ފުރަތަމަ ފަަހަރަށް ޒައުލް ޔޫހާގެ އަތުން ތައްޔާރުކޮއްފައިވާ ކޮފީތަށީގައި ތުންޖައްސާލަމުން ރަހަބަލާލިއެވެ. ޒައުލް އާމުކޮށް ބޯ ފެންވަރުގެ ކޮފީތައްޓަކަށްނުވިނަމަވެސް ޔޫހާގެ އަތުން ހެދާފަދިނީތީ އެކަމުގެ ހިތްހަމަޖެހުން އޭނައަށް ލިބުނެވެ. ކޮފީގައި ކުޑަކޮށް ފޮނިގަދަހެން ހީވިޔަސް ބޯލީ އެއްވެސް ފާޑުކިއުމެއްނެތިއެވެ. ޔޫހާ ވެސް ޒައުލް ސައިބޮމުންދިޔައިރު އެއްވެސް ވާހަކައެއްނުދައްކައެވެ. ޒައުލްވެސް ސުވާލެއްނުކުރާތީ އޭނަވެސް މަޑުން އިނީއެވެ. ޔޫހާގެ މަސައްކަތް ފެށުނީ ޒައުލް ސައިބޮއެ ނިމުމުންނެވެ. މެންދުރަށް ކެއްކުމަށްފަހު އަރާމުކޮއްލަން އޭނަ ހުރީ ބޭނުންވެފައެވެ. 
ނުވައެއްޖަހާލާކަން ހާއިރު ކިޔާން ހޭލައިގެން އާފުރެމުން އައިސް ބަދިގެ ފަރާތަށްވަނީ އޭނަގެ މަންމަ ހުންނާނީ އެތަނުގައިކަން ޔަގީންވާތީއެވެ. އެކަމަކު އެމައުސޫމު މޫނުމަތިން ނިދީގެ އަސަރުފިލާގޮސް އަނގައިގައިވާ ކުދިކުދި ދަތްތައް ފެންނަވަރަށް ހިނިތުންވެލީ ކާމޭޒުދޮށުގައި އެއްފައި މައްޗަށް އަނެއްފައި ލައިގެން އިން ޒައުލް ފެނުމުންނެވެ. ދެއަތްދިއްކޮއްލަމުން ދުވެފައި އައި ކިޔާން އުރާލާފައި އުނގުގައި ޒައުލް ބޭންދީ ލޯތްބާއިއެކުއެވެ. އެމަންޒަރު ފެނި ޔޫހާގެ ހިތް އުފަލުން ފުރުނުކަހަލައެވެ. ޒައުލްގެ ފަރާތުން ބޭނުންވަނީ އެފަދަ އޯގާތެރިކަމެކެވެ. ދަރިފުޅުދެކެ ޒައުލް އެހާ ލޯބިވެދާނެއޭ ޔޫހާ ހިއެއްނުކުރެއެވެ. ޒައުލް އާއި ދިމާވެގެން އެވާހަކަ ދައްކަން ޖެހިލުންވީވެސް އެހެންވެއެވެ. ޔޫހާ ކުރަންހުރި ކަންތައް ހުއްޓާލުމާއިއެކު ކިޔާންއަށް މައިލޯތައްޓެއް ހަދަން އަވަސްވެގަތެވެ. ހެނދުނު ހޭލާއިރު އެކުއްޖާ ހުންނާނީ އަބަދުވެސް ބަނޑުހައިވެ ހާންތިވާވަރުވެފައެވެ.
މައިލޯތަށި ބޯލި ކިޔާންގެ ތުން ޔޫހާ ދޮއްވާލުމާއިއެކު ޒައުލްގެ އުނގުން ފައިބައި އޭނަގެ އަތުގައި ހިފައިގެން ކޮޓަރިއަށް ދިއުމަށް އުޅުނެވެ. ޒައުލް ކީއްކުރަންތޯ ސުވާލުކުރަން ފެށުމުން ޔޫހާ ޒައުލްއަށް ގޮވާލިއެވެ.
"ކިޔާން އާއިއެކު ދާންވީނު، އަހަރެން އިރުކޮޅަކުން ފިޔާކޮށަން މިއުޅެނީ، އަނެއްކާ ކައްކަންފެށީމަ ގައިގަ ވަސްހިފާނެ...." ޔޫހާ ބުނެލިއެވެ.

