"ޔޫ މޭ ގޯ ނައު..." ޒައުލް އޭނަގެ ކުރިމަތީ ހުރި ބިދޭސީ މީހާއަށް އެހެން ބުނެލަމުން ޔޫހާ އާއި ދިމާލަށް އެއްކޮށް އެނބުރިލި އެވެ. އަދި މަޑު ހިނގުމެއްގައި ޔޫހާގެ ގާތަށް ދިޔައިރު ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވެފައި ވެއެވެ.
"މީ ދެން އަހަރެން ހުޅުވަން ގަސްދުކޮއްފައިވާ ހޮޓެލް... ޕާކްވިއު ކަހަލަ ފުރިހަމަ ތަނަކަށް ހަދަން ބޭނުންވަނީ، މަސައްކަތް މިކުރަނީ މިތަނުގައި އަސާރީ ގޮތް ދައްކާލުމަށް..." ޒައުލް ވާހަކަ ދައްކަމުން ދިޔައީ ވަރަށް ހަމަޖެހިލާފައި ހުރެއެވެ.
"ކީއްކުރަން އަހަރެން ގެނައީ..." ޔޫހާ ބުނެލި އެވެ.
"އެއްފަހަރު ވެސް ރުޅި ނައިސް އަހަންނާ ވާހަކަ ދައްކާލަބަލަ، އަބަދު ތިހުންނަނީ ދެ ބުމަ ގޮށްޖަހައިގެން، ޔޫހާ އަކާ ނުވެސް ގުޅޭ... ނިކަން ކުރިން ހުންނަހެން ހިނި އައިސްފައި ހުރެބަލަ" ޒައުލް ޔޫހާގެ ކުރިމަތީ ހުއްޓިލަމުން އޭނަގެ ދެ އަތް ފަޓުލޫނު ޖީބަށް ޖަހާލާފައި ބުނެލި އެވެ.
"މިހާރަކު ނުޖެހޭނެ އެހެން ހުންނާކަށް، ޒައުލްތީ އެވަރުގެ މީހެއްނޫން... މީކީ ކުރީގެ ޔޫހާއެއް ނޫން، އެހެން ނޫނަސް ޒައުލް ކަންތައް ތިކުރަނީ މީހަކު ހިތް ހެޔޮ ކަމާއެކު އަނގައިން ބުނާ ގޮތަށްވިއްޔަ، ބޭކާރު ވާހަކަ އަޑުއަހާނެ ވަގުތެއް އަހަރެންގެ ނެތް، ކީއްކުރަންތަ އަހަރެން ގެނައީ" ޔޫހާ ޒައުލްއަށް ބަލާލަމުން އަދި ކުރިއަށްވުރެ ބޮޑަށް ލޯ އަޅާލި އެވެ.
"އަހަރެން ޔޫހާ ގެނައީ ގަދަކަމުންނެއް ނޫން، އެކަމަކު އައީތީ ޝުކުރުވެރިވަން" ޒައުލް ކުރިއަށްވުރެ ޔޫހާ އާއި ގާތްވެލަމުން ބުނެލި އެވެ. އެކަމުގެ ސަބަބުން ޔޫހާއަށް އުނދަގޫވެއްޖެކަން އެނގުމުން ވެސް އޭނަގެ ކައިރިއަށް އައީ ލާނެތް ހިންޏެކެވެ. އޭނަގެ ބޭނުމަކީ ޔޫހާ ރުޅިއަރުވާލުންހެން ހީވާކަހަލައެވެ.
"އެކި ގޮތްގޮތުން ޒައުލް އަހަންނަށް މަޖުބޫރު ކުރުވަނީ ކީއްވެތަ؟ އަހަރެންގެ ވަޒީފާ އާއި ގުޅުވައިގެން ޒައުލް ދޭ އިންޒާރުތައް ހެއްކަކަށް ނުފުދޭތަ؟ އެއީ މަޖުބޫރުކުރުވުން ނޫން ދެން އެހެން ކޮންކަމެއް؟" ޔޫހާ ފަހަތަށް ފިޔަވަޅެއް އަޅާލަމުން ބުނެލިއެވެ.
