އަވަސްފަރުވާދޭ ބައިގެ އެނދެއްގައި ކިޔާން ބާއްވާފައި އޮތްއިރު އެނދުގެ އެއްފަރާތުގައި ހުރި ގޮނޑީގައި ޔޫހާ ކަންބޮޑުވެފައި އިނެވެ. ދާދިގާތުގައި ޝާއިން ހުއްޓެވެ. ޔޫހާ މެދުކެނޑުމެއްނެތި ކިޔާންގެ ގައިގާ ފިރުމަމުން ދިޔައެވެ. އިރުއިރުކޮޅާ ދަރިފުޅަށް ގޮވާލާނެ އެވެ. ހެނދުނުގެ ސައިބުމެއް ވެސް އޭނައަކަށް ނެތެވެ. ކިޔާންއަށް ލޯ ހުޅުވުމާއިއެކު ރޯން ފެށި އެވެ. ދަރިފުޅު މަސަލަސް ކުރެވޭތޯ ޔޫހާ އުޅުނު ވަގުތު ޝާއިން ނަރުސް ކުއްޖަކު ހޯދުމަށް ދިޔަ އެވެ.

ބޮޑުރަޖާގެ ތެރޭގައި ހަށިގަނޑުގެ ބޮޑުބައެއް ފޮރުވާލައިގެން އޮތް ޒައުލްގެ ނަޒަރު ހުއްޓިފައިވަނީ ކުޑަދޮރާއި ދިމާލަށެވެ. މުޅި އުދަރެސް ކަޅުވިލާތަކުން ވަށާލައި ބޯކޮށްވާރޭ ވެހެމުންދިޔަ މަންޒަރަށް ގެއްލިފައި ޒައުލް އޮތެވެ. އަދިވެސް އޭނަ ވިސްނަމުންދިޔައީ ޔޫހާ އާއިމެދުއެވެ. އެ މޫނުމަތީގައިވި ހަރުކަށިކަމާއި ބޮޑާކަމުގެ އެއް ވެސް އަސަރެއް ނެތެވެ. އެއަށްވުރެ އެ މޫނުމަތިން މިހާރު ފެންނަމުން ދިޔައީ މޮޅިވެރި ކަމެވެ.

ގަޑިން މެންދުރު އެކެއް ޖަހަނީއެވެ. ޒައުލްއަދި ވެސް އޭނަގެ ހޮޓެލް ކޮޓަރީގައި ނިދަންލީ ކުޑަ ސޯޓުކޮޅާއިއެކު އުޅެއެވެ. އޭރު މެންދުރުގެ ކެއުން ހުރީ އެކޮޓަރިއަށް ގެނެވިފައެވެ. ނަމަވެސް ދެކޮޅަށް ހިނގާލަ ހިނގާލަ ހުރި ޒައުލްގެ އަތުގައި ވަނީ ޔޫހާގެ މަޢުލޫމާތު ހިމެނޭ ދެ ފައިލެވެ. އަލުން އޭނަ ޔޫހާގެ ރިކޯޑްސް ފައިލްތައް ބަލަނީ އެވެ. ކުއްލިއަކަށް އަތުގައި އޮތް ދެ ފައިލް ހޫރާލި އެވެ. އަދި ދެއަތުން ބޮލުގައި ހިފާ ގުދު ވެއްޖެއެވެ. އޭނަ ހަޅޭލަވަން ބޭނުންވާކަހަލަ އެވެ. އެކަމަކު އޭނަ އެ އިޙްސާސްތައް ހަމައަކަށް އެޅުވިއެވެ. އެހެން ގުދަށް އިރުގަނޑެއް ވަންދެން އޮތުމަށްފަހު ތެދުވެގެން ގޮސް މަތިޖަހާފައިވާ ޓްރޭ ހިއްލާލި އެވެ. އެހިނދު ކާން ގެނެސްފައިވާ އެއްޗެހިން އަރައިގަތް ހޫނު އާތްވާއެކު ބަނޑުފުރިގެންދާފަތަ މީރުވަސް ދުވިއެވެ. 

