ދާދިދެންމެއަކު ހެން ޒައުލް ސިމްލެއްވި ފޯނު ހުޅުވާލުމަށްފަހު އަތުކުރީގައި އޮތް ގަޑިއާއި ފޯނުގެ ގަޑި ހަމަކޮއްލުމަށްފަހު ފޯނުގެ ބެޓެރި ޗާޖުކުރުމަށް ކަރަންޓަށް ގުޅާލި އެވެ. އަދި އެބޮޑު ކޮޓަރީގެ ތެރޭގައި އޭނައަށް މަސައްކަތްކުރެވޭ ގޮތަށް ހަދާފައި ހުރި ބަޔަށް އައިސް އެތަނުގައި ހުރިމޭޒުގެ ކައިރީ އިށީނދެއްޖެ އެވެ. އިރުއިރުކޮޅާ ގަޑި ބަލަމުން ދިޔަ ޒައުލް މޭޒުމަތީގައި ހުޅުވާފައި ހުރި ލެޕްޓޮޕުގެ ފިއްތަކަށް އޮބަންފެށި އެވެ. އިސާއިތަހަކު ހުޅުވިގެންދިޔަ ސްކްރީނުން ފެންނަން ފެށީ ހޮޓެލްގެ އެކި ސަރަހައްދުތަކެވެ. ސީސީޓީވީ ހަރުކުރެވިފައިވާ ތަންތަނެވެ. އެއްފަހަރާ ހޮޓެލްގެ އެތައްތަނެއް ބަލަމުންދިޔަ ޒައުލްގެ ނަޒަރުހުއްޓުނީ ޕާކްވިއު ދޮރުން ވަދެގެން އައިސް އަންހެން ކުދިންގެ ލޮކާ ރޫމަށްވަތް ޔޫހާއެވެ. ގޮނޑިން ތެދުވެވުނު ގޮތްވެސް އޭނައަށް ނޭގެއެވެ. އަވަސް އަވަހަށް ޗާޖަށް ޖަހާފައި އޮތް ފޯނު ނަގާ ޔޫހާއަށް އޭނަ ގުޅާލިއެވެ. ނަމަވެސް ޔޫހާގެ ފޯނު ރިންގުވެފަ ކެނޑެނީއެވެ. ދެ ފަހަރަކު ޔޫހާ ފޯނު ނަގާތޯ މަސައްކަތްކޮއްލުމަށްފަހު ޒައުލް ފޯނު ބޭއްވީ މާޔޫސްވެގެންނެވެ.
"ތީތަ އަހަންނަށް ޖަވާބު ދޭންވީ ގޮތަކީ، އަހަރެން ޔޫހާއަށް ގުޅެން ބޭނުންވާވަރު ހަމަ ނޭގިގެންތަ، ނޫނީ އަދިވެސް އަހަރެންނަށް މާފުކުރަން ބޭނުންނުވަނީތަ، އަހަންނާ ކައިވެނި ކުރަން ބޭނުންނުވަނީތަ... އޯ ޔޫހާ ތިހެން ނުހަދަބަލަ، އަހަރެންގެ ކެތްތެރިކަން ކޮޅުން ލިޔެ ނުދީ... ކޮންމެ ގޮތަކުންވެސް އަހަރެން ޔޫހާ ހޯދާނަން، އެކަމަކު އެހެން ކަންތައްކުރުމަށް އަހަންނަށް މަޖުބޫރު ނުކުރޭ، އަހަރެން ހީކުރީ ޔޫހާވެސް އަދިވެސް ލޯބިވަނީ އަހަރެން ދެކެ ކަމަށް...އޯ ގޯޑް... ނޫނީ އެއީ ހަމަ ދައްކާލި ދަޅައެއްތަ، އަހަރެންގެ ފަރާތުން ބަދަލު ހިފަން ބޭނުންވަނީތަ..." ޒައުލް ދެލޯ މަރާލަމުން ނިތްކުރީގައި ހާސްކަމާއިއެކު އަތްހާކާލަމުން ބުންޏެވެ. އޭނައަށް ޔޫހާ ބޭނުންވާ ގޮތެއް ނޭގެއެވެ. އެކަމަކު އެގޮތަށް އަޅާނުލާ އެއްވެސް ސަބަބެއް ވެސް ނުބުނެ ޒައުލް އާއި ދުރުވަން ޔޫހާ މަސައްކަތް ކުރުމީ އޭނަގެ ހިތުގައި ތޫނު ތަދެއް އުފެއްދި ކަމަކަށް ވެއްޖެއެވެ. ޔޫހާގެ ފަހަތުން އޭނަ މޮޔައެއްހެން ދުވާތަން ދެކެން ބޭނުންވަނީ ކަންނޭގެއެވެ. ދުވަހަކުވެސް އޭނަ އަންހެނަކަށްޓަކައި ނުކުރާ އެތަށް ކަމެއް ޔޫހާއަށްޓަކައި ކުރަން ތައްޔާރަށް ހުރިކަން އެނގި އެކަމާ އޭނަ ބޮޑާވަނީބާ އެވެ. ޒައުލްގެ ސިކުނޑީގައި ރުޅިވެރި ކަމުގެ އޮއެވަރު ހިނގަންފެށިއެވެ. 
