ޝާއިން ޔޫހާ ދޭނެ ޖަވާބަކަށް މަޑުކޮއްލައިގެން ހުރީ ކެތްތެރިކަމެއް ނެތި އެވެ. ޒައުލް އާއި ޔޫހާ އާއި ގުޅިދާނެއެކޭ ދުވަހަކު ހިތަށްވެސް ނުގެނެވެއެވެ. ޔޫހާ ވަކި އެއްޗެއް ނުބުނެ ގިނަ އިރުވާން ފެށުމުން ޝާއިން އޭނައަށް ގޮވާލި އެވެ.
"ކިޔާންގެ ބައްޕަ އެއީ...." ޔޫހާ ބުނެލި އެވެ. ޝާއިންއަށް ޔޫހާ އާއި ދިމާލަށް ބަލަހައްޓައިގެން ހުރެވުނީ އެވެ. ޔޫހާ އޭނަގެ ކައިރީ ދޮގެއް ނުހަދާނެކަން އޭނައަށްވެސް ޔަގީންވެ އެވެ. އަދި ޒައުލްއަކީ ކިހާވަރެއްގެ ކާކުކަންވެސް ޝާއިންއަށް އެނގެއެވެ. އެހެންނަމަވެސް އެކަން ގަބޫލުކުރަން ދަތިވާގޮތްވި އެވެ. ސިކުނޑީގައި ސުވާލުމާކެއް ޖެހިގެންދިޔަ އެވެ. ޔޫހާއަށް ކިޔާން ލިބުނު ގޮތް ވަރަށް ރަނގަޅަށް ޝާއިންއަށް އެނގެ އެވެ.
"ކިޔާންގެ ބައްޕަ ޔޫހާ އަހަންނަށް ސިފަކޮއްދިން ގޮތާ ޒައުލްއާއި އެއްވެސް ގުޅުމެއްނުވޭ، މިބުނީ ޒައުލްއަކީ ރާއްޖޭގެ ނަން މަޝްހޫރު މަންސޫރުގެ ހުރި ހަމައެކަނި ފިރިހެން ދަރި، އެމީހުންގެ އުޅުމާ، މުއްސަނދިކަމާ، ކޮންމެ އަތަކަށް އެނބުރިލިޔަސް އެމީހުންގެ ހިދުމަތުގަ ނޯކަރުން ތިބޭ.... އަހަންނަށް ކިޔާދީބަލަ ޔޫހާ.... އަދިވެސް ކިޔާނުދޭ ވާހަކަތަކެއް ވަނީތަ؟" އިރުކޮޅަކު އެއްޗެއް ނުބުނެ ހުރުމަށްފަހު ޝާއިން ސުވާލުކުރިއެވެ. ހަގީގަތުގައިވެސް އޭނަ އެހުރީ ގަބޫލުކުރަން ދަތިވެފަ އެވެ. ދުވާލުގެ ގަޑިއެއްގައި ޔޫހާ އޭނަ ކައިރީ އެބުނަނީ މީރޭގަނޑު ކަމުގައި ގަބޫލުކުރާށޭ ހެއްޔެވެ. އެހާވެސް ބޮޑު ފަރަގެއް ޔޫހާ އާއި ޒައުލް އާއިމެދު ވެއެވެ. ޔޫހާއަކީ ކޮންކަހަލަ އާއިލާއަކުން އައިސް ހުރި ކޮންކަހަލަ މިޒާޖެއްގެ އަންހެންކުއްޖެއްކަން މިހާރު ޝާއިން ވެސް އޮޅިފަކާ ނެތެވެ.