"ޖަމާލް ދިން ކަރުދާސްކޮޅުގައި އަހަރެން އެކަހަލަ އެއްވެސް އެއްޗެއް ބުނެފައެއް ނުވާނެ، އޭގައި އޮންނާނީ އަހަރެން ޔޫހާ އާއި ބައްދަލު ކޮއްލަން ބޭނުންވާ ވާހަކަ، އެހެންވީމަ ޖަމާލް އާއިއެކު އައިސް ދިނުމަށް... އަހަރެން ޔޫހާ އާއި ދައްކަން ބޭނުންވާ ހުރިހާ ވާހަކައެއް އަދި ދައްކައެއް ނުނިމޭ، ބުނަން... ޔޫހާގެ ވަޒީފާ އާއިމެދު ހާސްވާކަށް ނުޖެހޭނެ، އަހަރެން ޔޫހާ ވަޒީފާއިން ވަތްކެއް ނުކުރާނަން... ދެން ކަންބޮޑުވަނީ ޝާއިންގެ ވަޒީފާއަށް ބުރުލެއް އަރާފާނެތީތަ، އެކަމާވެސް ކަންބޮޑު ނުވޭ، އޭނަގެ ވަޒީފާ ވެސް ނުގެއްލޭނެ ކަމުގެ ޔަގީންކަން ދެން" ޒައުލް ބޯ އަރިކޮށްލަމުން ޔޫހާއަށް ބަލަންހުރެ ބުނެލި އެވެ.
"އޭގެ އަގަކީ ކޮބާ؟ ކަލޭމެން މުއްސަނދިންނަށް ފައިދާ ނުވާގޮތަށް އެއްވެސް ކަމެއް ނުކުރާނެ، ކޮންމެ ކަމަކީ ވިޔަފާރި އުސޫލުން ނިންމާލަން ބޭނުންވާ ކަމެއް..." ޔޫހާ މިހެން ބުނެ ޒައުލްއާއި ދުރަށް މޫނު އަނބުރާލި އެވެ.
"މިތާ ހުރެ ދެފަޔަށް ލޭ ފޭބުމަށްވުރެ ރަނގަޅުވާނެ ކަންނޭގެ ހަމަޖެހިލައިގެން ވާހަކަ ދައްކާލުން، ސައި ބޮއެފިންތަ؟ އަހަރެން އަދި ނުބޮން، އަހަންނާއެކު ހެނދުނު ނާސްތާގައި ބައިވެރިވެލަންވީނު" ޒައުލް ޔޫހާއަށް ދައުވަތު އެރުވިއިރު ޔޫހާ ބުނިއެއްޗެއް އަޑު ނީވޭކަހަލަ އެވެ. އަދި ދެފަރާތުގައި މައްޗަށް އަރަންހުރި ސިޑީގެ ތެރެއިން އެއް ސިޑިއާއި ދިމަލާށް އަތް ދިއްކޮލަމުން ޔޫހާގެ އުނަގަނޑުގައި ފަހަތުން އަތް ޖައްސާލި އެވެ. އެއާއިއެކު ޔޫހާ ހަށިގަނޑަށް ކުޑަ ލޮޅުމެއް ގެނެސް ޒައުލް އާއި ދުރަށް ޖެހިލި އެވެ. ޒައުލް ދެ އަތް މައްޗަށް ނަގާލަމުން ދެން އަތް ނުލާނަން ކަމަށް އިޝާރާތުން ދައްކާލި އެވެ. ޔޫހާ ޒައުލް އިޝާރާތްކުރި ސިޑިއާއި ދިމާލަށް ހިނގައިގަތެވެ. މަސައްކަތުގެ ސަބަބުން ހިރަފުސްވެފައިވާ ސިޑިން ޔޫހާ އަރައިގެން ދިޔައީ ވަރަށް ވެސް ބަލައިގެންނެވެ. ޒައުލް ދެ ފަރާތަށް ހުޅުވޭގޮތަށް ހަދާފައި ހުރި ދޮރެއް ހުޅުވާލިއެވެ. ތަން ވަރަށް ވެސް ފުރިހަމައެވެ. ކުލަކުލައިގެ އޮމާން މާބުލްސް ތަޅުން ސާފުކޮށްފައިވާކަން ފާހަގަކުރެވެ އެވެ. ތަނުގެ މެދުގައި ވަށް މޭޒަކާއި ދެގޮނޑި ހުއްޓެވެ.
