"ހެލޯ، ކުޑަ ސާހަބް، ޔޫހާ މެޑަމްގެ ގޭގެ ދޮރުހުރީ ތަޅުލާފަ، ހީވަނީ އެކަކުވެސް ނޫޅެނީހެން" ޔޫހާ އާއި ބައްދަލުކުރުމަށް އެގެއަށްދިޔަ ޖަމާލު ޒައުލްއަށް ގުޅާފައި ބުނެލިއެވެ.
"މެންދުރުފަހުން ގެންގޮސްދޭންވީނު، އެގަޑީގަ ފަހަރެއްގަ ޔޫހާގެ ކޮއްކޮ އުޅެދާނެ ގޭގަ، ކޮންމެ މީހަކާ ދިމާވިނަމަވެސް ތިއެއްޗެހި ހަވާލުކުރޭ، ބުނޭ ޔޫހާ އާއި ހަވާލުކޮށްދޭށޭ، މިވަގުތު އަހަރެން ވަރަށް ބިޒީ، ޖަމާލް ނުގުޅިޔަސް ރަނގަޅުވާނެ އަހަންނަށް، ހަމަޖެހިލާފައި ވަގުތެއް ހޯދައިގެން އަހަރެން ޖަމާލްއަށް ގުޅާނަން، މައްސަލައެއްނެއް ޔޫހާ މެންގޭ ދޮށުގަ ކާރު ޕާކުކޮއްލައިގެން މަޑުކޮއްލިޔަސް، ވަގުތުވީހާ އަވަހަކަށް އަހަރެން ޖަމާލްއަށް ގުޅާނަން" ޒައުލްގެ ވާހަކަދެއްކުމުގައި ވެސް ވަނީ އަވަސްކަމެވެ. ޖަމާލް ލައްބައޭ ބުނެލަމުން ފޯނު ކަނޑާލިއެވެ. އޭނައަށް ކަންތައް ކުރަންވީގޮތް އެނގިއްޖެއެވެ. ތަންކޮޅެއް ދުރުގައި ޔޫހާ މެންގެއަށްވަދެ ނުކުންނަ މީހުން ފެންނަ ހިސާބުގައި ކާރު މަޑުކޮއްލައިގެން އިނެވެ.

ޔޫހާ މެންދުރަށް ތަރުކާރީބަތް ހަދާލުމަށްފަހު ކިޔާންއަށް ކާންދީ ފެންވަރުވާ ރީތިކޮއްލިއެވެ. އަދި އޭނަވެސް ފެންވަރައިގެން ނުކުމެ ބޮލުގައި ފުނާއަޅަން އިންދާ އޮށޯވެލެވުނީ ވެފަހުރި ވަރުބަލިންނެވެ. ދަންވަރު ޑިއުޓީ ނިންމާފަ އައިގޮތަށް އޭނައަށް ކުރަންހުރި ކަންތައްތައް ނިންމާލެވުނީ އެގާރަ ޖަހަނިކޮށެވެ. ބާލީހުގައި ބޯޖެހުމާއިއެކު ޔޫހާގެ ދެލޯ މެރޭކަށް ސިކުންތެއްވެސް ނުނެގިއެވެ. އަތުގައި އޮތް ފުނާ އެނދު މައްޗަށް ވެއްޓުނުކަންވެސް އޭނައަށް ނޭގުނެވެ. އޭރު އޭނަގެ ގާތުގައި ފޮތެއް ހިފައިގެން ކުލަޖައްސަން ކިޔާންއިނެވެ. އުމުރުން ކުޑަނަމަވެސް ކިޔާން ދުވަހަކުވެސް ޔޫހާ ނިދާފައި އޮއްވައި ސަކަރާތްޖަހާ އަޑުގަދަކޮށެއް ނުހަދާނެ އެވެ.

