ކާރުގެ ތެރޭގައި އިން ޒައުލް ހިތްހަމަޖެހިފައިވިޔަސް ކޮންމެވެސް ވަރެއްގެ ހާސްކަމެއް އޭނަގެ މޫނުމަތިން ފެންނަމުން ދިޔައެވެ. އޭނަގެ ފައި އިރުއިރުކޮޅާ ތަޅުވާލައެވެ.
"ކުޑަ ސާހަބް، އެގޭ ދޮރު ކުރިމައްޗަށްތޯ މަޑުކުރަންވީ؟" ޖަމާލް ޔޫހާ މެންގޭ މަގަށް އަޅާލަމުން ބުނެލި އެވެ.
"ދޮރުމަތީ ކާރު ބޭއްވުމުން ދުއްވާއެއްޗެއްސަށް އުނދަގޫވެދާނެ، ރަނގަޅުވާނެ އެގޭ ކައިރީ މަގުގެ އެއްފަރާތެއްގައި ޕާކުކޮއްލުން" ޒައުލް ބުނެލިއެވެ. ޖަމާލް ޔޫހާ މެންގެއާއި މާދުރުނޫން ހިސާބެއްގައި ކާރު މަޑުކޮއްލުމާއިއެކު ޒައުލްއަށް ބަލާލި އެވެ. އަދި ކިހިނެއްތޯ ދެން ހަދަންވީ ސުވާލުކުރި އެވެ.
"ފަހަތުގަ އެހެރަ ހުރިހާ އެއްޗެއް ހިފައިގެން އެގެއަށްވަދޭ، ބުނޭ އަހަރެން ފޮނުވައިގެންނޭ" ޒައުލް ހާސްކަމާއިއެކު އަވަސް އަވަހާ ވާހަކަ ދެއްކި އެވެ.
ދޮރުމަތިން މީހަކު ސަލާމްގޮވާލި އަޑަށް ބަދިގޭގައި ކައްކަން އުޅުނު ޔޫހާ ނުކުތެވެ. ދޮރުމަތީ ހުރި މީހަކު ޔޫހާއަށް ވަކިވާގޮތްނުވީ އޭނަގެ އަތުގައި އޮތް ބޮޑު މާބޮޑިއާއި ދެވަރުގެ ދެ ޕާރުސަލްއިން މޫނު ނިވާވެފައި ހުރީތީއެވެ. ޔޫހާ ސަލާމް ބަލައިގަންނަމުން ކީއްކުރާ މީހެއްތޯ ސުވާލުކުރި އެވެ.
"މެޑަމް، އަޅުގަނޑު، ޖަމާލް... ކުޑަސާހަބް ފޮނުވައިގެން..." ޖަމާލް އަތުގައި ހުރި އެއްޗެހިތަށް ނުވެރޭނޭހެން މަޑުމަޑުން އަތުގައި އޮތް ކާޑު ދިއްކޮއްލި އެވެ.
"ޖަމާލް، ތިގެނައި ތަނަކަށް ތިގެންދޭ، އަހަރެން ތިތަނުން އެއްވެސް އެއްޗެއް ބޭނުމެއް ނޫން، އަހަރެންގެ ދަރި ނުބެލިގެން އަދިއެއް ނޫޅެން، އެހެންނޫނަސް ނުބެލިގެންނޭ ކިޔާފަ ޒައުލް ކައިރީ ކަމަކު ނޭދޭނަން" ނިތަށް ރޫއަރުވާލަމުން ޔޫހާ ބުނެލިއެވެ.
"މަންމީ، ކޮއްކޮއަށްތަ؟" ޓީވީގެ ރިމޯޓް ހިފައިގެން ސޯފާގައި އޮތް ކިޔާން އަހާލިއެވެ. އަދި ޝައުގުވެރިކަމާއިއެކު ބޭރުން އައިސް ހުރި މީހާއަށް ބަލަން އިނެވެ.
