ދެވަނަ ފަހަރަށްވެސް ޒައުލް ޔޫހާއަށް ގޮވާލިއެވެ. މިފަހަރު ފާހާނާގެ ދޮރުގެ ތަޅުގައި ހިފާލުމާއިއެކު މަޑުމަޑުން ޓަކިވެސް ޖަހާލިއެވެ. އަދި އާދޭހުގެ ރާގެއްގައި މާފަށްވެސް އެދުނެވެ.
ލޯގަނޑު ކުރިމަތީ ހުރި ޔޫހާގެ ދެލޮލަށް ރުއިމުގެ ސަބަބުން މަޑު ރަތްކުލައެއް އަރާފައި ހުއްޓެވެ. އޭނަގެ ލޮލުގައި ގިނަފަހަރެއްގެ މަތިން އަތްހޭކުމާއިއެކު ކޮއްފައި ހުރި މޭކަޕްވެސް ވަނީ ލޯކައިރިއަށް ފޭދި މޫނުމަތި ހަޑިވެފައެވެ. ހެދުމުގެ އިރައިގެން ގޮސްފައިވާ ބައިގައި ހިފަހައްޓާލައިގެން ހުރެ ޔޫހާ ލޯގަނޑުން އަމިއްލަ ސޫރައަށް ބަލަހައްޓައިގެން ހުއްޓެވެ. އަދި އަނެއް އަތުން ކަރުގައި ހަންގޮސް ކުޑަކޮށް ލޭއަންނަގޮތްވެފައި ހުރި ތަންތަނުގައި ޓިޝޫކޮޅެއް ޖައްސާލައިގެނެވެ. 

އާކައިވެނީގެ ރެއަކީ ފިރިމީހާގެ އަތުން ނޫނީ އަންހެންކުއްޖާގެ ގައިގާ ކޫރުމެއްވެސް ނޭޅޭނެރެއެކެވެ. އެރޭ އަނބިމީހާގެ ހަށިގަނޑު ހާމަވެގެންދާނީވެސް ފިރިމީހާގެ ގާތުގައެވެ. ލަދުންގޮސް އިސްޖަހާލެވުމާއިއެކު ލޯބީގެ މީރުކަމާއި ކައިވެނީގެ ލައްޒަތުން ދެލޯ ކަރުނުން ފުރިގެންދަނީވެސް އެރެއެވެ. ނަމަވެސް ޔޫހާއަށް ކަންތައްމިވީ އެހެނެއްނޫނެވެ. ހަށިގަނޑުގައި ލަކުނެއްލެވުނީ ފިރިމީހާގެ އަތުންނެއްނޫނެވެ. އެހަށިގަނޑުގެ ބައެއް ހާމަވެގެން ގޮސް ލަދުގަންނަން ޖެހުނީ ހަމައެކަނި ފިރިމީހާގެ ކުރިމަތީގައެއް ނޫނެވެ. ރޮވުނީ ލިބުނު އުފަލަކުން ނޫނެވެ. ދުވަހަކުވެސް މީހަކު އޭނަ އާއި ދޭތެރޭ ކަންތައް ނުކުރާހާ ދަށުދަރަޖައަކުން ކަންތައް ކުރުމުންނެވެ. ހިތަށް ކުޅަދާނަނުވި ހިނދު އެދެލޮލުން ކަރުނަތައް ބަންޑުންވީ އެވެ. ފިރިމީހާ އާއި ކުރިމަތިލާންވެސް ނުކެރުނީއެވެ. ހިތަށް ކުރި އަސަރެއްގެ ބޮޑުކަމުންނެވެ. ޒައުލްގެ އަނބިމީހާއަށް ވީހިނދު އެހެން ބައެއްގެ ތެރެއަށް އޭނަވީ ފުރަތަމަ ބޭޒާރަށް އެކަންވީތީއެވެ. ހުދު އޭނަވެސް ލާއިގާގެ ޢަމަލުތައް އެހިސާބަށް ގޮސްދާނެއެކޭ ހިޔެއްނުކުރެއެވެ.