އަފްލީން އައިސް ގެއަށްވަތްތަން ފެނުނު ޖަމާލު އަވަސް އަވަހަށް ކާރުން ފޭބީ އަފްލީންގެ ފަހަތުން އެގެއަށްވަނުމަށެވެ. ކާރުގެ ފަހަތު ސީޓުގެ މަތީ ބާއްވާލާފައި އޮތް މާބޮނޑި އާއި ޒައުލް ދިން ޕާރުސަލް ހިފައިގެން އޭނަވެސް ހިނގައިގަތީ ޔޫހާ އާއި އެއްޗެއްހި ހަވާލުކުރުމަށެވެ. އަފްލީންއަށް އޭނަގެ ކޮޓަރިއަށް ނުވަދެވެނިސް ޖަމާލުގެ އަޑުއިވުނެވެ. ފަސް އެނބުރި ކީއްކުރާ މީހެއްތޯ ބަލާލިއެވެ. އެހިނދު އޭނަގެ ތުންފަތަށް ހިނިތުންވުމެއްވެރިގެންދިޔައެވެ.
"ޔޫހާ މެޑަމް އެބައުޅުއްވާތޯ" ޖަމާލް އަދަބުވެރިކަމާއިއެކު އަހާލިއެވެ.
"މަޑުކޮއްލައްޗޭ" އަފްލީން މިހެން ބުނެ ޔޫހާގެ ކޮޓަރި ހުޅުވާލިއެވެ. ޔޫހާއަށް ނިދިފައި އޮތްތަން ފެނި އޭނަވެސް ޔޫހާއަށް ގޮވާހިޔާލެއް ނުކުރިއެވެ.
"ޔޫހާއަށް މިވަގުތު ނުކުމެވޭކަށްނެއް، ކިހިނެއް ވީ ޔޫހާ ހޯދަނީ" އަފްލީން ސިޓިންރޫމު ދޮރާދިމާލަށް ހިނގައިގަންނަން ބުނެލިއެވެ.
"މި ޔޫހާ މެޑަމް އާއި ހަވާލުކޮއްދެއްވަފާނަންތޯ" ޖަމާލް ބުނެލި އެވެ. އަފްލީން ޖަމާލު ދިން އެއްޗެހީގައި ހިފުމާއިއެކު އޭނަ ނުކުމެގެން ހިނގައްޖެއެވެ. ކާކު ފޮނުވި އެއްޗެއްތޯ އަހާލަން ބޭނުންވެފައި ހުރި އަފްލީން ތުންފިއްތާލީ އެހާ އަވަހަށް ޖަމާލް ނުކުމެގެން ދިޔައީތީއެވެ. އަފްލީން ޔޫހާގެ ކޮޓަރިއަށްވަތްއިރު ކިޔާންވެސް ކްރެޔޯން ކުލައެއް ހިފައިގެން ޔޫހާގެ ދެމިފައިއޮތް އަތުގައި ބޯއަޅާލައިގެން އޮތެވެ. އޭރުވެސް އޭނަގެ އަމިއްލަ ދުނިޔެއްގައި އުޅޭކަމުގެ ހަރަކާތްތައް ފެންނަމުންދިޔައެވެ.
"ކޮއްކޮގެ ޕްރެޒެންޓެއްތަ؟ ޑެޑީ ފޮނުވީ، ކޮބާ ޑެޑީ... ބޭރުގަތަ" އަފްލީންގެ އަތުގައިވާ އެއްޗެހި ފެނުމާއިއެކު ކިޔާން ފުއްމައިގެންތެދުވެ އަފްލީން އާއި ވާހަކަދެއްކިއެވެ.
"މީގަ އަތްނުލައްޗޭ، މަންމައަށް ކުއްޖަކު ފޮނުވި ޕްރެޒެންޓެއް މީ، މަންމަ ހޭލާފަ ޕްރެޒެންޓު ކަނޑާނެއެއްނު ދޯ" އަފްލީން ކޮޓަރީގައި ހުރި ކުޑައަލާމާރިމަތީ މާބޮނޑި އާއި ޕާރުސަލް ބަހައްޓަމުން ބުނެލިއެވެ.

