"ލައްބަ..." އީލާކް ކުރުކޮއްލިއެވެ.
"ކީއްވެ، އީލާކްގެ ރަޙުމަތެރިންނާއި ބައްދަލުކުރަން ނުފޮނުވީމަތަ؟ އެކަމާ އަދިވެސް ހިތްހަމަ ނުޖެހިފަތަ؟" ލާއިގާ އަހާލިއެވެ.

"މާމައަށް ހުރިހާ ކަމެއް އެނގިލައްވާއިރު ކީއްވެތޯ ތި ސުވާލު ކުރައްވަނީ، އަޅުގަނޑު ބޭނުމީ ފުރަން، މިގެއާ ވެސް ދުރަށްދާން" އީލާކްގެ ޅަކަން އަދިވެސް ނުފިލާކަން ލާއިގާއަށް އެނގެެވެ.
"މާމަ ވަރަށް ދެރަވާނެ ދަރިފުޅު އަނެއްކާވެސް ފުރައިގެން ދިޔައީމަ، ނިކަން ރުޅިމަޑުކޮއް މާމަ ދައްކަން މިއުޅޭ ވާހަކަ އަޑު އަހާލަބަލަ، ތިމަސައްކަތް އެހަށް ބަހައްޓާލާފައި މާމަގެ ގާތުގައި އައިސް އިށީނދެބަލަ" ލާއިގާ އޯގާތެރިކަމާއިއެކު ބުނެލިއެވެ.


އީލާކް ކިތަންމެ ގޮތްދޫނުކުރިކަމުގައި ވިޔަސް ލާއިގާ އާއި ދެކޮޅުވެރިވާކަށް ނުކެރެއެވެ. ހަގީގަތުގައި އޭނަ ލާއިގާއަށް ވަރަށް ގަދަރުކުރެއެވެ ލާއިގާ ދެކެ ލޯބިވެއެވެ. އެ އިޙްސާސްތައް ފާޅުކުރުމަށް އޭނައަށް ދަތިވަނީއެވެ. އެހެނީ މީހުންގެ ކުރިމަތީ އޭނަގެ އިޙްސާސްތައް ފަރުދާކޮއްލެވިފައިވަނީ އޭނަގެ ޅަމިޒާޖު ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރަމުންނެވެ. އީލާކް އިސްޖަހާލައިގެން ކަހަލަ ގޮތަކަށް ހުރެގޮސް ލާއިގާގެ ގާތުގައި އިށީނެވެ.

"އީލާކް، މާމަވެސް ހިތްހަމަ ޖެހޭނެ ދޯ ދަރިފުޅުގެ ރަޙުމަތްތެރިން މިގެއަށް އައިސް ފެނިދެނެވި ވީމާ، އޭރުން އެކުދިންގެ ގޮތްވެސް މާމައަށް ހުންނާނީ އެނގިފައެއްނު، މާމައަށް ވެސް އެނގޭ ޒަމާން ބަދަލުވެއްޖެކަން، އެކަމަކުވެސް އަންހެނުން ވާނީ އަންހެނުންނަށް، ހަމައެގޮތަށް ފިރިހެނުންވާނީ ފިރިހެނުންނަށް، ދަރިފުޅުމެން އަދި ޅަވާނެ، މަސްދުވަސް ވޭތުވެގެން ދިޔައިރުވެސް ތިއުޅެނީ މާމަ އާއި ދުރުގައި، މާމައަށް އެނގޭ ދަރިފުޅު މާމަ އާއި ވާހަކަދައްކަން ބޭނުންނުވަނީކަން، އެހެންވެކަން މާމަ ފެންނަ ހިސާބަށް އައިސް ނަހަދަނީ، އެކަމަކު އެއީ ރަނގަޅު ގޮތެއްނޫން، އަހަރުމެންގެ ދީނުގައިވެސް އެކަކު އަނެކަކުދެކެ ރުޅިއައިސް ވާހަކަނުދައްކާ ގިނަ ދުވަހު ނުތިބުމަށްވަނީ އަންގަވާފައެއްނު، މާމަ ދަރިފުޅުގެ މިނިވަންކަމާ ބެހޭކަށްނެތިން، އެކަމަކު އާއިލާގެ އިސްމީހާގެ ހައިސިއްޔަތުން އާއިލާގެ ހުރިހާ ކަމެއް ބެލެހެއްޓުމަކީ މިއަދު މާމަގެ ޒިންމާއެއް، މިހާރު މިއާއިލާއަކީ މާލޭގެ ހުރިހާ އެންމެންކަހަލަ ގޮތަކަށް ދަންނަ އާއިލާއެއް، ވީއިރު ގިނަބައެއްގެ ލޯތަށް މި އާއިލާއަށް އަމާޒުވެފައިވޭ، އެކަންތައްތަކަށް ވިސްނާލުން މުހިއްމު، ރަޙުމަތްތެރިން ހިޔާރު ކުރުމުގައި ފެންވަރުގެ ތަފާތަށް ނުބެލިކަމުގައިވިޔަސް، ރީތި އަޙްލާގެއް ލިބިފައިވުން މުހިއްމު... މާމަގެ ވާހަކަތައް މާދިގުވެއްޖެ... ދަރިފުޅު މިކަހަލަ ވާހަކަތައް އަޑުއަހަން ބޭނުންނުވިޔަސް، މާމައަަށް ދެއްކޭނެ... މާމަ ދޫކޮއްފަ ނުދޭ... ސެޓްފިކެޓް ދޭ ދުވަހަށް ފުރަންވަންދެން މިކޮޅުގަ މަޑުކޮއްދީ..." ލާއިގާގެ އަޑުގައިވާ އާދޭސް އީލާކްއަށް އިހްސާސްވިއެވެ.

