މާޔޫސްކަން ވެރިވެފައި އިން ޔޫހާގެ ހިތަށް ފިނިކަން އިޙްސާސްވުމާއިއެކު ތުންފަތަށް ހިނިތުންވުމެއް ވެރިކުރުވީ ޒައުލްގެ ފޯންކޯލެވެ. އަދި އެފޯނުން އަޑުއިވުނު އޭނަގެ ދަރިފުޅުގެ ތުއްތު އަޑުންނެވެ. ޔޫހާ އެކިއެކި ސުވާލު ކުރިއެވެ. ކިޔާން އިނީ ވަރަށް ހިތްހަމަޖެހިފައިކަން އޭނަދެއްކި ވާހަކަތަކުން ޔޫހާއަށް އެނގުނެވެ.
"ހެލޯ...ކިހިނެއްތަ؟" ކުއްލިއަކަށް ދެން އިވުނީ ޒައުލްގެ އަޑެވެ. ޔޫހާގެ މެޔަށް ބާރުވެގެންދިޔަފަދަ އިޙްސާސްއެއްކުރެވިގެން ދިޔައެވެ. ޔޫހާ އިންތަނުން ތެދުވެ ކުޑަކޮށް އެއްފަރާތްވެލީ ކައިރީގައި އިން ސްޓާފަށް އޭނަ ފޯނުން ދައްކާ ވާހަކަ އަޑުއިވުނަ ނުދިނުމަށެވެ.
"ރަނގަޅު، ޒައުލް ކިހިނެއްތަ؟ " ޔޫހާ ޒައުލް ކުރި ސުވާލަށް ޖަވާބުދެމުން އެސުވާލު ޒައުލްއަށް އަނބުރާލިއެވެ.
"ވަރަށް ބިޒީކޮށް މިއުޅެނީ، ހޮޓެލަށް ދެވޭނެހެން ހިއެއްނުވޭ، މާމަ މާލެ ދުރުވެއްޖެ، ދޮންތަގެ ކައިވެނީގެ ކަންތައްތައް ހަމަޖެއްސުމަށް އަވަދިނެތި އުޅެނީ، މާމަ އެދިލެއްވީ ހުރިހާ ކުދިންވެސް ކައިވެނީގެ ކަންތައްތައް ނިމެންދެން އާއިލާ އާއިއެކު ހުރިހާ ވަގުތެއް ހޭދަކުރުމަށް، މިރޭވެސް ވަގުތެއް ނުވާނެ..." ޔޫހާ އިތުރު ސުވާލެއް ނުކުރިކަމުގައި ވިޔަސް ޒައުލް ހުރިހާ ކަމެއް ޔޫހާއަށް އަންގާލިއެވެ. އަދި އޭނަ އެހުރީ ޔޫހާ ދެކިލާހިތުންކަން ނުބުނިކަމުގައިވިޔަސް ޔޫހާއަށް އެއަޑުން ނަގައިގަނެވުނެވެ
"ޔޫހާ...އެބަހުރިންތަ، ކީއްވެ އެއްޗެއް ނުބުނީ...ހިތްހަމަ ނުޖެހިފަތަ" ޒައުލް ޔޫހާގެ ފަރާތުން އެއްވެސް ޖަވާބެއް ނައުމުން އަނެއްކާވެސް ވާހަކަދެއްކިއެވެ.
"ކަމެއްނުވޭ، ކޮންއިރަކުން ކިޔާން ގެއަށް ގެންދާނީ، އޭނަ ވަރަށް ވަރުހުންނާނެ އައިސްކްރީމް ބޯން އެކަމަކު މާގިނައިން ފިނިއެއްޗެހި ނުދެއްޗޭ އޭނައަށް" ޔޫހާއަށް ޒައުލްގެ ވާހަކަތަކަށް ދޭނެ ޖަވާބެއް ނޭގުމުން އަވަސް އަވަހަށް މަޢުލޫ ބަދަލުކޮއްލިއެވެ. ޒައުލް ހީލާފައި ޔޫހާ އެދުނު ގޮތަށް ކަންތައް ކުރާނެކަމުގައި ބުނަމުން ފޯނު ބާއްވާލާނެކަމުގައި ބުންޏެވެ. ޔޫހާގެ ތުންފަތަށް ރަކި ހިނިތުންވުމެއް ވެރިވުމާއިއެކު އަތުގައި އޮތް ފޯނުން ނިތްކުރީގައި މަޑުމަޑުން ޖަހާލުމާއިއެކު ދެފަރާތަށް ބޯހޫރުވާލިއެވެ. ޒައުލްގެ އަޑުއިވޭ ކޮންމެ ފަހަރަކު އޭނައަށް އެވާ ބުނެދޭންނޭގޭ ގޮތްތަކާއިމެދު ހުދު އޭނަވެސް ހިނިއައީއެވެ. އެއަސަރުތައް ފޮރުވަން މަސައްކަތްކުރިނަމަވެސް އެކަން ފަސޭހަކަމަކަށްނުވެއެވެ.

