"ކޮއްކޮވެސް ކާރުގަތަ ދަނީ" ކިޔާން ޝާއިންއަށް ބަލާލަމުން ބުނެލިއެވެ.
"ނޫން، ކޮއްކޮ ދާނީ ޝައިންބެ އާއިއެކު ސައިކަލުގަ" މިހެން ބުނެލަމުން ޝާއިން ޕާކިންޒޯންގައި ހުރި އޭނަގެ ސައިކަލާއި ދިމާލަށް ހިނގައިގެންފިއެވެ.
* * * 

އީލާކްގެ މަސައްކަތް މަސްދުވަސް ތެރޭ ނިންމާލެވޭނެ ކަމުގައި ހީކުރިނަމަވެސް އެއްކޮށް ނިންމާލުމަށް އެކަމަށް ދޮޅުމަހެއްހާ ދުވަސް ނެގިއެވެ. އޭނައަށްޓަކައި ޒައުލް ގާރޑަންވިއު ހުޅުމުވުމުގެ ރަސްމިއްޔާތު ފަސްކޮއްލާފައިވެ އެވެ. އެއިން އެއްވެސް ކަމަކަށްވުރެ މުހިއްމު ސަމާލުކަމެއް އޭނަގެ އަމިއްލަ ދިރިއުޅުމަށް ދެވިފައި އޭނައަށްވެ އެވެ. ޔޫހާ އާއި ކިޔާން އޭނަގެ ދިރިއުޅުމަށް ގެނައުމަށް އޭނަ ވިސްނަމުން ދިޔައެއްކަމަކު އެކަން ހާމަކުރާނެ ގޮތެއް އޭނައަކަށް ނޭގެއެވެ. ޔޫހާމެންގެއަށް އެންމެ ފަހުން އޭނަ ދިޔަދުވަހު ހިނގި ކަންތައްތަކަށްފަހު ޔޫހާ މަސައްކަތް ކުރަމުންދިޔައީ ޒައުލްއަށް ނުފެނި އުޅެވޭތޯ އެވެ. އެކަންވެސް ޒައުލްއަށް އެނގެއެވެ. އެހެންނަމަވެސް ވަކިއެއްޗެއް އެކަމާ ބުނާކަށް ޒައުލް ބޭނުމެއް ނުވެއެވެ. ޔޫހާގެ ޑިއުޓީގަޑީގައި ކޮންމެވެސް ވަގުތެއް ހޯދައިގެން އޭނަ ޔޫހާގެ ކުރިމަތިން ހުރަސް ކަނޑާނުލާ ދުވަހެއް އަދި ރެއެއް ނުދާނެއެވެ. އަދިވެސް އެހިތް ހޯދަން ކުރާނެ ކަމެއް ޒައުލްއަކަށް ނުވިސްނެއެވެ. ބައެއް ފަހަރު ޔޫހާގެ ކަންތައްތަކުގައި މާ އަވަސް އަރުވާލެވެނިއްޔޭވެސް އޭނަގެ ހިތަށްއަރައެވެ. އެކަމުގެ އިތުރުން އޭނަގެ ބޮލުގައި ލޫލުއާ ވެސް ވަނީ ޒިންމާއެއް އަޅުވާފައެވެ. ލޫލުއާއި ހާޒިމްގެ ގުޅުމުގެ ވާހަކަ މާމަ ލާއިގާ އާއި ހަމައަށް ގެންގޮސް ނުދީގެން ލޫލުއާ ވެސް ޒައުލްގެ ބޮލުގައި ކޮށާވަރެއް މަދެއް ނޫނެވެ.

