"ކިހިނެއް ތިހެދީ... ތަދުވެއްޖެދޯ؟" ހަލުވިކަމާއިއެކު ވެއްޓުނު ފެންފުޅި ނަގަމުން އަފްލީން ވާހަކަ ދެއްކިއެވެ.
"ހޫމް....ފައިތިލަ މަތީ ޖެހުނީ... މިއަދު މިއުޅެނީ ބޮލުގަ ރިއްސާތީ، ހިތަށް އަރާ ޑިއުޓީއަށް ނުގޮސް މަޑުކޮއްލަންވީއޭ..." ޔޫހާ އޭރުވެސް އެއްފައި މައްޗަށް ހުރެ ކޮރަމުންދިޔަ އެވެ.
"ވަރުބަލި ދުވަހަކީތަ؟ މިތާ ގޮނޑީގަ އިށީނދެބަލަ، ފަހުންވެސް ފެން އެޅިދާނެ... ފައިދަމާލަނިކޮށް ރިހުންވެސް ތަންކޮޅެއް ކުޑަވެދާނެކަން ނޭގެ، އަހަރެން ޔޫނީފޯމް ބަދަލުކޮއްލައިގެން މިއަންނަނީ" އަފްލީން ޔޫހާގެ ފަޔަށް ބަލާލަމުން ކާ މޭޒު ކައިރީގައި ހުރި ގޮނޑިއެއް ދުރުކޮއްލީ ޔޫހާ އިށީނުމަށެވެ.

"އަދިވެސް ދެ ހިޔާލެއްގަ މިހުންނަނީ، ދެން ތިނެއްޖަހާކަށް މާގިނައިރެއްނެތް... ގުޅަންޏާ މިހާރު ގުޅަންވީ..." ޔޫހާ މާޔޫސްކަމާއިއެކު ގޮނޑީގައި އިށިންނަމުން ބުނެލިއެވެ. އޭނަގެ ސިކުނޑި ހާސްކުރުވަމުންދިޔައީ މީގެ ހަ އަހަރު ކުރީގެ ހިޔާލުތަކަކުންނެވެ. ޒައުލްގެ ހިޔާލުތަކުންނެވެ. ޒައުލްގެ ހަގީގަތް އޮޅުވާލާފައިވާ މިންވަރު ފުރަތަމަ ފަހަރަށް ޔޫހާއަށް ނަގައިގަނެވުނީ ރޭގެ ޕާކްވިއު ހޮޓެލްގައި އޮތް ހަފްލާއިން ޒައުލް ފެނުމުންނެވެ. ޒައުލްގެ ކެހެވެރިކަން އިޙްސާސް ކުރެވުނީވެސް އަދި ކިރިޔާއެވެ. އެހެންނަމަވެސް އެހިތުގައި ޒައުލްއަށްޓަކައި އުފެދިފައިވާ ޖަޒުބާތުތަކަށް އެއްވެސް އުނިކަމެއްނައެވެ. ރޭގެ ހަފްލާއިން ގެއަށް އައިސް ޒައުލް އާއިމެދު ވިސްނިވަރަކަށް ހިތާ ސިކުނޑި ދެބަސްވިއެވެ. އެހިނދު އެ ދެލޯ ކަރުނުންފުރި ބަންޑުން ވިއެވެ. އަބަދުވެސް ހިތްވަރުގަދަ މީހަކަށް ޔޫހާވާން ބޭނުންވެއެވެ. ހެނދުނު ހެނދުނާ ތެދުވެ އަފްލީން އާއި ޝާއިން ދިއުމުގެ ކުރިން ސައި ހެދުމަށްޓަކައި އޭނަގެ ދެލޯ ފޮހެލަންޖެހުނުވެ. އެހެން ދުވަސް ދުވަހެކޭ އެއްގޮތަށް ޢަމަލުތައް ބެހެއްޓުމަށް ޔޫހާ މަސައްކަތް ކުރަމުންދިޔައެވެ.

