ޝާއިންއަށް ޔޫހާ ފެނުނުތާ ތިން އަހަރު ވިއެއްކަމަކު އެދެމެދުގައި އެކުވެރިކަން އުފެދުނުތާ އަދި މިވަނީ އެންމެ ދެ އަހަރު ދުވަހެވެ. ޝާއިންގެ ބައްޕަ ފަރާތު ބޮޑުދައިތައަކީ ޔޫހާގެ ރަށަށް ނިސްބަތްވާ މީހަކަށްވާތީ ކޮންމެ އަހަރެއްގެ ބޮޑު ޗުއްޓީއަކީ އާއިލާ އާއިއެކުގައި ނޫނީ ޝާއިން އާއިއޭނަގެ ރަޙުމަތްތެރިންނާއިއެކު އެރަށަށް ދާދުވަސްކޮޅެކެވެ. އޭނަ ޔޫހާއަށް ރަޙުމަތްތެރިކަމެއްގެ އަތްދިއްކޮއްލީ ދުވަހަކުވެސް އެގުޅުން ކަނޑައިގެން ނުދާނެކަމުގައި ވަޢުދުވަމުންނެވެ. އަދި ރަނގަޅުއެކުވެރިއަކަށް ވުމަށް އަމިއްލަ ނަފްސަށްވެސް ވައުދުވަމުންނެވެ.

ޝާއިން އާއި ނާޒް ރައްޓެހިވެގެން އުޅޭތާ ދެ އަހަރުވީއިރު ކައިވެންޏާއި ހަމައަށް އެގުޅުން ގެންދަން ޝާއިންވަނީ ނުހަނު ބޭނުންވެފަ އެވެ. އެހެންނަމަވެސް ނާޒް ކައިވެންޏަކަށް ތައްޔާރެއް ނޫނެވެ. އޭނަގެ ވަޒީފާގެ ގޮތުންވެސް މެއެވެ. އޭނައަކީ ގަތަރު އެއަލައިންސްގެ ކެބިން ކުރޫއެކެވެ. މިނިވަންކަމާއިއެކު އުދުހޭ ދޫންޏެކެވެ. ޝާއިން އާއި ބައްދަލުވަނީ މަދުފަހަރަކު ކަމުގައިވިޔަސް އެގުޅުން ގިނަ ދުވަހަށް ދެމިގެންދިޔައީ ޝާއިން ނާޒްދެކެ ވާލޯތްބެއްގެ ބޮޑުކަމުންނެވެ. ޔޫހާ ޝާއިންމެންގެއަށް ބަދަލުވުމާއި ގުޅިގެން ނާޒް ޝައްކުކުރަންފެށީ އެވެ. އެގެއަށް އަންނަފަހަރު ތަކުގައިވެސް ޔޫހާ އާއި ދިމާލަށް އެއްޗެއް ނުބުނާ ފަހަރެއް ނުދެއެވެ. މިފަދަ ކަންތައްތައް ހުއްޓުވުމަށް ޝާއިން އެއްޗެއް ބުނެފިނަމަ އެއީ ޝާއިން ނާޒްދެކެ ލޯބި ނުވާކަމުގެ ހެއްކެއްގެ ގޮތުގައި ނާޒް ދައްކަންފެށި އެވެ. އަދި ހަމަޖެހި ނިމެމުން އައިކައިވެނި ކުރާނީވެސް ޔޫހާ އެގެއިން ނެރުނު ދުވަހަކުން ކަމުގައި ބުންޏެވެ. އެގޮތަށް އެކަން ކުރާކަށް ޝާއިން ބޭނުމެއްނުވެ އެވެ. އަނެއްކޮޅުން ޔޫހާއަށް ޝާއިންގެ ގާތުގައި އުޅުން ނޫން ގޮތެއް ނެތެވެ. މާލޭގައި ކުއްޔަށް އުޅޭނެހާ ފެންވަރެއް އޭނަގެ ނެތެވެ. ޝާއިން އާއި ނާޒް އާއި ދެމެދު މިހާރު އެއްވެސް ގުޅުމެއް ނެތްކަމުގައި ވިޔަސް އަދިވެސް އެހިތުގައި ނާޒްއަށްޓަކައި ލޯބިވާކަން ޔޫހާއަށް އެނގެއެވެ. ޔޫހާ އާއި ޝާއިންއަކީ ލޯބީގައި ނާކާމިޔާބުވެފައިވާ ދެމީހުންނެވެ. އެހެންނަމަވެސް އެކަކުއަނެކަކަށް ދެމީހުންގެ ހާލުވެސް އިޙްސާސްކުރެވެއެވެ.