ގޭތެރެއިން ޒައުލްގެ އެއްވެސް ހިލަމެއްނުވުމުން ލާއިގާ އައިސް ޒައުލްގެ ކޮޓަރީގައި ޓަކިދިނުމަށްފަހު ކޮޓަރީގެ ދޮރު ހުޅުވާލިއެވެ. ކޮޓަރިތެރެއަށްވަނީ އަނދިރިކަމާއި ހިމޭންކަންވެރިވެފައެވެ. އެތަނުގައި މީހެއްގެ އެއްވެސް ހިލަމެއްނެއްކަން އެނގުމުން ލާއިގާ ދެންދިޔައީ އީލާކް ކޮބާތޯ ބެލުމަށެވެ. އޭނައަށް އީލާކް ފެނުނީ ލޫލުއާގެ ކޮޓަރިންނެވެ.
"އީލާކް، ދޮންބެ ގޭގައި ނޫޅެނީތަ؟" ލޫލުއާގެ ކޮޓަރި ދޮރުން ފިޔަވަޅެއް އެތެރެއަށްވަދެ ހުރި ލާއިގާ އަހާލިއެވެ. ލޫލުއާ އާއި އީލާކް އެއްފަހަރާހެން ޒައުލް ވީތަނެއް ނޭގޭކަމުގައި ބުންޏެވެ. 
"އެގެއަށް ގަޑިއަށް ދާންވާނެ، ލޫލުއާ ދަރިފުޅު ލާންވާނީ މާމަ ގެނައިތަނުން ހެދުމެއް...އީލާކް ދަރިފުޅުވެސް ވާނެ ގަޑިއަށް ތައްޔާރުވާން" ލާއިގާ ހިނިތުންވެލާފައި ހަނދާންކޮއްދޭފަދަ ގޮތަކަށް ބުނެލިއެވެ. އަދި އެކޮޓަރިން ނުކުންނަން ހިނގައިގަތެވެ. ޒައުލް ދިޔަތަނަކާއިމެދު އޭނަ ސުވާލު އުފެދިފައިވިއެވެ. ސަމަދުގެ އާއިލާ އާއި ބައްދަލު ކުރުމަށާއި ކައިވެނީގެ ފޯމު ފުރުމުގެ ކަންތައްތައް ނިންމާލުމަށް ލާއިގާވަނީ ރާވާފައެވެ. އެހެންވެ ޒައުލް ގާތުވެސް ގޭން ބޭރަށް ނުގޮސް މަޑުކޮއްލަ ދިނުމަށް ލާއިގާ އެދިފައިވަނިކޮށް އޭނަ ބޭރަށް ދިއުންވީ ލާއިގާއަށް ވަރަށް ބޮޑު ހައިރާންކަމެއް ވެރިކުރުވިކަމަކަށެވެ. ސިޓިން ރޫމު ސޯފާގައި އިށީނދެލައިގެން އިނީ ޒައުލް ގެއަށް އަންނަ އިރަކުން އޭނަ އާއި ކުރިމަތި ލުމަށެވެ. މަންސޫރު ދެއްކި ވާހަކަތަށް މަތިން ލާއިގާ ހަނދާންވީ ދެނެވެ. އޭނައަށްވެސް މިހާރު ޔަގީންވެއްޖެއެވެ. ޒައުލްއަށް ބަދަލުތަކެއް އަތުވެއްޖެކަމެވެ. ލާއިގާއަށް އިރުއިރުކޮޅާ ދޮރާ ދިމާލަށް ބަލާލެވެނީ ޒައުލް ކޮންމެ ވަގުތަކުވެސް އަތުވެދާނެއޭ ހީވެއެވެ.