ހަވީރުގެ ވަގުތެވެ. ކޮންޕަރެންސް ރޫމްއިން ނުކުތް ޒައުލް އާއި ފައުޒީ ހިނގައިގަތީ ފައުޒީގެ ކެބިންއަށް ދިއުމަށެވެ. ހުރިހާ ހޮޓެލްތަކުގައި މިވަގުތު ތިބި މުވައްޒަފުންގެ އަދަދު އެނގޭނޭ ރިޕޯޓެއް ފައުޒީ ތައްޔާރުކޮއްފައިވާތީ އެނެގުމުގެ ބޭނުމުގައެވެ. އަދި ގާރޑަންވިއުގެ ކަންތައްތައް ބެލެހެއްޓުމަށްޓަކައި ޒައުލްގެ ދަށުން އެންމެ އިސްކޮށް ހުންނަ ފަރާތެއްގެ ގޮތުގައި ފައުޒީ ހަވާލުވުމުގެ ހިޔާލުވެސް ޒައުލް ފާޅުކުރަން ބޭނުންވާތިއެވެ. ފައުޒީގެ ކެބިންއަށްވަދެ އެމީހުންނަށް ހަމަޖެހިނުލެވެނިސް ފޯން ރިންގުވާންފެށިއެވެ.
"ހެލޯ، ފައުޒީ ސްޕީކިންގް" ފައުޒީގެ މޭޒުމަތީގައި ހުރި ފޯނުގެ އަތްގަނޑު ކަންފަތުގައި ޖައްސާލިގޮތަށް ބުނެލިއެވެ.
"ސަރ، ޝާއިން ކިޔާ ބޭފުޅަކު އެބަހުންނެވި ބައްދަލުކޮއްލަން ވަޑައިގެންއެބަހުންނެވި" ރިސެޕްޝަންގައި އެވަގުތު ޑިއުޓީގައި އިން ކުއްޖާ ބުނެލިއަޑު ފޯނުން ފައުޒީއަށް އިވުނެވެ.
"ބައްދަލުކުރަންށޭ، މިގަޑީގަ... ކޮންބޭނުމަކުތޯ އޮޅުންފިލުވަބަލަ" ފައުޒީ ހައިރާންކަމާއިއެކު ބުނެލިއެވެ.
"ސަރ، އޮންދަވޭ ހޮޓެލްގެ އެޗް އާރް މެނޭޖަރ، ޝާއިންކަމަށް އޭނަ ބުނަނީ، ކުއްލިގޮތަކަށް ބައްދަލުކޮއްލަން ޖެހިގެންކަމަށް" ދެތިން މިނެޓުފަހުން ފައުޒީއަށް ޖަވާބުދިނެވެ.
"އެހެންތަ، އޯކޭ، އޭނަ އަވަހަށް އަހަރެންގެ ކެބިންއަށް ފޮނުވާ" ފައުޒީ އޭނަގެ ޒިންމާދާރުކަން ކުރިމަތީގައި އިން ޒައުލްއަށް ދައްކާލާފަދަ ގޮތަކަށް ބުނެލިއެވެ.
"ކަމެއް ޖެހުނީތަ؟" ފައުޒީ ފޯނުގެ އަތްގަނޑު ބާއްވާލުމާއިއެކު ޒައުލް އަހާލިއެވެ.
"ނޫނޭ، އަނެއްހެން ބޮޑު ކަމެއްނޫން، އަޅުގަނޑު މެންގެ ހޮޓެލްތަކުން ހޮޓެލެއްގެ އެޗް އާރް މެނޭޖަރ އަޅުގަނޑާއި ބައްދަލުކޮއްލަން ބޭނުންވީ، ހީވަނީ މުވައްޒަފެއްގެ ކަމަކުހެން" ފައުޒީ ބުނެލިއެވެ.
