ރާއްޖޭގެ ކޮންސްޓްރަކްޝަން މަސައްކަތުގަ ދެވަނައިގައި ފައި ހަރުކުރަމުން އަންނަ މެގާ ކޮންސްޓަރަކްޝަންގެ ބޮޑުމީހާ ރިޔާޒުއަކީ ނަހުލާގެ ބައްޕައެވެ. އޭނަ އާއި ހަމައަށް ނަހުލާގެ ވާހަކަދިޔައީ ވަރަށް ވެސް ހޫނުކޮށެވެ. ރުޅި އައިސް ރަތް ވެފައިވިއެއް ކަމަކު އެކަން ހާޒިމް އާއި ފޯނުން ވާހަކަދެއްކިއިރު ނުދައްކަ އެވެ.

"ޖީޒާ... ޖީޒާ..." ފޯނު ބޭއްވުމާއިއެކު ރިޔާޒު އަޑުހަރުކޮށް އޭނަގެ އަންހެނުންނަށް ގޮވާލި އެވެ.
"ކިހިނެއްވީ" ކާ ކޮޓަރީގައި ކާން ހަދަން އުޅުނު ޖީޒާ އަވަސް ހިނގުމުގައި އައިސް ހުޅުވާލެވިފައިވާ ދޮރުން ކޮޓަރި ތެރެއަށް ވަންނަމުން އަހާލިއެވެ. އޭނަ ހުރީ ހައިރާންކަމެއްގެ ތެރޭގައެވެ.
"ކީއްނުވަނީ، މިއަދު އަހަރެން މުޅިން ފަލީހަތްވެ ނިމިއްޖެ، ދަރިން ބޮޑެތި ކުރަނީ އަހަރުމެންނަށް ފަސޭހައެއްވާނެ ކަމަށް، އަހަރުމެންގެ ނަމާ ގައުމުގެ ނަން ރޯޝަން ކުރާނެކަމަށް، އެކަމަކު ބޮޑެތިވެގެން އަހަރުމެންނަށް ފައިދާއެއް ނުވާތަނުގަ އާއިލާގެ ނަމަށް ވެސް ހުތުރުވާފަދަ ކަންތައް އެ ކުރަނީ..." ރިޔާޒުގެ ވާހަކަދެއްކުމުގެ ރާގު ހުރިގޮތުން އޭނަ އެހެރީ ވަރަށް ރުޅިގަދަވެފަކަން ޖީޒާއަށް ޔަގީންވިއެވެ.
"ނިކަން ވެގެން އުޅޭގޮތެއް ސާފުކޮށް ބުނެދީބަލަ، ރިޔާޒް ތިހާ ރުޅިއައިސްފަ ހުއްޓަ އަހަންނެއް ނުދެކެން" ޖީޒާ ކަންބޮޑުވުމާއިއެކު ރިޔާޒުގެ ކޮނޑުގައި ފިރުމާލަމުން ބުނެލިއެވެ.
"ކޮބާތަ ނަވާލް؟ އަނެއްކާ އޭނަ ގޭގަ އެބައުޅޭތަ؟" ރިޔާޒު ބުނެލި އެވެ.
"އަހަރެން އައި އިރު އެސޮރު ކާމެޒު ދޮށުގައި އިށިންނަނީ، އަދިވެސް ވެގެންއުޅޭގޮތެއް ނުބުނަމެއްނު" ޖީޒާގެ ހާސްކަންދިޔައީ އިތުރުވަމުންނެވެ.