"އެއީ ކޮއްކޮގެއެއްނޫން... ޖަމާލް، ޕްލީޒް... ޓޭކް ދެޓް ބެކް" ޔޫހާ އެއްވެސް އެއްޗެއްގައި ހިފުމަކާއިނުލާ ބުންޏެވެ. ޖަމާލްއަށް އެއެއްޗހި ހިފައިގެން އެނބުރި ދިއުން ނޫންގޮތެއް ނެތެވެ.
ކާރުގައި ޔޫހާ މެންގެއާއި ދިމާލަށް ނަޒަރު ހުއްޓާލައިގެން އިން ޒައުލްއަށް ޖަމާލް ފެނުމުން ހަރަކާތް އަވަސްކޮއްލުމާއިއެކު ކާރުން ފައިބައިފި އެވެ. ޖަމާލްއަށް އެއްޗެއް ބުނާކަށް ނުޖެހުނެވެ. ވީގޮތެއް ޒައުލްއަށް އެނގިއްޖެއެވެ. އޭނަ މަގުގެ އަނެއް ފަރާތުގައި ހުރި ޖަމާލްގެ ގާތަށް ދިއުމަށް ހިނގައިގަތެވެ. ޖަމާލްއަށް ވެސް ޒައުލް އަންނަތަން ފެނުމުން ހުއްޓެވުނެވެ. ޒައުލް އެއައިގޮތަށް އައިސް ޖަމާލްގެ އަތުގައިވި އެއްޗެހި ނަގައިފިއެވެ. އަނގައިން ބުނުމެއްނެތި އޭނަ ޔޫހާމެންގޭ ތެރެއަށްވަދެގެން ގޮސްފި އެވެ.
ސޯފާއިގައި އޮށޯވެލައިގެން އޮވެ އެއްވަރަކަށް ޓީވީގެ ޗެނެލްތައް ބަދަލުކުރަމުން ދިޔަ ކިޔާންގެ އަތުން ރިމޯޓްވެއްޓުނެވެ. އަވަސް އަވަހަށް ޔޫހާއަށް ގޮވާލީ ދޮރުމަތީ ހުރި މީހާ ފެނުމުންނެވެ.
"ކޮން އަޑެއް އެއިވުނީ... އާދެބަލަ މަންމަ ކައިރިއަށް" ޔޫހާ އެތެރެން ބާރަށް ބުނެލި އަޑުއިވުނެވެ. އެހެންނަމަވެސް ކިޔާންގެ ޚަބަރެއް ނުވުމުން އޭނަ ކުރަންހުރި ކަންތަކަށް ސަމާލުވި އެވެ. ކިޔާން ހުރީ ސޯފާގައި ކޮއްޅަށެވެ. ދޮރުން ވަތްމީހާ ސޯފާކުރިމަތީ ހުރި ކުޑަމޭޒުގެ މަތީ އޭނަ ގެނައި ހުރިހާ އެއްޗެއް ބެހެއްޓިއެވެ. އެހިނދު ކިޔާންއަށް ޒައުލް ފެނުމުން އޭނަގެ މޫނުމަތިން ފާޅުވެގެން ދިޔައީ ބިރުވެރި ކަމެވެ. އެކަން ޒައުލްއަށް ނަގައިގަނެވުނެވެ. ކިޔާން ސޯފާއިން ފުއްމާލައިގެން ދުވެފައި ޔޫހާ ހުރިދިމާލަކަށް ދާން އުޅެގެން ހިނދު ޒައުލް ކިޔާންގެ އަތުގައި ހިފާ އޭނަގެ ގާތަށް ގެނެއެވެ.
