ޒައުލް އޭނަގެ ކެބިންނަށް ވަދެގެންދިޔަ ގޮތް ފައިލްތަކެއް ހިފައިގެން އެހެން ސްޓާފަކާ ވާހަކަ ދައްކަންހުރި ޝާއިންއަށް ފެނުނެވެ. އެއާއިއެކު ޝާއިން އަވަސް އަވަހަށް އަތުގައި ހުރި ފައިލްތައް ކައިރީގައި ހުރި ސްޓާފުގެ އަތަށް ދީފައި ޒައުލްގެ ކެބިންއަށް އައިސްވަދެއްޖެ އެވެ.
"ޒައުލް، އެހާކުއްލި ގޮތަކަށް ކައިވެނިކުރާ ފޯމެއް ބޭނުންވީ ކީއްވެގެންތޯ އަހާލެވިދާނެތަ..." ގާޑަންވިއުގެ ގޯތިތެރެ ފެންނަ ގޮތަށް ހަރުކޮށްފައިވާ ބިއްލޫރި ކުޑަދޮރުގައި އަތްވިތްދާލައިގެން ހުރި ޒައުލްއަށް ޝާއިން ބުނެލި އެވެ. ޝާއިން އެހެން އެހިއިރު އޭނައަށްވެސް ޒައުލް ހިތްހަމަނުޖެހިފަހުރި ވަރު ފެނުނެވެ. ފުރަގަސްދީގެން ހުއްޓެއްކަމަކު ޝާއިންއަށް ބިއްލޫރިގަނޑުން ޒައުލްގެ މޫނުފެނެ އެވެ. އެ މޫނުމަތީގައިވީ ރުޅިވެރިކަމެވެ.
"އަހަރެން ޔޫހާ އާއި ކައިވެނިކުރަން މިއުޅެނީ، ވީ އެންމެ އަވަހަކާ، ދެން އިތުރަށް އެންމެ ދުވަހެއްވެސް މަޑެއް ނުކުރާނަން" ޒައުލް ބުނެލި އެވެ. ޝާއިންއަށް ކޮންމެވެސް ކަމެއް ގޯސްވެއްޖެކަން އެނގުނީ ދެނެވެ. އިތުރަށް ޒައުލް އާއި ސުވާލުކުރި އެވެ. އަމިއްލަ ދިރިއުޅުމުގެ ކަންތައްތައް އެހެން މީހުންނާ ޚިއްޞާ ކުރުމަކީ ޒައުލްއަށް އެހާ ފަސޭހަކަމެއް ނޫނެވެ. އެހެންނަމަވެސް ޔޫހާ އާއި ޝާއިންގެ ގުޅުންވެސް އޭނައަށް ރަނގަޅަށް އެނގެއެވެ. އެހެންވެ ޝާއިންއަށް ކަންތައްތައްވެގެން އުޅޭގޮތް ކިޔާދިނެވެ.
"ޒައުލްގެ ތިނިންމުން ވަރަށް ރަނގަޅު، އަދި ތިނިންމުން ބަދަލު ނުކުރާހާ ހިނދަކު އަހަރެން މިހިރީ ޒައުލްއަށް އެހީވެދެން، އަހަންނަށް އެނގޭ ޔޫހާ ޒައުލްގެ ނިންމުމަކާ ދެކޮޅެއް ނުވާނެކަން، ފަހަރެއްގަ ކައިވެނިކުރީމަވެސް ހުރިހާ ކަމެއް ހައްލު ވެދާނެކަންނޭގެ، އޭރުން އާއިލާއަށް ވެސް ޖެހޭނީ އެކަން ގަބޫލުކުރަން، އެކަމަކު ބުނަން، ޒައުލް ތިވަރުން އުޅެފަ ޔޫހާ ދޫކޮށް ނުލައްޗޭ" ޝާއިން ޒައުލްގެ ގާތުގައި ހުއްޓިލަމުން ބުނެލި އެވެ.
