ހާސްވެކަންބޮޑުވެފައި ހުރި ޒައުލް އެކަން އޭނަގެ މޫނުމަތިން ނުދެއްކުމަށް ލާއިގާއަށް ހިނިތުންވެލިއެވެ. ޔޫހާގެ އުނަގަނޑުގެ ފަހަތުން ޒައުލް ޖައްސާލިއަތް އެތެރެއަށްވަދެގެން އައިއިރުވެސް ދުރުކޮއްނުލައެވެ. ކިޔާން ހިފައިގެން ހުރި ޔޫހާގެ އަތްތިލައަށް ކުޑަކޮށް ބާރުކޮއްލުމާއިއެކު ޔޫހާ ކިޔާނަށް ބަލާލިއެވެ. އެތުއްތު މޫނުމަތިންވެސް ޖެހިިލުންވެފައިހުރިކަމުގެ އެއްވެސް ނިޝާނެއް ޔޫހާއަށް ނުފެނުނެވެ. ލާއިގާ ޒައުލް އާއި ޔޫހާއަށް ހިނިތުންވެލުމާއިއެކު ޔޫހާގެ އަތުގައި ހިފައިގެން ހުރި ކިޔާންއަށް ބަލާލިގޮތަށް އޭނަ އެހެން ހުރިހާ ކަމެއްގެ މަތިން ހަނދާންނެތުނު ކަހަލައެވެ.
"މާމާ...ޔޫހާ..." ޒައުލްގެ އަޑު ދާދިގާތުން އިވުނެވެ. ލާއިގާއަށް ސިހިފައި ޒައުލްގެ މޫނަށް ބަލާލެވުނެވެ. އޭރު ލާއިގާގެ މޫނުމަތީގެ ކުލަވަރުތައް ހުރިގޮތުން ހީވަނީ އޭނައަށް ބިރުވެރި މަންޒަރެއްފެނިގެން ހުއްޓުން އަރާފައި ހުރިހެނެވެ. ޒައުލް ދެވަނަ ފަހަރަށް ލާއިގާއަށް ގޮވާލިއެވެ. ލާއިގާ އެއްފަހަރު ޒައުލްއަށް ބަލާލަމުން އަނެއްފަހަރު ކިޔާންއަށް ބަލާލިއެވެ. އަދި އޭނަގެ އަތްތިލަ މަޑުމަޑުން ކިޔާންގެ މޫނުގައި އަތްލުމަށް ދިއްކޮއްލެވުނެވެ. އެހެންނަމަވެސް އޭނަ ކުއްލިއަކަށް އަތްދަމައިގަންނަމުން އެއަތްތިލާގައި އަނެއްއަތުން ހިފަހައްޓާލިއެވެ. އަދި ބިރުވެރި ހުވަފެނަކުން ހޭލަން ބޭނުންވެފައިވާ މީހަކު ފަދައިން ދެލޯމަރާ ބާރުކޮއްލުމަށްފަހު ދެފަރާތަށް ބޯހޫރުވާލިއެވެ. މީދުވަހަކުވެސް ލާއިގާއަށް ވީގޮތެއްނޫނެވެ.
"ޔޫ....ޔޫހާ، ކިހިނެއްތަ، މީ ހުރިހާ ކުދިންގެ މާމަ އެނގޭ" ލާއިގާ ހިނިތުންވެލަން މަސައްކަތްކުރަމުން ބުނެލިއެވެ. އަދި ކާކޮޓަރި އާއި ދިމާލަށް އަތުން އިޝާރާތްކޮއްލަމުން ސައިތައްޔާރުކޮއްފައި ހުންނާނެކަމަށް ބުންޏެވެ. ވާހަކަ އިތުރަށް ކުރިއަށް ގެންދާނީ ސަޔަށް އިންސާފުކޮއްލާފައި ކަމަށް ބުނެލިއެވެ. ލާއިގާ ވާހަކަދައްކަނިކޮށް ސިޑިންފައިބައިގެން އައި މަންސޫރު ޔޫހާއަށް ފެނުނެވެ. އުމުރުން ދުވަސްވެފައި ވިޔަސް އަދިވެސް ވަރަށް ސްމާޓެވެ. ޒައުލްއަށް ލިބިފައި އެވަނީ އެސްމާޓްކަމެވެ. ކޮންމެވެސް ދުވަހަކުން އިރާދަކުރެއްވިއްޔާ ކިޔާންވެސް ހުންނާނީ އޭނަގެ ބައްޕަ ހެންނެވެ. މިހިޔާލު ހިތަށްވަނުމާއިއެކު މާނައެއްނެތްގޮތެއްގައި ޔޫހާއަށް ހިނިތުންވެލެވުނެވެ.