ޔޫހާގެ ދިރިއުޅުމަށްވެސް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. ކިޔާން އޭނަގެ ބައްޕަ އާއި ބެހޭގޮތުން ސުވާލުކުރާތީ އެވެ. އެސުވާލު ކިޔާންގެ ޅަސިކުނޑީގައި ހަރުލެއްވި މީހަކީ ޒައުލްއެވެ. ކޮންމެ ދެ ދުވަހުން އެއްދުވަކު ކަހަލަ ގޮތަކަށް އެގެއަށް އެކިވަރުގެ ޕާރުސަލް އާދެއެވެ. ކިޔާންއަށާއި ޔޫހާގެ ނަންމަތީ އެވެ. ޝާއިން ޔޫހާ އާއި ސުވާލު ކުރަމުން ދިޔައީ އެމީހެއްގެ ބޭނުމަކީ ކޮބާކަން ނޭގޭތީ އެވެ. ޔޫހާއަށްވެސް އެ ސުވާލަށް ދޭނެ ޖަވާބެއް ނޭގެއެވެ. އަފްލީންއަށް ވެސް ގެއަށް އަންނަން ހަދިޔާތަކަކީ ކިޔާންގެ ބައްޕަ ފޮނުވާއެއްޗެހިކަން އެނގުމުން އޭނަ ހުންނަނީ އެމީހަކު ދެކިލާހިތުން ކެތްމަދުވެފަ އެވެ. އެއީ ކާކުކަން އަފްލީން ވެސް އެނގެން ބޭނުންވެއެވެ. އޭނަގެ ހިތުގައި ޒައުލް އާއިމެދު ނަފުރަތާ ރުޅިވެރިކަން ނެތަސް ޒައުލް ފެންނަ ވަގުތުތަކުގައި އެކަން އޭނައަށް ދައްކަން ޔޫހާ ބޭނުންނުވަނީ އެވެ. އަދިވެސް ލޯބިވާކަން ހިތުގައި ފޮރުވާލައިގެން ހުންނަން ބޭނުންވަނީ އެވެ. ޚާއްޞަކޮށް މިހާރު ޒައުލްގެ ހަގީގަތް އެނގުމާއިއެކު ވެސް މެއެވެ. އެ ދެމީހުންނަކީ މުޅިން ތަފާތު ދެދުނިޔެ އެއްގައި ދިރިއުޅެމުން އަންނަ ދެމީހުން ކަމަށްވީތީ އެވެ. ޔޫހާއަށް ކުއްލިއަކަށް ލިބުނު ޕްރޮމޯޝަންގައި އޭނަ އާއިއެކު މަސައްކަތްކުރާ ސްޓާފުން އަޅައިގަތެވެ. އެކަމާ ޒައުލް އާއި ވާހަކަ ދައްކަން ބޭނުންވި ނަމަވެސް އޭނަގެ ކުރިމައްޗަށް އަރާނެހާ ހިތްވަރެއް ޔޫހާނެތެވެ. އަނެއްކޮޅުން ފައުޒީގެ ގާތަށް ކަމަކު ދާހިތެއް އަދި އަމުދުން ޔޫހާ މިހާރު ނުވެއެވެ. އޭނަ މިފަހަކަށް އައިސް ޔޫހާ އާއި ދިމާލަށް ބަލަނީ ވެސް ވައްތަރަކަށެވެ. އަދި ވާހަކަދެއްކުމުގެ ރާގުވެސް ހުންނަނީ ތަފާތުވެފައެވެ. ގޮތްނޭގޭ ފޯންކޯލުތަކެއް ވެސް ޔޫހާއަށް ލިބެން ފަށައިފިއެވެ. ބައެއްފަހަރު އޭނައަށް ފައުޒީގެ އަޑާއިވެސް ވައްތަރުވެއެވެ. އެހެނީ އެގުޅާ މީހަކީ ޕާކްވިއު ހޮޓެލްގައި މަސައްކަތްކުރާ މީހަކަށްވީ ކަމެވެ. އޭނަގެ ވާހަކަތަކުން އޭނަ ބޭނުންވެގެން އުޅެނީ ޔޫހާއެވެ. އެންމެ ރެއަކަށްވިޔަސް އޭނަ އާއިއެކު ހޭދަކޮއްލުމަށް އެހޮޓެލްގެ ކޮޓަރިއަކަށް ދިއުމަށެވެ. ޔޫހާ ހިތް ފުރޭ ވަރަށް ފައިސާ ވެސް ލިބޭނެ ކަމުގައި އެމީހަކު ބުނެއެވެ. އެ ފޯންކޯލުގެ ވާހަކަ ޔޫހާ އެކަކު ކައިރީވެސް ނުބެނެއެވެ. އެހެނަސް އޭނަ ހުންނަނީ ވަރަށް ކަންބޮޑުވެފަ އެވެ. އެއީ ކާކުކަން ޔަގީން ނުވާތީއެވެ.