"އަހަރެން ރޭސުއްރެ ނުނިދާ މިހިރީ، އަހަރެން ގެއަށް ދާން ބޭނުން..." ޔޫހާ ބުނެލި އެވެ.
"ޝާއިން އެއީ ދަރިފުޅުގެ ބައްޕަތަ؟ ނޫންދޯ... އޭނަގެ ދަރިއެއް ނުހުންނަ ކަމަށްވަނީ" ޒައުލް އިށީނނަމުން ޔޫހާއަށްވެސް އިށީނުމަށް ގޮނޑިދައްކާލާފައި ބުނެލި އެވެ.
"ޒައުލްއަށް ކީއްތަ" ޔޫހާ ގޮނޑީގައި އިށީނދެ އެއްފައިމައްޗަށް އަނެއްފައި އަރުވާލަމުން މެޔާއި ދިމާލުން ދެއަތް ހުރަސްކޮއްލި އެވެ.
"އަހަރެންގެ ސުވާލަށް ޖަވާބު ދީބަލަ؟ ޔޫހާގެ ފިރިމީހާ ކޮބާތަ؟ ކީއްވެތަ ވަރިކުރީ... ކިޔާންގެ ބައްޕައަކީ ކާކުތަ؟ މިހެން މިއަހަނީ ޝާއިންއަކީ ކިޔާންގެ ބައްޕަ ނޫންކަން އަހަންނަށް ޔަގީންވާތީ" ޒައުލް ކާން ފެށުމުގެ ކުރިން އެތައް ސުވާލެއް ކުރިއެވެ.
"އަހަރެންގެ ފިރިމީހާ ކޮބާތޯ ނޫނީ ކިޔާންގެ ބައްޕައަކީ ކާކުތޯ އަހަން ޒައުލްތީ ކާކު؟" ޔޫހާ ޒައުލްއަށް ބަލައިލުމެއްނެތި ބުނެލި އެވެ.
"ކިހިނެއްވީ ހަރާން ދަރިއެއްވީމަތަ... ދަރީގެ ބައްޕައަކީ ކާކުކަން ވެސް ނޭގެނީ..." ޒައުލްގެ ޖުމްލަ ފުރިހަމަ ނުވަނީސް އޭނަގެ ކަންކަށީގައި ހޫނުކަމާއިއެކު އައި ޔޫހާގެ އަތްތިލަ ބީހިގެންދިޔަ އެވެ. އެވަގުތު އަނގަޔަށް ލަމުންދިޔަ އޫވެސް ވިއްސައިގެންދިޔަ އެވެ. ވީތަދުން ޒައުލްއަށް އޭނަގެ މޫނުގައި ފިރުމާލެވުނެވެ. އޭނަގެ ކުރިމަތީ އިން ޔޫހާއަށް ބަލާލިއިރު އެ ދެލޮލުގައިވި ރުޅިވެރިކަމާއިއެކު ރަތްވެ ފެންކަޅިވަމުން ދިޔަތަން ޒައުލްއަށް ފެނުނެވެ. ޔޫހާ ކުއްލިއަކަށް ތެދުވުމާއިއެކު ޒައުލް ވެސް ތެދުވިއެވެ.
"އަހަރެންގެ ކަންފަތްމަތީ ޖެހުމަކުން ޖަވާބު ލިބުނީކަމުގައި އަހަރެން ނުދެކެން" ޒައުލް ބުނެލި އެވެ. ޔޫހާ ޒައުލްގެ ކުރިމަތިން ދިއުމަށްޓަކައި ދުއްވައިގަތް ވަގުތު ޒައުލްވެސް ޔޫހާގެ ފަހަތުން ދުއްވައިގަތެވެ. ދޮރާހަމައަށް ނުދެވެނިސް ޔޫހާގެ އަތުގައި ހިފާ އޭނަ އާއި ދިމާލަށް އަނބުރާލަމުން ލުއްކެއްޖެހި އެވެ. ޔޫހާ ސިހިނު ވަރުންނާއިއެކު ހިތުގެ ތެޅުން އަވަސްވި އެވެ. އަދި ޔޫހާގެ ލޮލުން ވެއްޓުނު ކަރުނަ ތިކި ޒައުލްގެ ޝަހާދަތްއިނގިލިން ފޮހެލި އެވެ.