"ނަހުލާގެ ކަންތަކެއްނު، ވައްކަންކުރީއޯ، އެހެން ކިޔާފަ އަހަންނަށް އެގުޅީ ކާކުކަން އެނގޭތަ، ތިއޮއް ހޮޓެލްތައް ހިންގާ މަންސޫރުގެ ވަކީލު، މިރޭ ކޮންމެވެސް ޝޯއެއް އެމީހުންގެ ހޮޓެލެއް ހުޅުވުމާއިއެކު އޮތީއޯ، ނަހުލާ އަހަރުމެންނަށް އަންގާވެސް ނުލިއެއްނު، އަހަރެން ހީކުރީ އޭނަގެ ރަޙުމަތްތެރިންނާއިއެކު ކަމެއްކުރަނީ ކަމަށް" ރިޔާޒު ބުންޏެވެ.
"ހަމަ ތެދެއްތަ، ނަހުލާ އެކަހަލަ ކަމެއް ނުކުރާނެ... އެމީހުންނަށް އޮޅިގެން ކަންނޭގެ އެއުޅެނީ" ޖީޒާ ދެރަވެފައި ބުނެލިއެވެ.
"މަންސޫރުމެންގެ ފަރާތުން ވާހަކަދެއްކި ވަކީލު ހުރިހާކަމެއް އޮޅުންފިލުވަދީފި، އެމީހުންނަކީ ބޭފުޅުން ކަހަލަ ބައެއް، ހަމަހުރެފަ މީހެއްގެ ބޮލުގަ އިލްޒާމެއް ނާޅުވާނެ" މިހެންބުނެ ނަވާލްއަށް ގޮވާ އޭނަ އާއިއެކު ގެއިން ނުކުތީ ގާޑަންވިއުއަށް ދިއުމަށެވެ.

ވަގުތުތައް ފާއިތުވަމުން ދިޔައެވެ. ގަޑީގެ ކަށިހުއްޓުމެއްނެތި ހިނގައެވެ. އެހެންނަމަވެސް ގާޑަންވިއުގައި ތިބި އެކަކަށްވެސް ލަސް ވެގެން ނޫޅެއެވެ. ލާއިގާ އާއި މަންސޫރު އީލާކް ގޮވައިގެން ގެއަށް ދިޔައީއެވެ. ދެންތިބި މީހުން މަޑުކުރީ ނަހުލާގެ މައިންބަފައިން އަންނާނެ އިރަކަށެވެ. ގިނަ އިރެއް ނުވެ ރިޔާޒް އާއި ނަވާލް ކާރުން ފައިބައިގެން ގާރޑަންއަށް ވިއުއަށް ވަދެއްޖެ އެވެ. އެތަން ތައްޔާރުކޮށްފައިވާލެއް ފުރިހަމަކަން ރިޔާޒު އަށާއި އޭނަގެ ދޮށީ ދަރިފުޅު ނަވާލްއަށް ފެނުނެވެ. މިފަދަ ހަފްލާއެއްގައި ނަހުލާ ބައިވެރިވިއިރު އެމީހުންނަށް ނޭގުނީ ކީއްވެބާއޭ ސުވާލު އުފެދެމުންދިޔަ އެވެ. ހޮޓެލްއަށް ވަނުމަށް ހުޅުވާލެވިފައިވާ ދޮރުން ރިޔާޒް އާއި ނަވާލް ވަތްތަން ފެނުމާއިއެކު މޭޒެއްގެ ކައިރީ އިށީނދެލައިގެން ތިބި ޒައުލް އާއި ހާޒިމް އާއި ލޫލުއާ އާއި އީލާކްގެ ދެރަޙުމަތްތެރިން ވެސް ތެދުވިއެވެ. މައްސަލަ ގޯސްވެފައިވާވަރު ރިޔާޒުއަށް އެވަގުތު ވެސް ނަގައިގަނެވުނެވެ. ޒައުލްގެ މޫނުމަތިން ފެންނަމުންދިޔަ ރުޅިވެރިކަމާއި ދެންތިބި މީހުންގެ މޫނުމަތިން ވެސް ފެންނަމުންދިޔައީ ހިތްހަމަނުޖެހުމުގެ އަސަރުތަކެވެ. ހާޒިމް ކުރިއަށް ނުކުމެ ރިޔާޒްއަށް އިށީނުމަށް މޭޒެއް ދައްކާލަމުން އެމޭޒުގެ ދޮށުގައި ޒައުލް އާއި އޭނަވެސް އިށީނެވެ. ލޫލުއާމެންނާއިއެކު ނަހުލާ އިނެވެ. ކޮންމެ މީހަކު ކުރަނީ އެއް ސުވާލެކެވެ. ނަހުލާ އެފަދަ ކަމެއް ކުރީ ކީއްވެހެއްޔެވެ.

