"ދެން ހިނގާ ދަމާ" އެތަނުގައިތިބި އެކަކުވެސް ޒައުލްގެ ނަޒަރު އަމާޒުވެފައިވާ ދިމާލެއް ބެލުމުގެ ޝައުގުވެރިކަމެއްނެއް ކަމުގައިވިޔަސް ޔޫހާއަށް ޒައުލް އެބަލަނީ އޭނައަށްކަން އެނގި އެތަނުން ދާން ބޭނުންވި އެވެ.
"ހާދަ އަވަހަކަށް، އަދި ދިހަމެނުޓުވެސް ނުވާނެ މިތަނަށް އައީތާ" އައްޔަދުއަށްވުރެ ކުރިން ޝަކުވާކުރީ ރިޝްފާ އެވެ.
"ކިހިނެއްވީ، ބޮސް އައީމަތަ.... އޭނަ އެތާ އިނދެ ކޮފީއެއް ބޯލައިގެން ހިނގައިދާނެ، އެކަމާ އަޅާނުލާބަލަ، އަދި ކުޑައިރުކޮޅަކު މަޑުކޮއްލަބަލަ" އައްޔަދު މޭޒުމަތީގައި އޮތް ފޯނުގެ މަތީ ބާއްވާލެވިފައިވާ ޔޫހާގެ އަތްތިލާގެ މަތީ އޭނަގެ އަތްތިލަ ބާއްވާލަމުން ބުނެލިއެވެ. އެހިނދު ޔޫހާ އަތްދަމައިގަތީ އޭނައަށް އުނދަގޫވިކަހަލަ ގޮތަކަށެވެ. އެހެންނަމަވެސް ވަކިއެއްޗެއް އޭނަ އެކަމާ ގުޅިގެން އައްޔަދު ކައިރީ ނުބުނެއެވެ.

"ސަރ، ކޮފީ..." ޒައުލްގެ މޭޒުގެ ކައިރިއަށް ހޫނު ކޮފީތައްޓެއް ތަބަކަކަށް ލައިގެން އައިސް ހުއްޓުނު ވެއިޓަރު ބުނެލިއެވެ. ޒައުލް އަނގައިން ނުބުނެ މޭޒަށް އިޝާރާތްކޮއްލީ ބަހައްޓާށޭ ބުނާފަދަ ގޮތަކަށެވެ. ވެއިޓަރުގެ ވެސް ހަރަކާތްތައް ހުރިގޮތުން ހީވަނީ އޭނަވެސް ބޭނުންވެފައި އެހުރީ ޒައުލްގެ ކައިރިން ދުރަށް ދިއުމަށެވެ. ކޮފީ ޖޯޑަށް ބަލާލުމުން ދުންއަރާތަން ފެނުމާއިއެކު ކޮފީގެ ވަސް ޒައުލްގެ ނޭފަތުގައި ޖެހުނެވެ. ކޮފީއަށް ލޯބިކުރާ ޒައުލް މިފަހަރު ހޫނު ކޮށްހުއްޓާ އެކޮފީތަށި ބޯން ހިތަށްނާރާ ކަހަލައެވެ. އޭނަގެ ލޯ އަމާޒުވެފައިވަނީ ޔޫހާ އާއި އައްޔަދުގެ ހަރަކާތްތަކަށެވެ. އައްޔަދުގެ ކިތަންމެ ކުޑަކުޑަ ހަރަކާތެއްކަމަކު ޒައުލްގެ ހިތް ނުތަނަވަސް ކުރުވާގޮތްވެއެވެ. މޭޒުމަތީ ހުރި ކޮފީޖޯޑަށް ވިސްނާނުލާ އަތް ދަމާލި ޒައުލްގެ އަތްޖެހި ހޫނު ކޮފީ އޭނަގެ އަތްތިލައަށް ކުޑަކޮށް ބަންޑުންވިއެވެ. އަވަސް އަވަހަށް މޭޒުމަތީގައި ހުރި ޓީޝުތަކުން އޭނަގެ އަތް ފުހެލިއެވެ. ކޮފީތަށި ދުރަށް ކޮއްޕާލިގޮތުން ހީވީ އެ ދެކެވެސް ޒައުލް އައީ ރުޅިހެންނެވެ. އެންމެ ފަހުން ކޮފީތަށި ނުބޮއެ އެތަނުން ތެދުވެގެން ނުކުންނަން ހިނގައިގަނެއްޖެއެވެ. ދެފަޔަށް ބާރުލާފައި އޭނަ ދިޔައީ އޭނަގެ ކޮޓަރިއަށް ދާށެވެ.