"އަހަރެން ޝާއިންއަށް ދޮގެއްނުހަދަން، ދުވަހަކުވެސް އުމުރުގަ ބާކީ އޮތްތަނުގަ ކިޔާންގެ ބައްޕަ އާއި ދިމާވެދާނެއޭ އަހަރެން ހިތަކަށް ނާރާ، އަދި އޭނަ ހޯދާކަށްވެސް އަހަރެން މަސައްކަތެއް ނުކުރަން، އެކަމަކު އަހަރުމެން ދެމީހުން މިވަނީ އަނެއްކާވެސް ދިމާވެފަ، ތަގުދީރު މިކުޅެނީ ކޮންކަހަލަ ކުޅިގަނޑެއްކަމެއް އަހަންނަށް ލަފާކުރަންވެސް ނޭގޭ... ހިތަށްއެރީ ދޯ... އަހަރެން ކަހަލަ އަންހެނެއް ޒައުލްފަދަ މީހެއްގެ ދިރިއުޅުމަށް ދިޔައިރު މިއަދު މިހުރި ހާލުގައި ހުރެދާނެކަން ކުރިން ނުވިސްނީ ކީއްވެގެންތޯ، ޝާއިން، އަހަންނަށް ޒައުލް އޮޅުވާލާފަވަނީ ދުވަހަކު ވެސް އެއްއިންސާނަކު އަނެއް އިންސާނަކަށް އޮޅުވާނުލާނޭ ދަރަޖައަށް، އަހަރެން އެދުވަހު ޝާއިންއަށް އަހަރެންގެ ދިރިއުޅުމުގެ ވާހަކަ އާއި ޒައުލް އާއި ގުޅުވާލީ... އޭރުގަ އަހަންނަށް ޒައުލް އެނގިފައިވަނީ އެގޮތަށް ކަމަށްވާތީ، އާދައިގެ ދިރިއުޅުމެއްއުޅޭ ޒުވާނެއްގެ ގޮތުގަ ކަމަށްވާތީ..." ޔޫހާ ދުލުން ހަގީގަތް ހާމަވަމުންދިޔައިރު އެއީ ޝާއިންއަށް އާ ވަހަކައެއް ނޫނެވެ. އެހެންނަމަވެސް އެވާހަކައާއި ގުޅިފައިވާ އެންމެ މުހިއްމު ފަރާތުގެ ހަގީގަތް މިއެނގުނީ އަދިކިރިޔާ އެވެ.
"ކޮންއިރަކު ޔޫހާއަށް އެނގުނީ، ޒައުލްކަން އެއީ ޔަގީންތައް" ޝާއިން އެނގެން ބޭނުންވެފައި ހުރިވަރުން އަނެއްކާވެސް ސުވާލުކުރިއެވެ.
"އަހަންނަށް ޒައުލް އޮޅޭނެތަ، އެއީ ހަމަ އޭނަ، އަހަންނަށް ޒައުލްގެ ސިފަ ނޭގިއެއް ނުހުންނާނެނު، އަހަރުމެން ދެ މީހުން އެކަކު އަނެކަކަށް ބައްދަލުވީ ޕާކްވިއުއިން، ޝާއިން ހަނދާން އެބަހުރި އެރޭ ކުދިން މަދުވެގެން ޝާއިން އަހަންނަށް ގުޅީމެއްނު..." ޔޫހާ ޝާއިންއަށް ބަލާލަމުން ބުނެލި އެވެ. އޭނަގެ ލޮލުން ފާޅުވަމުންދިޔައީ މާޒީއެއްކަމަކު އެކަމެއްގެ ރިހުން އަދިވެސް ފިލައިގެން ނުދާކަމެވެ. ދިގުދެމިގެންވި މަޑު ރިހުމެއް އިޙްސާސްކުރަމުންދާ މީހެކޭ އޭނައެކޭ ތަފާތެއްނެތެވެ.