އަފްލީން ޔުނީފޯމް ބަދަލުކޮއްލައިގެން ނުކުތްއިރު ވެސް ޔޫހާ ފައިގާ ފިރުމާލަ ފިރުމާލަ އިނެވެ. ކޮންމެވެސް ހިޔާލެއްގެ ތެރެއަށް ގެއްލިފައިވާކަހަލައެވެ.

"ވާހަކައެއް އަހާލަންތަ؟" އަފްލީން ޓައިލްސްތަކުގެ މައްޗަށް އެޅިފައިވާ ފެންތައް ފޮހެމުން އަހާލިއެވެ.
"ބުނެބަލަ..." ޔޫހާ އަފްލީންއަށް ބަލާލަމުން ބުނެލިއެވެ.
"ޔޫހާ ރޭގެ ރަނގަޅަށް ނުނިދަންތަ؟ މޫނުމަތިން ވެސް ވަރުބަލިކަން ފެންނަނީ" އަފްލީން އައިސް އަލަމާރިއަށް ފެންފުޅިތައް ލަމުން އަހާލިއެވެ.
"ހޫމް...ވަރަށް ވަރުބަލިވެފަ ހުރީ، އެކަމަކުވެސް ނިދޭގޮތެއް ނުވި.... ބައެއްފަހަރު އެހެންވާނެ، ކިތަންމެ ވަރުބަލިވެފަ ހުއްޓަސް ނުނިދިގެން އުޅެންޖެހޭ..." ޔޫހާ ހިނިތުންވެލަމުން އެހެން ބުނެލީ އެއީ އެއްވެސް ކަމެއްނޫނޭ ބުނާފަދަ ގޮތަކަށެވެ.
"ޔޫހާ ކަންތައްތަކާ މާފިކުރު ކުރަނީދޯ، ކޮބާތަ ޔާން... އަޑެއްބަޑެއްވެސް ގޭތެރެއިން ނީވެނީ، އަނެއްކާ ނިދާފަދަ" އަފްލީން ކާއެއްޗެހި ތައްޓަކަށް އަޅައިގެން އައިސް ކާމޭޒުކައިރީ އިށީންނަމުން ބުނެލިއެވެ.
"އާން... ކިޔާން ނިދާފަ އޮތީ، އެހެން ނޫންނަމަ ގޭތެރެ މިހާ މައިތިރިކޮށެއް ނޯންނާނެއެއްނު، އެކަމަކު ދެން ނަގަންވެސްވީ، އޭރުން ކާއެއްޗެއްދީގެން ސްކޫލަށް ގެންދެވޭނީ" ޔޫހާ އޭނައަށް ލިބިފައިވާ ހާސްކަމާއި ހިތްދަތިކަން ފަރުދާކޮއްލާފައިވަނީ ވަރަށްވެސް ކުޅަދާނަކަމާއިއެކުއެވެ. މީހަކަށް ހީއެއްވެސް ނުކުރެވޭނެހާ މޮޅަށެވެ.

ހަރަކާތްތައް އަވަސްކޮއްލާފައި ކޮޓަރީގެ އެތަން މިތަން ހޯދަމުން ދިޔަ އީލާކް ހުރީ ވަރަށް ކަންބޮޑުވެފައެވެ. އޭނައަށް އެހީތެރިވުމަށް ތައްޔާރަށް ގޭގައި ގެންގުޅޭ ކުއްޖާ އެނީ ކޮޓަރީގެ މެދެއްހާ ހިސާބުގައި މަޑުކޮއްލައިގެން ހުއްޓެވެ. އީލާކް އެހާ ހާސްވެގެން އެއުޅެނީ އޭނަގެ ހެނދުން ފަރުމާކުރުމަށް ގެންގުޅޭ ފޮތްނުފެނިގެންނެވެ.