"ތިހާބޮޑު ބަދަލެއް ޔޫހާއަށް އަންނަންވީ ސަބަބެއް އޮޅުން ފިލުވަން އަހަރެން ބޭނުންވަނީ" ޒައުލް މިހެން ބުނެލިއިރު ވެސް ހުރީ ޔޫހާގެ އަތުގައި ހިފަހައްޓައިގެންނެވެ.
"ކިޔާންއަކީ ބައްޕަނެއް ކުއްޖެއް ނޫން... އެއްވެސް އަންހެނަކު ފިރިހެނަކާއި ނުލާ ބަލިވެއެއް ނީންނާނެ" ޔޫހާ އިސްޖަހާލަމުން ބުނެލި އެވެ.
"ތިވަރު އަހަންނަށް ނޭނގެން އަހަންނަކީ ކުޑަކުއްޖެ ނޫނޭ... އަހަރެން މިއަހަނީ ޔޫހާ ކައިވެނި ކުރީ ކޮން އިރަކުހޭ، އެއީ ޖަވާބު ނުދެވޭވަރުގެ ސުވާލެއް ކަމަކަށް އަހަންނެއް ނުދެކެން" ޒައުލްގެ އަޑުގައިވަނީ ހަރުކަށި ކަމެވެ.
"އަހަރެން.... އަހަރެން ކައިވެންޏެއް ނުކުރަން" ޔޫހާއަށް ކުޑަކޮށް ރޮވެމުން ބުނެލެވުނެވެ.
"ޝާއިންތަ..." ކުއްލިއަކަށް ޒައުލްއަށް އަހާލެވުނެވެ. އެއާއިއެކު އިސްޖަހާލައިގެން ހުރި ޔޫހާ ދެ ފަރާތަށް ބޯހޫރުވާލި އެވެ.
"ދެން ކާކު؟ ޔޫހާއަށް އެފަދަގޮތަކަށް އަނިޔާވެރިވާން ކެރުނު މީހަކީ ކާކު؟" ޒައުލް ޖަވާބު ބޭނުންވެފައިވާކަން އޭނަގެ އަޑުންވެސް އެނގެއެވެ.
"އެއީ މީގެ ހައަހަރު ކުރިން، އަނިޔާވެރިވި މީހާ އަނިޔާވެރިވީ އޭނަގެ އަމިއްލަ ނަފްސަށް... އަހަރެން ދެކުނީ އެގޮތަކަށް ނޫން، އަހަރެން ދެކުނީ އެއީ ލޯބިކަމުގަ، އެންމެ ރެއެއްގެ ލޯބިން، ނުފިލާވަރުގެ ނިޝާނެއް ފާޅުވެދާނެ ކަމަކަށް ހީއެއް ނުކުރަން..." ޔޫހާ ލޯފޮހެލަމުން ބުނެލި އެވެ.
"ކީކޭ... ނުވާނެ ތިހެނެއް، ޔޫހާ ބުނަން ތިއުޅެނީ ކިޔާން އެއީ އަހަރެންގެ ދަރިއެކޭތަ... ނޫން ނޫން، އަހަރެން ގަބޫލެއް ނުކުރާނަން، އަހަރެންގެ ދަރިއެއް ނުހުންނާނެ" ޒައުލް ޔޫހާގެ އަތުން ދޫކޮށްލަމުން ދުރަށް ޖެހުނެވެ.
"ހަގީގަތް އެނގުމުން ގަބޫލުކުރަން ދަތިވީދޯ؟" ޔޫހާ ޒައުލްއަށް ބަލާލަމުން ބުނެލި އެވެ.
"ތީ އޮޅުވާލުމެއް، އެރެއަށްފަހު އެފަދަ ގޮތަކަށް ޔޫހާ ނޫޅޭ ކަމެއް އަހަންނަށް ކިހިނެއް އެނގެނީ، އަހަރެންގެ ފަރާތުން ބަދަލު ހިފާލަން ބޭނުންވަނީ ދޯ، އެހެންވެ ރޭވި ރޭވުމެއްދޯ ތީ... އަހަރެން ބަދުނާމު ކޮއްލުންތަ ބޭނުމަކީ؟ އެހެން ހީ ނުކުރައްޗޭ، ޔޫހާގެ ތިމަޅީގައި އަހަރެން ނުޖެހޭނަން" ޒައުލްއަށް ޔޫހާގެ ވާހަކަތައް ގަބޫލުކުރަން ދަތިވިއެވެ. ލިބުނު ކުއްލި ހައިރާންކަމާއިއެކު ރަނގަޅަކަށް ނުވިސްނުނެވެ.