"އާން...އާން، އަހަރެން ހަނދާން އެބަހުރި، މިފަހުން ޕާކްވިއުގެ ބޭއްވި އެންމެ ބޮޑު ހަފްލާއެއްނު އެއީ، އެކަމަކު އޭގެ ފަހުން މިހާރު.... ދެން ކީއްވެ ޔޫހާ ނުބުނީ އަހަރެން ކައިރި" ޒައުލް އާއި ޔޫހާ ބައްދަލުވި ފަހުންވީ ދުވަސްތައް އަންދާޒާ ކޮއްލާފަދަ ގޮތަކަށް ދެބުމަ ކައިރިކޮއްލަމުން އަރުވާލާފަ ވެސް އެވަގުތު ހިތުގައި ދެން އުފެދުނު ސުވާލުކޮއްލީ އެވެ.
"އަހަންނަށްވެސް ޒައުލްއަކީ ކާކުކަން އެނގުމުން ޖެހިލުންވީ، އެތަށް އަހަރަކަށްފަހު އަހަރެންގެ ކުރިމައްޗަށް އެރި ޒައުލްއަށް ލިބިފައިވަނީ އަހަރެންގެ ހަނދާނުން ނުފިލާވަރުގެ އަނިޔާއެއްދިން މީހާގެ ސިފަޔާ، އޭރުގަ ޒައުލްގެ ފަރާތުން ފެނުނު އެއްވެސް ކަމެއް މިހާރު މިފެންނަ ޒައުލްގެ ފަރާތުން އަހަރެން ނުދެކެން... ކިޔާންއަކީ އޭނަގެ ދަރިއެއްކަން އަހަރެން ދުލުން އޭނަގެ ގާތު ހާމަ ކުރަން މަޖުބޫރުވީ... އެހެންނޫންނަމަ... ޝާއިން... އެހެންނޫންނަމަ އަހަރެން ދުވަހަކުވެސް ނުބުނާނަން ކިޔާންއަކީ އޭނަގެ ފަރާތުން އަހަންނަށް ލިބުނު ދަރިއެކޭ..." ޔޫހާ އިސްޖަހާލުމާއިއެކު ދެ ލޯމަރާލީ ދެން އެހެން އޭނަ ބުނިކަމުގައި ވިޔަސް ކުރެވޭނެ ކަމެއް ނެތުމުންނެވެ. ޝާއިންއަށް ޔޫހާ ބުނަމުން ދިޔަ ވާހަކަތައް ވަރަށް ސާފުކޮށް އެނގެއެވެ. ޔޫހާ ނުބުނަން ހުރި ވާހަކައެއް އޭނަގެ ފަރާތުން ހޯދޭނީ ވަރަށް ކުޅަދާނަ މީހަކަށެވެ. ޒައުލް އެދަރަޖައަށް ޔޫހާއަށް މަޖުބޫރުކުރީ ކިހިނެއްތޯ އެނގެންވެސް އޭނަ ބޭނުންވެއެވެ. އެހެންނަމަވެސް އޭނަ ޔޫހާގެ އިޙްސާސްތަކަށް ގަދަރުކުރެއެވެ. އެވާހަކައެއް ދައްކަން އޭނަ އެންމެ ބޭނުންނުވާ ވާހަކަކަން މިހާރު އެދައްކަނީ ޝާއިންއަށް އެނގެއެވެ. 