"ފައުޒީ، އާކުދިން ވެއްދުމުގެ ހުރިހާ ކަމެއް ކުރިއަށް ގެންދިއުން މިހަވާލުކުރި ފައުޒީއާއި، ކޮންމެ އިންޓަރވިއުއެއް ކުރިއަށްދާއިއިރު އަހަރެން ހުންނާކަށް ގަސްދެއްނުކުރަން، ޝޯޓެޖްކުރެވި ފައިނަލް ލިސްޓަށް ނަގާކުދިންގެ އިންޓަރވިއު ކުރިއަށްގެންދަންވީމަ އަހަންނަށް އަންގާލާ، އޭރުން އެއިންޓަވިއުތަކުގައި ބައިވެރިވާނަން...ދެން އަދި އަހަރެން ހިޔާލެއްވެސް އެބަކުރަން، ފައުޒީއަށް ޕްރޮމޯޝަނެއްދިނުމުގެ ހިޔާލު... އެކަމަކު ދެން އެހެން ފަހަރަކުން އެވާހަކަ ދައްކާލާނީ ދޯ، މިގަޑީގަ މީހަކާ ބައްދަލުކުރަންވެފަ އޮތީމަ ދެން އަހަރެން ދަނީ" މިހެން ޒައުލް ފައުޒީގެ މޭޒުގެ ކުރިމަތީގައި ހުރި ގޮނޑިން ތެދުވިއެވެ.
"ތެންކިއު ޒައުލް، ހީވެސް ނުކުރާފަދަ އުފާވެރި ޚަބަރެއް ތިދެއްވީ" ފައުޒީ ޒައުލްއަށް ސަލާމްކޮއްލުމަށް އަތް ދިއްކޮއްލިއެވެ. ޒައުލް ހިނިތުންވެލަމުން ސަލާމްކޮއްލުމަށްފަހު އެ ކެބިންއިން ނުކުމެ އޭނަގެ އެޕާޓްމެންޓަށް ދިއުމަށް ހިނގައިގަތެވެ. އޮފީސްތައް ހިންގާ ފްލޯގެ ދޮރުން ނުކުތްވަގުތު ޒައުލްގެ ގައިގާ ޖެހިފައި އެތެރެއަށްވަތް މީހާއަށް ޒައުލް ބަލާލިއެވެ. އޭނައަށް އަވަސް ނަޒަރެއްދެވުނުކަމުގައިވިޔަސް އެއީ ޝާއިންކަން ދެނެގަނެވުނެވެ. އަވަސްފިޔަވަޅުގައި ފައުޒީގެ ކެބިންނާއި ދިމާލަށް ޝާއިންދިޔައިރު އޭނަގެ މޫނުމަތީގައިވާ ހިތްހަމަނުޖެހުމާއި ހާސްކަމުގެ ކުލަވަރު ކޮންމެވެސް ވަރަކަށް ޒައުލްއަށް ފާހަގަވިއެވެ. ޝާއިން އާއި ޔޫހާ އާއި ހުރި ގުޅުން އޭނައަށް އެނގޭތީއާއިއެކު ޝާއިން އެތަނަށް އައިބޭނުމެއް އޮޅުންފިލުވަން ޒައުލް ބޭނުންވިއެވެ. ލިފްޓާއި ދިމާލަށް ދިއުމުގެ ބަދަލުގައި ޒައުލް އަނެއްކާވެސް ވަނީ ނުކުތްދޮރުން އެތެރެއަށެވެ.
ކުއްލިއަކަށް ފައުޒީގެ ކެބިންގެ ދޮރުހުޅުވާލާފައި ވަތް ޝާއިންފެނި އޭނައަށް ހައިރާންކަމެއްވެރިވެގެންދިޔައެވެ. ނަމަވެސް އޭނަ ކުރިމަތީ ހުރި ގޮނޑިއަށް އަތްދިއްކޮއްލާފައި އިށީނުމަށް ޝާއިންގެ ގާތުން އެދުނެވެ.