"މަންމީ..." ގޭތެރެއަށްވަތް ކިޔާންގެ އަޑުމުޅި ގޭތެރެ ހޭލައްވާލި ކަހަލައެވެ.
"ކޮބާތަ މަންމަ ދަރިފުޅު..." ސައި ތައްޔާރުކުރަން ހުރި ޔޫހާއަށް ކިޔާންގެ އަޑުއިވުމާއިއެކު ތަންކޮޅެއް ބާރަށް ބުނެލިއެވެ. ސިޓިންރޫމުން ވަދެގެން ދުވެފައި އަންނަ ކިޔާންއަށް އަޑު އިވޭވަރަށެވެ.
"ބަލާ..." ކިޔާން ދުވެފައި އައިސް އޭނަގެ ޔޫހާގެ ފައިގައި ބައްދާލަމުން އަތުގައި އޮތް އޭފޯ ސައިޒުގެ ގަނޑު ދައްކާލިއެވެ.
"ޝާއިން، އިށީނދޭ ސައިބޯން" ޔޫހާ ޝާއިންއަށް ބަލާލަމުން ބުނެލިއެވެ.
"މިއަދު ކިޔާން ސްކޫލްގަ މައި ހައުސް ގަ އުޅޭ ހުރިހާ ކުދިން ކުރަހާފައޭ އެދައްކަނީ" ޝާއިން މޭޒުކައިރީ އިށިންނަމުން ބުނެލިއެވެ.
"އެހެންތަ، އަވަހަށް ގެނޭ މަންމަ ބަލާލާނަން... އައްދޭ މީ ހާދަ ކުޑަކުޑަ ހައުސްއެކޭ ދޯ... މީ ކޮން ކުދިންނެއްތަ، ހާދަ ބޮޑުބޮޑު ކުއްޖެއް... މީ ޝައިން ބޭބެދޯ" ޔޫހާ ކާމޭޒުކައިރީ ހުރިތަނުން ގޮނޑިއެއްގައި އިށީނދެ ކިޔާން ނަގާ އުނގުގައި ބައިންދާލިއެވެ. އަދި ކިޔާންގެ އަތުގައި އޮތް ގަނޑުގައި ކުރަހާފައިވާ ކުރެހުންތަކަށް ސަމާލުކަން ދިނެވެ.
"ޔެސް، އެއީ ޝާއިންބޭބެ، މީ މަންމި، މީ އަފޫ..." ކިޔާން ޔޫހާއަށް ކުރެހުމުގައިވާ އެއްޗެއް ކިޔާދޭން ފެށިއެވެ.
"މަންމި ބުނަމެއްނު އަފޫ ނުކިޔާށޭ، އެއީ ކިޔާންގެ އަފޫ ދައްތައެއްނު، އަބަދުވެސް ހަނދާންކުރައްޗޭ، އަފޫދައްތަ ކިޔާނީ އެނގޭ... އަވަހަށް ހިނގާ ޔުނީފޯމް ބަދަލުކޮއްލައިގެން ސައިބޯން އަންނަން، އޭރުން މައިލޯތަށިވެސް ހުންނަނީ ހިހޫވެފަ" ޔޫހާ ކިޔާން އޭނަގެ އުނގުން ބޭލުވިއެވެ.
