ފައުޒީގެ އަނގައިން ނުކުތް ކޮންމެ ލަފްޒެއްހެން ޔޫހާއަށް ހީވީ އޭނަގެ ކަންފަތްދޮށުގައި ބާރުމިނުގައި ގޮވި ބޮމެއް ހެންނެވެ. އޭސީގެ ފިނިން ވަށައިގެންވި މާހައުލު ފިނިކޮއްލާފައި ވިޔަސް ކުއްލިއަކަށް ޔޫހާގެ ނިތްކުރިން ފެންނަން ފެށި ފެން ތިކިތަށް އޮއްބާލެވޭވަރެއް ނުވިއެވެ.
"ޔޫހާ، ހާދަ ހާސްވެފަ" ފައުޒީ ދިއުމާއިއެކު ގޮނޑީގައި އިށިން ރާއިދާ ބުނެލި އެވެ. ހުއްޓުން އަރާފައި ފައުޒީދިޔަ ދިމާލަށް ބަލަންހުރި ޔޫހާ ރާއިދާއަށް ހިނިތުންވެލެވޭތޯ މަސައްކަތްކުރި އެވެ.
"މީގެ ކުރިން ފައުޒީ އެހާ ރައްޓެހިކޮށް ވާހަކަ ދައްކާފައެއްނުވޭ، އެހެންވެ ހާސްވީ، ހިތަށް އެރީ ފައުޒީއަށް ޖަވާބުދޭނީ ކިހިނެއްބާއޭ" ޔޫހާ ޓިޝޫއެއް ނިއްކުރީގައި ޖައްސާލަމުން ބުނެލި އެވެ. އަދި ގޮނޑީގައި އިށީނދެ ހަމަޖެހެން މަސައްކަތް ކުރަމުން ރާއިދާއަށް ހިނިތުންވެލި އެވެ.
"ފައުޒީ ވަރަށް ރަނގަޅުވާނެ ސްޓާފުންނަށް، ޚާއްޞަކޮށް އަންހެން ކުދިންނަށް... ހެ ހެ ހެ" ރާއިދާ މިހެން ބުނެލަމުން ހީލީ ސަމާސާ ގޮތަކަށެވެ. އެހެންނަމަވެސް ޔޫހާގެ ހިތަކަށް އަދި ސިކުނޑިއަކަށް ވެސް ހަމަޖެހުމެއް ނުލިބުނެވެ. ފައުޒީގެ ވާހަކަތައް ސީދާ އަމާޒުވެފައިވަނީ ޔޫހާއަށެވެ. އެ ހޮޓެލްގައި ޒައުލްއަށް ޚާއްޞަކުރެވިފައިވާ ކޮޓަރިއަށް ދިޔައީ އޭނައެވެ. އެހެންނަމަވެސް އެތަން ފެނުނު އެކަކުވެސް ނުހެންނާނެކަން ޔޫހާއަށް ޔަގީންވެއެވެ. ދެން ފައުޒީއަށް އެކަން އެނގެންވީ ގޮތެއް ޔޫހާއަކަށް ނުވިސްނުނެވެ. ނޫނީ ފައުޒީ އެދައްކަނީ ރާއިދާގެ ވާހަކަބާއޭ ޔޫހާގެ ހިތަށްއެރިއެވެ.
"ރާއި، ވާހަކައެއް އަހާލަންތަ؟" ޔޫހާ ހާސްވެފައި އިންވަރުން އެއްވެސް ވިސްނުމެއްނެތި ދުލުން ބޭރުކޮއްލެވުނެވެ.
"ހޫމް އަހާބަލަ" ކޮމްޕިއުޓަރަށް ގެއްލިފައި އިން ރާއިދާ ޔޫހާއަށް ބަލާލުމެއްނެތި ބުނެލިއެވެ.
"ފައުޒީ ދަމުން އެދެއްކި ވާހަކަ އާއި ގުޅިގެން، ރާއިގެ ފްރެންޑެއް ހުރީތަ ސުއީޓްސްއެއްގަ..." ޔޫހާ ބުނެލިއެވެ.