"ޔޫހާ... ޕްލީޒް... ދެން ދޮރުހުޅުވާ" ޒައުލްގެ ކެތްތެރިކަން ކުޑަވެފައިވާ އަޑުއިވުނެވެ. މުޅިރޭ އޭނައަށް އެގޮތަށް ފާހާނާގައި ނީނދެވޭނެކަން ޔޫހާއަށް އެނގެއެވެ. މޫނ ުދޮންނަ ތަށީގެ އިސްކުރަށް އަތްދިއްކޮއްލުމާއިއެކު އޮހިގަތް ފެންތަކުން ދެއަތް ތެތްމާލި އެވެ. އަދި ފެން ގޮއްޓަކުން މޫނު ތެތްމާލުމަށްފަހު ޓިޝޫ ރޯލުން ބައެއް އަތަށް އޮޅާލާފައި ރޯލާއި ވަކިކޮއްލަމުން އޭގެން މޫނުފޮހެލި އެވެ. މޫނުގައިވާ މޭކަޕްތައް ސާފުކުރެވޭ އެންމެ ބޮޑަކަށް ސާފުކޮއްލުމަށްފަހު ތެތްޓިޝޫކޮޅަކުން ކަރުގެ ހަލާކުވެފައި ހުރި ތަން ސާފުކޮއްލި އެވެ. ފުން ނޭވާއަކާއިއެކު ދެލޯމަރާލާފައި ޔޫހާ އެނބުރުނީ ފާހާނާގެ ދޮރާ ދިމާލަށެވެ. އަދި ހެދުމުގެ އިރައިގެން ގޮސްފައި އޮތްބައި މޭގައި ޖައްސާލައިގެން ހުރެ ފާހާނާގެ ދޮރުގެ ތަންޑު ނެއްޓުމައްފަހު މަޑުމަޑުން ހުޅުވާލިއެވެ. ޒައުލްއަށް ޔޫހާ ފެނުމުން ބަސް ހުއްޓުނު ކަހަލައެވެ. އޭނައަށް ޔޫހާ އާއި ދިމާލަށް ބަލަހައްޓައިގެން ހުރުން ނޫންކަމެއް ނުކުރެވުނެވެ. ޒައުލްގެ އެބެލުން ޔޫހާއަށް އުނދަގޫކުރުވި އެވެ. ޔޫހާއަށް އޭނަގެ މޭގައި ދެއަތްއަޅާ ފޮރުވަން މަސައްކަތްކުރެވުނީ ކީއްވެކަމެއްނޭނގެ އެވެ. ޒައުލް މަޑުމަޑުން ޔޫހާގެ އަތްތިލާގައި ހިފާ ތިރިކޮއްލި އެވެ. އެއްއަތް ތިރިކޮއްލާއިރަށް އަނެއްއަތުން ހެދުމުގެ އިރައިގެން ގޮސްފައިވާ ބައިގައި ހިފަހައްޓައެވެ.
"ޔޫހާ..." ޒައުލްގެ ފިރިހެންވަންތަ ބަރު އަޑުން ޔޫހާއަށް ގޮވާލިއިރު އެއަޑުގައި މަސްތުކަމެއް އެކުލެވިފައިވެ އެވެ. ޔޫހާ އިސްފުލާ ޒައުލް އާއި ހަތަރުކަޅި ހަމަކޮއްލީ ޖެހިލުންވެފައި ހުރެއެވެ. ޒައުލް ޔޫހާގެ އަތްތިލާގައި ހިފާ ބާރުކޮއްލުމާއިއެކު އަނެއްއަތުން އެކުޑަކުޑަ މޫނުގެ ކޯތާފަތުގައި ފިރުމާލި އެވެ. ޔޫހާއަށް ކުރެވިގެންދިޔަ އިޙްސާސަކުން ހިތުގެ ހިނގުން ކުރިއަށްވުރެވެސް އަވަސް ކުރިވިއެވެ. ޒައުލް ޔޫހާގެ އަތުގައި ހިފައިގެން ހުރެ އޭނަ ގެެނެސް މަޑުމަޑުން އެނދުގައި ބޭންދިއެވެ. ޔޫހާ ހަރަކާތެއްވެސް ކޮއްނުލާ އެނދުގައި ބޭންދި ބުދެއްހެން އިނެވެ. އެހެންނަމަވެސް އޭނަގެ ނަޒަރު ފަޅި ސިކުންތަކަށްވެސް ޒައުލްގެ ލޮލާ ވަކިކޮއްނުލައެވެ. ޒައުލްގެ ކޮންމެ ހަރަކާތެއް ލަސްވެފައި ކޮންމެ ބީހުލުމެއް ޔޫހާގެ ހިތުގެ އެންމެ ހިމަނާ ރަށްދަންދެން އަސަރުކުރުވައެވެ. ޔޫހާގެ މަޑުމަޑު ކޯތާފަތުގައި ބޮސްދެމުން ޒައުލްއަށް