ޔޫހާފަދަ އަންހެން ކުއްޖެއްގެ ހިތް އަތުލުމަކީވެސް ފަސޭހަކަމެއްނޫންކަން އޭނައަށް އެނގެއެވެ. އެހެނީ ހުދު އޭނަވެސް އެއްއިރެއްގައި އެހިތްލިބޭތޯ ވަރަށް މަސައްކަތްކުރިއެވެ. ދަރިއަކު ހުރިކަމުގައި ވިޔަސް ހެޔޮހިތުން ގަބޫލުކުރަން ޝާއިން ހުރީ ތައްޔާރަށެވެ. ދިރިއުޅުމަށްޓަކައި ކައިވެނީގެ މަތިވެރި ދަރަޖައިގެ އުފާ ޔޫހާއަށް ދިނުމުގެ ހުވަފެން އޭނަވެސް ދެކުނެވެ. އެހެންނަމަވެސް އެހުވަނުގައި ހުވަފެނީކުލަޖެހި އެއްވެސް ހަގީގީ ކުލައެއްނާރަނިސް ޝާއިން ލޯހުޅުވާލީއެވެ. ވަށައިގެންވާ ކަންތައްތަކަށް ލޯހުޅުވާލީ ޔޫހާގެ ދިރިއުޅުމުގައި ހަމައެކަނި ޖާގަދެވިފައިވަނީ ހެޔޮލަފާ ރަނގަޅު ރަޙުމަތްތެރިއަކަށްކަން އެނގުމުންނެވެ. ޝާއިން ހިތްއޭނަ ގާތު ދައްކަމުން ދިޔަ ވާހަކަތަކުން އުފްގެ ލަފްޒުވެސް ބޭރުނުކުރީ އެހެންވެއެވެ. އެއިޙްސާސްތައް އޭނަ އާއި އޭނަގެ ހިތާ ދެމެދު މުޅިއުމުރަށް ސިއްރެއްގެ ގޮތުގައި ފޮރުވާލީއެވެ. މިއަދާ ހަމައަށްވެސް އޭނަ މަސައްކަތްއެކުރަނީ ދުވަހަކުވެސް ޔޫހާއަށް ލިބިފައިނުވާފަދަ ހެޔޮލަފާ ރައްޓެހި ރަޙުމަތްތެރިއަކަށްވުމަށެވެ. އޭނައަށް ވެވެންއޮތް އެހީއެއްވެއްޖެޔާ ވުމަށް އޭނަ އަތްކުރިއޮޅާލީ ފިސާރި ކެރިގެންނެވެ. މިއަދު އެހިތުގައި ކުރިއަށްވުރެވެސް ޔޫހާއަށް ދެވިފައިވާ މަގާމު މަތިވެރިއެވެ. އެއްބަނޑު އެއްބަފާކަމުގެ ގުޅުމެއްނެތަސް އޭނައަށް އަފްލީން އެކޭ ޔޫހާއެކޭ ތަފާތެއްނެތެވެ. މިއަދު ޔޫހާ އޭނަގެ ދިރިއުޅުމުގައި ޝާއިން ބައިވެރިކުރީތީ އުފާކުރެއެވެ. ޔޫހާގެ ސަބަބުން އޭނަ އާއި އޭނަގެ ކޮއްކޮ އަފްލީންއަށް މައިންބަފައިން ވަކިވެފައިވުމުގެ ފުންހިތާމައަށް ލުޔެއްގެނެސްދެއެވެ. ޔޫހާއެކޭ އެމީހުންގެ ފާރުތަކުގައި އަޅާލެވިފައިވާ މަލަންގަނޑެކޭ އެއްވަރެވެ. ފަސޭހަވިޔަސް އެމަލަންގަނޑު ނައްޓާލަން ބޭނުންނުވަނީއެވެ.

"އޭނަތަ މިގެއަށް އަންނަނީ، ކިޔާންއަށް ކުޅޭއެއްޗެހި ގަނެދީ ޔޫހާއަށް އެއްޗެހި ފޮނުވަނީވެސް އޭނަތަ" ޝާއިން ދަތްދޮޅީގައި އަތްހާކާލަމުން އެނދުގައި ޔޫހާއަށް ކުރިމަތި ވާގޮތަށް އިށީނދެފައި އަހާލިއެވެ. ޔޫހާ އާއެކޭ ބުނުމަށް ބޯޖަހާލިއެވެ. ޝާއިން އެހި ސުވާލާ ގުޅިގެން އޭނަގެ ހިތަށް ވަރަށް ގިނަ އެއްޗެހި އަރާފައިބަމުންދިޔަ އެވެ. ކޮންމެ ކޮންމެ ސުވާލެއް ޔޫހާއަށް ކުރަން އޭނަވެސް ޖެހިލުންވަނީއެވެ. ޔޫހާވެސް މަޑުމަޑުން އައިސް ރީތިވާ މޭޒުގެ ގޮނޑި ދަމާލަމުން ޝާއިންއަށް ކުރިމަތިވާގޮތަށް އިށީނދެއްޖެއެވެ.