"ކިޔާން، މީ ކިޔާންއަށް ގެނައި ހަދިޔާއެކޭ" ޒައުލް ކިޔާންގެ ގައިގާ ހިފަހައްޓާލައިގެން ހުރެ ސޯފާގައި އިށިންނަމުން ބުނެލިއެވެ. އެހެންނަމަވެސް ކިޔާން އެއްވެސް އެއްޗެއް ނުބުންޏެވެ. ޒައުލްގެ އުނގުތެރެއަށް ވަދެހުރި ކިޔާންއަށް އޭނަ ބަލާލީ ވަރަށްވެސް ލޯބިންނެވެ. ހިތާހިތާ އެކުއްޖާ ވައްތަރީ ހަމަ އޭނައާއިއޭ ބުނެލަމުންނެވެ.
"ކޮބާ މަންމަ؟" ޒައުލްގެ ބޮޑު ދެ އަތްތިލާގެ ތެރޭ ކިޔާންގެ ކުޑަކުޑަ ދެއަތްތިލަ ހިފަހައްޓާލަމުން އަހާލިއެވެ. އެއާއިއެކު ކިޔާން ޒައުލްގެ އަތުގެ ތެރެއިން އެއްއަތްނަގާ ގޭތެރެއަށް އިޝާރާތްކޮއްލި އެވެ.
"ތީ ގޯސް ބޭބެއެއްތަ" ކިޔާން ޒައުލްއާއި ދިމާލަށް ބަލަހައްޓައިގެން އިރުކޮޅަކު ހުރުމަށްފަހު ބުނެލިއެވެ. ކިޔާން ބުނިއެއްޗެއް އަޑުއިވުމާއިއެކު ޒައުލްގެ ގާތަށް ހިނިއައެވެ.
"ނޯ، މީ ގޯސް ބޭބެއެއް ނޫން، ގޯސް ބޭބެއެއް ވެއްޖެއްޔާ ކިޔާންއަށް ހަދިޔާއެއް ނުގެނެސްދޭނެއެއްނު" ޒައުލް ކިޔާން ނަގާ އޭނަގެ ފައިމަތީ ބައިންދާލަމުން ބުނެލިއެވެ.
"މި ޕްރެޒެންޓްވެސް، މި ޕްރެޒެންޓްވެސް..." ކިޔާންއަށް ލިބުނު ހައިރާންކަމާއިއެކު ދެ ލޯ ބޮޑުކޮއްލަމުން އަހާލިއެވެ. އަދި ޒައުލްއަށް ފަހަރަކު ޕާރުސަލެއް ދައްކާލަމުން އެއީ ހުސް އޭނައަށް ގެނެސްދިން އެއްޗިހިތޯ ޔަގީންކުރަން ބޭނުންވިއެވެ. 
"އެންމެ ބޮޑު ޕްރެޒެންޓް ކިޔާންއަށް، ދެން އޮތް ޕްރެޒެންޓް މަންމައަށް" ޒައުލް ކިޔާންއަށް ބަލަހައްޓައިގެން އިނދެ ބޯޖަހާލަމުން ހިނިތުންވެލާފައި ބުނެލި އެވެ. އަދި އެންމެ ބޮޑު ޕާރުސަލް ނަގާ ކިޔާންގެ ގާތުގައި ބެހެއްޓިއެވެ.
"ކިޔާންގެ ޑެޑީ ކޮބާ؟" ކިޔާން އޭނަގެ ގާތުގައި ހުރި އިސްކޮޅުވަރުގެ ބޮޑު ޕާރުސަލަށް ޝައުގުވެރިވި ވަގުތު ޒައުލް އަހާލިއެވެ.
"ކޮއްކޮގެ ޑެޑީއެއްނެއް" ވިސްނުމަކާއިނުލާ ކިޔާން އެހެން ބުނެލިއިރު އޭނަ ބުނިއެއްޗަކަށް މާބޮޑު ފިކުރެއް އޭނަގެ ނެތެވެ.
"ކޮންމެ ކުއްޖެއްގެ ވެސް ޑެޑީ ހުންނާނެއެއްނު، ކިޔާންގެ ޑެޑީ ކޮބާ؟ މަންމި ގާތުން ނާހަންތަ" ޒައުލް އަނެއްކާވެސް ކިޔާން އާއި ސުވާލުކުރިއެވެ.