މިމަންޒަރު ޔޫހާއަށް ފެނި ހައިރާންވި އެވެ. އަނެއްކޮޅުން ޒައުލްގެ ސިކުނޑީގައި ހިނގަމުންދާނީ ކޮންފަދަ އޮއެވަރެއްކަމެއް ނޭގޭނެއެވެ. ޒައުލް ދިން ފޯނު ނުލާ ޔޫހާ އައީ އެކަމުގެ މަތިން އެއްގޮތަކަށްވެސް ހަނދާން ނެތީމައެވެ. ޒައުލް ދިޔަތާ އިރުކޮޅެއްފަހުން ޔޫހާ ކިޔާވަރުން ރިޝްފާވެސް އެންމެފަހުން އެތަނުން އެނބުރި ޑިއުޓީއަށް ދިއުމަށް އެއްބަސްވެއްޖެއެވެ. ރިޝްފާ ގަބޫލުވުމުން އައްޔަދުއަށް އިތުރަށް ޔޫހާ ހިފަހައްޓާކަށް ނުކެރުނެވެ. އޭނަވެސް އެދެމީހުންނާއިއެކު ރެސްޓޯރެންޓުން ނުކުމެގެން ޔޫހާމެން ތިބޭ ރިސެޕްޝަން ކައުންޓަރާއި ދިމާލަށް ދިއުމަށް ހިނގައިގަތެވެ.


"އޭ...އަހަރެން މިހުރީ ވަރަށް ބިރުން، އެނގޭތަ... ބޮސް މިތަނަށް އަޔޭ، އެހީ ތިދެމީހުން ކޮބޯތާ...ނަސީބެއް މައްސަލަ ނުޖެއްސިކަން، އިތުރު ސުވާލެއް ނުކޮށް ރެސްޓޯރެންޓާއި ދިމާލަށް ދިޔައީ، ފެނުނުތަ..." ކައުންޓަރުގައި ހުރި ރިޝްފާގެ ރަޙުމަތްތެރިޔާ ބުނެލިއެވެ.
"ހާސްނުވޭ، ބޮސްއަށް އަހަރުމެން ފެނުނު، އެއްވެސް ސުވާލެއް ނުކުރޭ، އައި ތިންކް ހީޒް ކޫލް...ތޭންކްސް ވަރަށް ބޮޑަށް" ރިޝްފާ ކައުންޓަރުގެ އެތެރެއަށް ވަންނަމުން ބުނެލިއެވެ.
"އެނީ ޓައިމް" ހީލާފައި މިހެން ބުނެ ކައުންޓަރުގައި ހުރި ރިޝްފާގެ ރަޙުމަތްތެރިޔާ ނުކުމެގެން ހިނގައްޖެއެވެ. ރިޝްފާ ކައުންޓަރުގެ އެތެރެއަށްވަދެ ހަމަޖެހިލުމާއިއެކު އޭނަ އާއި ޖެހިގެން ހުރި ގޮނޑީގައި ޔޫހާ އިށީނދެ ހަމަޖެހިލައިފިއެވެ. ޔޫހާއަށް ގޮނޑީގައި ބުޑުހެޔޮވަރުކޮއްލެވުނަސް ހިތާ ސިކުނޑިވަނީ ހާސްކަމެއްގެ ތެރޭގައެވެ. އޭނަގެ ހިތްބުނަނީ ޒައުލް ހުރީ ހިތްހަމަ ނުޖެހިފައިކަމެވެ. ރަނގަޅަށް ވެއްޖެޔާ ވަރަށް ގިނަފަހަރު މިހާރު ޒައުލް އޭނައަށް ގުޅައިފި ކަންނޭގެއެވެ. އޭނަގެ ފަރުވާ ކުޑަކަމޭ އަމިއްލައަށް ޔޫހާގެ ހިތަށް އެރިއެވެ. އަދި ތުންފިއްތާލަމުން ނިތަށް ރޫއަރުވާލެވުނެވެ.