"އަހަރެންގެ ދަރިފުޅު ނުބެލިގެން މީހެއްގެ ބޮލުގަ އަޅުވާކަށް އަހަރެން ނޫޅެން، އަހަންނާއި ޝާއިން އާއި ދެމެދު އެއްވެސް ގުޅުމެއްނެއް، ޝާއިންއޭ ކިޔައިގެން ދެއްކި ވާހަކައަކީ ޒައުލްގެ ކިބައިން ސަލާމަތްވުމަށް ދެއްކި ބަހަނާތަކެއް، އަހަރެންގެ ދިރިއުޅުމުގައި ކިޔާން ނޫން އެހެން ފަރާތެއްނެއް... ޒައުލް ކައިރިން އާދޭސް މިކުރަނީ އަހަރެންގެ އަމިއްލަ ހާލައިގެން އަހަރެން ދޫކޮށްލާ، އަހަރެން ޒައުލް ބަދުނާމު ކުރާކަށް ނޫޅެން، ކިޔާންއަކީ ހަމައެކަނި އަހަރެންގެ ދަރިއެއް" ޔޫހާ އާދޭހުގެ ރާގެއްގައި ބުނެލި އެވެ.
"މިތަނުން ބޭރަށް ތިދެއްކި އެއްވެސް ވާހަކައެއް ނުކުންނާކަށް އަހަރެން ބޭނުމެއްނޫން، ޔޫހާ ހަނދާންކުރާތި، އަހަރެންގެ ކަންފަތާއި ހަމައަށް ކިޔާންއަކީ އަހަރެންގެ ދަރިއެކޭ ކިޔައިގެން އަޑުއިވިއްޖެނަމަ ޔޫހާގެ ދިރިއުޅުން ނަރަކައަކަށް ހަދާލާކަށް އަހަރެން ފަހެއް ނުޖެހޭނެކަން ދަންނާތި... މިއަދު އަހަންނަށް ޔޫހާގެ ފެންވަރު އެނގިއްޖެ، ހީކުރީ ރޮއެ ރޮއެފަ އަހަރެންގެ ބޮލުގަ ތިފަދަ ބޮޑުކަމެއް އެޅުވިދާނެކަމަށްތަ، އަހަރެންގެ އާއިލާގެ ނަން އަހަރެންގެ ސަބަބުން ހަޑިވިޔަކަ ނުދޭނަން، އަހަންނަށްވެސް އެނގޭ ބަދުނާމު ކުރަން... އަހަރެންގެ ކުރިމަތިން ދޭ، މިތަނުން ނުކުމޭ... ހިލޭ ފިރިހެނުންނާއިއެކު ބޭނުންހާ ގޮތަކަށް އުޅެފަ އެކަމުގެ ބަދުނާމު އަހަރެންގެ ބޮލުގަ އަޅުވަން، ތިމުޑުދާރު މޫނު އަހަރެން ދެކޭކަށް ބޭނުމެއް ނޫން" ޒައުލްއަށް ރުޅި އާދެވުނީ ކީއްވެކަމެއް ނޭގެއެވެ. ޔޫހާއަށް ކުރިއަށްވުރެ ބާރަށް ރޮވުނެވެ. އޭނަގެ މުޅި ހަޔާތުގައި ވެސް އެހަށިގަނޑުގައި ހަމައެކަނި ބީހުނު ފުރަތަމަ ފިރިހެނަކީ ޒައުލް އެވެ. އެކަން އޭނައަށް އެނގޭއިރު ވެސް ދޮގު ކުރަނީ އެވެ. ފާޅު ނުކުރިޔަސް އޭނަގެ ހިތުގައި އަދިވެސް ޒައުލްއަށްޓަކައި ލޯބިވެ އެވެ. އިންތިހާއަށް ލޯބިވެއެވެ. ހިތަށް ތަދުވީ އެހެންވެއެވެ. ގިސްލާފައި ރޯން ފެށުނީ އެހެން ވެއެވެ. ޒައުލްގެ ކުރިމަތީގައި ވެސް އޭނަ ބަދުނާމުވުން ނޫން ކަމެއް ނުވިއެވެ. ދުވެފައި އެތަނުން ނުކުމެގެން ޔޫހާ ދިޔައިރު ޒައުލް ފުރަގަސް ދީގެން ހުރިގޮތަށް ހުރީއެވެ. އޭނައަށް ނިތުގައި އަތް ހާކާލެވުނެވެ. ޔޫހާގެ ފަރާތުން އެފަދަ ޖަވާބެއް ލިބިދާނެ ކަމަށް އޭނައަށް ހީނުކުރެވުނީ އެވެ.