"މަންމި ބުނީ ކޮއްކޮގެ ޑެޑީއެއް ނުހުންނާނެއޯ، މަންމި ދެރަވާނެ ޑެޑީގެ ވާހަކަ ދައްކަންޏާ" ކިޔާން ދެރަވެލާފައި ބުނެލިއެވެ. ޒައުލް އިރުކޮޅަކު ވިސްނާލި އެވެ. ކީއްވެކަމެއް ނޭގެއެވެ. ކިޔާން ގެނެސް މޭގައި ބޮނޑިކޮއްލަމުން އޭނަގެ ބޮލުގައި ބޮސްދީފި އެވެ. އޭނަގެ ހިތް ހަމަ އެގޮތަށް ކަންތައްކުރުމަށް ބޭނުންވީއެވެ.
"ކޮއްކޮގެ ޑެޑީ އެބަހުއްޓޭ، މީ ކޮއްކޮގެ ޑެޑީއަކީ" ޒައުލް ކިޔާންގެ މޫނުގަ އާއި ދެއަތްތިލާގައި ބޮސްދެމުން ބުނެލިއެވެ. ކިޔާންއަށް ނޭގޭ ހައިރާންކަމެއް ވެރިވެގެން ދިޔައެވެ.
"ޒައުލް..." ޔޫހާގެ ރުޅިވެރިކަން އެކުލެވިފައިވި އަޑު މުޅިގޭތެރޭ ގުގުމައިގެން ދިޔައެވެ. ޔޫހާ އެތަނަށް އައީ ގޭތެރޭގައި ކިޔާން މީހަކާއި ވާހަކަ ދައްކާހެން ހީވެގެންނެވެ. ކިޔާންގެ އިތުރުން ޒައުލްއަށް ވެސް ޔޫހާގެ އަޑުން ސިހުމެއް ގެނުވިއެވެ. ކިޔާން ހުރީ ވާނުވާނޭގި ހަދަންވީ ކިހިނެއްކަން ވެސް ނޭގިފައެވެ. ޒައުލްގެ އުރުގެތެރެއިން ނުކުމެ ޔޫހާގެ ކައިރިއަށް ދާންވީކަން ވެސް އޭނައަކަށް ނޭގުނެވެ.
"މިގެއަށް ނާންނާށޭ ބުނީމަވެސް، ކަލޭގެ ދަރިއެއް ނުހުންނާނެއޭ މިބުނަނީ، ކިހިނެއްވެގެންތަ ތިއުޅެނީ، އަތުގަ ފައިސާ ގިނަވީތަ.... ބުނަން މަމީ ކުޑަކުއްޖެއް ނޫން ކޮންމެހެން ކުލަކުލައިގެ ދަޅައަޅާ ކަރުދާހުގަ އެއްޗެހި ޕެކުކޮއްގެން ގެނެސްދިނީމަ ހެވިފަ ހުންނާކަށް، ކިޔާން އާއި ޒައުލް ގާތްވާކަށް އަހަރެން ބޭނުމެއްނޫން، ޒައުލްގެ ތި މިނިވަން ހަޔާތަށް މަރުޙަބާ، އެކަމަކު އަހަންނާއި އަހަރެންގެ ދަރިފުޅާއި ގާތްވާން މަސައްކަތް ކުރާނެކަމެއްނެއް..." ޔޫހާ އެއް ނޭވާއިން އެތަށް އެއްޗެއް ޒައުލް އާއި ދިމާލަށް ބުނެލިއެވެ. އަދި ނުވިތާކަށް ޒައުލްގެ އުރުގައި އިން ކިޔާންގެ އަތުގައި ހިފާ ދަމަމުން ކަހަލަ ގޮތަކަށް ގޮވައިގެން އައިސް ޒައުލް އާއި ވީހާވެސް ދުރުގައި ހުއްޓުނެވެ.