"ބައްޕާ...މީ ޔޫހާ..." ޒައުލްއަށް ބަލަހައްޓައިގެން ހުރެ ސިޑިން ފައިބައިގެން އައިސް އެމީހުންގެ ގާތުގައި ހުއްޓުނު މަންސޫރަށް ޒައުލް ބުނެލިއެވެ. ފުރަގަސް ދީގެން ހުރި އީލާކް އެއްފަރާތަކަށް ޖެހިލަމުން މަންސޫރަށް ބަލާލީ އެވަގުތުއެވެ. ހަމައެއާއިއެކު މަންސޫރަށްވެސް ކިޔާންފެނިއްޖެއެވެ. އޭނަގެ މޫނުމަތިންވެސް ފެނިގެންދިޔައީ ލާއިގާގެ މޫނުމަތިން ފެނިގެން ދިޔަފަދަ ކުލަވަރުތަކެކެވެ. ހިނިތުންވެލުން ފިޔަވާ އިތުރުއެއްވެސް ކަމެއް މަންސޫރުނުކުރިއެވެ. ލާއިގާ އާއި މަންސޫރު ކުރީގައި ތިބެ ކާކޮޓަރިއަށް ވަނުމަށްދިޔައެވެ. އެމީހުންގެ ފަހަތުގައި ހުރި އީލާކް އަވަސް އަވަހަށް ޔޫހާގެ ގާތަށް ޖެހިލަމުން އަމިއްލައަށް ތަޢާރަފްވެލިއެވެ.
"ދޮންބެ އާއި މެރީކުރަންތަ ތިއުޅެނީ...." އީލާކް ވިސްނުމަކާއިނުލާ އޭނަގެ ހިތަށް އައިސުވާލެއްކޮއްލިއެވެ. ޔޫހާ ހާސްކަމާއިއެކު ޒައުލްއަށް ބަލާލިއެވެ.
"އީލާކް...." ޒައުލް ދެލޯ ބޮޑުކޮއްލަމުން އީލާކްގެ ނަންދަމާލާފައި ކިޔާލިއެވެ. ލާނެތްގޮތަކަށް އީލާކް ހީނލާފައި އަނގަމަތީ އަތްއެޅިއެވެ. ދެންއިތުރަށް އެއްވެސް އެއްޗެއް ނުބުނާނަމޭ ބުނާފަދަގޮތަކަށެވެ. މިތަން ފެނިފަ ޔޫހާވެސް ކުޑަކޮށް ހިނިތުންވެލިއެވެ.
ކާމޭޒުުދޮށުގައި އާއިލާގެ މެންބަރުން ތިބިއިރު އެކަކުވެސް ވާހަކައެއްނުދައްކައެވެ. އީލާކް ކޮންމެވެސް އެއްޗެއް ބުނަން އަނގަހުޅުވާލާފަވެސް ލާއިގާއަށް ބަލާލަނީއެވެ. މަންސޫރު އާއި ލާއިގާގެ ނަޒަރުވަނީ އެއްދިމާލަކަށް ހުއްޓިފައެވެ. ޔޫހާއަށްވެސް އެކަން ފާހަގަ ކުރެވިއްޖެއެވެ. ހުދު އޭނައަށްވެސް މިހާރު ދެތިން ފަހަރަށް ކިޔާންގެ މޫނަށް ބަލާލެވިއްޖެއެވެ. އެކުއްޖާގެ މޫނުގައި އެއްޗެއް ހުރީކަމަށް ހީކޮށެވެ. އެއްގޮތަކަށްވެސް ލާއިގާ އާއި މަންސޫރުގެ ހިތުގައިވާއެއްޗެއް ޔޫހާއަކަށް ނޭގެއެވެ.