"އަހަރެން ޔޫހާ އާއި ގުޅެން މިއުޅެނީ އޭނަ ދުވަހަކުވެސް ދޫކޮއްލާކަށް ނޫން، އަހަރެންގެ އުމުރުގަވެސް އަދި މިވަރުގެ ޔަގީން ކަމާއިއެކު ނިންމުމެއް ނުނިންމަން، އަހަރެން މިހިރީ ކޮންމެ ހާލެއްގަވެސް ޔޫހާ އާއި ގުޅެން" ޒައުލް އޭނަގެ ދެޖީބަށް އަތްޖަހާލަމުން ޝާއިން އާއި ދިމާލަށް އެނބުރުނެވެ. އޭރު އޭނަގެ މޫނުމަތިން ކުރިން ފެނުނު ހިތްހަމަނުޖެހުމާ ރުޅިވެރިކަމުގެ އިތުރުން އޭނަގެ ބަހުގެ ޔަގީންކަން ހާމަކޮއްދޭ ކަހަލައެވެ.

އައްޔަދު އޮފީހަށް ވަނުމާއިއެކު ފައުޒީ އޭނަގެ ހިޔަނިހެން އައިސް ވިއްދައިފި އެވެ. އެކިއެކި ވާހަކަތަކުން އޭނަގެ ހިޔާލާ ކުޅެންފެށީ އެއީ އޭނައަށް ކޮންމެހެންވެސް ކުރަންޖެހޭ ކަމެއްހެންނެވެ.
"އަހަރެން ނުބުނަންތަ ޒައުލްގެ އަސްލު ސިފަ ފެންނާނީ އޭނައަށް އައްޔަދު ޔޫހާ އާއިއެކު ހުއްޓާ ފެނުމުންނޭ، ނިކަން އޭނަގެ ކުރިމަތީގަ ޔޫހާ ގެނެސް ތިގެއަށް ވައްދަބަލަ... އޭނަ ހީކުރަނީ ޔޫހާއަކީ ހަމައެކަނި އޭނަގެ މީހެއް ކަމަށް، އޭ... ކަލޭވެސް މިހާރު އެ ޔޫހާއަށް ހިތްކިޔަންފެށީ ދޯ... އެކަމަކު ބުނަން، އެއީ މީހަކު ކައިރިވާވަރުގެ އަންހެނެއް ނޫން، ފައިސާ އޮތިއްޔާ ސެޓުވާނެ، މިހާރު ދެން ތިގެއަށް ގެންދިޔައީމަ އޭނައަށް އެނގިފައެއްނު އޮންނާނީ އައްޔަދުއަކީ ވެސް ފައިސާ ހުރި މީހެއްކަން، މިހެން ކިޔާތާވެސް މިހާރު ކިހާ ދުވަހެއްވެއްޖެ... އައްޔަދުގެ ފިނޑިކަމާހުރެ ކަމެއްކުރާކަށް ނުކެރޭވިއްޔަ" ފައުޒީ އައްޔަދުގެ ކޮނޑުގައި އަތްޖަހާލި އެވެ.
"އަހަންނަށް އަދިވެސް ޔޫހާގެ ފަރާތުން ތިބުނާފަދަ ވިޔާނުދާ އެއްވެސް ކަމެއް ނުފެނޭ، އަހަރެން މާ ކައިރިވާން އުޅުނަސް އޭނަ ހުންނާނީ އެކަމާ ހިތްހަމަނުޖެހިފަ... ވެދާނެއެއްނު ޒައުލް އާއި ޔޫހާ އުޅެނީ ހަމަ ސީރިއަސްކޮއް ރައްޓެހިވެގެން ކަމަށް" އައްޔަދު ފައުޒީގެ ވާހަކަތައް ގަބޫލުކުރަން ދަތިވާކަން ހާމަކުރިއެވެ.