ގިނައިރުތަކަކަށް ދެމިގެންދިޔަ އެ ބައްދަލުވުން ނިންމާލާފައި ހާޒިމް އާއި ޒައުލް ތެދުވިއެވެ. ދެއާއިލާގެ މަސްލަހަތައްޓަކައި ކޯޓާއި ހަމައަށް މައްސަލަ ނުގޮސް ނިމިގެންދިޔައެވެ. ހާޒިމް ލޫލުއާއަށް ނަހުލާ ފޮނުވުމަށް އިޝާރާތުން އަންގާލިއެވެ. އެއާއިއެކު ނަހުލާ ތެދުވެގެން ރިޔާޒުމެންގެ ގާތަށް އައެވެ. ގާޑަންވިއުގެ ދޮރުން ބޭރަށް ނުކުމެވުމާއިއެކު ރިޔާޒުގެ އަޑުއިވިގެންދިޔައެވެ. އޭނަ ނަހުލާއަށް އެއްޗެހި ކިޔަމުން ނުކުމެގެން ދިޔައެވެ.

ބޮޑުކަންތައް ގަނޑަކަށްފަހު ރޭގަނޑުގެ އަރާމުނިދި ލިބޭތޯ އެނދުގައި އޮތް ޒައުލްއަކަށް ނުނިދުނެވެ. ހޮޓެލްގައި ނިދަން ދާންވީއޭ ވެސް އޭނަގެ ހިތަށް އެރިއެވެ. ޔޫހާގެ އެއްވެސް ޚަބަރެއްނުވެ މިހާ ގިނައިރު އޭނައަދި ނޫޅެއެވެ. ޚާއްޞަކޮށް މިވޭތުގެންދިޔަ ދެތިން ދުވަހުގެ ތެރޭގައެވެ. އޭނަގެ ފޯނުން ޔޫހާގެ ނަންބަރު ހޯދާލިއެވެ. އެހެންނަމަވެސް ގުޅާލާކަށް ނުކެރުނެވެ. ހުކުރު ވިލޭރޭއަށްވެފައި ފަހަރެއްގައި ޔޫހާ ނުނިދާވެސް އުޅެދާނެއޭ ޒައުލްގެ ހިތް ބުންޏެވެ. ފޯނު ހިފައިގެން ކޮޓަރިތެރޭ ދެކޮޅަށް ހިނގުމަށްފަހު އަނެއްކާވެސް އޭނަ އެނދުގައި އޮށޯތެވެ. ޒައުލްއަށް ނިދުނީވެސް ގުޅަން ހިޔާލުކޮއްގެން އޮއްވައެވެ.