ކިޔާން އުރާލައިގެން ޒައުލް ޔޫހާމެންގެއަށް ވަތްއިރު ފޮތެއް ހިފައިގެން ދިގު ސޯފާ ގޮނޑީގައި އަފްލީން އޮށޯވެލައިގެން އޮތްއިރު އޭނަގެ އަނގައިގައި ގަލަންއޮތެވެ. ގެއަށް މީހަކު ވަތްހެން ހީވެ އަފްލީން ދޮރާ ދިމާލަށް ބަލާލިއިރު ޒައުލް ކިޔާން ޓައިލްސްތަކުގެ މަތީ ބަހައްޓަނީއެވެ.
"އޯ...ހާއި..." އަފްލީން ފުއްމައިގެން ތެދުވަމުންބުނެލިއެވެ. ޒައުލް އަފްލީންއަށް ހިނިތުންވެލަމުން ކިޔާންގެ ކޮލުގައި ބޮސްދީފައި ދަނީކަމުގައި ބުންޏެވެ.
"ޑެޑީ ގުޅާނަންތަ ކޮއްކޮ ނިދާ ގަޑީގަ" ކިޔާން ޒައުލް އެނބުރިލި ވަގުތު އޭނަގެ ފައިގާ ބައްދާލަމުން ބުނެލިއެވެ. ޒައުލް ކުއްލިއަކަށް ހުއްޓެމުން ކިޔާންއަށް ބަލާލާފައި އޭނަގެ އިސްތަށިގަނޑުގައި ފިރުމާލިއެވެ.
"ހޫމް، ޑެޑީ ގުޅާނަން ފަހުން، ދެން ދޫކޮއްލާ ޑެޑީގެ ފައިން، ވަރަށް އަވަހަށް ޑެޑީ ގެއަށްދާންޖެހޭ...ދެން ދޫކޮއްލާ" މިހެން ބުނެ ޒައުލްގެ ފަޔާ ކިޔާން ވަކިކޮއްލަން މަސައްކަތްކުރިއެވެ.
"ކޮއްކޮ މަންމި ކީކޭ ބުނީ، ބަސްއަހާ ކުދިން ތިހެން އުޅޭނެތަ" އަފްލީން ސޯފާގެ ކުރިމަތީ ހުރި މޭޒުގައި އަތުގައި އޮތް ފޮތާއި ގަލަމާ ބާއްވާލަމުން ކިޔާންގެ ކައިރިއަށް ޖެހިލާ ކަމެއް ހަނދާންކޮއްދޭފަދަ ގޮތަކަށް ބުނެލިއެވެ. ކިޔާން އެއްފަހަރު އަފްލީންއަށް އަދި އަނެއްފަހަރު ޒައުލްގެ ހިނިތުންވެލައިގެން ހުރި މޫނަށް ބަލާލާފައި ޒައުލްގެ ފައިން ދޫކޮއްލިއެވެ.
"ސޮރީ...ކޮއްކޮ މީ ބަސްއަހާ ކުއްޖެކޭ..." ކިޔާން އަވަސް އަވަހަށް ހަށަމްބަދެލަމުން ބުނެލިއެވެ.
"ބާއި މައި ޕްރިންސް..." ޒައުލް ހީލާފައި މިހެން ބުނެ އެގެއިން ނުކުންނަން ހިނގައިގަތެވެ. އަފްލީން ކިޔާންގެ އަތުގައި ހިފައިގެން އެތެރެއަށްވަދެ ސިޓިން ރޫމު ދޮރުލެއްޕީ އިރުއޮއްސުނީމައެވެ. އަދި އެގެއަކީ މާގިނަ މީހުންތަކެއް އައިސްއުޅޭ ގެއަށްވެސް ނުވާތީ އާއިއެކުއެވެ. ވަރަށް މަދުން ހާލަކުން ފަހަރަކު ނޫނީ އަފްލީން އޭނަގެ ރަޙުމަތްތެރިންވެސް ގެއަށް ނުގެންނާނެއެވެ. ކިޔާން ގެއަށް ގެނެސްފިކަން އަފްލީން ޔޫހާގެ ފޯނަށް މެސެޖުކޮއްލިއެވެ.