ހިމޭންކަމާއިއެކު ޒައުލް އިނދެ ކަމުންދިޔައެވެ. އަދި އޭނަ ވިސްނިއެވެ. ޔޫހާގެ ބެލުމުގެ ދަށުގައިވާ ފަރާތަކީ ޔޫހާގެ ފިރިހެން ދަރިފުޅުކަން އޭނައަށް އެނގުނީ ދާދިދެންމެއަކު އެވެ. ޔޫހާ އެހާ އަވަހަށް އޭނަގެ މަތިން ހަނދާން ނައްތާލާ ދިރިއުޅުމައިގެން ކުރިއަށް ދިޔައީތީ ޒައުލްގެ އަމިއްލަ ހިތާ ޝަކުވާކުރި އެވެ. ހަމައެއާއިއެކު ޔޫހާ ދޫކޮއްލީ ވެސް ހުދު ޒައުލް އެވެ. މިހާރު ޔޫހާ ބޭނުންވަނީ ނުލިބޭނެކަން އެނގޭތީބާއެވެ. ޔޫހާ ފަދައިން ޒައުލްއަށް ދިރިއުޅުމައިގެން ކުރިއަށްނުދެވި ހުއްޓިފައި ހުންނަންވީ ކީއްވެތޯ އަމިއްލަ ހިތާ ސުވާލުކުރި އެވެ. އޭނަގެ ހުރިހާ އިޙްސާސްއެއް ފޮރުވަމުން ދިޔައެއް ކަމަކު އެ މޫނުމަތިން އެކަން ފާޅުވެއެވެ. ދޭތެރެއަކުން ކާންއިން ތަށީގައިވާ ސަމްސަލާ އުލަށް ބާރުކޮށްލުމާއެކު ހީވަނީ އެއެއްޗެހި ވެސް އަތުގެތެރޭ މުގުރާލަން އުޅޭހެންނެވެ.

ޔޫހާ ޑިއުޓީއަށް އަންނަހާއިރު ކޮއްފައި ޒައުލް ރިސެޕްޝަނަށް ގުޅިއެވެ. އެހެންނަމަވެސް އެއްވެސް ރިސެޕްޝަނެއްގައި ޔޫހާއެއް ނެތެވެ. ދެން އޭނަ އަވަސްވެގަތީ ފައުޒީއަށް ގުޅުމަށެވެ.

"ޒައުލް، ޔޫހާ އަކީ އަޅުގަނޑުމެން ހީކުރިފަދަ ރަނގަޅު މުވައްޒަފެއް ނޫން، މިއަދު އެބައޮތް ސަލާމް ސެޓްފިކެޓް ފޮނުވާފަ، ދަރިފުޅު ބަލިވެގެންނޯ... މިހާއަވަހަށް ފަރުވާ ކުޑަކުރަންފެށި މުވައްޒަފެއް ޕާކްވިއުގައި ބެހެއްޓުމަށް އަޅުގަނޑަކަށް ނުފެނޭ... މިހާރު ފިޔަވަޅުވެސް އަޅަންވެފަ އޮތީ، އެހެންވެ ކުރިން ވެސް ޒައުލްއަށް ޔޫހާގެ މައްސަލަ ހުށަހެޅުނީ، އަޅުގަނޑުމެންނަށް އަންގަވާލަދެއްވާ ޔޫހާ އާއިމެދު އަޅާނެ ފިޔަވަޅެއް..." ފައުޒީ ޔޫހާއާ ބެހޭގޮތުން ބުނެލި އެވެ. އެވާހަކަތަށް އަޑުއަހަން ހުރި ޒައުލް ހައިރާންވި އެވެ. ފައުޒީއަށް ވެސް ޔޫހާގެ ދަރިއަކު ހުންނަކަން އެނގެއެވެ. އެކަން ނޭގެނީ ހަމައެކަނި ޒައުލްއަށެވެ.
"އަހަރެން ޕާސަނަލީ ޔޫހާގެ ކަންތައްތައް ބަލާނަން، ފިޔަވަޅެއް އަޅަންވިޔަސް އަހަރެން އަންގާނަން" ޒައުލްގެ ވާހަކަ ކުރުކޮއްލި އެވެ. އަދި ފޯނު ބޭއްވުމާއިއެކު ޖަމާލަށް ގުޅާލި އެވެ.