"ޔޫހާ ކީއްވެތަ ރުޅި އަންނަނީ، އަހަރެން މިއައީ ޒުވާބު ކުރާކަށް ނޫނޭ... ޕްލީޒް، އަހަރެން ދައްކާ ވާހަކަ އެހަށް އަޑުއަހާލަބަލަ، އަހަރެން ނޫޅެން ކިޔާންގެ ޓެސްޓެއް ހަދާކަށް، އެންމެ ރަނގަޅެއްނު، އެކަމަކު އަހަރެން ގަބޫލުކުރަން އެއީ އަހަރެންގެ ކުއްޖެއްކަން... އަހަންނާ ކިޔާން އާއި އެއްވެސް ތަފާތެއްނެއް، އަހަރެންގެ ޅައިރުގެ ތަސްވީރަކަށް ދިރުން ލިބިފައިވާފަދަ... ގަބޫލު ކުރަން ދަތި، އެކަމަކު އަހަރުމެން ދެމީހުންގެ މެދުގައި ގުޅުމެއް ނުހިނގާކަމަކަށްވެސް ނުވާނެ... ޕްލީޒް ޔޫހާ، އަހަރެންގެ މުއްސަނދިކަން ދައްކާކަށް ނޫނޭ މިއައީ..." ޒައުލްގެ އަޑުގައާއި ހަރަކާތްތަކުގައިވަނީ މަޑުމައިތިރި ކަމެވެ. އޭނަ މަޑުމަޑުން އައިސް ޔޫހާގެ އަތުގައި ދެފަރާތުން ހިފާލިއެވެ. ޒައުލްގެ އަތް ޔޫހާގެ ހަށިގަނޑުގައި ޖެހިލުމާއިއެކުހެން އޭނަ ސިހިގެންދިޔަ އެވެ. ނިތަށް އަރާފައިވާ ރޫތައް ވެސް މަޑުމަޑުން ފިލައިގެންދިޔަ އެވެ. މޫނުމަތީގައިވި ރުޅިވެރިކަން ފިލައިގެންގޮސް މުޅި މީހާ ފިނިވެގެންދިޔަ އެވެ. ހަރުކަށިވާން ބޭނުންވެފައިވި ޔޫހާ ޒައުލްގެ އަތުގެތެރޭ މަޑުކަފަކޮޅަކަށްވެގެންދިޔަ އެވެ.
"ޒައުލް... ނޫން، ނޫން، އަހަރެން ބޭނުމެއްނޫން... ކިޔާންއަކީ ހަމައެކަނި އަހަރެންގެ ދަރިއެއް" ޔޫހާގެ އަޑު މިފަހަރު ބާރެއްވެސް ނުވިއެވެ. ޒައުލް ޔޫހާގެ މޫނުގައި ހިފާ އެ ރީތިކަމުން ފުރިގެންވި ލޮލާ ލޯ އަމާޒުކޮއްލި އެވެ.
"ކީއްވެ، ކިޔާން އަކީ އަހަރެންގެ ދަރިއެއް، އެދަރިފުޅުގެ ގައިގާ ހިނގަނީ އަހަރެންގެވެސް ލޭ، އަހަންނާ ނުލައެއް ނޫނެއްނު ޔޫހާއަށް އެދަރިފުޅު ލިބުނީކީ" ޒައުލްގެ އަޑުވެސް މަޑުވެ ޖަޒުބާތީ އޮއެވަރުތަކެއް އެ ހިތުގައި ވެސް އުފެދެންފެށި ކަހަލައެވެ.