"އަދިވެސް އައްޔަދު ތިވިސްނަނީ އެދެމީހުންނަށް ރަނގަޅު ގޮތަށް ދޯ" ފައުޒީ ބުނެލިއެވެ.
"އަހަންނަށް ޔޫހާއަށްވުރެ މުހިއްމީ ޒައުލް... ޔޫހާ އޭނަ ފެނުނީމަ އުޅުނު ގޮތްވެސް އަހަންނަށް މިހިރީ ފެނިފަ، ބައެއް ފަހަރުހީވޭ އޭނަ ޔޫހާއަށް މަޖުބޫރުކުރުވަނީއޭ، އޭނަގެ އެހުންނަ ބޮޑުގޮތްގަނޑު ކަނޑުވާލަން އަހަރެން ބޭނުންވަނީ، މީހަކަށް ބަލާލިޔަސް ހީވަނީ އޭނަވަރުގެ މީހަކުނެތްހެން" އައްޔަދު ހިޔާލުތަކަކަށް ގެއްލިފައި އިނދެ ބުނެލިއެވެ. ފައުޒީ އައްޔަދުގެ ވާހަކައަށް ހީނލަ ހީނލާއިނެވެ.

މަރާމާތަށް ބަންދުކުރި ހޮޓާ ހުޅުވުމުގެ ރަސްމިއްޔާތާ ގުޅިގެން އާފާގު ބޯޑް މީޓިންގައި ވާހަކަ ދައްކަމުން ދިޔައިރު އެތަނުގައި އައްޔަދު އާއިއެކު ފައުޒީވެސް އިނެވެ. އާފާގުއަށް ފައުޒީއަކީ ކޮންކަހަލަ މީހެއްކަން ގާތުން ނޭގުނަސް އޭނަ އައްޔަދުއަށް އިތުބާރުކުރެ އެވެ. އޭގެ އިތުރުން ފައުޒީގެ އަތުގައި ހުރި ލިޔެކިޔުންތަކުން އޭނައަކީ ގާބިލު ޒިންމާދާރު މީހެއްކަން ވަޒީފާއަށް ވެއްދުމުގެ ކުރިން އެނގުނެވެ. އަދި އޭގެ ފަހުންވެސް މިއަދާ ހަމައަށްވެސް ފައުޒީގެ ޒިންމާ އަދާކުރުމާއި ގުޅިގެން އާފާގުއަށް އެއްޗެއް ބުނާކަށް ނުޖެހެއެވެ. އޭނަގެ މަސައްކަތަށް ވަރަށް ފަރުވާބަހައްޓަ އެވެ.

މެންދުރުގެ ކެއުމަށްފަހު ޓެރެސްގެ ސޯފާގައި އީލާކްގެ ރަޙުމަތްތެރިންނާއިއެކު ލާއިގާވެސް އިނެވެ. އޭނަ އެކުދިންގެ ވާހަކަތަކުގައި ބައިވެރި ނުވިޔަސް އެކުދިން ދައްކާ ވާހަކަތަކަށް އޭނަގެ ކަންފަތް ހުޅުވާލެވިފައިވެ އެވެ. އީލާކް އާއި ޝުދުފާ އިރުއިރުކޮޅާ ކޮންމެވެސް ފިރިހެން ކުއްޖެއްގެ ނަމުން ރޮޒޭން އާއި ދިމާކޮއްލަ އެވެ. މައިގަނޑު ގޮތެއްގައި ދެކެވެމުންދިޔައީ ރޮޒޭން އޭނަގެ އަމިއްލަ ވިޔަފާރިއެއް ފަށަން އުޅޭ ވާހަކައެވެ. އޭނަ އީލާކުގެ ގާތުން އަލުން ހެނދުން ފަރުމާކުރުމުގެ މަސައްކަތް ފެށުމަށް އެދެމުންދިޔަ އެވެ. ޝުދުފާ ވެސް އެކަމާ އެއްބަސްކިޔައެވެ.