"ކޮއްކޮ ނުކާނަން..." ކުރިމަތީހުރި ތަށި މަޑުމަޑުން ދުރަށް ޖައްސާލަމުން ކިޔާން ޔޫހާގެ އަތަށް ދަމާލާފައި ބުނެލިއެވެ. އާދަޔާއި ހިލާފު ހިމޭންކަން ފުނޑު ފުނޑުކޮއްލީ ކިޔާނެވެ. އެހެންނަމަވެސް އެކަމާ ޒައުލް ކަންބޮޑުވިއެވެ. އިތުރު އެއްޗެއް ކިޔާން ބުނުމުގެ ކުރިން ޒައުލް ވާހަކަދެއްކިއެވެ. އޭނައަށް ކިޔާންގެ ގޮތް މިހާރު ކޮންމެވެސްވަރަކަށް އެނގެއެވެ. އެއްތަނެއްގައި މާގިނައިރު ހިމޭނުންއިނުމަކީ އޭނައަށް ފަސޭހަކަމެއްނޫނެވެ. ޔޫހާއެކޭ އެއްގޮތަށް ޒައުލްއަށްވެސް ލާއިގާ އާއި މަންސޫރުގެ ނަޒަރު ކިޔާންއަށް ހުއްޓިފައިވާކަން ފާހަގަވިއެވެ. ކީއްވެކަންވެސް އޭނައަށް އެނގެއެވެ. ކިޔާން ގެންނަން ބޭނުންނުވީވެސް އެސަބަބާހެދިއެވެ. ކިޔާންއަށް ލިބިފައިވާ ސިފައަކީ އޭނަގެ ފަރާތުން ލިބިފައިވާ ސިފައެކެވެ. އެކަމަކު ކިޔާންގެ ވާހަކަދެއްކުމާއި އެއްތަނެއްގައި މާގިނައިރު މަޑުން ހުރުން އުނދަގޫވުމަކީ އޭނަގެ ފަރާތުން އައިސްފައިވާކަމެއްނޫނެވެ. އެއީ ޔޫހާގެ ގޮތެވެ. އެންމެ ފުރަތަމަ އޭނަ އާއި ޔޫހާ ބައްދަލުވެ ދެމީހުން އެކަކުއަނެކަކަށް ދަސްވިކަމަށް ހީކުރެވުނު ދުވަސްވަރު ޔޫހާގެ ޢަމަލްތަކާއި ވާހަކަތަށް ހުންނަނީ އެގޮތަށެވެ. ނަމަވެސް މިހާރު އޭނަ ނޫން މީހަކަށް ޔޫހާގެ އެސިފަތަކެއް ނޭގޭނެއެވެ. މިހާރު ޔޫހާ އާއި ބައްދުލާ ކޮންމެ މީހަކަށް ފެންނާނީ އޭނަގެ ލަދުވެތިކަމާއި މަޑުމައިތިރިކަމެވެ. އެހާވެސް ބޮޑު ތަފާތެއް ޔޫހާއަށް އައިސްވެއެވެ.
"އައިސް ކްރީމް ކާނަން...." ޒައުލް އަވަސް އަވަހަށް ބުނެލިއެވެ. ކިޔާން ހިނިއައިސްފައި ޔޫހާއަށް ބަލާލިއެވެ. ޔޫހާ މަނާކުރަން ބޭނުންވިޔަސް އެއްވެސް އެއްޗެއް ބުނާކަށް ނުކެރުނެވެ. އެފުރުޞަތުގެ ބޭނުންހިފާ ކިޔާން އަވަސް އަވަހަށް އާއެކޭ ބުނެލުމަށް ބޯޖަހާލިއެވެ. ޒައުލް އެތަނުގައި އަޑުއިވޭ ހިސާބުގައި ހުރި ގެންގުޅޭ ކުއްޖަކަށް ގޮވާލާފައި ކިޔާންއަށް އައިސް ކްރީމް ގެނެސްދިނުމަށް ބުންޏެވެ. އެވަގުތު އީލާކް އޭނައަށްވެސް އައިސްކްރީމް ގެނެސްދިނުމަށް ބުންޏެވެ. ހަމަޖެހިލައިގެން އިންނަން ކިތަންމެ މަސައްކަތް ކުރިޔަސް ޔޫހާއަށް ލާނޭވާވެސް ލެވެނީ ވަރަށް މަޑުމަޑުން ވަރަށް ބަލައިގެންނެވެ. އެހާމެ ސިއްރުންނެވެ. ކޮންމެ ހަރަކާތެއްގައިވެސް އަބުއިކަން އެކުލެވިފައި ހުންނަންޖެހޭތީއެވެ.