"ޔޫހާ..." ސިޓިން ރޫމުގައި ކިޔާންއަށް ދޮންކެޔޮ ވަކެއް ކާންދޭން އިން އަފްލީންއަށް ދޮރުން ވަދެގެން އަވަސް ފިޔަވަޅުގައި ކޮޓަރިއާއި ދިމާލަށް ދިޔަ ޔޫހާ ފެނުމުން ގޮވާލެވުނެވެ. ޔޫހާ ފެނި އޭނަ ރޮނީކަން ވަގުތުން އަފްލީންއަށް ނަގައިގަނެވުނެވެ. އަފްލީން ގޮސް ޔޫހާގެ ކޮޓަރިއަށް ވަންނަން އުޅުނުއިރު ދޮރުހުރީ ތަޅުލާފަ އެވެ. ދޮރުގައި ދެ ތިން ފަހަރަށް ޖަހާލަމުން އަފްލީން ގޮވާލިއެވެ. އަފްލީން ދޮރުގައި ޖަހާތަންފެނި ކިޔާން ވެސް އައިސް ދޮރުގައި ތަޅަންފެށި އެވެ. އަދި ޔޫހާއަށް ގޮވަންފެށި އެވެ. އޭނަގެ ޅަސިކުނޑިއަށްވީ މަޖާކަމަކަށެވެ. ޔޫހާ ދޮރު ނުހުޅުވުމުން އަފްލީން އަވަސްވެގަތީ ޝާއިންއަށް ގުޅުމަށެވެ.
"އެހެންތަ، ކިހިނެއްވީބާ، ދެންމެތަ އެއައީ ގެއަށް... ހާދަ ފަހުން" ފޯނުން ޝާއިން ބުނި އަޑު އިވުނެވެ.
"ދޮންބޭ، ޔޫހާ ކޮންމެވެސް ކަމަކާ ވަރަށް ދެރަވެގެން އެއައީ، އެހެން ނޫނީ އޭނަ ނުރޯނެ... ޔޫހާ ދުވަހަކުވެސް ރޯ ތަނެއް މިނޫނީ ނުފެނޭ... ދޮންބެ އަންނައްޗޭ ތަންކޮޅެއް އަވަހާ، އިރުކޮޅަކުން އަހަރެން ސްކޫލަށް ދާން ވެސް އެބައޮތް" އަފްލީން ކަންބޮޑުވެފައިހުރިވަރު ޝާއިންއަށް އެނގުނެވެ.

އެނދުމައްޗަށް ބަންޑުން ވެއްޓިގެން އޮތް ޔޫހާ ރޮމުންދިޔަ އެވެ. އަމިއްލަ ނަފްސާ އެތައް ވާހަކައެއް ދެއްކިއެވެ. އޭނައަކީ މުޑުދާރު އަންހެނެއް ނޫންކަން ބުނަމުންނެވެ. ޒައުލްގެ ބޮލުގައި ދޮގު އިލްޒާމެއް ނާޅުވާކަމެވެ. އެހުރިހާ ކަމަކަށް ހެއްދެވި ފަރާތް ހެކިވާނެ ކަމުގައި ބުނަމުންނެވެ. އެހިތަށް ޝިފާއެއް ލިބޭނީ ކިތަށް ފަހަރު އެހިތް ކުދިކުދި ވެގެންބާއޭ އަމިއްލަ ޒަމީރާ ސުވާލުކުރެ އެވެ. މި އަނިޔާވެރި ދުނިޔެއަށް ފަހުނޭވާ ދޫކޮއްލަން ޔޫހާ ކިތަންމެހާ ވެސް ބޭނުމެވެ. ލަދުގަންނުވާލާ ދުނިޔެއަށް ބޭޒާރު ވެގެން ދިއުމަށް ޒައުލް އޭނަ ދޫކޮއްލީ އެވެ. އަދިވެސް އިތުރަށް އޭނަ އެދަނީ ޔޫހާ ބަދުނާމު ކުރަމުންނެވެ. އަމިއްލަ ނަފްސާ ވެސް ކުރިމަތި ނުލެވޭނޭހާ ވަރަށް ޔޫހާގެ އަގުވައްޓާލަން ޒައުލް ބޭނުންވަނީ ހެއްޔެވެ.