"މާމަ އެދިލެއްވީމަ ނޫންތޯ އަޅުގަނޑުގެ ރަޙުމަތްތެރިން މިގެއަށް ގެނެވޭނީ، މާމަ އަޅުގަނޑަށް އިތުބާރު ކުރައްވަންވާނެ އެއްނު، އަޅުގަނޑަށް ރަނގަޅު ގޮތާއި ގޯސް ގޮތް އެނގޭ މިހާރު، އަދި މިއާއިލާ އާއި ޕަބްލިކާ އޮތްގުޅުންވެސް އެނގޭ... މާމަ ޔަގީންތޯ އަޅުގަނޑު ނުފުރާ މަޑުކޮއްފިއްޔާ އަޅުގަނޑުގެ ރަޙުމަތްތެރިންނާއި ބައްދަލުކުރައްވާނަންކަން؟" އީލާކް ބުނެލިއެވެ. މިހާރު އޭނަ ފެންނަ މީހަކަށް އޭނަ ހުރީ ލާއިގާދެކެ ހިތްހަމަ ނުޖެހިފައޭ ބުނާކަށް ނުކެރޭނެއެވެ. އީލާކް އެހުރިހާ ކަމެއްގެ މަތިން ހަނދާންނައްތާލާ ލާއިގާގެ ވާހަކަތަށް ގަބޫލުކުރީ ކަންނޭގެއެވެ.
"ހޫމް... ދަރިފުޅުގެ ރަޙުމަތްތެރިންނާ މާމަ ބައްދަލު ކުރަން މިހިރީ ތައްޔާރަށް، ކުރިންވެސް މިގޮތް އޮތެއްނު، މާމައަށް އެއްޗެއް ބުނެވޭނީ ދަރިފުޅު މާމައަށް ވަގުތު ދިންނަމަތ،ާ" ލާއިގާ ހިނިތުންވެލަމުން ބުނެލިއެވެ.
"އަޅުގަނޑު ބޭނުންވަނީ މާދަމާގެ މެންދުރު ކެއުމުގައި އަޅުގަނޑުގެ ރަޙުމަތްތެރިން ބައިވެރިކުރަން، އެންމެ ރަނގަޅުތޯ މާމ،ާ" އީލާކް އުފަލުންގޮސް ލާއިގާގެ ކައިރީގައި އިނދެފައި ފުއްމައިގެން ތެދުވިއެވެ.
"ދަރިފުޅު ބޭނުންގޮތެއް، މާމަ ހުރިހާކަމެއް ތައްޔާރުކޮއްދީފަ ބަހައްޓާނަން،" ލާއިގާ ބުނެލިއެވެ. އީލާކް ލާއިގާގެ ކޮނޑާ ކޮނޑު ޖައްސާލިއެވެ.