"ތީ ވަރަށް އިރުން ކުރެވޭކަމެއްތަ....ކޮންއިރަކުން ޔޫހާ އަންނާނީ" ޒައުލް ގޮނޑިން ތެދުވެފައި އަހާލިއެވެ.
"ހެ ހެ ހެ....ކައްކަންށޭ މިއުޅެނީ، ކުޑައިރުކޮޅެއް ނަގާނެ، ނިންމާލާފަ ކޮޓަރިއަށް ދާނަން" ލުއި ހީލުމަކާއިއެކު ޔޫހާ ބުނެލިއެވެ. ޒައުލްއަށް ޔޫހާ ހީލުމުން ކުރެވުނީ މޮޔަ ސުވާލެއްހެން ހީވެ އޭނަ އަމިއްލައަށްވެސް ހީލެވުނެވެ. އަދި ކިޔާން އާއިއެކު ކޮޓަރި އާއި ދިމާލަށް ހިނގައިގަތެވެ.
މެންދުރަށް ކައްކާ ނިންމާލާފައި ޔޫހާ ބަދިގެން ނުކުމެގެން ކޮޓަރިއަށް ދިޔައިރު އޭނަގެ އެނދުގައި ބަންޑުން ނިދާފައި ޒައުލްއޮތެވެ. އޭނަގެ ކައިރީ ދެފައިވައްކޮއްލައިގެން ކިޔާން ވަރަށް ވިސްނައިގެން ކުލަޖައްސަން އިނެވެ.
"ދަރިފުޅު...މަންމަގެ އެނދު މުޅިން ހަރާބުވާނެ މިފަހަރު، މަންމަ ބުނަމެއްނު ތިރީގަ އިންނައްޗޭ ނޫނީ ޕްލޭ ކޯނާގަ އިނދެގެންނޭ ތިކަހަލަ ކަންތައް ކުރާނީ" ޔޫހާ އަވަސްވެގަތީ ފިބާކުލަ ތަކާއި ފަންސޫރު ކުލަތަކުން އެނދުގެ ބެޑުޝީޓު ހަޑިވެފައިހުރިތޯ ބެލުމަށެވެ.
"މަންމީ، ކޮއްކޮ ހަޑިއެއްނުކުރަމޭ...ޑެޑީބުނީ ފޮތުގަ ރީތިކޮށް ކުލަޖައްސަން، އޭރުން ޑެޑީ ހޭލާފަ ބޮޑު ޕްރެޒެންޓެއް ދޭނަމޯ" ކިޔާން ބުނެލިއެވެ. އެއާއިއެކު ޔޫހާއަށް ކިޔާން އެހާ ޝައުގާއެކީ ފޮތެއް ހިފައިގެން އިން ސަބަބު އެނގުނެވެ. އޭނަގެ ގާތަށް ހިނިވެސް އައެވެ. ދެން ބަލާލެވުނީ ޒައުލްއަށެވެ. ގަދަނިދީގައި އޮތީ އަރައިގެން ހުރި ކެޝުއަލް ބޫޓާއެކީގައެވެ. އެނދުން ބޭރަށް ދެފައިތިލަ އެލުވާލާފައިއޮތީ އެހެންވެގެންކަންނޭގެއެވެ. ޔޫހާ ފެންވަރާލަން ފާހާނާއަށް ވަންނަން އުޅެފަވެސް ހިޔާލުބަދަލުވިއެވެ. އޭނަ އައިސް ޒައުލްގެ ފައިކައިރީ ކުޑަކަކޫ ޖަހާލުމާއިއެކު ޒައުލްގެ ބޫޓު ބޭލިއެވެ. އަދި އިސްޓާކީނުވެސް ބޭލުމަށްފަހު ބޫޓުގެތެރެއަށް ލާ ކޮޓަރީގެ ދޮރުކައިރީ ބޫޓު ބެހެއްޓީ އޭނައަށް ފެންނާނޭ ގޮތަށެވެ.