"ވަޓް... ނޯވޭ، ފައުޒީ އެހެން ބުނީމަ ހީވީ އަހަރުމެންނާ ދިމާލަށް ބުނި އެއްޗެއްހެން ދޯ، ހެ ހެ ހެ... އެތަނުން ކޮޓަރިއެއްގައި އަހަރެންގެ އެއްވެސް މީހަކު ނުހުންނާނެ، އޭނަ ސަމާސާއެއްކޮއްލަން ބުނި އެއްޗެއް ކަމަށް އެވާނީ، އަޅާނުލާ" ރާއިދާ ޔޫހާ އާއި ދިމާލަށް ގޮނޑި އަނބުރާލަމުން ބުނެލި އެވެ.

ގާޑަންވިއުގެ ކަންތައްތައް ނިންމާލާފައި ޒައުލް އީލާކް ގޮވައިގެން ދާން ނުކުތްވަގުތު އެމީހުންނާއިއެކު ލޫލުއާ ވެސް ނުކުތެވެ. ޒައުލް ލޫލުއާ އަށާއި ތަންކޮޅެއް ފަހަތުން އެކަހެރި ގޮތަކަށް ހިނގާފައި އަންނަ ހާޒިމްއަށް ބަލާލި އެވެ. އަދި އީލާކް އާއި ލޫލުއާއަށް ކުރިއަށް ދިއުމަށް އިޝާރާތްކޮއްލުމާއިއެކު ޒައުލް ހާޒިމްގެ ގާތަށް ޖެހިލި އެވެ.
"ހާޒިމްގެ މަސައްކަތާއި ދޭތެރޭ އަހަރެން މިހިރީ ހިތްހަމަ ޖެހިފަ، އަހަންނަށް ހީވަނީ މިޓާސްކު ހާޒިމް އާއި އަހަރެން ހަވާލުކުރީތީ އެކަމާ ވަރަށް ހިތްހަމަޖެހިފަހެން ތިހުންނަނީ" ޒައުލް ހާޒިމްއަށް ބަލާލަމުން ބުނެލި އެވެ. ލޫލުއާއަށް ހުއްޓިފައިވާ ހާޒިމްގެ ނަޒަރު ކުއްލިއަކަށް ތިރިކޮއްލި އެވެ.
"އަޅުގަނޑަށްވީ ވަރަކުން އެންމެ ފުރިހަމައަށް މިކަންކޮއްދެވޭތޯ މިބަލަނީ، ޒައުލް ބޭނުންވެލައްވާއިރަށް ހުރިހާ ލިޔެކިޔުމެއް ފެންނަން ހުންނާނެ، ކޮންއިރަކުން ތޯ އެލިޔުންތައް ބައްލަވާލައްވާނީ" ހާޒިމްއަށް ޒައުލްގެ ޖުމްލައިން ދެމާނައެއް ނެގުނެއް ކަމަކު އޭނަ ރަސްމީ ސިފައެއްގައި ޖަބާވުދާރީވި އެވެ.
"ވުޑް ޔޫ ޑޫ މީއަ ފޭވަރ، ދޮންތަ ގެއަށް ގެންގޮސްދޭން ހާޒިމްއަށް އުނދަގޫވާނެތަ" ޒައުލް ކަމެއް ޔަގީންކޮއްލަން ބޭނުންވާފަދަ ގޮތަކަށް ބުނެލިއެވެ. ހާޒިމް ހޫންލައްވާލަމުން ބޯޖަހާލި އެވެ.
"އީކް، ވީއަރ ލީވިންގ ޓުގެދަރ، ހާޒިމް ދޮންތަ ގެއަށް ގެންގޮސްދޭނެ، އެންމެ ރަނގަޅެއްނު" ޒައުލްގެ ދެ ތިންފިޔަވަޅު ކުރީގައި ހިނގަމުންދިޔަ އީލާކް އާއި ލޫލުއާ އާއި އަރާ ހަމަކުރަމުން އޭނަ ބުނެލިއެވެ. ލޫލުއާ ފަހަތަށް ބަލާލަމުން އަވަސް ހިނިތުންވުމެއް ހާޒިމް އާއި ބަދަލުކޮއްލިއެވެ. އެހެންނަމަވެސް އޭނައަށް ހާޒިމްގެ ގާތަށް ދާކަށް ނުކެރުނެވެ.