ސައިބޮއެ ނިމިގެން ލާއިގާ އާއި މަންސޫރު ހިނގައިގަތީ ސިޓިންރޫމުގައި ހުރި ސޯފާތަކާއި ދިމާލަށެވެ. އެމީހުންނާއިއެކު އައުމަށް ޔޫހާއަށްވެސް އިޝާރަތްކޮއްލިއެވެ. އެންމެ ހިނދުކޮޅަކަށްވެސް ޔޫހާ ކިޔާންގެ އަތުން ދޫކޮއްނުލިއެވެ. އީލާކްގެ ސަމާސާތަކުން ކިޔާންވެސް ހުރީ ސަކަރާތްޖަހާލަން ދާންބޭނުންވެފައެވެ.
"މަންމީ...މީ ޑެޑީގެ ހައުސްތަ؟ ހާދަ ބޮޑޭ ދޯ ޑެޑީގެ ހައުސް..." ސޯފާގައި އިށިންނަން އައި ޔޫހާ އާއި ޒައުލް ދިޔައީ ކިޔާންގެ މިވާހަކައިން ސިހިގެންނެވެ. ދެމީހުންނަށް އެއްފަހަރާ އެކަކު އަނެކަކަށް ބަލާލެވުމާއިއެކު ލާއިގާ މެންނަށް ބަލާލެވުނެވެ. ކިޔާން ދެވަނަ އެއްޗެއް ބުނަން އުޅެނިކޮށް ޔޫހާ ހުޝްލައްވާލަމުން އެއްވެސް އެއްޗެއް ނުބުނުމަށް ކިޔާންއަށް އަންގާލިއެވެ. ކިޔާންއަށް ޔޫހާ ހިތްހަމަނުޖެހުނީކަން އެނގުމުން އަވަހަށް ބަސްއަހާކަމަށް ހެދި ގޮތްދައްކާލިއެވެ. ލާއިގާ އާއި މަންސޫރުގެ އިތުރުން އީލާކްވެސް ވަނީ ބޮޑު ސިހުމެއްގެތެރޭގައެވެ. އެންމެންގެ މޫނުމަތިން އެމީހުން އަހަން ބޭނުންވެފަތިބި ސުވާލުތައް ޔޫހާ އާއި ޒައުލްއަށް މިހާރުވެސް ސިފަވާންފަށައިފިއެވެ.
"ޒައުލް...ދަރިފުޅު ދާންވީނު ކިޔާންއަށް ތަންތަން ދައްކާލަން" ލާއިގާ ހިނިތުންވެލާފައި މިހެން ބުނިކަމުގައި ވިޔަސް އަޑުގައިވަނީ ހަރުކަށިކަމެއް އެކުލެވިފައެވެ.
"މާމާ، ރަނގަޅުވާނެ ކިޔާން ނުގެންދިޔަޔަސް، ކިޔާން މިތާ ޓީވީ ބަލާލަން އަހަރުމެންނާއިއެކު އިނދެދާނެ" ޒައުލް މިހެން ބުނެލީ ޔޫހާ އެކަނިކޮއްލާފަ ދާން ބޭނުންނުވެގެންނެވެ.
"ޒައުލް..." ލާއިގާ ޒައުލްއަށް މިފަހަރު ބަލާލީ އޭނަ ބުނިގޮތަށް ކަންތައްކުރާށޭ އަމުރުކުރާފަދަ ގޮތަކަށެވެ. ޒައުލްއަށްވެސް އިތުރަށް ދެކޮޅު ހަދާކަށް ނުކެރުނެވެ. ކިޔާންގެ ގައިގާ ހިފަހައްޓާލައިގެން އިން ޔޫހާގެ އަތުގައި ޒައުލް އަތްޖައްސާލީ އެހެންމީހުންނަށް ނުފެންނާނޭފަދަ ގޮތަކަށެވެ. އަދި ގިނައިރެއްނުވެ ކިޔާން ގޮވައިގެން އެތަނުން ޒައުލް ދިޔައެވެ. ލާއިގާ އީލާކްއަށްވެސް އެންގީ ޒައުލް އާއިއެކު ދިއުމަށެވެ. އީލާކްއަށް ކޮންމެވެސް ކަމެއް ގޯސްވެއްޖެކަން އެނގުނެވެ.