"އަވަހަށް އަންނައްޗޭ، އެހެންނޫނީ ޝައިންބޭބެ މައިލޯތަށި ބޯލާނަން" ޝާއިން ސަމާސާކޮއްލިއެވެ. އެއާއިއެކު ކިޔާން ޔޫހާގެ ކުރިއަށް ދުއްވައިގަތީ އަވަހަށް ކޮޓަރިއަށްވަދެ ޔުނީފޯމް ބަދަލު ކުރުމަށެވެ. ޝާއިން ޔޫހާ އެނބުރި އަންނަންވާއިރަށް ކިޔާންގެ ކުރެހުން އައިސްއަލަމާރި ދޮރުފަތުގައި ހުރި ދަގައްފާނުގެ އެހީގައި ހަރުކޮއްލިއެވެ. ކުޑަކުޑަ ކިޔާންގެ ހަރަކާތްތަކުންވެސް ޝާއިންގެ ހިތަށް ހަމަޖެހުން ލިއްބައިދެއެވެ. ބައެއްފަހަރު ޔޫހާ އާއި ކިޔާންއަކީވެސް އަފްލީން ފަދައިން އޭނަގެ އާއިލާކަމުގައި ހީކުރެވެއެވެ.
"އެނގޭތަ، މިއަދު އޮފީހަށް ބޮޑު ސާކިއުލަރ އެއްލިބިއްޖެ..." ޝާއިން ޔޫހާ އައިސް ކާމޭޒުކައިރީ އިށީނުމުން ބުންޏެވެ.
"ކީކޭ އޮތީ؟ މުސާރަ ބޮޑުކުރަނީތަ... ހެ ހެ ހެ" ޔޫހާ ސަމާސާ ރާގަކަށް ބުނެލިއެވެ. އޭނަ ކިޔާންއަށް ސައިދޭން މަސައްކަތްކުރިއެވެ. އަދި ޝާއިން އޮފީހަށް ލިބުނު ސާކިއުލަރގައި އޮތް އެއްޗެއް ޔޫހާއަށް ކިޔާދެމުން ދިޔައެވެ.
"އަހަރެންގެ ދެއަތްވެސް ބަންދުވާން ކަންނޭގެ މިއުޅެނީ... ކުރީގަހެން އެހާ ފަސޭހައިން ޔޫހާއަށް ދޫދޭކަށް ދެންނުކުރޭނެ... މިމަހު އިތުރު ސަލާމެއް ނުބުނެވޭތޯ ބަލައްޗޭ... އަހަރެން ބޭނުމެއްނޫން ޔޫހާ އެހެން ހޮޓެލްއަކަށް ދާކަށް، މާދަން ލިސްޓުތައް ފޮނުވަންޖެހޭ، އަދި ކޮންމެވެސް މުވައްޒަފުންތަކެއްގެ ލިސްޓުގައި ޔޫހާގެ ނަންވެސް އޮތް، އަހަރުމެންގެ ހޮޓަލުގެ ސްޓާފަކަށް ޔޫހާއެކަނި އެލިސްޓުގައި އިނީ، ޔޫހާގެ ވަޒީފާ ރެކޯރޑްސް ފޮނުވަން ބުނެފައޮތީ..." ޝާއިން ޔޫހާއަށް ބަލަންއިނދެ ވާހަކަ ދެއްކިއެވެ.
"އެހެންތަ؟" ޔޫހާ ފުންވިސްނުމަށް ދިއުމަށް ޝާއިންގެ ވާހަކަތައް މަޖުބޫރުކުރުވިއެވެ. ދުވަހަކުވެސް ޒައުލް ފެނިދާނެ ކަމަކަށް ޔޫހާ ހިއެއް ނުކުރެއެވެ. ނަމަވެސް ޕާކްވިއު ހޮޓަލުގެތެރެއިން ފެނުނު ޒުވާނާއަށް ލިބިފައިވަނީ ޒައުލްގެ ސޫރަކަމާއިމެދު އެއްވެސް ޝައްކެއްނެތެވެ. ޔޫހާގެ ޒައުލް އަކީ އެހާބޮޑު މުއްސަންޖެއްނޫނެވެ. ބޮޑު އޮޅުވާލުމެއްގެ ތެރޭގައި ޔޫހާގެ ދިރިއުޅުން އެފުށްމިފުށަށްޖެހިގެން ދިޔައީ ޒައުލްގެ ސަބަބުންނެވެ. މިއަދު އޭނަ އެއުޅެނީ ޔޫހާ ވަޒީފާއިން ވަކިކުރަންބާއޭ ޔޫހާގެ ހިތަށްއެރިއެވެ. އެހެންވެއްޖެނަމަ އޭނައަށް އާމްދަނީއެއްލިބެން އޮތް މަގު ބަންދުވީއެވެ. ދަރިފުޅަށް ބޭނުންވާ ހުރިހާ ކަމެއް ހުއްޓުމަކަށް އައީއެވެ. ޒައުލް އެހެން ހަދާފާނެބާއެވެ. އޭނަ ޔޫހާ ނިކަމެތިކޮއްލަން ބޭނުންވަނީބާއެވެ. ޔޫހާގެ ނިތްކުރިން ސިކުނޑީގެ އުދާސްކަން ބޭރުވާންފެށިއެވެ. ކުދި ފެންތިކިތަކެއްހެން ނިތްކުރިމަތި ވިދަންފެށިއެވެ.

"އޭ... ހާސްނުވެބަލަ، އޮފީހުން ކަނޑާލާން އުޅެނީއޭތަ ތިހީކުރަނީ... ނުވާނެ އެކަމެއް، އަހަރެން މިހިރީނު" ޝާއިން ފުއްޓެއްކެތް ޖަހާލަމުން ޔޫހާގެ ސަމާލުކަން ހޯދާލިއެވެ.

"ރަނގަޅު ދޯ ޑިޒައިންތައް، އަހަރެން ސިންގަޕޫރުގައި ހުރިއިރު އެތަނުން ވަރަށް ސަޅި ފެބްރިކް ޕެޓަރންތަކެއް ދެކުނިން، މިހެނދުމާ ވަރަށް ގުޅޭނެ، އިޓްސް މައި ބިގަސްޓް ޑްރީމް، މިކަލެކްޝަން ފަބްލިކަށް ނެރެވުނީމަ" އީލާކް އޭނަގެ ރަޙުމަތްތެރިންނާއިއެކު މެރީ ބްރައުންގައި ތިބެ އޭނަގެ ޑިޒައިންތައް ދައްކަމުންދިޔައެވެ.
"މަވެސް ޑިޒައިންތައް ހުންނާނެ ތައްޔާރުކޮއްފަ" ނަހުލާ ބުނެލިއެވެ.
"ކިޔަވަން އުޅުންއިރު މިރޯޒް ހީވީ ދެންމެ ދެންމެ ޝޯއެއް ބާއްވަން އުޅުނުހެން، އެކަމަކު މިހާރު އަޅާވެސް ނުލާ... ކިހިނެއްތަވީ، އިންޓަރެސްޓް ގެއްލުނީ..." އީލާކް ކައިރީގައި އިން ރޮޒޭންއަށް ބުނެލިއެވެ.
"ނޭގެ ދެންހަމަ ފޫހިވީ، އީކް.... ޔޫގެ ޑިޒައިންތައް ހަމަ އެއްވަނަ އިނގޭ، ހަމަގައިމުވެސް ތިތަނުން އަހަރެން ލާންބޭނުންވާ ކިތަންމެ ހެދުމެއްގެ ޑިޒައިން އެބަހުރި..." ރޮޒޭން ބުނެލިއެވެ.
"ސީރިއަސްކޮއްތަ؟" އީލާކް އުފާވެފައި އަހާލެވުނެވެ.
"ހޫމް، ސީރިއަސްކޮށް" ރޮޒޭން އީލާކްގެ ކުރެހުންތައް ބަލަމުން ބުނެލިއެވެ.