"ޔޫހާ ބޭނުން ގޮތަކަށް ނޫން މިކަން ވާންޖެހޭނީ، ޔޫހާ ބޭނުން ވިޔަސް ނުވިޔަސް ޖެހޭނީ ދެން އަހަންނާ ގުޅެން...އަހަންނާ ކައިވެނި ކުރަން " ޒައުލް ރުޅިވެރިކަމާއިއެކު ބުނެލިއެވެ. އަދި މޭޒުގެ ކައިރީ އަނެއްކާ ވެސް އިށީނދެ ސީސީޓީވީ ކެމެރާތަކުގެ އެހީގައި ޔޫހާ ހޯދަން ފަށައިފިއެވެ. ގިނަ އިރެއްނުވެ ޒައުލްއަށް ރިސެޕްޝަން ކައުންޓަރެއްގެ އެތެރޭގައި ހުރި ޔޫހާ ފެނިއްޖެ އެވެ. ޑިއުޓީއާއި ހަވާލުވުމާއިއެކު މެންދުރުފަސް ޑިއުޓީގައި އެތަނުގައި ތިބި ދެ ސްޓާފުން ހިނގައްޖެއެވެ. އޭރު ކައުންޓަރު ކައިރީ އިނީ ޔޫހާ އެކަންޏެވެ. ކުއްލިއަކަށް ސީސީޓީވީއަށް އެރި ޒުވާނާ ޒައުލްއަށް ފެނުނެވެ. އޭނަ އެނިކުތީ ލިފްޓުން ނޫންކަން ޒައުލްއަށް އެނގެއެވެ. އެމީހަކު ވަރަށް ހިނި އައިސްފައި އައިސް ރިސެޕްޝަން ކައުންޓަރުގައި އަތްއަޅުވާލާފައި ވާހަކަދައްކަން ފެށިތަން ފެނުނެވެ. ޔޫހާގެ މޫނުމަތިން ފެނިގެން ދިޔަ ހިނިތުންވުމުން އެއީ އޭނަ ދަންނަ މީހެއްކަން ޒައުލްއަށް ނަގައިގަނެވުނެވެ.
"ސާބަސް، ތީ ސްޓޯކާއެއްތަ... އަހަރެން ޑިއުޓީއަށް ނައިސްގެން ދޯ ތިހުންނަނީ، ކިހިނެއް އެނގުނީ އަހަރެން އިނީ މިކައުންޓަރުގަކަން... އުހޫ... މަޑުކުރޭ....އަޔާ ރިސެޕްޝަނަށް ގުޅާފަ އެހީ ދޯ އަހަރެން އިނީ ކޮންކައުންޓަރެއްގަތޯ..." ޔޫހާ ހިނި އައިސްފައި އައްޔަދު އާއި ސުވާލުކުރުމަށްފަހު އަމިއްލައަށް ޖަވާބު ވެސް ދީފިއެވެ. ލުއިލުއި ފިރިހެންވަންތަ ހީލުމަކުން އައްޔަދު ހީލާފައި އެއްއަތުން ނިތްކުރި މައްޗަށް އެއްފަރާތަކުން ވެއްޓިފައި ހުރި އިސްތަށިތަށް ރަނގަޅުކޮށްލަމުން ދެ ޖީބަށް އަތްޖަހާލިއެވެ.