ނޫސްތަކާއި މަޖައްލާތަކުގައި އީލާކް އާއި ނަހުލާގެ ވާހަކަތައް ފެތުރިގެންދިޔައީ ވަރަށްވެސް ބާރުމިނުގަ އެވެ. އެކަމަށް ފިޔަވަޅެއް އަޅަން މަންސޫރުގެ އާއިލާއަށް މަޖުބޫރުވި އެވެ. އެހެންވެ ކަންވީގޮތް މީޑިއާއަށް ހާމަކުރިއެވެ. މަހެއްހާ ދުވަހު އެވާހަކަތައް މީޑިއާގެ ތެރޭގައި ބުރުޖަހަމުންގޮސް ނިމުމަކަށް އައެވެ. އީލާކްއަށް ނަފްސާނީ ގޮތުންވަނީ ޝޮކެއްލިބިފަ އެވެ. ގޭން ބޭރަށް ނުކުންނަން އޭނަ އެއްގޮތަކަށް ވެސް ބޭނުމެއް ނުވެއެވެ. ހަމަ ހުރެފަވެސް ރޮއެގަންނަނީ އެވެ. ނޫނީ ކުއްލި ކުއްލިއަށް ރުޅިގަދަވެ ގޭގައި ހުންނަ އެއްޗިހި ހަލާކު ކުރަނީ އެވެ. މި ހުރިހާ ކަމަކާއިހެދި މަންސޫރުގެ އާއިލާވަނީ އީލާކް އާއިމެދު ކަންބޮޑުވެފައެވެ. މަންސޫރުގެ އެދުމުގެ މަތިން މާމަ ލާއިގާ އާއި އީލާކް ގޮވައިގެން ޒައުލް ފުރައިގެން ދިޔައީ ލަންކާއަށެވެ. ހަފްތާއަކު އެކޮޅުގައި މަޑުކުރުމަށްފަހު ލަންކާމަގުން ދެންދިޔައީ މެލޭޝިޔާއަށެވެ. މާމަ ލާއިގާ އެކޮޅުގައި ހަމަޖެހިލަންދެން ދުވަސްކޮޅަކު ޒައުލްއަށް މަޑުކުރަން ޖެހުނެވެ. އެކަމަކު މިފަހަރު އޭނަ މަޑުކުރީ މަޑުކުރާ ހިތަކުންނެއް ނޫނެވެ. އާއިލާއަށްޓަކައެވެ.

އޮކްޓޯބަރު މަހުގެ ދިހައެކެވެ. ޒާރާނާގެ އަނގައިގައިވާ ހުރިހާ ދަތްތަކެއް ފެންނަމުންދިޔައެވެ. މުޅިގޭތެރެ ސާފުކޮއްލާފައިވެއެވެ. ގަސްއިންދާފައިވާ މުށިގަނޑުތައް އާކޮއްލާ މީރުވަސްދުވާފަދަ މާތަށް ގޭތެރޭގައި ހުރި މާވަށިގަނޑުތަކަށް ޖަހާލައިފައިވެއެވެ. އިރުއިރުކޮޅާ ދޮރުކައިރިއަށް ނުކުމެލައެވެ. އޭނަ އިންތިޒާރު ކުރަމުންދިޔައީ އާފާގު ގެއަށް އަންނާނެ އިރަކަށެވެ. އާފާގު ގެއިން ދިޔަފަހުން ވެސް މިހާރު ތިންވަރަކަށް ގަޑިއިރުވެދާނެއެވެ. ފޯނެއްވެސް ކޮއްނުލާތީ ޒާރާނާ ހުރީ ކަންބޮޑުވެފައެވެ. ގޭގެ ބިއްދޮށްފަރާތުގައި ހުރި އުނދޯލީގައި މަޑުމަޑުން ހެއްލާލަ ހެއްލާލަ ޒަރާނާއިނެވެ.
"މަންމާ....މަމް..." އައްޔަދުގެ އަޑު ޒާރާނާގެ ކަންފަތާއި ހަމައަށް ފޯރިއެވެ. އުނދޯލިން ފުއްމައިގެން ތެދުވެވުނު ގޮތްވެސް ޒާރާނާއަށް ނޭގުނެވެ. ގޭތެރެއަށް ނުވަދެވެނިސް އައްޔަދު ޒާރާނާ ހޯދަމުން އެތަނަށް އަތުވެއްޖެއެވެ. ޒާރާނާ ފެނުމާއިއެކު ހިނިތުންވެލާފައި އައިސް ޒަރާނާގެ ގައިގާ ލޯތްބާއިއެކު ބައްދާލިއެވެ.