ގޭޓުން ވަދެގެން އައި ޒައުލްއަށް މައިގެއަށް ދާމަގުގައި ދެކޮޅަށް ހިނގާލަ ހިނގާލަ ހުރި ޖަމާލް ފެނުނެވެ. ކޮންމެވެސް ކަމަކާ ޖަމާލް ކަންބޮޑުވެފައި ނޫނީ ޒައުލްގެ ގާތުގައި ވާހަކައެއް ބުނަން އުޅޭހެން އޭނައަށް ހީވެ ޖަމާލްއަށް ނިތްއަރުވާލީ ސުވާލުގެ ނަޒަރަކުންނެވެ.

"ކުޑަ ސާހަބް، ލާއިގާ މެޑަމް....ލާއިގާ މެޑަމް ވަރަށް ނުރުހިފައި ސިޓިން ރޫމުގައި އެބަ އިންނެވި، ކުޑަ ސާހަބް ކޮބާތޯ އަޅުގަނޑާއި ދެފަހަރު ސުވާލުވެސް ކުރައްވައިފި، ކުޑަ ސާހަބް..." ޖަމާލް ސިއްރު ސިއްރުން ވާހަކަދެއްކިއެވެ. ޒައުލްގެ މޫނުމައްޗަށް ހާސްކަން ވެރިވެގެންދިޔައެވެ. ލާއިގާ ގާތު ބުނާނެ އެއްޗަކާއިމެދު ވިސްނާލެވުނެވެ. އަނެއްކާވެސް އަނެއްދޮގު ހަދަންވީބާއޭ ހިތަށް އެރިއެވެ. ކައިރިކައިރީގައި ލަސްފިޔަވަޅުތަކެއް އަޅަމުން އިސްޖަހާލައިގެން ޖިންސުގެ ޖީބުގެ ތެރޭ ދެއަތްތިލަ ފޮރުވާލައިގެން ހުރެ މައިދޮރުން އެތެރެއަށް ޒައުލްވަނެވެ.
"ޒައުލް..." ލާއިގާގެ އަޑު ސިޓިން ރޫމަށް އަޅާލި ފުރަތަމަ ފިޔަވަޅުންވެސް އިވިގެންދިޔައެވެ. ހަރުކަށިކަމާއި ސުވާލުން ފުރިގެންވި ރާގެއްގައެވެ. އިސްޖަހާލައިގެން ޒައުލް ހުރި ފިޔަވަޅުމަތީ ހުއްޓުން އަރާފައި ހުރީ މާމަ ކުރާނެ ސުވާލު އެނގޭއިރުވެސް އެސުވާލަށް ޖަވާބު ދޭނެގޮތެއް ނޭގިގެންނެވެ.
"ކޮންތާކުން ތިއައީ؟ މާމައަށް ހީވަނީ ޒައުލްއަށް މާމަ މިއަދު ބުނިއެއްޗެއް ސާފުނުވާހެން، އެހެންވީމަ ދެވަނަ ފަހަރަށްވެސް މިބުނަނީ...ލޫލުއާގެ ކައިވެނީގެ ކަންތައްތައް ނިމެންދެން އޮފީހުގެ ކަންތައްތައް މަޑުޖައްސާލާފަ އެހަށް ގޭގައި މަޑުކުރޭ، މާމަ ބުނިންދޯ ކަމެއް ބޭނުންވެގެން މާމަ ގޮވާލާއިރު އަޑުއިވޭހާ ކައިރީގައި ހުންނައްޗޭ، އަނެއްކޮޅުން މިރޭ ހާޒިމްގެ އާއިލާ އާއި ބައްދަލު ކުރަން ދާން މިއުޅެނީ، އެގެއަށް ގެންދަން ހަމަޖެހިފައިވާ ހަދިޔާތައް ތައްޔާރުވެއްޖެތަ..." ލާއިގާ ސޯފާއިން ތެދުވެގެން އައިސް ޒައުލްގެ ކުރިމަތީ ހުއްޓެމުން ބުނެލިއެވެ. ޒައުލް މަޑުމަޑުން ހުރެ ބޯޖަހާލީ އާއެކޭ ބުނުމުގެ ގޮތުންނެވެ.