"އީއްކޮގެ ބެޑް ކަވަރު ބަދަލުކުރިއިރު ވެސް ކުރަހާފޮތެއް ނެތޭ އެނދުމަތީގަ" އެނީ ހަދާނެގޮތެއްނޭގިފައި ހުރެ ބުނެލިއެވެ.
"އެކަމަކު އަހަރެން މިތާގައޭ ބޭއްވީ، މީހަކު އަތްނުލަންޏާ އޮންނަންވާނެ އެއްނު، ދެންވެސް ތިހެން ނުހުރެ އެފޮތް ފެނޭތޯ ބަލާބަލަ" އީލާކްގެ ހާސްކަން އިތުރުވަމުންދިޔަ ވަރަކަށް ރުޅިވެސް ގަދަވާންފެށިއެވެ. އެވަގުތު ފެންނަންހުރީ އެނީ ކަމުގައިވީތީ ރުޅިގަނޑު އޭނައަށް ބާލަމުންދިޔައެވެ. އެގޮތުގައި އެހެން އުޅޭތާ ގަޑިއެއްހާއިރު ފަހުން އީލާކް ކުރަހަންގެންގުޅޭ ފޮތްފެނުނެވެ. އަލަމާރީގައި އޭނަ އެންމެ ފަހުންދުވަހު ބޭރަށްދާންވެގެން ގެންދިޔަ ދަބަހުގެ ތެރެއަށް އެފޮތް ލީގޮތަށް އޮތެވެ.

އަތުގައި އޮތް ލިސްޓަށް ޒައުލް ބަލަމުންދިޔައީ ވަރަށްވެސް ފަރުވާތެރިކަމާއިއެކުއެވެ. މުވައްޒަފުންގެ ނަންތައް ހިމެނޭ އެލިސްޓުން އޭނައަށް ޔޫހާގެ ނަން ހޯދުމަށް އުނދަގުލެއް ނުވިއެވެ. ޔޫހާގެ ހުރިހާ މަޢުލޫމާތެއް އޭނަވަނީ ހޯދަން ބޭނުންވެފައެވެ. ކީއްވެކަމެއް ނޭގެއެވެ. އޭނަގެ ކައިރިން މާފަށް އެދެން ޒައުލް ބޭނުންވަނީބާއެވެ. ބޮޑު ގޮނޑީގެ ތެރެއަށް ހަށިގަނޑު ދޫކޮއްލަމުން ދަތް ދޮޅިއާއި ދިމާލުގައި އަތް ވިއްދާލީ ފުން ހިޔާލެއްގެ ތެރެއަށް ގެއްލެމުންނެވެ. އިރުކޮޅަކު އެހެން އިނުމަށްފަހު އަނެއްކާވެސް ޒައުލް ފައުޒީއަށް ގުޅިއެވެ.