ރީތިވާމޭޒުކައިރީ ހުރެ ފަހަރަކު ޓައިއެއް ކަރުގައި ޖައްސަމުން ޒައުލް ދިޔައީ އޭނަ ލައިގެން ހުރި ގަމީހާއި ގުޅޭ ޓައީއެއް ފެނޭތޯ އެވެ. އެހެން ދުވަސް ދުވަހާއި ހިލާފަށް މިއަދު އެއްވެސް ކަމެއް ބޭނުންވާ ގޮތަކަށް ވެދާނެ ކަމާއިމެދު އޭނައަށް ވެސް ޝައްކެވެ. ރީތިވާ މޭޒުގެ ވަތްގަނޑުގައި ރީތިކޮށް ބެހެއްޓިފައިވާ ޓައީތަކުގެ ތަރުތީބު މުޅިން ގެއްލިއްޖެ އެވެ. އެންމެފަހުން އޮފީހަށް ނުކުންނަ ހިޔާލުދޫކޮއްލުމަށްފަހު ލައިގެން ހުރި ގަމީސް ބަދަލުކޮއްލީ ކަޅުރަތްކުލައިގެ ޓީޝާޓަކަށެވެ. އަދި ލައިގެން ހުރި ފަޓުލޫނު ބަދަލުކުރީ ޖިންސަކަށެވެ.

"ފިނި ދުވަހެއް ކުޑަ ސާހަބް، މިފަދަ ދުވަހެއްގައި ހޮޓަލުން ބޭރަށް ދުރުވަނީތޯ" ޒައުލްގެ ކޮޓަރިއަށް ވަދެގެން އައި ޖަމާލު ބުނެލި އެވެ.
"އާން، މިއަދު އަހަރެން ހޮޓެލްގައި މަޑުކުރާ ހިތެއްނެތް، ކާރު ތައްޔާރު ކޮއްފިންތަ؟ އަހަރެން ބޭނުންވަނީ ގެއަށް ދާން" ޒައުލް އޭނަގެ އިސްތަށިގަނޑު ރީތިކޮއްލަމުން އަހާލި އެވެ.
"ލައްބަ" ޖަމާލްގެ ޖަވާބާއިއެކު ޒައުލް އެ ކޮޓަރިން ނުކުމުގެން ގޮސް ލިފްޓަށް އެރިއެވެ.
ވިއްސާރު ދުވަސްތަކުގައި މާލޭގެ މަގުތަކުގައި ދުއްވާއެއްޗެއް ދުއްވުމަކީ ނުހަނު ދަތި އުނދަގޫ ކަމެކެވެ. ދާންބޭނުންވާ ތަނަކަށްވެސް ދެވޭނީ ވަރަށް ކެތްތެރިވެގެން އިނދެގެންނެވެ. ޒައުލް މަގުގެ ދަފަރާތަށް ނަޒަރު ހިންގަމުން ދިޔައެވެ. މިފަދަ ފިނި ދުވަހެއްގައި ވެސް މަގުތަށްމަތީ މީހުން މަދެއް ނޫނެވެ. އެހުރިހާ އެންމެންގެ ތެރެއިންވެސް ޒައުލްގެ ނަޒަރު ހުއްޓުނީ ވިއްސާރަ ކޯޓުގައި ފިރިހެނެއްގައި އަތުގައި ހިފާލައިގެން ދުވާރުމަތިން ހިނގާފައިއަންނަ ކުޑަފިރިހެން ކުއްޖާއަށެވެ. އެމީހުން ގޮސް ގެއްލެންދެން ބަލަންއިން ޒައުލް އޭނަގެ ފޯނު ނަގާ ފައުޒީއަށް ގުޅިއެވެ.
"ހެލޯ، ފައުޒީ... އަދިވެސް ޔޫހާގެ ދަރިފުޅުވަނީ އެހޮސްޕިޓަލުގައި އެޑްމިޓް ކުރެވިފައިތޯ ބަލާބަލަ، ފައުޒީ، ޔޫހާއަށް ގުޅާފަ އަހާ ކޮން ބަޔަކުތޯ ދަރިފުޅު އެޑްމިޓް ކުރެވިފައިވަނީ، އެއަށްފަހު އަހަންނަށް ގުޅާތި، ވަރަށް އަވަސް އެނގޭ" ޒައުލް ބުނެލިއެވެ. އަދި ޖަމާލްއަށް ގެއަށް ދިއުމުގެ ބޭނުމެއް ނެތްކަމުގައި ބުންޏެވެ. އެހެންނަމަވެސް ކޮންމެވެސް ދިމާލެއްގައި އެހަށް ކާރު ޕާކުކޮއްލަ ދިނުމަށް އެދުނެވެ.
ގިނަ އިރުތަކެއްނުވެ ފައުޒީގެ ކޯލް ޒައުލްއަށް ލިބުނެވެ. އެވަގުތަށް އޭނަ ބޭނުންވި ހުރިހާ މަޢުލޫމާތެކެވެ. ފައުޒީގެ ކޯލް ނިންމާލުމާއިއެކު ޒައުލް ޖަމާލަށް ގޮވާލިއެވެ.