"ހޭ...ޔޫޔޫ... ވަޓްސް ރޯންގް، މޫޑު ގޯސްވެއްޖެހެން ވަރަށް ހީވޭ" ފުންނަޒަރަކުން ޔޫހާގެ ހަރަކާތްތަކަށް ބަލަންހުރި އައްޔަދު ސަމާސާ ގޮތް އެކުލަވާލަމުން ބުނެލިއެވެ. އޭނަ ހުރީ ޔޫހާ ހަމަޖެހިލުމުން ވާހަކަދައްކާލާނެ ފުރުޞަތަކަށް ބަލަބަލައެވެ.
"ކަމެއްނުވޭ، ކުރަން ހުރި ކަންތައްތައް މަތިން މިހަނދާންވީ، އަޔާ ދާންވީނު ދެން ކޮޓަރިއަށް، ބޮސްމިރޭ މިކޮޅުގަ އުޅުއްވާ ރެއެއްވީމަ ފަހަރެއްގަ މާގިނައިން މިތަނުން އައްޔަދު ފެންނަންޔާ ސުވާލުކޮއްފާނެ، ޔޫ ނޯ އައި ޑޯންޓް ލައިކް އިޓް.... ކޮޓަރިއަށް ގޮސް ދެން ނިދާލާ، މިހާރު ކޮފީވެސް ބޮވިއްޖެއެއްނު" ޔޫހާ އައްޔަދުއަށް ބަލާލަމުން ބުނެލިއެވެ.
"އޯކޭ، އައި އެމް ގޮއިން، ޔޫހާ ބޮސްދެކެ ތިހާ ބިރުގަންނާކަށް ނުވާނެ، މިތަނުގެ މުވައްޒަފުން ހާދަ ބިރެކޭދޯ މިގަންނަނީ އޭނަ ދެކެ، ދެން ރަނގަޅު، ވެރިމީހާގެ ސިފަތަށް އޭނަގެ ގައިގަ އެބަހުރިތާ ދޯ... ޔޫހާ، ހެނދުނުން އަހަރެން ހޮޓެލުން ނުކުންނަން، ޔޫހާގެ ޑިއުޓީވެސް ނިމޭނެއެއްނު އެހާއިރު، އަހަރެން ފަހުން ގުޅާނަން އެނގޭ" އައްޔަދު މިހެން ބުނެ ދާން ހިނގައިގަތެވެ. އަދި ރިޝްފާއަށް ވެސް ދަނީއޭ ބުނެ އަތުން ހަނާއަޅާލަމުން ހިނިތުންވެލިއެވެ. ރިޝްފާ ހީވީ ބައްތިރީސް ދަތްއެއްފަހަރާ ދައްކާލި ގޮތަށް އަނބުރައިގަނެފާނެހެނެވެ.
"ޔޫހާ، އަޅެ ޕްލީސް މަށަށް އަޔާ ސެޓުކޮއްދީބަލަ، ހާދަ ސަޅިއޭ، އެހެރަ ސްޓައިލެއް، އިރުއިރުކޮޅާ ނިތްކުރިމައްޗަށް ވެއްޓޭ އިސްތަށިކޮޅު ރަނގަޅުކޮއްލާ ގޮތް...އޯ...އެހެރަ ހުދު ހުދު ދަތްތަކެއް...އެހެރަ ސްމާޓްކަމެއް....ޕްލީސް ޕްލީސް، އަހަރެން ބޭނުން އަޔާ" އައްޔަދު ދިޔައީތޯ ގޮނޑިން ތެދުވެ ކައުންޓަރުމަތީ އަތްއަޅުވާލަމުން ބަލާލި ރިޝްފާ ބުނެލިއެވެ. އޭނަ ޔޫހާގެ ކައިރިއަށް ގޮނޑި ޖައްސާ ކައިރިކޮއްލަމުން އައްޔަދުގެ ވާހަކަތައް ދައްކަމުން ދިޔައެވެ. ޔޫހާ ކުޑަކޮށް ހިނިތުންވެލާފައި އެއްވެސް އެއްޗެއް ނުބުންޏެވެ.