"ހުއް...މީ މާލެއޭ، ޔޫރަޕެއްނޫނޭ ތިހެން އުޅޭކަށް..." ޒަރާނާ ދަރިފުޅު އައްޔަދުގެ ގައިގާ ބައްދާލިއެއްކަމަކު އައްޔަދުގެ އަތުގައި ޖަހާލަމުން ބުނެލިއެވެ.
"އޯ ކަމޯން މަމް، ޕްލީޒް މިއަދު ނޯ ލެކްޗަރސް، އަޅުގަނޑު މިއައީނު މަންމަގެ ގާތަށް، މިފަހަރު މިއައީ އެއްކޮށޭ، ދެން ނުދާނަން" އައްޔަދު ހީލާފައި ބުނެލިއެވެ. ޒާރާނާ އޭނަގެ ދަރިފުޅަށް ހިތްފުރެންދެން ބަލާލިއެވެ. އައްޔައްދުގެ ޒުވާންކަން އެއްދުވަހަށްވުރެ އަނެއްދުވަހު އިތުރުވާހެން ޒަރާނާއަށް ހީވެއެވެ.
"ހޫމް...ވަރަށް ގިނަދުވަހު މަންމަ އާއި ދުރުގަ އުޅެވިއްޖެ، ދެން ނުފޮނުވާނަން އެއްވެސް ތަނަކަށް" ޒާރާނާގެ ލޮލުން ކަރުނައިގެ އަސަރު ފާޅުވިއެވެ. އޭނަގެ އެކަނިވެރި ދިރިއުޅުން ފަޅުފިލާނެ ކަމުގެ އިޙްސާސްއެއް ކުރެވިގެންދިޔަ އެވެ.
"ދަރިފުޅު ގޮވައިގެން ސަލާމަތުން މިހުރީ އައިސް، އެކަމަކު ބައްޕައަށްވުރެ ކުރިން ހޯދަންބޭނުންވީ މަންމަ، ކޮބާ މަންމަ އާއި ބައްދަލުވެވުނިއްޔާ މިކޮޅަށްވެސް އިޝާރާތެއްކޮއްލަންވީނު" ގޭގެ ބިއްދޮށަށް ނުކުންނަން ހުންނަ ދޮރުމަތީ މަޑުކޮއްލައިގެން ހުރެ އާފާގު ބުނެލިއެވެ. އެއާއިއެކު ޒުވާން އައްޔަދުގެ ފިރިހެންވަންތަކަމުން ފުރިގެންވި ހުނުމުގެ އަޑުއިވިގެންދިޔައެވެ.

އައްޔަދު އޭނައަށް ޚާއްޞަކުރެވިފައިވާ ކޮޓަރިއަށްދިޔައެވެ. ތާޒާވެލައިގެން އާއިލާ އާއިއެކު މެންދުރުގެ ކެއުމުގައި ބައިވެރިވުމަށެވެ. ހަމަޖެހުމުގެ ނޭވާއެއްލުމަށްފަހު އޭނަގެ ފޮށި ހުޅުވާލިއެވެ. އަދި ޓީޝާޓަކާއި ޖިންސެއް ނެގުމަށްފަހު އެއެއްޗެހި ލައިގެން އޭނަ ނުކުތެވެ. ފޮށީގައި ދެންހުރި އެއްޗެއްހި ނަގާނީ އަދިފަހުންކަމުގައި އޭނަ ދެކުނެވެ. ގިނަ ދުވަސްތަކެއްވަންދެން ރާއްޖޭން ބޭރުގައި އުޅުމުގެ ސަބަބުން އޭނަގެ އެއްވެސް ރައްޓެއްސެއް މާލެއަކު ނެތެވެ. އެހެންނަމަވެސް މާލެ ތެރެ ބަލާލުމަށް ބައްޕަ އާފާގު އާއިއެކު ކާރުގައި ދުއްވާލަން ދާން ނިންމީ ކާން އިނދެފައެވެ. ޒާރާނާ އައްޔަދުއަށް ނަސޭހަތްތެރިވީ އާފާގުގެ ވިޔަފާރީގައި ބައިވެރިވުމަށެވެ. އަދި އަޑިއަށް ދަމުންދާ އާފާގުގެ ވިޔަފާރި އަލުން ކޮޅަށް ނަގާދިނުމަށެވެ. އެހެންނަމަވެސް އައްޔަދުގެ ފަރާތުން އާފާގުގެ ވިޔަފާރިއަކަށް މާބޮޑު ޝައުގުވެރިކަމެއް ނުލިބުނެވެ.