ހަވީރުގެ އިރުއޮއްސެމުންދިޔަވަގުތެވެ. ލޮނުޒިޔާރަތްކޮޅު ތިނެސްކަން ގާކައިރިން އަފްލީން ކުޑަކުޑަ ކިޔާންގެ އަތުގައި ހިފާލައިގެން ހިނގަމުންދިޔައީ އެއްގަމާ ދިމާލަށެވެ. އޭނަގެ ކަންފަތުގައި ޖަހާލެވިފައިވާ ފޯނުން ހިނިއައިސްފައި ހުރެ މީހަކާ ވާހަކަދައްކަމުން ދިޔައެވެ. އިރުއިރުކޮޅާ ކިޔާންއަށް ބަލާލައެވެ. ވަކިހިސާބަކަށް ގޮސް ޕޭމަންޓުމަތީ އެއްފަރާތެއްގައި މަޑުކޮއްލަމުން އަތުގައި އޮތް ފޯނު ކިޔާންގެ ކަންފަތުގައި ޖައްސާލަމުން ކިޔާންއާއި ވާހަކަދެއްކިއެވެ. މަގުމަތީގެ ހަލަބޮލިކަމުގެ ތެރެއިން އިވެމުންދިޔަ ދުއްވާއެއްޗެހީގެ ބަރުގޮނުގެ އަޑުތައްވެސް އެމީހުންނާއި ހަމައަށް ނުފޯރާކަހަލައެވެ.

ގޭތެރޭގައި ކުރާނެ މާގިނަކަންތައްތަކެއް ނެތުމާއިއެކު ޒަރާނާ އޭނަގެ ރަޙުމަތްތެރިންނާއިއެކު ވާހަކައިގައި އިނީ ގޭގެ ހުސްކޮށް އޮތް ބައިގައި ބަހައްޓާފައި ހުރި އުނދޯލީގައެވެ. ދުރަށް ހެއްލާލައިފިނަމަ ޖެހޭހާ ކައިރީގައި ބަގީޗާތަކުގައި ބަހައްޓާފައި ހުންނަފަދަ ދަގަޑުމޭޒަކާއި ވަށައިގެން ހަތަރު ގޮނޑި ބަހައްޓާފައިވިއެވެ. ކުދި މުށިތަކުގައި އިންދާފައިވާ މާގަސްތަކާއި ބިމުންމައްޗަށް ހެދިފައިވާ އެކިވަރުގެ ގަސްތަކުން މާހައުލަށް ފެހިކަންވެރިކުރުވާފައ ިވެއެވެ. އިރުއޮއްސެމުންދިޔަ ވަރަކަށް ފަޒާގައި ފިނިކަމެއް ހަރުލަމުންދިޔަކަން ޒަރާނާއަށް ވެސް އިޙްސާސްކުރެވުނެވެ. މުޅިގެއިން ވެސް އޭނަ އެތަނެއްގައި އެންމެ ގިނަވަގުތު ހޭދަކުރާ ތަނެއްކަމުގައި އެކުޑަކުޑަ ބަގީޗާ ވާނެއެވެ. ޒާރާނާ އާއި އޭނަގެ ރަޙުމަތްތެރިންގެ މެދުގައި ދެކެވެމުންދިޔައީ މުޅިންވެސް މީހުންގެ ވާހަކަތަކެވެ. މީހުންގެ ތެރޭ އެބައެއްގެ ނަންކިޔާލެވޭ މުއްސަނދިންގެ ވާހަކަތަކެވެ. ޒަރާނާ އެކަމާ ގަޔާނުވިއެއް ކަމަކު އޭނަ އެމީހުންގެ ވާހަކަތައް ހުއްޓުވާކަށް ވެސް މަސައްކަތެއް ނުކުރެއެވެ. އޭނަގެ ކަމަކީ އެމީހުން ދައްކާ ވާހަކަތައް އަޑުއެހުމެވެ. ނެރޭ ނޫސްތަކަށްވުރެ އެމީހުންގެ ހަބަރުތައް ތާޒާއެވެ. ހައިރާންވާ ކަމަކީ އެފަދަ ހަބަރުތައް އެމީހުންނަށް ލިބެންވީގޮތެވެ.