"އަހަރެން އީކްގެ މުޅި ޝޯގަ ބައިވެރިވާނަން، ޕްރޮމިސް، ހިނގާ އަލުން ޝޯއެއް ބާއްވަމާ، މިފަހަރު ކުޑަކުޑަ ޝޯއެއް ބާއްވާނީ، މިހާރު ނަހޫއެއްވެސް ނެތެއްނު، އެކަންތައްމަތިން ހަނދާންނައްތާލާ، އަލުން އާފެށުމަކުން ފަށާނީ، މިފަހަރު އިރާދަކުރެއްވިއްޔާ އެހެނެއްނުވާނެ... ޕްލީޒް، ބުނެބަލަ އާއެކޭ" ރޮޒޭން އާދޭހާއެކު ބުނެލ ިއެވެ. އެއްޗެއް ނުބުނަން އިން ލާއިގާވެސް ކިޔަންއިން ނޫސް ތިރިކޮށްލަމުން ލޮލުގައި އަޅާފައިވާ ނަންބަރު އައިނު ނަގާ ވާހަކަ ދެއްކިއެވެ. އީލާކްގެ ގާތު ރޮޒޭންގެ ވާހަކަ ގަބޫލުކުރުމަށް އެދުނެވެ.

މަންސޫރު ޓެރެސްއަށް އަރައިގެން އައީ ކުދިންނާ ލާއިގާ ވާހަކަދައްކަން އިންދައެވެ. މަންސޫރު ފެނުމާއިއެކު ތިން ކުދިން ވެސް ހިނިތުންވެލާފައި ޓެރެސްއިން ފައިބަން ހިނގައިގަތެވެ. މަންސޫރު ލާއިގާގެ އެއްފަރާތުގައި ވަކިންހުރި ސޯފާ ގޮނޑީގައި އިށީނެވެ. އަދި ލާއިގާ ބާއްވާލި ނޫސް ނަގާ އެއަށް ނަޒަރު ހިންގާލިއެވެ. ލާއިގާގެ މޫޑު ރަނގަޅުކަން އޭނައިންގޮތުން މަންސޫރަށް ފާހަގަވިއެވެ.
"މަންމާ، އަޅުގަނޑު ވާހަކައެއް އަހާލަންތަ؟" މަންސޫރު ހުޅުވާލައިގެން އިން ނޫސް ކަރުދާހުގެ މަތިން ލާއިގާއަށް ބަލާލަމުން ބުނެލިއެވެ. އެއާއިއެކު ލާއިގާ ހޫންލައްވާލި އެވެ.
"ޒައުލް އާއި ޝައިސްތާ..." މަންސޫރަށް މިހިސާބަށް ބުނެވުނު ކަމެއްނޭގެ ލާއިގާ ވާހަކަ ދައްކަން ފަށައިފިއެވެ.