ޔޫހާގެ މޫނުގައި ހިފާލަން އުޅުމުގެ ތެރޭގައި ކަރުގައި ހަލާކުވެފައި ހުރި ތަނުގައި ޒައުލްގެ އަތްތިލަ ޖެހުނެވެ. "އާހް..." ޔޫހާއަށް ވަގުތުން ބުނެލެވުމާއިއެކު ޒައުލްގެ އަތްތިލާގައި ހިފާލެވުނެވެ. އެހާއަވަހަށް ޔޫހާއަށް ތަދުވީތީ ޒައުލް ހައިރާންވި އެވެ. ނޭވާ އިޙްސާސްވާހާ ކައިރިކޮއްލާފައިވާ ޒައުލްގެ މޫނު ޔޫހާގެ މޫނާ ދުރުކޮއްލުމާއިއެކު ޔޫހާ އޭނަގެ އަތްތިލަ ދުރުކޮއްލި ސަބަބެއް އޮޅުން ފިލުވުމަށް ޔޫހާގެ ކަރާދިމާލަށް ބަލާލިއެވެ. ހަމައެވަގުތު ޒައުލްގެ މޫނުމަތީގައިވި މަސްތުކަން ފިލާ ހިނގައްޖެ އެވެ.
"ކޮންއިރަކު މިހެންވީ... އޭރު މާމަ...ޔޫހާ ކީއްވެ ނުބުނީ... ވަރަށް ތަދުވޭ ދޯ... މަޑުކުރައްޗޭ..." ޒައުލް ހާސްވެފައި ތެދުވަން އުޅުނެވެ. އެވަގުތު ޔޫހާ ޒައުލްގެ އަތުގައި ހިފާލިއެވެ.
"އިޓްސް އޯކޭ..." ޔޫހާ މަޑުމަޑުން މިހެން ބުނެލަމުން ޒައުލްގެ އަތްތިލައިގައި ދެއަތުން ހިފާލިއެވެ. އަދި އެއަތުގައި ބޮސްދިނެވެ. ދެންވެސް ޒައުލް ކަންބޮޑުވުމާއިއެކު ތެދުވަން އުޅުނެވެ. އެހިނދު ޒައުލްގެ އަތުގައި ހިފާލައިގެން އިން ޔޫހާ ޒައުލްގެ އަތްގެނެސް މޭގައި ޖައްސާލުމާއިއެކު ޒައުލްގެ ދަތްދޮޅީގައި ހިފާ އޭނަ އާއި ދިމާލަށް އަނބުރާލާފައި އެމޫނުގައި ފިރުމާލީ ވަރަށް ވެސް ލޯބިންނެވެ. ޔޫހާ އާއިވަކިވި ފަހުން އެތަށް އަހަރެއްފާއިތުވެފައިވީ ނަމަވެސް ޒައުލްގެ ހިތުގައި ކަނިވަމުންދިޔަ އިޙްސާސްތަކުގައި ހުޅުފަޅައިގެން ދިޔައީ މިރެއެވެ. ޒައުލްގެ ކަނޑެއްފަދަ ފުންލޮލުގައިވާ ބަލާލުން ބަދަލުވެގެން ދިއުމާއިއެކު ޔޫހާގެ އަތުގެ އިނގިލިތަކާއި އޭނަގެ އަތުގެ އިނގިލިތައް ލާމެހިގެން ހިނގައްޖެއެވެ.

މިރޭ ޒައުލް އާއި ޔޫހާ އަކީ މިދުނިޔޭގައިވެސް ތިބި އެންމެ ނަސީބުވެރި ދެމަފިރިންކަމުގައި ޔޫހާއަށް އިޙްސާސްވެގެންދިޔަ އެވެ. ޒައުލްގެ ކޮންމެ ބީހުލުމަކާއިއެކު ލިބެމުންދިޔަ ބޮސްދިނުންތަކާއި ޔޫހާގެ ހަށިގަނޑުގައި ހިފާ ކައިރިކޮއްލާ ގޮތް ރަމްޒުކޮއްދެއްމުންދިޔައީ ހިނދުކޮޅަކަށްވެސް ޒައުލް ޔޫހާ އާއި ވަކިވާން ބޭނުންނުވާކަމެވެ. އޭނަ ޔޫހާދެކެ ވާލޯތްބެވެ. ޔޫހާއަށްޓަކައި ކިތަންމެ ބޮޑު ހަނގުރާމައަކާއި ވެސް ފަސްޖެހުމެއްނެތި އޭނަ ކުރިމަތިލާނެކަމެވެ. ނަމަވެސް އެހުރިހާ ވާހަކައެއް ދެކެވެމުންދިޔައީ ފާޅުގައި ދެކެވެމުންދިޔަ ވާހަކަތަކަކުން ނޫނެވެ. އެދެމެދަށް ވެރިވެފައިވާ ހިމޭންކަމުގެ ބަސްމޮށުމަކުންނެވެ.