"ޒައުލް ގަބޫލުކުރޭތަ ކިޔާންއަކީ އޭނަގެ ދަރިއެއްކަން" އެންމެ މުހިއްމު ކަމެއްދެވުނު ސުވާލު ޝާއިން ކުރިއެވެ. މިފަހަރުވެސް ޝާއިން ބަލަންއިންދާ ޔޫހާ ބޯޖަހަލީ އާއެކޭ ބުނުމަށެވެ.
"ޔޫހާ އޭނަ އާއި ގުޅިގެނެއް ނޫންދޯ އޭނަ މިގެއަށް އެއަންނަނީ، ޒައުލް ކިޔާންއަށް ރަނގަޅުތަ... ކިޔާން އޭނައަށް ޑެޑީ އެކިޔަނީ ކީއްވެތަ، އެވެސް ޒައުލްގެ ކަމެއްދޯ" ޝާއިންއަށް ޔޫހާގެ ގޮތް އެނގޭތީ ކަންތައްވަމުންދާ ގޮތަށް ވިސްނާލާފައި ބުނެލިއެވެ.
"ޝާއިން، ޒައުލް ބޭނުންވަނީ އަހަންނާ ގުޅެން...." ޔޫހާ އިތުރަށް ޒައުލްގެ އެއްވެސް ކަމެއް ފޮރުވަން ބޭނުންނުވާތީ ބުނެލިއެވެ. ޝާއިން ބަލާލީ ގަބޫލު ނުކުރެވިގެން ބަލާލިފަދަ ގޮތަކަށެވެ. އޭނަގެ އަނގައިން ނުބުނިކަމުގައިވިޔަސް ޔޫހާއަށް ވަރަށް ސާފުކޮށް އެބަލާލުން އޭނަގެ ގާތުގައި ބުނިއެއްޗެއް ސާފުވެގެންދިޔައެވެ. އެހެންވެ އަނެއްކާވެސް އޭނަ އާއި ދިމާލަށް ހައިރާންވެ އަންތަރީސްވެފައި ބަލަން އިން ޝާއިންއަށް ބޯޖަހާލީ ގަބޫލުކުރާށޭ ބުނާފަދައަކުންނެވެ.
"ކޮންއިރަކުން..." ޝާއިންއަށް އިތުރަށް އެއްޗެއް ނުބުނެ ނީދެވުނެވެ.
"ވީހާވެސް އަވަހަކަށް..." މިހެން ބުނެލި ޔޫހާގެ މޫނުމަތިން ފާޅުވެގެންދިޔަ މާޔޫސީ ކުލަވަރު ޝާއިންއަށް ފާހަގަކުރެވުނެވެ.
"ކީއްވެ ޔޫހާ... އޭނައަށް އެނގުނީމަ ވަގުތުން ޔޫހާގެ ކައިރިއަށް އައީމަވެސް ބޭނުންނުވަނީތަ، މިއަށްވުރެ ރަނގަޅު ފުރުޞަތެއް ކޮބާ، ދުނިޔެ ގަބޫލުނުކުރި ކަމުގައި ވިޔަސް ކިޔާންއަށް އޭނަގެ ބައްޕަ ލިބުނީ، އަނެއްކޮޅުން ޔޫހާއަށް ރަނގަޅު ދިރިއުޅުމެއްލިބުނީ، އެއަށްވުރެ ބޮޑު ނިއުމަތެއްކޮބާ.... އަހަރެން ހަމަގައިމުވެސް ވަރަށް އުފާވެއްޖެ" ހިތްހަމަޖެހުމުގެ ހިނިތުންވުމަކުން ހިނިއައިސްފައި އިނދެ ޝާއިން ބުނެލިއެވެ.
