"ޒައުލް...ދަރިފުޅު ކީއްވެ އެއްޗެއް ނުބުނެ ތިއިންނަނީ" ޒައުލް ވާހަކަދައްކަން ފަށާނެކަމަށް މަޑުކޮއްލައިގެން އިން ލާއިގާއަށް އަހާލެވުނީ ޒައުލް ވަކި އެއްޗެއް ނުބުނެ މާގިނައިރު ހިމޭނުން އިންނަން ފެށުމުންނެވެ.
"މާމާ، އެއީ ޔޫހާ... އަޅުގަނޑު...އަޅުގަނޑު ޔޫހާ އާއި ކައި...ކައިވެނިކުރަން ބޭނުން" ޒައުލް ބޯންއިން ކޮފީ ޖޯޑަށް ބަލަހައްޓައިގެން އިނދެ މިހެން ބުނެލިއެވެ. އޭނަގެ އަޑުން ވަރަށް ހާސްވެޖެހިލުންވެފައި އިންހެން ހީވެއެވެ. ލާއިގާ ޒައުލްއަށް ބަލަހައްޓައިގެން ކުޑަހިނދުކޮޅަކު އިނުމަށްފަހު ވާހަކަދެއްކިއެވެ.
"އެކަމަކު އެއީ ކޮންގެއަކު ކުއްޖެއްކަމެއްވެސް އަދި ނުބުނަމެއްނު" ލާއިގާ ބުންޏެވެ.
"މާމާ، އާއިލާ އާއި ކައިވެންޏާ ހުރި ގުޅުމަކީ ކޮބާތޯ، އަޅުގަނޑު ޔަގީންކަން މިދެނީ ޔޫހާއަކީ އަޙްލާގު ރަނގަޅު ކިޔަވައިގެންގެ ހުރި ކުއްޖެއްކަން، މާމަ އަޅުގަނޑަށް އިތުބާރެއް ނުކުރައްވަންތޯ" ޒައުލް ލާއިގާއަށް ބަލާލަމުން އަހާލިއެވެ.
"ދަރިފުޅަށް އިތުބާރު ނުކުރާތީއެއް ނޫން، ދޮންތަގެ ކައިވެނިވެސް ނިމިގެން ދިޔައިރު ހުރިހާކަމެއްގައި ދެ ޢާއިލާވެސް ބައިވެރިވިތަން ދަރިފުޅަށް ފެންނާނެ، މާމަވެސް ބޭނުންވާނެ މާމަގެ ޒައުލް އިންނަން އުޅޭ ކުއްޖާގެ ހުރިހާ ކަމެއް އެނގެން، މާމަ ބޭނުން ތިކުއްޖާ އާއި ބައްދަލު ކުރަން، މިބުނީ މިގެއަށް ގެންނާނީ ކޮންދުވަހަކުންހޭ" ލާއިގާ ހިނިތުންވެލަމުން ބުންޏެވެ.
"މާމާ، ޔޫހާގެ ބައްޕަވަނީ ނިޔާވެފަ، ހުރީ މަންމަ އަކާއި ދައްތައެއް، ދައްތައުޅެނީ މީހަކާ އިނދެގެން، ނަން މަޝްހޫރު އާއިލާއެއްގެ ކުއްޖެއް ނޫން..." ޒައުލްއަށް އިތުރަށް ބުނާނެ އެއްޗެއް ނޭގިފައި އިނދެވުނެވެ. ހަގީގަތުގައި ޔޫހާ އާއި ބެހޭގޮތުން އޭނަގެ މާމައަށް އޮޅުންފިލުވާދޭންޖެހޭ ކިތަންމެ ކަމެއްހުއްޓެއްކަމަކު އެކަންތައްތައް ކިޔާދޭނެގޮތެއް ޒައުލްއަށް ނޭގެނީއެވެ. އެއީ ލާއިގާ އެކަންތައްތަށް ފާހަގަކޮށް ފާޅުގައި އެމީހުންގެ ކައިވެންޏަށް އިންކާރު ކުރާނެތީއެވެ. ޒައުލް ލަސްލަހުން ދައްކަމުންދިޔަ ވާހަކަތައް އަޑުއަހަން އިން ލާއިގާގެ ބޮލުގައި ފާޑަކަށް ރިއްސާލިއެވެ. ޒައުލް ނުބައި ހަބަރެއް އޭނައަށް ދޭން އުޅެނީކަން އޭނައަށް މާކުރިންވެސް އެނގުނީކަންނޭގެ އެވެ.