"ލައްބަ" ޖަމާލް ބުނެލި އެވެ.
"ރޭގަ މެޑަމް ގެންދިޔަ ހޮސްޕިޓަލް އެނގޭތަ، އެތަނަށް ހިނގާ" ޒައުލް އަރިވެލަމުން ޖަމާލްއަށް ބަލާލާފައި ބުނެލިއެވެ. ޖަމާލް ހިނިތުންވެލަމުން ބޯޖަހާލި އެވެ. އަދި ކާރުގެ އިންޖީނު ސްޓާޓުކޮއްލަމުން ޕާކިންޒޯން އިން ކާރު ނެރިލައިފި އެވެ.

އަދިވެސް ކިޔާންވަނީ އަވަސް ފަރުވާދޭ ބައިގައެވެ. ޝާއިން ޑިއުޓީ ގަޑި ނިމުމުގެ ގަޑިއެއްހާއިރު ކުރިން ގެއަށް އައެވެ. އަދި ހޮސްޕިޓަލުގައިވާ ކިޔާންގެ ހާލު ދެކިލާ ހިތުން ކެތްތެރިކަން ކުޑަވެފައިވާ އޭނަގެ ކޮއްކޮ އަފްލީން ގޮވައިގެން ހޮސްޕިޓަލަށް ދިޔައެވެ.
"ޔޫހާ..." އަފްލީންގެ އަޑުއިވުމާއިއެކު ޔޫހާ ބަލާލި އެވެ.
"ބޭހެއް ނުކެވޭ، އެމީހުންދެނީ އިންޖެކްޝަން... ގަޑިހަމަވާއިރަށް ހުންގަދަވޭ" ފެންކަޅިވެފައިހުރެ ޔޫހާއަށް ބުނެލެވުނެވެ. އަފްލީން ކިޔާން އާއި ގާތްވެލަމުން އެ ކުއްޖާގެ ގައިގާ ފިރުމާލިއެވެ. ޝާއިން ޔޫހާގެ ކޮނޑުގައި އަތް އަޅުވާލަމުން ހިތްވަރުކުރުމަށް ބުންޏެވެ.
"މަންމައަށް ގުޅަންވީނު، ދޮންތަވެސް މިހާރު ހުންނާނީ ޔޫހާގެ ޚަބަރެއް ނުވެގެން ކަންބޮޑުވެފަކަން ޔަގީން، މާލެ އައިފަހުން އަދި ނުވެސް ގުޅަމެއްނު" ޝާއިން ދެކުނީ ޔޫހާގެ އާއިލާ އާއި ވާހަކަދައްކާލުމުން ވެސް އޭނައަށް އިތުރު ހިތްވަރެއް ލިބިދާނެ ކަމުގައެވެ.
"ނޫން... މިހާރަކު ނޫން" ޔޫހާ ދެކޮޅުހެދި އެވެ.
"ޔޫހާ ގެއަށްގޮސް ފެންވަރާލައިގެން އާދޭ، ރޭގަ އައިގޮތަށް ތިހުންނަނީ... މެންދުރު ނުވެސް ކައި ކަންނޭގެ ތިހުރީ، ދޮންބެ، ދޭ ޔޫހާ ގޮވައިގެން ގެއަށް... ފްރެޝް ވެލައިގެން އަންނަން، އިރާދަ ކުރެއްވިއްޔާ ކިޔާންއަށް ދެރަގޮތެއް ނުވާނެ، އަހަރުމެން މިތިބީނު، ޔޫހާ އާއި ކިޔާންއަށް ހުރިހާ ގޮތަކުން އެހީވާނަން، ތިފަދަ ދައްތައެއް ނުލިބޭނެ އަހަންނަށް، އަދި މިފަދަ ކޮއްކޮއެއްވެސް..." އަފްލީން ޔޫހާގެ ގާތަށް އައިސް އޭނަގެ އަތުގައި ހިފާލަމުން ބުނެލިއެވެ. ޔޫހާ ނުރޯން ހުއްޓަސް އޭނަގެ ސިކުނޑިވަނީ ހާސްވެ ކަންބޮޑުވެފައިކަމުން ލޮލަށް ޖަމާވަމުންދިޔަ ކަރުނަތަކެއް ނުހިފެއްޓުނެވެ
"އޭ އަދި ރޯކަށް ނުވެއެއްނު، އަފޫ ބުނިހެން ހިނގާބަލަ ގެއަށްގޮސް ތާޒާވެލަން، އޭރުން ރަނގަޅަށް ވިސްނޭނީ ވެސް، ޔޫހާތީ ރޯ ވަރަށްވުރެ ހިތްވަރުގަދަ މީހެއްކަން އަހަންނަށް އެނގޭ... ދެން ހުއްޓާލާ، މިތާތިބި މީހުން މިހާރު އެބަ ބަލަން ވެސް ބަލާ، ހިނގާ ދަމާ..." ޝާއިން ޔޫހާގެ ގައިގާ ހިފަހައްޓާލައިގެން ހުރެ ނުކުންނަން އުޅުނެވެ. ޔޫހާ ދެ ލޯ ފޮހެލަމުން ޝާއިން އާއި އަފްލީންގެ އެދުން ގަބޫލުކުރި އެވެ. އަދި އޭނަގެ އަތް ދަބަސް ހިފައިގެން ޝާއިން އާއިއެކު ގެއަށް ދިއުމަށް ހިނގައިގަތެވެ.

