުވާނެ އެހެނެއް....ކީއްވެ އެހެންވާންވީ....ޒައުލް....އޭނަ ދަރިފުޅުގެ ބޮލުގައި އެޒިންމާ އަޅުވަންވެގެންދޯ އެމަސައްކަތްކުރަނީ" ލާއިގާގެ މޫނުމަތިން ކުރިއަށްވުރެވެސް ބޮޑަށް ރުޅިވެރިކަން ފާޅުވެގެންދިޔައެވެ. ނުވިތާކަށް އޭނަގެ އަޑުވެސް ބާރުވެގެންދިޔައެވެ.
"އަޅުގަނޑާ ޔޫހާ އާއި ދެމެދު އެފަދަ ގުޅުމެއްވަނީ ހިނގާފަ، މާމަ ގަބޫލު ނުކުރާނަމަ ޑީ.އެން.އޭ ޓެސްޓުވެސް ހަދައިދީފާނަން" ޒައުލް ލާއިގާގެ އަތްތިލާގައި ދެއަތުން ހިފާލީ އާދޭސްކުރާފަދަ ގޮތަކަށެވެ. އޭނަ ދައްކާވާހަކަ ގަބޫލުކުރުމަށްއެދިއެވެ.
"މާތް ކަލާކޯ، ޒައުލަށް އެބަ އެނގޭތަ ތިކިޔޭ އެއްޗެއް، މާމައަށްވެސް އެނގޭ އެކުއްޖާ ހުރީ ޒައުލް ކުޑައިރު ހުންނަ ގޮތަށްކަން، އެކަމަކު އެއީ ޒައުލްގެ ދަރިއަކަށް....ނޫން...ނޫން....ކީއްވެ ޒައުލް، އެނގޭތަ މިކަން މީހުންނަށް އެނގިއްޖެއްޔާ ވާނެގޮތް، ތިކަން ހުއްޓާލާ، ހަމަ މިހާރު ހުއްޓާލާ...އިތުރަށް ޔޫހާ އާއި ބައްދަލު ކޮއްގެންވެސް ނުވާނެ....އެއީ ޒައުލްގެ ދަރިއެއްނޫން، އަމިއްލައަށް އެކަމުގެ ތެރެއަށް ވަންނަން ނޫޅޭ، އެމީހުންނާ ޒައުލް ޖެހޭނީ ދުރުވަން، އަދިއަމުދުން ދެންނުވާނެ ބައްދަލުކޮއްގެން، އެއްގޮތަކަށްވެސް ހީނުކުރަން ޒައުލްގެ ޢަމަލުތައް އެފަދަ ގޮތަކަށް ބަހައްޓަފާނެކަމަށް" ލާއިގާގެ ރުޅިގަޑު އުތުރިގަތްކަހަލައެވެ.
"އެކަމަކު މީ ތެދެއް، ޔޫހާގެ ދަރިއަކީ އަޅުގަނޑުގެވެސް ދަރިއެއް، މާމަ ގަބޫލުނުކުރެއްވިޔަސް އޭގަ އަޅުގަނޑު ކުރާނެކަމެއްނެތް، ވީ އެންމެ އަވަހަކަށް ކައިވެނި ކުރާނަން، ޔޫހާ އާއި ދަރިފުޅު ހުންނާނީ އަޅުގަނޑު އުޅޭތަނެއްގައި، މާމަ ބޭނުންވެނުލައްވާނަމަ މިރޭން މިރެއަށްވެސް އަޅުގަނޑު މިހުރީ މިގެއިން ނުކުމެގެން ދާގޮތަށް" ޒައުލް މިހެން ބުނެ އެކޮޓަރިން ނުކުންނަން ހިނގައިގަތެވެ. ވަރަށް ދެރަވެފައިހުރެ އެހެންނަމަވެސް ގޮތްދޫކުރަން ބޭނުންނުވާ ހާލުގައެވެ.