"ޒައުލް، ދަރިފުޅު ކައިވެނި ކުރުމާމެދު މާމަ ހުރަސް އަޅާކަށްނެތިން، އެކަމަކު ކޮންމެ ކޮންމެ އަންހެން ކުއްޖެއް މިގެއަށް ގެންނާކަށް މާމައަށް ގަބޫލެއް ނުވެވޭނެ، އާއިލާގެ ނަމާ ގަދަރަށްވެސް ވިސްނަންވާނެ އެއްނު، މީހުންގެ ތެރޭ ދެކެވޭނެ ވާހަކަތަކަށް ދަރިފުޅު ވަރަށް ބޮޑަށް ވިސްނަންވާނެ" ލާއިގާ މޭޒާ ދުރަށް ގޮނޑިޖައްސާލަމުން ވާހަކަދައްކަމުން ތެދުވިއެވެ.
މެންދުރުފަސް ތިނެއްޖެހިފަހުން ޔޫހާގެ ފޯނަށް ހަތަރު މިސްކޯލު އައިސްފައިވަނިކޮށް ފެނުނީ އޭގެ ގަޑިއެއްހާއިރު ފަހުންނެވެ. އަވަސް އަވަހަށް ފޯނު ބަލާލިއިރު ގުޅާފައިވަނީ އައްޔަދުއެވެ.
"ހެލޯ... ހާދަ ފޮނިވެއްޖެއްޔޭ ދޯ، މިހާރު އަހަރެން ގުޅީމަ ފޯނު ނެގޭކަމަށްވެސް ނުވޭ، އަހަރެން މިގުޅަނީ ޔޫހާ ފްރީވާނެހެން ހީވާ ވަގުތުތަށް ބަލައިގެން، ކީއްވެތަ ފޯނަށް ޖަވާބު ނުދެނީ، އަހަރެން ގުޅާތީ ޔޫހާއަށް އުނދަގޫވަނީތަ؟ ޔޫހާ ބުނެފިއްޔާ ނުގުޅާވެސް ހުރެދާނަން... އެކަމަކު ތީ އަހަރެންގެ ހުރި ހަމައެކަނި ރަޙުމަތްތެރިޔާ" އައްޔަދު ނޭވާއަކަށްވެސް ނުހުއްޓި ޝަކުވާގެ ރާގެއްގައި ބުންޏެވެ.
"ޕިސް ޕިސް ޕިސް، ތިވަރަށް ޝަކުވާ ކުރާނެކަމެއް ނޭގޭވިއްޔަ، އަހަރެން ފޯނާ ދުރުގަ ހުރީމައޭ ނޭގުނީ ފޯނު ރިންގުވިކަމެއް، މަށެއް ނޫޅެން އަހަރުމެންގެ މެދުގައި މިއޮތް ރަޙުމަތްތެރިކަން ކަނޑާލާކަށް...އަޔާ ހަމަޖެހިބަލަ، ފޯނު ނުނެގުނަސް އޭގެ މާނައަކީ އަހަރެން އަޔާ އާއި ރުޅީއެއް ނޫނެއްނު... ދެން ބުނެބަލަ، ކީއްވެތަ އެހާވަރަށް ގުޅީ، ކަމަކުތަ" ޔޫހާ ފޯނު ހިފައިގެން ކޮޓަރީގައި ހުރި އެނދުގެ ފައިލާކޮޅުގައި އިށިންނަމުން ވާހަކަދެއްކިއެވެ.
"ގެއަށް އަންނަން ދައުވަތު ދޭންވެގެން، ނޫނެކޭ ނުބުނާތި، އަހަންނަށް އެނގޭ ޔޫހާ މެންގެވެސް، ނޫނެކޭ ބުނެފިއްޔާ އާދޭސްކުރަން ގެއަށްވެސް ދާނަން..." ކުޑަކުއްޖެއްހެން އައްޔަދު ބުނެލިއެވެ. އައްޔަދުގެ ވާހަކަތަށް އަޑުއަހަން ހުރި ޔޫހާ ފެށީ ހޭށެވެ.