"ވަދޭ...ވަދޭ..." އަބަދުވެސް ހުޅުވާލެވިފައި ހުންނަ ޒައުލްގެ އޮފީސް ދޮރުން ފައުޒީވަތްތަން ފެނުމުން ޒައުލް ބުނެލިއެވެ.
"މިފަހަރު ފައުޒީ މިގެނައީ މުވަޒައްފުންނާއި ބެހޭގޮތުން ވާހަކައެއް ދައްކާލަންކަމަށް" ފައުޒީ އިށީނުމަށް ކެބިންގެތެރޭ އެއްފަރާތުގައި ހުރި ސޯފާއަށް ޒައުލް އިޝާރާތްކޮއްލަމުން އޭނަ ތެދުވިއެވެ. އަދި ފައުޒީ އާއިއެކު ގޮސް ވަކިންއިން ސޯފާ ގޮނޑީގައި ޒައުލް އިށީނެވެ.
"ކިހިނެއްތޯވީ، މުވައްޒަފުންގެ މައްސަލައެއް ޒައުލްއާއި ހަމައަށް އައީތޯ" ފައުޒީ ސުވާލުން ފުރިގެންވި ގޮތަކަށް ބަލާލިއެވެ. މީގެ ކުރިން ޒައުލް މުވައްޒަފުންގެ ކަންތައްތަކާއިމެދު އެއްވެސް ފާޑެއް ކިޔާފައެއްނު ވެއެވެ. އަދި މުވައްޒަފުން އެނގި ދަސްކުރުމުގެ އެއްވެސް ޝައުގުވެރިކަމެއްވެސް އޭނަގެ ނެތެވެ.
"އަހަރުމެންގެ ހޮޓެލްތައް މިދަނީ އިތުރުވަމުން، އެހެންވީމަ ދެވޭ ހިދުމަތްތައްވެސް އެބަޖެހޭ ރަނގަޅުކުރަން، މިކަމުގެ ބޮޑުބައެއް މިކުޅެނީ މުވައްޒަފުން... ރަނގަޅު މުވައްޒަފުން އަހަރުމެން ބޭނުން، ކިޔަވައިގެންތިބި މަސައްކަތަށް ފަރުވާ ބަހައްޓާ ސްޓާފުންތަކެއް އަހަރެން ބޭނުންވަނީ، ފައުޒީ ކޮއްދޭންވީ ކަމަކީ މަހެއްގެ ތެރޭ ދެ ސަލާމަށްވުރެ ގިނައިން ބުނެފައިވާ މުވައްޒަފުންނާއި، އާމުކޮށް ޑިއުޓީ ބަދަލުކޮށް އަދި ޑިއުޓީއަށް ހާޟިރުވުމުގައި ފަރުވާކުޑަ މުވައްޒަފުންގެ ލިސްޓެއް ތައްޔާރުކޮއްދޭންވީ، އެލިސްޓު މިއަދު އަހަރެން ބޭނުން... އަދި ބުނަން، އަހަރެން މިވިސްނަނީ އެމުވައްޒަފުން ފައިވް ސްޓަރ ހޮޓެލްތަކުގެ މެދުގައި ރޮޓޭޓްކުރަންކަމަށް، މަސައްކަތަށް ފަރުވާ ބަހައްޓާނަމަ ކޮންމެވެސް އެއްތަނެއްގައި ޕާރމަނަންޓު ކުރާގޮތަކަށް، އެހެންނޫނީ އަހަންނަށް ޖެހޭނީ އެސްޓާފަކު ދޫކޮއްލަން... ލިސްޓު ތައްޔާރު ކުރުމުގެ ކުރިން ސާކިއުލަރ އެއްނެރޭތި، މިބުނި ހުރިހާ ކަމެއް މުވައްޒަފުންނަށް އެނގެން ޖެހޭނެ..." ޒައުލް ގޮނޑީގައި ހަމަޖެހިލައިގެން އެއްފައި މައްޗަށް އަނެއްފައި އަރުވާލައިގެން އިނދެ ވާހަކަ ދެއްކިއެވެ. 