"ޒައުލް...." ލާއިގާ ވަރަށް ބާރަށް ގޮވާލިއެވެ. އެއާއިއެކު ދޮރާދިމާލަށް ދިޔަ ޒައުލް ވަގުތުން ހުއްޓިއްޖެއެވެ. އެހެންނަމަވެސް ފަހަތްބަލާވެސް ނުލާ ހުރި ފިޔަވަޅުމަތީގައި އޭނަ ހުރީއެވެ. ލާއިގާ އައިސް އޭނަގެ ގާތުގައި މަޑުކުރަމުން ވާހަކަދައްކަން ފެށިއެވެ.
"ދަރިފުޅު މާމަ ދޫކޮއްލާފަ ދާންތަ ތިވިސްނަނީ، މީ ދަރިފުޅު އުޅެބޮޑުވި ގެއެއްނު، މާމަ މުސްކުޅިވި ދުވަހު ކައިރީގަ ހުންނާނެ ކަމަށް އެންމެ އުންމީދު ކުރި ދަރިއަކީ ތީ، އެކަމަކު ތިބުނީ މިގެއާއި އާއިލާ ދޫކޮއްލާފަ ޔޫހާގެ ކައިރިއަށް ގޮސްދާނަމޭ....އެހެން ނުހަދާ، މާމައަށް ކެތެއްނުވާނެ ޒައުލް ނުކުމެގެން ދާތަން ދެކޭކަށް، މައްސަލައެއްނެތް، ދަރިފުޅަށްޓަކައި މާމަ އަދި އެއްފަހަރު ޔޫހާ އާއި ވާހަކަދައްކާލަން ބޭނުން، އޭނައަށް މިއާއިލާ އާއި ގުޅިގެން އުޅުމުގެ ފުރުޞަތު މާމަ ދޭނަން، އެގޮތް އެންމެ ރަނގަޅުތަ، ދެން ބުނޭ ނުދާނަމޭ...." ލާއިގާ ކަންބޮޑުވުމާއިއެކު ބުންޏެވެ. ޒައުލް އިރުކޮޅަކު ވިސްނާލުމަށްފަހު އެއްބަސްވިއެވެ. ދެރަވެގެން އުޅުނު ލާއިގާގެ ތުންފަތަށް ވަގުތުން ހިނިތުންވުމެއް ވެރިވެގެންދިޔައެވެ. އެހެންނަމަވެސް އެހިނިތުންވުމުގައިވަނީ ދެއްކުންތެރި ގޮތެކެވެ. ލާއިގާ އެހާ ފަސޭހައިން ގަބޫލުވެދާނެއޭ ޒައުލް ހިއެއްނުކުރެއެވެ. އެހެންވެ އެކަމާ ކުޑަކޮށް ހައިރާންވިއެއްކަމަކު މާބޮޑު ކަމަކަށް ނުހެދިއެވެ. ގަބޫލުވީތީ އޭނަވެސް އެކަމާ ހިތްހަމަޖައްސާލީއެވެ.

މުޅި ރޭ ލާއިގާ ހޭދަކުރީ ވިސްނުމާ ފިކުރު ކުރުމުގައެވެ. އޭނަ ޔޫހާގެ ގެއަށް ދާން ނިންމިއެވެ. އަދި ހިތުގައި މޮޅު ރޭވުމެއް ރާވާލިއެވެ. ޒައުލްގެ ޅަކަމުން ކަމެއް ކުރެވިދާނެއޭ ލާއިގާގެ ހިތަށް އެރިއެވެ. އެހެންނަމަވެސް އެކަހަލަ އަންހެން ކުދިން ވަރަށް މަކުރުވެރިވާނެއޭވެސް ހިތަށް އެރިއެވެ. ލާއިގާ ޒައުލް ކައިރީ ކޮންމެ އެއްޗެކޭ ބުންޏަސް އޭނަ ހުރީ ޔޫހާ އާއި ޒައުލްގެ ކައިވެނި ކޮއްދޭފަދަ ގޮތަކަށްނޫނެވެ. އޭނަ މިހާރު ބޭނުންވަނީ ޒައުލްއަށް ނޭގި ޒައުލްގެ ދިރިއުޅުމުން ޔޫހާ ބޭރުކޮއްލާށެވެ.

ކޮމެންޓް 0