"ހޫމް...ދެން ދޭ ތައްޔާރުވާން، އަށެއްޖަހަންވާއިރަށް އެގެއަށް ދާންވާނެ..." ލާއިގާ މެޔާއިދިމާލުން ދެއަތްހުރަސްކޮއްލަމުން އަދިވެސް ނުރުހިފައި ހުރިގޮތަކަށް ބުނެލިއެވެ. އޭނަ އެތަށް ސުވާލެއް ޒައުލްއަށް ކުރަން ބޭނުންވިއެވެ. އެހެންނަމަވެސް ވަގުތާ ހާލަތުގެ ގޮތުން އެއްފަހަރާ އެފަދަ ސުވާލުތަކެއްކުރަން ލާއިގާ ބޭނުންނުވީއެވެ. އޭނަ ބޭނުންވަނީ ހަމަޖެހިލައިގެން ހުރެ މީގެ ކުރިންވެސް ޒައުލް އާއި ވާހަކަދައްކާ ކަންތައްތައް އޮޅުންފިލުވާ އުސޫލުން ހުރިހާ ކަމެއް ހޯދުމަށެވެ.

ހާޒިމްގެ އާއިލާވެސް ވަނީ ބޮޑު ތައްޔާރީތަކެއްވެފައެވެ. ލޫލުއާގެ އާއިލާ އެގެއަށް އަންނަންވާއިރަށް އާއިލާގެ ހުރިހާ ކުދިންނެއްހެންވަނީ ގޭގެ ސިޓިން ރޫމަށް ޖަމާވެފައެވެ. ފެންނަފެނުމަށް މިރޭ ކުރިއަށްދަނީ ހަމައެކަނި ކައިވެނިކުރާ ދެބައިވެރިންގެ ކައިވެނި ފޯމް ފުރުމުގެ ކަންތައްތައްކަމެއް ނޭގޭނެއެވެ. އެހެނީ ތައްޔާރީތަށް އެހާވެސް ފުރިހަމައީއެވެ. ސަމަދުގެ ގެއަކީ ބޮޑު ގޯއްޗެކެވެ. އެހެނީ މައިބަފައިންނަށް ލިބިފައިވާ ގޯތީގެ އިތުރުން އިންވެގެން ކަންމައްޗަށް އޮތް ގޯތިވެސް ސަމަދު އާއި އޭނަގެ ބޭބެ އާއި ދެމީހުންވަނީ ގަނެ ދެބިން އެއްކޮއްލާފައެވެ. ވީމަ ޖާގައިގެ ގޮތުން އެއީ ތަނަވަސް ފެންވަރުގެ ބޮޑު ގެއެކެވެ. ދެބެންގެ އާއިލާ އުޅެމުން އަންނަނީ އެކުގައި ހަމަޖެހޭ ދިރިއުޅުމެކެވެ.
"ނުސައިބް، ކޮބާތަ ކޮއްކޮ ނާއިފް، ހުރިހާ ކުދިން ފެންނަ އިރުވެސް އެކުއްޖާއެއް އަދި ލޮލަށް ފެންނަވަރެއްނުވޭ" ސަމަދު އޭނަގެ ބޭބެގެ ދަރިފުޅަށް ބުނެލިއެވެ.