ރޮޒޭން ރޮވިފައިވާ އަޑާއިއެކު ޝާއިންއަށް ހުރިހާ ވާހަކައެއް ކިޔާދިނެވެ. ރޮޒޭނަށް ބުނެވުނު އެއްޗެއްގެ ސަބަބުން ނަތީޖާ ނުކުތްގޮތް ވެސް ޝާއިން އޭނައަށް ކިޔާދިނެވެ. ވަރަށް ދެރަވެފައިހުރެ އެވެ. އެހެންނަމަވެސް އޭނަ ރޮޒޭނަށް ރުޅި އިސްކުރާކަށް ގަސްދެއްނުކުރި އެވެ. އެކަމުގައި ހުދު އޭނަގެ ކުށެއްވެސްވާތީ އާއިއެކު އޭނައަކީ އެއްވެސް އިރެއްގައި ރުޅިގަދަ މީހަކަށް ނުވާތީ އެވެ. އެއްފަހަރުވެސް ޝާއިން ރޮޒޭން ގާތު ޒައުލް އާއި ޔޫހާގެ ކައިވެނީގެ ވާހަކަ އެކަކު ގާތުވެސް ނުދައްކާށޭ ނުބުނެއެވެ. އެހެންވެ ރޮޒޭންއަށް ވެސް ހީވި އީލާކްގެ ފޯނު ކޯލެއް ލިބުމުން އެމީހުންނަށްވެސް އެކަން އެނގޭ ކަމަށެވެ. އީލާކްގެ ގާތު ކައިވެނި ހަފްލާއެއް ކުރިއަށްދާއިރު ގާތް ރަޙުމަތްތެރިންނަށް އަންގާލުމެއްނެތޭ ބުނެ އެވާހަކަ ފެށުނީ ވެސް އެހެންވެއެވެ. ރޮޒޭންއަށް އޮޅުމެއްގެ ތެރޭ ކުރެވުނު ކަމެއްކަމުގައި ވިޔަސް އޭނަ އެތަށް ފަހަރަކު އެކަމަށް މާފަށް އެދުނެވެ.

ކާރުގައި ގެއަށް ދެވެންދެންވެސް އެއްޗެއް ނުބުނެ އިން ލާއިގާ ގޭގެ މައިދޮރުން އެތެރެއަށް ވަދެވުމާއިއެކު ހަރުކޮށް ހިނގާލާފައި ސިޑިން އަރައިގެން އެދިޔަގޮތަށް އޭނަގެ ކޮޓަރިއަށް ވަނެވެ. މަންސޫރު ޑްރައިވަރުގެ ގާތުގައި މިރޭ ދެން ބޭރަށް ނުދާނެކަން އަންގާލުމަށްފަހު ލާއިގާގެ ފަހަތުން ކަހަލަގޮތަކަށް ގޮސް އ ެކޮޓިރަށްވަނެވެ.
"މަންމާ..." އަދިވެސް މަންސޫރުގެ އަޑުގައިވަނީ ހަރުކަށިކަމާއިއެކު ރުޅީގެ އަސަރު އެކުލެވިފަ އެވެ.
"އަހަންނާ މިވަގުތު ވާހަކަ ދައްކަން އުޅޭނެ ކަމެއްނެތް، މިހުރިހާ ކަމަކީވެސް މަންސޫރުގެ ކަންތައް..." ލާއިގާ ރުޅި ގަދަވެފައި ހަޅޭލަވައިގަތެވެ.