ހާޒިމްގެ ހިތުގައިވާ އެއްޗެއް އޭނަ ލޫލުއާއި ޙިއްޞާކުރިއެވެ. ކައިވެނީގެ މަތިވެރި ގުޅުމުން އޭނަ އާއި ގުޅެން ލޫލުއާ ރުހޭނުތޯ އެހީ ތިން ދުވަހުގެ ޗުއްޓީއެއް ހޭދަކޮއްލުމަށް ރިސޯޓަކަށް ލޫލުގޮސް ހުއްޓައެވެ. އޭނައަށް އަންގާލުމަކާއި ނުލާ ހާޒިމް ރިސޯޓަށް ދިޔައީ ސީދާ އެ ބޭނުމުގައެވެ. ރޭވުންތެރިކަމާއި އެކުއެވެ. އޭނަ ޒައުލްގެ ހުއްދައަކަށް ވެސް އެދުނެވެ. ޒައުލްއަކީ ފެންނަ ފެނުމަށް ބަސްމަދު ވަރުގަދަ ޝަހުސިއްޔަތެއްގެ ވެރިއެއްގެ ގޮތުގައި ދެއްކިއަސް ހާޒިމްއަށް އޭނަގެ އުސޫލުތަކާއި އޭނަގެ ވިސްނުން ވަރަށް ކަމުދެއެވެ. އޭނަގެ ހިޔާލެއް ލޫލުއާއި ކައިވެނި ކުރުމާ ގުޅޭގޮތުން ހޯދަން ނިންމީވެސް އެހެންވެއެވެ. ޒައުލް އޭނަގެ ދޮންތަގެ ވާންއުޅޭ ފިރިމީހާއާއިމެދު އުފާކުރިއެވެ. ހާޒިމްއަށް އެކައިވެނި ކުރިއަށްދާނެކަމުގެ ޔަގީންކަން ވެސް ދިނެވެ.

މިއަދަކީ އީލާކްގެ ފަރުމާތަށް ދައްކާލުމަށް ހަމަޖެހިފައި އޮތްދުވަހެވެ. ހެނދުނުއްސުރެން އޭނަ ތެޅިފޮޅެނީ އެވެ. ރޭގަނޑު ހަތެއް ޖަހާކަން ހާއިރު ފަށަން ހަމަޖެހިފައިވާ ޝޯގެ އެކިކަންތައްތައް ބެލުމަށްޓަކައި އީލާކް އުޅެމުންދިޔައީ ގާރޑަންވިއު ހޮޓެލްގަ އެވެ. ޒައުލްވެސް ހުރިހާ ކަމެއް މަޑުޖައްސާލުމަށްފަހު އީލާކްގެ ބޭނުންތަކަށް ހުސްވެގެން ހުއްޓެވެ. މަންސޫރާއި ލާއިގާ ނޫނީ އެހެން ހުރިހާ އެންމެން ގާރޑަންވިއުގައި އީލާކްއަށް އެހީތެރިވުމުގައި އުޅެމުންދިޔައެވެ. އީލާކް ރަންވޭ ސްޓޭޖްގެ ވަށައިގެން ގޮނޑިޖަހަންވީ ދުރުމިން ބުނެދެމުން ރަންވޭމަތީ ފަރިތަކުރަމުން ދިޔަ މޮޑެލްސްތަކަށް ނަޒަރު ހިންގަމުންދިޔައެވެ.