"ކަލޭ ހީކުރީ މަމިއައީ މިތަނުގަ އިށީންނަން ކަމައްތަ، ފައުޒީ، ކަލެއެއްކަމަކު ތިކުރަނީ ވަރަށް ހަޑިމުޑުދާރުކަމެއް، ކަލޭ ހީކުރަނީ ކީކޭކަމައްތަ، ޔޫހާ އަކީ ހަށިވިއްކާ އަންހެން ކުއްޖެއްކަމައްތަ" ޝާއިން ޔޫހާގެ ނަންކިޔާލުމާއިއެކު ފައުޒީގެ ރޫއަރުވާލައިގެން އިންނިތުގެ ރޫފިލާ ތުންފަތަށް މަލާމާތުގެ ހިނިތުންވުމެއްވެރިވިއެވެ.
"އޯ...ޔޫހާ ދޯ... އަހަރެން ޔޫހާއަށް ގުޅަންވީ ކީއްކުރަން، އެހެންނޫނަސް ޔޫހާގެ ކަމެއްގަ ޝާއިން އަންނަންޖެހުނީ ކީއްވެ، އަނެއްކާ ތިދެމީހުންވެސް ކަމެއްތަ، ޔޫހާ ޝާއިންއަށް ވެސް ޗާންސްދެނީތަ" ފައުޒީގެ ވާހަކަ ނުނިމެނިސް އޭނަގެ ކަންފަތްމަތީ ޝާއިން ބޮނޑިއެއް އަޅައިފިއެވެ. އެހޫނުކަމާއިއެކު ފައުޒީވެސް ފުއްމައިގެން ތެދުވެ ޝާއިން ދުރަށްކޮއްޕާލައިފި އެވެ.
"ބުނަން ގައިގަ އަތްނުލާ، މަށަށްވެސް ޖެހިދާނެ، ތިހީކުރާހާ މާތްމީހެއްނޫނޭ ޔޫހާއަކީ" ފައުޒީ އަޑުހަރުކޮށްބުނެލި އެވެ. އެވަގުތު ޒައުލް ފައުޒީގެ ކެބިންގެ ދޮރުހުޅުވާލިތަން ޝާއިން އާއި ފައުޒީއަށް ވެސް ފެނުނެވެ.
"ކިހިނެއްމިވަނީ؟" ދެމީހުންގެ މޫނަށް ބަލާލާފައި ޒައުލްބުނެލި އެވެ. ދެމީހުންގެ ލޮލުންވެސް ރުޅިވެރިކަމުގެ އާވިއަރަމުންދިޔަކަން ޒައުލްއަށް އިޙްސާސްކުރެވުނެވެ. ފައުޒީ އެއްވެސް އެއްޗެއްނުބުނެ މަޑުންހުރީ ޒައުލް އެނބުރި އެކެބިންނަށް އައީތީ ލިބުނު ސިހުމާއިއެކުވެސްމެއެވެ.
"ޝާއިން، ވެގެންއުޅޭގޮތެއް ކިޔާދީބަލަ" ޒައުލް ޝާއިންއަށް ބަލާލަމުން ބުނެލިއެވެ.
"ކަމެއްނުވޭ، މިދެން ކުޑަ މިސްއަންޑަސްޓޭންޑިން އެއް ދޯ ޝާއިން، ހިނގާ ކޮފީއަކަށް، ވާހަކަދައްކާލަން" ފައުޒީ ހިނިތުންވެލަން މަސައްކަތްކުރަމުން ބުނެލިއެވެ. އޭނަ ބޭނުންވީ އަވަހަށް ޝާއިން އެތަނުން ނެރުމަށެވެ. އަދި ޒައުލް އާއި ދުރަށް އެ ވާހަކަތައް ގެންދިއުމެވެ.
"ވާހަކަ ދައްކާކަށް އަހަރެން ބޭނުމެއްނޫން، ޔޫހާގެ ކޮންމެ ކަމެއްވެސް އަހަރެން ވަރަށް ސީރިއަސްކޮށް ނަގަނީ، އޭނައަށް އުނދަގޫވާކަހަލަ ކަމެއް މީހަކު ކުރާނަމަ އަހަރެން އެކަމެއް ހުއްޓުވަން ނުކުރާނެކަމެއްނޯންނާނެ، ޔޫހާއަކީ މަގޭކޮއްކޮއެއްފަދަ ކުއްޖެކޭ" ޝާއިންގެ ރުޅި މަޑުވާގޮތެއްނުވެއެވެ.