މީހަކު ފެންނަ ހިސާބުގައި ނެތްކަމުގައިިވިޔަސް ސިޓިން ރޫމުން އެތެރެއަށް ޒައުލްވަނެވެ. އޭނަގެ ކަންފަތުގައި ޔޫހާގެ ހުނުމުގެ އަޑު ޖެހުމާއިއެކު ހިތުގެ ހިނގުންއަވަސްވި ކަހަލައެވެ. އެތަށް އަހަރަކަށްފަހު ޔޫހާ ހީނލާއަޑު ޒައުލްއަށް މިއިވުނީ ފުރަތަމަ ފަހަރަށެވެ. ފަޔަށް ބާރުލާފައި އައިސް ޔޫހާގެ ކޮޓަރި ދޮރުމައްޗަށް އޭނައަށް ހުއްޓެވުނެވެ. ދޮރުމަތީ ހުރި ޒައުލް ފެނުމުން ޔޫހާވެސް ދިޔައީ ސިއްސައިގެންނެވެ.
"ބިޒީ ވެއްޖެ، ދެން ފަހުން..." ޔޫހާ އަވަހަށް ފޯނު ބާއްވަން އުޅުނެވެ.
"ނޫން، އެހަށް މަޑުކޮއްބަލަ، އާނއެކޭ ބުނެފަ ދޭ... އެހެންނޫނީ ހަމަތެދެއް މިބުނީ ތިގެއަށް ނުދާނެ ނޯންނާނެ އެއްގޮތްވެސް... ފޯނު ކަނޑާލުމާއިއެކު މިނިކުންނަނީ ތިގެއަށް ދާން..." އައްޔަދު ބުނެލިއެވެ.
"އޯކޭ...ގަބޫލުކޮއްފިން، ދެން ބާއްވަނީ" ޔޫހާ އަވަސް އަރުވާލާފައި ބުނެލިއެވެ. އޭރުވެސް ޒައުލް ހުރީ ޔޫހާގެ ކޮޓަރި ދޮރުމަތީ ހުއްޓިލައިގެން ޔޫހާއަށް ބަލަންށެވެ. ޔޫހާގެ ލޯވެސްވަނީ ޒައުލްއަށް އަމާޒުވެފައެވެ.
"އަހަރެން ދާނަން ބަލާ، މާދަމާ މެންދުރު... އެންމެ ރަނގަޅެއްނު، ވަރަށް އުފާވެއްޖެ އެނގޭ، ތޭންކްސް" އައްޔަދު ބުނެލިއެވެ. އޭނަވެސް ޔޫހާ އެއްބަސްވުމުން އިތުރަށް ކޯލު ދިގުކުރާކަށް މަސައްކަތެއް ނުކުރިއެވެ.
"ހޫން، ދެން ބާއްވަނީ..." ޔޫހާ އަވަސް އަވަހަށް ފޯނު ކަނޑާލިއެވެ.
"ރަނގަޅު ވަގުތެއްތަ...ވާހަކައެއް ދައްކާލަން" ޒައުލް އަހާލިގޮތުން ޔޫހާއަށް ހީވީ އޭނަ ހިތްހަމަނުޖެހުނީހެނެވެ.
"އެއީ ރައްޓެއްސެއް... ދެންމެ އެގުޅީ...ކޮންވާހަކައެއް... ބޭރަށްތަ ނުކުންނާނީ، ނޫނީ ކޮޓަރީގަތަ..." ހާސްވެގެން އުޅޭމީހަކު ހެން ޔޫހާ ވާހަކަދެއްކިއެވެ. ކުއްލިއަކަށް ހީވެސްނުކުރަީިސް ޒައުލް އެގެއަށް އައުމުން ޔޫހާއަށް ވީގޮތެއްކަމުގައި ޒައުލް ހީކުރިއެވެ.
"މިތަން އޯކޭ... ކިޔާން އެއޮތީ ނިދާފަ، އަހަރުމެން ވާހަކަދައްކަނިކޮށް އޭނައަށް ހޭލެވިދާނެ" ޒައުލް ބޭރަށް ނުކުތުމަށް ޔޫހާއަށް އިޝާރާތްކޮއްލަމުން ބުނެލިއެވެ. ޔޫހާ ކިޔާންއަށް ބަލާލާފައި ރީތިވާ މޭޒުމަތީ ފޯނުބާއްވާލަމުން ޒައުލްގެ ފަހަތުން ނުކުމެ ސިޓިން ރޫމު ސޯފާގައި އިށީނެވެ.