"ޝުދޫ، ނަހޫއަށް އަދިވެސް ގުޅާލަބަލަ، އޭނަ ކައިރީ ބުނޭ އޭނަގެ މޮޑެލްސްތައް އަންނާނީ ކޮން އިރަކުންހޭ... އެފަރާތުގަ ހުރި ރޫމް އެއީ އޭނަގެ ހުރިހާ ކަމަކަށް ތައްޔާރުކޮއްފަ ހުރި ރޫމެއް، މި ރޯސްތައް ވެސް ހުންނާނީ މިހާރު ހަރުކޮއްނިމިފަ، އަދި ބުނާތި ހެއަރ ޑްރެސަރުންނާއި، މޭކަޕް ކޮއްދޭ މީހުން އޭނަ ބޭނުމިއްޔާ ގެނެޔަސް އެންމެ ރަނގަޅޭ، ނޫނީ މިކޮޅުގަ އެބައުޅެޔޭ އަހަރުމެން ދެމީހުންގެ މޮޑެލްސްތައް ތައްޔާރުކުރެވޭވަރަށް މީހުން.... އެންޑް ޕްލީޒް، ބުނޭ އަވަސް ކުރާށޭ" އީލާކް ރަންވޭމަތިން ހިނގާލާފައި އައި މޮޑެލްއަކަށް ބޮޑުވައި އިނގިލި ދައްކާލަމުން ބަރާބަރޭ ބުނެ އެއްފަރާތުގައި ހުރި ޝުދުފާގެ ގާތަށް ޖެހި ބުނެލިއެވެ.
"އެމީހުން އަދި ނާދެއެއްނު" ޝުދުފާ ބުނެލިއެވެ.
"މޭކަޕްކޮއްދޭ މީހުން އަންނާނީ ހަވީރު، ހަތަރެއް ޖަހާކަން ހާއިރު، އަހަރެން އެމީހުންނާއި ފޯނުން ވާހަކަ ދެއްކީމޭ، ނަހޫއަށް ވެގެން އުޅޭ ގޮތެއްނު އެހަށް ބަލަންވީ" އީލާކް ބުނެލިއެވެ. ޝުދުފާ އަވަސްވެގަތީ ނަހުލާއަށް ގުޅުމަށެވެ.
"އީކް، ހީޒް ދަ ޑީ.ޖޭ... މިރޭގެ ޝޯގެ، މޭޑީ މީ އީކް، ޑިޒައިނާ އެންޑް އޯގައިނައިޒަރ" ޝުދުފާގެ ގާތުގައި ހުރި އީލާކް އެނބުރިލި ވަގުތު ހާޒިމް ހިނިތުންވެލާފައި އޭނަގެ ގާތުގައި ހުރި ޒުވާނާ އީލާކްއަށް ތަޢާރަފްކޮއްދިނެވެ. އީލާކްވެސް ހިނިތުންވެލާފައި ސަލާމްކޮއްލަމުން މިރޭގެ ޝޯގައި މިއުޒިކްގެ ރޯލަކީ ކޮބާކަން ކިޔާދެން ފެށިއެވެ. އެއާއިއެކު ހާޒިމް އެދެމީހުންނާއި ދުރަށް ޖެހިލައިފިއެވެ. ދުރުގައި ގޮނޑިއެއްގައި އެއް ފައިމައްޗަށް އަނެއްފައި ލައިގެން ހަމަޖެހިލާފައި އިށީނދެގެން އިން ޒައުލް ހާޒިމްއަށް ފެނުނެވެ. އޭނަ އެންމެންތައް އުޅެމުން ދިޔަ ގޮތް ބަލަމުން ދިޔައެވެ. އަދި ރަންވޭމަތީގައި ހިނގަމުން ދިޔަ ރީތި އަންހެން ކުދިންނަށް ބަލަމުންދިޔައީ ލާނެއް ގޮތަކަށެވެ. އެހެނީ އެތަނުން ގިނަ އަންހެން ކުދިންގެ ނަޒަރުގައި އޭނައަށް ހުއްޓެމުންދާތީ އެވެ. އަދި އޭނައަށް އެއަންހެން ކުދިންގެ ފަރާތުން ލިބެމުންދިޔަ ދައުވަތުގެ ހިނިތުންވުން ފެނިފައެވެ. ހިތާހިތާ އެއިން ކޮންމެ އަންހެން ކުއްޖަކަށް އޭނަ އިންސާފުކުރަމުން ދިޔައެވެ.