ރޭގަނޑުގެ ކެއުމުގައި މަންސޫރުގެ އާއިލާ ބައިވެރިވަމުންދިޔައިރު ލޫލުއާވީ ޑިއުޓީގައެވެ. އީލާކްގެ އަނގަ ހިނދުކޮޅަކަށ ްވެސް ހުއްޓާނުލައެވެ. އިރުއިރުކޮޅާ ލާއިގާ އޭނައަށް ކާމޭޒުމަތީގެ ރީތި އާދަތަށް ހަނދާން ކޮއްދެމުންދިޔައީ އެއްވެސް ހަރުކަށިކަމެއް ނެތިއެވެ. މަންސޫރު އާއި ޒައުލް އީލާކްގެ ވާހަކަތައް ޝައުގުވެރި ކަމާއިއެކު އަޑުއަހަމުންދިޔައެވެ.
"އީލާކް... މާމަ ބުނަމެއްނު ކަމުން ވާހަކަ ނުދައްކާށޭ، އަނގަ ހުސްކޮއްލާފަ ނެވާ ލާފަ ވާހަކަ ދައްކަބަލަ، އެކަކުވެސް ލަސްވެގެން ނޫޅެއެއްނު" ލާއިގާ ހަނދާންކޮއްލަދިނެވެ.

ރޭގަނޑުގެ ނުވައެއް ޖަހާލަންވި އިރަށް އީލާކް ޒައުލްގެ ފަހަތުން ދުރަށްގޮސް އޭނަގެ ކޮޓަރީގައި އަމިއްލަ މަސައްކަތުގައި މަސްޢޫލުވިއެވެ. އޭރު ބޮޑުކޮޓަރީގައި މަންސޫރު އާއިއެކު ލާއިގާވެސް ޓީވީ ބަލަން އިނެވެ. ޒައުލް އޭނަގެ ކޮޓަރިއަށްވަދެ ހިފައިގެން އައި ލިސްޓު މަންސޫރަށް ދިއްކޮއްލަމުން ވަކިން އިން ސޯފާގޮނޑީގައި އިށީނެވެ.

"ތީ ފުރިހަމަ ލިސްޓު، ބައްޕަ އެދިލެއްވި ގޮތަށް، މާމަވެސް ބައެއް ނަންތައް އިތުރުކުރެއްވި، ދެން ހުރި ނަންތައް ހިމަނާފައިވާނީ އަޅުގަނޑު... މިހާރު ހުރިހާ ކަމެއް ނިމުނީ، ދައުވަތު ކާޑުވެސް އެފަރާތްތަކަށް އެރުވިފައިވާނީ..." ޒައުލް މަންސޫރަށް ދިއްކޮއްލި ކަރުދާސްތަކުގެ ތަފްޞީލް ކިޔާދިނެވެ.

"ހުޅުމާލެ ޕްރޮޖެކްޓުގެ ޚަބަރު ދަރިފުޅު ބަލާލިންތަ" މަންސޫރު އަހާލިއެވެ.

"ލައްބަ، އަޅުގަނޑު ފޯނުން އެކަންކުރިއަށްދާގޮތް އޮޅުންފިލުވިން، ކުރިއަށް ރޭވިފައިމިވާ ހަފްލާ ނިންމާލުމަށްފަހު އެކޮޅަށް ގޮސް މަސައްކަތްކުރިއަށް ދާގޮތް ބަލާލާނަން، ބައްޕާ، އަޅުގަނޑާއިއެކު އެހަފްލާގައި ބައްޕަވެސް ހުންނަވަން ވާނެ ނޫންތޯ، ކީކޭތޯ މާމަ ބުނުއްވަނީ؟" ޒައުލްއަށް ލާއިގާގެ ނިންމުމާ ދެކޮޅުހަދަން މަންސޫރުއަށް ނުކެރޭނެތީ އަހާލިއެވެ.