"ވަރަށް މޮޅު، ތިބުނީ އަހަރެން ކަންތައްކުރިގޮތް، ބައި ދަވޭ، ޔޫ ލުކް އޯސަމް އިން ދެޓް ޔުނިފޯމް.... ސީރިއަސްކޮށް" އައްޔަދު އޭނަ ލައިގެން ހުރި ސޯޓުގެ ދެޖީބަށް އަތްޖަހާލަމުން ދެކޮނޑު އަރުވާލާފައި ލާނެތް ގޮތަކަށް ހިނިއައިސްފައި ހުރެ ބުނެލިއެވެ.
"ހޫމް...ހޫމް...ފްލާޓީ ވާނެ ކަމެއްނެތް، ދެން ދޭ މިތަނުން، އެހާ ރަނގަޅެއް ނުވާނެ މިތަނުގަ ވާހަކަދައްކަން ހުރުމެއް، ސީނިއަ ސްޓާފަކަށް ފެނިއްޖެނަމަ ސުވާލުކުރާނެ، އެހެންނޫނަސް އަހަރެން ބޭނުމެއް ނޫން މީހުންނަށް އައްޔަދު ފެނި ނުބައި މާނައެއް ނަގާކަށް" ޔޫހާ އޭނަގެ މަސައްކަތަށް ސަމާލުކަން ދޭން މަސައްކަތްކުރަމުން ބުނެލިއެވެ.
"ނުބައި މާނައެއް ނެގުން އެއީ އެމީހުންގެ ވިސްނުމުގެ ކޮށިކަން، ނިކަން ހުޅުވާލެވިފައިވާ ސިކުނޑިއަކުން ވިސްނާ މީހަކު ނުބުނާނެ މިހެން އަދި އަހަރުމެން ދެމީހުން ވާހަކަ ދައްކާލުމަކުން ގޯސް ނިޔަތެއް މިކަމުގައި އެކުލެވިފައިވެދާނެއެކޭ... ދެން މައްސަލައެއްނެތް، އަހަރެން ގޮސްދާނަން، ކޮފީ މަތިން ހަނދާންކުރާތި، އަހަރެން ގުޅާނަން ޔޫހާ ބްރޭކް ޓައިމް ޖެހެން ކައިރިވީމަ....އެކަމަކު.... ހާދަދެރައޭ، ކޮބާތަ މިރޭ މިތަނުގަ އިންނަ ފްލާޓީ މަންޖެ، އޭނަ ނާންނަނީތަ ޑިއުޓީއަށް...." އައްޔަދު ހިނިއައިސްފައި މިހެން ބުނެލިއެވެ.
"ކާކު ރިޝްފާތަ، ސާބަސް....ފްލާޓީ އޯ، ފްލާޓީ ނޫނީ ކާކުތަ، އައްޔަދުވެސް ތިހުރީ އުޅޭގޮތް، އަހަންނަށް ހީވަނީ މިހާރު އަންނަން އުޅޭނެހެން، އޭނައަށް އެނގޭނެ އަހަރެން ޝަކުވާއެއް ނުކުރާނެކަން އޭނަގެ އަމިއްލަ ވަގުތުގައި ހަމަޖެހިލައިގެން އަޔަސް....ރަނގަޅަށް ވެއްޖެޔާ ކޮންމެވެސް ކައުންޓަރެއްގެ ކައިރީ ހުންނާނީ އޮލަވާހަކައެއްގަ" ޔޫހާ ބުނެލި އެވެ. އެދެމީހުންގެ ވާހަކަތައް ހުރި ގޮތުން ހީވަނީ އެއީ ގާތް ދެރަޙުމަތްތެރިންހެންނެވެ.