"އެކަމަކު ކިހާ މުއްދަތެއްގެ ތެރޭގަ ތޯ ބަލަންވީ، މިބުނީ ލިސްޓުތައްޔާރު ކުރަންވީ ކޮންތާރީހަކުން ފެށިގެންތޯއޭ، އަދި ފަރުވާކުޑަކުރާ މުވައްޒަފުން ދާއިމީ ކުރާނީ ކިހާ މުއްދަތެއްގަކަންވެސް އެނގެން އޮންނަންވާނެއެއް ނޫންތޯ" ފައުޒީ ބުނެލިއެވެ.
"ވޭތުވެދިޔަ އަހަރުގެ ޖެނުއަރީއިން ފެށިގެން މިއަހަރުގެ މިހާތަނަށް ރަނގަޅުވާނެ، އަހަރެން ގަސްދެއް ނުކުރަން އެފަދަ މުވައްޒަފުންނަށް ވަކި މުއްދަތެއް ދޭކަށް، މުއްދަތެއް ދީފިނަމަ ފަހަރެއްގަ އެމީހުން އެދުވަސްކޮޅަށް މޯޓިވޭޓް ވެދާނެ، އެހެންނަމަވެސް އަހަރުމެން ބޭނުންވަނީ ސްޓާފުންގެ ކުޑަދުވަސްކޮޅެއްގެ މޯޓިވޭޝަނެއްނޫން...އެހެންނު... ކީކޭ ފައުޒީ ބުނަނީ، ތީ ހުރިހާ ސްޓާފުންނާއި ހަވާލުވެގެން ހުރި ފަރާތަކީ، އަހަންނަށްވުރެ ބޮޑަށް ސްޓާފުންގެ ކަންތައްތައް ފައުޒީއަށް އެނގޭނެ..." ޒައުލް ފައުޒީއަށް އިޙްތިރާމް ކުރާފަދަ ގޮތަކަށް އަހާލިއެވެ.
"ލައްބަ، ޒައުލްގެ ހިޔާލު ވަރަށް ރަނގަޅު، އެބަ އުޅޭ ވަރަށް ފަރުވާކުޑަ ސްޓާފުންވެސް، ނަސޭހަތްދެވި ރަނގަޅު ނުކުރާ ސްޓާފުން... އެންމެ ބޮޑު މައްސަލައަކީ ގަޑިޖެހުމަށްވުރެ ޑިއުޓީއަށް ނާންނަ މައްސަލަ... ހަތަރެއްޖަހަންވާއިރަށް އަޅުގަނޑު ޒައުލްގެ ޕްރިންޓަރަށް ލިސްޓާއި ސާކިއުލަރ ފޮނުވާލައްވާނަން އިނގޭތޯ" ފައުޒީ އަށް ޒައުލް ދައްކަން ބޭނުންވި ވާހަކަ ނިމުނީކަމުގައި ހީކުރެވި ކެބިންއިން ނުކުތުމަށް ތެދުވެވުނެވެ. 
"އަދި މަޑުކޮއްލަބަލަ... ސާރކިއުލާ ތައްޔާރުކުރާނީ ހުރިހާ ހޮޓެލްތަކަށް ފޮނުވާގޮތަށް، މިބަދަލު ގެންނަން މިއުޅެނީ ހަމައެކަނި މިހޮޓެލަކަށް ނޫން، އަން... މިލިސްޓުގައި އަހަރެން ފާހަގަކޮއްފައިވާ ބައެއް ނަންތައް ހުންނާނެ، އެ މުވައްޒަފުންގެ ވަޒީފާ ރެކޯރޑް އަހަރެން ބޭނުން... ލިސްޓުތައްޔާރު ކުރުމުގެ ކުރިން އެންމެ ފުރަތަމަ ސަކިއުލަރ ނިންމާލާފަ އަހަރެން ސޮއެކުރުމަށް ފޮނުވާލަދީ، އަދި ހުރިހާ ހޮޓެލްތަކަށް ފެކްސްކޮއްލާތި" ޒައުލް ބުނެލިއެވެ.

ސްކޫލްދޮށަށް ކިޔާން ބަލާދިއުމަށް ތައްޔާރުވަމުންދިޔަ ޔޫހާ ކޮޓަރި ދޮރާދިމާލަށް ބަލާލީ މީހަކު ޓަކިޖަހާލަމުން ކޮޓަރި ދޮރުހުޅުވާލީމަ އެވެ.