"މާމަ ޔޫހާ އާއި ބައްދަލުކޮއްލަން ބޭނުންވޭ...މާދަމާ ކިހިނެއްވާނީ" ޒައުލް ބުންޏެވެ.
"މާދަން..." ޔޫހާއަށް ޒައުލްއަށް ބަލާލެވުނެވެ. މާދަމާ އައްޔަދުވެސް އޭނަގެ ކައިރިން އެގެއަށް ދިއުމަށްވަނީ އެދިފައެވެ. ދެން ހަދާނީ ކިހިނެއްބާއޭ ޔޫހާގެ ހިތަށް އެރިއެވެ. ހަމައެވަގުތު...
"މާދަން ކަމެއް އޮތީތަ؟ ކަމެއްނެތިއްޔާ ހަވީރު ފަހެއްޖަހާލާ ކަންހާއިރު އަހަރެން އަންނާނަން ޔޫހާ ބަލާ، އެގޮތް ރަނގަޅުތަ" ޒައުލް އަހާލިއެވެ. ޔޫހާއަށް ދިގުނޭވާއެއް ބޭރުކޮއްލެވުނެވެ. ދެކަންވެސް އެއްފަހަރާ ކުރެވޭނެކަން އެނގުނީމައެވެ. އައްޔަދުގެ ގެއަށް ދުއުމުގެ އިތުރުން ޒައުލްގެ އެދުންވެސް ފުރިހަމަ ކޮއްދެވޭނެތީއެވެ.
"ޒައުލް، އަހަރެން ބޭނުމެއްނޫން އޮޅުވާލުމެއްގެތެރެއިން ކައިވެނި ކުރާކަށް... މިނޫން ގޮތެއް ނޯންނާނެތަ، އަހަރެންގެ އާއިލާ މީހުންވެސް ތިބެންބޭނުންވާނެ ދޯ އަހަރެން ކައިވެނި ކުރާއިރު، އަހަންނަށް އެމީހުން ރާއްޖޭން ބޭރުގައޭ އުޅެނީ ކިޔާ ދޮގެއް ހަދާކަށް ނުކެރޭނެ، ރީތި އަގުބޮޑު ހެނދުމުގައި މީހާ ފެނުނަސް އެއީ ހަގީގަތެއްނެތް ދަޅައެއް... މިއެއްނޫން އަހަރުމެންގެ ކައިވެނި ކުރެވެންވާނެ ގޮތަކީ" ވަކިން ހުރި ގޮނޑީގައި އިން ޒައުލްގެ ގާތަށް ކުޑަކޮށް ޖެހިލަމުން ޔޫހާ ބުންޏެވެ.
"ދޮގުހަދާ އޮޅުވާލަން އަހަންނަށް ވަކި ފަސޭހަވާނެކަމަށްތަ ޔޫހާ ތިހީކުރަނީ، އެކަމަކު މިނޫންގޮތެއްނެތް، އަހަންނަކަށް ނޭގެ މާމަ ގާތު ކިޔާންއަކީ އަހަރެންގެ ދަރިއެކޭ ބުނާނެ ގޮތެއް" ޒައުލް ދެކަކޫގައި އުޅަންބޮށި ޖައްސާލަމުން ދެއަތްތިލަ ޖޯޑުކޮއްލީ ކުޑަކޮށް ގުދުވެލަމުންނެވެ.
"ކޮންމެގޮތަކަށް ކަންތައްވިޔަސް، ތެދަށް ބުނެވިދާނެއެއްނު" ޔޫހާ މަޑުމަޑުން ބުނެލިއެވެ.