"ހޫމް، އެދެކުދިން ކިހާ ގުޅޭ، މަންމަ އެހެންވެގެންނޭ އެދެކުދިންގެ ކައިވެނި ކުރުވަން މިއުޅެނީ... ޒައުލް ކައިވެނި ކުރަންށޭ ކިޔާފަ އެގެނައި އަންހެން ކުއްޖާ އެއްގޮތަކަށް ވެސް މަންމައަކަށް ކަމަކު ނުދޭ، ޒައުލްގެ ކައިވެނި ކުރެވޭނީ ހަމައެކަނި ޝައިސްތާ އާއި، ކައިވެނި ކުރީމަ ފަހުން ވިސްނޭނެ މަންމަގެ މިނިންމުމަކީ ކިހާ ރަނގަޅު ނިންމުމެއްކަން" ލާއިގާ ހިނިއައިސްފައި ބުނެލި އެވެ. މިވާހަކަ އަޑުއަހަން އިން މަންސޫރުގެ ތުންފަތުން ފެނުނީ ފަނޑު ހިނިތުން ވުމެކެވެ. ހަގީގަތުގައި އޭނަ ބުނަން އުޅުނު އެއްޗަކާ ލާއިގާއަށް ވިސްނުނުގޮތާއި މުޅިން އިދިކޮޅެވެ. މަންސޫރު ލާއިގާގެ ގާތުގައި ބުނަން ބޭނުންވީ ޒައުލް އާއި ޝައިސްތާގެ ކައިވެނި ކުރުވަން އުޅުމީ އެންމެ ރަނގަޅު ނިންމުމަށް ވެދާނެބާއެވެ. އެހެންނަމަވެސް އޭނައަށް އެއްކަމެއް އެނގިއްޖެއެވެ. ލާއިގާއަށް އެކަކުގެ ހިޔާލުވެސް ބޭނުނ ނުވާކަމެވެ. އަނެއްކޮޅުން ޒައުލްއަކީ އޭނަ އާއި ޒަރާނާގެ ދަރިއެއްކަމެވެ. ފެންނަފެނުމަށް މަންސޫރުގެ ގޮތްގަނޑު ޒައުލްގެ ގައިގާ ހުއްޓަސް އޭނަގެ ފަރާތުން މިހާރު އެފެންނަނީ ޒަރާނެގެ ގައިގާ ހުންނަ ކަންތައްތަކެވެ. ތިމާ އާއި އެހެންމީހުންނާ ހުންނަ ފަރަގު ދެނެގަތުން މުހިއްމެއް ނޫނެވެ. އެހެންމީހުންގެ އުނިސިފަތަކަށް ފާޑުކިއުމުގެ ބަދަލުގައި އެސިފަތަކާއިއެކު މީހުން ބަލައިގަތުމެވެ. އިތުރަށް ލާއިގާއަށް އެއްޗެއް ބުނަން ހިތަށް އަރާފަވެސް މަންސޫރު ހުއްޓުނެވެ. އޭނަގެ މަންމައަކަށް ނުވިސްނޭނެއޭ ހިތަށްއަރާފައެވެ. މިއަދު ޒައުލްވެސް އެއުޅެނީ އޭނަ ކައިވެނި ކުރިފަދަ ޒަރާނާއެއް އެގެއަށް ގެންނާށެވެ. މާޒީ އަލުން އިޔާދަވާން އުޅޭކަހަލައެވެ. ފިކުރުބޮޑުވެ ރަނގަޅުގޮތަކީ ކޮބައިކަން ނޭނގިފައި މަންސޫރަށް އިނދެވުނެވެ.

ޔޫހާ ގާތުގައި ކިޔާން ބާއްވާލައިގެން އެނދުގައި އޮތްއިރު އޭނަގެ އެއްއަތްވަނީ ނިތުގައި ބާއްވާލެވިފައެވެ. ބޮޑު ފިކުރެއްގައި އޮތްކަން ޔޫހާގެ މޫނުމަތިން ހެކިދެއެވެ. އިރުއިރުކޮޅާ ތުންފިއްތާލުމާއިއެކު ދެ ލޯ މަރާ ބާރުކޮއްލަ އެވެ.