ފެންވަރާލައިގެން ނުކުމެ ޔޫހާ މެންދުރު ނަމާދުކޮއްލައިގެން ސިޓިންރޫމު ދޮރުތަޅުލިއެވެ. އަދި ކިޔާންއަށް ގޮވާލުމަށްފަހު ޔޫހާ އަފްލީންގެ ކޮޓަރީގައި އޮންނާނަން ކަމުގައިބުންޏެވެ. ކިޔާން އެއްވެސް ކަމެއް ބޭނުންވެއްޖެނަމަ ޔޫހާއަށް ގޮވަންވެސް ބުންޏެވެ. އެހެންވެ ޔޫހާ އަފްލީންގެ އެނދުގައި އޮށޯތީ ކޮޓަރީގެ ދޮރު ކުޑަކޮށް ހުޅުވާލާފަ ބަހައްޓާފައެވެ. މީގެ ކުރިންވެސް ޔޫހާ ޑިއުޓީ ނިންމާފަ އައިސް ނިދަން ހަދަނީ އެހެންނެވެ. ގޭގެ އެކަކުވެސް ނެތިއްޔާ ޔޫހާ ކިޔާންއަށް ވިސްނާދީފައި ނިދާލަނީއެވެ. ކިޔާންވެސް ފޫހިކަމެއްނެތި އުޅެއެވެ. ކަމެއް ބޭނުންވެއްޖެނަމަ ޔޫހާއަށް ގޮވާލާނެއެވެ. ނޫނީ އޭނަވެސް ކުޅެކުޅެ ފޫހިވުމުން ޔޫހާގެ ގާތަށް އަރާ ނިދަނީއެވެ.
މަންސޫރު ޒައުލްއަށް ގުޅާލީ ހެނދުނުގެ ނާސްތާގައިވެސް އަދި މެންދުރުގެ ކެއުމުގެ ވަގުތުގައިވެސް ޒައުލް ނުފެނުމުންނެވެ. ހޮޓެލްގައި މަސައްކަތް ކުރާ ރަމީޒުވެސް ޒައުލްއަށް ގުޅިއެވެ. އެހެންނަމަވެސް ނިދިފައިއޮތް ޒައުލްއަށް ހިލަމެއްނުވިއެވެ. ސްކޫލުން ގެއަށް އައި އަފްލީން އޭނަގެ ކޮޓަރިއަށް ވަނުމާއިއެކު ލިބުނީ ހައިރާންކަމެވެ. ޔޫހާއަށް ގޮވާލަން ހިތަށްއަރާފަވެސް ކިޔާން ކޮބާތޯ ބަލާލުމަށް ޔުނީފޯމްވެސް ބަދަލުނުކޮށް ޔޫހާގެ ކޮޓަރީގެ ކުޑަކޮށް ހުޅުވާލެވިފައިވާ ދޮރު ކޮއްޕާލިއެވެ. ހަމައެހާއަވަހަށް ދޮރުކައިރިވެސް ކޮއްލެވުނީ ޔޫހާގެ އެނދުގައި އޮތް ޒައުލް ފެނުމުންނެވެ. އަފްލީން ކިޔާންގެ ކައިރިން ވާނުވާ އޮޅުންފިލުވާލިއެވެ. އަދި ލާނެތް ހިނިތުންވުމަކާއިއެކު އޭނަގެ ކޮޓަރިއަށް ވަނެވެ.

"މާމާ، އަސްލުވެސް މާލެ ދާންތޯ މިއުޅެނީ، އެފޫހިތަނަށް އަޅުގަނޑު ދާހިތެއްނުވޭ" އީލާކްއަށް ލާއިގާ މާލެދާން އުޅޭކަމުގެ ޚަބަރު ދިނުމާއިއެކު ބުނެލިއެވެ.