ހޮސްޕިޓަލަށް ވަދެގެން ދިޔަ ޒައުލް އާއި ދިމާލަށް ގިނަ ބައެއްގެ ލޯތަށް އަމާޒުވި އެވެ. އެހެންނަމަވެސް އޭނަގެ އަވަސް ފިޔަވަޅުތަކުގައި ޖަމާލް އާއިއެކު ގޮސް އަވަސްފަރުވާދޭ ބަޔަށް ވަނެވެ. ޖަމާލު އަވަސްފަރުވާދޭ ކައުންޓަރުގައި ޔޫހާ އާއި ކިޔާންގެ ވާހަކަ އެހިއެވެ. ކައުންޓަރު ދޮށުގައި އިން ބޭރު ނަރުސްކުއްޖާ ޖަމާލްއަށް ބަލާލުމަށްފަހު ޒައުލްއަށް ބަލާލި އެވެ. އަދި ފައިލެއްގައި ހުރި ގަނޑުތަކެއް ބަލާލުމަށްފަހު ކިޔާން ބާއްވާފައިއޮތް އެނދުގެ ނަންބަރު ބުނެދިނެވެ. ޖަމާލްގެ ފަހަތުން ޒައުލް ޖިންސުގެ ދެ ޖީބަށް އަތް ޖަހާލައިގެން ދެކޮނޑު އަރުވާލައިގެން ހުރެ ހިނގަމުންދިޔައިރު ހީވަނީ މީހާ ކުޑަވާން މަސައްކަތް ކުރާހެންނެވެ. ޖަމާލް ހުއްޓެމުން ޒައުލްއަށް ކިޔާންއޮތް އެނދު ދައްކާލިއެވެ. ޒައުލްއަށް ފެނުނު މަންޒަރު ގަބޫލުކުރަން ދަތިވިއެވެ. ޖަމާލްއަށް އިނގިލިން އިޝާރާތްކޮއްލީ ޒައުލް އާއިއެކު އައުމަށެވެ.
"ޖަމާލް އާ ޔޫ ޝުއާ، އެއީތަ ހަމައެ އެނދަކީ... ސިސްޓާ ގާތު އަލުން އަހާލަންވީނު" ޒައުލް ޖަމާލް އާއިއެކު އެއް ފަރާތަކަށް ޖެހިލަމުން ބުނެލި އެވެ.
"ސިސްޓާ ދެއްވި ބެޑްނަންބަރު އެއީ... ކުޑަސާހަބް ބޭނުންވެލައްވަންޏާ އަދިވެސް ޔަގީންކޮއްލަ ދީފާނަން" ޖަމާލްއަށް ވެސް ޒައުލްއަށްވީ ގޮތެއް ނަގައިގަންނާކަށް ނޭގުނެވެ.
"ނޫން، އެންމެ ރަނގަޅު، އަހަރެން ގުޅަންދެން ޖަމާލް ކާރުގަ މަޑުކޮއްލާ..." ޒައުލް ހަށިފުރާ ނޭވާއެއްލަމުން ބުނެލިއެވެ. އަދި ކިޔާން ބާއްވާފައި އޮތް އެނދާ ދިމާލަށް ހިނގައިގަތެވެ. އޭނައަށް އަފްލީން އާއި