"ކީއްވެތަ އެއްޗެއް ނުބުނެ ތިއިންނަނީ، އަނެއްކާ ޔޫހާ ލައިކްވަނީތަ އަޔާދެކެ" ރިޝްފާ ހައިރާންވެފައި އަހާލިއެވެ. އޭނަ އެހެން އަހާލިއިރު އެއަޑުގައި މީގެ ކުޑައިރުކޮޅެއް ކުރިންވި ފޯރި އާއި ދިރުމެއްނެއްކަން ޔޫހާއަށް ފާހަގަވެ އަވަސް އަވަހަށް ރިޝްފާއަށް ބަލާލިއެވެ.
"ނޫން، އައްޔަދު އާއި ދޭތެރޭ އެފަދަ ގޮތަކަށް ނުދެކެން، ރިޝްފާ ތިހާ ބޭނުންވަންޏާ އައްޔަދު އާއި ގުޅެންވީ، އެކަމަކު ބުނަން، އަހަންނަށް ތިކަހަލަ ކަންތައްތަކެއް ކޮށެއްނުދެވޭނެ... ރިޝް އަމިއްލައަށް ވާނީ އޭނަ އާއި ގުޅެން ބޭނުންވާކަން އަންގަން، އަހަރެން ދެކެނީ އައްޔަދުއަކީ ރަނގަޅު ރަޙުމަތްތެރިއެއްގެ ގޮތުގައި، އޭނައަށްވެސް އެކަން އެނގޭނެހެން ހީވަނީ، އޭނަވެސް އަހަރެން ކައިރީ ނުދައްކާ އެފަދަ ވާހަކައެއް... ހިތްހަމަޖެހިއްޖެތަ" ޔޫހާ އައްޔަދު އާއި އޮތްގުޅުން ރިޝްފާއަށް އޮޅުންފިލުވާދީފައި އޭނަ މިހާރު ހިތްހަމަޖެހިއްޖެތޯ އަހާލިއެވެ. ރިޝްފާ ރަކިގޮތަކަށް ހީލާފައި އަވަސް އަވަހަށް ބޯޖަހާލަމުން ގޮނޑި ދެކޮޅަށް އަނބުރާލިއެވެ.

ހެނދުނު ހައެއްޖެހިފަހުން ކައުންޓަރަށް ފޯނެއް އައެވެ. އާދައިގެ މަތިން ރިޝްފާއަށް ނުޖައްސާ ފޯނުނެގީ ޔޫހާއެވެ.
"ޔޫހާ، މިހާރު މިވަގުތު އަހަރެން ބޭނުންވަނީ ޔޫހާ މިކޮޓަރީގައި ހުންނަން..." ޔޫހާ ރަސްމީ ސިފައެއްގައި ފޯނުން ވާހަކަދައްކަމުން ދަނިކޮށް ޒައުލް ބުނެލިއެވެ. ޔޫހާގެ މޫނުމައްޗަށް ހާސްކަންވެރިވެގެންދިޔައެވެ. އޭނައަށް ކައިރީގައި އިން ރިޝްފާއަށް ބަލާލެވުނެވެ.
"މިވަގުތު...ޑިއުޓީ... ރިޝްފާ..." ޔޫހާ އަޅައިގަންނަމުން ކަހަލަ ގޮތަކަށް ވަކިވަކި ބަސްތަކެއްހެން ބުނެލިއެވެ. އޭނައަށް ރިޝްފާ ކައިރީގައި އިނުމުން ވާހަކަދައްކަން އުނދަގޫވީއެވެ. ބުނަންބޭނުންވީ ރިޝްފާ ވެސް މިވަގުތު އޭނަ އާއިއެކު ޑިއުޓީގައި އެބައިން ކަމާއި ޑިއުޓީ ނުނިމެނިސް ދާނީ ކިހިނެއް ހެއްޔެވެ.