"ޔޫހާ....ޔޫހާގެ ދަރިއެއްތަ އެއީ" ލާއިގާ ދުރުދުރުން އޮޅުން ފިލުވުމުގެ ބަދަލުގައި އެންމެ ފުރަތަމަވެސް އޭނަގެ ހިތުގައި އޮތް ސުވާލުކޮއްލިއެވެ. ޔޫހާ މަޑުމަޑުން ހޫމް ލައްވާލަމުން ބޯޖަހާލީ އާއެކޭ ބުނުމަށެވެ. ސޯފާގައި ކުޑަކޮށް އިށީނދެ ދެފައިކައިރިކޮއްލައިގެން އުނގުގައި ބާއްވާލެވިފައި އޮތް ދެއަތްތިލަ ޖޯޑުކޮށް ބާރުކޮއްލައިގެން އިނީ ލާއިގާ އާއި މަންސޫރުކޮއްފާނެ ސުވާލަކަށް ތައްޔާރުވެ އިންހެނެވެ.
"ކިތައް އަހަރުތަ" ދެންވެސް ސުވާލުކުރީ ލާއިގާއެވެ. ޔޫހާއަށް އެސުވާލުގެ ސަބަބުން އޮޅުން އަރާގޮތްވިއެވެ. އެއީ ލާއިގާ އޮޅުން ފިލުވަން ބޭނުންވީ އޭނަގެ އުމުރުކަމެއް ނޫނީ ކިޔާންގެ އުމުރުކަމެއް ސާފުނުވުމުންނެވެ.
"އަޅުގަނޑަށްތޯ" ޔޫހާއަށް އަހާލެވުނެވެ.
"ނޫން، ދަރިފުޅަށް...." ލާއިގާ ބުނެލިއެވެ. ޔޫހާ އޭގެ ޖަވާބުދިނުމުން ކުޑައިރުކޮޅަކަށް ހަމަހިމޭންކަން ވެރިވެގެންދިޔައެވެ.
"ކައިވެނި ކުރަންތަ ބޭނުންވަނީ" މަންސޫރު ހައިރާންކަމާއިއެކު އަހާލިއެވެ.
"ޒައުލް...ބޭނުންވަނީ އަވަހަށް ކައިވެނި ކުރަން" ޔޫހާ ޖެހިލުންވެފައި އިނދެބުނެލިއެވެ.
"އޭގެ މާނައަކީ ޔޫހާ ކައިވެނި ކުރާކަށް ބޭނުމެއްނުވެއޭތަ؟" ލާއިގާ އަވަސް އަވަހަށް އަހާލިއެވެ. އިސްޖަހާލައިގެން އިން ޔޫހާއަށް ކުއްލިއަކަށް ލާއިގާއަށާއި މަންސޫރަށް ބަލާލެވުނެވެ. ބުނަންނުކެރިފައި އިނދެވެސް އެންމެފަހުން ޔޫހާ އޭނަވެސް ޒައުލް އާއި ކައިވެނި ކުރަން ބޭނުންވާ ވާހަކަ ބުންޏެވެ.
"ކިޔާންގެ ބައްޕަ ކޮބާ....ޔޫހާގެ ދަރިއަކަށް ކިޔާން ވަންޏާ އޭނަގެ ބައްޕަވެސް ހުންނާނެތާ، ވަރިކޮއްފަތަ ހުންނަނީ" ލާއިގާ ޖެހިލުމެއްނެތި ބުނެލިއެވެ. އޭނައަށް ރީތި ގަހަނާ އާއި ރީތި ހެދުމުގެ ނިވަލުގައި އިން ޔޫހާގެ އަސްލު ސިފަ ހާމަވަމުން ދިޔަކަހަލައެވެ. އެންމެ ފުރަތަމަ ޕާޓީއިން ޔޫހާ ފެނުމުން ލާއިގާއަށް ދެވުނު ސަމާލުކަން މުޅިން ބަދަލުވެއްޖެއެވެ. ހީކުރިގޮތާއި ހިލާފަށް ނަތީޖާ ފެންނަންފެށުމުންނެވެ. ޔޫހާއަށް އޭނަގެ ދެއަތްތިލައަށް ބާރުކޮއްލެވުމާއިއެކު ނިތަށް ރޫއަރުވާލިއެވެ. ކިޔާންގެ ބައްޕަ އާއި ބެހޭގޮތުން އެމީހުން ސުވާލުކުރާއިރު އެކަން އެމީހުންގެ ގާތުގައި ބުނަންވީ ހުދު އޭނަބާއޭ ޔޫހާގެ ހިތަށް އަރަމުންދިޔައެވެ.