"ދެން ނޭގެ... މިވަގުތު ތިކަމަށް އެއްޗެއް ބުނާކަށް އަހަންނަކަށް ނޭގެ" ޔޫހާ އޭނައަށް އިޙްސާސް ކުރެވެމުންދިޔަ އިޙްސާސްތައް ހާމަކޮއްދޭނެ ގޮތެއް ނޭގި އިނދެ ބުނެލިއެވެ. ޝާއިންވެސް މިރޭ އިތުރަށް ޔޫހާ ލައްވާ އެވާހަކަތައް އޮޅުން ފިލުވާކަށް މަސައްކަތެއް ނުކުރެ އެވެ. އިތުރަށް ޝާއިން އެއްޗެއް ނުބުނުމުން ޔޫހާ ހީކުރީ އޭނަ ދެކެ ޝާއިން ހިތްހަމަ ނުޖެހުނީ ކަމަށެވެ.
"އެހެން ބުނީމަ ހިތްހަމަ ނުޖެހުނީތަ" ޔޫހާ މަޑަމަޑުން އަހާލިއެވެ.
"ނޫނޭ، ޔޫހާ ނިންމާގޮތެއް އަހަންނަށް އެންމެ ރަނގަޅު، ވިސްނަން ބޭނުންވަންޏާ ޔޫހާ ހަމަ ވިސްނަންވީ، އެކަމަކު ޒައުލްގެ ހިޔާލު ބަދަލު ނުވަނީސް ކިޔާން އާއިމެދުވެސް ޔޫހާ ވިސްނާލުން އަހަރެން ވަރަށް އެދެނެ..." ޝާއިން ބުނެލިއެވެ. ޔޫހާ ބޯޖަހާލަމުން ޝާއިން ބުނަން އުޅުނު ވާހަކައަކީ ކޮބާތޯ އެހިއެވެ. އެއާއިއެކު ޒައުލް އޭނައަށް ހުޅުވާލި ފުރުޞަތުގެ ވާހަކަ ކިޔާދިނެވެ. އަދި އޭނަ މިރޭ އައީ ގާޑަންވިއު ހޮޓެލުން އޭނައަށް ހުޅުވާލި ފުރުޞަތު ގަބޫލުވެސް ކޮއްފައިކަމަށް ޝާއިން ބުންޏެވެ.
"ހެ ހެ ހެ ހެ....ޒައުލް ވިސްނީ ކަންނޭގެ އަހަންނަށް މަތީ މަގާމެއް ދިނުމުން ޔޫހާ ގަބޫލުވެދާނެ ކަމަށް...ދޯ..." ޝާއިން ހެމުން ވާހަކަ ދެއްކިއެވެ.
"ދެން އެ އޮފާ ގަބޫލެއް ނުކުރާނަންތަ" ޔޫހާ ސީރިއަސްވެފައި އަހާލި އެވެ.
"އަހަންނަށްވެސް އަދި ވަކިއެއްޗެއް ބުނާކަށް ނޭގެ" ޝާއިން ހީލަމުން ބުނެލިއެވެ. ޔޫހާވެސް ކުޑަކޮށް ހީލާފައި ދެން އޭނަ ދިޔަޔަސް އެންމެ ރަނގަޅުތޯ އަހާލިއެވެ. ޝާއިން ބޯޖަހާލަމުން ހޫންއަޑު ލައްވާލުމާއިއެކު ޔޫހާ އެކޮޓަރިން ނުކުންނަން ހިނގައިގަތެވެ.