"މިހާރުތަ ދަރިފުޅޭ ކިޔާފަ އަންނަންވީ... ކިހާ އޮޅުވާލުމެއް ޒައުލް އަހަންނަށް އޮޅުވާލި، ކިތަށް ދޮގު އަހަރެން ކައިރީ ހެދި... އެވަރުންވެސް ނުފުދުނު، އަހަރެން ކޯއްޗެއް ޒައުލްއަށްޓަކައި ނުދެނީ، މިހަށިގަނޑުވެސް ޒައުލްއަށް ވެދުންކުރީ އުފަލުންހުރެ... އަދި އަދަށްވެސް ތިނޫނީ މިހަށިގަނޑުގަ އެފަދަ ބީހުމަކުން އިތުރުމީހަކު ބީހިފާނުވާނެ، އަހަރެންގެ ހިތަށް ކުރާނެ އަސަރާ އަހަރެންގެ ލޮލުން ކަރުނައެޅި ރޭތައް އަނބުރާ ޒައުލްއަށް ދެވޭނެތަ، ބުނެބަލަ ދެވޭނެތަ.... އަހަރެންގެ ގައިގައޭ އެމީހުން ތެޅީ... އެހުރިހާ އެންމެންގެ ތެރޭ އަހަރެން ގަތް ލަދާ އަހަރެންގެ މަންމަ ރުއި ރުއިމާ، އާއިލާއަށް ލިބުނު ހަޑިނަމާ އާއިލާ ލަދުގަތްވަރު.... އަހަރެންނާ މިހިރަ ދަރިފުޅަށް އެމީހުން ކުރި މަލާމާތް... އެހުރިހާ ކަމަކާ ކުރަމަތިލީ އަހަރެން އެކަނިމާއެކަނި، ޒައުލް އެއްފަހަރުވެސް އަހަރެންގެ ހާލު ބަލާލިންތަ، އަހަރެން އެކަނިވީވަރު، އަހަރެން ބިރުގަތްވަރު... ދުނިޔެއާއި އަހަރެން ކުރިމަތީ ކިހިނެއްކަންވެސް އެނގޭތަ..." ޔޫހާއަށް ގިސްލާފައި ރޯން ފެށުނެވެ. އެހިތުގައި ފޮރުވަން މަސައްކަތްކުރި ހުރިހާ ރުޅިވެރިކަމަކާއި ވޭނާއި އާހު އެ ދުލުން ނުކުތީ އެއްވެސް ހިފެހެއްޓުމެއްނެތި އެވެ. ޔޫހާ ޒައުލް ދުރަށް ކޮއްޕާލި އެވެ. އޭނަގެ ހިތާ ސިކުނޑި ފަޅައިގެންދާން އުޅުނުކަހަލައެވެ. ކުޑަކަކޫ މައްޗަށް ތިރިވި ޔޫހާގެ ގާތަށް އައި ކިޔާންގެ ގައިގާ އޮޅުލައިގަންނަމުން ޔޫހާ ރޮމުން ދިޔައެވެ. ޒައުލްއަށް ވީގޮތްވެސް ނޭގުނެވެ. ޔޫހާގެ ރުއިމުގައި އޭނަގެ ހިތްވެސް ބައިވެރިވިކަހަލައެވެ. މަޑުމަޑުން އައިސް ޔޫހާގެ ގާތުގައި ކުޑަކަކޫޖަހާލަމުން ޔޫހާގެ ބޮލުގައި ފިރުމަންފެށިއެވެ. ފޮރުވުމެއްނެތި ބާރަށް ރޮމުންދިޔަ ޔޫހާގެ ހިތަށް ކޮއްފައިވާ އަސަރު ޒައުލްއަށް މީހަކު ކިޔާދޭކަށް ނުޖެހުނެވެ. އެވަގުތު އޭނާގެ ހިތަށް ހަންޖަރުގެ އެތިފަހަރެއް އައިނަމަވެސް އެވޭންވެސް މިވަގުތު އޭނައަށް އިޙްސާސް ކުރެވެމުންދިޔަ ވޭނަށްވުރެ ކުޑަވާނެކަން ގައިމެވެ. ޔޫހާގެ ހިތުގައި ޖެއްސިފައިވަނީ ކޮންފަދަ ދަރަޖައަކަށްކަން އޭނައަށް މިއަދު އެނގިއްޖެއެވެ. ޒައުލްގެ އެހުރިހާ އޮޅުވާލުމާއި ދިން ވޭނަށްފަހު ވެސް އަދިވެސް ޒައުލްދެކެ ޔޫހާ ލޯބިވާކަން ވެސް އެހިތަށް އިލްހާމްވެގެންދިޔަ އެވެ.