"އަހަރެން ބުނީމަ ދެން އަންނަންވީނު، ބަހަނާތަކެއް ތިދައްކަނީ ކީއްވެތަ... އަހަންނަށް ހެޔޮ ރިޝްފާ ކައިރީ ކޮންމެ އެއްޗެއް ބުންޏަސް، އެކަމާ އަހަރެން ވިސްނާކަށް ބޭނުމެއްނޫން، އެކަމަކު މިވަގުތު މިތަނުގައި ޔޫހާ ހުންނަން އަހަރެން ބޭނުންވޭ" ޒައުލްގެ އަޑުގައިވަނީ ހަރުކަށިކަމެވެ. އޭނަ ބޭނުންވާ ގޮތަށް އެކަން ވާންޖެހޭނެކަން ޔޫހާއަށް އަމުރުކުރާފަދަ ގޮތެކެވެ. ޔޫހާ ހޫން ލައްވާލާފައި ފޯނުގެ އަތްގަނޑު ބޭއްވިއެވެ. މަސައްކަތުގައި މަސްއޫލުވެ އިން ރިޝްފާ ޔޫހާ އާއި އެއްވެސް ސުވާލެއް ނުކުރިއެވެ. އިރުކޮޅަކު ޑެސްކްޓޮޕާއި ދިމާލަށް ބަލަހައްޓައިގެން ޔޫހާ އިނީ ރިޝްފާ ކައިރީ ބުނާނެ ގޮތެއް ނޭގިގެންނެވެ. ޒައުލްގެ ނަން ކިޔައިފިނަމަ ހޫނު ޚަބަރެއްގެ ގޮތުގައި މުޅި ހޮޓެލްތެރޭ އެވާހަކަ ފެތުރިގެންދާނެކަން ޔަގީނެވެ. އަދި އަމުދުން ކައިރީގައި އިން ރިޝްފާއަކީ ވާހަކަ ހިފައިގެން މީހުން ކައިރިއަށް ދިއުމުގެ މާހިރެކެވެ. އެހާ އަނގަގަދަ ވާނެއެވެ. އެހެން ވިސްނަން އިންދާ އަނެއްކާވެސް ފޯނު ރިންގުވިއެވެ. މިފަހަރު ޔޫހާ މަޑުކޮއްލީ ރިޝްފާ އެފޯނު ނަގާ ޖަވާބުދޭތޯއެވެ. އޭނައަށް އެގުޅަނީ ޒައުލްއަށް ވިޔަސް އެންމެންގެ ތެރޭ އެދެމީހުންގެ ވާހަކަތައް ފެތުރިގެންދާން އަދި މާއަވަހެވެ. ރިޝްފާ ޔޫހާއަށް ބަލާލާފައި ފޯނުނެގިއެވެ. މީހަކު ވާހަކަ ނުދެއްކުމުން ފޯނުގެ އަތްގަނޑު ރިޝްފާ ބާއްވާލިއެވެ. ޔޫހާއަށް އިތުރަށް މަޑުން އިންނާކަށް ނުކެރުނެވެ. ޒައުލް ކަންތައްކޮއްފާނެ ގޮތަކާއިމެދު އޭނަ ހާސްވަނީއެވެ. ރިޝްފާގެ ކައިރީ ދޮގެއް ހަދާލަމުން އޭނަ ތަންކޮޅެއް ކުރިން ދިޔަޔަސް އެންމެ ރަނގަޅުތޯ އަހާލިއެވެ. ރިޝްފާ ވިސްނާލަން މަޑުކޮއްލުމަށްފަހު އާއެކޭ ބުނެލިއެވެ.