"ޒައުލް..." ހާޒިމް ޒައުލްއަށް ގޮވާލަމުން އޭނަގެ ގާތުގައި އިށީނެވެ.
"އެނީވަން ގުޑް އިނަފް" ހަޒީމްވެސް ޒައުލްގެ ނަޒަރު ހުއްޓިފައިވާ ދިމާލަށް ބަލާލަމުން އަހާލިއެވެ.
"ހެ ހެ ހެ....." ލުއިގޮތަކަށް ޒައުލް ހީލިއެވެ. އެހިނދު ހާޒިމްގެ ހުނުމުގުގެ އަޑުވެސް އިވިގެންދިޔަ އެވެ.
"ދޮންތަ ކޮބާ؟" ގޮނޑިއަށް ހަށިގަނޑު ދޫކޮއްލައިގެން އިން ޒައުލް ހަމަޖެހިލާ ހަށިގަނޑު ތެދުކޮއްލަމުން ހާޒިމްގެ ގާތު އަހާލިއެވެ.
"އީކް ދިން ލިސްޓުގައިވާ ގޮތަށް މިތަނުން ކޮންމެ އަންހެން ކުއްޖަކު ލާންވީ ހެދުން ވަކިކުރަނީ، ދެން ނޭގެ، ގާލްސް އޮންލީ ނޯސް ދީސް ސްޓަފް.... އައި ޑޯންޓް ގެޓް އިޓް" ހާޒިމް ބުނެލިއެވެ.
"ދޮންބޭ" ކުއްލިއަކަށް އީލާކް ގޮވާލި އަޑުއިވުނެވެ.
"ޔެސް މައި ޑިއަރ" ޒައުލް އަވަސް އަވަހަށް ތެދުވަމުން ބުނެލިއެވެ. އަދި އީލާކްގެ ގާތަށް ހިނގައިގަތެވެ.
"އިންވިޓޭޝަން ކާޑު ފޮނުވިންތަ؟" އީލާކް އުނަގަނޑުގައި ދެއަތް އަޅުވާލަމުން ބުނެލިއެވެ.
"ކާކަށް" ޒައުލް އަހާލީ ހައިރާންވެފައެވެ.
"ދޮންބެއަށް އެނގޭނެ އަޅުގަނޑު މިއަހަނީ ކާކަށް އިންވިޓޭޝަން ފޮނުވިތޯކަން" އީލާކް ނިތަށް ރޫއަރުވާލަމުން ބުނެލިއެވެ.
"އެމީހުންނަށް ފޮނުވުން އެހާ މުހިއްމުތަ، ފޮނުވިޔަސް ހިޔެއްނުވޭ އަންނާނެހެނެއް" ޒައުލް ފޫހިގޮތަކަށް ބުނެލިއެވެ.
"އޯ ކަމޯން ދޮންބޭ، ތީގެ މާނައަކީ ދޮންބެ ކާޑެއް ނުފޮނުވަމޭތަ، ކީއްވެ، އެއީ އަޅުގަނޑުގެ މަންމައޭ، މީ އަޅުގަނޑުގެ ޝޯއެއް، މިޝޯއަށް އަޅުގަނޑު ބޭނުން މީހަކަށް އާދެވެން ޖެހޭނެއެއްނު" އީލާކް ދެރަވެފައި ބުނެލި އެވެ.
"ފޮނުވީމޭ، އީއްކޮ ބޭނުންވާގޮތަށް ހުރިހާ ކަމެއްވެސް ވާނީ، އޯކޭ އެއްނު، ދެން މޫޑީ ނުވޭ... ހަވީރު ހަތަރެއް ޖަހަންވާއިރަށް އަދި ގެއަށްގޮއްސައެއްނު އާދެވޭނީވެސް، ހުރިހާ ކަމެއް ފައިނަލް ކުރޭ އަވަހަށް...." ޒައުލް ބުނެލިއެވެ.