އެނދުގައި އޮތް ކުޑަފިރިހެން ކުއްޖާ މީގެ ކުރިންވެސް ފެނިފައި ވެއެވެ. ހައިރާންވީ އެހެންވެއެވެ. އެކުޑަފިރިހެން ކުއްޖާ ފެނުމުން ޒައުލްގެ ހިތަށް އުނދަގޫވެއެވެ. ހުޅުމާލޭގައި އެޅުމަށް ހަމަޖެހިފައިވާ ފުރަތަމަ ލަގްޒަރީ ހޮޓެލްގެ ބިންގާއެޅުމަށްޓަކައި ދިޔަދުވަހު ކާރުގައި އިންދާ އޭނައަށް ފެނުނު އާދިޔާއިހިލާފު ކުޑަފިރިހެން ކުއްޖާއެވެ. އަދި އެކުއްޖާގެ އަތުގައި ހިފައިގެން ހުރި އަންހެން ކުއްޖާވެސް އެއިނީ ޒައުލްއަށް މިހާރު ފެންނާށެވެ. އެނދުގައި އޮތް ކުޑަކުއްޖާގެ ގައިގާ ފިރުމަމުންދިޔައިރު އޭނައާއި އެނދުގައި އޮތް ކުއްޖާ އާއި ވަރަށް ގާތްކަން އެނގެއެވެ.
"ހައި..." ޒައުލް ޖެހިލުންވެފައިހުރެ ބުނެލިއެވެ. ވަކި އެއްޗެއް ނުބުނެ އަފްލީން ކިޔާންގެ އެނދުގެ ފައިލާކޮޅުގައި ހުއްޓިލައިގެން ހުރި ޒުވާނާއަށް ބަލާލީ ސުވާލުގެ ނަޒަރަކުންނެވެ. އަފްލީންއަށް ފުރަތަމަ ފެނިލުމުން ވެސް ޒައުލްއަކީ އާދައިގެ މީހެއް ނޫންކަން ނަގައިގަނެވުނެވެ. އޭނައަށް ވެސް ކޮންމެވެސް ތަނަކުން ޒައުލް ފެނިފައިވާ ހަނދާނެއްވި އެވެ.
"ޔޫހާ..." ޒައުލް ބުނެލި އެވެ.
"ޔޫހާ... ޔޫހާގެ ރަޙުމަތްތެރިއެއް ދޯ، ޔޫހާވީ ގެއަށް ގޮސް، އިރުކޮޅަކުން އަންނާނީ" އަފްލީން އިށީނދެގެން އިން ގޮނޑިން ތެދުވެ ޒައުލްއަށް ހިނިތުންވެލަމުން ވާހަކަދެއްކި އެވެ. ޔޫހާގެ ރަޙުމަތްތެރިއަކާއި ދިމާވުމުން އަފްލީން އުފާވިއެވެ.
"ޔޫހާ އަންނަންދެން މަޑުކޮއްލިޔަސް އެންމެ ރަނގަޅުތަ؟" ޒައުލްވެސް ހިނިތުންވެލަމުން އަހާލިއެވެ. އަފްލީން ބޯޖަހާލަމުން އާއެކޭ ބުނެލިއެވެ.

ކޮމެންޓް 0