ދަރިފުޅާއިއެކު ވަގުތު ހޭދަކޮއްލާފައި އެހާ އަވަހަށް މާލެ އަންނަން ޖެހުމުން ޒަރާނާ ހުރީ ހިތްހަމަނުޖެހިފައެވެ. އެހެންނަމަވެސް ދަރިފުޅު އައްޔަދުގެ އުޅުން ބަދަލުވެފައިވާކަންވެސް އޭނައަށް ވަނީ ފާހަގަކުރެވިފައެވެ. މާލެ އައިސް ހަމަޖެހިލެވުމާއިއެކު އެކަން އާފާގު އާއި ޙިއްސާކުރަން ޒަރާނާ ބޭނުންވިއެވެ. އެހެންނަމަވެސް އެކަން ފަސްކޮއްލީ ފަހަރެއްގައި އައްޔަދު މާލެ އައުމުން އޭނަގެ އެހުންނަ ކަމުނުދާ ދިރިއުޅުން ބަދަލުވެދާނެއޭ ހިތާއެވެ.

އައްޔަދުއަކީ މިނިވަން ހިޔާލުތަކެއްގެ ވެރިއެކެވެ. ޒުވާންކަމާއި ލިބިފައިވާ ކަސްރަތީ ހަށިގަނޑުގެ ރީތިކަމާއި ފުރިހަމަ ހައިބަވަންތަކަމުގެ މިސާލެއްކަމުގައި އޭނަވެއެވެ. އަންހެން ކުދިންގެ ހިތްތަކުން ޖާގަހޯދަމުން ދާ އެމީހުންގެ ވާހަކަތަކުގައި އުޅޭފަދަ ބަތަލެއްގެ ހުރިހާ ރީތި ސިފަތަކެއް ޖަމާވެފައިވާ ޒުވާނެއްކަމުގައި އޭނަވެއެވެ. ފެންނަ ކޮންމެ އަންހެން ކުއްޖެއް އޭނައަށް ވިސްނުމަކާއިނުލާ ފިދާވަނީ އެހެންވެކަންނޭގެއެވެ. މޮޅު ލިޔުންތެރިއެއްގެ ގަލަމުން ލިޔެފައިވާ ޖަޒުބާތީ ލޯބީގެ އަސަރުހުރި ފިރިހެނެއްކަމުގައި އޭނަވެއެވެ. ހަންގަނޑުގެ ކުލަ އަލިވެފައި ބޮލުގެ އިސްތަށި ގަނޑުގައި މުށިކުލަ ޖައްސާލާފައިވާއިރު ކޮޕާރ ކުލައިގެ ހައިލެޓްކުރެވިފައި ވެއެވެ. ޔުނިވަރސިޓީގެ އެހެން ކުދިންނާއިއެކު އުޅޭތަން ފެންނައިރު އައްޔަދުއެކޭ އެމީހުންނެކޭ ތަފާތެއްނެތެވެ. އެމީހުންގެ އާއިލާއަކުން އައިސްފައިވާ ޒުވާނެއްކަމުގައި އައްޔަދު ދައްކައެވެ. އޭނަގެ ވާހަކަދެއްކުމުގައި މުޅިންހެން ބޭނުންކުރަނީ ސާފު ރީތި އިނގިރޭސި ބަހެވެ. ހެދުން އެޅުމުގެ ވައްޓަފާޅިވެސް ހުރީ އެމީހުންގެ ތަހުޒީބީ ގޮތްގަނޑަށެވެ.

ޒަރާނާއަށް އޭނަގެ ދަރިފުޅު ކަމުނުދިޔަ ސަބަބަކަށް މިހުރިހާ ކަމެއްވިއެވެ. އަމިއްލަ ދަރިފުޅު އަތުން ބީވެގެން ދާކަމުގެ އިޙްސާސްއެއް އޭނައަށް ކުރެވެނީއެވެ. ޒަމާންވީ ކާބަފައިންގެ އާދަކާދަތައްމަތިން ދަރިފުޅު ހަނދާންނެތި، އަހަރުމެންގެ ތެރޭގައި ގެންގުޅޭ ރީތި އާދަތަކާއި އިޙްތިރާމާއި ބޮޑެތިމީހުންނަށް ކުރާގަދަރާއި މިފަދަ ކަންތައްތައް އޮޅިދާކަށް އޭނަ ބޭނުމެއްނުވެއެވެ. އެހެންނަމަވެސް ދަރިފުޅަށް މަތީ ތައުލީމު ހާޞިލްކޮއްދޭން އޭނަ ބޭނުންވެއެވެ. އައްޔަދު އެހާ ދުރުގައި ހުރުމަށް ހުއްދަދެވުނީ ވެސް އެހެންވެއެވެ. އައްޔަދު އާއި އަންހެން ކުދިންނާއި ހުރިގުޅުންވެސް ޒަރާނާއަށް ފެނިގެންދިޔަ އެވެ. އެހެންނަމަވެސް އޭނަގެ ޅީދަރިއެއްގެ ގޮތުގައި އެތަނުން ރަން އިސްތަށިގަނޑުލީ ދޮންކުއްޖަކު ބޭނުމެއް ނުވެއެވެ. އާފާގު ދަރިފުޅުގެ އެއްވެސް ކަމަކަށް އެއްޗެއް ނުބުނަނީ ފަހުން ރަނގަޅުވާނެއޭ ބުނަމުންނެވެ. އެހެންވެ ޒަރާނާގެ ދުލުގައިވެސްވަނީ ތަޅެއްލެވިފައެވެ.