ދެބުމަށް ކައިރިކޮއްލުމާއިއެކު ނިތްކުރިއަށް ރޫއަރުވާލިއެވެ. މީގެ ކުރިން ޒައުލްއަށް އެފަދަ ހިނިތުންވުމަކާ ގާތްކަމެއް އެހެން މީހަކާއި ދޭތެރޭ ޔޫހާގެ ފަރާތުން ފެނިފައެއް ނުވެއެވެ. އައި ގަދަ ރުޅިންކަމެއްނޭގެ އެވެ. ފިނި ކޮޓަރީގައި އިންއިރުވެސް އޭނަގެ ނިތްކުރިން ދާތިކީގެ އަސަރު ފާޅުވާންފަށައިފި އެވެ. ޖީބުގައި އޮތް ރުމާ ނަގާ މަޑުމަޑުން ނިތްކުރީގައި ޖައްސާލަމުން ފޮހެލިއެވެ. އަދި ޔޫހާ އެހާގާތްކޮށް އެވާހަކަދެއްކި މީހަކު އޮޅުން ފިލުވަން އޭނަ ބޭނުންވިއެވެ. އެޒުވާނާގެ ގައިގާ ބައެއް ފަހަރަށް ރާއްޖޭން ބޭރު މީހެއްގެ ސިފަވެސް ޖަހައެވެ. ޒައުލްއަށް އެއްވެސް ކަމެއް ޔަގީނެއްނޫނެވެ. އެހެންވިޔަސް އޭނަގެ ސިކުނޑި އެހާ އަވަހަށް ޔޫހާ އާއިމެދު ނިންމުންތައް ނިންމަން ފަށައިފި އެވެ.
"އަހަރެން ބޭރުގައި އުޅުނު ދުވަސްވަރު ޔޫހާގެ ދިރިއުޅުމަށް މީހަކު ގެނައީތަ" ޒައުލްއަށް އަމިއްލަ ޒަމީރާ ސުވާލުކޮއްލެވުނެވެ. އަދު ޔޫހާގެ ގާތުގައި ކައިވެނީގެ ވާހަކަ ދެއްކުމުންވެސް ވަކި ޖަވާބެއް ނުދިނީ އެހެންވެކަމަށް ޒައުލް ނިންމިއެވެ. އަނެއްކާވެސް އޭނަ ކުރިއަށްވުރެ ރުޅިގަދަވި އެވެ. ވަގުތުން ޔޫހާއަށް ގުޅާފައި ގެންނަން ބޭނުންވިއެވެ. އެކަމަކު ފައުޒީ ފަދަ މީހަކު އަނެއްކާވެސް ޔޫހާއަށް ފާރަލާކަށް ބޭނުމެއް ނޫނެވެ. އެހެންވެ އޭނަ މަޑުކޮއްލީ ދަންކޮއްލާފައި ޔޫހާއަށް ގުޅުމަށެވެ. އޭރުން މުޅި ހޮޓެލްވެސް އޮންނާނީ ހިމޭންވެ ނިދާފައެވެ. 

އައްޔަދު ހޮޓެލްގެ ރެސްޓޯރެންޓުގައި އިށީނދެލައިގެން އިނީ ކުޅިވަރު ޗެނެލަކުން ދައްކަމުން ދިޔަ ބޭރުގެ ފުޓުބޯޅަ މެޗެއް ބަލާށެވެ. އެހެންއިން އިރުވެސް އިރު އިރުކޮޅާ ޔޫހާގެ ފޯނަށް ކޮންމެވެސް އެއްޗެކޭ ކިޔާ މެސެޖުކޮއްލަ އެވެ. އައްޔަދު އެތަނަށް އައި ބޭނުންވެސް ފުރިހަމަ ވެއްޖެއެވެ. ހަގީގަތުގަވެސް އެހޮޓެލަކީ ފެންވަރު ރަނގަޅު ބޮޑުހޮޓެލެކެވެ. އޭނަގެ ބައްޕަގެ ވިޔަފާރި ކުރިއަށް ގެންދިއުމަށް ވަރަށް ބޮޑު މަސައްކަތެއް ކުރަން ޖެހޭނެކަން އައްޔަދުއަށް އެނގެއެވެ. ޒަރާނާގެ އާދޭހަށް ފުރަގަސް ދޭން އައްޔަދުއަށް އިތުރަށް ބަހަނާތަކެއް ދައްކާކަށް ނުކެރުނެވެ. އެހެންވެ މާދަމާ ގެއަށް ދާނަން ކަމުގައި ބުންޏެވެ. ޔޫހާ އާއި ދިމާވިކަން އެއީ އޭނަގެ ނަސީބޭ ހިތައްއަރުވާލައިގެން ގޮނޑިއަށް ހަށިގަނޑު ދޫކޮއްލާ އެއްފައިމައްޗަށް އަނެއްފައި އަރުވާލައިގެން އިން އައްޔަދު ޖީބުން ނެގި އައިޕޮޑް ގެ ހެޑްސެޓު އެއްކަންފަތަށް ޖަހާލަމުން ރީތި ލަވައެއް ޖަހާލިއެވެ. އޭނަ މިހާރު އެއިނީ އެއްފަހަރާ ދެކަންތައް ކުރަންށެވެ. އޭނަގެ ނަޒަރު ރެސްޓޯރެންޓުގައި ހުރި ބޮޑު ޓީވީއަށް ހުއްޓެމުން ދިޔައިރު ކަންފަތުން އޭނަ ދިޔައީ ރީތި އިނގިރޭސި ލަވައެއްވެސް އަޑުއަހަމުންނެވެ. ދޭތެރެއަކުން ފައިގައި ރާގުކުޅެލާފަދަ ގޮތަކަށް އިނގިލިތަކުން ޖަހާލައެވެ. އަދި ރެސްޓޯރެންޓުގައި މަސައްކަތްކުރާ ބައެއް އަންހެން ކުދިންގެ ނަޒަރުތައް ހުއްޓެމުންދާކަން އެނގުމުން ތުންފަތަށް ލާނެތް ހިނިތުންވުމެއް ވެރިވެގެންދިޔައެވެ. ބޮނޑިވެގެން ކޮންމެވެސް ވާހަކައެއް ދައްކަމުން ދިޔަ އަންހެން ގުރޫޕުގެ ތެރެއިން ކުއްޖަކު އައްޔަދު އާއި ދިމާލަށް އަންނަން ފެށިއެވެ.

"އެކްސްކިއުޒް މީ ސަރ، ޑޫ ޔޫ ވޯންޓް އެނީތިންގް އެލްސް" ތުއިގޮތަށް އައްޔަދުއަށް ބަލާލަމުން ބުނެލިއެވެ.
"ރެޑް ބުލްއެއް" އައްޔަދުއަށް އެއަންހެން ކުއްޖާގެ ހިތުގައިވާއެއްޗެއް އެނގުނީކަމެއް ނޭގެއެވެ. އެއްލޯމަރާލަމުން ހީލާފައި އޭނަ ބޭނުންވަނީ ކޯޗެއްކަން ބުނެލި އެވެ.

ދަންވަރު ތިނެއް ޖަހަން އުޅެނިކޮށެވެ. ބްރޭކް ނަގަން ބޭނުންވެގެން ރިޝްފާ އެދެން ފަށައިފި އެވެ. އަނެއްކޮޅުން އައްޔަދު ވެސް އިރުއިރުކޮޅާ މެސެޖުކުރެއެވެ. ދެފަހަރަކު ކޮބާތޯ ކޮންއިރަކުން ތޯ އަންނަނީ ބަލަންވެގެން ގުޅަންވެސް ގުޅައިފިއެވެ.
"ރިޝް، ދެމީހުންނަށް އެއްފަހަރާ ނުދެވޭނެއެއްނު، ކައުންޓަރު ހުސްކޮށް ބަހައްޓާފަ ދާތަނުން މީހަކު އަތުވެއްޖެއްޔާ..." ޔޫހާ އުޒުރު ދައްކަމުންދިޔަ އެވެ.
"އޯކޭ، އަހަރެން ކައުންޓަރުގައި މިވަގުތަށް އިނދެދޭނެ ކުއްޖަކު ބުނެފިއްޔާ ޔޫހާ ދާނަންތައް، މިގަޑީގަ އަންނާނީ ދެން ކާކު، އެހެންނޫނަސް ބްރޭކް ނަގަންދެވޭނެ އެއްނު ކައުންޓަރު ބަލަހައްޓަން މީހަކު ހުރިއްޔާ....ދެން ބުނެބަލަ ދާނަމޭ، އަޔާ ކިހާ ލޯބިންތައް އެބުނީ ކޮފީ ބޯން ހިނގާށޭ...ޕްލީޒް...ޕްލީޒް...ޕްލީޒް..." ރިޝްފާ ހުއްޓާނުލާ ކިޔަންފެށިއެވެ. އޭނަ އިނީ އައްޔަދު އާއިއެކު ކޮފީ ބޯން ދާހިތުން ކެތްމަދުވެފައެވެ. އޭނައަށް އައްޔަދު ވަރަށް ރީތިވެފައި ހިތްކީއެވެ.