"ޔޫހާގެ މައިންބަފައިން ދިރިއުޅެނީ މިކޮޅުގަތަ؟ ޒައުލްވެސް އެދުނު ވީހާވެސް އަވަހަކާ ކައިވެނި ކުރަން، ހުރިހާކަމެއް ތިދެކުދިންގެ އާއިލާއަށްވެސް އެންގެންވާނެ ދޯ، ޒައުލްގެ މުސްތަޤުބަލަށް ވިސްނަންވެސް ތިބީ އޭނަގެ މައިންބަފައިން، ގިނަފަހަރަށް އަމިއްލައަށް ނިންމުމެއްނިންމަން ދޫކޮއްލައިފިނަމަ އޮންނަނީ ކޮންމެވެސް ކަހަލަ ގޯހެއް ހެދިފަ....އަމިއްލައަށް ބޮޑުވެއްޖެ ކަމަށް ކޮންމެ ކުއްޖަކުވެސް ހީކުރަނީ، މިގޭގަ ހުރިހާ ކަމެއްވެސް ނިންމާނީ ގޭގެ ބޮޑެތިމީހުން، އެނިންމުމަށް ގޭގެ ކުދިން ދެކޮޅެއް ނުހަދާނެ، އެއީ ބޮޑެތިމީހުން ނިންމާނީ ކޮންމެކަމެއްވެސް އެމީހުންނަށް އެންމެ ފައިދާކުރުވަނި ރަނގަޅުގޮތަށް ކަމަށްވާތީ...." ލާއިގާ ޔޫހާއަށް ކަމެއް އަންގާދޭން މަސައްކަތްކުރާކަހަލައެވެ.
"އަޅުގަނޑުގެ ބައްޕަވަނީ ނިޔާވެފަ، މަންމަ އާއި ދައްތަ މިހާރު އާއިލާގައި ތިބި ބަޔަކީ، އެމީހުން...އެމީހުން އުޅެނީ ރަށުގަ..." ޔޫހާއަށް ލާއިގާ އާކުރިމަތިލާކަށް ނުކެރުނެވެ. އެއަޑުއަހަން އިން ލާއިގާގެ ދެލޯބޮޑުކޮއްލެވުނެވެ. ޔޫހާގެ ފަރާތުން އެކަހަލަ ކިތަށް ހައިރާންކުރުވަނިވި ވާހަކަ އަޑުއިވޭނެބާއޭ އޭނަގެ ހިތަށް އެރިއެވެ. އެހިނދު މަންސޫރުއަށް ލާއިގާ ބަލާލިއެވެ. މަންސޫރުވެސް ނިތަށް ރޫއަރުވާލަމުން ލާއިގާއަށް ބަލާލެވުނީ ގަބޫލުނުކުރެވޭ ފަދަގޮތަކަށެވެ. ޒައުލް އެގެއަށް ގެނެސްގެން އެއުޅެނީ ކިހާފެންވަރެއްގެ ކޮންކަހަލަ އަންހެން ކުއްޖެއްކަމާއިމެދު އެމީހުންގެ ހިތުގައި ސުވާލު އުފެދިފައިވެއެވެ. ޒައުލްގެ ނިންމުމާއިމެދު ލާއިގާގެ ރުހުން ލިބޭނެ މަގެއް އަދިނުފެނެއެވެ.
"ޔޫހާ މާލެއައީ ކޮންއިރަކު، ކިހިނެއް ޒައުލް އާއި ދިމާވީ، އެނގޭތަ އެއީ ކާކުކަން، ކާކުގެ ދަރިއެއްކަން، މީކިހާވަރެއްގެ އާއިލާއެއްކަން އެނގޭތަ...." ޔޫހާގެ ވާހަކަތަކުން އަޖައިބުވެފައިވާ ލާއިގާ އެހިއެވެ.

ކޮމެންޓް 0