"ތަޅުލީތަ؟ އަޅެ ދޮންތާ ހުޅުވަބަލަ... އައިޑިއާއެއް ބޭނުންވެގެންނޭ" އީލާކް ލޫލުއާގެ ދޮރުގެތަޅުގައި ހިފާލާފައި ތަންކޮޅެއް ބާރަށް ބުނެލިއެވެ.
ފެންވަރައިގެން ނުކުތް ލޫލުއާ އިސްތަށިގަނޑު ހިއްކާލަމުން ކުޑަކޮށް ދުވެލާފައި ގޮސް ދޮރުހުޅުވިއެވެ. އަދި އީލާކް ވަނުމުން އަނެއްކާވެސް ދޮރު ލައްޕާލި އެވެ. އީލާކްގެ އަތުގައި އޭރު ފަހާ ނިމިފައި އޮތް ހެދުމެއް އޮތެވެ.
"ފެންވެރީތަ؟ މިގަޑީގަ... އަނެއްކާ ދޮންތަ ޑޭޓަކަށް ދާން އޮތީތަ" އީލާކް އޭނަ އައިކަންތަކަށްވުރެ ލޫލުއާގެ ހަރަކާތްތަކަށް ނަޒަރު ހިންގާލަމުން ބުނެލި އެވެ.
"ޔެސް" ރީތިވާ މޭޒުކައިރީ އިށިންނަމުން ލޫލުއާ ވެސް ތުއިވެލާފައި ބުނެލި އެވެ.
"ސީރިއަސްލީ... ކާކު... ޔޫ ގޮޓްއަ ބޮއީ ފުރެންޑް...ވެން" އީލާކް ހައިރާންކަމާއިއެކު އެއްފަހަރާ އެތަށް ސުވާލެއް ކޮއްލިއެވެ.
"ހެ ހެ ހެ... އެ ހެންޑްސަމް ޕްރިންސްއަކީ މަންސޫރު ފެމިލީގެ ފިރިހެން ދަރި، ޒައުލް" ލޫލުއާ ހީލާފައި ބުނެލިއެވެ.
"ހޫން... ދޮންބެ، ކީއްވެ އަޅުގަނޑު ގޮވައިގެން ނުގޮސް ދޮންތަ ގެންދަންވީ" އީލާކް ޝަކުވާ ކޮއްލި އެވެ.
"ސާބަސް، ޑިއުޓީ ނިމުނު ގޮތަށް ދިޔައީ ގާރޑަންވިއުއަށް، ދޮންބެ ކަމެއް ޑިސްކަސްކޮއްލަން ބޭނުންވެގެން މިދަނީ، އެހެންވެ ފްރެޝްވެލީ، އީއްކޮ އައިކަމެއް ބުނެބަލަ، އިރުކޮޅަކުން ދޮންބެ ގުޅާނެ" ލޫލުއާ ބުނެލި އެވެ.
"މި ހެދުމާއި އެކު މި ސްކާފް އަޅަން ކަމަށް، ދެން މިގޮތަށް މިތަނުގަ ބޮޑު ބްރޫޗްއެއް ޖަހަން ކަމަށް" އީލާކް އޭނަގެ ހެދުން ފަރުމާކުރާނެ ގޮތް ދައްކާލަމުން ބުނެލި އެވެ. އެގޮތް ކަމުދޭތޯ ލޫލުއާ ކައިރިން އަހަމުންނެވެ.