އަހަރަށް ސްކޫލްގެ ކިޔެވުން ނިންމާލި ދުވަހަށްވެފައި އަފްލީން ގެއަށް އައީ ވަރަށް ހިތްހަމަޖެހިލައިގެންނެވެ. އެންމެ ފުރަތަމަވެސް ވަނީ ޔޫހާގެ ކޮޓަރިއަށެވެ. ތަންކޮޅެއް ބާރަށް ޔޫހާއަށް ގޮވާލަމުން ކޮޓަރިއަށްވަތް ގޮތަށް އަވަސް އަވަހަށް މާފަށް އެދެންފެށި އެވެ. އޭނައަށް ޔޫހާގެ ގާތުގައި ނިދާފައިއޮތް ކިޔާން ފެނުނީ ދެނެވެ. ޔޫހާއޭނަގެ ހާސްކަން ފޮރުވާލަމުން ހިނިތުންވެލާފައި ލޮލުގެ އިޝާރާތުން ކިހިނެއްވީތޯ އަހާލިއެވެ. އަދި އެނދުން މަޑުމަޑުން ފައިބަނިކޮށް ދޮރުން އެތެރެއަށް ވަދެހުރި އަފްލީން އޭނަގެ ރިޕޯޓް ފޯމް ނަގާ ދައްކާލި އެވެ. ހެނދުނުގެ ވަގުތުގައި އަފްލީން ސްކޫލަށްދަމުން ވެސް މިދަނީ ފޯމުބަލައޭ ބުނި ހަނދާން ޔޫހާވީ ދެނެވެ. ޔޫހާ އަވަސްވެގަތީ އެރިޕޯޓް ފޯމުގައި ހިފާ އޭގައި ލިޔެފައި އޮތްއެއްޗެއް ބަލާލުމަށެވެ.
"ދޮންބެއަށް މިފަހަރު ޝަކުވާކުރާކަށް ނުކެރޭނެ، ކްލާސް ޓޮޕް ހޯދައިގެން މިއައީ" އަފްލީން އުފަލުން ހުރެ ބުނެލިއެވެ. ޔޫހާ އޭނަގެ އަމިއްލަ ހިޔާލުތަކާ ފިކުރު އެއްފަރާތްކޮށްލުމަށްފަހު އަފްލީންގެ އުފަލުގައި ބައިވެރިވިއެވެ. އަދި މަޑުމަޑުން ކޮޓަރީގެ ދޮރު ކައިރިކޮށްލަމުން އަފްލީން އާއިއެކު އޭނަގެ ކޮޓަރިއަށް ހިނގައިގަތެވެ. ކުރިއަށްއޮތް ބޮޑު ޗުއްޓީގައި ކުރާނެކަންތައްތައް އަފްލީން ރާވާލިއެވެ. އަދި ރަޙުމަތްތެރިންނާއިއެކު ދަތުރެއް ދިއުމަށް ރާވާފައިވާކަންވެސް އަފްލީން ހާމަކުރިއެވެ. ޔޫހާ ހިނިތުންވެލައިގެން އިނދެ އަފްލީންގެ ވާހަކަތަށް އަޑުއަހަމުންދިޔައެވެ.
"ޔޫހާ، އަހަރެންގެ ދައްތައެއް ހުރިނަމަ ޔޫހާގޮތަށް ދޯ އުޅޭނީ، އަހަރެންގެ ހުރިހާ ކަމެއްގައި އެހީވާނެ ދޯ" ކުއްލިއަކަށް އަފްލީން ބުނެލިއެއްޗަކުން ޔޫހާ ހައިރާންވިއެވެ.
"ކީއްވެތަ ކުއްލިއަކަށް އަފޫ ތިކަހަލަ ވާހަކަ ދައްކަން ތިފެށީ" ޔޫހާއަށް އަހާލެވުނެވެ.
"އަހަންނަށްވެސް އެނގޭ ޔޫހާ އުޅެނީ މެރީ ކުރަންކަން، އަދި މިގެއަށް އަންނަ ޒައުލްއަކީ ކިޔާންގެ ބައްޕަ ނޫންކަންވެސް... އަހަންނަށް ހުރިހާ ކަމެއްވެސް އެނގޭ، ކިޔާންއަކީ ކޮންކަހަލަ ކުއްޖެއްކަން އަހަންނަށް އެނގޭ، އެހެންނޭ ކިޔާފަ އަހަރެން ޔޫހާދެކެ ފޫއްސެއްނުވޭ، ޔޫހާއަކީ ގޯސްމީހެކޭ ހިތަކަށް ނާރާ..." އަފްލީން އޭނަގެ އެނދުގައި އިން ޔޫހާގެ ގާތުގައި އިށިންނަމުން ބުނެލިއެވެ. ޔޫހާއަށް ބުނާނެއެއްޗެއް ނޭނގުނެވެ. ދެލޯ ބޮޑުކޮއްލަމުން އަފްލީންއަށް ބަލާލުން ފިޔަވާ އިތުރުކަމެއް ނުކުރެވުނެވެ.