"ބޮޑުބޭބޭ، ނައުފްގެ ވާހަކަ ނުދައްކާ، ޒިމްބެއަށް ކޮޓަރިން ނުނިކުމެވިގެން އެއުޅެނީ އެކުއްޖާޔާ ހެދި، އަދި ނުވިތާކަށް ރަނާ ކޮއްކޮވެސް އެބަހުރި އެތަނުގައި....މާމޮޅަށް ޒިމްބެގެ ހެއަރ ސްޓައިލް ހަދާދެނިއްޔޯ، އަޅުގަނޑު އަންނާނަން އަނެއްކާވެސް ބުނެފަ، މެހެމާނުން ދުރުވާގަޑި ގާތްވެސްވެއްޖެތާ ދޯ ބޮޑުބޭބޭ...އަންނާނަން އެހެންވީމަ" ނުސައިބް ހިނިއައިސްފައި ހުރެ ސޯފާގައި އިށީނދެލައިގެން އިން ސަމަދުއަށް ހާޒިމް އާއި އޭނަގެ ކޮއްކޮ ނާއިފްގެ ވާހަކަ އޮޅުންފިލުވާދިނެވެ. އޭނަ ހާޒިމްގެ ކޮޓަރިއަށް ހިނގައިގަތްއިރު ސަމަދުގެ ލުއި ހުނުމުގެ އަޑުއިވެމުންދިޔައެވެ. ގޭގެ އެންމެ ހަގުދެކުދިންނަކީ އެއީއެވެ. ވިހި އަހަރުގެ ނާއިފް އާއި އަށާރަ އަހަރުގެ ރަނާއެވެ. ދެކުދިންވެސް އަހަރުގެ ފަހުކޮޅުގެ ޗުއްޓީއަށް ކިޔެވުން ނިންމާލުމަށްފަހު އެވަނީ މާލެ އައިސްފައެވެ.
"ކޮބާ ނިމޭކަށް ނޫޅޭތަ؟" ނުސައިބް ހާޒިމްގެ ކޮޓަރީގެ ދޮރު ހުޅުވާލުމާއިއެކު ބުނެލިއެވެ.
"ސީ ހައު ހެންޑްސަމް ހީ އިސް" ރަނާ އުފަލުން އަތްތިލަބަޑި ޖަހާލަމުން ނުސައިބުއަށް ހާޒިމް ދައްކާލިއެވެ.
"ސާބަސް ތިދެމީހުންނަށް، ޒިމްބެ މިރޭ އެއުޅެނީ މެރީ ކުރާކަށްނޫނޭ...އެންޑް ޔޫ ޒިމްބެ، ތިހާ ވަރަށް އެމީހުންގެ ބަހަށް ހެއްލިގެން ތިހެދެނީ، ޔަގީން ޒިމްބެދައްތައަށް ނުކެރޭނެކަން މިރޭ ޒިމްބެ އާއި ދިމާލަށް ބަލާލަންވެސް، މާމަ އާއި ބައްޕަ އާއި ބޮޑުބޭބެ އާއި ހުރިހާ އެންމެން ތިބޭނެ..." ނުސައިބު އެއްއަތް ޖީބަށް ޖަހާލަމުން އޭނަގެ ސްމާޓްކަންމަތީ ބުނެލިއެވެ. ހާޒިމް ހީލާފައި އަދިވެސް އެއްފަހަރު ލޯގަނޑުން ބަލާލިއެވެ. އަދި ނުސައިބު އެބުނި އެއްޗަކާއިމެދު އޭނައަށްވެސް ވިސްނާލެވުނެވެ. ހަގީގަތުގަ އޭނަވެސް އެވަނީ ފިނިވެފައެވެ. ދެއާއިލާ ބައްދަލުވުމާއި ކައިވެނީގެ ވާހަކަތައް ދެކެވޭ ވަގުތުތަކުގައި އޭނަވެސް ލަދުގަނެ ފިނިވާގޮތްވެއެވެ. ވީއިރު ލޫލުއާއަށް ވާނީ ކިހިނެއްހޭ އޭނަގެ އަމިއްލަ ޒަމީރު ސުވާލުކުރިއެވެ.
"ކޮބާ ނުކުންނަންވީނު ދެން، މިހާރު މެހެމާނުން އެބަދުރުވޭ، ބޮޑުބޭބެ އައްސަވައިފި ނައުފް ކޮބާތޯވެސް، އަދި ޒިމްބެ ނުކުންނާނެ އިރެއްގެ އިންތިޒާރުގައި ބޭރު ސޯފާގައި އެބައިންނެވި" ނުސައިބް އިޙްތިރާމާއިއެކު ވާހަކަދެއްކިއެވެ.
"ހިނގާ ދަމާ" ފުންނޭވާއެއްލި ހާޒިމް ލޯގަނޑާއި ނަޒަރުވަކި ކޮއްލަމުން ނުސައިބު އާއި ދެންތިބި ކުދިންނަށް ބުނެލިއެވެ.