"މަންމާ... މަންމައަށް ކަންތައްކުރެވުނީ ވަކި ރަނގަޅަށްތަ، އެއަންހެންކުއްޖާ ޒައުލްގެ އަންބަކަށް މިހާރު ނުވާނެ ގޮތެއް އެއީ ނެތްގޮތެއް، ބޭނުން ނުވިޔަސް ޒައުލްއެވަނީ އެފިޔަވަޅު އަޅާފަ، އެހެނޭ ކިޔާފަ މަންމަ ކަންތައް ތިކުރީ ކިހިނެއް، އެ އަންހެން ކުއްޖާގެ ގަޔަށް ލޮލަށް ބޮލަށް އަރާއިރު އެތަނުގައި އެހެން ބަޔަކު ތިބިކަންވެސް ވިސްނާލިނަމަ، އަނެއްކާ އެއީ އަންހެންކުއްޖެކޭ... އޭނަގެ ހެދުމާ އެއްޗެހި އިރާލާ... ޕިސް ޕިސް... އަޅުގަނޑު ދުވަހަކުވެސް ނުދެކެން މަންމަގެ ފަރާތުން އެފަދަ ކަމެއް، އަޅުގަނޑު ޒާރާނާ އާއި ކައިވެނި ކުރުމަކާ މިކަމަކާ ގުޅުމެއްނެތް... އަބަދު އަބަދު މަންމަ އަޅުގަނޑަށް ހަނދާންކޮށްދެމުންދިޔައީ މިދުނިޔޭގަވެސް އަޅުގަނޑަށް ކުރެވުނު އެންމެ ބޮޑު ކުއްކަމުގައި އެއީ... ޒަރާނާ އާއި ކައިވެނި ކުރުން، ހުރިހާ ކުށަކަށް މާފުދެއްވާ ފަރާތުން މާފުދެއްވާއިރު އަދި އަދަށްވެސް މަންމަގެ ކުރިމަތީ އެކަންވަނީ މާފުނުދެވޭވަރުގެ ކުށަކަށްވެފަ... އެހެންނޫނަސް..." ކުއްލިއަކަށް ދޮރުގައި ޓަކި ޖަހާލުމާއިއެކު އީލާކް ލާއިގާގެ ކޮޓަރި ދޮރު ހުޅުވާފައި އެތެރެއަށްވަނުމުން ވާހަކަދެއްކުން ހުއްޓާލިއެވެ.
"ދަރިފުޅު ކަމެއް ބޭނުންވީތަ؟" މަންސޫރު ވަގުތުން އޭނަގެ އަޑު ބަދަލުކޮއްލަމުން އޯގާތެރިކަމާއިއެކު ކުޑަކޮށް ދޮޮރުހުޅުވާލައިގެން ހުރި އީލާކަށް ބުނެލިއެވެ. އީލާކް އޭނައަށް މިފެންނަނީ ކޮންކަންތައްތަކެއްބާއޭ ހިތަށްއެރިއެވެ. އެއްކޮޅުން އޭނަގެ ލޯބިވާ ދޮންބެ އާއިލާ އާއިވަކިވާން މަސައްކަތްކުރަނީ ކީއްވެކަމެއް ނޭނގެއެވެ. ޔޫހާގެ ފަރާތުން އޭނައަށް ނުރައްކަލެއްނެތްކަން އެނގޭއިރު ވެސް އޭނަ ޔޫހާ އާއި ގަޔައެއް ނުވެއެވެ. އީލާކް އިރުކޮޅަކު ހުރުމަށްފަހު މަޑުމަޑުން ދެފަރާތަށް ބޯހޫރުވާލި އެވެ.
"ކަމެއް ނެތިއްޔާ ދޭ ކޮޓަރިއަށް..." މަންސޫރު އަވަސް އަވަހަށް ބުނެލިއެވެ. އަދި އީލާކް އެކޮޓަރީގެ ދޮރުލައްޕާލުމާއިއެކު އޭނަ ލާއިގާ އާއި ދިމާލަށް އެނބުރުނެވެ.