"އެހެންވީރު އީކްގެ ހެދުންތައް ލައިގެން ރަންވޭގައި ހިނގާނެ މޮޑެލްއެއްވެސް ލިބުނީތާ" އަގައިން ނުބުނެ ރޮޒޭން އާއިއެކު އީލާކްގެ ކުރެހުންތައްބަލަމުންދިޔަ ޝުދުފާބުނެލިއެވެ.
"އޯ.އެމް.ޖީ...ޝުދޫ، ޔޫ އަރ ދި ބެސްޓް، ވަރަށް ރަނގަޅު ހިޔާލެއްތީ..." އީލާކް ހޭންފެށިއެވެ.
"ނޯ، ނޯ، ނޯ...ނޯވޭ، އަހަރެން އިސްތިހާރު ބޯޑަކަށްވާކަށް ބޭނުމެއްނޫން" ރޮޒޭން ޝުދުފާގެ އަތުގައި ޖަހާލިއެވެ. އެކުވެރިންގެ ފަރާތުން ލިބުނު އެދެވޭ ތަރުހީބުގެ ސަބަބުން އިތުރުހިތްވަރެއް އީލާކްއަށް ލިބިގެންދިޔައެވެ.
"ނަހޫގެ ޑިޒައިންތައް ދައްކާލަން ކޮންދުވަހަކުންތަ ގެނެސްދޭނީ" ޝުދުފާ ނަހުލާއަށް ބަލާލަމުން ބުނެލިއެވެ. 

އެހެންނަމަވެސް ނައުލާގެ ޖަވާބަކަށްވީ މީގެ ކުރިންވެސް ބުނަމުންއައި ޖުމްލައެވެ. "ފަހުންނެވެ." މިއީ އަބަދުވެސް ނަހުލާ ބުނާގޮތެވެ. ބައެއްފަހަރު އޭނަ އީލާކްމެންނަށް އިތުބާރު ނުކުރަނިއްޏޭވެސް ހީވެއެވެ. ނޫނީ އެހެންމީހުންނަށް ކަންތައްތައް ހިއްސާކުރުމުގައި ފަސްޖެހޭ އަންހެން ކުއްޖަކީ ކަންނޭގެއެވެ.

އީލާކް އޭނަގެ މާމަ ލާއިގާގެ ހުއްދައާއިއެކު އޭނަގެ މަސައްކަތް ރަނގަޅު ދުވަހަކުފަށަން ހަމަޖައްސާފައިވާ ވާހަކަވެސް އިއުލާންކުރިއެވެ. އަދި އޭނަގެ ދޮންބެ ޒައުލްވަނީ އޭނަގެ ޝޯތަށް ސްޕޮންސަ ކޮއްދޭނަންކަމުގައިވެސް ބުނެފައެވެ. ފައިސާގެ ބަޖެޓެއް ވެސް ކަނޑައެޅިފައިވާ ވާހަކަވެސް ބުންޏެވެ. އީލާކްއަކީ ކަންތައްތައް ފޮރުވައިގެން ހުންނަން އާދެވެފައިވާ އަންހެން ކުއްޖެއް ނޫނެވެ. ގިނަފަހަރަށް ހިތަށްއަރާއިރު ދުލުންވެސް އޮންނާނީ ބޭރުވެފައެވެ. އޭނަގެ އެކުވެރިންގެ އެހީއަށް އީލާކް އެދުނެވެ. އެމީހުންތިބީ ވެވެންއޮތް އެހީއެއްވެއްޖެޔާ ކޮއްދޭގޮތަކަށެވެ.