"ބައްޕަ ތިފަދަ ހަފްލާތަކަށް ދިޔަދުވަސްވަރު ދިޔައީމެއްނު، އެކަމަކު މިހާރު ދަރިފުޅު ތިހިރީނު ބައްޕަގެ ބަދަލުގައި، ކުންފުނީގެ އުއްމީދީ އާމޫނު..." މަންސޫރު ހިނިތުންވެލަމުން ބުނެލިއެވެ. އެކަމަކު އެޖަވާބުގައި ހަފްލާއަށް ދިއުމުގެ ޝައުގުވެރިކަން މަންސޫރުގެ ނެތްކަން ޒައުލްއަށް ހާމަވެގެންދިޔައެވެ.

"މަންސޫރު، ޒައުލް އެބުނަނީ މުޅިއަކުން ގޯސް ވާހަކައެއްނޫން، އޭނައަކީ ކުންފުނީގެ އާމޫނު ކަމުގައިވީއިރު އަދިވެސް ނުދަންނަ މީހުން ވަރަށް ގިނަވާނެ، އެކިދާއިރާ ތަކުގެ އިސްވެރިންނާއި ގުޅުން ބަދަހިކުރުމަށް ލިބޭ ފުރުޞަތެއްމީ، މަންސޫރު ޒައުލްގެ ގާތުގައި ހުރެ މަގުދެއްކުން މުހިއްމު، އެމީހުންނަށް މަންސޫރުގެ ބަދަލުގައި ކުންފުނި ހިންގަން ހަވާލު ކުރެވުނު ފަރާތުގެ ފުރިހަމަ ތަފްޞީލާއި، އޭނަގެ ގާބީލުކަން ބަޔާންކޮއްދެވޭނީ ހަމަ މަންސޫރަށް..." ލާއިގާ އޭނަގެ ގާތުގައި ސޯފާގައި އިން މަންސޫރު އާއި ދިމާލަށް ކުޑަކޮށް އެނބުރިލަމުން ވާހަކަދެއްކިއެވެ.

"މަންމަ ތިއެދިލައްވަނީ އަޅުގަނޑު އެހަފްލާއަށް ދިއުމަށް، އެހެންނޫންތޯ..." ހިނިއައިސްފައި މަންސޫރު ބުނެލިއެވެ. ލާއިގާގެ ވާހަކަދެއްކުން ހުންނަގޮތް އޭނައަށް ރަނގަޅަށް އެނގެއެވެ. ޒައުލް އެކަމަކަށް އެދިއްޖެނަމަ އޭނައަށް ކުރެވޭވަރުގެ ކަމެއްވެއްޖެއްޔާ އެކަމެއްކޮއްދެއެވެ.

މަދިރިގޭގެ އެއްބައި ހިއްލާލާފައި ހުރިއިރު ޒައުލް އެނދުގައި ހަމަޖެހިލުމަށް މަސައްކަތްކުރިއެވެ. މާދަމާ އަކީ ބޮޑު ދުވަހަކަށްވެފައި އަރާމު ނިންޖެއް ލިބުން އެހުރިހާ ކަމެއް ފަސޭހަ ކުރުވާނެކަން ގައިމެވެ. ސެޓިންގެ ޝީޓުގައި މަޑުބާލީސްތަކުގެ ތެރެއަށް ގެބިގެންދާން އޭނަ މަސައްކަތްކުރާފަދައެވެ. ގިނައިރެއްނުވެ އޭނަގެ ދެ ލޯމެރި ގަދަނިދީގެ ތެރެއަށް ފީނައިގަތީ އެއްވެސް ހިޔާލެއް ފިކުރެއްނެތް ތުއްތުކުއްޖަކު ފަދައިންނެވެ.