"ޔޫހާ އޭ... ޔޫހާއަށް ކިހިނެއްތަވީ، ޝާއިން ނިކަން ތިވާހަކަ ފެށިގެން ކިޔާދީބަލަ، ވެގެންއުޅޭގޮތެއް އަހަންނަށްވެސް އެނގެންޖެހޭނެއެއްނު" ޒައުލް އެތެރެއަށްވަދެ ކެބިންގެ ދޮރުލައްޕާލަމުން ބުނެލިއެވެ. ޔޫހާގެ ނަންއިވުމުން އޭނަގެ ހިތުގެވިންދު އަވަސްވެއްޖެއެވެ. ނޭގޭ ބިރުވެރިކަމެއް ޒައުލްގެ ހިތަށް ވަދެގެންދިޔައެވެ. ޝާއިން ކަންވީގޮތް ޒައުލްއަށް ކިޔާދިނެވެ. ޔޫހާއަށް ކޮއްފަހުރި މެސެޖުތަކަށް ދަންދެންނެވެ. އެކަން ކުރީ ފައުޒީކަމުގަ ވެސް އޭނަ ބުންޏެވެ. ޒައުލް އިވުނު އަޑުތަކާއިއެކު އޭނަވެސް ބޭނުންވީ ފައުޒީގެ މޫނުގައި އެތިފަހަރެއް ޖަހަންށެވެ. އެހެންނަމަވެސް ފަޓުލޫނުގެ ދެޖީބަށް ޖަހާލެވިފައިވާ އަތްތިލަ މުއްކަވާލައިގެން އޭނަ ހުރީއެވެ. ރުޅިވެރިކަމުން ފުރިގެންވި ނަޒަރަކުން ޒައުލް ފައުޒީއަށް ބަލާލިއެވެ.
"އަހަރެންކަމެއް ތިހާ ސާފުކޮށް ބުނަން އެނގެނީ ކީއްވެތަ، އެއީ އަހަރެންގެ ނަންބަރެއްވެސް ނޫނޭ" ފައުޒީ ކަންބޮޑުވެފައިވާ ރާގެއްގައި ބުނެލިއެވެ. ކަރަށް މަޅިމެހެމުން އަންނަކަން އޭނައަށް އިޙްސާސްކުރެވުނު ހިނދު މީހާ ދާވެސް ހިތްލަން ފަށައިފިއެވެ. ޒައުލްގެ ނިންމުން ހަރުކަށިވާނެކަން އޭނައަށް މާކުރިންވެސް އެނގެއެވެ. އެހެނީ ޔޫހާ އަކީ ޒައުލްގެ ޚާއްޞަ މީހަކަށްވީތީއެވެ.
"އަހަރެން މީ ކުޑަކުއްޖެއްނޫނޭ، ނޫނީ އަހަރެން ހުރީ ހަމަބުއްދިފިލާ ގޮސްފައެއްނޫނޭ، އިހަށްދުވަހު އަންހެން ކުއްޖެއްލައްވާ ފައުޒީއަށް ގުޅީވެސް އަހަރެންނޭ، ފައުޒީގެ އަޑުކަން އަހަންނަށް ޔަގީންވެސްވީ އެހިސާބުން، ޔޫހާ އަހަރެން ކައިރީ ނުބުނޭ ފައުޒީކަމެއް އުނދަގޫކުރަނީ، އެހެންވިޔަސް އަހަންނަށް އެނގުނު އޭނައަށްވެސް ޝައްކުކުރެވެމުންދިޔައީ ހަމަ ފައުޒީއަށްކަން، ފައުޒީގެ ނަންބަރެއް ނޫންވެއްޖެޔާ ދެން އެނގިދާނެއެއްނު" މިހެންބުނެ ޝާއިން އޭނަގެ ޖީބުގައި އޮތް ފޯނުނަގާ ޔޫހާއަށް ޖެއްސުންކުރާ ނަންބަރާ ގުޅާލިއެވެ. ތިން މީހުންނަށްވެސް ބަލާލެވުނީ މޭޒުމަތީގައި އޮތް ފައުޒީގެ ފޯނަށެވެ. ޝާއިންއަށް އެގުޅި ނަންބަރު ރިންގުވާއަޑުއިވެއެވެ. އެހެންނަމަވެސް މޭޒުމަތީއޮތް ފައުޒީގެ ފޯނު ރިންގެއްނުވެއެވެ.