ރޭގަނޑުގެ ކެއުން ޒައުލް އާއި ލޫލުއާ ކާން ނިންމީ ބޭރުންނެވެ. ރެސްޓޯރެންޓެއްގެ މޭޒުގެ ކައިރީ އެދެބެން ތިބިއިރު ދައްކަން އައިވާހަކަ ފެށުނީ ކާއެއްޗެހި ގެނައިވެސް ފަހުންނެވެ. ޒައުލް ޑީއެންއޭ ޓެސްޓު ހެދުމާއި ގުޅޭގޮތުން ލޫލުއާއި ވަރަށް ގިނަ ސުވާލުތައް ކުރިއެވެ. ލޫލުއާ އެ ސުވާލުތަކަށް ޖަވާބު ދެމުން ދިޔައީ ޒައުލްގެ ހިތްހަމަޖެހެން ދެންނެވެ. އޭނަ އެވާހަކަ ހުއްޓާލުމުން ލޫލުއާ ސުވާލު ކުރިއެވެ.

"ކާކުގެ ޑީއެންއޭ ޓެސްޓެއް ހަދަންތަ ތިހާވަރަށް ތިސުވާލު ކުރަނީ" ލޫލުއާ ބުނެލި އެވެ.
"ރައްޓެއްސެއް" ޒައުލްގެ ޖަވާބު ކުރެވެ. އެދެމެދަށް ވެރިވި ހިމޭންކަމާއިއެކު ދެމީހުން ކެއުން ކުރިއަށް ގެންދިޔައެވެ.
"ކޮއްކޮ ގާތު ވާހަކައެއް އަހާލަންތަ" އެންމެފަހުން ނީދެވިގެން ކަހަލަ ގޮތަކަށް ލޫލުއާ ބުނެލި އެވެ.
"ޔެސް، ބުނެބަލަ" ޒައުލް ލޫލުއާއަށް ބަލާލަމުން ބުނެލި އެވެ.
"ހާޒިމް... އޭނަ ރަނގަޅުތަ" ލޫލުއާ ނޫންގޮތަކަށް ބުނެލި އެވެ.
"ހޫމް، ގޯހެއްނޫން... ހާޒިމް ކިހިނެއްވީ، ދޮންތަ އޭނަގެ ވާހަކަ ދައްކާވަރުގެ ކަމެއް އޭނަ ކުރީތަ؟" ލާނެއް ގޮތަކަށް ނުހޭން އިނދެ ޒައުލް ބުނެލިއެވެ.
"އެހެނެއް ނޫން، ދެން..." ލޫލުއާއަށް ހާޒިމް އާއި އޭނަގެ ގުޅުމުގެ ވާހަކަ ދައްކާނެ ގޮތެއް ނުވިސްނުނެވެ. އެހެންވެ ހުއްޓާލީއެވެ.
"އަޅުގަނޑަށް ކަމުދޭ" ލޫލުއާގެ ފަރާތުން އެއްވެސް ޖަވާބެއް ނައުމުން ޒައުލް ބުނެލި އެވެ.
"ހާން..." ކީއެއްޗެއް އޮޅުން ނުފިލުމުން ބުނެލާފަދަ ގޮތަކަށް ލޫލުއާ ބުނެލިއެވެ.
"އަޅުގަނޑަށް ހާޒިމް ކަމުދޭ، ދޮންތައަށް ކަމުދާކަންވެސް އެނގޭ، އެހެން މީހުންނަށް ވެސް ހާޒިމް ކަމުދާނެ، ދިރިއުޅުމެއް ފަށަން ހާޒިމްއަކީ ރަނގަޅު ހަރުދަނާ މީހެއް، ހީވާ ގޮތުން އޭނަވެސްވަނީ ވަރަށް މަތީ ދަރަޖައެއްގައި ދޮންތަ ބަލައިގަނެފަ" ޒައުލް އިސްޖަހާލައިގެން އިނދެ އުލާ ސަމްސަލުން ތަށީގައި އޮތް މަސްކޮޅު ފަޅިކުރަމުން ބުނެލި އެވެ.
"ޔޫ މީން އިޓް" ލޫލުއާ ޒައުލްއަށް ބަލަންއިނދެ އަހާލި އެވެ.