"ދަރިފުޅުކައިރީ ޖުނޭދު އަންކަލްވެސް ބުނެފިއެއްނު އެހެން ނުވިސްނާށޭ، ދަރިފުޅަށް ދިމާވި އެންމެ ކަމަކުން މާލެ ނުގޮސް ހުރުމަކީ އަދި މުޅިން ރަނގަޅު ގޮތެއްނޫން، އަނެއްކާވެސް އާފެށުމަކުން ފަށަންވީ...މިފަހަރު ދަރިފުޅުވެސްވާނެ ހުށިޔާރުވާން، މާބޮޑަށް އެހެންމީހުންގެ މައްޗަށް ބަރޯސާވުން ދޫކޮއްލަންވީ، ނިކަންބަލާ ދަރިފުޅު ބައްޕަ، އަމިއްލަ މަސައްކަތުން ހަމަކުރިއަށް އެދިޔައީ، މީހަކު އެހީއެއްވެފައިނޯންނާނެ....ދަރިފުޅުވެސްވީ ވަރަށް ކެރޭ އަންހެން ކުއްޖަކަށްވާން...ވާހަކަފަތުރަން ބޭނުންވާ މީހުންނަށް ފަތުރާނެވާހަކަ ދީގެން އުޅެވޭނީ...." ލާއިގާ ގޭގެ ބަގީޗާގައި ހުރި ގޮނޑިއެއްގައި އިށީނދެލައިގެން އިނދެ ބުނެލިއެވެ. ޖުނޭދުއަކީ މެލޭޝިޔާގައި ހުންނަ އާއިލާގެ ޒަމާންވީ ރަޙުމަތްތެރިއެކެވެ. އެގެއަށް އަބަދުހެން އައިސް އުޅޭތީ އީލާކްގެ ހުރިހާ ކަމެއްވަނީ ޖޫނޭދުއަށްވެސް އެނގިފައެވެ.
"އޯ....ހިތަށް އަރާ އެ ނަހުލާ ގަނޑު މަރާލަންވީއޭ..." ވިނަގަނޑުމަތީ ހުސްފަޔާ ހިނގާލަ ހިނގާލަ ހުރި އީލާކް ދަތްކުނޑި ވިކާލަމުން އަތުގެ މުއްބާރުކޮއްލިއެވެ.
"އޮފް ހޯ...އަދިވެސް އެރުޅިގަނޑު، ދަރިފުޅާ އީލާކް މާމަ ބުނަމެއްނު ރުޅިއައިސް ހުރެގެން ރަނގަޅު ނިންމުމެއް ނުނިންމޭނެއޭ...އާދެބަލަ މިތާ މާމަ ކައިރިއަށް، މިގޮނޑީގަ އިށީނދެބަލަ، ދަރިފުޅަށް އެނގޭތަ...ދޮންތައަށް ނޭގިއޭ މާލެދާން މިއުޅެނީ، ދޮންބެއަށްވެސް ނޭގޭނެ...ހުރިހާ އެންމެންނަށް ސިއްރުން ދާނީ" ލާއިގާ ބުނެލިއެވެ. އީލާކްއަށް އެގޮތް ވަރަށް ކަމުދިޔައެވެ. އާއިލާގެ މެންބަރުންމަތިން އޭނަވެސް ހަނދާންވެއެވެ. އަދި ލޫލުއާގެ ކައިވެނީގެ ވާހަކަ ލާއިގާގެ ފަރާތުން އަޑުއިވިފައިވުމުން ވަކިން ބޮޑަށް ލޫލުއާ އާއި ދިމާކޮއްލަންވެސް އޭނަވަނީ ބޭނުންވެފައެވެ.
"އެހެންވީރު ކޮންއިރަކުންތޯ މާމަ ފުރަންތި ވިސްނަވަނީ؟" އީލާކް ލާއިގާ ދެއްކޮ ގޮނޑީގައި އައިސް އިށިންނަމުން އަހާލިއެވެ.
"ކުރިއަށް މިއޮތް ހަފްތާތެރޭގައި މާލެދިއުމުގެ ކަންތައްތައް ހަމަޖައްސާނަން، ދަރިފުޅުވެސް އިތުރު ޝޮޕިންއެއް ކުރަން އޮވެއްޖެނަމަ މިހާރުކޮށް ނިންމާލަން މާމައަށް ފެންނަނީ" ލާއިގާ ބުނެލިއެވެ.
"އެކަމަކު އޭރުން އަޅުގަނޑުމެން ބަލާ އެއަރޕޯޓަށް އަންނާނީ ކާކު، ދޮންބެ ކައިރީ ބުނާނީ" އީލާކް ބުނެލިއެވެ. 