ގޭގެ އަންހެންވެރިން ސުފުރާމަތިވަނީ ފަޅުފިލުވާލާފައެވެ. އެންމެން އިންތިޒާރު ކުރަމުންދިޔައީ މަންސޫރުގެ އާއިލާ އެގެއަށް އަންނާނެ އިރަކަށެވެ. ގޭގެ ބޮޑު ދޮރުގެ ކައިރީ ރަނާ އާއި ގޭގައި ގެންގުޅޭ ކުއްޖެއް މަޑުކޮއްލައިގެން ތިއްބެވެ. ގިނައިރެއްނުވެ އެދެމީހުން ދުވަމުން ގޭތެރެއަށްވަދެއްޖެއެވެ.
"ދޭ އާރ ހިއަރ...ޒިމްބެ ދައްތައަތުވެއްޖެ" ރަނާ އުފަލުން ރޮއެގަތެވެ. ޒިމްބެދައްތައަކީ ގޭގެ ހާޒިމްގެ ވާންއުޅޭ އަނބިމީހާއަށް އޭނަގެ ހަގަށް އެގޭގައި އުޅޭ ކުދިން ކީނަމެވެ. އެހެނީ އެކުދިން ފެށުނީއްސުރެންވެސް ހާޒިމްއަށް މުހާތަބުކުރަމުން ދިޔައީ ޒިމްބެގެ ނަމުގައި ކަމަށްވާތީ އެނަމާއި އޭނަގެ ވާންއުޅޭ އަނބިމީހާ އާއި ގުޅުވާލީއެވެ. ހާޒިމްއަށް ހާސްކަމާއިއެކު އޭނަގެ ސްޓައިލްކޮއް ހަދާލެވިފައިވާ މަތިމަހާ ތުނބުޅީގައި އަތްހާކާލެވުނެވެ. އަދި މަންސޫރުގެ އާއިލާ ގެއަށް ވަނުމުގެ ކުރިން ކައިރީގައި ހުރި ސޯފާގައި އިށީނދެގެން އިން އޭނަގެ ބައްޕަ ސަމަދު ތެދުވުމަށް އެހީތެރިވެދިނެވެ.
"އައްސަލާމް އަލައިކުމް" ލާއިގާގެ އަޑުއިވިގެންދިޔައެވެ. އޭނަގެ މޫނުމަތީގައިވަނީ އާދަޔާއި ހިލާފު އުފާވެރިކަމެކެވެ. އެދެލޯވެސް މިރޭ ހިނިތުންވެލާފައިވާކަހަލައެވެ. އޭނަގެ ކަނާތްފަރާތުގައި މަންސޫރު ހުއްޓެވެ. އެމީހުންގެ ފަހަތުން ލޫލުއާއި އީލާކް އާއި ޒައުލް ވަނެވެ. ހާޒިމްގެ އާއިލާގެ ޒުވާން އަންހެން ކުދިންގެ ލޮލުގައި ޒުވާންކަމުން ފުރިގެންވި ޒައުލް އަޅައިގަތެވެ. ވަރުގަދަ ޝަހުސިއްޔަތާއި އޭނަގެ އެހެރަ ޖާދުވީ ހަރަކާތްތަކާއި ކަންތައްތައް ކުރުމުގެ ވައްޓަފާޅިއެވެ. ލޫލުއާ ލަދުވެތިކަމުން ފުރިގެންވި ހިނިތުންވުމެއް ދެމުންދިޔައިރު އީލާކްވަނީ ދަތްތައް ފެންނަވަރަށް ހެވިފައެވެ. އެއާއި ހިލާފަށް ޒައުލް މާބޮޑަށް ހިނިތުންވާތަނެއް ނުފެނެއެވެ. އެހެންނަމަވެސް ހިނިތުންވެއެވެ. އެދެލޮލުން އުފާވެރިކަމެއްވެސް އަދި އުދާސްކަމެއްވެސް ނުފެނެއެވެ. ހުރިހާ ކަމެއް މެދުމިންގަޑެއްގައި ބެހެއްޓުމަށް އޭނަ ބޭނުންވަނީކަންނޭގެއެވެ. ސަމަދުގެ އާއިލާ މަންސޫރުގެ އާއިލާއަށް ހޫނު މަރުހަބާއެއް ކިޔެވެ.

ކޮމެންޓް 0