ރޭގަނޑުގެ ނިދިން މަހުރޫމްވެފައި ޔޫހާ އޮތެވެ. އޭނައަށް ޒައުލްނޫން މީހެއްގެ މަތިން ހަނދާނެއް ނުކުރެވެއެވެ. ރިޕީޓަށް ލެވިފައިވާ ޓޭޕެއްހެން ލޯކުރިމަތީ ޒައުލް ހުރިގޮތް ފެންނަމުން ދާކަހަލައެވެ. ކަންފަތަށް އެގޮވާލި ގޮވާލުން އަޑު އިވޭކަހަލައެވެ. އެއާއިއެކު ހިތަށް ލިބެމުންދިޔަ ވޭން އެދެލޯ ރޮއްވާލިއެވެ. ކައިރީގައި އޮތް ބާލީހުގެ ތެރޭ މޫނު ފޮރުވާލަމުން ބާރަށް ބައްދާލިއެވެ. ހަނދާނަށް ގެންނަން ބޭނުންނުވާ އެތަށް އެތަށް ހިޔާލުތަކެއް އެ ސިކުނޑި އާކޮއްދެމުންދިޔަ އެވެ. ހީވާކަހަލައެވެ. އެސިކުނޑި ބޭނުންވަނީ ޔޫހާ ރޮއްވާލާ ހިތުގައި ޖެއްސަންކަންނޭގެ އެވެ. ހިތަކީ ކިހާ ބަލިކަށި އެއްޗެއްކަން އަންގާދޭން ބޭނުންވަނީ ކަންނޭގެއެވެ. ޒައުލް އާއި ޔޫހާ ގުޅިފައިވަނީ ވަރަށްވެސް ބޮޑަށެވެ. އެގުޅުން ޔޫހާ އަމިއްލައަށްވެސް ކަނޑާނުލެވޭނެއެވެ. ހިތްވަރުގަދަ ޔޫހާ މިވަގުތު ހީވަނީ ވެއްޓިތެޅިފައިވާ ބިއްލޫރީގެ ބުއްދެއްހެންނެވެ. ގިސްލުމާއިއެކު ދެލޮލުން ހޯސްލާފައި ކަރުނަތައް ފައިބަމުންދެއެވެ. އޭނަގެ ހިތާމައަށް ނިމުމެއްނެތެވެ. ޒައުލް އާއި އެއްވެސް ޝަކުވާއެއް ނުކުރިކަމުގައިވިޔަސް އަމިއްލަ ހިތާ ނަފްސާ ޝަކުވާ ނުކުރާ އެންމެ ރެއެއްވެސް ނުދެއެވެ. ޔޫހާގެ ކުށަކީ ކޮބާކަން އަދިވެސް ނޭގެއެވެ. ލޯބިނުވާކަން އެނގެންވީ ދެމެދުގައި ނުފިލާވަރުގެ ލައްގަނޑެއް ޖެހުނީމަހެއްޔެވެ. ބަގީޗާގައި ފަރިވެފޮޅެލާފައި އިނީ އެމާބޭނުންވެގެން ބިނދެލާނެކަމުގެ އުއްމީދުގައެވެ. އެހެންނަމަވެސް އެމާ ބިނދެލައިގެން ދިޔައީ އެމަލުގެ ރީތިކަމުންނެވެ. އެހެންއެއްވެސް ޝައުގުވެރިކަމެއް ހުރެގެންނެއް ނޫނެވެ. އެކަން އިޙްސާސްވާ ކޮންމެވަގުތަކު ޔޫހާގެ ހިތް ސިކުންތުކޮޅަކަށްވިޔަސް ހުއްޓޭހެން ހީވެއެވެ. ތަގްދީރުގައި ލިޔެވިފައިވަނީ މިގޮތަށްހެއްޔެވެ. ލޯބީގެ ކަރުނައިގައި ފޮނިކަމެއްނުވެ ފެނަށްވެ ނިމުންހެއްޔެވެ.

އެއްފަރާތަށް އޮވެއޮވެ ވަރުބަލިވެގެން ޒައުލް އަނެއްފަރާތަށް އެނބުރިލިއެވެ. އެއްގޮތަކަށްވެސް ނިދޭގޮތެއްނުވެއެވެ. ސިކުނޑީގެ ހައިޖާނު އޭނަ ނިދިޏަދޭކަށް ބޭނުމެއްނުވެއެވެ.

ކޮމެންޓް 0