"ދަރިފުޅުގެ ބައްޕައަށް ނޭގިއެއްނޫނޭ މިދަނީ، އެކަމަކު ލޫލުއާއި ޒައުލް ގާތުނުބުނު މިފަހަރު މިދަނީ، ޒައުލް ކައިރީ ބުނެފިނަމަ، ލޫލުއާ އަހާއިރަށް ބުނާނެ...އެހެންވެ ނުބުނީ" ލާއިގާ ހިނިތުންވެލައިގެން އިނދެބުނެލިއެވެ.
މެންދުރުފަސްވެ ތިނެއްޖަހަން އުޅެނިކޮށް ޔޫހާއަށް ހޭލެވުމާއިއެކު އަވަހަށް ތެދުވިއެވެ. އޭރު އެތަނުގައި އަފްލީން އޭނަގެ އާދައިގެ މަތިން ފޭސްބުކަށްގެއްލިފައި އިނެވެ.

"މޯނިންގް ޔޫހާ، ޔޫގެ ހެންޑްސަމް އެބައޮތް އަދިވެސް ނިދާފަ" އަފްލީންގެ އެޖުމްލައިންވެސް ޔޫހާގެ ހިތުގައި އުފެދިފައިވާ ސުވާލަށް ޖަވާބުލިބިގެން ހިނގައްޖެއެވެ.
"ސޮރީ، އަހަންނާ ހެދި މިއަދު އަފޫއަށް ޖައްސާވެސް ނުލެވުނު" ޔޫހާ އެނދުން ތެދުވަމުން ބުނެލިއެވެ.
"އިޓްސް އޯކޭ...އޯލް ދި ބެސްޓް" އަފްލީން ހީލާފައި ބުނެލިއެވެ. ޔޫހާ އެނދުގެ ބާލީސްތައް ރީތިކޮއްލުމާއިއެކު އެކޮޓަރިން ނުކުތީ އަފްލީން އާއި އެއްވެސް ސުވާލެއްކުރަން އެވަގުތު ބޭނުންނުވާތީއެވެ. އަވަސް އަވަހަށް ކޮޓަރިއަށް ގޮސް ވަތްއިރު ޒައުލްގެ އަތްމަތީ ކިޔާންވެސް ނިދާފައޮތެވެ. ޔޫހާ މަޑުމަޑުން ކިޔާންގެ އަތުގައި އޮތް ކުލަފަންސޫރު ނަގަންއުޅުނީ ނިދީގައި އަނިޔާއެއްވެދާނެތީއެވެ. ފުރޮޅިލަން އުޅުނު ޒައުލް ކުއްލިއަކަށް ލޯހުޅުވާލަމުން ޔޫހާގެ އަތުގައި ހިފާލިއެވެ.
"ގަޑިން ކިހާއިރެއް؟" ޒައުލް އެންމެ ފުރަތަމަވެސް ބޭނުންވީ ގަޑިންވީއިރެއް އޮޅުންފިލުވުމެވެ.
"ތިނެއްޖަހަނީ" ޔޫހާގެ އަތުގައި ޒައުލް ހިފާފައިހުރުމުން އޭނަ ގުދައޮވެ ބުނެލިއެވެ. ޒައުލް ޔޫހާގެ އަތުން ދޫކޮއްލަމުން ދޮރާދިމާލަށް ބަލާލާފައި ކިޔާންގެ ބޯދަށުން އަތްނެގިއެވެ. އަދި އެނދުން ތެދުވެ ފައިޅާލުމާއިއެކު ޓައިލްތަކުގައި ޒައުލްގެ ފައިޖެހުމުން އޭނަގެ ބޫޓާ އިސްޓާކީނު ނެތްކަން އެނގުނީވެސް، އޭނަ ޔޫހާއަށް ބަލާލީ ސުވާލުގެ ނަޒަރަކުންނެވެ. އެހިނދު ޔޫހާ ދޮރުކައިރީ ހުރި ބޫޓުދައްކާލީ އަތުގެ އިޝާރާތުންނެވެ.
"ސޮރީ، އަހަރެން ބޫޓު ބޭލީ" ޔޫހާ ބުނެލިއެވެ. އޭނަ ޒައުލްއަށް ބަލަން ހުރީ ހަދާނެގޮތެއް ނޭގިފަހުރި މީހެއްހެންނެވެ.