ކޮޓަރީގެ ތެރޭ ފޯނު އަތަށް ލައިގެން ދެކޮޅަށް ހިނގާލަ ހިނގާލަ ހުރި ޒައުލްއަށް އެކޮޓަރީގެ ދޮރުގައި މީހަކު ޓަކިދިން އަޑުއިވުނެވެ. އަވަސް އަވަހަށް އެތެރެއަށް ވަނުމަށް ބުނެލިއެވެ. އެއާއިއެކު ޔޫހާ އެބޮޑު ދޮރުން އެތެރެއަށް ވަނެވެ. އެއްވެސް ވަރަކަށް ކަރަންޓުގެ އަލިކަމެއް އެތަނުގައި ނުވެއެވެ. ބިއްދޮށުގައި ހުރި ބިއްލޫރި ބޮޑު ކުޑަދޮރުން އަރައިގެން އަންނަ އިރުގެ ދޯދިތަށް އެތަނަށް ވަންނަމުންދިޔައެވެ. ހިޔަންޏެއް ފަދައިން ޔޫހާ އާއި ދިމާލަށް އައި ޒައުލްގެ ބޮޑު ސޫރަ ކުއްލިއަކަށް ޔޫހާގެ އެއްއަތުގެ މުލައްދަނޑީގައި ބާރަށް ހިފާލިއެވެ.
"އަންނަންވެއްޖެތަ...އެއީ ކާކު... ބުނެބަލަ، އެއީ ކާކުހޭ...." ޒައުލްގެ ރުޅިވެރިކަން ވެރިވެފައިވާ މޫނު ޔޫހާއަށް ސާފުވީ އެވަގުތުއެވެ. ދެލޯބޮޑުވެފައި ބިރުގެންފައިވާ ގޮތަކަށް ޒައުލްއަށް ބަލަހައްޓައިގެން ޔޫހާއަށް ހުރެވުނީއެވެ.
"އަނގައިންވެސް ނުބުނަން ތިހުންނަނީ އެއީ ކާކުކަން އަހަރެން ކައިރީ ނުބުނަންތަ؟ އަދި ހާދަ ގޮތެއްވެސް ވެސް ނެތް މީހެކޭ ދޯ، އޭނަ ޖެހޭތަ ޔޫހާގެ ގައިގަ އަތްލަން.... އެހެންނުވާނީ ތިމާ މީހާ ހުރީ ވަރަށް އުފަލުންވިއްޔަ އޭނަ އަތްޖައްސާލީތީ.... އޭނަ އަތްލަން ދިނީ ކީއްވެތަ" ޒައުލް ދަތްތަކަށް ބާރުލާފައި ވާހަކަދައްކަމުންދިޔައެވެ. އޭނަގެ ރުޅި މަޑުކުރުމަށްވުރެ ހިތުގައިވާ ހުރިހާ އުދާހެއް އޭނަ ބޭނުންވީ ބޭރުކޮއްލުމަށެވެ.
"ޒައުލް... ހަމަޖެހިބަލަ، އޭނައަށް ކިޔަނީ އައްޔަދު، އެއީ އަހަރެންގެ ރަޙުމަތްތެރިއެކޭ، އޭނަ އަހަރެންގެ ގައިގަ ކޮންއިރަކުތަ އަތްލީ، ރަޙްމަތްތެރިން ވާހަކަ ދައްކާއިރު ފަހަރެއްގަ އެފަދަ ގޮތަކަށް ގޮވާލާ ހަދާލަ ފާނެއެއްނު، އެއީ މައްސަލައެއްތަ، އަޔާ އަހަންނަށް ގޮތެއް ހަދާކަށް ނޫނޭ އުޅުނީ" ޔޫހާ ވިސްނާދޭ ފަދަ ގޮތަކަށް ބުނެލިއެވެ.