"ތޭންކްސް، މިނިމުނީއޭ" އީލާކްގެ މޫނުމައްޗަށް އުފާވެރިކަމެއް ވެރިވެގެންދިޔައެވެ. އަދި މިހެން ބުނެލާފައި ޒައުލް އާއި ދުރަށް ހިނގައިގަނެއްޖެއެވެ.

* * * 

ޝާއިން ޑިއުޓީ ނިންމާފައި ގެއަށް އައިގޮތަށް އެންމެ ފުރަތަމަވެސް ކުރިކަމަކަށްވީ ރޮޒޭންއަށް ގުޅާލުމެވެ. އެހެންނަމަވެސް އޭނަ ފޯނެއް ނުނަގައެވެ. އިރުކޮޅަކުން އައީ މެސެޖެކެވެ. މިވަގުތު ވަރަށް ބިޒީކަމުގައެވެ. އަދި ބޮޑު ހަފްލާއެއްގައި އިންކަމާއި އެކަން ނިމުނުހާ އަވަހަކާ ޝާއިންއަށް ގުޅާނެކަމަށެވެ.
"އޯކޭ...." ޝާއިން ބޮލުގައި އަތް ހާކާލަމުން ފޯނަށް ބަލަންހުރެ ބުނެލިއެވެ.
"ދޮންބޭ، ސައިހަދަންވީތަ؟" ޝާއިންގެ ދޮރުގައި ޓަކި ޖަހާލި އަފްލީން ބުނެލިއެވެ.
"ނޫން، އަދި ފަހުން" ސިހިގެންދިޔަ ޝާއިން އަވަސް އަވަހަށް ޖަވާބުދިނެވެ.
ޔޫހާވެސް ހެނދުނު ޑިއުޓީ ނިންމާފަ ގެއަށްދާން ނުކުތްވަގުތު އޭނަގެ ފޯނަށް ކޯލެއް އައެވެ. އަތް ދަބަހުގެތެރޭގައި އޮތް ފޯނުނަގާ ބަލާލުމާއިއެކު އޭނަގެ މޫނުމަތިން ފޫހިކަން ފެނިގެންދިޔައެވެ. ދެފަރާތަށް ނަޒަރު ހިންގާލުމާއިއެކު ފޯނު ނިއްވާލިއެވެ. އަދި ބާރު ހިނގުމުގައި އަވަސްވެގަތީ ހޮޓެލާ ވީހާވެސް ދުރަށް ދިއުމަށެވެ.

* * * 

ނަހުލާ ފޯނު ނުނަގައިގެން ކަންބޮޑުވެފައި ހުރި އީލާކްއަށް ހަމަޖެހުމެއް ލިބުނީ ގާޑަންވިއުގެ ލޮބީއަށް ވަދެގެން އައި ނަހުލާ ފެނުމުންނެވެ. އަވަސް އަވަހަށް އޭނަގެ ގާތަށް ގޮސް ޝަކުވާކުރަން ފެށިއެވެ. ނަހުލާވެސް ހުރީ ވަރަށް ހާސްވެފައި ހުރިހެން ހީވެއެވެ.
"ސޮރީ، އީކް، އަހަރެންވެސް ވަރަށް ބިޒީވީމަ، ނުގުޅުނީ، ހިއެއްނުކުރަން އާދެވޭނެ ކަމަކަށްވެސް" ނަހުލާ ބުނެލިއެވެ.
"މިފަޅީގަ ނަހޫގެ ހުރިހާ ކަމެއް ކުރިއަށްދާނީ، ރަންވޭއަށް ކުރިން ނުކުންނާނީ އަހަރެންގެ މޮޑެލްސްތައް، އެފަރާތުން، ނަހޫގެ މޮޑެލްސްތައް ނުކުންނާނީ މިކޮޅުން..." އީލާކް ނަހުލާއަށް ހުރިހާ ކަމެއް ކިޔާދެމުންދިޔައެވެ. މުޅި ޝޯ ރޭވިފައިވާ ގޮތުގެ ތަފްޞީލެވެ.