ޒައުލް ރިސެޕްޝަން ކައުންޓަރުގެ ކައިރިއަށް އައިއިރު ޔޫހާއެއް އެތަނަކު ނެތެވެ. އަނެއްކާ އޭނަ ވީތަނެއް ހޯދުމަށް އެނބުރި ކޮޓަރިއަށް ދާކަށް ބޭނުމެއް ނޫނެވެ. އަނެއްކޮޅުން ޔޫހާގެ ނަން ކިޔާކަށް ވެސް އޭނަ ބޭނުމެއް ނޫނެވެ. ކައުންޓަރުގައި ހުރި ސްޓާފަށް ލިފްޓުން ނުކުތް ޒައުލް ފެނުމުން ތެދުވިއެވެ. ޒައުލްއަށް ޔޫހާ ނުފެނުމުން އަނބުރާލާފަ ދާންއުޅެފަ ވެސް އޭނަ ކައުންޓަރުގައި ހުރި ސްޓާފަށް ބަލާލި އެވެ.
"މިތާ ކުރިން ޑިއުޓީގައި ތިބި ސްޓާފުން ކޮބާ؟" ޒައުލް މޫނުމަތިން ސީރިއަސްގޮތް ދައްކާލަމުން އަހާލިއެވެ.
"ސަރ، ބްރޭކްއަށް ދިޔައީ، ދާދި ދެންމެއަކު އެދިޔައީ..." ކައުންޓަރުގައި ޔޫހާ އާއި ރިޝްފާނެއްތަން ފޫބައްދަދެން އައިސް ހުރި ސްޓާފު ބުނެލިއެވެ. އޭނަހުރީ ކުއްލިއަކަށް ޒައުލް އެހެން އެހުމުން ހާސްވެފައެވެ. އަނެއްކާ މައްސަލައެއް ޖެހެން އުޅެނީ ބާއޭ ހިތަށް އަރާފައެވެ.
"ރެސްޓޯރެންޓަށް..." ޒައުލް އެއްއަތް ޖީބަށް ޖަހާލަމުން އަނެއްއަތުން ރެސްޓޯރެންޓު ހުރި ދިމާލަށް އިޝާރާތްކޮއްލާފަދަ ގޮތަކަށް ޝަހާދަތް އިނގިލި ދިއްކޮއްލަމުން އަހާލީ ޔަގީން ކުރާފަދަ ގޮތަކަށެވެ.
"ލައްބަ ސާ..." އަވަސް އަވަހަށް ބޯޖަހާލަމުން އެ ސްޓާފު ޖަވާބުދިނެވެ. ޒައުލް ހަރުކޮށް ހިނގާލާފައި ގޮސް ރެސްޓޯރެންޓުގެތެރެއަށް ވަނެވެ. އެވަގުތު އެތަނުގައި ގިނައީ ސްޓާފުންނެވެ. އެހެންނަމަވެސް ތިން މޭޒެއްގައި ނޫނީ މީހަކު ނެތެވެ. ޒައުލް އިށީނީ މުޅި ރެސްޓޯރެންޓުގެ ހުރިހާ މޭޒެއްހެން ފެންނަ ގޮތަށް އެކަހެރިކޮށް ހުރި މޭޒެއްގައެވެ. އޭނަ އެތަނަށް އެގަޑީގަ ވަނުމުން ތަނަށްވެރިވެފައި އޮތް ސްޓާފުންގެ އަޑު މަޑުވެ ކުއްލިއަކަށް ހިމޭންކަމެއް ވެރިވެއްޖެ އެވެ. ޒައުލްގެ ލޮލުގައި ޔޫހާ އާއި ރިޝްފާ އާއިއެކު އިން ޒުވާނާ ވެސް އަޅައިގަތެވެ. ކޮންމެ މީހަކު މިހާރު ވާހަކަދައްކަނީ ސިއްރުން ކަހަލަ ގޮތަކަށެވެ.
ޔޫހާއަށް ޒައުލް ފެނުމާއިއެކު ކުއްލިއަކަށް ކަމެއް ހަނދާންވީއެވެ. މޭޒުމަތީގައި އޮތް ފޯނަށް އޭނައަށް ބަލާލެވުމާއިއެކު ދުރުގައި އިން ޒައުލްއަށް ބަލާލެވުނެވެ. އޭނަގެ މޫނުމަތީގައިވި ހިނިތުންވުން އެކީގަ ފިލާ ހިނގައްޖެއެވެ. އޭނަ ކުޑަކޮށްވެސް ޒައުލް ދިން ފޯނުގެ މަތިން ހަނދާނެއްނެތެވެ. އޭނަ އެއައީ ގޭގައި އެފޯނު ބާއްވާފަ އެވެ.