"ހެވޭ، އަހަރެން ކިހާ ވަރަކަށް ގުޅައިފިން، ފޯނުވެސް ނުނަގަން ތިހުންނަނީ އެމީހަކާ ވާހަކަދައްކަން ވެގެން، އަދި ބުނެފިޔޭ އަޔާ އޭ... އޭނަ ނުޖެހޭނެ އިނގިލި ކުރިވެސް ޔޫހާގެ ގައިގަ ޖައްސާލާކަށް، ޔޫހާއަށް އެކަން މަނައެއް ނުކުރެވުނުތަ... އެންމެ ފުރަތަމަ އަތްލާނީ ކުޑަކޮށޭ، ދެން އަތްލެވޭނީ އެހެންގޮތަކަށް... އޭރުން އަދި މާއުފާވާނެ ދޯ....އަހަރެން ލޯބިވާ ވާހާކަ ބުނީމަތަ އަހަންނަށް ތިތުޔެއް ތިދައްކަނީ... ކަލޭގެ ހިތް ނުބައިކަން ދޯ، އޭނަ އެވަރަށް އަތްލީމަ ހިތްހަމަ ޖެހުނުތަ ދެން..." ޒައުލްގެ ވާހަކަ އާއިއެކު ޔޫހާގެ އަތުގެ މުލަށްދަނޑިއަށް ވެސް ދިޔައީ ބާރުވަމުންނެވެ. އެކަން ޒައުލްއަށް އިޙްސާސް ނުކުރެވޭކަން ޔޫހާއަށް އެނގެއެވެ.
"އައްދޯއި، ޒައުލް އަހަންނަށް ތަދުނުކޮއްބަލަ، މިހާރު އަތަށް ތަދުވެޔޭ، ދޫކޮއްލަބަލަ، ރުޅިމަޑުކުރީމައެއްނު އަހަރެން މިދައްކާ ވާހަކައެއް ވިސްނޭނީ ވެސް، އަހަރެން އޭނައާ ގުޅޭކަށް ނޫޅެމޭ، އަދި ޒައުލް ދެރަކުރާކަށްނޫނޭ އޭނަ އާއިއެކު ކޮފީގަ އިނީ.... ޕްލީޒް ދޫކޮއްލަބަލަ، ވަރަށް ތަދުވޭ އެބަ" ޔޫހާ އަދިވެސް މަސައްކަތް ކުރަމުން ދިޔައީ ހަމަޖެހިގެން ހުރެ މަޑުމައިތިރި ކަމާއިއެކު ވާހަކަދެއްކޭތޯއެވެ.
"އަހަރެން ދެރަ ކުރާކަށް ނޫނޭ، ހުއް.... އަހަރެން ދެރައެއްނުވޭ.... އަހަރެންވެސް އަތްލަންވީނު ޔޫހާގެ ހަށިގަނޑުގަ، އޭނަ އަތްލީ މިތަނުގަތަ...އޭން....މިތަނުގަތަ، ނޫނީ މިތަނުގަތަ....މިހެންތަ އަތްލީ....އޭ...މިހެންތަ" ޒައުލް ކުއްލިއަކަށް ޔޫހާގެ އަތުން ދޫކޮއްލުމަށްފަހު އޭނަގެ ގައިގެ އެތަންމިތަނުގައި އަތުން ކޮއްޕަމުންދިޔައެވެ.
"ޒައުލް....ކޮންވައްތަރަކަށްތަ ތިއުޅެނީ...ތިހެން ނުހަދަބަލަ، މިބުނަނީނު އެއްވެސް ކަމެއްނުވެޔޭ....ޒައުލް، މިތަނުގެ ޔުނީފޯ މޭ މީ...ޒައުލް، ޕްލީޒް، ދެންހެޔޮ...ޕްލީޒް..." ޔޫހާވެސް ބިރުގަންނަ ހިސާބަށް ޒައުލްގެ ކަންތައްދިޔައެވެ. އޭނަ ޔޫހާ ދައްކާ ވާހަކައެއް އެއްގޮތަކަށްވެސް އަޑުއަހާކަށް ބޭނުމެއްނޫނެވެ. މޮޔަވެފައި ހުރި މީހެއްހެން ޔޫހާގެ ގަޔަށް ލޮލަށް ބޮލަށް އަރަނީއެވެ. ޔޫހާގެ ޔުނީފޯމް ޖެކެޓުގައިވާ ޖީބުވެސް ދަމައިގަތް ގަތީނުން އިރާލައިފިއެވެ.

ކޮމެންޓް 0