"ހޫމް..." ޒައުލް ލޫލުއާ އަށް ބަލާލާފައި ބޯޖަހާލަމުން ބުނެލިއެވެ. އުފަލުންގޮސް ހިނި އައިލެއް ބޮޑުކަމުން ލޫލުއާ އޭނަގެ އަނގަމަތީ އަތް އަޅާ ނިވާކޮއްލި އެވެ. އޭނަ ޒައުލްގެ ގާތުން އެދުނީ އެވާހަކަ މާމަ ލާއިގާ އާއި ހަމައަށް ގެންގޮސް ދިނުމަށެވެ.

ރޭގަނޑު ބާރަޖަހާކަން ހާއިރު ޑިއުޓީ ނިމުނު ޔޫހާ ބަލާ އައިސް އިން ޝާއިން ފެނުމުން އޭނައަށް ސިހުމެއް ލިބުނެވެ.
"ޝާއިން، އަހަރެން ބުނީމެއްނު އެކަނި ގޮސްފާނަމޭ" ޔޫހާ ޝާއިންއަށް ބުނެލި އެވެ.
"އެނގޭ އެކަންވެސް، އެހެންވިޔަސް މީނީ އައިހެއްނު، ދެން އަރާ ސައިކަލަށް" ޝާއިން ސައިކަލު ސްޓާޓް ކޮއްލަމުން ބުނެލިއެވެ. ޔޫހާ އިތުރު އެއްޗެއް ނުބުނެ ގޮސް ޝާއިންގެ ސައިކަލު ފަހަތަށް އަރާ ހަމަޖެހިލި އެވެ. ޝާއިން ސައިކަލު ދުއްވަމުން ދިޔައިރު ޔޫހާގެ ސިކުނޑީގައި އެތަށް ސުވާލެއް ބުރުޖަހަމުންދިޔަ އެވެ. ފައުޒީ ދެއްކި ވާހަކަ އާއި އަނެއް ކޮޅުން ބަލާއައުމަށް ދެކޮޅުހެދީމަ ވެސް ޝާއިން އޭނަ ބަލާ އައުމުންނެވެ. ޝާއިންގެ މޫނުމަތިން ވެސް އަދި ޔޫހާ އާއި ވާހަކަ ދެއްކި ގޮތުންވެސް އޭނަ އިނީ ރުޅިއައިސް ހިތްހަމަ ނުޖެހިފަހެނެއް ހިއެއް ނުވެއެވެ. އެހެންވިޔަސް އެއްވެސް އެއްޗެއް ބުނާކަށް ޔޫހާ ގަސްދެއް ނުކުރިއެވެ.
"ޔޫހާ، އަހަންނަކަށް ނުވިސްނު އެއްގޮތަކަށްވެސް" ޝާއިން ވާހަކަދައްކަން ފެށިއެވެ.
"ކޮންކަމެއް؟ އަނެއްކާ ކިހިނެއްވީ، ކަމެއް ގޯސްވީތަ" ޔޫހާއަށް ޝާއިން ބުނި އެއްޗެއް ދޭހައެއް ނުވިއެވެ.
"ހޫމް، ގޯސްވެއްޖެ، ކީއްވެތަ ޔޫހާ އަހަރެން ކައިރީ ވާހަކަ ބުނަން ފަސްޖެހެނީ" ޝާއިން ބުނެލި އެވެ.
"ކޮން ވާހަކައެއްތަ" ޔޫހާ ސީރިއަސްވެލާފައި އަހާލިއެވެ.
"ދެން ކިޔާން އެ ދައްކަނީ ކޮން ވާހަކައެއް، ކާކު ގެއަށް އައި ވާހަކައެއް އެދައްކަނީ، އަދިވެސް ގޭތެރެއިން ސެންޓުގެ ވަސް ނުފިލާ... ވެގެން އުޅޭގޮތެއް ނިކަން އަހަންނަށްވެސް ކިޔާދީބަލަ، އަހަންނަށް މިހާރު ވަރަށް ޔަގީންވޭ އެބަ ޔޫހާއަށް ކޮންމެވެސް ކަމަކާ ދިމާވާކަން، ނޫނީ ކޮންމެވެސް މީހަކު ޔޫހާއަށް އުނދަގޫ ކުރަނީތަ؟ ކާކުތަ އެއީ... ކިޔާދީބަލަ" ޝާއިން ކަންބޮޑުވުމާއިއެކު ބުނެލިއެވެ.

ކޮމެންޓް 0