"އިޓްސް އޯކޭ... ހާސްނުވެބަލަ، އަހަރެންމީ ކުޑަކުއްޖެއްނޫނޭ، އަށާރައަހަރު ނުފުރުނަސް އަހަންނަށްވެސް ވަށައިގެންވާ ކަންތައްތައް ދެނެގަންނަން އެނގެޔޭ، ދޮންބެސް އަހަންނަށް ހުރިހާ ކަމެއް ސިއްރުކުރަން އުޅެނީ، ޔޫހާވެސް ތިއުޅެނީ ހަމައެހެން، އަހަރެންވެސް މީ އާއިލާގެ ޙިއްޞާއެއްނު، އަހަރެން ޔޫހާ ތީ އަހަރެންގެ ދައްތަކަމުގައި ދެކޭއިރު ޔޫހާ އަހަރެންމީ ކޮއްކޮއެއްގެ ގޮތުގައި ނުދެކެންތަ" އަފްލީން ވަރަށް ހަމަޖެހިލައިގެން އިނދެ މަޑުމަޑުން ވާހަކަދެއްކިއެވެ.
"ޝާއިން އަހަރެން މިގެއަށް ގެނައިސުރެން އަހަރެންދެކުނީ ތީ އަހަރެންގެ އެއްބަނޑު އެއްބަފާ ކޮއްކޮއެއްހާ ގާތްކުއްޖެއްކަމަށް، އަފޫ ކޮންމެ ކަމަކަށް އެދުނަސް އަހަރެން އެކަމެއްކޮއްދޭނީ އުފަލުން ހިތްހެޔޮކަމާއި ލޯތްބާއިއެކު، އެކަމަކު މާޒީގެ ވާހަކަތައް ދައްކާހިތެއް އަހަންނެއްނުވޭ... އެހެންވެ އެކަމުގެ ތެރެއަށް އަފޫ ބައިވެރިނުކުރީ... ދެން ބުނެބަލަ، ކީއްވެތަ ކުއްލިއަކަށް ތިވާހަކަތިފެށީ، އަފޫއަށް ހަގީގަތް އެނގޭކަން އަންގަން ބޭނުންވީތަ" ޔޫހާގެ ހާސްކަން ކުޑަވެ އޭނަވެސް ހަމަޖެހިލިއެވެ. އަފްލީންއަށް އެނގިދާނެތީ އޭނަ ހާސްވެގެން އުޅޭކަށް ދެން ނުޖެހޭނެކަން އެނގޭތީވެސް މެއެވެ. ހީކުރި ވަރަށްވުރެ އަފްލީން އޭނަ އާއިމެދު ދެކޭގޮތް ގާތެވެ. އާއިލާގެ މެންބަރެއްގެ ގަދަރު އަފްލީންވަނީ ޔޫހާއަށް ދީފައެވެ.
"ރަނގަޅަށް ތިބުނީ، އަހަންނަށް ހުރިހާކަމެއް އެނގޭކަން އަންގަން ބޭނުންވީ، އެކަމަކު ގޯސްގޮތަކަށް މާނަ ނުނަގައްޗޭ، އަހަރެންގެ އެއްވެސް ޝަކުވާއެއްނެތް ޔޫހާ އެވާހަކަތައް އަހަންނަށް ނުކިޔާދީގެން، އެނގޭ ކީއްވެކަން ކިޔާނުދެވުނީ ވެސް، އަދި އެކަމުގެ ސަބަބުން އަހަރެން ދެކޭގޮތް ބަދަލެއް ނުވާކަން، ތީ އަހަރެންގެ ހުރި ހަމައެކަނި ދައްތަ، ދެރަވެގެން މިއުޅެނީ މުޅިން އެހެންކަމަކާ" އަފްލީން ދައްކަން ބޭނުންވެގެން އުޅެނީ ކޮންވާހަކައެއްކަން ޔޫހާއަށް މިހާރު އޮޅިއްޖެއެވެ.