"ޔޫހާ...އަހަރެން މިދަނީ ސްކޫލަށް، ކިޔާން ސިޓިންރޫމުގަ އެކަނި މިހިރީ..." އަފްލީން ސްކޫލަށް ދާން ނުކުންނަމުން ޔޫހާގެ ކޮޓަރި ދޮރުގައި ޓަކި ޖަހާލާފައި ބާރަށް ބުނެލިއެވެ. ޔޫހާގެ ހަބަރެއް ނުވެގެން އެންމެ ފަހުން އަފްލީން ގޭން ނުކުތީ ސްކޫލަށްދާ ގަޑި ޖެހިދާނެތީ އެވެ. އަފްލީން ގޭން ނުކުތް އަޑުއިވުމާއިއެކު ޔޫހާ ދެ ލޯ ފޮހެލަމުން ކޮޓަރިން ނުކުތީ ދަރިފުޅަށްޓަކައެވެ. ހުރިހާ ބުރައަކާއި ބަދުނާމެއް މިހާ ދުވަސްވަންދެން ތަޙައްމަލު ކުރަމުން އައީ އެދަރިފުޅަށް ޓަކައެވެ. އެޅި ކޮންމެ ފިޔަވަޅެއް އަޅައިފައިވަނީ އެދަރިފުޅުގެ މުސްތަޤުބަލު އުޖާލާ ކުރުމަށްޓަކައެވެ.

މެންދުރު ގެއަށް އައި ޒައުލް ހަވީރު ވިއިރުވެސް ކޮޓަރިން ނުނިކުމެވެ. ލޫލުއާ ކޮޓަރީގައިޓަކި ދެމުން ގޮވާލި އެވެ. އެއާއިއެކު ޒައުލް އަވަސް އަވަހަށް ފާހާނާއަށް ވަނެވެ. ލޫލުއާ ޒައުލްގެ ހަބަރެއް ނުވުމުން މަޑުމަޑުން ދޮރުހުޅުވާލި އެވެ. ރޫޖެހިފައިވާ އެނދުގައި ޒައުލް ނެއްކަން އެނގުނީ އިރުކޮޅަކު ބަލަހައްޓައިގެން ހުރި ފަހުންނެވެ. އެހެނީ ކޮޓަރީގައި އަލި ކަމެއް ނެއްތަނުގައި އަލި ވަންނަން ހުރި ހަމައެކަނި ކުޑަދޮރުގެ ފޮތިގަނޑު ވެސް ވަނީ ދަމާ ނިވާކޮށްފަ އެވެ.
"ޒައުލް، މީ ދޮންތައޭ، ފާހާނާގަތަ؟ މާމަ އާއި ބައްޕަ ކަންބޮޑުވެގެން އެބައުޅޭ ކޮއްކޮގެ ހަބަރެއް ނުވެގެން، ސައިބޯން އާދޭ އެނގޭ... ހުރިހާ އެންމެން އެބަތިބި ސައި މޭޒު ދޮށުގަ" ލޫލުއާ ފާހާނާ އާއި ކައިރިވެލަމުން ބުނެލި އެވެ. އޭރު މޫނު ދޮންނަ ތަށީގައި ދެ އަތުން ހިފަހައްޓާލައިގެން ލޯ ގަނޑަށް ބަލަހައްޓައިގެން ޒައުލް ހުރީ ބަހެއް ވެސް ބުނެ ނުލައެވެ.

ކޮމެންޓް 0