ޒައުލްގެ އެއްވެސް ޚަބަރެއްނުވުމުން ޔޫހާއަށް ހައިރާންކަމެއް ލިބުނެވެ. ހިތަށް އުނދަގޫތަކެއް ވެސް ވިއެވެ. ޒައުލްއަށް އިތުބާރު ކުރުމަކީ އޭނަގެ މޮޔަކަން ކަމުގައި އޭނަ ދެކެއެވެ. ކިޔާންގެ ދިރިއުޅުމަށް އޭނަ އައިސް އަމިއްލައަށް އެއީ ކިޔާންގެ ބައްޕަ ކަމުގައި ބުނެ އަނެއްކާވެސް އެމީހުންނާ ޒައުލް ދުރުވީއެވެ. އޭނަ އެހެން ކަންތައްކުރަނީ ކީއްވެބާއޭ ޔޫހާ ހިތަށްއަރައެވެ. ޔޫހާއަށް ކޮންމެ ކަމެއް ކުރިކަމުގައި ވިޔަސް ކިޔާންއަށް އޭނަ ދޮގުހަދައި އޮޅުވާލާކަށް ޔޫހާ ނޭދެއެވެ. ކުރިއަށްވުރެ ޒައުލްދެކެ ފޫހިވިއެވެ. ކިޔާން ޒައުލްގެ ވާހަކަ އަހާތީވެސް ޔޫހާ ހުންނަނީ މިފަހަކަށް އައިސް ކަންބޮޑުވެފައެވެ. ހޮޓެލްގައި އޭނަ ނޫޅޭކަން އެނގެއެވެ. ދިޔައީ ކޮންތާކަށްކަމެއް ނޭގެއެވެ. އީލާކްގެ ޚަބަރުވެސް އޭނައަށްވަނީ އެކުގައި މަސައްކަތް ކުރާ ކުއްޖެއްގެ ފަރާތުން އެނގިފައެވެ. އެކަމާ ޔޫހާ ދެރަވެ އީލާކް އާއިމެދު ހަމްދަރުދީ އުފެދުނެވެ. ޒައުލްގެ ކޮއްކޮއަށް އީލާކްވީމަ އޭނައަށް ކުރެވުނު އިޙްސާސްއެއްކަން އެނގުނެވެ. އަދިވެސް ޒައުލްދެކެ ލޯބިވެއެވެ. ހަމައެއާއިއެކު ރުޅިވެސް އާދެއެވެ.