"އައި އެމް ސޮރީ... ޕްލީޒް، ޔޫހާ... އަހަންނަށް މާފުކުރޭ، އަހަންނަށް މާފު ކުރޭ، އެރެއަކީ އަހަރެންގެ ދިރުއުޅުން ވެސް ބަދަލުކޮއްލި ރެއެއް، އަހަރެން ހުރީ ޔޫހާ އާއިއެކު އެފަދަ ގުޅުމެއް ހިންގާކަށް ނޫން، އެކަމަކު އެރޭ އެހެންކަންތައް ދިމާވީ، ޔޫހާ އަހަރެން ހުއްޓުވިނަމަ... އަހަރެން ކިހިނެއް މާޒީގެ އެދުވަސްތައް އަނބުރާ ހޯދަދޭނީ، އެކަންތައްތައް ބަދަލުކުރާނީ ކިހިނެއް" ޒައުލް ޔޫހާ އާއި ކިޔާން އެއަތުގެ ތެރެއަށްލަމުން ހިފަހައްޓާލި އެވެ. ބޭއިޙްތިޔާރުގައި ޔޫހާއަށް ޒައުލްގެ މޭގައި މޫނުޖައްސާލެވުނެވެ. އަދި ރޮމުން އޭނަގެ ގަމީހުގައި ބާރަށް ހިފާލެވުނެވެ. އިރުގަނޑަކު އެހެން އިނުމަށްފަހު ޔޫހާ ދުރަށްޖެހި ޒައުލްއަށް ބަލާލިއެވެ. ޒައުލްގެ ގަމީހުގެ މޭމަތިވަނީ ކޮންމެވެސް ވަރަކަށް ތެމިފައެވެ.
"ދެން ދޭ ޒައުލް" ޔޫހާ ލޯ ފޮހެލަމުން ތެދުވެ ޒައުލްއަށް ފުރަގަސްދީފައި ބުނެލިއެވެ. އޭނަގެ އެމޫނު އިތުރަށް ޒައުލްއަށް ދައްކަން ބޭނުންނުވީ ކަންނޭގެއެވެ.
"ކިޔާން... މީ ދަރިފުޅުގެ ޑެޑީއޭ، މަންމި ގާތުބުނޭ ދެން ނުރޯށޭ، ޑެޑީ އަތުވެއްޖައިމޭ، ޑެޑީ ޓްރަސްޓް ކުރަމޭ މަންމިއަށް" ޒައުލް ކިޔާން އުރާލަމުން ޔޫހާއާއި ގާތްވެލާފައި ބުނެލި އެވެ.
"ޒައުލް، ދެން ދޭ، ކިޔާންގެ ބައްޕައެއް ނުހުންނާނެ" ޔޫހާ ގިސްލެވިފައިވާ އަޑަކުން ބުނެލިއެވެ.
"އެހެން..." ޒައުލް އެއްޗެއް ބުނަން އުޅުނުވަގުތު ފޯނު ރިންގުވިއެވެ. އެއްއަތުން ކިޔާން ހިފަހައްޓާލައިގެން ހުރެ ފަޓުލޫނު ޖީބުން ފޯނުނަގާ ބަލާލިއެވެ.
"ހެލޯ، އަހަރެން ވަރަށް ބިޒީ" ފޯނު ނެގުމާއިއެކު ޒައުލް ބުނެލިއެވެ.
"ޒައުލް، އެކެއްގެ މީޓިން..." ފައުޒީގެ އަޑު ފޯނުގެ އަނެއްކޮޅުން އިވުނެވެ. މީޓިންގެ މަތިން ޒައުލް ހަނދާންވީ ދެނެވެ.