"ތެދު ބުނެގެން ކޮންކަމެއްތަ ހާޞިލްވަނީ، އަހަރެން ބޭނުމެއް ނޫން ޔޫހާ އާއި ކިޔާން އާއި ވަކިވާކަށް" ޒައުލް ބުނެލިއެވެ. އޭނަގެ އަޑުގައި ހިތްހަމަނުޖެހުން އެކުލެވިފައިވުމުން އިތުރަށް އެއްޗެއް ބުނާކަށް ޔޫހާއަކަށް ނުކެރުނެވެ. އިރުގަނޑަކަށް ހިމޭންކަން ވެރިވެފައިވަނިކޮށް އެތަނަށް ނުކުތީ އަފްލީން އާއި އޭނަ އާއިއެކު ފިލާވަޅުތައް ހަދަން އައިސް އުޅޭ ދެކުދިންތުރެން ކުއްޖެކެވެ. ޔޫހާ މޫނުމަތީގައިވާ ނުތަނަވަސްކަން ފޮރުވާލަމުން އަފްލީންއަށް ހިނިތުންވެލިއެވެ.

ރޮޒޭންގެ އާއިލާއަށް ޝާއިން ކަމުދިޔައެއްކަމަކު ވަކިއެއްޗެއް ނުބުނެ ހުރީ އޭނަގެ ދޮށީ ބޭބެއެވެ. އެހެންނަމަވެސް އެކަމާ އަޅާނުލުމަށް އިނާޔާ ވަނީ ބުނެފައެވެ. އެގުޅުން މަނާ ނުކުރަނީ އެއީ ރިޝްވާނަށް ވެސް ޝާއިން ކަމުދިޔައިމަ ކަމުގައި އިނާޔާ ބުންޏެވެ. ރޮޒޭން އުފަލުންގޮސް ހީވަނީ އުދުއްސައިގަނެދާނެހެންވެެ. ޝާއިންގެ ހިތަށްވެސް ހަމަޖެހުން ލިބިގެން ހިނގައްޖެއެވެ. ރަނގަޅު ދިރިއުޅުމެއް ހޯދުމުގެ ހުވަފެން އޭނަވެސް ބަލައެވެ. ރޮޒޭން ގެއަށް ގެންނަންވީ ވަގުތު ޖެހިއްޖެކަން އޭނައަށް ވިސްނުނެވެ. އެކަން ރޮޒޭންގެ ގާތުގައި ހާމަކުރުމުން އޭނަ ހުރީ ކެތްތެރިކަން ކުޑަވެފައެވެ. ޝާއިން އާއި އޭނަގެ އާއިލާ އާއި ބައްދަލުކުރާހިތުންނެވެ. އެންމެ އަވަހަށް އަންނަ ހުކުރު ދުވަހަކު ޝާއިން މެންގެއަށް ރޮޒޭން ގެންނާނަން ކަމުގައި އޭނަ ވައުދުވިއެވެ.

ޖެހިގެން އައިދުވެހެވެ. އެހެން ދުވަސް ދުވަހާއި ހިލާފަށް ޔޫހާ ތަންކޮޅެއްކުރިން ހެނދުނު ބަދިގެއަށްވަނީ މެންދުރުވާންވާއިރަށް ހުރިހާކަމެއް ނިންމާލުމަށް ގަސްދުކޮއްގެންނެވެ. ކިޔާންއަށް އޭނަ ގޮވައިގެން ޔޫހާ ބޭރަށް ދާންއުޅޭކަން އެނގުމުން އުފަލުންހުރެ ޔޫހާގެ ވަށައިގެން ފުންމަމުން ދިޔައެވެ. އޭނައަށް ދަނީ ކޮންތާކަށްކަމެއް ނޭގުނަސް އެހާ އުފަލެއްވެގެން އެއުޅެނީ ގޭން ބޭރަށް ނުކުމެވޭތީއެވެ. މާކުރިން ޔޫހާއަށް އޭނަ ލާނެ ހެދުމާއި އަރާނެ ބޫޓާ އެއްޗެހި ކިޔާދޭން ފެށިއެވެ.
ގަޑިން އެގާރަ ޖަހަން އުޅެނިކޮށް ޒައުލް ޔޫހާއަށް ގުޅިއެވެ. އައިސް އަލަމާރި މަތީގައި އޮތް ޒައުލް ޔޫހާއަށް ދިން ފޯނަށް ޔޫހާ ޖަވާބު ދިނުމަށްޓަކައި ނަގާ ކަންފަތުގައި ޖައްސާލިއެވެ. ޒައުލް އެދުނު ކަމަކުން ޔޫހާ ސިކުނޑި ސުވާލުން ފުރުނެވެ. އޭނަ އެދުނީ ހަވީރު ޔޫހާ އޭނަގެ ގެއަށް އަންނައިރު ކިޔާން ނުލާ އެކަނި އައުމަށެވެ. އަދި ގާޑަންވިއުގައި ވަރަށް އަވަދިނެތި އުޅެންޖެހުމާއިއެކު ޖަމާލްއަތަށް ކުޑަކުޑަ ހަދިޔާއެއް ދީފައި ޔޫހާގެ ގާތަށް ފޮނުވައިފިން ކަމަށެވެ.