ރޮޒޭންގެ މިސްކޯލަކާއިއެކު ފެށުނު ލޯބީގެ ގުޅުން އަދިވެސް ޝާއިން ދިޔައީ ސިއްރެއްގެ ގޮތުގައި ބާއްވަމުންނެވެ. ޝާއިން ގިނަ ވަގުތު ކޮޓަރީގައި އުޅޭތީ އެކަމާ ޔޫހާ ސުވާލުކުރެއެވެ. އެހެންނަމަވެސް އެއްވެސް އެއްޗެއް އެކަމާގުޅުވައިގެން ޝާއިން ނުބުނެއެވެ. އޭނަގެ އާއިލާ އާއި ހަމައަށް ރޮޒޭންގެ ގުޅުން ގެންނަން ރޮޒޭންވެސް ތައްޔާރެއް ނޫނެވެ. ރޮޒޭން އަކީ ކޮންކަހަލަ އާއިލާއަކުން އައިސްފައިވާ ކުއްޖެއްކަން ޝާއިންއަށް އެނގެއެވެ. ހަމައެގޮތަށް ރޮޒޭންއަށް ވެސް ޝާއިން އޭނަ އާއި ބެހޭގޮތުން ހުރިހާ ވާހަކައެއް ކިޔާދީފައިވެއެވެ. ރޮޒޭންގެ ފަރާތުން އީލާކްގެ ވާހަކަ ޝާއިންއަށްވަނީ އަޑުއިވިފައެވެ. އެކަންވީގޮތް ވަރަށް ރަނގަޅަށް އެނގޭ މީހެއްގެ ގޮތުގައި ޝާއިން ވެސް ވެއެވެ. ދެމީހުން ބައްދަލު ކުރުމަށް ގިނަ ވަގުތުތަކެއް ނުލިބެނީ ރޮޒޭންގެ އުމުރުން ހަގުކަމާއިއެކު މުއްސަނދި އާއިލާއެއްގައި ހުރި އެންމެ ހަގުކުއްޖާއަށްވީތީ އެވެ. ދަތުރުކޮށް އުޅެނީ ކާރުގައި ކަމަށްވެފައި ޝާއިންގެ ސައިކަލު ފަހަތުގައި ގޮވައިގެން ދާތަން ރޮޒޭންގެ އާއިލާ މީހަކަށް ފެނިއްޖެނަމަ މައްސަލަ ގޯސްވެދާނެއޭ ޝާއިންއަށް ހީވަނީއެވެ. ރޮޒޭން ކިތަންމެ ކަމުދިޔަ ނަމަވެސް އެގުޅުން ކުރިއަށް ގެންދެވޭނީ ކިހާ ދުވަހަކުބާއޭ ޝާއިންގެ ހިތަށް ނާރާ ދުވަހެއްނުދެއެވެ. އެގުޅުން ކުރިއަށް ދާނެކަންވެސް ޔަގީންނުވަނީ ދެމީހުންގެ މެދުގައި ހުރި ފަރަގު ޝާއިންއަށް އެނގޭތީއެވެ. ރޮޒޭންއަކީ އަހުލާގު ރަނގަޅު ކުއްޖަކަށްވިޔަސް އޭނަގެ މައިންބަފައިންނަކީ ކޮންކަހަލަ ބައެއްކަން އަދި ޝާއިންއަށް ނޭގެއެވެ. ރޮޒޭންވެސް އާއިލާ އާއި ބެހޭ މާގިނަ ވާހަކައެއް ނުދައްކައެވެ.

ހޮޓެލްގައި މަސައްކަތްކުރުން ޔޫހާއަށް އުނދަގޫވާ ހިސާބަށް ކަންތައްތައް ގޮސްފައިވެއެވެ. އެކަން ޝާއިންއަށް ވެސް އެނގެއެވެ. އޭނަ ޔޫހާއަށް ގުޅަނީ ކާކުތޯ ބެލުމުގެ މަސައްކަތް ކުރަމުންދާތާ ދުވަސްކޮޅެއްވެއްޖެ އެވެ. އަދިވެސް އެއީ ކާކުކަމެއް ނޭގެއެވެ. ކޮންމެ މީހަކަސް އެމީހަކީ ވަރަށް ގޮތެއްނެއް މީހެއްކަން ޝާއިންއަށް ވެސް އެނގެއެވެ. އަދި އެމީހަކު މަސައްކަތްކުރަނީ ޔޫހާ އާއިއެކު ޕާކްވިއު ހޮޓެލްގައިކަން ވެސް ޝާއިންއަށް އެނގެއެވެ.

ކޮމެންޓް 0