"މިހާރު ޔަގީންވެއްޖެތަ..." ފައުޒީ ބުނެލިއެވެ.
"އެހަށް މަޑުކޮއްބަލަ، މޭޒުގެ ވަތްގަނޑު ހުޅުވަބަލަ، ފޯން ވައިބްރޭޓްވާއަޑެއްނޫންތަ އެއިވެނީ" ޒައުލް މޭޒުގެ ކައިރިއަށް ޖެހި އަޑުއަހަން މަސައްކަތް ކުރަމުން ބުނެލިއެވެ. ފައުޒީއަށް ހުއްޓުން އެރިއެވެ. އެހެންނަމަވެސް ޒައުލްގެ ބަހަށް ކިޔަމަންވުން ނޫން ގޮތެއްދެންނެއްކަން އޭނައަށް އެނގުނެވެ. ފައުޒީ ޒައުލްއަށް ބަލަހައްޓައިގެން ހުރިގޮތަށް ހުރުމުން ޒައުލް މޭޒާގާތްވެފައި އެވަތްގަނޑު ހުޅުވަން އުޅުނެވެ. ނަމަވެސް ވަތްގަނޑު ހުޅުވަން މަސައްކަތްކުރިއިރު ހުރީ ތަޅުލާފައެވެ. ޒައުލް ފައުޒީއަށް ބަލާލުމާއިއެކު ޗާބީދީފައިވާ ބުއްދެއްހެން ބަހެއްވެސް ނުބުނެހުރެ ޖީބުން ނެގި ތަޅުދަނޑިފަތި ޒައުލްގެ އަތަށް ދިއްކޮއްލިއެވެ.
"މީ ކޮންއެއްޗެއްތަ" ރުޅިއައިސް ރަތްވެފައި ހުރި ޒައުލް ބާރަށް ފައުޒީގެ ގާތު އަހާލިއެވެ. އޭރު އޭނަ ހުރި ވަތްގަނޑުގައި އޮތް އާދައިގެ މޮޓޮރޯލާފޯނެއް ފައުޒީ އާއި ދިމާލަށް ދިއްކޮއްގެންނެވެ. ފައުޒީ އަނގައިން ނުބުނުމުން ޒައުލް ޒައުލް އެފޯނުގެ ކޯލްލިސްޓާއި އެހެންނިހެން ބައިތަށް ބަލަންފެށިއެވެ. އަދިވަކިން ރުޅިއައި ޔޫހާ ހޮޓެލް ޔުނީފޯމްގައި ހުއްޓައި ނަގާފައިވާ ފޮޓީތަކެއްފެނިފަ އެވެ. ޒައުލްގެ ކޮޓަރިއަށް ދަނިކޮށް ނެގިފައިވާ ސީސީޓީވީ ފުޓެޖްއެއް ވެސް ފޯނުގައި ސޭވްކޮއްފައި ވިއެވެ. އިރުކޮޅަކު ހުރުމަށްފަހު ޒައުލް އެފޯނުލީ އޭނަގެ ފަޓުލޫނު ޖީބަށެވެ.
"ޝާއިން، އަހަރެން މިކަން ބަލާނަން، ޔަގީންކުރޭ، މީއަހަންނަށް އެނގިގެންވާކަމެއްނޫން، ހީވާގޮތުގަ ތިއައީ ޑިއުޓީ ނިމުނުގޮތަށް، ދެން ދޭ ގެއަށް" ޒައުލް ޝާއިންއަށް ބަލާލަމުން ބުނެލިއެވެ.

ކޮމެންޓް 0