ދަންވަރު ޑިއުޓީއަށް ދިއުމަށްޓަކައި ޔޫހާ ތައްޔާރުވެ އަތްދަބަހަށް އޭނަ ބޭނުންވާނެ ސާމާނުތައް އަޅާލިއެވެ. އަދި ރީތިވާ މޭޒުމަތީގައި އޮތް އޭނަގެ ވޮލެޓު ބަލާލީ އޭގައި ރުފިޔާ ހުރިތޯ އެވެ. ސަތޭކަ ފަންސާހަކަށް ރުފިޔާ އޭގައި އޮތެވެ. މަހުގެ ފަހުކޮޅަށްވެފައި އެހާތަނުގައި އެހާވަރު އޭނަގެ އަތުގައި އޮތުމުން އޭނަ ހުރީ ވަރަށް ހިތްހަމަޖެހިލާފައެވެ. ނިދިފައި އޮތް ކިޔާންގެ ކައިރިއަށް އައިސް ނިތްކުރީގައި ބޮސްދީފައި ޔޫހާ އަތްދަބަސް ކޮޑުގައި އަޅުވާލައިގެން ކޮޓަރިން ނުކުތީ ޑިއުޓީއަށް ދިއުމަށެވެ. އެހެންރޭރެއަށްވުރެ ފަނަރަވަރަކަށް މިނެޓުކުރިންނެވެ.
"އަންގާވެސް ނުލާ ހާދަ އަވަހަކަށް ތިދަނީ، މަޑުކުރޭ އަހަރެން ގެންގޮސްދޭނަން" ޝާއިންގެ ކޮޓަރި ހުރަސްކަނޑާލާފައި ސިޓިން ރޫމުން ދިޔަ ޔޫހާ ފެނުމުން އޭނަ ތަންކޮޅެއް ބާރަށް ޔޫހާއަށް އަޑުއިވޭނެހެން ބުނެލިއެވެ. ނުކުންނަން ދިޔަ ޔޫހާ އެނބުރި ޝާއިންގެ ކޮޓަރިއާއި ގާތްކޮއްލި އެވެ.
"ހަމަޖެހިލައިގެން ހިނގާލާފަ ދާން ބޭނުންވީ، އޯކޭތަ... ޕްލީސް" ޔޫހާ އާދޭހުގެ ގޮތަކަށް މޫނު ހަދާލަމުން ބުނެލި އެވެ. ޝާއިން ކުޑަކޮށް ހީލާފައި މައްސަލައެއްނެއް ކަމުގައި ބުންޏެވެ. އެ އަޑުއިވި ޔޫހާވެސް ހިނިތުންވެލާފައި ބޭރުދޮރުން ނުކުންނަށް ދިޔައެވެ. އަތުގައި އޮތް ފޯނަށް ބަލާލާފައި ގަޑި ޔަގީން ކޮއްލުމާއިއެކު މަޑުހިނގުމެއްގައި ޕާކްވިއު ހޮޓެލްއަށް މިސްރާބުޖެހި އެވެ.


ވަގުތުން އާފޯނެއް ގަނެގެން އައިސް ޕާކްވިއު ހޮޓެލްގައި ހުންނަ ޒައުލްގެ ޚާއްޞަ ކޮޓަރިއަށް އޭނަ ވަނެވެ. އެކޮޓަރީގައިވާ ބާ ޓޭބަލްގެ ކައިރީ އިށީނދެލާފައި ފޮށިންނުވެސް ނަގާއޮތް ފޯނު ނެގުމަށް އޭނަ އަވަސްވެގަތެވެ. އެދޭތެރެއިން އޭނަގެ އަތުކުރީގައި އޮތް ގަޑިއަށްވެސް ބަލާލިއެވެ. ފޮށިހުޅުވާލާފައި ފޯނު ނަގާ މޭޒުމަތީ ބޭއްވުމަށްފަހު އޭނަގެ ޖީބުގައި އޮތް ފޯނުވެސް ނަގާ މޭޒުމަތީ ބޭއްވިއެވެ. އެހިނދު އެފޯނުގެ ސްކްރީން ވަކިވެގެން މޭޒުގެ މައްޗަށް މާކުރިން ވެއްޓިއްޖެއެވެ. އެކަމަށް އެއްވެސް ފަރުވާލެއްނެއް ޒައުލް ބެލީ ސިމް ނަގާ އާފޯނަށް ލެއްވޭތޯ އެވެ.

ކޮމެންޓް 0