"އޭ...ކާކުތަ އެއީ، އެންމެންގެ އަޑުތައް ކަނޑައިގެން ގޮސްފި އޭނަ ފެނިފަ، ޔޫހާގެ މޫނުގެ ކުލަވެސް ބަދަލުވެއްޖެ، މިހާރު ހީވަނީ ބްލެކް އެންޑް ވައިޓް ފިލްމުތަކުގަ ފެންނަ އެކްޓްރެސް އެއްހެން، މޫނުމަތީގައި ހުރި އުޖާލާކަން ގެއްލިއްޖެ..." އައްޔަދު ޔޫހާގެ ދަތްދޮޅީގައި އިނގިލި ޖައްސާލަމުން އޭނަ އާއި ދިމާލަށް މޫނު އަނބުރާލިއެވެ. ދުރުގައި އިން ޒައުލްއަށް މިމަންޒަރު ފެނުމުން ދަތްތަކަށް ބާރުކޮއްލުމާއިއެކު ފައިގެ އިނގިލިތައް ކުރުކޮއްލެވުނެވެ. ވަގުތުން ގޮސް އެޒުވާނާގެ އިނގިލި ބިންދާލަން އޭނަ ހިތަށް އެރިއެވެ.
"އަޔާއަށް ނޭގޭތަ... އެއީ ޒައުލް، އަހަރުމެންގެ ބޮސް، މަންސޫރުކޯގެ ނިއު ފޭސް... ހެންޑްސަމް ދޯ، އެކަމަކު އަޔާ ވަރެއް ނުވޭ އެނގޭ، މި ޔޫހާ ވަރަށް ފިނޑިވާނެ، އަބަދުވެސް އުޅޭނީ ވެރިއަކަށް ފެނިދާނެތީ... ކޮބާތަ މައްސަލައަކީ، އަހަރުމެން މިއައީ ބްރޭކް ގަޑީގަ، މިވަގުތު މީ ހޮޓެލް އެންމެ އަމާންގަޑި...." ރިޝްފާ އައްޔަދުގެ ސުވާލުތަކަށް ޖަވާބުދިނެވެ.
"އޯ....އެއީތަ ޒައުލްއަކީ...ހޫމް، ގޯހެއްނޫން...ދޯ ޔޫހާ...އެކަމަކު ރިޝްވެސް ތިބުނީ ތެދެއް، އަހަރެން ވަރެއް އޭނަ ނުވާނެ ދޯ....ހެ ހެ ހެ ހެ" އައްޔަދު ސަމާސާގެ ރާގެއްގައި ހީލިއެވެ.

ޒައުލްއަށް ހީވަނީ ޔޫހާ އޭނައަށް ކަމެއް ދައްކަން މަސައްކަތް ކުރަނީހެނެވެ. އޭނަގެ ރުޅި ގަދަވަމުންދިޔައީ ހިތަށް ކުރާ އަސަރާ އިޙްސާސްވަމުންދިޔަ ތޫނުތަދުންނެވެ. ލޯބިވާ ވާހަކަ ބުނީމަ ޔޫހާއަށް ކަންތައް ކުރަން އެނގުނީ އެގޮތަށް ބާއެވެ. އަންހެނުންނަކީ ފިރިހެނުން ބަލިކަށިކުރާ ބައެކެވެ. ހިތް ނުބައި ބައެކެވެ. ޒައުލްގެ ދެ ލޮލުން އޭނަ ޔޫހާ އަނދާ އަޅިއަށް ހަދާލަން ބޭނުންވާކަން ފެންނަމުންދިޔަ އެވެ. އެހާވެސް ތޫނު ނުރުހުމުގެ ބަލާލުމެކެވެ. އޭނަ ދެކުނު ގޮތުގައި ޔޫހާގެ ހިތުގައި އޭނަގެ އިޙްސާސްތަކަށް އެއްވެސް ގަދަރެއްނެތެވެ.

ކޮމެންޓް 0