ޔޫހާ ނިތުގައި އަތްބާއްވާލައިގެން ނުނިދިފައި އޮތެވެ. ވަށައިގެންވާ ހަތަރުފާރާ ކޮޓަރީގެ ހުސްކަން އޭނައަށް އުނދަގޫ ކުރަނީ ކީއްވެކަމެއް ނޭގެެވެ. ހިތުގައި ނުފިލާވާ ރިހުން ހަމައެކަނި ނިދާގަޑީގައި އިޙްސާސް ކުރެވެންވީ ކީއްވެހެއްޔެވެ. އެކަނި ނުވާނެކަން ޔަގީންވާއިރުވެސް އެކަނިވެރިކަން އިޙްސާސް ކުރެވެނީ ކީއްވެހެއްޔެވެ. ހިޔާލުކުރަން ބޭނުންނުވިއެއްކަމަކު އެހިޔާލުތަކުން ސިކުނޑި ފުރި ބާރުވެގެންދަނީ އަމިއްލަ ނަފްސުގެ މައްޗަށް އޮންނަ ބާރު ކުޑަކޮށް ކަނޑުވާލަމުންނެވެ. އެހެންވާކަށް ޔޫހަ ބޭނުމެއްނުވެއެވެ. ރޯން ބޭނުންނުވާއިރު ޔޫހާގެ ލޮލުގެ ކޮޅުން ކަރުނަތިކި ފައިބައިގެން ދަނީ ކީއްވެހެއްޔެވެ. އަބަދުވެސް ކުރެވޭ ސުވާލުތަކެވެ. ޖަވާބު ހޯދަން ބިރުގަނެ ޖެހިލުންވާ ސުވާލުތަކެކެވެ. އެކަމަށް ބީރުކަންފަތެއް ދެނީ އެހެންވެއެވެ. ޔޫހާ ދެލޯމަރާ ބާރުކުރަމުންދިޔައެވެ. ސިކުނޑީގައިވާ ހިޔާލުތައް ނެރެ އެކަމާ ދުރުވާން އޭނަ ބޭނުންވެފައިވެއެވެ. ފުން ނޭވާއަކާއިއެކު ދެލޯ ހުޅުވާލީ އެކަން ކާމިޔާބު ނުވެގެންނެވެ. އެނދުން ތެދުވެ ކޮޓަރިން ނުކުތެވެ. އަދި އައިސްއަލަމާރިކައިރިއަށް ޖެހިލަމުން ފެންތައްޓެއް އަޅާލުމަށްފަހު ތަށިހިފައިގެން ކާމޭޒުކައިރީ އިށީނދެލިއެވެ. މަޑުމަޑުން އިނދެގެން ފެންތަށިބޮމުންދިޔަ ޔޫހާ ސިހިގެންދިޔައީ ޝާއިންގެ ކޮޓަރި ދޮރުހުޅުވުނު އަޑަށެވެ.

"ޔޫހާ... މިރޭވެސް... ފެންފުޅިއެއް އެނދަށްލައިގެން އޮވެ ނިދަން މަށަށް ފެންނަނީ..." ޝާއިން ދިމާކޮއްލާފަދަ ރާގަކަށް ބުނެލިއެވެ.

"ހޫމް...ހޫމް... ތިހެން ބުނާއިރު ޝާއިންވެސް ބޭރަށް ނުނިކުންނަ ރެއެއް ނުދެއެއްނު، ފެންފުޅިއެއް ނޫން ޝާއިން ކޮޓަރިއަށް ވައްދަންވީ، އައިސ ްއަލަމާރި ހުރިގޮތަށް ތިކޮޓަރިއަށް ވައްދަންވ،ީ" ޔޫހާގެ ނުތަނަވަސްކަން ފޮރުވާލަމުން ވާހަކަދެއްކިއެވެ.

"ނުނިދިގެންތަ ތިއުޅެނީ، މާދަމާ ހެނދުނު ޑިއުޓީއެއްނު ނަގަން އޮތީ ވެސް، މިހާރު އެއޮތްގެން ދޭއްޖަހަނީ" ޝާއިން ބުނެލިއެވެ.
"ނޫނޭ، މިފެންތަށި ބޯލައިގެން ނިދަން މިވަންނަނީ، ގުޑްނައިޓް" ޔޫހާ ޝާއިންގެ ސަމާލުކަން ހޯދަން ބޭނުން ނުވުމާއިއެކު ފެންތަށި ބޯލައިގެން ކޮޓަރިއަށް ވަނުމަށް އަވަސްވެގަތެވެ. ޝާއިން އިތުރަށް އެއްޗެއް ބުނާކަށް ގަސްދެއް ނުކުރިއެވެ. އޭނަވެސް އަތުގައި އޮތް ފެން ހުސްކުރި ފުޅި ތިރީ ކަބަޑުސެޓުމަތީ ބަހައްޓަމުން އާ ފެންފުޅިއެއް އައިސްއަލަމާރިން ނަގައިގެންވަނީ ކޮޓަރިއަށެވެ.

ކޮމެންޓް 0