"ކޮބާ ހެދުންތައް؟" ކުއްލިއަކަށް ކަމެއް އުނިވާހެން ހީވެ އީލާކްއަށް އަހާލެވުނެވެ.
"ހެދުންތައް އަންނާނީ އެންމެ ފަހުން، ފަސްގަޑި ބައިވަން ވާއިރަށް މިކޮޅަށް ހެދުންތައް އަންނާނެ" ނަހުލާ އީލާކްއަށް ބަލާލަމުން ބުނެލިއެވެ.
"އޭރުން ލަހެއް ނުވާނެތަ؟" އީލާކް ހައިރާންކަމާއިއެކު އަހާލިއެވެ. ނަހުލާ އާއި އީލާކް އެކިއެކި ވާހަކަތައް ދައްކަމުންގޮސް ނަހުލާއަށް ޚާއްޞަކުރެވިފައިވާ ބަޔަށް ވަނެވެ. ނަހުލާ އީލާކްގެ ގާތުން އަނެއްކާވެސް ކަމަކަށް އެދުނެވެ. އެއީ ޝޯގައި ފުރަތަމަ އޭނަގެ ޑިޒައިންތައް ދައްކާލުމަށް ފުރުޞަތު ދިނުމަށެވެ. އީލާކްއަށް ނަހުލާ އެހެން އެދުނީތީ އިތުރު ހައިރާންކަމެއް ވެރިވެގެން ދިޔައެވެ. ބާއްވަން އުޅޭ ޝޯގެ ހުރިހާ ކަމެއް ކުރީ އީލާކް އާއި އޭނަގެ އާއިލާއެވެ. އަނެއްކޮޅުން މިޝޯއަކީ އޭނަގެ ހުވަފެނެކެވެ. މިޝޯގައި ނަހުލާ ބައިވެރިވުމަށް ފުރުޞަތު ދިނީވެސް ދެމީހުންގެ ރަޙުމަތްތެރިކަމަށްޓަކައެވެ. ނަމަވެސް ނަހުލާގެ ވާހަކަތައް ހުރިގޮތުން މިޝޯއަކީ އޭނައަށް ޚާއްޞަކުރެވިފައިވާ ޝޯއަކަށް ހަދަން ބޭނުންވާކަހަލައެވެ. އީލާކް އެކަމާ އެއްބަސް ނުވިއެއްކަމަކު ނަހުލާގެ އެތަށް އަތަށް އާދޭހަކާއިއެކު އޭނަ އެންމެފަހުން އެއްބަސްވެއްޖެ އެވެ. އެހެންނަމަވެސް ކޮންމެވެސް ވަރެއްގެ ހިތްހަމަނުޖެހުމެއް ހިތުގައި ފޮރުވިފައިވި އެވެ. ނަހުލާއަށް އެކަން އީލާކް ސިއްރުކުރިއެވެ. އަދި މުސްތަޤުބަލުގައި ނަހުލާ އާއިއެކު މިފަދަ ޝޯއެއްގައި ބައިވެރިވުމުގެ ހިޔާލުވެސް އޭނަ ދޫކޮއްލި އެވެ. އެހެނީ މިއީ އަދި މިކަން ވާންޖެހޭނެ ގޮތްނޫންވީމަ އެވެ. ނަހުލާއަށް ހުރިހާ ކަމެއް އެނގޭއިރުވެސް އޭނަގެ އަމިއްލަ އެދުން އެހާ ކުރިއަށް ނެރެންވީ ސަބަބެއް އީލާކްއަކަށް ނުވިސްނުނެވެ. ފޫހިވެފަ ހުރެގެން އޭނަ އެތަނުން ނުކުމެގެން އޭނަގެ ފަރުމާތަށް ދައްކާލުމަށް ހަމަޖެހިފައިވާ މޮޑެލްސްތަކުގެ ގާތަށް ދިޔައެވެ.

ކޮމެންޓް 0