"ޒައުލް، އަހަންނަށް އަހަރެންގެ ދިރިއުޅުމުން ކިޔާން ބޭރެއްނުކޮއްލެވޭނެ، ކީއްވެތަ އޭނަ ބަހައްޓާފަ ދާންވީ، ޒައުލްއަށް ކިޔާންއަކީ ދަރިއެކޭ ބުނަން ޖެހިލުންވިޔަސް އަހަރެން ފަހަކަށް ނުޖެހޭނަން އެހެންބުނާކަށް، އަހަރެންމީ އޭނަގެ މަންމައޭ، އެކަން އެކަކަށްވެސް އޮޅުވައެއްނުލެވޭނެ..." ޔޫހާ ޒައުލްގެ އެނިންމުމާއި ދޭތެރޭ ވަރަށް ހިތްހަމަނުޖެހުނެވެ.
"ޔޫހާ، ކިޔާން ބޭރުކޮއްލާކަށް އެކަކުވެސް ނޫޅެޔޭ، އެކަމަކު މިއަދު އަދި މާމަ އާއި ބައްދަލުވާއިރު ކިޔާން ގެންދަން ބޭނުންނުވަނީ، ކޮންމެ ގޮތަކުންވިޔަސް ކައިވެނި ކުރެވުނީމަ ދެން މާމައަށްވެސް ކުރެވޭނެ ކަމެއްނޯންނާނެ ދޯ ކިޔާން އާއި ޔޫހާ ގަބޫލުކުރުން ފިޔަވާ.... މިނޫން އެހެން ގޮތެއްނެތް" ޒައުލް މިހެން ބުނެލާފައި ފޯނު ބާއްވަން ޖެހުނީ އިތުރު މަސައްކަތެއް ޖެހިގެންނެވެ. ޔޫހާއަށް ބުނާނެ އެއްޗެއް ނޭގިފައި އިރުކޮޅަކު ފޯނަށް ބަލަހައްޓައިގެން ހުރެވުނެވެ. އަދި އަމިއްލައަށް ވާހަކަދައްކަންފެށިއެވެ.
"ބޮޑުމަންޒަރުން ކިޔާން އެއްފަރާތްވާނެ އެއްވެސް ގޮތެއްނެއް، މިއަދު ނޫނީ މާދަން ޒައުލްގެ މާމާއަށް ހުރިހާ ކަމެއް އެނގޭނެ، އޭރުންވެސް ރުޅިއަންނާނީ އަހަރެންދެކެ... އެގެއަށް ބޭރުންއަންނަ މީހަކަށްވާނީ އަހަރެންވިއްޔަ، އަދި އަމުދުން އެމީހުން ހުރިހާ ކަމެއް އަޅުވާނީ އަހަރެންގެ ބޮލުގަ...ނޫން، ނޫން...މިހާރުއްސުރެ އެމީހުންނަށް ހަގީގަތް އެނގެން ޖެހޭނެ، ޒައުލްއަށް ބުނަންނުކެރެންޏާ އަހަރެން އެމީހުންނަށް ތެދާއި ދޮގުވަކިކޮއްދޭނީ، ތަޤުދީރު އަހަރުމެން ދެމީހުން ދެވަނަ ފަހަރަށްވެސް ބައްދަލުކުރުވީ...ދެންވެސް މިންވަރުފުޅުގައިވަނީ އަހަރުމެން ދެމީހުންގެ ނަން އެކުގައިނަމަ...މިކައިވެނި ނުކުރެވިއެއްނުދާނެ..." ޔުހާ ބުނެލިއެވެ. އެވަގުތު ސިޓިން ރޫމުގައި ހުރި ކިޔާން ދުވެލާފައި އައިސް ޔޫހާގެ ފައިގައި ބައްދާލުމުން އޭނަގެ އިސްތަށި ގަނޑާ ލޯބިން ކުޅެލިއެވެ.

ކޮމެންޓް 0