"އޯކޭވާނެ...އަހަރެން ނިދާކަށްނޫން، އެކަމަކު ޖައްސާލިތަނާ ވަރަށް ގަދައަށް ނިދިއައީ، ޔޫހާ ހިތްހަމަނުޖެހިފަތަ ތިހުރީ....ސޮރީ އެނގޭ، އަހަރެން ގަސްދުގައެއްނޫން، ރޭގަ ނުނިދައެއްނު ހުރީ" ޒައުލް ބުނަންފެށިއެވެ.
"އޯކޭވާނެ، އެކަމަކު ތިހެން ހުރެގެން ނުދައްޗޭ، ޒައުލްއާ ނުވެސް ގުޅޭނެ، ބޯވެސްތިހުރީ ހޭވިފަ، މޫނުމަތިން ހީވަނީ އަދިވެސް ނިދާފަހުރިހެން...ފާހާނާއަށްވަދެ މޫނުދޮވެލައިގެން ދާންވީނު، އަހަރެން އިރުކޮޅަކުން ކިޔާންވެސް ނަގާނަން، އޭނަ ސްކޫލަށްވެސް ގެންދަންޖެހޭނެ" ޔޫހާ ބުނެލިއެވެ.
ޒައުލް ތެދުވެގެން ގޮސް ފާހާނާއަށް ވަންނަމުން ފަޓުލޫނު ޖީބުގައި އޮތް ފޯނުނަގާ ބަލާލިއެވެ. މިސްވެފައިވާ ކޯލުތަކުން މުހިއްމު ނޫން އެންމެ ކޯލެއްވެސް ނެތެވެ. ބައްޕަގެ ފޯންކޯލު ނުނެގުނީތީ އަދިވަކިން ކަންބޮޑުވެފައިހުއްޓެވެ. ފާހާނާގެ ލޯގަނޑުން މޫނު ބަލާލާފައި ފެންފޮދަކުން ޒައުލް މޫނުދޮވެލިއެވެ. އަދިވެސް އޭނަ އެހުރީ ނިދިއައިސްފައެވެ. އެހެންނަމަވެސް ދެން އޭނަ ބޭނުންވަނީ އަވަހަށް ގެއަށްދާށެވެ. ނިދި މޫޑުގެ ސަބަބުން އޭނައަށް ޔޫހާ އާއި މާގިނަވާހަކަތަކެއްވެސް ނުދެއްކުނެވެ. ފާހާނާގައި ހުރެ ޖަމާލްއަށް ގުޅާ އައުމަށް ބުންޏެވެ. ޔޫހާ އަލަމާރިން ތުވާއްޔެއްނަގައިގެން ހުރީ ޒައުލް ނުކުންނާނެއިރަކަށެެވެ.
ގިނައިރެއްނުވެ ޖަމާލު ޔޫހާ މެންގޭ ކައިރިއަށް މަޑުކޮއްލާފައި ޒައުލްއަށް ގުޅިއެވެ. ޒައުލް ދަނީކަމުގައި ބުނެ ޔޫހާގެ ކޮޓަރިން ނުކުންނަމުން ޔޫހާގެ ކޯތާފަތުގައި ފިރުމާލިއެވެ. އަދި ނުކުންނަން އުޅެފަވެސް އެނބުރިލާފައި ޔޫހާގެ ގައިގާ ބައްދާލަމުން ކޯތާފަތުގައި ބޮސްދިނެވެ. ޔޫހާގެ ދެލޯ ބޮޑުވެގެންދިޔައެވެ. ޒައުލް އެހެން އެހެދީ ކީއްވެބާއޭ އޭނަގެ ހިތަށް އަރަމުންދިޔައެވެ. އެއްޗެއް ނުބުނެ ޒައުލް ނުކުމެގެންދިޔައީއެވެ. ޔޫހާ ބަސްހުއްޓިފައި ހުރިފިޔަވަޅުމަތީ ޒައުލް ނުކުމެގެންދިޔަ ތަން ބަލަން ހުއްޓެވެ.

ކޮމެންޓް 0