"އަޅުގަނޑ ުބުނީ ޒަރާނާގެ ނުފޫޒެއް އަޅުގަނޑުގެ ކުދިންނަށް ނުފޯރާނެއޭ، ލޭގެ ގުޅުމަކުން އެކުދިންނާ ޒަރާނާއާއި ގުޅިފައިވިޔަސް އެކުދިން މީހުންނަށް ހެދީ މަންމަ، ޒަރާނާގެ ނުފޫޒު ފޯރާނަމަ އެކަން ފެނުނީހީ ލޫލުއާގެ ފަރާތުން، އެދަރިފުޅަށް ކަންތައްތައް އެނގޭވަރުވެފަ ހުއްޓަ ޒަރާނާ މިގެއިން ދިޔައީ، އެކަމަކު ލޫލުއާ ނޫޅޭ އޭނަގެ މަންމަ ބޭނުން ވެގެންނެއް، އެހެންނޭ ކިޔާފަ އިލާކް... އެމަންޖެއަށް ނުވެސް އެނގޭނެ ޒަރާނާ އެކުއްޖާ ތިމަންމަގެ އަތަށް ދީފައި މިގެއިން ނުކުމެގެންދިޔަކަން ވެސް، އެކަމަކު އެހެންތަ އީލާކް އެއުޅެނީ، އޭނަ ނޫނީ ޒަރާނާގެ ވާހަކަ ބޮޑުވަމުން އައިއިރު އެހި ކުއްޖެއް ނެތް... ކޮންމެ ފަހަރަކު ޒަރާނާގެ ބޮލުގައި ހުރިހާ ކަމެއް އެޅުވުމަކުން ހައްލުވީކީ ނޫން، މަންމަ ނިކަން ވިސްނާލަބަލަ، މިރޭ ތިހިނގި ހާދިސާއިން އަޅުގަނޑުމެންނާ ޒައުލްއާ މިއޮތް ގުޅުން އިތުރަށް ހީނަރުވުން ނޫންކަމެއް ނުވާނެ، އަޅުގަނޑު ބޭނުމެއް ނޫން އެއްވެސް ދަރިއަކު އާއިލާ އާއި ގުޅުން ކަނޑާލާކަށް، އަޅުގަނޑާ ގުޅުން ކެނޑިގެން ދާކަށް...." މަންސޫރު ކުރިންވެސް ވާހަކަ ދެއްކި ރުންކުރުގޮތަށް ވާހަކަ ދައްކަމުންދިޔަ އެވެ. ލާއިގާ ދޭތެރެއަކުން މެދުކަނޑާލަން މަސައްކަތްކުރި ނަމަވެސް އެ ފުރުޞަތެއް މަންސޫރު ލާއިގާއަކަށް ނުދިނެވެ. އޭނަވަނީ ކަންތައްވީ ގޮތުން ވަރަށް ހިތްހަމަ ނުޖެހިފައެވެ. ލާއިގާ އަންހެނަކަށްވެ ހުރެ އެހެންއަންހެނެއްގެ ގަދަރު ކުޑަވާފަދަ ކަމެއް ކުރުމުން އެކަން އޭނަ ބަރުދާސްތުކުރަން ބޭނުންނުވަނީއެވެ. އެއްވެސް އިންސާނަކަށް އަނެއ ްއިންސާނާ ދެރަ ނިކަމެތިކޮއްލުމުގެ ހައްގެއް ނޯވެއެވެ. ކޮންމެ ކަމަކަށްވެސް ހައްދަކާއި މިންގަނޑެއްވާނެ އެވެ. މައިމީހާއެއްކަމަކު އޭނައަށްވެސް ކެތްވާނީ ވަކިވަރަކަށެވެ. މިރޭ ލާއިގާ ހެދީ ގޯހެއްކަން ކޮންމެހެންވެސް އޭނައަށް ވިސްނާދޭން މަންސޫރުބޭނުންވީ އެވެ.

ފެންވަރާލައިގެން ނުކުމެ ތައްޔާރުވަމުންދިޔަ ޔޫހާގެ ހަރަކާތްތައްވަނީ އަވަސްކޮއްލާފަ އެވެ. ސަބަބަކަށްވީ ޒައުލް އޭނަގެ ފަހަތުގައި ހުރެ އަވަސްކުރުމަށް ކިޔާވަރުންނެވެ.
"ޕްލީޒް، ދެން ބުނެބަލަ... ކޮންތާކަށް ދާންތަ މިއުޅެނީ" ޔޫހާ ފަހު ފަހަރަށް އަތުގެ އިނގިލިތަކުން އިސްތަށިގަނޑުގެ ބުޅިކަން ރީތިކޮއްލަމުން ލޯގަނޑުން ފެންނަން ހުރި ޒައުލް ގާތު އެހިއެވެ.
"ދިޔައީމަ ޔޫހާއަށް އެނގޭނެ" ހިނިއައިސްފައިވާ ޒައުލް ޔޫހާގެ ފަހަތުން އުނަގަނޑުގައި ހިފާލުމާއިއެކު ތަޒާކަމާއި އިތުރު ދިރުމެއްވެރިވެފައިވާ ޔޫހާގެ ކޯތާފަތުގައި ބޮސްދިނެވެ.

ކޮމެންޓް 0