"މިދަނީ" ވާހަކަ ކުރުކޮއްލާފައި ޒައުލް ފޯނު ކަނޑާލިއެވެ.
"ޔޫހާ، އަހަންނަށް މާފުކުރޭ، މިއަދު އަހަރެން ނުކުމެގެންދިޔަޔަސް އަހަރެން މިދަރިފުޅާއި ޔޫހާ ދޫކޮއްލީ ކަމުގަ ހީނުކުރާތި" ޒައުލް މިހެން ބުނެ ކިޔާން އުރާލައިގެން ހުރެ ސިޓިން ރޫމު ދޮރުކައިރިއަށް ދިޔައެވެ. ޔޫހާ އެނބުރި އެދިމާ ބަލާލިއެވެ. ޒައުލް ލޯތްބާއިއެކު ކިޔާން ތިރީގައި ބެހެއްޓުމަށްފަހު ސިއްރުސިއްރުން ކޮންމެވެސް އެއްޗެއް ކިޔާންއަށް ބުނެލިއެވެ. އަދި ކިޔާންގެ ކޮލުގައި ބޮސްދީފައި ޔޫހާއަށް ބަލާލިއެވެ. ޒައުލްގެ ލޮލުގައިވި ހަރުކަށިކަމާއި ބޮޑާކަން ދިޔައީ ކޮންތާކަށް ކަމެއް ނޭގެއެވެ. ޔޫހާއަށް އެ ލޮލުން އެއްވެސް އުނިކަމެއް ނުފެނުނެވެ. އެކަމާ ހައިރާންވެސް ވެވުނެވެ. އެހެނެއްކަމަކު އަވަސް އަވަހަށް އިސްޖަހާލާފައި ދެން އިސް އުފުލާލިއިރު ޒައުލް ފެންނަ ހިސާބުގައެއްނެތެވެ. އަވަސް ފިޔަވަޅުގައި ސިޓިން ރޫމު ދޮރުކައިރިއަށް ޔޫހާ ދިޔައެވެ. ޒައުލް ނުކުމެގެން ދިޔައީއެވެ. ކީއްވެކަމެއްނޭގެއެވެ. ޔޫހާއަށް ފުން ނޭވާއެއް ބޭރުކޮއްލުމާއިއެކު ދެ ލޯމަރާލެވުނެވެ.
"މަންމީ، ކޮއްކޮގެ ޑެޑީ ދިޔައީ" ކިޔާން ދޮރާދިމާލަށް ބަލާލާފައި ޔޫހާގެ ހަރުވާޅަށް ދަމާލަމުން ބުނެލިއެވެ.
"ކޮއްކޮގެ ޑެޑީއެއް ނުހުންނާނެ..." ޔޫހާ އަބަދުވެސް ކިޔާންއަށް ދޭ ޖަވާބު ދިނެވެ. އަދި ކިޔާން އުރާލައިގެން ހުރި ފިޔަވަޅުމަތީ ހުއްޓުން އަރާފައި ކަހަލަ ގޮތަކަށް ޔޫހާ ހުއްޓެވެ.

"އައްދޭ މިއަދު ދޮރުފާރައަށްތަ މިތިބީ..." ބޭރު ދޮރާށިން އެތެރެއަށްވަތް އަފްލީން ހިނިއައިސްފައި ބުނެލިއެވެ. އަފްލީންގެ އަޑުއިވުމާއިއެކު ކިޔާން ހިނިއައިސްފައި ބަލާލިއެވެ. އަދި ޔޫހާވެސް އަފްލީންއަށް ހިނިތުންވެލިއެވެ.
"މިއަދު ތަންކޮޅެއް ކުރިން ތިއައީ ކިހިނެއްވީ" ޔޫހާ ސުވާލުކުރިއެވެ. ޒައުލް ހުއްޓާ އަފްލީން ނައިކަމަށްޓަކައި ހިތާ ހިތާ ޝުކުރުކުރާ ހާލުގައެވެ. 

ކޮމެންޓް 0