"އަފޫ ބުނަންބޭނުންވެގެން ތިއުޅެނީ ކޮންވާހަކައެއްތަ" ޔޫހާ އަފްލީން އާއި ދިމާލަށް ކުރިއަށްވުރެވެސް ބޮޑަށް އެނބުރިލަމުން ބުނެލިއެވެ.
"އަހަރެން ބޭނުމެއްނޫން ޔޫހާ މިގެއިން ދާކަށް" އަފްލީން ޔޫހާގެ އަތްތިލާގައި ހިފާލަމުން އަވަސް އަވަހަށް ބުނެލިއެވެ. އެވަގުތު މީހަކު ސަލާމް ގޮވާލި އަޑުއިވުނެވެ. ވަކިއެއްޗެއް ނުބުނެވިގެން އުޅުނު ޔޫހާ އަވަސްވެގަތީ ސިޓިންރޫމަށް ނުކުތުމަށެވެ.
"ޔޫހާ..." ޔޫހާ ފެނުމާއިއެކު ޒައުލް އޭނައަށް ގޮވާލަމުން އެތެރެއަށް ވަދެގެން އަތުވެއްޖެއެވެ. ޔޫހާއަށް ޒައުލްގެ މޫނުމަތިން ތަފާތުކަމެއް ފާހަގަކުރެވުމުގެ އިތުރުން އޭނަގެ ހަރަކާތްތައް ވެސް ހުރީ އަވަސްވެފައިކަން ވެސް ފާހަގަވިއެވެ. ނަމަވެސް އެއްޗެއް ނުބުނެ ހުރިފިޔަވަޅުމަތީ ހުރީ ލާއިގާ ކަންތައްކުރިގޮތް ހަނދާންވުމުންނެވެ. ޒައުލް އާއިއެކު އެއްފަރާތެއްގައި ނިވާވެފައި ހުރި މީހާ ޔޫހާއަށް ފެނުނީ ދެނެވެ. މީގެކުރިން ދުވަހަކުވެސް ޔޫހާ ދެކިފައިނުވާ އެޒުވާނާ ޒައުލް އާއިއެކު އޭނަގެ ފަހަތުން އެގޭތެރެއަށް ވަނެވެ.
"މިއައީ ކައިވެނީގެ ފޯމު ފުރަން..." ޒައުލް ޖެހިލުމެއްނެތި ބުނެލިއެވެ. ޔޫހާއަށް ލިބުނު ސިހުމާއިއެކު އެއްޗެއް ބުނަން އުޅެފަވެސް ދެންހުރި ޒުވާނާ އާއި ދިމާލަށް ބަލާލެވުނެވެ. އަދި ޔޫހާ ޒައުލްގެ އަތުގައި ހިފާ އޭނަގެ ކޮޓަރިއާއި ދިމާލަށް ހިނގައިގަތެވެ.
"ކީއްވެ ކައިވެނި ފޯމް ހިފައިގެން ތިއައީ، އަހަންނަށް އެނގޭ ޒައުލްގެ އާއިލާ ގަބޫލެއ ްނޫންކަން މިކައިވެންޏަކަށް، އާއިލާގެ ނުގަބޫލުގަ ކުރަނީތަ" ޔޫހާ ކޮޓަރީގެ ދޮރުލެއްޕުމާއިއެކު ޒައުލްއަށް ކުރިމަތިލަމުން ބުނެލިއެވެ. 

ކޮމެންޓް 0