"ކިޔާން ބަލާ ދާންތަ ތިއުޅެނީ" ޔޫހާގެ ކޮޓަރި ދޮރުހުޅުވާލައިގެން ދޮރުމަތީހުރި ޝާއިން އަހާލިއެވެ.
"އާން...ގޭގަ ހުރި ދުވަހެއްގަ ކިޔާން ބަލާދާންވާނީ އަހަރެންނު" ޔޫހާ ލޯގަނޑުން ޝާއިންއަށް ބަލަންހުރެ ބުނެލިއެވެ. އޭނަގެ ބުޅި އިސްތަށިތައް މައިތިރިކުރުމަށް ބޮލުގައި ކްރީމް ލަމުންދިޔައެވެ.
"އަހަރެން ކިޔާން ގެނެސްދީފާނަން، މިހާރު ފައި ކިހިނެތްތައް" ޝާއިން އަހާލި އެއްޗަކުން ޔޫހާއަށް ނަގައިގަނެވުނެވެ.
"އަފޫ ބުނީދޯ... މިހާރު ތަދެއްނުވެޔޭ، އަހަންނަށް ކިޔާން ބަލާދެވޭނެ" ޔޫހާ އެނބުރިލަމުން ޝާއިން އާއި ކުރިމަތިލިއެވެ.
"ޔޫ އަރ ނޮޓް އޯކޭ... ރޭގަ ކިހިނެތްތައްވީ، މިއަދު ޑިއުޓީއަށް ނައީވެސް އެހެންވެދޯ... އަދިވެސް ޔޫހާ އަހަންނަށް ކަންތައްތައް ސިއްރުކުރަންތައް؟" ޝާއިން ހިތްހަމަނުޖެހުމަށްވުރެ ބޮޑަށްވަނީ ކަންބޮޑުވެފައެވެ.
"ކަމެއްނުވޭ، ޝާއިން ބޭނުމިއްޔާ ކިޔާން ބަލާދިޔަޔަސް އެންމެ ރަނގަޅު، މިހާރު ދިޔައްޔާ ދެންދެވޭނީ... އަންނަންވާއިރަށް އަހަރެން ސައި ހަދާފަ ބަހައްޓާނަން" ޔޫހާ މަޢުލޫ ބަދަލުކުރުމަށް އަވަސްވެގަތެވެ.
"އަދި ދިހަވަރަކަށް މިނެޓުއެބައޮތް، އަދި ދެވޭނެ ސައިކަލުގަ.... އެނގޭ މަޢުލޫ ބަދަލު ކޮށްލަނީކަން، މައްސަލައެއްނެތް، އަހަރެން މި ސުވާލުކުރާނަން ޖަވާބު ލިބެންދެކަށް... މިވަގުތު މިދަނީ ކިޔާން ބަލާދާންވާއިރަށް އެއްޗެހި ބަދަލުކޮއްލަން" ޝާއިން އެކޮޓަރިން ނުކުންނަން ހިނގައިގަތެވެ. ހުދު ޔޫހާއަށްވެސް ޝާއިން އެވަރުން ދޫނުކުރާނެކަން އެނގެއެވެ. ޝާއިން ނުކުމެގެންދިޔަ ދޮރާދިމާލަށް ބަލަހައްޓައިގެން ހުއްޓުން އަރާފައި ހުއްޓެވެ. ޝާއިންފަދަ މާތް އިންސާނަކު ޔޫހާ ދުނިޔެމަތިންނެއް އަދިއެއް ނުދެކެއެވެ. މާލޭގައި ގެއެއް ހުއްޓެއްކަމަކު އުމުރުން ޅައުމުރުގައި ޝާއިންގެ މައިންބަފައިން މިދުނިޔެއާއި ވަކިވެފައިވަނީ ސުނާމީގައެވެ. އޭރުއްސުރެ އޭނަގެ ހުރި ހަމައެކަނި ކޮއްކޮ އަފްލީންގެ މަސްޢޫލިއްޔަތުގައި ހިފީ ކެރިހުރެއެވެ. އަފްލީންއަށް ކުރިމަތިވެދާނެ ކޮންމެ ހުރައެއް ނެތިކޮއްލުމަށް އޭނަގެ އަތުކުރިވަނީ އޮޅާލެވިފައެވެ. ތިން އަހަރުވަންދެން އެކުގައިއުޅުނު ލޯބިވެރިޔާ ވަކިވެގެންދިޔައީ ކައިވެންޏަށް ތައްޔާރުވެފައިވަނިކޮށެވެ. ޖެހުނީ ހަމައެންމެ މައްސަލައެކެވެ. ކިޔުނީ ހަމަ އެންމެ މީހެއްގެނަމެވެ. އެއީ ޔޫހާގެ ނަމަވެ.

ކޮމެންޓް 0